ޝިފާ ލިބިދެނިވި
ކަންތައްތައް ޤުރްއާނާއި ޙަދީޡުގެ އަލީގައި
އިސްލާމު ކަމުގެ މަތިވެރި ނިޢުމަތަށް ފަހު،
އިންސާނާއަށް ލިބޭނެ އެންމެ ބޮޑު އެއްނިޢުމަތަކީ ބާއްޖަވެރި ދިރިއުޅުމަކާއި
ފުރިހަމަ ޞިއްޙަތެކެވެ. އަމަންއަމާންކަމާއި ހިތްހަމަ ޖެހުމެވެ. އުފާފާގަތި ކަމާއި އަޚުވަންތަ
މުޖުތަމަޢެކެވެ. މިހެންވެ ފުރިހަމަ ޞިއްޙަތެއްގެ މުހިއްމުކަން ބަޔާން ކުރައްވާ
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވާފައި ވެއެވެ. " نِعْمَتَانِ مَغْبُوْنٌ فِيْهِمَا كَثِيْرٌ مِنَ النَّاسِ الصِّحَةُ وَالْفَرَاغُ " ( رواه البخارى)
މާނައީ:
" ދެނިޢުމަތެއް ވެއެވެ. އެދެނިޢުމަތަށް ވަރަށް ގިނަ މީހުން ފަރުވާ
ކުޑަކުރެއެވެ. (އެއީ) ފުރިހަމަ ޞިއްޙަތާއި ހުސްވަޤުތެވެ."
އެހެންކަމުން ބަލިތަކުން ޝިފާ އާއި ފަރުވާ ލިބި، ތިމާގެ ފުރާނައަށް ދިރުން
ލިބުމަކީ މީހާއަށް އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ޙާޞިލުވުމުގެ މަގެވެ.
އިސްލާމުދީނު ގައި މީހާއަށް ހިތްހަމަޖެހުން ލިބި، ޟަމީރަށް ދިރުން ލިބޭނެ
ކަންތައްތަކާއި އަދި ޙާޞިލު ކުރާނެ ގޮތް ބަޔާން ކުރައްވާފައި ވެއެވެ. އަދި
ބަލިތަކުން ފަރުވާ ލިބޭނެ ގޮތްތަކާއި ލިބިގަންނާނެ ކަންތައްތައް ވެސް
އިސްލާމުދީނުގައި ބަޔާން ކުރައްވާފައި ވެއެވެ. މިކަންތައްތަކުގެ ސަބަބުން މީހާއަށް
ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަން ޙާޞިލުވެގެން ދާނެއެވެ.
ޝިފާ ލިބިދެނިވި ފުރަތަމަ ކަންތައް:
ކީރިތިޤުރްއާން
ކީރިތިޤުރްއާނަކީ އިންސާނާގެ މުޅި ޢަމަލީ
ޙަޔާތް ބިނާ ކުރުމުގެ އިލާހީ ދަސްތޫރެވެ. މުސްލިމުންގެ އުޅުމާއި ސުލޫކު ބިނާ
ކުރަން ޖެހޭ ގޮތުގެ ޤާނޫނެވެ. އަދި އެފޮތަކީ މުސްލިމުންގެ ހިތާއި ފުރާނަ އާއި ޟަމީރުގެ
ޣިޛާއެވެ. އަދި ޤުރްއާނަކީ ބަލިތަކުން ރައްކާތެރި ވުމުގެ އައްޑަނައެވެ. އެފޮތް
ކިޔަވާ ތިލާވަތު ކުރުމުން މީހާގެ ހިތަށް ދިރުންދީ، ހިތްހަމަޖެހުމާއި އުފާވެރިކަން
ޙާޞިލު ވެއެެވެ. ދިރިއުޅުމުގެ ޝައުޤުވެރިކަން މީހާގެ ހިތުގައި އުފައްދައި ދެއެވެ.
އަދި ޤުރްއާން ކިޔަވައ، ތިލާވަތު ކުރާ މީހާއަށް ގިނަގުނަ ސަވާބު އާއި އަޖުރު
ހުއްޓެވެ. ޤުރްއާނަކީ މުއުމިނުން ނަށް ހުރި ޝިފާއެއް ކަން އަންގަވާފައި ވެއެވެ.
މިކަން އަންގަވާ މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. " وننـزِّل من القـرآن ما هو شفاء ورحمة للمؤمنين " ( الإسراء : 82)މާނައީ: " އަދި
ތިމަންރަސްކަލާނގެ ޤުރްއާނުން ބާވާލެއްވީ މުއުމިނުންނަށް ޝިފާ އާއި
ރަޙްމަތެކެވެ."
މާތްﷲ ރުއްސުން ލެއްވި ޢަލީގެފާނު އަރިހުން
ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލއިހި ވަސައްލަމަ ޙަދީޡް ކުރައްވާ އަޑު
ތިމަންކަލޭގެފާނު އެއްސެވީމެވެ. " ތިޔަބައިމީހުން ދެނެ ތިބޭށެވެ. އަންނަށް
އޮތް ތަނުގައި ފިތުނަވެރިކަމެއް އުފެދޭނެއެވެ. (ޢަލީގެފާނު ވިދާޅުވިއެވެ.)
ތިމަންކަލޭގެފާނު ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ! އެފިތުނަވެރިކަމުން ސަލާމަތްވާނެ
ގޮތަކީ ކޮބައިތޯއެވެ؟ ޙަދީޡް ކުރެއްވިއެވެ. ތިޔަބައިމީހުން ﷲގެ ފޮތަށް ޢަމަލު
ކުރާށެވެ. އެފޮތުގައި ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ ވާހަކަތައް ވެއެވެ.
އަދި އަންނަށް އޮތް ތަނުގައި ހިނގާނެ ކަންކަމުގެ ވާހަކަތައް ވެސް ވެއެވެ. އަދި
ތިޔަބައިމީހުންގެ މެދުގައި ހިނގާ ކަންކަމުގެ ޙުކުމުތައް ވެސްވެއެވެ. އެއީ ޙައްޤާއި
ބާޠިލު ވަކިކުރަނިވި ފޮތެވެ. ބޮޑާކަމާއި ކިބުރުވެރިކަމާއި ހުރެ އެފޮތަށް ޢަމަލު
ނުކޮށްފިމީހާ، ﷲ ހަލާކު ކުރައްވާ ނިކަމެތި ކުރައްވާ ހުއްޓެވެ. އެފޮތުން ނޫން
އެހެން ގޮތަކަށް ތެދުމަގު ހޯދަން އުޅެފިމީހާ، ﷲ މަގު ފުރައްދަވާ ހުއްޓެވެ. އަދި
އެފޮތަކީ ﷲ އާ ކުއްތަށް ކުރުވަނިވި ގަދަފަދަ ވަސީލަތެކެވެ. އަދި އެއީ ޙިކުމަތްތެރި
ބަސްފުޅުތަކެވެ. އަދި އެއީ ސީދާވެގެންވާ ތެދުމަގެވެ. އަދި އެފޮތް ކިޔެވުމަކީ
ދޫމައްޗަށް އުނދަގޫ ކަމެއް ނޫނެވެ. އެފޮތުގައިވާ ޙިކުމަތާއިމެދު ޢިލްމުވެރިން
ދުވަހަކުވެސް ފޫހި ނުވާހުއްޓެވެ. އެފޮތުގެ ޢިލްމުތަކަކީ އެއަށް ނިމުމެއްވާ
އެއްޗެއް ނޫނެވެ. އެފޮތުގެ އަޖާއިބުތަކަށް ފަނާވުމެއް ނެތެވެ. އެފޮތަކީ (އެފޮތް
ކިޔެވޭ އަޑުއެހުމާއިއެކު) " ހަމަކަށަވަރުން ތިމަންމެން އަޖާއިބުވާފަދަ ޤުރްއާނެއްގެ
އަޑު އަހައިފީމުއެވެ. އެޤުރްއާން މަގު ދައްކަނީ ޙައްޤު ތެދުމަގަށެވެ. ފަހެ،
ތިމަންމެން އެޤުރްއާނަށް އީމާންވެއްޖައީމުއެވެ." މިހެން ބުނުމަށް
ޖިންނީންނަށް މަޖުބޫރު ވީފޮތެވެ. އެފޮތުގައިވާ ގޮތްތަށް ބުނެފިމީހާއީ ތެދުބަސް
ބުނާމީހެކެވެ. އެފޮތުގައިވާ ގޮތަށް ޢަމަލުކޮށްފި މީހާއަށް ދަރުމައާއި ޘަވާބު
ލިބޭހުއްޓެވެ. އެފޮތުގައި ވާގޮތަށް ޙުކުމްކޮށް ނިޔާ ކަނޑައަޅައިފި މީހާ ޢަދުލުވެރި
ވެއްޖެއެވެ. އަދި އެފޮތުގައިވާގޮތަށް ޢަމަލުކުރުމަށް (މީސްތަކުންނަށް)
ގޮވާލާމީހާއީ ތެދުމަގަށް މަގުލިބިފައިވާ މީހެކެވެ." (ރަވާހުއްތިރުމިޛީ).
ކީރިތިޤުރްއާނަކީ އެންމެ ރަގަނޅު ފަރުވާކަން
ބަޔާން ކުރައްވާ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. " خَيْرُ الدَّوَاءِ الْقُـرْآنَ " ( رواه ابن ماجـه)މާނައީ: "
ކީރިތިޤުރްއާނަކީ އެންމެ ރަގަނޅު ފަރުވާ އެވެ."
