Friday, June 17, 2016

ނަބީކަމަށް ދަޢުވާކުރި މީހުންނާއި މުރުތައްދުވީ މީހުން ބަލިކުރެއްވުން

ނަބީކަމަށް ދަޢުވާކުރި މީހުންނާއި މުރުތައްދުވީ މީހުން ބަލިކުރެއްވުން


ނަޖްދުކަރަޔާއި ޔަމަނުކަރައިގެ މީހުންނާއި ޞަޙަރާގައި ދިރިއުޅޭ ބައެއް ޤަބީލާތަކުގެ މީހުން رسول الله صلّى الله عليه وسلّمގެ ޙަޔާތްޕުޅުގައި އިސްލާމްވި ކަމުގައި ވިޔަސް އިތުރު ސާހިބާ ސުވަރުގެ ވަޑައިގެންނެވިއިރަކު އެބައިމީހުންގެ ހިތްތަކުގައި އިސްލާމްދީން ފުރިހަމަޔަށް އަށަގެންފައެއް ނުވެއެވެ. އެހެންކަމުން އަރަހުށި މާތް ﷲ ކީރިތި ޤުރްއާނުގައި އެބައިމީހުންނާމެދު ވަޙީ ކުރައްވާފައިވެއެވެ.
" ޢައުރާބީން ބުންޏެވެ. ތިމަންމެން އީމާންވެއްޖައީމުއެވެ. އަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އީމާނެއް ނުވަމުއެވެ. އެހެނެއްކަމަކު ތިމަންމެން ކިޔަމަންވެއްޖައީމުއޭ ބުނާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގެ ތެރެއަކަށް އީމާންކަމެއް އަދި ނުވަދެއެވެ. " (އަލްޙުޖުރާތު: 14)
އިތުރު ސާހިބާ صلّى الله عليه وسلّم ސުވަރުގެ ވަޑައިގެންނެވުމާއެކު އެބައިމީހުން ދުށީ އިސްލާމީ ވާޖިބުތަކާއި ފަރުޟުތަކުން އެބައިމީހުން މިނިވަންވީ ކަމުގައެވެ. ދީނީ ވާޖިބުތަކުގެ ތެރެއިން އެންމެ ބުރަކަމެއްކަމުގައި އެބައިމީހުން ދުށީ ޒަކާތް ދިނުމެވެ. އެހެން ކަމުން އެބައިމީހުން ޒަކާތް ދިނުން ހުއްޓައިލިއެވެ.
މީގެ އިތުރަށް ނަބީކަމަށް ދަޢުވާކުރާ ދޮގުވެރީންގެ އެތައްބަޔަކުވެސް އުފެދުނެވެ. އަލަށް އިސްލާމްވީ ބައެއް ޤަބީލާތައް އެބައިމީހުންގެ އަސަރުގައިވެސް ޖެހިއްޖެއެވެ.
أمير المؤمنين أبوبكر رضيى الله عنهގެ ސިފަފުޅެއްކަމުގައިވާ ޢަޒުމުފުޅުގެ ވަރުގަދަކަން އެދަނޑިވަޅުގައި ޚާއްޞަގޮތެއްގައި ފާޅުވިއެވެ. އެކަލޭގެފާނު އިސްވެދެންނެވި ޤަބީލާތަކާ ހަނގުރާމަ ކުރައްވަން ފިސާރި ސާބިތުކަމާއެކު ޤަޞްދުކުރެއްވިއެވެ. އޭރު މަދީނާގެ ހަތަރު ފަރާތުން މުރުތައްދުވާ ޤަބީލާތަކުގެ ޚަބަރުތައް އޮހެމުންދިޔައެވެ. ބައެއް ޤަބީލާތަކުގެ ސަފީރުން މަދީނާއަށް ޙާޟިރުވަމުން ދިޔައެވެ. އެބައިމީހުން ދަންނަވަމުން ގެންދިޔައެވެ. " އަޅުގަނޑުމެން ލައްވައި ނަމާދު ކުރުއްވާށެވެ. އެކަމަކު ޒަކާތްދިނުން މާފުކޮށްދެއްވާށެވެ. "
ނަބީކަމަށް ދަޢުވާކުރި މީހުންނާއި މުރުތައްދުވީ މީހުންނާއި، ޒަކާތްދިނުމަށް އިންކާރުކުރި މީހުންނާ ބެހޭގޮތުން ޢަމަލުކުރައްވާނެ ސިޔާސަތަކީ ކޮބައިތޯ ބެއްލެވުމަށް އަމީރުލްމުއުމިނީން ޞަޙާބީންނާ މަޝްވަރާ ކުރެއްވިއެވެ. أمير المؤمنين أبوبكر رضيى الله عنه ޤަޞްދުކުރައްވައިފައި އޮތީ އެ އެންމެންނާވެސް ހަނގުރާމަ ކުރައްވާށެވެ. ނަބީކަމަށް ދަޢުވާކުރި މީހުންނާއި މުރްތައްދުވީ މީހުންނާމެދު ޞަޙާބީންގެ ޚިޔާލުފުޅަކީވެސް އެއީއެވެ. ނަމަވެސް ޒަކާތްދިނުމަށް އިންކާރުކުރި މީހުންނާމެދު ޞަޙާބީންގެ ޚިޔާލުފުޅަކީވެސް އެއީއެވެ. ނަމަވެސް ޒަކާތްދިނުމަށް އިންކާރުކުރި މީހުންނާމެދު އެބޭކަލުންގެ ޚިޔާލުފުޅަކީ ވަގުތުގެ ނާޒުކުކަމަށް ވިސްނައިގެން މަޑުމައިތިރި ސިޔާސަތެއް ގެންގުޅުއްވުމެވެ. ޢުމަރު ބުނު އަލްޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚިޔާލުފުޅަކީވެސް އެއީއެވެ. އެކަމާބެހޭގޮތުން أبوبكر رضى الله عنه، ޢުމަރުގެފާނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ.
" އޭ ޢުމަރުގެފާށެވެ! ޖާހިލިއްޔަ ޒަމާނުގައި ކަލޭގެފާނަކީ ވަރަށް ގަދަފަދަ ބޭކަލަކީމުއެވެ. އިސްލާމްވެ ވަޑައިގަތުމަށްފަހު ތިޔަހައި ބަލިކަށިވެވަޑައިގަތީ ކީއްވެތޯއެވެ؟  ވަޙީގެ ސިލްސިލާ ވަނީ މެދުކެނޑިފައެވެ. އިސްލާމްދީން ވަނީ ފުރިހަމަ ކުރައްވާފައެވެ. އެހެންވީއިރު އަޅުގަނޑު ދިރިހުއްޓައި އެދީނަށް އެއްވެސް އުނިކަމެއް އަޔަދީފާނެ ކަމުގައި ހީފުޅުކުރައްވަމުތޯއެވެ.؟ މާތް ﷲ ގަންދެމެވެ. އަޅުގަނޑުމެންގެ ލޮބުވެތި ސާހިބާގެ ޒަމާނުގައި ޤަބީލާއެއްގެ ބަޔަކު ދީއުޅުނު ޖަމަލު ބަންނަ ވާގަނޑެއް (ބައެއް ރިވާޔަތްތަކުގައި ވާގޮތުން ޅަބަކަރިއެއް) މިހާރު ނުދީ ހިފެހެއްޓި ކަމުގައިވިޔަސް އަޅުގަނޑު އެބަޔަކާ ހަނގުރާމަ ކުރާނަމެވެ. "
ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. އަބޫބަކުރުގެފާނުގެ ވާހަކަފުޅުގެ އަޑުއިވުމުން ތިމަންކަލޭގެފާނަށް ޔަޤީންވެވަޑައިގަތީ މާތް ﷲ އެކަލޭގެފާނުގެ ހިތްޕުޅު ޖިހާދަށްޓަކައި ހުޅުއްވައި ދެއްވާފައިވާ ކަމެވެ.
