Friday, June 17, 2016

ރަމަޟާންމަހުގައި ދުޢާކުރުން

ރަމަޟާންމަހުގައި ދުޢާކުރުން
ރަމަޟާން މަހަކީ ހެޔޮކަމާއި ބަރަކާތްތެރި ކަމުގެ މައްސަރެކެވެ. ހެޔޮކަމާއި މަޣުފިރަތުގެ ފޯވައްސެކެވެ. އަދި މާތްﷲއަށް ތަޤުވާވެރިވުމަށާއި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާ ވުމުގެ ދުވަސްތަކެކެވެ. އެހެންކަމުން މިބަރަކާތްތެރި ރަމަޟާން މަހުގެ ދުވާލާއި ރޭގަނޑުގެ ވަޤުތުތަކުގައި މާތްﷲއަށް ދުޢާ ކުރުން ގިނަ ކުރަން ޖެހެއެވެ. ދުޢާ އަކީ މުއުމިނުންގެ އެންމެ ވަރުގަދަ ހަތިޔާރެވެ. އެހެންކަމުން ހުރިހާ ވަޤުތެއްގައިވެސް ދުޢާ ކުރަންޖެހެއެވެ. އަދި ޚާއްޞަ ގޮތެއްގައި މިބަރަކާތްތެރި މައްސަރުގައި ދުޢާކުރުމާއި މާތްﷲއަށް ކަންކަން ދެންނެވުން އިތުރު ކުރަންޖެހެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ، صُفِّدَتِ الشَّيَاطِيْنَ وَمَرَدَةِ الْجِنِّ، وَأُغْلِقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ، وَيُنَادِيْ مُنَادٍ: يَا بَاغِيَ الْخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ. وَلِلَّهِ عُتَقَاءَ مِنَ النَّارِ وَذَلِكَ كُلُّ لَيْلَةٍ " (رواه الترمذي وابن ماجه)
މާނައީ: " ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ރޭ ނުބައި ނުލައިފާ ޖިއްނި ޝައިޠާނުންނުން ކަސްތޮޅު އެޅުވޭ ހުއްޓެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެވޭ ހުއްޓެވެ. އަދި ރަމަޟާންމަހުގައި އެއިން އެއްވެސް ދޮރުކޮޅެއް ނުހުޅުވޭ ހުއްޓެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭ ހުއްޓެވެ. އަދި މިމަހުގައި އެއިން އެއްވެސް ދޮރުކޮޅެއް ބަންދު ނުކުރެވޭ ހުއްޓެވެ. އަދި ނިދާ އިއްވަވާ ބެއިކަލަކު ނިދާ އިއްވަވާ ހުއްޓެވެ. ހެޔޮކަންތަކަށް އެދޭ މީހާއެވެ. ހެޔޮކަންތަކާވީ ފަރާތަށް އަވަސްވެ ގަންނާށެވެ. އަދި ނުބައިކަންތައް ކުރާ މީހާއެވެ. ނުބައިކަންތައް ކުރުމުން ދުރުވެގަންނާށެވެ. އަދި ﷲ އެންމެން ނަރަކައިން މިންޖުކޮށް ދެއްވާ ހުއްޓެވެ. އަދި މިގޮތަށް ރަމަޟާންމަހުގެ ކޮންމެ ރެއަކު ކަން ހިނގަމުންދެއެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ދުޢާ އިޖާބަކުރައްވާނެ ޚާއްޞަ ވަޤުތުތަކަކާއި ތަންތަން ވެސް ބަޔާންކޮށްދެއްވާފައެވެ. އެވަޤުތުތަކަށް ބަލައިގެން ދުޢާ ކުރުމަކީ އިތުރުވެގެންވާ ކަމެކެވެ. އަދި އިލާހީ ޙަޟްރަތުގައި ދުޢާ ޤަބޫލުކުރެއްވުންވެސް އަވަސްވާނެއެވެ. މިގޮތުން ރަމަޟާންމަހުގައި ކުރާ ދުޢާއާއި ރޯދަވެރިޔާ ކުރާ ދުޢާ މާތްﷲ އިޖާބަ ކުރައްވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
"ثلاثة لا ترد دعوتهم : الصائم حين يفطر والامام العادل ودعوة
المظلوم"  (رواه الترمذي)
މާނައީ: " ތިންމީހެއްގެ ދުޢާ މާތްﷲ ރައްދު ނުކުރައްވައި އިޖާބަ ކުރައްވާ ހުއްޓެވެ. އެއީ ރޯދަވެރިޔާ ރޯދަވީއްލާ ވަޤުތު ކުރާ ދުޢާއާއި ޢަދުލުވެރި އިމާމުމީހާ ކުރާ ދުޢާއާއި އަދި އަނިޔާވެރިޔާ ކުރާ ދުޢާއެވެ."