ކީރިތިޤުރްއާނުގެ ގިނަ އާޔަތްތަކަކާއި ސޫރަތް
ތަކަކީ މާއްދީ ބަލިތަކަށާއި ރޫޙާނީ ބަލަިތަކަށް ޝިފާއެކެވެ. އެހެންކަމުން
ކީރިތިޤުރްއާނުން ފަރުވާ ލިބި ގަތުމަކީ ދީނުގައި ހުއްދަ ކަމެކެވެ. الإمام ابن القيم رحمه الله ވިދާޅުވެފައި
ވެއެވެ. " ކީރިތިޤުރްއާނަކީ ހިތާއި ހަށިގަނޑުގެ ހުރިހާ ބަލިތަކެއްގެ
ފަރުވާއެވެ. އަދި ދުނިޔެ އާއި އާޚިރަތުގެ ކާމިޔާބީގެ ރާސްތާއެެވެ. ފުރިހަމަ އީމާން
ކަމާއި އިޢްތިޤާދާއި އަދި ތެދުވެރިކަމާއި އެކު ފަރުވާ ލިބިގަނެފި ނަމަ، ކީރިތިޤުރްއާނަށް ވުރެ
ބަލިތަކަށް ހުރި ރަގަނޅު ފަރުވާއެއް ނުވެއެވެ. އުޑާއި ބިމުގެ ވެރިރަސްކަލާނގެ ބަސްފުޅު
ފަރުބަދަތަކުގެ މައްޗަށް ނުވަތަ ބިމަށް ބާވާ ލެއްވި ނަމަ ފަރުބަދަތައް ފުޑުފުޑުވެ،
ބިން ފަޅަފަޅައިގެން ދާނެކަން އަންގަވާފައި ވާ އިރު އޭގެން ބަލިތަކަށް ފަރުވާ
ނުލިބިދާނެތޯއެވެ؟ ހިތާއި ހަށިގަނޑުގެ ބަލިތަކުގެ ތެރެއިން ކޮންމެ ބައްޔަކަށް
ފަރުވާއެއް ނުވަތަ އެބަލިން ރައްކާތެރިވުމުގެ މަގު ކީރިތިޤުރްއާނުގައި
ވާރިދުވެގެން ވެއެވެ. އެބަރަކާތްތެރި ފޮތުން ޝިފާއެއް ނުލިބިއްޖެ މީހަކަށް
އެއްވެސް ޝިފާއެއް ނެތެވެ. އަދި އެފޮތުން ރައްކާތެރި ކަމެއް ނުލިބިއްޖެ ނަމަ
އެމީހަކަށް އެއްވެސް ރައްކާތެރި ކަމެއް ނެތެވެ." ( زاد المعاد في هدي خير العباد 4/352)
އަދި الأستاذ سيّد قطب رحمه الله ވިދާޅުވެފައިވެއެވެ.
" ކީރިތިޤުރްއާނަކީ ވަސްވާސްތަކުންނާއި ކަންބޮޑުވުންތަކާއި ހާސްކަން
ފިލުވައިދީ، އެކަންތައްތަކުގެ އެންމެ ފުރިހަމަ ފަރުވާއެވެ. ޤުރްއާނުން އިންސާނާގެ
ހިތަށް ހަމަޖެހުމާއި ސުކޫން ލިބިދެއެވެ. އަދި ހިތްތަކުގެ ނޫރުކަމުގައި ވެއެވެ.
އަދި ޤުރްއާނަކީ ޙަސަދަވެރިކަމާއި ނުބައި ޚިޔާލުތަކާއި ޝައިޠާނީ ހެއްލުންތަކުގެ
ވެސް ފަރުވާއެވެ." (عليكم بالشفائين العسل والقرآن للدكتور محمد كمال عبد العزيز، ص:7)
ކީރިތިޤުރްއާނު ގައި ބަލިތަކުން ފަރުވާ ލިބިގަނެ،
ޖިއްނިޝައިޠާނުންގެ ކިބައިންނާއި މުޞީބާތްތަކުން ރައްކާތެރިކަން ލިބިދޭ ގިނަ
ކަންތައްތައް ބަޔާން ކުރައްވާފައި ވެއެވެ. ކީރިތިޤުރްއާނުގެ ގިނަ
ސޫރަތްތަކުގައްޔާއި އާޔަތްތަކުގައި ތާސީރުތަކަކާއި ފަރުވާތަކެއް ވެއެވެ. الإمام ابن الحاج އެކަލޭގެފާނުގެ " المدخل " އޭ ކިޔުނު ފޮތުގައި الإمام أبو القاسم القشيريގެ
ކިބައިން ނަކަލު ކުރައްވާފައިވެއެވެ. الإمام أبو القاسم ވިދާޅުވިއެވެ."
އެއްފަހަރަކު ތިމަންގެ ދަރިފުޅު ވަރަށް ބޮޑަން ބަލިވިއެވެ. އަދި އެދަރިފުޅާމެދު
ތިމަން ކަން ބޮޑުވެ، ހަދާނެ ގޮތް ހުސްވިއެވެ. އެއްރެއަކު ތިމަން ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމަ ހުވަފެނުގައި ދުށީމެވެ. އަދި ކީރިތިޤުރްއާނުގައިވާ" آيات الشفاء " (ޝިފާގެ އާޔަތްތައް) ތަކުން ފަރުވާ ލިބނުގަންނަށްތޯ ސުވާލު
ކުރެއްވިއެވެ. އެހިނދު ތިމަން ކީރިތިޤުރްއާނުގައި ޝިފާގެ އާޔަތްތަކާ މެދު ވިސްނާ
ފިކުރު ކުރީމެވެ. ކީރިތިޤުރްއާނުގައި ޝިފާއާ
ބެހޭ ގޮތުން ހަ އާޔަތެއްގައި ވާރިދުވެފައިވެއެވެ. އެއީ:
" وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ " (سورة التوبة:14)
" يَا أَيُّهَا النَّاسُ قَدْ جَاءتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ" (سورة يونس: 57)
" يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاء لِلنَّاسِ" (سورة النحل:69)
" وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاء وَرَحْمَةٌ لِّلْمُؤْمِنِينَ وَلاَ يَزِيدُ الظَّالِمِينَ إَلاَّ خَسَارًا" (سسورة الإسراء:82)
" وَإِذَا مَرِضْتُ فَهُوَ يَشْفِينِ " (سورة الشعراء: 80)
" قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاء " (سورة فصلت:44)
الإمام أبو القاسم ވިދާޅުވިއެވެ. ދެން ތިމަން
މިއާޔަތް ކިޔަވާފައި ދަރިފުޅުގެ ގަޔަށްފުމެ، އަދި އޭގެ ފެން ބޯން ދިނުމުން ﷲގެ
އިރާދަފުޅުން ޝިފާ ލިބި އޭނާގެ ބަލިން ރަނގަޅު ވިއެވެ.
މިފަދަ ޝިފާ ލިބިދެނިވި ސޫރަތްތަކާއި
އާޔަތްތަކުގެ ތެރެއިން:
1- سـورة الفاتحـة : މިސޫރަތަކީ ކީރިތިޤުރްއާނުގެ
ސޫރަތްތަކުގެ ތެރެއިން އެންމެ އިތުރުކަން ބޮޑު ސޫރަތެވެ. މިސޫރަތަށް أم الكتاب (ފޮތުގެ
މަންމަ) ގެ ނަން ވެސް ލިބިގެން ވެއެވެ. އަދި މިސޫރަތުގެ ނަންތަކުގެ ތެރޭގައި الشافية ، الراقية އަދި الكافية ފަދަ
ނަންތައް ވެސް ވެއެވެ. އަދި މިސޫރަތުގެ އާޔަތްތަކުގެ މާނަ އަށް ވިސްނާ، ތަދައްބުރު
ކުރުމުން ވެސް މިސޫރަތުގެ މާތްކަން އެނގިދެއެވެ. މިސޫރަތުގެ މާތްކަން ބަޔާން
ކުރައްވާ ابن عباس رضي الله عنهما ރަސޫލު
ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާ ކުރައްވާފައި ވެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި
ޖިބުރީލުގެފާނު އިންނަވަނިކޮށް މަތިން އަޑެއް އިވުނެވެ. އެހިނދު ޖިބްރީލުގެފާނު
އުޑަން ބައްލަވާލައްވާފައި ވިދާޅު ވިއެވެ. މިއަދު އުޑުން މީގެ ކުރިން ދުވަހަކު
ވެސް ނުހުޅުވޭ ދޮރެއް ހުޅު ވިއްޖެއެވެ. އަދި މަލާއިކަތްބެއިކަލުންގެ ތެރެއިން
ދުވަހަކު ވެސް ބިމަށް ފައިބާވަޑައި ނުގަންނަވާ ބެއިކަލަކު ފައިބާވަޑައި
ގެންފިއެވެ. ދެންް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ސަލާމު ކުރައްވާ
ވިދާޅުވިއެވެ. މުޙައްމަދުގެފާނެވެ! ކަލޭގެފާނަށް އުފާވެރިކަން ހުއްޓެވެ.
ކަލޭގެފާނުގެ ކުރިން އެއްވެސް ނަބީ ބެއިކަލަކަށް ނުދެއްވާ، ދެނޫރު ކަލޭގެފާނަށް
ދެއްވައިފިއެވެ. އެއީ فاتحة الكتاب (سـورة الفاتحـة) އާއި ބަޤަރާ ސޫރަތުގެ ފަހު އާޔަތްތަކެވެ.
އޭގެން އަކުރެއް ކަލޭގެފާނު ކިޔަވާ ވިދާޅު ވެއްޖެ ނަމަ، އޭގެ ސަވާބު ލިބޭ
ހުއްޓެވެ."( رواه مسلم)
އެހެންކަމުން سـورة الفاتحـة ގައި މާއްދީ ގިނަ ބަލިތަކަށާއި ރޫޙާނީ
ކަންތައްތަކަށް ގިނަ ޝިފާތަކެއް ވެއެވެ. އަދި سـورة الفاتحـة ގައި ދެއްކުންތެރިކަމާއި ބޮޑާކަމާއި ކިބުރުވެރިކަމާއި
ޖަހާލަތާއި ނޭއްގާނީކަން ފަދަ ބަލިތަކުގެ ޝިފާވެސްވެއެވެ. "إِيَّاكَ نَعْبُدُ" އަކީ ދެއްކުންތެރިކަމުގެ
ފަރުވާއެވެ. " وإِيَّاكَ نَسْتَعِينُ " އަކީ ކިބުރުވެރިކަމާއި
ބޮޑާކަމުގެ ފަރުވާއެވެ.އަދި " اهدِنَا الصِّرَاطَ المُستَقِيمَ " އަކީ ޖާހިލުކަމާއި މަގުފުރެދުމުން
ސަލާމަތްވުމުގެ ފަރުވާއެވެ. އަދި މިސޫރަތުން ފަރުވާ ލިބި ގަތުމަކީ ހުއްދަ
ކަމެކެވެ.
أبو سعيد الخدرى رضي الله عنه ގެ
އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ
ޢަލައިހި ވަސައްލަމަގެ އަޞްޙާބު ބެއިކަލުންގެ ތެރެއިން ބަޔަކު ދަތުރެއް ގައި
ނުކުންނެވިއެވެ. އަދި ޢަރަބި ޤަބީލާތަކުގެ ތެރެއިން ޤަބީލާއެއްގައި މަޑު
ކުރައްވައި، އެމީހުންގެކިބައިން މެހްމާންދާރީ އަށް އެދުނެވެ. އެމީހުން
އެބެއިކަލުންނަށް މެހްމާންދާރީ ދިނުމަށް އިންކާރު ކުރިއެވެ. އޭރު އެމީހުން އުޅެނީ
އެޤަބީލާގެ ބޮޑުމީހާގެ ގައިގައި އެއްޗެއް ކަށި ޖަހައިގެންނެވެ. އެމީހުން އޭނާ
ރަގަނޅު ކުރުމަށް ކުރި މަސައްކަތްތަކުން އެއްވެސް މަންފާ އެއް ނުކުރެއެވެ.