ކޮންމެއަކަސް ނަތީޖާއަކަށް ވެގެންދިޔައީ ޒަކާތްދިނުން ހުއްޓާލުމުގެ ހުއްދައަށް އެދި މަދީނާއަށް ޙާޟިރުވި ޤަބީލާތަކުގެ ވަފުދުތައް ނާކާމިޔާބުވެގެން އެނބުރި ދިއުމެވެ.
أميرالمؤمنين أبوبكر رضيى الله عنه، އުސާމާގެ ލަޝްކަރު އެނބުރި އައުމުގެ އިންތިޒާރުގައި ހުންނެވިއެވެ. އުސާމާ ވަޑައިގަތުމުން އަމީރުލްމުއުމިނީންގެ ނާއިބަކަށް އުސާމާ މަދީނާގައި ބެހެއްޓެވިއެވެ. އުސާމާގެ ލަޝްކަރުވެސް އުސާމާގެ އަރިހުގައި ބޭއްވެވިއެވެ. އެއަށްފަހު މުރުތައްދުވީ މީހުންނާ ހަނގުރާމައަށް ޞަޙާބީން ގޮވައިގެން ނުކުރެވަޑައި ގެންނެވިއެވެ. ޞަޙާބީންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވިއެވެ. ކަލޭގެފާނު އަމިއްލަފުޅަށް ދުޝްމިނުން ކުރިމައްޗަށް ނިކުމެވަޑައި ނުގަންނަވާށެވެ. ކަލޭގެފާނަށް ގެއްލުމެއް ލިބިވަޑައި ގެންފިނަމަ އުންމަތުގެ ނިޒާމު ބޮއްސުންލައިގެން ހިނގައިދާނެއެވެ. ކޮންމެވެސް ބޭކަލަކު ލަޝްކަރުގެ އަމީރަށް ހައްދަވާށެވެ. ނަމަވެސް أميرالمؤمنين أبوبكر رضيى الله عنهއެކަން ޤަބޫލުފުޅެއް ނުކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޖިހާދު ކުރުމަށްޓަކައި ހަތިޔާރު އަޅައިގެން ނުކުތުމަށްފަހު ޖިހާދުނުކޮށް ހަތިޔާރެއް ނުބެހެއްޓޭނެއެވެ.
އަމީރުލްމުއުމިނީން އެންމެ ފުރަތަމަ ލަޝްކަރު މަޑުކުރެއްވީ އަބްރަޤުގައެވެ. އެތަނުން ޢަބަސުވަންހައިގެ މީހުންނާ ހަނގުރާމަކުރައްވައި އެބައިމީހުން ބަލިކުރެއްވިއެވެ. ދެވަނައަށް ބަނޫޛައިބާނާ ހަނގުރާމަ ކުރައްވައި އެބައިމީހުންވެސް ބަލިކުރެއްވިއެވެ. އެބައިމީހުން ގެރިބަކަރި ހުއިހައްޕާ ވިނަދަނޑުތައް މުޖާހިދުންގެ އަސްތަކަށް ވަގުފުކޮށްދެއްވިއެވެ. އެއަށްފަހު ލަޝްކަރާއިގެން އެނބުރި މަދީނާއަށް ވަޑައިގެންނެވިއެވެ.
އޭރު އުސާމާގެ ލަޝްކަރުގެ މުޖާހިދުންވެސް ތިއްބެވީ ވަރުބަލިފުޅުކަން ފިލައި ތާޒާވެވަޑައިގެންފައެވެ. އެހެން ކަމުން އަމީރުލްމުއުމިނީން، އުސާމާގެ ލަޝްކަރުވެސް ގޮވައިގެން މަދީނާއިން ފުރައިވަޑައި ގެންނެވިއެވެ. މަދީނާއާ ބާރަ މޭލު ދުރުގައި ނަޖުދުކަރައާވީ ފަރާތުގައި އޮންނަ ޛުލްޤިއްޞާގައި ލަޝްކަރު މަޑުކުރައްވައި އެގާރަ ދިދަ ޢަޤުދުކުރައްވައި އެގާރަ އަމީރުންނާ ޙަވާލުކުރައްވައި އެކިފަރާތް ފަރާތަށް ފޮނުއްވައިލެއްވިއެވެ. އެއަށްފަހު ޢަރަބިކަރައިގެ މުރުތައްދުވީ ޤަބީލާތަކުގެ މީހުންނަށް ޢާންމު އެންގެވުމެއް ފޮނުއްވިއެވެ. އެ އެންގެވުމުގެ ޚުލާޞާ ތިރީގައި މިދަންނަވަނީއެވެ.
"މީގެ ކުރިން އިސްލާމްވެގެން އުޅެފައި މިހާރު އެމާތްދީން ދޫކޮށްލާފައިވާ މީހުންގެ ޚަބަރުތައް އަހަންނަށްވަނީ އޮޅުންފިލާފައެވެ. ތިޔަބައި މީހުންނަށް ތިޔަބައިމީހުންގެ ވިސްނުން ކުޑަކަމުން އަރަހުށި މާތް ﷲ ގެ ރަސްކަންފުޅު ދަނެއެއް ނުގަނެވުނެވެ. އަދި ޝައިޠާނާއާ ކައިރިއަށް ހިނގައްޖައީމުއެވެ. އެކަމަކު އެޝައިޠާނާއަކީ އިންސާނާގެ ދުޝްމިނެކެވެ. އަހަރެން ތިޔަބައި މީހުންގެ ގާތަށް މިވެނި ބޭކަލަކު މުހާޖިރިއްޔަ ބޭކަލުންނާއި އަންޞާރިއްޔަ ބޭކަލުންގެ ލަޝްކަރަކާއެކު ފޮނުވައިފީމެވެ. އެބޭކަލުން ތިޔަބައި މީހުންނަށް މާތް ﷲ ގެ ދީނަށް ދަޢުވަތު ދެއްވާނެއެވެ. އެބޭކަލުންގެ ދަޢުވަތު ޤަބޫލުކޮށް ތެދުމަގަށް އެނބުރި އަތުވެއްޖެ މީހަކު ޤަތުލެއް ނުކުރެވޭނެއެވެ. އެބަޔަކާ ހަނގުރާމައެއްވެސް ނުކުރެވޭނެއެވެ. އެއްވެސް މީހެއްގެ ކިޔައިން އިސްލާމްވުން ފިޔަވައި އެހެން އެއްވެސް ގޮތެއް ޤަބޫލެއް ނުކުރެވޭނެއެވެ.   
