ޤުރުއާނު ރައްކާތެރިކުރުން
މާތްﷲ ޤުރުއާން ބާވައިލެއްވީ ހުރިހާކަމެއް އޭގައި ހިމެނިގެންވާ އެކަލާނގެ
އެންމެ ފަހުގެ އިލާހީ ޤާނޫނުގެ ގޮތުގައެވެ. މިޤުރުއާނަށްފަހު އެކަލާނގެ އެހެން
ފޮތެއް ބާވައިނުލައްވައެވެ.މިކަމުގެ ސަބަބުން އެޤުރުއާންވަނީ އިންސާނުން އެއަށް ގެނެސްފާނެ
އުނިއިތުރަކުން ޙިމާޔަތްކުރައްވާފައެވެ. މިޙިމާޔަތް ޤުރުއާން އެންމެ ފުރަތަމަ ބާވައިލެއްވުނު ދުވަހުން ފެށިގެން
އަދާހަމަޔަށްވެސްވެއެވެ. އަދި މާތްﷲ މިޢާލަމުގައިވާ ހުރިހާ އެއްޗެއް އެކަލާނގެ
ޙަޟްރަތަށް އެއްތަންކުރައްވަދެން މިޙިމާޔަތް ދެމިގެންދާނެއެވެ. ޤުރުއާނުގައި އެއްވެސް އުނިއިތުރެއް ނުވެއެވެ.
ޤުރުއާން އަޅުގަނޑުމެންނާ ޙިސާބަށް އައިސްފައިވަނީ ތަވާތުރުގެ
އެތައްސިލްސިލާއަކުންނެވެ. މިސިލްސިލާތަކުގައި ހިމެނިވަޑައިގަންނަވާ ބޭކަލުން
ގުޅިގެން އިތުރުފުޅެއް ހައްދަވާފާނޭ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ޤުރުއާންވަނީ
އެތައް ގޮތަކަށް ލިޔެވި އެތައް ބަޔަކު ހިތުދަސްކޮށްފައެވެ.
ޤުރުއާނުގެ އެންމެ ބަސްފުޅަކަށްވެސް މިހާޒަމާންވީއިރު ބަދަލެއްއައިސްފައެއް
ނުވެއެވެ. ޤުރުއާން ހިތުދަސްކޮށްފައިވާ ބައެއް
މީހުންނަށް ޢަރަބިބަސް ނޭނގުނުކަމުގައިވިޔަސް އެޤުރުއާން ބާވައިލެއްވުނުގޮތަށް
އެއްވެސް ބަދަލެއްނުގެނެސް އެކިޔަވައެވެ.
މާތްﷲ ވަނީ ޤުރުއާން ރައްކާތެރިކޮށްދެއްވާނެކަމަށް ވަޢުދުވެވޮޑިގެންފައެވެ.ޙަޖްރު ސޫރަތުގެ 9 ވަނަ އާޔަތުގައި އެކަލާނގެ އެކަލާނގެ
ވަޙީކުރެއްވިއެވެ.
لَقَالُواْ إِنَّمَا سُكِّرَتْ أَبْصَارُنَا بَلْ نَحْنُ قَوْمٌ مَّسْحُورُونَ
މާނައީ:
ހަމަކަށަވަރުން، ޤުރުއާން ބާވައިލެއްވީ ތިމަންރަސްކަލާނގެއެވެ. އަދ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ.
އަދިވެސް އަންޢާމް ސޫރަތުގެ 115 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ. وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلاً لاَّ مُبَدِّلِ لِكَلِمَاتِهِ وَهُوَ السَّمِيعُ الْعَلِيمُ
މާނައީ: އަދި
ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލިމަފުޅު ތެދުވެރިކަމާއި، ޢަދުލުވެރި ކަމުގައި
ފުރިހަމަވެއްޖެއެވެ. އެކަލާނގެ ކަލިމަފުޅުތައް ބަދަލުކުރެވޭނެ އެއްވެސް ފަރާތެއް
ނުވެއެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ
ރަސްކަލާނގެއެވެ.
ޤުރުއާނާ ޚިލާފަށް، ކުރިން ބާވައިލެއްވުނު ފޮތްތައް ބާވައިލެއްވިފައިވަނީވަކި
މުއްދަތަކަށެވެ. އަދި އެފޮތްތައް ޙިމާޔަތްކުރުމުގެ ޒިންމާ މާތްﷲ ޙަވާލުކުރައްވާފައިވަނީ
އިންސާނުންނަށެވެ. އަދި އެއިންސާނުންވަނީ އުނިއިތުރު ގެނައުމުންނާއި
ބަދަލުކުރުމުންނާއި ވަންހަނާކުރުމުން އެފޮތްތަކުގެ އަޞްލު ގެއްލުވާލައިފައެވެ.