އެމީހުންގެ ތެރެއިން ބަޔަކު އަޞްޙާބުބެއިކަލުންގެ އަރިހަށް އައިސް އެކަމާ ބެހޭ
އެއްވެސް ޢިލްމެއް ވޭތޯ ސުވާލު ކުރިއެވެ. އަހަރަމެންގެ ވެރިމީހާގެ ގަޔަށް ވަނީ
އެއްޗެއް ކަށި ޖަހާފައެވެ. ތިމަންމެން އޭނާއަށް ފަރުވާއެއް ލިބޭތޯ ކުރި
މަސައްކަތުން އެއްވެސް މަންފާއެއް ނުކުރެއެވެ. ތިޔަބެއިކަލުންގެ އަތްޕުޅުގައި
އެކަމަށް އެއްވެސް ފަރުވާއެއްވޭތޯއެވެ؟ އަޞްޙާބު ބެއިކަލުންގެ ތެރެއިން ބައެއް
ބެއިކަލަކު ދެންނެވިއެވެ. ހަމަކަށަވަރުން ތިމަން ފަންޑިތައްއެއް ހަދައި އޭނާއަށް
ފަރުވާއެއް ހޯއްދަވާ ދެއްވާނަމެވެ. އެކަމަކު ތިމަންމެން ކަލޭގެމެންގެ ކިބައިން
މެހްމާންމާންދާރީއަށް އެދުމުން މެހްމާންދާރީ ނުދިނުމުން މިކަމުގައި އުޖޫރައެއް
ދޭން ޖެހެއެވެ. އެމީހުން ބަކަރިތަކެއް ދޭނެ ކަމަށް އެއްބަސްވިއެވެ. ދެން އެމީހާގެ
މައްޗަށް سـورة الفاتحـة ކިޔަވައި ފުމެލެއްވުމުން އެކަމުން ރަގަނޅު
ވިއެވެ. އަދި ކުރިއެކޭ އެއްގޮތަށް ހިނގާ ބިނގާ އުޅެން ފަށައިފިއެވެ. މިވާހަކަ
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ދެންނެވުމުން ޙަދީޡް ކުރެއްވިއެވެ.
" ތިޔަބައިމީހުންގެ ތިޔަ ޢަމަލު ރަގަނޅެވެ. އެބަކަރިތައް ތިޔަބައިމީހުންގެ
ތެރޭގައި ބަހާށެވެ. އަދި އޭގެން ބައެއް ތިމަންކަލޭގެފާނަށް ވެސް
ދެންވާށެއެވެ." ( رواه البخارى ومسلم)
الإمام الغزالي رحمه الله ވިދާޅުވިއެވެ. " މިޙަދީޡުން ވަރަށް ގިނަ
ކަންތައްތަކެއް ހާމަވެގެންދެއެވެ. ފަހެ، سـورة الفاتحـة ގައިވާ ﷲގެ ސިފަފުޅުތަކާއި ދުޢާތަކުގެ
ސަބަބުންسـورة الفاتحـة އަކީ އެންމެ މަތިވެރި ސޫރަތެވެ. އެސޫރަތުން ކިޔަވާ
މީހާއަށާއި ކިޔެވޭ މީހާއަށް ވެސް މަންފާތަކެއް ކުރެއެވެ." (الاستشفاء بالدعاء للشيخ إبراهيم الجمل، ص: 65)
މިސޫރަތުގެ ތާސީރު ބަޔާން ކުރައްވާ الإمام ابن القيم رحمه الله ވިދާޅުވެފައި
ވެއެވެ. އެއްފަހަރަކު ތިމަންކަލޭގެފާނު ވަރަށް ބޮޑަން މައްކާ ގައި ބަލިފުޅުވިއެވެ.
އަދި ބޭސްކުރާނެ ޙަކީމަކާއި ބޭހެއް ވެސް ލިބިވަޑައި ނުގަތުމުން އަމިއްލަފުޅަށް سـورة الفاتحـة އިން ފަރުވާ ކުރައްވަން ފެއްޓެވީމެވެ.
ޒަމްޒަމްފެނަށް މިސޫރަތް ކިޔަވާފަ، ބޯންފެށީމެވެ. ދެން އިސާހިތަކުން ރަގަނޅުވ،
ޝިފާ ލިބިއްޖެއެވެ. އަދި ވަރަށް ގިނަ ބަލިތަކުގެ ޝިފާއެއްގެ ގޮތުގައި އެސޫރަތް
ކިޔަވަން ފެށުމުން އޭގެ މަންފާ ލިބިގެން ދިޔައެވެ." ( زاد المعاد في هدي خير العباد 3 / 122)
2- آية الكرسي: آية الكرسي ބަލިތަކުންނާއި ޝައިޠާނީ
އުދަނގޫތަކުންނާއި ވަސްވާސްތަކުންރައްކާތެރިކަން ލިބިދެއެވެ. އެހެންކަމުން آية الكرسي އަށް
އަމާންކަމާއި ރައްކާތެރިކަމުގެ އާޔަތުގެ ނަމުން ނަންދެވިގެންވެއެވެ. أبي بن كعب رضي الله عنه ގެ
އަރިހުން ރިވާ ވެގެން ވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް
ކުރެއްވިއެވެ. أبو المنذر އެވެ! ކީރިތިޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން
އެންމެ އިތުރުކަން ބޮޑު އާޔަތަކީ ކޮބައިކަން ދެނެވަޑައިގަންނަވަމުތޯއެވެ؟ أبي ގެފާނު ވިދާޅުވިއެވެ. އާއެކެވެ. އެއީ اللّه لا إلــهَ إلاَّ هو الحيّ القيّوم އެވެ. (އެބަހީ:آية الكرسي އެވެ.) އެހިނދު ރަސޫލު ﷲ ޞައްލަ ﷲ
ޢަލައިހި ވަސައްލަމަގެ أبيގެ
މެއި ގައި ޖައްސަވާފަ ވިދާޅުވިއެވެ. أبو المنذر އެވެ! ކަލޭގެފާނުގެ ޢިލްމުވެރިކަމަށް
އުފާވެރިކަން ހުއްޓެވެ." ( رواه مسلم )
އަދި ވެސް آية الكرسي ގެ
މާތްކަން ބަޔާން ކުރައްވާ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް
ކުރެއްވިއެވެ. " من قرأ آية الكرسي في ليلة لم يزل عليه من الله حافظ ولا يقربه شيطان حتى يصبح " ( رواه البخارى) މާނައީ: " آية الكرسي ރޭގަޑު
ކިޔަވައިފި މީހާ ވަނީ ﷲ ގެ ރައްކާތެރިކަމުގައެވެ.
އަދި ފަތިސްވަންދެން ޝައިޠާނާ ވެސް އޭނާއާ ކައިރި ނުވާ ހުއްޓެވެ." آية الكرسي ކިޔެވުމުން
ބަލިތަކުންނާއި ޝައިޠާނީ ވަސްވާސްތަކުން ރައްކާތެރިކަން ލިބިދެއެވެ. آية الكرسي އަށް " آية المستعيدين " އާއި " آية الآمنة والحافظة "ފަދަ ނަންތައް ވެސް
ކިޔައެވެ.
3- سـورة البقرة ގެ ފަހު އާޔަތްތައް: سـورة البقرة ގެ
ފަހު ދެއާޔަތަކީ ވެސް ބަލިތަކުން ޝިފާ ލިބިދެނިވި އާޔަތްތަކެކެވެ. އަދި ޖިންނި
ޝައިޠާނުންގެ އުދަގޫތަކުން ރައްކާތެރިކޮށް ދެއެވެ. أبو مسعود عقبة بن عمروގެ އަރިހުން ރިވާ ވެގެން ވެއެވެ. ރަސޫލު ﷲ ޞައްލަ
ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. " مَنْ قرأ بالآيتين مِنْ آخر سورة البقرة في ليلة كفتاه "(رواه البخارى ومسلم ) މާނައީ: " سـورة البقرة ގެ
ފަހު ދެއާޔަތް ކިޔައިފި ނަމަ މުޅި ރޭގަނޑަން ފުދެއެވެ." އެބަހީ: އެދެއާޔަތް
މީހާގެ ރައްކާތެރިކަމަށް ފުދެއެވެ.
الإمام الشوكاني رحمه الله ވިދާޅުވެފައި
ވެއެވެ. " كَفَتَاهُ " (އެސޫރަތް ފުދެއެވެ.) އޭގެ
މުރާދަކީ سـورة البقرة ގެ
ފަހު ދެއާޔަތް ރޭއަޅުކަމަށް ފުދެއެވެ. އަދި އެދެއާޔަތް ޝައިޠާނާގެ ކިބައިންނާއި
އާފަތްތަކާއި މުޞީބާތްތަކުން ރައްކާތެރިކަމަށް ފުދެއެވެ. އަދި އޭގައި މާތްކަމާއި
ސަވާބުގެ ގިނަ މާނަތަކެއް އެކުލެވިގެން ވެއެވެ. ( تحفة الذاكرين للشوكاني، ص 335).
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް
ކުރެއްވިއެވެ. " إن الله ختم سورة البقرة بآيتين أعطانيهما من كنزه الذي تحت العرش فتعلموهما وعلموهن نساءكم وأبناءكم فإنهما صلاة وقراءة ودعاء " (رواه الحاكم) މާނައީ: "
ހަމަކަށަވަރުން މާތްﷲ ބަޤަރާ ސޫރަތް ނިއްމާފައި ވަނީ ﷲގެ ޢަރުޝްފުޅުގެ ދަށުގައިވާ
ޚަޒާނާއަކުން ދެއްވާފައިވާ ދެއާޔަތުންނެވެ. ފަހެ، އެދެއާޔަތް ދަސް ކުރާށެވެ. އަދި ތިޔަބައިމީހުންގެ
އަނބީންނަށާއި ދަރީންނަށް ދަސްކޮށްދޭށެވެ. ފަހެ، އެދެސޫރަތަކީ ކިޔަވައި ތިލާވަތު
ކުރަންޖެހޭ ދެއާޔަތެވެ. އަދި ދުޢާއެކެވެ."
4- سورة الفلق އާއި سورة الناس އިން ޝިފާ ލިބިގަތުން: ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މާއްދީ
ބަލިތަކަށާއި ރޫޙާނީ ބަލިތަކަށް މިތިން ސޫރަތުން ޝިފާ ލިބިވަޑައިގެންނެވި ކަމަށް
ވާރިދުފެއި ވެއެވެ.