މިފަދަ މާއްދިއްޔަތުގެ ތެރެއަށް ޣަރަޤުވެފައިވާ ޒަމާނެއް ގައި މާތް ﷲ އަށް ޒިކުރުކޮށް، އެކަލާނގެ އަށް ދުޢާކުރުން މަތީ ގައި ދެމިހުރުމުގެ ބޭނުންތެރިކަން ވަނީ ބޮޑުވެފައެވެ. މިއަދު އަޅުގަނޑުމެންގެ ކަންފަތްތަކަށް އަބަދާ އަބަދު އިވެމުން ދަނީ މާތްﷲ ޙަރާމު ކުރައްވާފައިވާ ލަވަޔާއި މިޔުޒިކުގެ އަޑުތަކެވެ. އަދި ފެންނަމުން ދަނީ ދީނާއި ދުރުކުރުވާ ކަހަލަ މަންޒަރުތަކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދޫތައް މާތް ﷲ ހަނދުމަ ކުރުން މަތީ ގައި ދެމިތިބުމުގެ ބޭނުންތެރިކަން ބޮޑެވެ. އެހެންކަމުން ހެދުނާއި ހަވީރުގެ ދުޢާތައް ކިޔުމަކީ މީހާއަށް ރައްކާތެރިކަން ލިބި، ހެޔޮކަމާވީ ފަރާތަށް ދިއުމަށް މަގުފަހި ވެގެންދާނެ ކަމެކެވެ.

ހެދުނުގެ ދުޢާތައް:
" اَللَّهُمَّ بِكَ أَصْبَحْنَا وَبِكَ أَمْسَيْنَا وبِكَ نَحْيَا ، وَبِكَ نَمُوْتُ ، وَإِلَيْكَ النُّشُورُ "
މާނައީ: ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ރަޙްމަތްފުޅުން އަޅަމެން ހެނދުނު ކޮށްފީމުއެވެ. އަދި އިބަރަސްކަލާނގެ ރަޙްމަތްފުޅުންއަޅަމެން ހަވީރު ކޮށްފީމުއެވެ. އަޅަމެން ދިރިއުޅެނީ އިބަރަސްކަލާނގެ މިންވަރުފުޅުންނެވެ. އަދި އަޅަމެން މަރުވަނީ  އިބަރަސްކަލާނގެ މިންވަރުފުޅުންނެވެ. އަދި އެބުރި ދިއުން އޮތީ އިބަރަސްކަލާނގެ ޙަޟްރަތަށެވެ.