މާއިދާ ސޫރަތުގެ 44 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ.
إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُواْ لِلَّذِينَ هَادُواْ وَالرَّبَّانِيُّونَ وَالأَحْبَارُ بِمَا اسْتُحْفِظُواْ مِن كِتَابِ اللّهِ وَكَانُواْ عَلَيْهِ شُهَدَاء
މާނައީ:
ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތައުރާތު ބާވައިލެއްވީމެވެ. އޭގައި ތެދުމަގާއި،
އަލިކަންވެއެވެ. ކިޔަމަންތެރިވެގެން ތިއްބެވި ނަބިއްޔުންނާއި، ރައްބާނިއްޔުން (އެބަހީ:
ޔަހޫދީންގެ އަޅުވެރިން) ނާއި ޔަހޫދީންގެ ޢިލްމުވެރިން، އެފޮތް
ޔަހޫދީންގެ މައްޗަށް ޙުކުމު ކުރައްވަތެވެ. (އެއީ) ﷲގެ ފޮތް ރައްކާތެރިކުރުމުގެ
އަމާނާތް އެއުރެންނާ މަތިކުރައްވާފައި ވުމުގެ ސަބަބުންނެވެ. އަދި އެއުރެންނީ، އެފޮތުގެ މައްޗަށް ތިބި ހެކިވެރިންނެވެ.
ޤުރުއާންވަނީ އެބާވައިލެއްވުނު ގޮތަށް ރައްކާތެރިކުރެވިފައެވެ. މިއީ އެޤުރުއާން ދިރާސާކުރައްވާ ޢިލްމުވެރިން
އިއްތިފާޤުވެލައްވާ ޙަޤީޤަތެކެވެ. މިޢިލްމުވެރިންގެ ތެރޭގައި މުސްލިމުންނާއި
ޣައިރު މުސްލިމުން ހިމެނެއެވެ.
ޤުރުއާން ރައްކާތެރިކުރުން ޙާޞިލްކުރެވިފައިވަނީ އެތައް ގޮތަކުންނެވެ. ރަސޫލު
ޒަމާނުގައި ޤުރުއާން ރައްކާތެރިކުރުވެމަށް ބާރުއަޅައިދިން ސަބަބުތަކަކީ:
1. ކީރިތި ރަސޫލާއަށް ވަޙީ ބާވައިލެއްވުނީ
ހިތުދަސްކުރައްވަން ފަސޭހަވާނޭފަދަ ގޮތަކަށެވެ. ވަޙީ އަންނަގޮތާ ބެހޭގޮތުން ސުވާލު ދެންނެވުނު
ހިނދު މާތްރަސޫލާ ޙަދީޘްކުރެއްވިއެވެ. "ބައެއްފަހަރު އެކަލޭގެފާނު
(ވަޙީއާއިގެން ވަޑައިގަންނަވާ މަލާއިކަތާ) ރަނގަބީލުގެ އަޑުފައްގަނޑު ފަދައިން
ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަންނަވައެވެ. މިއީ ތިމަންކެލޭގެފާނަށް އެންމެ
ދަތި އަދި ބުރަ ގޮތެވެ. ދެން އެކަލޭގެފާނު ވިދާޅުވެދެއްވާ އެއްޗެއް
ދަސްކުރައްވަމުއެވެ. އަދި ބައެއްފަހަރު އިންސާނެއްގެ ސިފާގައި އެމަލާއިކަތާ
ވަޑައިގަންނަވައެވެ. އަދި ތިމަންކަލޭގެފާނާ ވާހަކަދައްކަވާ ހެއްދެވުމުން
އެވިދާޅުވެދެއްވި އެއްޗެއް ދަސްކުރައްވަމުއެވެ."
2. ވަޙީއާއިގެން ވަޑައިގަންނަވާ މަލާއިކަތާ މާތް
ރަސޫލާއާއެކު ޤުރުއާން މުރާޖަޢާ ކުރައްވައެވެ. މިކަން ކޮންމެ އަހަރެއްގެ ރަމަޟާންމަހުގައި ހިންގަމުންދިޔައެވެ.