މާތްﷲ ރުއްސުން ލެއްވި أم المؤمنين عائشةގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. އެއްފަހަރަކު ރަސޫލު
ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަމާދު ކުރައްވަމުން ސަޖިދައަށް ވަޑައިގެންނެވި
ހިނދު، އެކަލޭގެފާނުގެ އިނގިލިފުޅު ގައި ބިޗުލެއް ކަށި ޖެހިއެވެ. އެކަލޭގފާނު
ލޮނުކޮޅެއް ގެންނަވާފައި ކަށިޖެހި އިނގިލިފުޅު ލޮނުކޮޅު މަތީގައި ބާއްވަވާފައި سورة الإخلاص،سورة الفلق އަދި سورة الناس މިތިން ސޫރަތް ވިދާޅުވުމުން
ފަސޭހަފުޅު ވިއެވެ.( رواه ابن أبيشيبة )
عثمان بن عفان رضي الله عنه ރިވާ ކުރެއްވިއެވެ. ތިމަންކަލޭގެ އާލާސްކަންފުޅެއް
ޖެހިވަޑައިގަތުމުން އެކަމުގެ ޝަކުވާ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް
ދެންނެވީމެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. "
ކަލޭގެފާނުގެ އަތްޕުޅު ތަދުވާ ތަނުގައި ބާއްވާފައި ވިދާޅުވާށެވެ. އަދި
ރައްކާތެރިކަން ލިބިގަންނާށެވެ." بِسْمِ اللهِالرَّحمنِ الرجيم أُعِيْذُكَ بِاللهِ الأحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلِمْ يَكُنْ لَهُكُفَوًا أحَدُ" (رواه أبو يعلي وابن السني)
އަދި ވެސް މާތްﷲ ރުއްސުން ލެއްވި
ޢައިޝަތުގެފާނު އަރިހުން ރިވާ ވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލު ﷲ
ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އާލާސްކަންފުޅެއް ޖެހިވަޑައިގެންފި ނަމަ، އެކަލޭގެފާނު އަމިއްލަފުޅަށް سورة الإخلاص، سورة الفلق އަދި سورةالناس ވިދާޅުވެ، ފުމެލައްވައެވެ. އަދި އެކަލޭގެފާނުގެ
އާލާސްކަންފުޅު މާބޮޑު ވެއްޖެ ނަމަ ތިމަންކަމަނާ އެސޫރަތްތައް ކިއުއްވާ،
އެކަލޭގެފާނުގެ ހަށިކޮޅުގައި އަތްގުޅާލަންވާ އެސޫރަތްތަކުން ބަރަކާތް
ލިބިގަންނަމެވެ. ( رواه البخارى)
ކީރިތިޤުރްއާނަކީ ރޫޙާނީ ބަލިތަކާއެކު
ޖިސްމާނީ ގިނަ ބަލިތަކެއްގެ ވެސް ފަރުވާއެވެ. މިގޮތުން ކީރިތިޤުރްއާނުން ފަރުވާ
ލިބި ގަންނަ ހިނދު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން
ވާރިދުވެފައިވާ ގޮތުގެ މަތީން ޢަމަލު ކުރަން ޖެހެއެވެ. އަދި ކީރިތި ޤުރްއާނުގެ
އެއްވެސް އާޔަތެއް ނުވަތަ އަކުރެއް ވެސް އޭގެ މާނަ ދޭހަ ނުވާ ގޮތަށް އެއްވެސް
ކަމެއް ކުރުން ހުއްދަ ވެގެން ނުވެއެވެ. ކީރިތިޤުރްއާނުގެ ޙަޤީޤީ ފަރުވާ
ލިބިގަނެވޭނީ މީހާގެ ޢަޤީދާ ހަރުދަނާވެ، މާތް ﷲ އަށް ކުރެވޭ އިޢުތިބާރެއްގެ
ފުރިހަމަ ކަމުންނެވެ. الإمام ابن القيم رحمه اللهވިދާޅުވެފައި ވެއެވެ. " ޤުރްއާނުން ފަރުވާ
ލިބި ގަންނަ މީހާގެ ނަފުސް ހަރުދަނާވެ، ﷲ އަށް ހިތް ނިޔަތް ޚާލިޞް ކޮށް، އަދި
ޔަޤީން ކަން އިތުރުކޮށް އެކަލާނގެއަށް ޒިކުރު ކުރުން ގިނަ ކުރަން ޖެހެއެވެ."
فضيلة الشيخ أبوبكر الجزائرى ވިދާޅުވެފައި ވެއެވެ. "
ޤުރްއާނުން ޝިފާ ލިބިގަންނަ މީހާގެ ޝިފާލިބިގަތުން ވަނީ އޭނާގެ ފުރިހަމަ އީމާން
ކަމާއި ނަފުސުގެ ޠަހާރަތުގެ މައްޗަށެވެ."
އަދި ކީރިތިޤުރްއާނުން ވެސް
އެނޫން ގޮތަކަށް ފަރުވާ ލިބިގަތަސް މީހާ އިޢްތިޤާދު ވާން ޖެހޭނީ ޝިފާ ދެއްވާ
ފަރާތަކީ މާތް ﷲ ކަމެވެ.
ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތަކުން ޝިފާ
ލިބިގަނެވިދާނެ ގޮތް:
ބޮލުގައި
ރިއްސުން:
ބޮލުގައި ރިއްސާމީހާ ކަނާތުން ބަލިމީހާގެ
ބޮލުގައި ހިފަހައްޓައިގެން އަންނަނިވި އާޔަތްތައް أعوذ بسم ންކިޔަވާފަ، ކިޔާ
ހުށިކަމެވެ.
" يُرِيدُ اللّهُ أَن يُخَفِّفَ عَنكُمْ وَخُلِقَ الإِنسَانُ ضَعِيفًا " (سورة النساء: 28)
" الآنَ خَفَّفَ اللّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًا " (سورة الأنفال: 66)
" كهيعص ÇÊÈ ذِكْرُ رَحْمَةِ رَبِّكَ عَبْدَهُ زَكَرِيَّا ÇËÈ إِذْ نَادَى رَبَّهُ نِدَاء خَفِيًّا " (سورة مريم :1- 3)
" وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ " (سورة البقرة:186)
" وَلَهُ مَا سَكَنَ فِي اللَّيْلِ وَالنَّهَارِ وَهُوَ السَّمِيعُ الْعَلِيمُ " (سورة الأنعام: 13)
" أَلَمْ تَرَ إِلَى رَبِّكَ كَيْفَ مَدَّ الظِّلَّ وَلَوْ شَاء لَجَعَلَهُ " ( سورة الفرقان: 45)
" حم ý عسق " (سورة الشورى: 1-2)
ދެން ހަތް ފަހަރު سـورة الفاتحـة ކިޔަވައި ފުމެލާނީއެވެ. މާތްﷲގެ އިރާދަފުޅުން
ވަރަށް އަވަހަށް ބޮލުގައި ރިއްސުން ފަސޭހަވެ، ރަނގަޅުވާނެއެވެ. ނަމަވެސް މީހާގެ
އީމާންކަމާއި ޔަޤީންކަމާއެކު މިގޮތަށް ކަންތައް ކުރުމުންނެވެ.
ލޮލުގެ ބަލިތައް
ލޮލުގައި ރިއްސާމީހާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔަވައި، އަންނަނިވި އާޔަތް " فَكَشَفْنَا عَنكَ غِطَاءكَ فَبَصَرُكَ الْيَوْمَ حَدِيدٌ " (سورة ق: 22)ކިޔަވައި ޝަހާދަތް އިނގިލިން
ދެލޮލުގައި ފިރުމައިލާނީއެވެ. މާތްﷲގެ އިރާދަފުޅުން ކީރިތިޤުރްއާނުގެ ބަރަކާތުން
ލޮލުގެ އުނދަގޫތައް ފަސޭހަވެގެން ދާނެއެވެ.
ކަރުގައި ރިއްސުން
މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ
އަރިހަށް އައިސް އޭނާގެ ކަރުގައި ރިއްސައި ތަދުވާ ކަމުގެ ޝަކުވާތަކެއް ކުރިއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. " عليك بقراءة القرآن " (رواه البيهقي) މާނައީ: " ތިބާގެ
މައްޗަށް ޤުރްއާން ކިޔެވުން ހުއްޓެވެ." ކީރިތިޤުރްއާން ގިނަ
ގިނައިން ކިޔެވުމަކީ ކަރުގެ ބަލިތަކުން ރައްކާތެރި ވާނެ ކަމެކެވެ.
ކީރިތިޤުރްއާނަކީ ޝައިޠާނާގެ
އުނދަގޫތަކުންނާއި ވަސްވާސްތަކުގެ ވެސް އެންމެ ރަނގަޅު ފަރުވާއެވެ. ހެދުނާއި
ހަވީރު آية الكرسي އާއި سورة الإخلاص، سورة الفلق އަދިسورة الناس ފަދަ ސޫރަތްތައް ކިޔާނަމަ
ޝައިޠާނާގެ އުނދަގޫތަކުން ސަލާމަތް ވާނެ ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަގެ ވަރަށް ގިނަ ޙަދީޡްތަކުގައި ބަޔާން ވެގެންވެއެވެ.
ކީރިތިޤުރްއާނުގެ އާޔަތްތަކުން ޝިފާ
ލިބިގަންނަ ހިނދު، އެކަމުގެ ޙަޤީޤީ މަންފާ ކުރާނީ ފުރިހަމަ އީމާންކަމާއެކު އެކަން
ކޮށް، މާތްﷲއަށް އޮންނަ އިޢުތިމާދު ވަރުގަދަ ކުރެވިގެންނެވެ. الإمام ابن القيم رحمه الله ވިދާޅުވެފައި
ވެއެވެ. " ކީރިތިޤުރްއާނުން ފަރުވާ ލިބިގަންނަ މީހާ، އީމާންކަން ވަރުގަދަ، ހިތް ނިޔަތް ރަނގަޅު
އިޚްލާޞްތެރި މީހަކަށް ވާންޖެހެއެވެ. ދުލުން އެކިޔަވާ ތަކެއްޗަކީ ހިތުގެ އަޑިން
އަންނަށް އެއްޗަކަށް ވާން ޖެހެއެވެ. އަދި އޭނާގެ ދުލާއި ހިތްވެސް އެއްގޮތް
ވާންޖެހެއެވެ. އަދި ގިނަގިނައިން ޒިކުރުތަކާއި ދުޢާތައް ކިޔަންޖެހެއެވެ. މިގޮތަށް
އިޚްލާޞްތެރިކަމާއެކު ފަރުވާ ހޯދާކަމަށް ވާނަމަ މާތްﷲގެ އިރާދަފުޅުން ޝިފާ
ލިބިގެންދާނެއެވެ."