" أَصْبَحْنَا وَأَصْبَحَ المُلْكُ لِلَّهِ وَالْحَمْدُ لِلَّهِ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ المُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيْرٌ ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذِهِ اللَّيلَةِ ، وَخَيْرَ مَا بَعْدَهَا ، وأَعُوذُ بِكَ مِنْ شَرِّ مَا فِي هَذِهِ اللَّيْلَةِ وشَرِّ مَا بَعْدَهَا ، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ ، وَسُوءِ الْكِبْرِ ، أَعُوْذُ بِكَ مِنْ عذَابٍ فِي النَّارِ ، وَعَذَابٍ فِي الْقَبْرِ "
މާނައީ: " ބާރުތަކުގެ ވެރި ﷲގެ މިންވަރުފުޅުން އަޅަމެން އާ ދުވަހަކާ ކުރިމަތި ލައިފީމުއެވެ. ﷲއަށް ޙަމްދުހުއްޓެވެ. ﷲ މެނުވީ އިލާހަކު ނުވެއެވެ. އެކަލާނގެއަށް ބައިވެރިއަކު ނުވެއެވެ. އެކަލާނގެއީ އެންމެހާ ޙަމްދެއް ލިބިވޮޑިގެންވާ، އެންމެހާ ބާރުތަކުގެވެރި ރަސްކަލާނގެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިދުވަހާއި، މިދުވަހުގެ ފަހުން އަންނަން އޮތް ދުވަހުގެ ހެޔޮ ކަންތައްތައް މިއަޅާއަށް މިންވަރުކޮށް ދެއްވުން އެދި އިބަ ރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި މިދުވަހާއި، މިދުވަހުގެ ފަހުން އަންނާން އޮތް ދުވަހުގެ ނުބައިކަމުން ރައްކާތެރިކޮށް ދެއްވުން އެދި އިބަ ރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަމެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ކަންނެތްކަމާއި މުސްކުޅިކަމުގެ އިންތިހާއީ ޢުމުރުން މިއަޅާ ރައްކާތެރިކޮށް ދެއްވުން އެދި އިބަރަސްކަލާނގެ ޙަޟްރަތުގައި މިއަޅާ ދަންނަވަމެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ނަރަކައިގެ ޢަޛާބުންނާއި، ކަށްވަޅުގެ ޢަޛާބުން ރައްކާތެރިކޮށް ދެއްވުން އެދި އިބަރަސްކަލާނގެ ޙަޟްރަތުގައި މިއަޅާ ދަންނަވަމެވެ. "

ހަވީރުގެ ދުޢާތައް:
اَللَّهُمَّ بِكَ أَمْسَيْنَا، وَبِكَ أَصْبَحْنَا وبِكَ نَحْيَا ، وبِكَ نمُوتُ وإِلَيْكَ الْمَصِيْرِ "
މާނައީ: ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ދުވަސް ފެށުމާހަމައަށް އިބަރަސްކަލާނގެ އަޅަމެން ގެންނެވި ފަދައިން، ދުވަސް ނިމުމާ ހަމައަށްވެސް އިބަރަސްކަލާނގެ އަޅަމެން ގެންނަވައިފީމުއެވެ. އަޅަމެންގެ ޙަޔާތަށް ފެށުމެއް ދެއްވި ފަދައިން ޙަޔާތް ނިމުމާ ހަމައަށްވެސް ގެންނަވަމުއެވެ. އަޅަމެންގެ މުސްތަޤްބަލް ކަޑައަޅުއްވާ ފަރާތަކީ އިބަރަސްކަލާނގެއެވެ.

އަދި ރޯދަވެރިޔާ ރޯދަ ވީއްލާ ވަޤުތު ކުރާ ދުޢާ:
" ذَهَبَ الظَّمَأُ وَابْتَلَّتْ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ "
މާނައީ: ﷲގެ ވާގިފުޅާއެކު ކަރުހިއްކުން ފިލައިގޮސް، ނާރުތަކަށް ތެތްކަންލިބި، ދަރުމަ ކަށަވަރުވެއްޖެއެވެ.
" أَفْطَرَ عِنْدَكُمْ الصَّائِمُوْنَ وَأَكَلَ طَعَامَكُمُ الْأَبْرَارُ وَصَلَّتْ عَلَيْكُمْ الْمَلاَئِكَةُ "
މާނައީ: ރޯދައަށްތިބި މީހުން ތިޔަބައިމީހުންގެގާތުގައި ރޯދަވީއްލައިފިއެވެ. ހެޔޮވެގެންވާ މީހުންނަށް ތިޔަބައިމީހުން ކާންދީފީމުއެވެ. މަލާއިކަތް ބޭކަލުން ތިޔަބައިމީހުންނަށްޓަކައި ދުޢާކުރައްވައިފިއެވެ.

