ކަނޑު
ފެނަކީ ދިރުން ދެމެހެއްޓުމުގެ އަސްލެވެ. ﷲ
ދުނިޔޭގައިވަނީ ފެން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލައްވަވާ، އެފެނަކީ
ދިރޭތަކެއްޗަށް ކޮންމެހެން ބޭނުންވާ އެއްޗެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
މިއީ އަދުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސައިންސްވެރީން ސާބިތު ކޮށްދީފައިވާ
ކަމެކެވެ. ފެނުގެ އެންމެ ބޮޑު ހަށިގަނޑު ނުވަތަ ވޯޓަރ
ބޮޑީ އަކީ މާސިނގާ ބިޔަ ކަނޑުތަކެވެ. ދުނިޔޭގެ ބޭރުފަށަލައިގެ 71 އިންސައްތަ ނިވާ
ކުރަނީ މި ކަނޑުތަކުންނެވެ. ކަނޑާއި އަދި އެއާ ގުޅިފައިވާ ކޯރުތަކާއި
ފެންގަނޑުތަކުންނެވެ. މިތަންތަނާ ބެހޭ އެތައް ޙަޤީގަތްތަކެއް މިއަދުވަނީ
ހާމަވެފައެވެ. މީގެ ކުރިން އިންސާނީ ސިކުނޑިއަށް ވިސްނައިގަނެވިފައި ނުވާ
ކަންތައްތަކެކެވެ.
ދުނިޔޭގައި ވަނީ އެންމެ ކަނޑެއްނޫނެވެ.
ސައިންސްވެރީން ވިދާޅުވާ ގޮތުގައި ދުނިޔޭގައި ތަފާތު އެތައް ކަނޑުތަކެއްވެއެވެ.
އަދި މި ކަނޑުތައް އެއްކަނޑު އަނެއް ކަނޑާ އެހާމެ ތަފާތެވެ. މާތް ﷲ ވަނީ
މިކަނޑުތަކާމެދު ވިސްނާ ބަޔަކަށް ހެކިތަކަކަށް ވާނެފަދައިން ލައްވަވާފައެވެ. އަދި އެކަލާނގެ މީގެ 1400 އަހަރު ކުރީން
ބާއްވައިލެއްވި މަތިވެރި ކަލާމްފުޅުގައި ކަނޑުތަކައި ބެހޭ ގޮތުން އިންސާނުންނަށް
އެޒަމާނުގައި ޚިޔާލުވެސް ކޮށްލެވިފައި ނުވާފަދަ މަޢުލޫމާތު
ބަޔާންކުރައްވާފައިވެއެވެ. އެކަލާނގެ ކީރިތި ޤުރުއާނުގެ ސޫރަތުލް ފުރުޤާންގެ 53 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
وَهُوَ الَّذِي مَرَجَ الْبَحْرَيْنِ هَذَا عَذْبٌ فُرَاتٌ وَهَذَا
مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخًا وَحِجْرًا مَّحْجُورًا
މާނައީ: "އަދި އެކަލާނގެއީ، ދެ ކަނޑު
އެއްކުރެއްވި (އެބަހީ: ކޯރުފެނާއި ކަނޑުގެ ލޮނުގަނޑު އެކުގައި ހިނގާގޮތަށްލެއްވި)
އިލާހެވެ. މިއީ މީރުކަންބޮޑު މީރު ފެނެވެ. އަދި މިއީ ލޮނުކަން ގަދަ ލޮނު ފެނެވެ.
އަދި އެކަލާނގެ އެ ދެ ކަނޑު ދެމެދުގައި، ހުރަހެއްލައްވައި، އަދި އެ ދެމެދު
މަނާކުރަނިވި ފަރުދާއެއް ލެއްވިއެވެ."