ޝިފާ ލިބިދެނިވި ދެވަނަ ކަންތައް:
ދުޢާކުރުން.
ދުޢާކޮށް މާތް ﷲ އަށް ކަންތައްތައް
ދެންނެވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. އެކަލާނގެ އަމުރު
ކުރައްވާފައިވާ ކަމެކެވެ. އަދި ދީނާއި ދުރުވެ، ބަލިތަކާއި މުޞީބާތްތައް ގިނަ
ފައިވާ ޒަމާނެއްގައި ދުޢާގެ ބޭނުންތެރި ކަން ވަނީ ބޮޑުވެފައެވެ. ދުޢާ ކުރުމަކީ
ވެސް އަޅުކަމެކެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި
ވެއެވެ. "الدعاء مخ العبادة " މާނައީ: " ދުޢާ އަކީ އަޅުކަމުގެ ސިކުޑިއެވެ."
ކީރިތިޤުރްއާނާއި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި
ވަސައްލަމަގެ ގިނަ ޙަދީޡް ތަކުގައި ދުޢާގެ މާތްކަން ބަޔާން ކޮށްދޭ ގިނަ
އާޔަތްތަކާއި ޙަދީޡްތައް އައިސްފައި ވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. " وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ " )سورة غافر: 60(މާނައީ: އަދި
ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަން
ރަސްކަލާނގެ އަށް ދުޢާ ކުރާށެވެ. ތިމަން ރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަ
ކުރައްވާ ހުށީމެވެ."
ދުޢާ އަކީ މުސްލިމުންގެ އައްޑަނައެވެ.
އެހެންކަމުން ދުޢާ އަކީ މުސްލިމުންގެ ބަލިތަކުގެ ފަރުވާ އާއި ޝައިތާނީ
ވަސްވާސްތަކުން ސަލާމާތް ވުމުގެ މަގެވެ. އަދި ދުޢާގެ ސަބަބުން މާތް ﷲ ގެ
ރުހިވޮޑިގަތުން ލިބެއެވެ. އަދި އާފަތްތަކާއި މުޞީބާތްތައް ދުޢާގެ ސަބަބުން
ދުރުކޮށްދެއެވެ. މުސްލިމަކު ދުނުޔޭގައި ކުރި ދުޢާއެއް އިޖާބަ ނުވިޔަސް އާޚިރަތް
ދުވަހު އެކަމުގެ ސަވާބު ލިބޭނެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ
ބަސްފުޅެއްގެ މާނާގައި ވެއެވެ. " ރަޙުމުގެ ގުޅުން ނުކެޑޭ އަދި އެކަމެއްގައި
ފާފައެއް ނުވާ ކަމަކަށް އެދި މުސްލިމަކު ﷲ އަށް ދުޢާ ކުރުމުން ތިންކަމުން ކުރެ
އެއްކަމެއް ﷲ އެމީހަކަށް ދެއްވާނެއެވެ. (އެއީ) އެމީހާ އެދުނު ކަމެއް ދުނިޔޭގައި
އެމީހަކަށް ދެއްވުމެވެ. ނުވަތަ އޭގެ ސަވާބު އާޚިރަތް ދުވަހަށް ފަސް ކުރެއްވުމެވެ.
ނުވަތަ މުޞީބަތެއް ނުވަތަ ނުބައި ކަމެއް އެމީހާގެ ކިބައިން ދުރުކުރުމެވވެ. "
( ރަވާހުއްތިރުމިޒީ ވައަޙްމަދު)
الإمام ابن القيم رحمه الله ވިދާޅުވިއެވެ. " ދުޢާއަކީ އެންމެ ފައިދާ ހުރި
ފަރުވާއެވެ. ދުޢާ އަކީ މުޞީބާތްތަކާއި ބަލިތަކުގެ ޢަދާވާތްތެރި އެކެވެ. ދުޢާއިން
އެބަލިތައް ދުރުކޮށް އެއަށް ޝިފާ ލިބިދެއެވެ. އަދި އެކަންތައްތައް ދުރުކޮށް
ރައްކާތެރި ކުރުވައެވެ. ދުޢާއަކީ މުއުމިން އަޅާގެ ހަތިޔާރެވެ. "
ދުޢާއަކީ މުސްލިމުން ކޮންމެހެން ކުރުން ވާޖިބު
ކަމެކެވެ. މުސްލިމުންގެ ޙަޔާތުގެ
ޟަރޫރިއްޔާތުގެ ތެރެއިންވާ ކަމެކެވެ. ދުޢާގެ ސަބަބުން މުޞީބާތްތަކާއި ބަލާތައް
ވެސް ދުރުކޮށްދެއެވެ. އަދި ޤަޟާޤަދަރު ވެސް ބަދަލުވެގެންދެއެވެ. ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. " لا يُرَدُّ القضاء إلا بالدعاء " (رواه أحمد والطبراني) މާނައީ: " ޤަޟާޤަދަރު
ދުޢާގެ ސަބަބުން މެނުވީ ބަދަލު ނުވާ ހުއްޓެވެ."
ދުޢާ ކުރުމަކީ މުސްލިމުންނަށް މިފަދަ
މުހިއްމު ކަމަކަށް ވުމުން ދުޢާކޮށް އޭގެން ޝިފާ ލިބިގަންނަ ހިނދު ރައްކާތެރިވާން
ޖެހޭ ކަންތައްތަކެއް ވެއެވެ. ހިފަހައްޓަން ޖެހޭ އަދަބުތަކެއް ވެއެވެ.
1- ހަށިގަނޑާއި ފޭރާން
ޠާހިރުކޮށް ހުރެ ދުޢާ ކުރުން.
2- ކެއުމާއި ބުއިމާއި ފޭރާން
ޙަލާލު ތަކެތި ކަމުގައި ވުން.
3- ޤިބްލައަށް ކުރިމަތި
ލައިގެން ހުރުން.
4- ޙަރާމް ކަންތައްތަކުންނާއި
ފާފަތަކުން ދުރުހެލިވެ ހުރެ ދުޢާކުރުން.
5- ދުޢާ ކުރަން ފެށުމުގެ ކުރިން
ތައުބާވެ، އަދި މީހެއްގެ ޙައްޤަކަށް އަރައިގަނެފަ ވާނަމަ އެއްވެސް އަދާ ކުރުން.
6- ދެއަތް އުފުލާގެން ދުޢާ
ކުރުން.
7- ދުޢާ ކުރަން ފަށާއިރު
ގައްޔާއި ނިއްމާ ހިނދު މާތް ﷲ އަށް ޙަމްދުކޮށް ސަނާ ކިޔައި ރަސޫލު ﷲ ޞައްލަ ﷲ
ޢަލައިހި ވަސައްލަމުގެ މައްޗަށް ޞަލަވާތް ކިޔެވުން.
8- ﷲ ގެ އިސްމުފުޅު ތަކުން ދުޢާ
ކުރުން.
9- ﷲ އަށް ހިތް ނިޔަތް
ޚާލިޞްކޮށް ގެން ހުރެ ދުޢާ ކުރުން.
10- އަޑުހަރުކޮށް ހަޅޭންލާ ހެން
ދުޢާ ނުކޮށް، މަޑުމޮޅިކަމާ އެކު ދުޢާ ކުރުން.
11- ދުޢާ ކުރުމުގައި ތިންފަން ކުރުން.
12- ދުޢާ ކުރުމުގައި ކިޔޭ ނުކިޔޭ
އެއްޗެއް ނޭގޭ ގޮތަށް ދުޢާ ނުކުރުން.
13- އާމީން ކިޔައި ދުޢާ
ނިންމުން.
ދުޢާ އިޖާބަ ކުރައްވައި ޤަބޫލު ކުރެއްވުން
އަވަސްވާނެ ވަޤުތުތަކަކާއި ތަންތަން ވެސް ބަޔާން ވެގެން ވެއެވެ. އަދި ދުޢާ އިޖާބަ
ކުރެއްވުން އަވަސް ވެގެންވާ މީހުން ވެސް ބަޔާން ވެގެން ވެއެވެ.
ދުޢާ
އިޖާބަ ކުރައްވާ ވަޤުތުތައް
1- ބަންގިޔާއި ގަމަތާއި ދެމެދު.
2- ފަރުޟް ނަމާދަށް ފަހު
3- ރޭގަނޑުގެ ދެބައިން ފަހު
ބައިގައި.
4- ސަޖިދާ ގައި ކުރާ ދުޢާ
5- ރަމަޟާން މަހު، ޚާއްޞަކޮށް
އެމަހުގެ ފަހު ދިހާ ގައި.