އަހަރެންގެ ޤާޞިދުންނަށް އަހަރެން އަންގާފައިވާނީ ތިޔަބައިމީހުންގެ ޖަމާޢަތަށް މިއެންގުން ޢާއްމުކޮށް އިއްވުމަށެވެ. ކިޔަމަންގަތުމުގެ ނިޝާނެއް ކަމުގައި އަންގާފައިވަނީ އެޤަބީލާއެއްގެ ބަޔަކު ބަންގިދީފި ޤަބީލާއެއްގެ މައްޗަށް ކަނޑިއުފުލައި ނުލުމަށެވެ. "
ލަޝްކަރުތަކުގެ އަމީރުންނަށްވެސް މިމޭރުމުން ވަޞިއްޔަތް ކުރެއްވުމަށްފަހު ލަޝްކަރުތައް ފުރުއްވައިލެއްވިއެވެ.

مسيلمة الكذاب:
مسيلمةއަކީ އަސަދުވަންހައިގެ ވެރިމީހާއެވެ. رسول الله صلّى الله عليه وسلّم ސުވަރުގެ ވަޑައިގެންނެވި ޚަބަރު ލިބުމުން އޭނާ ޤަޞްދުކުރީ ނަބީކަމަށް ދަޢުވާކޮށް ޢަރަބިކަރައިގާ އޭނާގެ ނަން ވިދުވައިލުމަށެވެ. އެހެން ކަމުން އޭނާ ނަބީކަމަށް ދަޢުވާކުރިއެވެ. އަސަދުވަންހައިގެ މީހުން އޭނާއަށް ތަބާވިއެވެ. ޠައްޔުވަންހައަކީ އަސަދުވަންހައިގެ ޙަލީފުން ކަމުގައިވާތީ ޠައްޔުވަންހައިގެ މީހުންވެސް مسيلمةއާ ބައިވެރިވިއެވެ. ޣަޠުފާނު ވަންހައިގެވެސް ޚާއްޞުންގެ މަދުބަޔަކު ފިޔަވައި ގިނަމީހުން މިފިތުނައިގާ ބައިވެރިވިއެވެ. ބަނީ އިސްރާޢީލުގެވެސް ވަރަށް ގިނަ ޤަބީލާތައް ބައިވެރިވިއެވެ. މިގޮތުން مسيلمة ގެ ދިދައިގެ ދަށަށް ގިނަ ބަޔަކު އެއްވިއެވެ. އެބައިމީހުން ޖަމާވީ ނަޖުދު ކަރައިގެ ފެންގަނޑެއް ކަމުގައިވާ ބަޒާޚާގެ ކައިރިއަށެވެ.
ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ލަޝްކަރާއިގެން ބަޒާޚާއަށް ވަޑައިގެންނެވިއިރު مسيلمةގެ ލަޝްކަރުގައި ބައްތިރީސް ހާސް މީހުން ތިއްބެވެ. މުސްލިމުންގެ ޢަދަދު ފަސްހާހަށްވުރެ ކުޑަތަންކޮޅެއް ގިނައެވެ. ދެލަޝްކަރުގެ މެދުގައި ހަނގުރާމަ ހިނގަމުންގޮސް އިރުމެދުން ލެނބުމާއެކު مسيلمةގެ ސިފައިން ފަހަތަށް ޖެހޭން ފަށައިފިއެވެ. އެވަގުތު مسيلمةގެ ލަޝްކަރުގެ ކޮމާންޑަރمسيلمةދުވެފައި مسيلمة ގެ ގާތަށް ހިނގައްޖެއެވެ. އޭރު مسيلمة އިނީ މީހުންނަށް ކެހިދިނުމަށްޓަކައި ސާލެއް ގައިގާ އޮޅައިގެން " ވަޙީގެ " އިންތިޒާރުގައެވެ. مسيلمةސުވާލުކުރިއެވެ. ކަލޭގެ ގާތަކަށް މަލާއިކަތަކު ވަޑައެއްނުގަންނަވާ ހެއްޔެވެ؟ مسيلمة ޖަވާބުދިނެވެ. އަދިއެއް ވަޑައެއް ނުގަންނަވައެވެ.مسيلمة ތިންވަނަ ފަހަރަށް އައުމުން مسيلمةޖަވާބުދިނެވެ. ނޫނެކެވެ. މަލާއިކަތާ ވިދާޅުވީ " ކަލޭގެ ކަންތައްވާނީ ކަލޭގެ ނަސީބުގައި ހުރިގޮތަށޭ " މިހެންނެވެ. مسيلمة. އެނބުރި ގޮސް އޭނާގެ ޤަބީލާ ފިޒާރަތު ވަންހައިގެ މީހުންގެ ގާތުގައި ބުންޏެވެ. مسيلمة އަކީ މަކަރުވެރިއެކެވެ. ކަނޑިތައް އުރައަށްލާށެވެ. ދިދަތައް ފަތްޖަހާށެވެ. އަވަހަށް އެނބުރި ރަށަށް ހިނގާށެވެ. " مسيلمة އާއެކު އެތައްބަޔަކު ފިލައިގެން ދިޔައެވެ. ނަމަވެސް އަސަދުވަންހައިގެ މީހުން ވަރަށް ގިނައިރު ވަންދެން ހަނގުރާމަ ކުރިއެވެ. މުސްލިމުން އަސަދުވަންހައިގެ އެތައް ބަޔަކު ޤަތުލުކޮށް އެބައިމީހުންގެ ޖަމާޢަތް ވިއްސިވިހާލި ކޮށްލިއެވެ. مسيلمةވެސް އޭނާގެ އަންހެކުން އަސްމައްޗަށް ލައިގެން ފިލައިގެން ޝާމްކަރަޔަށް ހިނގައްޖެއެވެ. ދުވަސްތަކެއް ވަންދެން ހުރިހައި ބާވަތެއްގެ ނިކަމެތިކަމަށާއި މުޞީބަތްތަކެއް އުފުލުމަށްފަހު އަނެއްކާ އިސްލާމްވެގެން މަދީނާއަށް އަތުވެއްޖެއެވެ. أمير المؤمنين ޢުމަރު ބުނު ރަޟިޔަﷲ ޢަންހަށް އޭނާ ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. " އޭ ކާޒިބެވެ! ކަލެއަށް ވަޙީ އަންނަކަމަށާއި، މާތް ﷲ ކަލޭގެ ގެއްލެނި ނުކުރައްވާ ކަމުގައި ދަޢުވާކުރީމެއް ނޫންހެއްޔެވެ؟ " مسيلمة ޖަވާބުދިނެވެ. " އޭ އަމީރުލްމުއުމިނީން އެވެ! ތިޔަހަރީ ހައްތަހާވެސް ކާފިރުކަމުގެ ފިތުނައެވެ. އަޅުގަނޑުގެ އިސްލާމްކަން އެކަންތައްތައް ނައްތާލައިފިއެވެ. ދެން ކަލޭގެފާނު އަޅުގަނޑާމެދު ހަރުކަށިވެވަޑައި ނުގަންނަވާށެވެ! "

ސަޖާޙް އާއި މާލިކު ބުނު ނުވައިރާ
އިތުރު ސާހިބާ صلّى الله عليه وسلّمގެ ޙަޔާތްޕުޅުގައި ތަމީމް ވަންހައަށް ވެރިންގެ ބަޔަކު ހަމަޖެއްސެވިއެވެ. އޭގެތެރޭގައި مسيلمة އާއި، ޤައިސު ބުނު ޢާޞިމް އާއި ވަކީޢު ބުނު މާލިކު އާއި، މާލިކް ބުނު ނަވީރާ ހިމެނެއެވެ. އިތުރު ސާހިބާ ސުވަރުގެ ވަޑައިގެންނެވުމުން އޭގެ ތެރެއިން އެއްބަޔަކު އިސްލާމްދީން މަތީގައި ޤާއިމްވެތިއްބެވެ. އަނެއްބަޔަކު މުރުތައްދުވިއެވެ. އަނެއްބަޔަކު ތިބީ ދެފުށު އެޅިއެޅިއެވެ.