މިއާޔަތުގައި މިވަނީ އޯޝަނޯގްރާފަރުން ނުވަތަ
ކަނޑާބެހޭ ދިރާސާތައް ކުރައްވާ ބޭފުޅުންނަށް ދާދިފަހުން ހޯދިފައިވާ ހޯދުމެކެވެ. އެ
ހޯދުމަކީ ދެ ކަނޑެއްގެ ފެން އެއްކަނޑާއި އަނެއްކަނޑު ޖެހިޖެހިގެން އޮންނައިރުވެސް
އެއްނުވާކަމެވެ. ހަމަ އެކަނި ފެނެއްނޫނެވެ. ދެ ކަނޑުގައިވާ މަޢުދަންތަކުގެ
އެކުލެވުން ވެސް އެއްނުވެ، އެކަނޑަކަށް ޚާއްސަވެފައިވާ އެކުލެވުން
ކޮންމެކަނޑެއްގައިވެސް ބަދަލެއްނައިސް ހުންނަކަމެވެ. ފިކުރުކުރާ ބަޔަކަށް މިއީ ޢިބުރަތްތެރި
ފިލާވަޅެކެވެ. ފެން އެއްވެސް
ހުރަހެއްނެތި އެހެންނަމަވެސް އެއްނުވެ ހުރެދާނެ ކަމަށް، އަޅުގަނޑުމެން
މާމޮޅުކަމަށް މިދަޢުވާކުރާ އަދި ދީނީ ޙުކުމްތަކަށް
ގޮތްކިޔަން މިބޭނުންކުރާ އިންސާނީ ސިކުނޑިއަށް ޤަބޫލުކުރަން ދައްޗެވެ. ނަމަވެސް
މިއީ ޙަޤީގަތެވެ. ނުވަތަ މިޒަމާނުގެ ސައިންސް ވެސް މިކަމަށް ހެކިދެއެވެ.
މުއުމިނަކަށް މިއީ ބޭނުންވާ ހެއްކެއްނޫނެވެ. ކީރިތި ޤުރުއާން ހެއްކަކަށް ފުދެއެވެ.
މިކަންތައް މިހެންވުމަށް ﷲ މެދުވެރިކުރަށްވާފައިވަނީ ފެނުގެ މޮލިކިއުލްތަކުގެ
މެދުގައިވާ ދަމާބާރެވެ. މިދަމާބާރާއި ފެނުގެ ޑެންސިޓީ އެކުވެ ދެފެންގަނޑު
ދޭތެރޭގައި ފާރެއްގެ ދައުރު އަދާކުރެއެވެ. އެމޭޒޯން ކޯރާއި އެޓްލާންޓިކް
ކަނޑުގުޅޭސަރަހައްދުގައި އޯޝަނޯގްރާފަރުންނަށް މިކަންވަނީ ފެނިފައެވެ. ކޯރުގެފެން
ކަނޑުގެތެރެއަށް އައިސް 200 މީޓަރަށް ދާއިރުވެސް ބަދަލެއްނާދެއެވެ. ކަނޑާއި
ކޯރުގެފެނުގެ ރަހައާއި، ކުލައާއި، ވަހުގައިވާ ތަފާތު ކިތަންމެ ބޮޑުވި ކަމުގައި
ވިޔަސްމެއެވެ.
ކަނޑުތަކަކީ އަޑި ނޭންގޭހައި ފުން ކައިރިވެސް
ނުފެންނަހައި އަނދިރި ތަނެކެވެ. ދުނިޔެއަށް އިރުން މިލިބޭ އަލި ކަނޑަށް ފޯރަނީ
އޯޒޯންލޭޔާރ އަދި ވިލާތަކުގެތެރެއިން ފުރޭނިގެންނެވެ. މި އަލީގެ 30 އިންސައްތަ
ކަނޑުގެ ފެންގަނޑުގައި ޖެހުމާއިއެކު އެނބުރިދެއެވެ. ނުވަތަ ރިފްލެކްޓްވެއެވެ.