އެގޮތުން ޖިބްރީލް ރަމަޟާންމަހުގެ ކޮންމެ ރެއަކު އެކަލޭގެފާނުގެ
އަރިހަށްވަޑައިގެން ޤުރުއާނުން ކިޔަވާ ވިދާޅުވެދެއްވާނެއެވެ. އަދި އެކަލޭގެފާނުގެ
ސުވަރުގެއަށް ވަޑައިގެން އަހަރު ދެފަހަރު ރަމަޟާންމަސްތެރޭ ޤުރުއާން
މުރާޖަޢާކޮށްދެއްވިއެވެ. މިހުރިހާ ކަމެއެއްވެސް ކުރެވިފައިވަނީ ޤުރުއާނުގެ
ރައްކަލަކަށެވެ.
3. ކީރިތި ޤުރުއާން ލިޔެވި އަދި އެލިޔެވުނު
ތަކެތި މުރާޖަޢާކުރެވުނެވެ. ވަޙީއައުމުން އެވަޙީލިޔުއްވާނެ ކާތިބުން މާތް
ރަސޫލާ ޢައްޔަންކުރެއްވިއެވެ. އަދި އެކާތިބުން އެލިޔުމުން އެލިޔުއްވި އެއްޗެއް
އެކަލޭގެފާނަށް ކިޔަވާދިނުމަށް ވިދާޅުވާނެއެވެ. އަދި އެލިޔެވިފައިވާ ލިޔުމުގައި
ކުށެއްވާނަމަ އިޞްލާޙްކޮށްދެއްވާނެއެވެ.
4. ރަސޫލުކަމުގެ ކުރީކޮޅު މާތް ރަސޫލާގެ ޙަދީޘާއި
ޤުރުއާނުގެ ތަފްސީރުފަދަ ތަކެތި ލިޔުންވަނީ މަނާކުރައްވާފައެވެ. އެއީ މީހުންނަން ޤުރުއާނާއި
އެހެނިހެންތަކެތިއޮޅި މަސްހުނިވެދާނެތީއެވެ. ނަމަވެސް ޤުރުއާންވަކި އެއްޗެއްގެ
ގޮތުގައި ފާހަގަކުރެވި، ކަނޑައެޅި، އެހެން އެއްޗަކާ މަސްހުނިވުމުގެ ފުރުޞަތު
ނެތިދިޔުމުން އެހެނިހެންތަކެތި ލިޔުމުގެ ހުއްދަ ދެއްވިއެވެ.
5. ޤުރުއާން ދަސްކުރުމަށާއި އުނގަންނައިދިނުމަށް
ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އެގޮތުން މާތް ރަސޫލާ އެކަލޭގެފާނުގެ
ޞަޙާބީންނަށް ޤުރުއާން ދަސްކުރުމަށާއި އުނގަންނައިދިނުމަށާއި އެއްބޭކަލަކު އަނެއް
ބޭކަލަކަށް ދަސްކުރުމުގައި އެހީތެރިވުމަށްވަނީ އިރުޝާދުދެއްވާފައެވެ. އަދި
އިމާމުވެ ނަމާދުކުރުމުގެ އިޒުނަދެއްވުމުގަޔާއި ލަޝްކަރުގެ ވެރީން
ޢައްޔަންކުރެއްވުމުގައި ޤުރުއާންގެ ޢިލްމުބޮޑަށް ދެނެލައްވާ ބޭކަލުންނަށް
އިސްކަންދެއްވިއެވެ. މީގެ އިތުރުން ނަމާދުކުރާއިރުގައި ތަކުރާރުކޮށް ޤުރުއާން
ކިޔަވަންޖެހުމާއި ޢާއްމު ދިރިއުޅުމުގައި ޤުރުއާނުން ޙުކުމުނަގަންޖެހުން
ވެގެންދިޔައީ ޤުރުއާން ދަސްކުރުމަށް ބާރުއަޅައިދިން ސަބަބަކަށެވެ.
6. ޢަރަބީންނަކީ ވަރަށް ހަނދާންގަދަ ބަޔެކެވެ.