6- ލައިލަތުލްޤަދުރި ވިލޭރޭ
ކުރާ ދުޢާ
7- ގެފުޅު ތެރޭގައި ކުރާ ދުޢާ
8- ޞަފާ މަރުވާ ގައި ކުރާ ދުޢާ
9- ޢަރަފާތް ބިމުގައި ކުރާ ދުޢާ
10- مشعر الحرامގެ ކައިރީގައި ކުރާ ދުޢާ
ދުޢާ
އިޖާބަ ކުރައްވާނެ ކަމަށް އައިސްފައިވާ ފަރާތްތައް
1- ރޯދަވެރިޔާގެ ދުޢާ
2- ދަތުރުވެރިޔާގެ ދުޢާ
3- މައިންބަފައިން ދަރިންނަށް
ކުރާ ދުޢާ
4- އަނިޔާ ލިބިގެންވާ މީހާ ކުރާ
ދުޢާ
5- މައިންބަފައިންނަށް ހެޔޮކޮށް
ހިތާ ދަރިންގެ ދުޢާ
6- ޢަދުލުވެރި އިމާމުގެ ދުޢާ
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ
އަރިހުން ތަފާތު ބަލިތަކަށް ގިނަ ދުޢާތަކެއް ވާރިދުވެފައި ވެއެވެ. މިފަދަ
ދުޢާތަކަކީ ރޫޙާނީ ބަލިތަކަށާއި މާއްދީ ބަލިތަކުގެ ފަރުވާއެވެ. ވަސްވާސްތަކާއި
އެސްފިނާތަކުގެ ރައްކާތެރިކަމެވެ. އަދި މިފަދަ ދުޢާތަކަކީ ދުނިޔެ އާއި އާޚިރަތުގެ
ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ލިބުމުގެ ވަސީލަތްތަކެވެ. عثمان بن أبي العاص الثقفي رضيالله عنه ގެ އަރިހުން ރިވާ ވެގެން
ވެއެވެ. ވިދާޅުވިއެވެ. ތިމަން ވަރަށް ބޮޑަން ބަލިވުމުން ރަސޫލު ﷲ ޞައްލަ ﷲ
ޢަލައިހި ވަސައްލަމަގެ އަރިހުގައި ދެންނެވުމުން ޙަދީޡް ކުރެއްވިއެވެ. "
ކަނާތް ފަރާތު ގައި ހަތް ފަހަރު ފިރުމާލާފަ މިދުޢާ ކިޔާށެވެ. " أعُـوْذُ بِعِـزَّةِ اللّهِ وقُـدْرَتِـهِ مِنْشَـرِّ مَا أجِـدُ وَأحَاذِرُ " عثمان بن أبي العاص ވިދާޅުވިއެވެ. ތިމަން މިދުޢާ
ކިޔުމުން ބަލި ފަސޭހަވެ، ޝިފާ ލިބިގެން ދިޔައެވެ. އޭގެ ފަހުން މިދުޢާ ކިޔުމަށް
ތިމަން އަނބިދަރީންނަށް އަބަދު ވެސް ވަޞިއްޔަތް ކުރަމެވެ. )رواه مسلم(
ލޮލަށް ތަދުވާ ހިނދު ކިޔާ ދުޢާ
ގެ އަރިހުން ރިވާ ވެގެންވެއެވެ. މީސްތަކުންގެ
ތެރެއިން މީހެއްގެ ލޮލަށް އުނދަގޫ ވާނަމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހ ވަސައްލަމަ
މިދުޢާ ވިދާޅުވެއެވެ. " اللَّهُمَّ مَتِّعْنِي ببَِصَرِي وَ اجْعَلْهُمَا الْوَارِثَ مِنِّي وَ أَرِنِي فِي الْعَدُّوِ ثَأرِي فِي "
ޒިކުރު ކުރުން:
އިންސާނުންގެ ރޫޙާނީ ބަލިތަކަށާއި މާއްދީ ބަލިތަކަށް
ޝިފާ ލިބިދެނިވި ކަންތައްތަކުގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ މާތްﷲ ގެ
ޒިކުރުކޮށް އެކަލާނގެ މަތީން ހަނދުމަ ކުރުމެވެ. ޒިކުރު ކުރުމަކީ މާތްﷲ ގެ މަތީން
ހަނދުމަ ކުރުމެވެ. މާތް ﷲ ކީރިތިޤުރްއާނު ގައި ވަޙީ ކުރައްވާފައި ވެއެވެ. " فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُواْ لِي وَلاَ تَكْفُرُونِ " ( سورة البقرة:152) މާނައީ: " ފަހެ،
ތިޔަބައިމީހުން ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރާށެވެ. އޭރުން
ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަ ކުރާ ހުށީމެވެ. އަދި
ތިމަންރަސްކަލާނގެ އަށް ޝުކުރުވެރިވާށެވެ. އަދި ކުފުރުވެރި ނުވާށެވެ."
(އެބަހީ: ތިޔަބައިމީހުންނަކީ ޝުކުރުވެރި ނުވާ ބައެއް ކަމުގައި ނުވާށެވެ.)
އިސްލާމުދީނުގެ ހުރިހާ އަޅުަކަމެއް ވެސް
ޝަރުޢު ކުރައްވާފައި ވަނީ މާތް ﷲ ހަނދުމަކޮށް، އެކަލާނގެ އަށް ޒިކުރު ކުރުމަށެވެ.
މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. " وَأَقِمِ الصَّلَاةَ لِذِكْرِي " (سورة طه: 14) މާނައީ: " އަދި ތިމަންރަސްކަލާނގެ މަތިން ހަނދުމަ
ކުރުމަށްޓަކައި ނަމާދު ޤާއިމު ކުރާށެވެ."
ޒިކުރު ކުުރުމުގެ މާތްކަން ބަޔާން ކުރައްވާ
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވާފައި ވެއެވެ. " أَلاَ أُخْبِرُكُمْ بِخَيْرِ أَعْمَالكُمْ وَأَزْكَاهَا عِنْدَ مَلِيْكُكُمْ، وَأَرْفَعُهَا فِي دَرَجَاتِكُمْ، وَخَيْرٌ لَكُمْ مِنْ إِنَفَاقِ الذَّهَبِ وَالْفِضَّةِ، قَالُوْا: بَلَى يَا رَسُوْلَ اللهِ! قَالَ: ذِكْرُ اللهِ " ( رواه أحمد) މާނައީ:" ދަންނާށެވެ! ތިޔަބައިމީހުންގެ
ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ ކަން ބޮޑު އަދި ތިޔަބައިމީހުންގެ ވެރި
ރަސްކަލާނގެ ޙަޟްރަތު ގައި އެންމެ މާތް ޢަމަލުގެ ޚަބަރު ދެއްވަމުއެވެ. އަދި
ތިޔަބއިމީހުންގެ ދަރަޖަ މަތިވެރި ކުރައްވައެވެ. އަދި އެއީ ރަނާއި ރިހި ހޭދަ ކުރުމަށް
ވުރެއް ވެސް އެކަން ( ޒިކުރު ކުރުން ) ހެޔޮ ވެގެން ވެއެވެ. މީސްތަކުން
ދެންނެވިއެވެ. އާދޭހެވެ. ﷲ ގެ ރަސޫލާއެވެ! ޙަދީޡް ކުރެއްވިއެވެ. މާތް ﷲ އަށް
ޒިކުރު ކުރުމެވެ."
ޢިލްމުވެރީން ޒިކުރު ކުރުން ދެބަޔަކަށް
ބައްސަވާފައި ވެއެވެ.އެއީ: ލަފުޒީ ޒިކުރާއި މަޢުނަވީ ޒިކުރެވެ.
ލަފުޒީ ޒިކުރު ކުރުމަކީ ދުލުން ކިޔާ ޒިކުރެވެ.
ޤުރްއާނު ކިޔެވުމާއި މާތްﷲ އަށް ތަސްބީޙަ ކިޔުމާއި ތަޙްމީދު ކުރުމާއި ދުޢާ
ކުރުމާއި އަދި ރަސޫލު ﷲ ޞައްލަ ﷲ ޢަލައި ވަސައްލަމުގެ މައްޗަށް ޞަލަވާތް
ކިޔެވުމަކީ ލަފުޒީ ޒިކުރު ކުރމެވެ.
މަޢުނަވީ ޒިކުރު ކުރުމަކީ މާތް ﷲ ގެ ޢަޛާބަށް
ބިރުވެތިވެ، އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ.
ޒިކުރުގެ ބާތްވަތްތައް ގިނަ ގުނައެވެ.
ނަމާދުކުރުމާއި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް
ކިޔެވުމާއި ހެޔޮ ކަންތަކަށް ގޮވާލައި މުންކަރާތްތައް ނަހީ ކުރުމަކީ ވެސް ޒިކުރު
ކުރުމެވެ. މީހާގެ ދުލާއި ގުނަވަންތަކުން ކުރާ ކޮންމެ ހެޔޮ ކަމަކީ ވެސް ޒިކުރެކެވެ.
އަދި ކީރިތިޤުރްއާނު ކިޔެވުމަކީ އެންމެ އިތުރުކަން ބޮޑުވެގެންވާ ޒިކުރު ކުރުމެވެ.
އަދި މާތް ﷲ މިކައުނުގައި ލައްވާފައިވާ ކަންތައްތަކާ މެދު ވިސްނާ ފިކުރުކޮށް،
އެކަލާނގެ ކުޅަދުންވަންތަ ކަން ހިތަށް ގެނެސް ގަތުމަކީ ވެސް ޒިކުރު ކުރުމެކެވެ.
އާދެ! މީހާ ކުރާ ކޮންމެ ހެޔޮ ކަމަކާއި ހެޔޮ
ބަހަކާއި އަދި ކޮންމެ ހެޔޮ ވިސްނުމަކީ ޒިކުރު ކުރުމެކެވެ. މާތް ﷲ ވަޙީ
ކުރައްވާފައި ވެއެވެ. " يَا أَيُّهاَ الَّذِيْنَ آمَنُوْا اُذْكرُوْا ذِكْرًا كَثِيْرًا"" (الأحزاب: 41) މާނައީ: " އީމާން
ވެއްޖެ މީސްތަކުންނޭވެ! ތިޔަބއިމީހުން ގިނަ ވެގެންވާ ހަނދުމަ ކުރުމަކުން ތިމަން ﷲ
ގެ މަތިން ހަނދުމަ ކުރާށެވެ". ޒިކުރު ކުރުމަކީ ގުނާ ޢަދަދު ނުކުރެވޭހާ
ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ މަތިވެރި އަޅުކަމެކެވެ. ރަސޫލު ﷲ ޞައްލަ ﷲ
ޢަލައިހި ވަސައްލަމަ ޒިކުރު ކުރާ މީހާ އާއި ޒިކުރު ނުކުރާ މީހާގެ މިސާލަކީ
ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލު ކަން ބަޔާން ކުރައްވާފައި ވެއެވެ.
މާތް ﷲ ރުއްސުން ލެއްވި أبو موسى الأشعري ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ
އަރިހުން ރިވާ ކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޡް ކުރެއްވިއެވެ. " مَثَلُ الَّذِي يَذْكُرُ رَبَّهُ، وَالَّذِي لاَ يَذْكُرُ رَبَّهُ مَثَلُ الْحَيِّ وَالْمَيِّتِ " ( رواه البخاري) މާނައީ: "އޭނާގެ ވެރި ރަސްކަލާނގެ އަށް ޒިކުރު ކުރާ މީހާ އާއި ޒިކުރު
ނުކުރާ މީހާގެ މިސާލަކީ، ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ
".