ކަނޑުގެ އަޑިއަށް ފޯރާއަލި ދަތުރުކުރަނީ ގާތްގަނޑަކަށް 100 މީޓަރަށެވެ. އެއަށްވުރެ
ފުނަށް (200 މީޓަރަށް) ދަނީ އެންމެ އިންސައްތައެއްގެ އައްޔެވެ. އެއަށްފަހު އެއަށްވުރެފުނަށް
އައްޔައްދަތުރެއް ނުކުރެވެއެވެ. އަދި އެފުންމިނުގައި ވަނީ ކަނު އަނދިރިކަމެވެ.
މިގޮތުން ތަފާތު މިންވަރަށް އެއްކަނޑެއްގައި އަނދިރިކަންވެއެވެ. ޒަމާނީ ފީނުމުގެ
އާލާތްތައްބޭނުންކޮށްގެން މިއަދު އިންސާނުންވަނީ މިފުންމިނަށް ދާންފަށާފައެވެ.
ނަމަވެސް އެއީވެސް މަދު ފަހަރަކުއެވެ. ސަބަބަކީ އާދައިގެ ފީނުމުގެ އާލާތް ބޭނުން
ކޮށްގެންވެސް ފީނެނީ 30 ނުވަތަ 40 މީޓަރު އަޑިއަށެވެ. 100 ނުވަތަ 200 މީޓަރު
އަޑިއަގައި އިންސާނަކަށް އާދައިގެ ފީނާސޫޓެއްގައި ދިރިއެއް ނުހުރެވޭނެއެވެ.
އެހެންކަމުން ޚާއްސަ ސަބްމެރީންފަދަ އުޅަދުފަހަރަށް މެނުވީ މިފުންމިނަށް
ދެވޭކަމަކަށް ނުވެއެވެ. ނަމަވެސް މިފަދަ އާލާތްތައް ނެތްޒަމާނެއްގައި
ކީރިތިޤުރުއާން ބާއްވައިލެއްވުނުއިރު މި ޤުރުއާނުގެ ސޫރަތުއް ނޫރުގެ 40 ވަނަ
އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުން ކާފިރުންނާއި މުނާފިޤުން
އިސްލާމްދީނޭކިޔައިގެން ދޮގު ވާހަކަތައް ދައްކަމުންދާ ދޫތައް ބަންދުކުރިއެވެ.
މުއުމިނުންނަށް އެބައިމީހުންގެ އީމާންކަން އިތުރުވެ އެޤުރުއާން ބައްވައިލެއްވި
އިލާހުގެ ޝަރީޢަތުގައި ހިފުމަށް ހުއްޖަތަކަށް މިއާޔަތްވެސް ފުދެއެވެ.
"أَوْ كَظُلُمَاتٍ فِي بَحْرٍ
لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌ ظُلُمَاتٌ
بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا وَمَن لَّمْ
يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِن نُّورٍ"
މާނައީ: " ނުވަތަ (ކާފަރުވި މީހާ) ފުންކަނޑެއްގައިވާ
އަނދިރިތަކެއްފަދައެވެ. އެ ކަނޑުގައި ފެތުރިފައިވަނީ، ރާޅުތަކުގެ މައްޗަށްވާ ރާޅުތަކެކެވެ.
އޭގެމަތިން ވިލާތައްވެއެވެ. މަތިމައްޗަށްހުރި އަނދިރިތަކެކެވެ. އެމީހާގެ
އަތްނެރުނަސް، އެ ފެންނާންވެސް ގާތްނުވެއެވެ. ފަހެ އެމީހަކަށް ﷲ
އަލިކަމެއްލައްވާފައި ނުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާޔަށް އެއްވެސް އަލިކަމެއް ނުވެއެވެ. "
މިއާޔަތުގައި ބަޔާންވެގެން އައިސްފައިމިވާ
ރާޅުތަކުގެ ވާހަކައަށް ފިކުރުހިންގާލާއިރު ވިސްނެނީ ސައިންސްގެ އިތުރު ހޯދުމެކެވެ.