އަދި ޤުރުއާން ހަނދާނުގައި ބެހެއްޓުމަށް އެމީހުން ޚާއްޞަ ސަމާލުކަމެއްދިނެވެ. މީގެ އިތުރުން ޤުރުއާން ދަސްކުރުމަށް އެމީހުން
އިތުރަށް ޝައުޤުވެރިކުރުވި އަނެއްސަބަބަކީ ޤުރުއާން ބަލާޣަތާއި ފަޞާހަތުގެ އެންމެ
ރިވެތި އަދަބީ އުސްލޫބުން އައިސްފައިވުމެވެ. ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު
ޤުރުއާން ހިތުންދަސްކޮށް އަދި ލިޔެފައިވެއެވެ. ކުޑަކުދިންނާއި މުސްކުޅިންނާއި
އަންހެނުންނާއި ބަދަވީންގެ ތެރެއިން އެތައްބަޔަކު ޤުރުއާން
ހިތުދަސްކޮށްފައިވެއެވެ.
މާތް ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހުވެސް އެކަލޭގެފަނުގެ ޞަޙާބީން
ޤުރުއާން ދަސްކުރުމުގައާއި ރައްކާކޮށް ޙިމާޔަތްކުރުމުގައި ދެމިތިއްބެވިއެވެ.
މިކަމަށް ހެކިދޭ ދެތާރީޚީ ހާދިސާތަކެއްވެއެވެ. އެއީ:
1. މުސްލިމުންގެ ފުރުތަމަ ޚަލީފާ އަބޫބަކުރުއް
ޞިއްދީޤުގެ ޚިލާފަތުގައި ޤުރުއާން ހިތުދަސްކުރައްވާފައިވާ
އެތައްބޭކަލަކު ހަނގުރާމަތަކުގައި ޝަހީދުވެގެންދިޔައެވެ. އެކަލޭގެފާނާއި އަދިވެސް
ކުރިޔަށް ތިއްބެވި ބަޔެއް ޞަޙާބީންނަށް، ޤުރުއާން ހިތުދަސްކުރައްވާފައިވާ ބޭކަލުން
ޝަހީދުވެ ނުވަތަ އަވަހާރަވަމުންދާކަމުގައިވާނަމަ ޤުރުއާން ނެތިހިނގައިދާނޭކަމުގެ
ބިރު ހީފުޅުވާން ފަށައިފިއެވެ. އެހެންވެ އެކަލޭގެފާނު ޤުރުއާން ޖަމާކުރެއްވުމަށް
އަމުރުކުރެއްވިއެވެ. އެގޮތުން އޭރު ލިޔެވިފައިވާ ޤުރުއާނުގެ އެކި
ނުޞްޚާތައް ބަލާހެދުނެވެ. އަދި ފިލާކޮޅުކޮޅުގައްޔާއި ހަންހަމުގައި ލިޔެވިފައިވާ
އެތިއެތިކޮޅަށް ދާންދެން ބަލާހެދުނެވެ. އަދި ޤުރުއާން ހިތުދަސް ހުރިހާ ބޭކަލުންނާ
ސުވާލުކުރެވުނެވެ. އަދި އެއަށްފަހު ޤުރުއާން ފޮތެއްގެ ޞިފައިގައި ތައްޔާރުކުރެވި
ޚަލީފާއާއި އެކަލާގެފާނުގެ ފަހުން ވަޑައިގަންނަވާނޭ ޚަލީފާއިންގެ ބެއްލެވުމުގެ
ދަށުގައި އެބޭއްވުނެވެ.
2. މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އަރަބީންނަށް
ފަސޭހަވާނޭހެން އެމީހުންގެ އެކިއެކި ބަހުރުވަތަކުން އެކިއެކި ޤިރާއަތްތަކަށް ޤުރުއާން
ކިޔެވުމުގެ އިޒުނަވަނީ ދެއްވާފައެވެ.
ނަމަވެސް ޢުޘްމާންގެފާނުގެ ޚިލާފަތުގެ ދުވަސްވަރު މިކަމުގެ ސަބަބުން ބަޔެއް
މުސްލިމުންގެ މެދުގައި އޮޅުންއެރުންތަކެއް އުފެދިގެންދިޔައެވެ. މިކަމެއްގެ
ޙައްލެއްގެ ގޮތުން، ހުރިހާ މުސްލިމުން އެއްޤިރާއަތަކަށް ޤުރުއާން ކިޔެވުމަށް
އެކަލޭގެފާނު ކަނޑައެޅުއްވިއެވެ. އެކަނޑައެޅުއްވި ޤިރާއަތަކީ ޢަރަބީންގެ އެންމެ
މަޝްހޫރު ޤަބީލާ، ޤުރައިޝުންގެ ބަހުރުވައިގެ ޤިރާއަތެވެ. އަދި އެއަށްފަހު
އެކަލޭގެފާނު ޤުރުއާނުގެ ނުސްޚާތަކެއް ހެއްދެވުމަށްފަހު ބޮޑެތި ޝަހަރުތަކުގެ
އެކިއެކި ސަރަޙައްދުތަކަށް އެބެއްސެވިއެވެ.