މާތް ﷲ ރުއްސުން ލެއްވި أبو هريرة ގެ އަރިހުން ރިވާ ވެގެން ވެއެވެ. ރަސޫލު ﷲ
ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. " يَقُوْلُ الله تَبَارَكَ وَتَعَالَى: أنَا عِنْدَ ظَنَّ عَبْدِيْ بِيْ، وَأَنَا مَعَهُ إِذَا ذَكَرَنِيْ، فَإِنْ ذَكَرَنِيْ فِيْ نَفْسِهِ ذَكَرْتُهِ فِيْ نَفْسِيْ، وَإِنْ ذَكَرَنِيْ فِيْ مَلَأٍ ذَكَرْتُهُ فِيْ مَلَأٍ خَيْرٌ مِنْهُمْ، وَإِنْ تَقَرَّبَ إِلَيَّ شِبْرًا تَقَرَّبْتُ إِلَيْهِ ذِرَاعًا، وَإِنْ تَقَرَّبَ إِلَيَّ ذِرَاعًا تَقَرَّبْتُ مِنْهُ بَاعًا، وَإِذًا أَتَانِيْ يَمْشِيْ أَتَيْتُهُ هَرْوَلَةً " (رواه البخاري ومسلم) މާނައީ: " މާތް ﷲ ވަޙީ
ކުރެއްވިއެވެ. ތިމަންރަސްކަލާނގެ އާ މެދު އަޅާ ހީ ކުރާ ގޮތެއް ގައި
ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. އަދި އަޅާ ތިމަންރަސްކަލާނގެ މަތިން ހަނދުމަކޮށްފި
ނަމަ، ތިމަންރަސްކަލާނގެ އޭނާ އާއި އެކު ވޮޑިގެންވަމެވެ. އޭނާ ތިމަންރަސްކަލާނގެ
މަތިން ހަނދުމަ ކުރީ، އޭނާގެ އަމިއްލަ ނަފުސުގައި ކަމަށް ވާ ނަމަ،
ތިމަންރަސްކަލާނގެ ވެސް ތިމަންރަސްކަލާނގެ ޛާތުފުޅު ގައި އޭނާގެ މަތިން ހަނދުމަ
ކުރައްވާ ހުށީމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރީ
ޖަމާޢަތެއްގައި ނަމަ، އެއަށް ވުރެ ހެޔޮކަން ބޮޑު ބައެއްގެ ތެރޭގައި
ތިމަންރަސްކަލާނގެ އޭނާގެ މަތިން ހަނދުމަ ކުރައްވާ ހުށީމެވެ. އޭނާ ތިމަން
ރަސްކަލާނގެ އާއި ކައިވަތަކަށް ކުއްްތަންވި ނަމަ، ތިމަންރަސްކަލާނގެ އޭނާ އާއި މުށެއްގެ
މިންވަރަށް ކުއްްތަންވެ ވޮޑިގަންނަވާނަމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ އާއި
މުށަކަށް ކުއްްތަންވި ނަމަ، ތިމަންރަސްކަލާނގެ އޭނާ އާއި ބޮމަކަށް (ދެއަތުގެ
ދިގުމިނަށް) ކުއްްތަންވެ ވޮޑިގަންނަވާނަމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ އާ
ކުއްްތަންްވުމަށް ހިނގާފައި އަންނަނަމަ، ތިމަންރަސްކަލާނގެ އަވަސް ފިޔަވަޅުތަކެއް
ގައި އޭނާއާ ކުއްްތަންަވެ ވޮޑިގަންނަވާނަމެވެ. "
މާތް ﷲގެ ޒިކުރުކޮށް، އެކަލާނގެ މަތިން
ހަނދުމަ ކުރުމަކީ ގިނަ ގުނަ ސަވާބު ހުރި ކަމެކެވެ. ޒިކުރުގެ ސަބަބުން މީހާއަށް ﷲ
ގެ ރުހިވޮޑިގަތުން ޙާޞިލު ވެއެވެ. އަދި ޒިކުރު ކުރުމުގައި ގިނަ ރޫޙާނީ
ފައިދާތަކާއި މާއްދީ ފައިދާތައް ވެސް ވެއެވެ. الإمام ابن القيم – رحمه الله - އެކަލޭގެފާނުގެ " الوابل الصيب من الكلم الطيب " އޭ ކިޔުނު ފޮތުގައި ޒިކުރުގެ ގިނަ ފައިދާތަކެއް ބަޔާން
ކުރައްވާފައި ވެއެވެ. މިފައިދާތަކުގެ ތެރެއިން ބައެއް ކަންތައް ނަކަލު ކުރަމެވެ.
1- ޒިކުރު ކުރުމަކީ ޝައިޠާނާ ދުރުކޮށް، ޝައިޠާނާ
ބަލިކޮށް ނިކަމެތި ކޮންލާ ކަމެކެވެ. (އިންސާނުންގެ ތެރެއިން ނުބައިމީހުންގެ
ނުބައިކަމުންްނާއި ޝައިޠާނާގެ އުދަގޫތަކުން މީހާ އަށް ރައްކާތެރިކަން ލިބިދޭ
ކަމެކެވެ.)
2- އެއީ رحمن ވަންތަ މާތް ﷲ ގެ ރުއްސެވުން ލިބިދޭ ކަމެކެވެ.
3- އެއީ ހިތާމަ އާއި މޮޅިކަން ފިލުވާދޭ ކަމެކެވެ.
އަދި ހިތްހަމަޖެހުމާއި އުފާވެރިކަން ހިތަށް ގެނެސް ދެއެވެ.
4- އެއީ ހިތާއި ހަށިގަނޑަން ބާރު ލިއްބައިދޭ
ކަމެކެވެ.( މާތް ﷲ ފަރުޟް ކުރައްވާފައިވާ ވާޖިބުތައް އަދާ ކުރުމުގައްޔާއި ދުނިޔަވީ
ޒިއްމާތައް އަދާ ކުރުމުގައި މީހާއަށް ބާރު ލިބިދެއެވެ.)
5- އެއީ ހިތާއި މޫނު އަލިކޮށް، އުޖާލާކޮށްދޭ
ކަމެކެވެ. މާތް ﷲ އަށް ޒިކުރުކުރުން މަތީ ގައި ދެމި ހުންނަ މީހާގެ މޫނު ދުނިޔެ
މަތީ ގައި އަލިކޮށް އުޖާލާ ކޮށްދެއެވެ. އަދި އާޚިރަތުގައި ނޫރެއް ކަމަށް ވެގެން
ދެއެވެ.
6- އެއީ ރިޒުޤާއި ތަނަވަސްކަން އިތުރުވާ
ކަމެކެވެ.
7- އެއީ ހިތާއި ރޫޙުގެ ކޮށްތެވެ. އަދި އޭގެން
ހިތަށް ދިރުން ގެނެސްދެއެވެ.
8- އެއީ ހިތުގައި ޖަހާފައިވާ ދަމިލަ ފިލުވައިދޭ
ކަމެކެވެ. ރަނާއި ރިހީގައި ދަމިލަ ޖަހާ ފަދައިން އިންސާނާގެ ހިތުގައި ވެސް ދަމިލަ
ޖަހައެވެ. އިންސާނާގެ ހިތުގައި ދަބަރު ޖަހާ، ދަމިލަ ޖަހަނީ ﷲ އާ ދުރުވެ
ޣާފިލުވުމުންނާއި ކުށްފާފައިގެ ސަބަބުންނެވެ. ހިތުގައި ޖަހާ ދަމިލަ ފިލުވާލަ ދެނީ
ﷲ އަށް ޒިކުރުކުރުމުންނާއި އެކަލާނގެ އަށް އިސްތިޣުފާރު ކުރުމުންނެވެ. މާތްﷲ ރުއްސުން
ލެއްވި أبو الدرداء ގެފާނު ވިދާޅުވިއެވެ." ކޮންމެ ކަމަކަށް ދަމިލަ
ފިލުވާލައި ގިރިޓީ ކޮންދިނުމެއް ވެއެވެ. ހިތުގެ ދަމިލަ ފިލުވާލަ ދިނުން ވަނީ މާތްﷲ
ގެ ޒިކުރު ކުރުމުގައެވެ."
9- އެއީ ފާފަތައް ފޮހެވި، ނެތިދާ ކަމެކެވެ. މާތް
ﷲ ހަނދުމަކޮށް، އެކަލާނގެ ޒިކުރު ކުރުމަކީ ހެޔޮ ކަންތައްތަކުގެ ތެރެއިން އެންމެ
ހެޔޮ އެއްކަންތަކެވެ.
10- އަޅާ، އޭނާގެ ވެރިރަސްކަލާނގެ މަތިން
ހަނދުމަކޮށް، ޒިކުރުކުރުމުން އެކަމުގެ ފައިދާ މުޞީބާތުގެ ވަޤުތު ލިބިދެއެވެ.
ޒިކުރުގެ ސަބަބުން މުސީބާތާއި ތަކުލީފުގެ ވަޤުތުތަކުގައި ރައްކާތެރިކަން
ލިބިދެއެވެ.
11- އެއީ ހިތްހަމަޖެހުމާއި މާތް ﷲ ގެ ރަޙްމަތް
ލިބިދޭ ކަމެކެވެ. އަދި މަލާއިކަތް ބެއިކަލުން އެތަނަށް ޙާޟިރުވެ ވަޑައިގެން، މާތް
ﷲ ގެ ޙަޟްރަތުގައި ވާ ބައެއްގެ ގާތުގައި އޭނާގެ ޒިކުރު ކުރެވޭނެ ކަމެކެވެ.
12- އެއީ އޭނާގެ ހިތުގައި އޭނާގެ ވެރިރަސްކަލާނގެ
މެދު އޮންނަ ހައިބަތްތެރިކަމާއި މަތިވެރިކަން އިތުރުކޮށްދޭ ކަމެކެވެ. ﷲ އާއި
އަޅާއާ ދެމެދު ގައިވާ ގުޅުން ވަރުގަދަކޮށްދޭ ކަމެކެވެ.
13- އެއީ ﷲ ގެ ވޭންދެނިވި ޢަޒާބުން މިންޖުކޮށްދޭ
ކަމެކެވެ.
14- އެއީ މާތް ﷲ އާ ކުއްތަން ކޮށްދޭ ކަމެކެވެ.
މާތް ﷲ އަށް ޒިކުރު ކުރާ މިންވަރަކުން މީހާ، އެކަލާނގެ އާ ކުއްތަންވެ،
އަރިސްވެގެން ދެއެވެ.
15- ޒިކުރު ކުރުމަކީ ޝުކުރު ކުރުމުގެ
ކުރިބޯއްޓެވެ.
16- ޒިކުރު ކުރުމަކީ ހިތުގެ ޝިފާ އާއި ފަރުވާ
އެވެ.
17- އެއީ މީހާގެ ދޫ ރައްކާތެރިކޮށްދޭ ކަމެކެވެ.
ޒިކުރު ކުރުން މަތީ ގައި ދެމި ހުންނަ މީހާ ދޮގުހެދުމާއި، ޣީބަ ބުނުމާއި،
ދެބައޮޑުވުމާއި، ހުތުރުބަސް ބުނުމުން ދޫ ރައްކާތެރިކޮށް ދެއެވެ.
މާތްް ﷲ އަށް ޒިކުރުކޮށް، އެކަލާނގެ މަތިން
ހަނދުމަ ކުރުމަކީ ގިނަ ގުނަ ރޫޙާނީ ބަލިތަކަށާއި މާއްދީ ބަލިތަކުގެ ފަރުވާ އެކެވެ.