ސަޖާޙް ބިންތު ޙާރިޘް ނަބީކަމަށް ދަޢުވާކޮށްފިއެވެ. އޭނާއަކީ ތަމީމު ވަންހައިގެ ބަނީ ޔަރްބޫޢު ޤަބީލާގެ ގޮތްޕެއްކަމުގައިވާ ތަޣްލަބު ވަންހައިގެ އަންހެނެކެވެ. ތަޣުލަބު ވަންހައިގެ ކްރިސްޓިޔަން ޖަމާޢަތްތައް އޭނާއާ ބައިވެރިވިއެވެ.
ސަޖާޙު މަދީނާއާ ޙަމަލަދޭން ޤަޞްދުކޮށްގެން މާލިކު ބުނު ނަވީރާ ގެންގޮސް މަޝްވަރާކުރިއެވެ. މާލިކު މަޝްވަރާ ދިނެވެ. " ތަމީމް ވަންހައިގެ ބައެއް ޤަބީލާތައް އެތިބީ ކަލެއާ ދެކޮޅަށެވެ. އިހަށް އެބައިމީހުން ކިޔަމަންތެރި ކުރުވާށެވެ. އެއަށްފަހު އެހެން ތަނަކަށް ދާން ޤަޞްދުކުރާށެވެ. " ވަކީޢު ބުނު މާލިކު ވެސް ނަޖާޙު އާ ބައިވެރިވިއެވެ. ސަޖާޙު އޭނާއާ އިދިކޮޅު ތަމީމީ ޤަބީލާތަކާ ހަނގުރާމަ ފެށިއެވެ. ނަމަވެސް އެއްވެސް ނަތީޖާއެއް ނުނިކުތެވެ. އެހެން ކަމުން އެމައްސައްކަތް ހުއްޓައިލައިފައި مسيلمةއާ ކުރިމަތިލިއެވެ. އޭރު مسيلمةވެސް އުޅެނީ ޔަމާމާގައި ނަބީކަމަށް ދަޢުވާކޮށްގެންނެވެ. ސަޖާޙު އޭނާގެ ލަޝްކަރާއިގެން ގޮސް ޔަމާމާގެ ކައިރީގައި ފޭލިގެ ޖެހިއެވެ. مسيلمةޤަޞްދުކުރީ ސަޖާޙު އާ އެއްބައިވެގެން ދެފަރާތުގެ ބާރު މުސްލިމުންނާ ދެކޮޅަށް ބޭނުން ކުރާށެވެ. އެހެން ކަމުން އޭނާ ސަޖާޙު އަށް ޚަބަރު ފޮނުވިއެވެ.
" މުޙައްމަދު (صلّى الله عليه وسلّم) ވަނީ ނަބީކަމުގައި އަހަރެން ބައިވެރި ކުރައްވައިފައެވެ. އެކަލޭގެފާނު އެއްބަސްވެ ވަޑައިގެންފައިއޮތީ ޢަރަބިކަރައިގެ ދެބައިކުޅަ އެއްބައި އަހަންނަށް އޮތުމަށެވެ. އަނެއްބައި އެކަލޭގެފާނަށާއި، ޤުރައިޝު ވަންހައިގެ މީހުންނަށެވެ. އެކަމަކު މިހާރު އެކަލޭގެފާނު މާތް ﷲ ގެ ޙަޟުރަތަށް ވަޑައިގެންފިއެވެ. ޤުރައިޝުންގެ ކިބަޔަކު އިންސޮފުވެރިކަމެއް ނެތެވެ. އެހެންކަމުން އަހަންނަށް އެ އެގްރިމެންޓްގައި ކަލޭ ބައިވެރި ކުރެވިދާނެއެވެ. ޢަރަބިކަރައިގެ ދެބައިކުޅަ އެއްބައި ކަލެޔަށް ދެވިދާނެއެވެ. "
مسيلمةގެ ފޭލިގެ މާމެލާމެލީން ޒީނަތްތެރިކޮށް ހުވަނދު ވަސް ހިއްޕުމަށްފަހު އެފޭލިގޭގައި ސަޖާޙު އާ  ބައްދަލު ކުރިއެވެ. ދެމީހުން ބައްދަލުވުމާއެކު ދެފަރާތުގެ ފާރަވެރީން ދުރަށް ފޮނުވައިލެވުނެވެ. ދެފަރާތުން މަޝްވަރާ ކުރުމަށްފަހު ސަޖާޙު ނަބީކަން ދޫކޮށްލައި مسيلمة ގެ ނަބީކަން ޤަބޫލުކުރިއެވެ. އޭނާއާ ކާވެނިވެސް ކޮށްފިއެވެ. ސަޖާޙު ތިންދުވަސް ވަންދެން مسيلمةގެ ފޭލިގޭގައި އިނދެފައި مسيلمةގެ ކިބައިން ކާވެނީގެ ރަނަށް އެދުމުން مسيلمةބުންޏެވެ. " ދާށެވެ. އަހަރެން ކަލޭގެ ކާވެނީގެ ރަނެއްގެ ގޮތުން އެންމެ އުނދަގޫ ދެވަގުތުގެ ނަމާދު ( ޢިޝާނަމާދާއި ފަތިސްނަމާދު ) މަޢާފު ކޮށްފީމެވެ. "
އެދުވަސްވަރު ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ލަޝްކަރާއިގެން ވަޑައިގަތުމުން ސަޖާޙު ގެ ލަޝްކަރު ވިއްސިވިހާލިވެއްޖެއެވެ. ސަޖާޙު ފިލައިގެންގޮސް އޭނާގެ ޤަބީލާކަމުގައިވާ ތަޣުލަބު ވަންހައި މީހުންގެ ތެރޭގައި އުޅޭން ފަށައިފިއެވެ. ބައެއް ރިވާޔަތްތަކުގައި ވާގޮތުން އަމީރު މުޢާވިޔަތުގެ ވެރިކަމުގެ ދުވަސްވަރު ސަޖާޙު އިސްލާމްވިއެވެ. އޭނާ މަރުވީ ކޫފާގައެވެ.
އިސްވެދެންނެވި ފަދައިން ޚާލިދުގެފާނު ވަޑައިގެން ސަޖާޙުގެ ލަޝްކަރު ރޫޅުމުން ތަމީމުވަންހައިގެ ބޮޑުން އެބައިމީހުންނަށް ކުރެވުނު ކަންތަކާމެދު ހިތާމަފާޅުކުރިއެވެ. އެބައިމީހުން ޚާލިދުގެފާނުގެ އަރިހަށް ޒަކާތްވެސް ފޮނުވިއެވެ. ނަމަވެސް މާލިކު ބުނު ނަވީރާ ޒަކާތެއް ނުފޮނުވިއެވެ. އޭނާގެ ޤަބީލާއަށް އޭނާ އެންގީ އެންމެން ވިއްސިވިހާލިވެގެން ދިއުމަށެވެ.