ކުރީގެ ބައެއް ޢިލްމުވެރިން ޢުޘްމާންގެފާނު ތައްޔާރުކުރެއްވި މުޞްޙަފުތަކުގެ
އަޞްލު ނުވަތަ ކޮޕީތައް އިސްލާމީ ދުނިޔޭގެ އެކިއެކި ރަށްތަކުގައިވަނިކޮށް
ބެއްލެވިކަން މުސްތަޝްރިޤުންވަނީ ޔަޤީންކޮށްދެއްވާފައެވެ. މީގެތެރެއިން އެންމެ
މަޝްހޫރުމީސްމީހުންގެ ތެރޭގައި ގުއަޓްރޮމިއަރ ފާހަގަކޮށްލެވެއެވެ. އެއީ
ބާރގެސްޓްރެސަރ އާއި ޕެރެޓްޒެލް އިޝާރާތްކުރައްވާ ފަދައިންނެވެ.
މަޝްހޫރު ސައްޔާޙް އިބްނު ބަޠޫޠާ އޭނާގެ ދަތުރުތަކުގައި ޢުޘްމާނީ
މުޞްޙަފުތަކެއް ކަމަށްބުނެވޭ ލިޔުންތަކެއް ޣަރުނާޠާ، މާއްރަކެޗް، ބަޞްރާ އަދި
މިނޫންވެސް ތަންތަނުން ދެކެލެއްވިކަމަށްވެއެވެ.
އަދި ދިމިޝްޤުގެ ޢިލްމުވެރިއެއްކަމުގައިވާ އިބްނުކަޘީރު (ހިޖްރީގޮތުން 8 ވަނަ
ޤަރުނު) ސީރިޔާއަށް ފޮނުވުނު ޢުޘްމާނީ މުޞްޙަފްގެ ލިޔުމެއް
ދެކެވަޑައިގެންކަމަށްވެއެވެ. އެކަލޭގެފާނުގެ އިތުރުން އިބްނުލްޖަޒާއިރީ އަދި އިބްނުފަޟްލުﷲ
އަލްޢުމައިރީ މިޝަރަފުގައި ޙިއްޞާވެލައްވައެވެ. ދިރާސާކުރައްވާ ބައެއްބޭފުޅުން
ވިދާޅުވާގޮތުގައި އެއަށްފަހު މިލިޔުން (މުޞްޙަފް) ރަޝިޔާގެ ޓްސާ(މިހާރުގެ
ލެނިންގްރަޑް)އަށް ފޮނުވުނެވެ. އަދި އެއަށްފަހު އިނގިރޭސިވިލާތަށް ގެންދެވުނެވެ.
އަނެއްބައި ބޭފުޅުން ވިދާޅުވާ ގޮތުގައި އެލިޔުން ދިމިޝްޤުގެ މައިމިސްކިތް 1310
ވަނަ އަހަރު އަނދަދެން އެމިސްކިތުގައި އޮތެވެ.
ޤުރުއާންނޫން ފޮތަކަށް މިހާ އަޅާލުމާއި ރައްކާތެރިކަން ލިބިފައިނުވާކަމަށާއި
މިހާގިނަ ޞައްޙަ ގޮތްގޮތުން އައިސްފައިވާ އެހެން ފޮތެއްނުވާކަމަށް ދިރާސާކުރައްވާ
ހުރިހާ ބޭފުޅުންވެސް ޤަބޫލުކުރައްވައެވެ.
ޗެވާލިއާ ވިދާޅުވާފަދައިން، ޤުރްއާނަކީ "...މީހަކު ހީކުރާވަރަށްވުރެއް
ފުރިހަމަ އަދި ތަފްޞީލީ" ފޮތެކެވެ.
މިއީ ޢަޖާއިބުވާންވީ ކަމެއްނޫނެވެ. އެހެނީ މިއީ މާތްﷲގެ ފޮތެވެ. ފުއްޞިލަތު
ސޫރަތުގެ 42 ވަނަ އާޔަތުގައި އެކަލާނގެ އެކަލާނގެ
ވަޙީކުރެއްވިއެވެ.