އަދި ޚާއްޞަކޮށް މިފަދަ މާއްދިއްޔަތުގެ ތެރެއަށް ޣަރަޤުވެފައިވާ ޒަމާނެއް ގައި
މާތް ﷲ އަށް ޒިކުރު ކުރުން މަތީ ގައި ދެމިހުރުމުގެ ބޭނުންތެރި ކަން ބޮޑެވެ. މިއަދު
އަޅުގަނޑުމެންގެ ކަންފަތްތަކަށް އަބަދާ އަބަދު އިވެމުން ދަނީ ޙަރާމު ލަވަޔާއި
މިޔުޒިކުގެ އަޑުތަކެވެ. އަދި ފެންނަމުން ދަނީ ދީނާއި ދުރުކުރުވާ ކަހަލަ
މަންޒަރުތަކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދޫތައް މާތް ﷲ ހަނދުމަ ކުރުން މަތީ
ގައި ދެމިތިބުމުގެ ބޭނުންތެރިކަން ބޮޑެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ
ޙަދީޡް ކުރެއްވިއެވެ. " لاَ يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللَّهِ " (رواه الحاكم) މާނައީ:" އަބަދާ އަބަދު
ތިބާގެ ދޫ ﷲ އަށް ޒިކުރު ކުރުމު ގައި ބަހައްޓާށެވެ."
މާތް ﷲ އަށް ޒިކުރު ކުރުމުން ގިނަ
ކަންތައްތަކަށް ޝިފާ އެއް ކަމަށް ވެއެވެ. އަދި ރޫޙާނީ އަދި ނަފްސާނީ ބަލިތަކުގެ
ފަރުވާއެއް ކަމަށް ވެއެވެ. މިފަދަ ކަންތައްތަކުގެ ތެރެއިން:
ރުޅި ކޮންޓްރޯލު ވުން
ރުޅި އަކީ ބައެއް ޙާލަތްތަކުގައި ނުރައްކާތެރި
ބައްޔެކެވެ. އިންސާނާ އަށް ރުޅި އަންނަ ހިނދު، ރުޅީގެ މައްޗަށް ކޮންޓްރޯލު
ނުކުރެވި، އަދި އެއިން ސަލާމަތްކަށް ނުހޯދިއްޖެ ނަމަ ކޮންމެ ފަދަ ނުރައްކާތެރި
ކަމެއް ހިނގުމަކީ ވެސް ދުރުކަމެއް ނޫނެވެ. ރުޅި އަންނަ ހިނދު ޝައިޠާނާ އޭނާގެ
މައްޗަށް ގަދަވެ ގަނެއެވެ. އެހެންކަމުން ރުޅި އަަންނަ ހިނދު ﷲ ގެ ޒިކުރުކޮށް
ޝައިޠާނާގެ ކިބައިން ރައްކާތެރި ކުރެއްވުމަށް ދަންނަވަން ޖެހެއެވެ. ރަސޫލު ﷲ
ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. " މީހެއްގެ ގާތަށް ރުޅި
އަތުވެއްޖެ ނަމަ މިފަދައިން ކިޔާށެވެ."أَعُوْذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيْمِ" އޭރުން އޭނާގެ ކިބައިން ރުޅި
ފިލައިދާ ހުއްޓެވެ." ( رواه البخارى)
ވަސްވާސްތަކުން ސަލާމަތް ވުން
މީހާގެ ހިތުގައި އުފެދޭ ވަސްވާސް ތަކުން
ސަލާމަތް ވުމަށްެ އެންމެ ރަނގަޅު ފަރުވާ އަކީ ﷲ ގެ މަތިން ގިނަގިނައިން
ހަނދާންކޮށް ޒިކުރު ކުރުމެވެ. " لاَ إِلَـهَ إِلاَّ اللَّهُ " އަކީ ވަސްވާސްތަކުން ސަލާމަތް ވުމުގައި އެންމެ
ރަނގަޅު ފަރުވާއެވެ.
ހިތް ބިރުގަތުމުން ސަލާމަތްވުން
މާތް ﷲ ރުއްސުން ލެއްވި البراء بن عازب ގެ
އަރިހުން ރިވާ ވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅު ވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ
ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ހިތްބިރު ގަންނަ ކަމުގެ ޝަކުވާ
ކުރިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެމީހާ އަށް ގިނަގިނައިން މިދުޢާ
ކިޔުމަށް ޙަދީޡް ކުރެއްވިއެވެ. " سُبْحَانَ الْمَلِكِ الْقُدُّوْسِ رَبُّ الْمَلاَئِكَةِ وَالرُّوْحِ جَلَلتِ السَّمَوَاتِ وَالْأَرْضِ بِالْعِزَّةِ وَالْجَبْرُوَتِ" ދެން އެމީހާ ދެވަނަ ފަހަރަށް
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ. މިހާރު
ތިމަންގެ ހިތްބިރުގަތުން ފިލާފިއެވެ. (رواه ابن السني وابن عساكر)
ގެއްލުން ދެނިވި ކަންތައްތައް ފިއްލަވާ
ދެއްވުން
މާތް ﷲ ރުއްސުން ލެއްވި علي بن أبي طالب ގެ އަރިހުން ރިވާ ވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅު
ވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ."
ޢަލީއެވެ! ކަލޭގެފާނަށް މުޞީބާތަކާއި ބޮޑުކަމެއް ދިމާވެއްޖެ ނަމަ ވިދާޅުވާނެ
ކަލިމަތަކެއް ތިމަންކަލޭގެފާނު ދަސްކޮށްދެއްވާނަމެވެ. ޢަލީގެފާނު
ވިދާޅުވިއެވެ. އާދޭހެވެ. ތިމަންކަލޭގެފާނު ކަލޭގެފާނަށްޓަކައި ފިދާވާ މީހުންގެ
ތެރެއިން ލައްވާދޭވެ. އިތުރުއެކަލޭގެފާނު ޙަދީޡް ކުރެއްވިއެވެ. "
ކަލޭގެފާނަށް ބޮޑު މުޞީބާތެއް ކުރިމަތި ވެއްޖެ ނަމަ ވިދާޅުވާށެވެ. " بِسْمِ اللَّهِ الرَّحْمنِ الرَّحِيْمِ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ الْعَظِيْمِ " ފަހެ، ހަމަކަށަވަރުން މާތްﷲ
އެކަލާނގެ އިރާދަފުޅުން މުޞީބާތްތަކާއި ގެއްލުން ދެނިވި ކަންތައްތައް ފިއްލަވާ
ދެއްވާނެތެވެ."
ނަރަކައިގެ ޢަޒާބުން މިންޖު ކޮށްދެއްވުން
ބަލިއެދު ގައި ﷲ އަށް ޒިކުރުކުރުމުން
ނަރަކައިގެ ޢަޒާބުން މިންޖު ކޮށްދެއްވައެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި
ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. މީހާ ބަލި އެދުމަތީގައި މިފަދައިން ޒިކުރު
ކުރުމުން، " لاَ إِلَـهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ، لاَ إِلَـهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيْكَ لَهُ، لاَ إِلَـهَ إِلاَّ اللَّهُ لَهُ الْمُلْكُ وَلَهُ الْحَمْدُ، لاَ إِلَـهَ إِلاَّ اللَّهُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ " އޭނާ މަރުވުމުން ނަރަކައިގެ
ޢަޒާބެއް ނުލިބޭ ހުއްޓެވެ. ( رواه الترمذي بإسناد حسن ).
މުޞީބާތުން ސަލާމަތް ކޮށްދެއްވުން
މާތް ﷲ ރުއްސުން ލެއްވި أبو الدرداء ގެފާނު ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ.
ކަލޭގެފާނުގެ ގެ އަދާފިއެވެ. أبو الدرداء رضي الله عنه ވިދާޅުވިއެވެ.
ތިމަންކަލޭގެފާނުގެ ގެ ނައަދާ ހުއްޓެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ
އަރިހުން އަޑު އެއްސެވި ކަލިމަތަކެއް ތިމަންކަލޭގެފާނު ވިދާޅުވަމެވެ. އިތުރުއެކަލޭގެފާނު
ވިދާޅު ވިއެވެ. " އެކަލިމަތައް ހެދުނު ކިޔާފި ނަމަ ހަވީރު ވަންދެން އެއްވެސް
މުޞީބާތެއް ނުފޯރާ ހުއްޓެވެ. އަދި ހަވީރު ކިޔާފި ނަމަ ހެދުނު ވަންދެން އެއްވެސް
މުޞީބާތެއް ނުފޯރާ ހުއްޓެވެ. أبو الدرداء رضي الله عنه ވިދާޅުވިއެވެ.
ތިމަންކަލޭގެފާނު މިއަދު އެއްކަލިމަފުޅުތައް ވިދާޅުވީމެވެ. ދެން އެކަލޭގެފާނު
ގެކޮޅު ކައިރިއަށް ވަޑައިގެން ބެއްލެއްވި އިރު ގެ ވަށައިގެން ވަނީ އަދާފައެވެ.
ނަމަވެސް އެކަލޭގެފާނުގެ ގެކޮޅަކަށް އަލިފާނުގެ އެއްވެސް އަސަރެއް ނުކުރެއެވެ.
ހެދުނު ކިޔާފި ނަމަ ހަވީރު ވަންދެން، އަދި
ހަވީރު ކިޔާފި ނަމަ ހެދުނު ވަންދެން އެއްވެސް މުޞީބާތެއް ނުފޯރާނެ ކަމަށް ރަސޫލު ﷲ
ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވިދާޅުވީ މިބަސްފުޅެވެ. " اَللَّهُـمَّ أَنْتَ رَبِّيْ لاَ إِلَـهَ إِلاَّ أَنْتَ، عَلَيْكَ تَوَكَّلْتُ وَأَنْتَ رَبُّ الْعَرْشِ الْعَظِيْمِ، مَا شَاءَ اللَّهُ كَانَ وَمَا لَمْ يَشَأ لَمْ يَكُنْ، لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ الْعَظِيْمِ أَعْلَمُ أَنَّ اللَّهَ عَلَى كُلِّ شَيْئٍ قَدِيْرٌ، وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْئٍ عِلْمًا، اَللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنْ شَرِّ نَفْسِيْ، وَمِنْ شَرِّ كُلِّ دَابَّةٍ أَنْتَ آخِذٌ بِنَاصِيَتِهاَ، إِنَّ رَبِّيْ عَلَى صِرَاطٍ مُسْتَقِيْمٍ" ( رواه ابن السني ).
No comments:
Post a Comment