      އާދެ! އިންސާނާ ޣާފިލުކަމުން ދުރުހެލިކޮށްދޭ އެއްޗަކީ މާތްﷲ ހަނދުމަކޮށް އެކަލާނގެއަށް ޒިކުރު ކުރުމެވެ. ޒިކުރަކީ އޭނާއާ ޢާލަމްތަކުގެ ވެރި ރަސްކަލާނގެއާއި ދެމެދުގައިވާ ގުޅުން ދަމަހައްޓައިދޭ ވައުފަށެވެ. އެހެންކަމުން ހުރިހާ ވަޤުތުތަކެއްގައި ވެސް އެކަލާނގެ މަތިން ހަނދުމަ ކުރަންޖެހެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. " فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُواْ لِي وَلاَ تَكْفُرُونِ "  ( سورة البقرة: 152)
މާނައީ: "ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރާށެވެ. އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަ ކުރާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ އަށް ޝުކުރުވެރިވާށެވެ. އަދި ކުފުރުވެރި ނުވާށެވެ." (އެބަހީ: ތިޔަބައިމީހުންނަކީ ޝުކުރުވެރި ނުވާ ބައެއް ކަމުގައި ނުވާށެވެ.)

ليلة القدر ވިލޭރޭގައި ދުޢާ ކުރުން
ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކަކީ ހެޔޮކަމުން ފުރިގެންވާ ދުވަސްތަކަކާއި ރޭތަކެކެވެ. ރަޙްމަތާއި މަޣުފިރަތުގެ ދުވަސްތަކެކެވެ. އަޅުގަނޑުމެންނަށް ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވެ، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ލިބިފައިވާ އަގުހުރި ދުވަސްތަކެކެވެ. މިބަރަކާތްތެރި މަހުގައި ހެޔޮކަމެއް ކޮށްފިމީހާ، އެނޫން މަހެއްގައި ފަރުޟެއް އަދާ ކުރި މީހަކާ އެއްފަދައެވެ. އަދި ޚާއްޞަ ގޮތެއްގައި މިމަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ވަރަށް އިތުރުކަން ބޮޑުވެގެންވާ ދުވަސްތަކެކެވެ. ބަރަކާތާއި ރަޙްމަތުން ފުރިގެންވާ ليلة القدر ވިލޭރޭ ލައްވާފައި ވަނީ ފަހު ދިހައިގެ ދުވަސްތަކުގައެވެ. رسول الله صلى الله عليه وسلم ޙަދީޡް ކުރައްވާފައި ވެއެވެ. "إنَّ هَذَا الشَّهْرَ قَدْ حَضَرَكُمْ وَفِيْهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حُرِمَهَا فَقَدْ حُرِمَ الْخَيْرَ كُلَّهُ، وَلاَ يُحْرَمُ خَيْرَهَا إِلاَّ مَحْرُوْمٌ " (رواه ابن ماجه، وصححه الألباني)
މާނައީ: " ހަމަކަށަވަރުން ތިޔަބއިމީހުންގެ ގާތަށް މިމަސް (ރަމަޟާން މަސް) އަތުވެއްޖެ އެވެ. އެމަހުގައި އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމު ވެއްޖެ މީހާ، ހަމަކަށަވަރުން ހުރިހާ ހެޔޮކަމަކުން މަޙްރޫމު ވެއްޖެ އެވެ. އަދި އެރޭގެ ހެޔޮކަމުން އަބާއްޖަވެރިޔާ މެނުވީ މަޙްރޫމް ނުވާ ހުއްޓެވެ."

ليلة القدر ވިލޭރޭ ލައްވާފައި ވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްގައެވެ. އެއީ 21، 23 ، 25 ، 27 އަދި 29 ވަނަ ދުވަހުގެ ރެއެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " تَحَرَّوْا لَيْلَةُ الْقَدْرِ فِيْ الْوِتْرِ مِنَ الْعَشْرِ الْأَوَاخِرَ مِنْ رَمَضَانَ "  (رواه البخاري) މާނައީ: " ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި ތިޔަބައިމީހުން ليلة القدر ވިލޭރޭ ހޯދުމަށް މަސައްކަތް ކުރާށެވެ."