لَا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ
މާނައީ: "އެފޮތުގެ
ކުރިމައްޗަކުންވެސް، އަދި އޭގެފަހަތަކުންވެސް އެފޮތަކަށް ބާޠިލްކަމެއް
ނާންނާނެތެވެ. (އެއީ) ޙަމްދު ލިބިވޮޑިގެންވާ، ޙަކީމްވަންތަރަސްކަލާނގެ ޙަޟްރަތުން
ބާވައިލެއްވި ފޮތެކެވެ."
ޤުރުއާން ބާވައިލެއްވުނީ މަރުޙަލާތަކަކުން
މާތްﷲ މުޙައްމަދުގެފާނަށް ޤުރުއާން ބާވައިލެއްވީ އިންސާނިއްޔަތަށް
ހިދާޔަތެއްގެ ގޮތުގައެވެ. ޤުރުއާން ބާވައިލެއްވުން ވެގެންދިޔައީ އުޑުތަކާއި
ބިމުގައި ފާހަގަވެގެންދިޔަ ބާއްޖަވެރި މުނާސަބަތަކަށެވެ. އެޤުރުއާން އެންމެ ފުރުތަމަ ބާވައިލެއްވުނީ
ލައުޙުލްމަޙްފޫޡްއިން ދުނިޔޭގެ އުޑުގައިވާ ބައިތުލްޢިއްޒާއަށެވެ. އެއީ ރަމަޟާންމަހެއްގެ ރެޔެއްގައެވެ. އެރެޔަށް
ނަންދެވިފައިވަނީ ލައިލަތުލްޤަދްރިގެ ނަމުންނެވެ. އެހިނދު މަލާއިކަތްބޭކަލުންނަށް
މުޙައްމަދުގެފާނަށް ތަބަޢަވާނެމީހުންނަށްހުރި މަތިވެރި ޝަރަފު އެނގިގެންދިޔައެވެ.
އެމީހުންނަށް މާތް ރަސޫލަކުބޭކަލަކުލިބި އެފަދަ ދެވަނައެއްނުވާފަދަ ވަރުގަދަ
އުއްމަތަކަށްވާނެއެވެ.
އެއަށްފަހު އެޤުރުއާން ދެވަނަފަހަރަށް، ބައިބަޔަށް މުޙައްމަދުގެފާނަށް
ބާވައިލެއްވުނެވެ. މިއީ އެހެން ސަމާވީ ފޮތްތައް ބާވައިލެއްވުނުގޮތާ ތަފާތުގޮތެކެވެ. މިކަމުގެ
ފަހަތުގައިވާ އިލާހީ ޙިކުމަތް ބަޔާންކޮށްދެއްވުމަށް ދާންދެން ޢަރަބީން ފާޑުކިޔާ
ޒުވާބުކޮށް އުޅުނެވެ. ބޮޑާވުމާއި ޖާހިލިއްޔަތުގެ ތެރެއަށް ޣަރަޤުވެފައިވާ ބަޔަކަށް
ތެދުމަގުދެއްކެވުމަށްޓަކައި މުޙައްމަދުގެފާނަށް ޤުރުއާން ބާވައިލެއްވުނީ
އެއްފަހަރަކުންނޫނެވެ. ރަސޫލާގެ ހިތްޕުޅަށް ތަސައްލީއާއި ކުރިމަތިވާ
ހާދިސާތަކުގައި އަމަލުކުރައްވާނޭ ގޮތްބަޔާންކޮށްދެއްވުމަށް، މާތްﷲ އެކަލާނގެ
ދީނާއި އެކަލާނގެ އަޅުތަކުންނަށް އެކަލާނގެ ނިޢުމަތް ފުރިހަމަކޮށްދެއްވުމަށް
ދާންދެން، ބައިބަޔަށް ޤުރުއާން
ބާވައިލައްވެމުން ދިޔައެވެ.