މާގިނަދުވަހެއް ނުވެ ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ލަޝްކަރާއިގެން ބިޠާޚަށް ވަޑައިގެންފިއެވެ. އެތަނުން އެކަލޭގެފާނަށް އެއްވެސް މީހަކު ފެނިވަޑައެއް ނުގެންނެވިއެވެ. ޚާލިދުގެފާނު އެބައިމީހުން ހޯއްދެވުމަށްޓަކައި އެކަލޭގެފާނުގެ ލަޝްކަރުގެ އެކި ޖަމާޢަތްތައް އެކިދިމަދިމާޔަށް ފޮނުއްވިއެވެ. އޭގެތެރެއިން އެއްބަޔެއް މާލިކު ބުނު ނަވީރާ އާއި އޭނާގެ އެކުވެރީން ހައްޔަރުކޮށްގެން ގެނެސްފިއެވެ. ޚާލިދުގެފާނު މާލިކާއި އޭނާގެ އެކުވެރީން ހައްޔަރު ކުރައްވާފައި ބައިތިއްބެވުމަށްފަހު އެބައިމީހުން ޤަތުލުކޮށްލެއްވިއެވެ.
ޚާލިދުގެފާނު ލަޝްކަރުގައި ހިމެނިވަޑައި ގަންނަވާ ބައެއް ބޭކަލުން ބެއްލެވީ އިސްވެދެންނެވި ޤަތުލަކީ އަމީރުލްމުއުމިނީންގެ އަމުރުފުޅާ ޚިލާފުކަމެއް ކަމުގައެވެ. އެހެނީ ޤަތުލުވި މީހުން އެބައިމީހުން ހައްޔަރުވުމުގެ ކުރީން ބަންގިދިން އަޑު އެއްސެވިކަމަށް ބައެއް ބޭކަލުން ހެކިދެއްވާފައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މާލިކު ޤަތުލުކުރެވުނީ ޚާލިދުގެފާނުގެ އަމުރުފުޅުގެ ލަފުޡުތައް ނުބައިކޮށް ވިސްނައިގަނެވުމުގެ ސަބަބުންނެވެ. އަނެއްބައި ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މާލިކު ޤަތުލުކުރެއްވީ ޚާލިދުގެފާނު އެނާއާ ވާހަކަ ދެއްކެވުމުން މާލިކު އޭގެ ޖަވާބުގައި މާތްރަސޫލާއަށް އިހާނެތިކޮށް ވާހަކަ ދެއްކުމުގެ ސަބަބުންނެވެ.
مسيلمةގެ ލަޝްކަރު ބަލިވެގެން ފިލައިގެންގޮސް ބައެއް މީހުން ރަށުގެ ކިއްލާއަށް ވަދެ ރައްކާތެރިކަން ހޯދިއެވެ. އެންމެ ފަހުން މުޖާޢަތު ބުނު މުރާރަތު މެދުވެރިކޮށް ދެފަރާތުގެ މެދުގައި ޞުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެއަށްފަހު ޙުނައިފަތުގެ މީހުން ތައުބާވެ އިސްލާމްދީނަށް ވަދެއްޖެއެވެ. ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު އެވަންހައިގެ ކުރިޔަށް ތިބި މީހުންގެ ވަފުދެއް أمير المؤمنين أبوبكر رضيى الله عنهގެ އަރިހަށް ފޮނުއްވިއެވެ. أبوبكر رضى الله عنهއެބައިމީހުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. ތިޔަބައިމީހުން އަހަރެމެންނާއި ޚުދު ތިޔަބައިމީހުން މުޞީބާތުގެ ތެރެއަށް ތިޔަ ވައްޓައިލީ ކީއްވެގެން ހެއްޔެވެ؟  އެބައިމީހުން ޖަވާބުއެރުވިއެވެ. " ހިނގައިގެން އެދިޔަ ކަންތައްތަކަކީ މާތް ﷲ ރުހިވޮޑިނުގަންނަވާނެ އަދި އަޅުގަނޑުމެންނަށްޓަކައި ބަރަކާތްތެރި ނޫން ކަންތައްތަކެއް ކަމުގައި އަޅުގަނޑުމެން ޤަބޫލު ކުރަމުއެވެ."

أسود العنسى
رسول الله صلّى الله عليه وسلّم ސުވަރުގެ ވަޑައިގަތުމުގެ ކުރީން أسود العسىނަބީކަމަށް ދަޢުވާކުރާން ފަށައިފިއެވެ. އޭނާއަކީ ޤަޙްޠާނީ ޤަބީލާގެ ގޮތްޕެއް ކަމުގައިވާ ޢަނަސުގެ ވެރިޔާއެވެ. ޔަމަނުގެ ރަށްފުށުގެ ބައެއް މީހުން އޭނާގެ ކެހިވެރިކަމުގެ ދަލުގައި ޖެހުނެވެ. އެމީހުންގެ އެހީގައި އޭނާ ނަޖްރާނު ހިފިއެވެ. އެރަށުން މުޛުލަޖްވަންހައިގެ ބައެއް މީހުންވެސް އޭނާއާ ބައިވެރިވިއެވެ. މިގޮތުން ޔަމަނުގައި އޭނާގެ ފިތުނަ ވަރަށް ބޮޑުވިއެވެ. އޭނާގެ ލަޝްކަރާއިގެން ޞަންޢާއަށްގޮސް އެރަށުގައި ހުރި އީރާނުގެ މަލަކާ ޕޫރަން ދުޚުތުގެ ގަވަރުނަރާ ހަނގުރާމަކޮށް އޭނާގެ ގާތުގައި އޮތް އަންބާއެވެ. ކިޔުނު އީރާނީ ލަޝްކަރު ބަލިކޮށްފައި ޞަންޢާ ހިފިއެވެ. އެކާމިޔާބީގެ ސަބަބުން މުޅި ޔަމަނުކަރައިގައި އޭނާގެ ނުފޫޒު ފެތުރުނެވެ. އޭނާގެ ފިތުނަވެރިކަމުގެ އަލިފާންގަނޑު ހަތަރު ފަރާތަށް ފެތުރިގެންދިޔައެވެ. ޔަމަނުގެ އެއްބަޔަކު އޭނާއަށް ތަބާވެ އަނެއްބަޔަކު ބިރުން ހަމަހިމޭންވިއެވެ.
އިތުރު ސާހިބާ صلّى الله عليه وسلّم އަށް އެޚަބަރު ލިބިވަޑައިގެންނެވުމުން އަންބާއުގެ އޮފިސަރުންނަށް ފަތްކޮޅެއް ފޮނުއްވިއެވެ. އިސްލާމްދީންމަތީ ސާބިތުވެ ތިބުމަށާއި، އުސޫދު އާ ހަނގުރާމަކޮށް އޭނާ ޤަތުލުކުރުމަށް އެފަތާކޮޅުގައި ނަސޭހަތް ދެއްވައިފައިވެއެވެ.