އޯޝަނޯގްރާފަރުން ބުނާގޮތުގައި ރާޅު އުފެދެނީ ހަމައެކަނި ކަނޑުގެ
މަތީގައެއްނޫނެވެ. ނަމަވެސް ބިޔަ އަދި ފުން ކަނޑުތަކުގެ އަޑީގައި، މަތީގައި އުފެދޭ
ރާޅުތަކަށްވުރެ އެތައްގުނަ ބޮޑެތި ރާޅު އުފެދެއެވެ. މާނައަކީ ރާޅުތަކުގެ މައްޗަށް
ރާޅުތައްވެއެވެ. މަތީގައި އުފެދޭ ރާޅުތައް ބިންދާފަދައިން ކަނޑުގެއަޑީގައި
މިއުފެދޭ ރާޅުވެސް ނެގުމަށްފަހުބިންދައެވެ. ނަމަވެސް މިއީ އިންސާނާގެ ލޮލަށް
ފެންނަ ރާޅުތަކެއްނޫނެވެ. މި ރާޅުތަކައި ބެހޭގޮތުން އެނގޭނީ ކަނޑައެޅޭ ވަކި
ހިސާބެއްގައި ފެނުގެ ފިނިހޫނުމިނަށް އަންނަބަދަލު ނުވަތަ، ފެނުގައި ލޮނުގެ
އަސަރުހުންނަ މިނަށް އަންނަ ބަދަލު ދިރާސާކޮށްގެންނެވެ. މިފަދަ ދިރާސާއެއްކުރާނެ
ވަސީލަތެއް މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ނުހުންނާނެކަމީ
ޝައްކެއްވެސް އޮތްކަމެއްނޫނެވެ. ކީރިތި ޤުރުއާނަކީ އެކަލޭގެފާނު
އަމިއްލައަށް ހަދައިގެން ގެނައި ވާހަކަތަކެއްކަމަށް ބުނާމީހުން މިކަމާމެދު ބުނާނީ
ކީކޭތޯއެވެ؟ އިންސާނަކަށް އެނގުމެއްނުވާ މި މައުލޫމާތު އުއްމިއްޔަ ނަބިއްޔާ
ގެންނެވި ކީރިތި ޤުރުއާނުގައި ބަޔާންވެފައި މިވަނީ އާޔަތެއް ނުވަތަ ހެއްކެއްގެ
ގޮތުގައެވެ. ޚާލިޤުވަންތަ އިލާހެއް ވޮޑިގެންވާކަމުގެ ހެއްކެއްގެ ގޮތުގައެވެ.
އެއިލާހުގެ ޢިލްމުފުޅުގެ ތަނަވަސްކަމުގެ ހެއްކެއްގެ ގޮތުގައެވެ. އެއިލާހު
އަޅުގަނޑުމެންނަށް ބައްލަވާވޮޑިގެންވާކަމުގެ ހެއްކެއްގެ ގޮތުގައެވެ.
މާތް ﷲ ކީރިތި ޤުރުއާނުގެ ސޫރަތު صގެ 87 އަދި 88 ވަނަ އާޔަތުގައި ވަޙީކުރަށްވާފައިވެއެވެ.
" إِنْ هُوَ إِلَّا ذِكْرٌ
لِّلْعَالَمِينَ - وَلَتَعْلَمُنَّ
نَبَأَهُ بَعْدَ حِينٍ"
މާނައީ: ޢާލަމްތަކަށްވާ، ހަނދާންކޮށްދިނުމެއް
ކަމުގައި މެނުވީ އެ ޤުރުއާން ނުވެއެވެ. (87) ހިނދުކޮޅެއްގެފަހުން އޭގެ ޚަބަރު
(އެބަހީ: އެއީ ތެދުކަން) ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭހުއްޓެވެ.
No comments:
Post a Comment