އަދި ވެސް ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " اِلْتَمَسُوْهَا فِيْ الْعَشْرِ الَأَوَاخِر مِنْ رَمَضَانَ لَيْلَةُ الْقَدْرِ فِيْ تَاسِعَةٍ تَبْقَى، فِيْ سَابِعَةٍ تَبْقَى، فِيْ خَامِسَةٍ تَبْقَى " (رواه البخاري)
މާނައީ: " ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކުގައި ليلة القدر ވިލޭރޭ ހޯދާށެވެ. އެއީ އެކާވީސްވަނަ ވިލޭރޭގައާއި ތޭވީސްވަނަ ވިލޭރޭގައާއި ފަންސަވީސްވަނަ ވިލޭރޭގައެވެ."

ކޮންމެ އަކަސް ليلة القدر ވިލޭރެއަކީ ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްކަން ކަށަވަރެވެ. އެހެންކަމުން ފަހުދިހައިގެ ރޭތަކުގެ ތެރެއިން ވަކި ރެއެއް ޚާއްޞަނުކޮށް، ފަހުދިހައިގެ ދުވަސްތަކާ ރޭތައް އަޅުކަމުގައި ހޭދަކޮށް، އެބަރަކާތްތެރި ރޭ ލިބިގަތުމަށް މަސައްކަތް ކުރަންޖެހެއެވެ. އެރޭގެ މަތިވެރި ސަވާބު ހޯދުމަށް އެދޭމީހާ ތަރާވީޙު ނަމާދުކޮށް، ޤުރްއާންކިޔަވައި، މާތްﷲއަށް ދުޢާ ކުރުމުގައްޔާއި ޒިކުރު ކުރުމުގައި ވަޤުތުތައް ހޭދަ ކުރަން ޖެހެއެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ليلة القدر ވިލޭރޭގެ ވަޤުތުތަކުގައި މާތްﷲއަށް ޒިކުރު ކުރުމާއި ދުޢާ ކުރުން ގިނަ ކުރުން އިތުރުވެގެން ވެއެވެ. سفيان الثوري ވިދާޅުވެފައިވެއެވެ. " ليلة القدر ވިލޭރޭގައި ތިމަންކަލޭގެފާނުގެ އަރިހުގައި ސުންނަތް ނަމާދު ކުރުމަށް ވުރެ ދުޢާ ކުރުން ލޯބިވެގެން ވެއެވެ."

ޢައިޝަތުގެފާނުގެ އަރިހުން ރިވާ ވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ތިމަންކަމަނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ! ތިމަންކަމަނާއަށް ليلة القدر ވިލޭރޭ ލިބިވަޑައިގެންފި ނަމަ، އެރޭގައި ތިމަންކަމަނާ ވިދާޅު ވާނީ ކޮން ދުޢާއެއްތޯއެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ކަމަނާ މިދުޢާ ކިޔުއްވާށެވެ.

 " اَلَّلهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعُفْ عَنِّي " މާނައީ: " ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ޢަފޫ ކުރައްވާ ރަސްކަލާނގެއެވެ. އަދި އިބަރަސްކަލާނގެ ޢަފޫ ކުރެއްވުމަށް ލޯބިވެވޮޑިގަންނަވައެވެ. މިއަޅާގެ ކުށްފާފަތައް ޢަފޫ ކުރައްވާދޭނވެ! "

އަދި ليلة القدر ވިލޭރޭ ގައި މިފަދަ ދުޢާތައް ގިނަގިނައިން ކުރުން ވެސް އިތުރުވެގެން ވެއެވެ.
" رَبَّنَا آتِنَا فِي الدُّنَيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ "  މާނައީ:  " އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންނަށް ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން ދެއްވާނދޭވެ! އަދި އަޅަމެން ނަރަކައިގެ ޢަޒާބުން ދިންނަވާދޭނވެ! "

"  اَللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى، وَالْعَفَافَ وَالْغِنىَ  "  މާނައީ: " ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނކޮ! ހަމަކަށަވަރުން މިއަޅާއަށް ހިދާޔަތާއި ތެދުމަގު ދައްކަވައި، ތަޤުވާވެރިއެއްކަމުގައި ލައްވާނދޭވެ! އަދި މިއަޅާއަށް ޢިއްފަތްތެރި ކުރުވައި ތަނަވަސް ކުރައްވާނދޭވެ!

" رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ  " މާނައީ: " އަޅަމެންގެ ވެރި ރަސްކަލާނކޮ! އަޅަމެންގެ އަމިއްލަ ނަފުސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފި ނަމަ، އަދި އަޅަމެންނަށް ރަޙްމަތް ނުލައްވައިފި ނަމަ، އަޅަމެންވާ ހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."

"رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وانصُرْنَا عَلَى الْقَوْمِ الْكَافِرِينَِ " މާނައީ: " އަޅަމެންގެ ވެރި ރަސްކަލާނކޮ! އަޅަމެންގެ ފާފަތަކާއި އަޅަމެންގެ ކަންތަކުގައި ހައްދުފަހަނަޅައިދިއުމުގެ ކުށް އަޅަމެންނަށް ފުއްސަވާނދޭވެ! އަދި އަޅަމެންގެ ފައިތިލަތައް ސާބިތު ކުރައްވާނދޭވެ! އަދި ކާފިރުވެގެންވާ މީސްތަކުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!

" رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ " މާނައީ: " އަޅުގެ ވެރިރަސްކަލާނކޮ! ޝައިޠާނުންގެ ވަސްވާސްތަކުން ދުރުކުރެއްވުން އެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ. އަދި އަޅުގެ ވެރިރަސްކަލާނކޮ! އެޝައިޠާނުން ތިމަންއަޅާގެ ގާތަށް ޙާޟިރުވެދާނެކަމަށްޓަކައި އިބަރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ." 

އާދެ! ليلة القدر ވިލޭރޭގެ ބާއްޖަވެރިކަން ޙާޞިލު ކުރުމަށްޓަކައި މާތްﷲއަށް ދުޢާ ކުރުމުގައި ވަޤުތުތައް ހޭދަ ކުރަންޖެހެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. " ليلة القدر ވިލޭރޭ ޖިބްރީލުގެފާނު މަލާއިކަތްބެއިކަލުންގެ ޖަމާޢަތަކާ އެކު ދުނިޔެއަށް ފައިބާ ވަޑައިގަންނަވައެވެ. މާތްﷲއަށް އަޅުކަންކޮށް ޒިކުރުކުރުމުގައި އިށީދެގެންނާއި އޮށޯވެގެން ދެމިހުރި ކޮންމެ މީހަކަށް ޖިބްރީލުގެފާނާއި މަލާއިކަތްބެއިކަލުން ދުޢާ ކުރައްވައެވެ. އަދި ޢީދު ދުވަހު މަލާއިކަތުންގެ އަރިހުގައި އެމީހުންނާ މެދު ފަޚްރުވެރިވެވަޑައިގެން މާތްﷲ ބަސް ވަޙީ ކުރައްވާނެއެވެ. ތިމަންރަސްކަލާނގެ އަޅުތަކުން ތިމަންރަސްކަލާނގެ ފަރުޟް ކުރެއްވި އަޅުކަން އަދާކޮށް ފުރިހަމަކޮށްފިއެވެ. އަދި ތިމަންރަސްކަލާނގެއަށް ދުޢާ ދެންނެވުމުގައި ދެމިތިބެ، ދުޢާ ދަންނަވައިފިއެވެ. ތިމަންރަސްކަލާނގެ ޢިއްޒަތްތެރިކަމާއި ކީރިތިވަންތަކަން ގަންދެއްވައި ވިދާޅުވަމެވެ. ތިމަންރަސްކަލާނގެ އެމީހުންގެ ދުޢާތައް އިޖާބަ ކުރައްވައި ހުށީމެވެ. ދެން ބަސް ވަޙީ ކުރައްވާނެއެވެ. ތިޔަބައިމީހުން ދާށެވެ! ފަހެ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކުއްތަށް ޢަފޫ ކުރައްވައިފީމެވެ. އަދި ތިޔަބައިމީހުންގެ ނުބައި ކަންތައް ހެޔޮކަންތައްކަމުގައި ބަދަލު ކުރައްވައިފީމެވެ. ދެން މީސްތަކުން ފާފަ ފުހެވިގެންވާ ބައެއްގެ ގޮތުގައި އެބުރި ދެއެވެ." (ރަވާހުލްބައިހަޤީ)

No comments:

Post a Comment