އެދުވަސްވަރު އުސޫދު އަށް ލިބެމުންދިޔަ ކާމިޔާބީގެ ސަބަބުން އޭނާގެ ހިތުގައި ބޮޑާކަން އުފެދި އޭނާގެ ސިފައިންގެ ވެރިޔާ ޤައިސު ބުނު ޢަބްދު ޔަޤޫޘު އާ މެދުވެސް ވަރަށް އިހާނެތި ޢަމަލުތަކެއް ހިންގިއެވެ. ޤައިސަށް އޭނާގެ ފުރާނަޔަށް ނުރައްކައުވާތަން ފެނުމުން އަންބާއުގެ ސިފައިންނާ ބައިވެރިވެއްޖެއެވެ. އެބައިމީހުންގެ އެހީގައި އުސޫދު ޤަތުލުކުރަން ރޭވިއެވެ. އެރޭވުމުގައި އުސޫދުގެ އަންހެނުންވެސް ބައިވެރިވިއެވެ. އެކަމަނާއަކީ ޞަންޢާގެ ކުރީގެ ގަވަރުނަރގެ އަންހެނުންނެވެ. އުސޫދު ގަވަރުނަރ ގަތުލުކުރުމަށްފަހު އެކަމަނާއާ ގިދަކަމުން އިނދެގެން އުޅުނީއެވެ. އަންބާއުގެ ސިފައިންގެ ތެރޭގައި ހިމެނޭ ފީރޯޒެވެ. ކިޔުނު މީހެއް ދަނޑިވަޅެއް ހޯދައިގެން ރޭގަނޑު އުސޫދުގެ ގޭގައި ފިލައިހުރެފައި ކުއްލިޔަކަށް އޭނާ ޤަތުލުކޮށްލިއެވެ. ފަތިސްވުމާއެކު ފީރޯޒު އެގޭގެ ފުރާޅުމައްޗަށް އަރައި ބަންގި ގޮވައިފިއެވެ. މިގޮތުން އުސޫދުގެ ފިތުނަ ފަސާދައިން ޞަންޢާ ސަލާމަތްވިއެވެ. އެރަށުގެ އަހުލުވެރީން އިތުރު ސާހިބާގެ އަރިހަށް ހުރިހާ ޚަބަރުތަކެއް ލިޔެފައި ފޮނުއްވިއެވެ. ޞަންޢާގެ އަހުލުވެރީން އިތުރުސާހިބާގެ އަރިހަށް ހުރިހާ ޚަބަރުތަކެއް ލިޔެފައި ފޮނުވިއެވެ. ޞަންޢާގެ އަހުލުވެރީން އެޚަބަރާއިގެން މަދީނާއަށް ފޮނުއްވި ޤާޞިދު މަދީނާއަށް ދިޔަ ދުވަހަކީ ލޮބުވެތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވި ދުވަހެވެ. ޤާސިދަށް އާދެވުނީ އިތުރު ސާހިބާ ސުވަރުގެ ވަޑައިގެންނެވި ފަހުންނެވެ. އުސޫދު ނަބީކަމަށް ދަޢުވާކުރުމާއި އޭނާ ޤަތުލުވުމާމެދު ވޭތުވީ، ބައެއް ރިވާޔަތްތަކުގައި ވާ ގޮތުން ހަތަރު މަހެއްހައި ދުވަހެވެ.
އިތުރު ސާހިބާ ސުވަރުގެ ވަޑައިގެންނެވި ޚަބަރު ޔަމަނަށް ދިއުމާއެކު އުސޫދުގެ ބައެއް އެކުވެރީން އަނެއްކާވެސް ފިތުނަ އުފައްދާން ފެށިއެވެ. أمير المؤمنين أبوبكر رضيى الله عنه ޔަމަނުގެ މުސްލިމުންނަށް ޚަބަރު ފޮނުއްވިއެވެ. ތިޔަބައިމީހުން މުރުތައްދުވީ މީހުންގެ ކުރިމަތީގައި ސާބިތުވެ ތިބޭށެވެ. އަހަރެން ވަރަށް އަވަހަށް ލަޝްކަރެއް އެބަ ފޮނުވަމެވެ.
މާގިނަދުވަހެއް ނުވެ މުޙާޖަރު ބުނު އަބޫ އުއްމުޔަތު ރަޟިޔަﷲ ޢަންހު އިސްލާމީ ލަޝްކަރާއިގެން ވަޑައިގެން ޞަންޢާ ހިއްޕަވައި ފިތުނަ އުފައްދާ މީހުންގެ ވެރީން ކަމުގައިވާ ޤައިސު ބުނު ޢަބްދު ޔަޣޫޘާއި ޢުމަރު ބުނު މަޢުދީ ކރބާއި ދެންވެސް ތިބި ބޮޑުން ހައްޔަރު ކުރައްވައިފިއެވެ.

ކިންދަތު ވަންހަ
ޙަޟުރަމައުތުގެ ކައިރީގައި ދިރިއުޅެމުން ގެންދިޔަ ކިންފަތު ވަންހައިގެ މީހުންވެސް ޒަކާތް ދިނުމަށް އިންކާރު ކުރިއެވެ.
رسول الله صلّى الله عليه وسلّمގެ ފަރާތްޕުޅުން ޒަކާތުގެ ޢާމިލެއްގެ ގޮތުން ކިންދަތު ވަންހައި މީހުންގެ ގާތަށް ވަޑައިގެންނެވީ ޒިޔާދު ބުނު ޢަބީދުލްއަންޞާރީ ރަޟިޔަﷲ ޢަންހު އެވެ. އެކަލޭގެފާނު ކިންދަތު ވަންހައިގެ މީހުންނާ ވާހަކަފުޅު ދައްކަވައި ޒަކާތް ނެންގެވުމުގެ މައްޗަށް ބާރު އެޅުއްވުމުން ކިންދަތު ވަންހައިގެ މީހުންނާއި، ހަމްދާނުގެ އަހުލުވެރީން أشعث بن قيس كندى ވެރިޔަކަށް ލައިގެން ޒިޔާދު ރަޟިޔަﷲ ޢަންހު ރަށުން ބޭރުކޮށްލާނެ ގޮތްތައް ރާވަން ފެށިއެވެ. އަޝްޘަކީ ވަރަށް ހިތްވަރުގަދަ ހަނގުރާމަވެރިއެކެވެ. ޒިޔާދު ރަޟިޔަﷲ ޢަންހު ޙަޟުރަމައުތުގެ މުސްލިމުންގެ އެހީއާއެކު، މުރުތައްދުވީ މީހުނާ ކުރިމަތިލެއްވިއެވެ.
أمير المؤمنين أبوبكر رضيى الله عنه އަށް އެޚަބަރު ލިބިވަޑައި ގެންނެވުމުން މުހާޖަރު ބުނު އަބޫ އުއްމިޔަތު ރަޟިޔަﷲ ޢަންހު އާއި ޢުކްރަމަތު އަބޫ ޖަހުލު ރަޟިޔަﷲ ޢަންހު އަށް ފަސްހާސް މުޖާހިދުންގެ ލަޝްކަރެއް ދެއްވައިފައި ޒިޔާދު ރަޟިޔަﷲ ޢަންހު އަށް އެހީތެރިވެ ވަޑައިގެންނެވުމަށް ފޮނުއްވިއެވެ. އޭރު އަޝްޢަޘުގެ ލަޝްކަރުގައި ނަވާރަހާސް ހަނގުރާމަވެރީން ތިއްބެވެ.
ދެލަޝްކަރު ބައްދަލުވީ މުޙައްޖަރެވެ. ކިޔުނު މައިދާނެއްގައެވެ. އެންމެފަހުން ޢަޝްޢަޘު ބަލިވެގެން ފިލައިގެންގޮސް ބުޚައިރެވެ. ކިޔުނު ކިއްލާއަކަށް ވަދެ ރައްކާތެރިވިއެވެ. މުސްލިމުންގެ ލަޝްކަރު އެކިއްލާ ވަށައިލައި ކިއްލާއަށް ކާބޯތަކެތި ލިބުނަ ނުދީ ބަންދުކޮށްލިއެވެ. އަޝްޢަޘު މަޖުބޫރުވެގެން މުހާޖަރު ރަޟިޔަﷲ ޢަންހުގެ އަރިހުގައި ދެންނެވިއެވެ. އަޅުގަނޑުމެންގެ ނުވަ މީހަކާއި އެމީހުންގެ އަނބިދަރީންގެ ފުރާނަ ސަލާމަތްކޮށްދެއްވަން އެއްބަސްވެވަޑައި ގަންނަވާނަމަ އަޅުގަނޑުމެން މިތިބީ އަމިއްލަ ނަފުސު މުސްލިމުންނާ ޙަވާލުކުރާން ތައްޔާރަށެވެ. މުހާޖަރު ރަޟިޔަﷲ ޢަންހު އެގޮތް ޤަބޫލުކުރެއްވިއެވެ. އަޝްޢަޘް އޭނާ މާފުއެދޭ މީހުންގެ ލިސްޓެއް މުހާޖަރުގެ އަރިހަށް ފޮނުވިއެވެ. އޭނާއަށް ހާސްކަމުގެ ތެރޭގައި އެލިސްޓަކު އޭނާގެ ނަމެއް ނުހިމެނުނެވެ. އެހެން ކަމުން ޢުކްރަމަތު ރަޟިޔަﷲ ޢަންހު އެލިސްޓްގައި ނުހިމެނޭނެ އެންމެން ހައްޔަރު ކުރައްވާފައި މަދީނާއަށް ފޮނުއްވިއެވެ. އޭގެތެރޭގައި އަޝްޢަޘް ވެސް ހިމެނުނެވެ. އަމީރުލްމުއުމިނީން أبوبكر رضيى الله عنه އެބައިމީހުންނަށް ވަރަށް ހެޔޮފުޅުކޮށް ހިއްތަވައި ދޫކޮށްލެއްވުމުން އެންމެން އިސްލާމްވެއްޖެއެވެ.

ޢައްމާން
އިތުރު ސާހިބާ އިސްލާމްދީނަށް ގޮވައިލައްވާން ފެއްޓެވުމުގެ ކުރިން ޢުއްމާންގައި ވެރިޔަކަށް ހުރީ ލަޤީޠެވެ. ފިޔުނު މީހެކެވެ. އޭނާއަށްފަހު ޢުއްމާންގެ ވެރިކަން ލިބިވަޑައިގަތީ ޖައިފަރާއި، ޢަބްދާ ދެބޭފުޅުންނެވެ. ޖައިފަރު ފަހުން އިސްލާމްވެ ވަޑައި ގެންނެވިއެވެ. رسول الله صلّى الله عليه وسلّمސުވަރުގެ ވަޑައިގަތުމުން ލަޤީޠު ޢުއްމާނަށް ވެރިވެ ޖައިފަރު ރަށުން ބޭރުކޮށްލިއެވެ. އެއަށްފަހު ޢުއްމާނުގެ މީހުން މަގުފުރައްދައި އިސްލާމްދީނުން ބޭރުކުރުވިއެވެ.
أبوبكر رضى الله عنه އަށް އެޚަބަރު ލިބިވަޑައިގެންނެވުމުން ލަޤީޠަށް އަދަބުދެއްވުމަށްޓަކައި ޙުޒައިފަތު ބުނު މުޙްޞިން ރަޟިޔަﷲ ޢަންހު ފޮނުއްވިއެވެ. ޢުކްރަމަތު ބުނު އަބޫ ޖަހުލު ރަޟިޔަﷲ ޢަންހު ޔަމާމާގައި ހުންނަވަނިކޮށް އެކަލޭގެފާނަށްވެސް އުއްމާނަށް ވަޑައިގަންނަވާން އެންގެވިއެވެ. ޢުކްރަމާއަށް އަންގަވާފައިވަނީ އުއްމާނުގެ އަހުލުވެރީން ތެދުމަގަށް އެނބުރި ނާތުވެއްޖެނަމަ ޙުޒައިފަތުގެފާނާ ބައިވެރިވެ ވަޑައިގެން ލަޤީޠާ ހަނގުރާމަ ކުރެއްވުމަށެވެ.
ލަޤީޠަށް އެޚަބަރު ލިބިމުން އޭނާ ވަރަށް ވަރުގަދަޔަށް ހަނގުރާމައަށް ތައްޔާރުވިއެވެ. އޭނާގެ ލަޝްކަރުގައި ތިރީސްހާސް ސިފައިން ތިއްބެވެ. މުސްލިމުންގެ ޢަދަދު މަދެވެ. މުހާޖިރު އާއި ޢުކްރަމަތު އާ ދެބޭކަލުންގެ އަރިހުގައި ތިބީ މުޅިއެކު ހަހާސް މުޖާހިދުންނެވެ. ކޮންމެ މުޖާހިދަކަށް ފަސްކާފަރުންނާ ހަނގުރާމަ ކުރައްވާން ޖެހިވަޑައި ގެންނެވިއެވެ. ނަމަވެސް ޖިހާދަކީ އަޅުކަމެއްކަމުގައި ބައްލަވާ ބޭކަލުންގެ ހިތްޕުޅުގެ ޝުޢޫރުތައް، މުރުތައްދުވީ މީހުނާ ވަރަށް ތަފާތެވެ.
މާތް ﷲ ގެ ސިފައިން ފަތިސްނަމާދަށްފަހު ފުރިހަމަ ބާރާއެކު ދުޝްމިނުންނާ ކުރިމަތިލިއެވެ. ޢުއްމާނުގެ އަހުލުވެރީން ވެސް ފިސާރި ސާބިތުކަމާއެކު ހަނގުރާމަކުރަމުން ގެންދިޔައެވެ. ހަނގުރާމަ ހިނގަމުން ދަނިކޮށް ޢުކްރަމަތު ރަޟިޔަﷲ ޢަންހު ގޮވައިލެއްވިއެވެ. " މުސްލިމުންގެ މުޖާހިދުންނޭވެ! އިސްލާމްދީނުގެ ޣާޒީންނޭވެ! ދުޝްމިނުންގެ ސަފުތައް އަދިވެސް ވަކިވަކިވެގެން ނުގޮސްގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ޢުކްރަމަތު ރަޟިޔަﷲ ޢަންހު އެހެން ވިދާޅުވެފައި އެކަލޭގެފާނުގެ އަސްކޮޅުމަތީގައި ދުޝްމިންގެ ސަފުތަކުގެ ތެރެއަށް ވެދެވަޑައިގެން އެބައިމީހުން ކަތިލައްވައި މަރުއްވާން ފެއްޓެވިއެވެ. އެކަލޭގެފާނުގެ ފަހަތްޕުޅުން އެހެނިހެން މުޖާހިދުންވެސް ދުޝްމިނުންނާ ދިމާކޮށްލެއްވިއެވެ. އިސާހިތަކު ލަޤީޠުގެ ލަޝްކަރު ތަޅުއްވައި ރޯނާކޮށްލެއްވިއެވެ. އެކި ފަރާތްފަރާތަށް ބުރުއްސައިލެއްވިއެވެ. އެހައިތަނުން ދުޝްމިނުން ބިރުން ފިލައިގެންދާން ފެށިއެވެ. މުސްލިމުން ދުޝްމިނުންގެ ދިހަހާސް މީހުން ޤަތުލުކޮށް ހަތަރުހާސް މީހުން ހައްޔަރުކުރިއެވެ.
ފަތަޙައަށްފަހު ޢުއްމާނުގެ މީހުންނަށް ދީން ދަސްކޮށްދެއްވުމަށްޓަކައި ޙުޒައިފަތު ރަޟިޔަﷲ ޢަންހު އެތާނގައި މަޑުކުރެއްވިއެވެ.

ބަޙްރައިން
ބަޙްރައިނުގައި ދިރިއުޅެމުން ގެންދިޔައީ ޢަބްދުލްޤައިސު ވަންހައާއި ބަކުރު ބުނު ރަބީޢަތު ވަންހައިގެ ޤަބީލާތަކެވެ. އިތުރު ސާހިބާ صلّى الله عليه وسلّم، މުންޒިރު ބުނު ސާވީ އިސްލާމްވެ ވަޑައިގަތުމުން އޭނާއަށް ބަޙްރައިނުގެ ގަވަރނަރުކަން ދެއްވިއެވެ. އިތުރު ސާހިބާ ސުވަރުގެވަޑައި ގެންނެވި މަހު މުންޒިރު ބުނު ސާވީ ވެސް އަވަހާރަވެއްޖެއެވެ. އެދުވަސްވަރު ފާރިސީންގެ ކިސްރާގެ ފަރާތްޕުޅުންވެސް ބަޙްރައިނުގައި ގަވަރުނަރެއް ހުރެއެވެ. އޭނާގެ ނަމަކީ މުންޒިރު ބުނު ނުޢުމާންއެވެ. އޭނާގެ ވެރިކަމުގެ ދަށުގައި އީރާނުގެ ހަތްހާސް ސިފައިންގެ ލަޝްކަރެއް އޮވެއެވެ. ބަޙްރައިނުގައި އެންމެ ބައިގިނައީ ބަކުރުވަންހައިގެ ޤަބީލާތަކުގެ މީހުންނެވެ. އެބައި މީހުންގެ ވެރިޔަކީ ޙަޠަމް ބުނު ޟަބީޢަތެވެ. އޭނާއަކީ މުންޒިރު ބުނު ނުޢުމާނުގެ ކަނާތެވެ. ބަކުރުވަންހައިގެ މީހުން ޙަޠަމްގެ ބަހަށް ހެއްލި މުރުތައްދުވިއެވެ.
ޢަބްދުލްޤައިސު ވަންހައިގެ ޤަބީލާތައް ތިބީ އިސްލާމްދީން މަތީގައެވެ. މުންޒިރު ހުސިޔާރުބަޔަކު ފޮނުވައިގެން ޢަބްދުލްޤައިސު ވަންހައިމީހުންގެ ތެރޭގައި ޕްރޮޕެގެންޑާ ހިންގާން ފެށިއެވެ. މުޙައްމަދު (صلّى الله عليه وسلّم) އަކީ ނަބީބޭކަލެއްނަމަކަ އަވަހާރައެއް ނުވީހެވެ.
ޢަބްދުލްޤައިސު ވަންހައިގެ މާތް ބޭކަލެއްކަމުގައިވާ ޖާރޫދު ބުނު މަޢުލީ ރަޟިޔަﷲ ޢަންހު އަށް އީރާނުގެ ގަވަރުނަރ އެކަލޭގެފާނުގެ ޤަބީލާގެ މީހުން މަގުފުރައްދަން މަސައްކަތްކުރަމުން ގެންދާކަން އެނގިވަޑައި ގެންނެވުމުން އެކަލޭގެފާނު ޤަބީލާގެ މީހުން އެއްކުރައްވައި ވިދާޅުވިއެވެ.
" އަހަރެންގެ ޤަބީލާގެ މީހުންނޭވެ!  އަހަރެންގެ ލޮބުވެތި އަޚުންނޭވެ!  އަހަރެން ތިޔަބައިމީހުނާ ސުވާލެއް ކޮށްލަން ބޭނުމެވެ. ތިޔަބައިމީހުންނަށް އެސުވާލުގެ ޖަވާބު އެނގޭނަމަ ޖަވާބުދޭށެވެ. އެސުވާލުގެ ޖަވާބު ނޭނގޭނަމަ ހިމޭނުން ތިބޭށެވެ. ޤަބީލާގެ މީހުން ދެންނެވިއެވެ. " ސުވާލު ކުރައްވާށެވެ. ކަލޭގެފާނަކީ ރަނގަޅު ބޭކަލަކީމުއެވެ. "
" މާތް ﷲ ވޭތުވެދިޔަ ޒަމާންތަކުގައި ވަރަށް ގިނަ ޤައުމުތަކަށް ނަބީބޭކަލުން ފޮނުއްވިކަން ތިޔަބައިމީހުނަށް އެނގިފައިވޭ ހެއްޔެވެ؟
ޤަބީލާގެ މީހުން " އާދޭހެވެ " ދެންނެވިއެވެ.
" ތިޔަބައިމީހުންނަށް އެކަން އެނގުނީ އިސްވެދިޔަ ޒަމާންތަކުގެ މީހުންގެ ވާހަކަތަކުންނާއި ލިޔެވަފައިވާ ފޮތްތަކުގެ ޒަރީޢާއިން ހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުނާ އެނަބީބޭކަލުންނާ ބައްދަލުވެގެން ހެއްޔެވެ؟ ޖާރޫދު ސުވާލުކުރެއްވިއެވެ.
" އަޅުގަނޑުމެންނަށް އެބޭކަލުން ފެންނާނީ ކިހިނަކުންތޯއެވެ؟ ޝައްކެއްނެތެވެ. އިސްވެދިޔަ ޒަމާންތަކުގެ ވާހަކަތަކުގެ ތެރެއިން އެންމެ ޞައްޙަކަންބޮޑު ވާހަކަތަކެއްކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަނީ އިސްވެދިޔަ ޒަމާންތަކުގައިވެސް ނަބީބޭކަލުން ވަޑައިގަންނަވަމުން ގެންދެވި ވާހަކައެވެ. " ޤަބީލާގެ މީހުން ޖަވާބުދިނެވެ.
ޖާރޫދު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ އެންމެފަހު ސުވާލު ކުރެއްވިއެވެ. " އެހެންވީއިރު ތިޔަބައި ތީހުންނަށް އެބޭކަލުންނާ ބައްދަލުނުވެވުނީ ކީއްވެގެން ހެއްޔެވެ؟ "
ޤަބީލާގެ މީހުން ޖަވާބުދިނެވެ. " އެއްވެސް މީހަކަށް އެބޭކަލުންނާ ބައްދަލުވެވޭކަށް އެބޭކަލުން މިދުނިޔެއަކު ވަޑައިގެނެއް ނެތެވެ. އެބޭކަލުން ﷲ ގެ ޙަޟުރަތަށް އެނބުރިވަޑައިގެންފިއެވެ. "

No comments:

Post a Comment