ފުރުޤާން
ސޫރަތުގެ 32-33 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ. وَقَالَ الَّذِينَ كَفَرُوا لَوْلَا نُزِّلَ عَلَيْهِ الْقُرْآنُ جُمْلَةً وَاحِدَةً كَذَلِكَ لِنُثَبِّتَ بِهِ فُؤَادَكَ وَرَتَّلْنَاهُ تَرْتِيلًا . وَلَا يَأْتُونَكَ بِمَثَلٍ إِلَّا جِئْنَاكَ بِالْحَقِّ وَأَحْسَنَ تَفْسِيرًا
މާނައީ:
ކާފިރުވި މީހުން ބުނޫއެވެ. އެކަލޭގެފާނުގެ މައްޗަށް އެއްފަހަރާ ޤުރުއާން
ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ އެފަދައިންނެވެ. (އެބަހީ: ތިމަންރަސްކަލާނގެ
ޤުރުއާން ބާވައިލެއްވީ އެފަދައިން ބައިބަޔަށެވެ.) އެއީ ތިމަންރަސްކަލާނގެ އެއިން
ކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ
އެޤުރުއާން ލަސްލަހުން ކިޔަވައިދެއްވުމަކުން ކިޔައިދެއްވީމެވެ. އަދި
އެއުރެންނަކަށް ކަލޭގެފާނާ އިދިކޮޅަށް އެއްވެސް މިސާލެއް ނުގެނެވޭނެތެވެ.
އެހެނެއްކަމަކު، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ޙައްޤުބަސްފުޅު ގެނެސްދެއްވައި،
އެއަށްވުރެއް ސާފު ބަޔާނަކުން ބަޔާންކޮށްދެއްވާހުށީމެވެ.
ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވީއްސުރެއް ރިސާލަތު ފުރިހަމަ
ކުރެއްމަށްދާންދެން މެދުނުކެނޑި ޤުރުއާން ބާވައިލެއްވުމުން ދިޔައެވެ. އެއީ 23
އަހަރުގެ މުއްދަތެކެވެ. މިކަމުގެ ޙިކުމަތް ތިރީގައި މިވަނީއެވެ.
1. ޤުރުއާން ބައިބަޔަށް ބާވައިލެއްވުނީ މާތް
ރަސޫލާގެ ހިތްޕުޅަށް ތަސައްލީ އާއި ހިތްހަމަޖެހުން ގެނެސްދެއްވުމަށްޓަކައެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި
ވަސައްލަމަގެ އެދުންފުޅަކީ މުޝްރިކުންނަށް އިސްލާމްދީނަށް ދަޢުވަތުދެއްވާ
އެމީހުންނަށް ހިދާޔަތުދެއްކެވުން ކަމުގައިވިޔަސް، ފެށުނީއްސުރެއް އެމީހުންގެ
ފަރާތުން ލިބިވަޑައިގަތީ ދެކޮޅުވެރިކަމާއި ތުރާލެވެ.އެކަލޭގެފާނަށް ދިމާވާ
ކަންކަމުގެ ޖަވާބެއްގެ ގޮތުގައާއި އެކަލޭގެފާނުގެ ހިތްޕުޅަށް ތަސައްލީ
ގެނެސްދެއްވުމަށްޓަކައި ބައިބަޔަށް ޤުރުއާން ބާވައިލެއްވުން އެކަލޭގެފާނަށް
ބޭނުންވެގެންވިއެވެ. ޤުރުއާނުގައި ކުރީގެ ރަސޫލުބޭކަލުންގެ ވާހަކައާއި
އެބޭކަލުންގެ ޤައުމުގެ މީހުންގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ވާހަކައާއި
އެމީހުންގެ ކިބައިން އެބޭކަލުންނަށް ކުރިމަތިވި ތުރާތަކުގެ ވާހަކައާއި އެބޭކަލުންނަށް
އުފުއްލެވި ބުރައިގެ ނަތީޖާއަކަށް ކާމިޔަބީއާއި އިލާހީ މަދަދުވެގެން ދިޔަގޮތުގެ
ވާހަކަ އައިސްފައިވަނީ މިސަބަބަށްޓަކައެވެ.
2. މިކަމުގެ ސަބަބުން ޤުރުއާންފަދަ
އެހެންއެއްޗެއް ގެނެސްގަތުމަށް ކާފިރުން ނުކުޅެދުންތެރިވެގެންވާކަން ބޮޑަށް އެނގިގެންދިޔައެވެ. ޤުރުއާނު ބައިބަޔަށް އައުމުގެ ސަބަބުން
ޤުރުއާނުގައިވާ ގޮންޖެހުމަށް ރައްދެދެވޭފަދަ އެއްޗެއް ގެނެސްގަތުމަށް ކާފިރުން
ނުކުޅެދުންތެރިވެ އެފަދަ އެންމެ ސޫރަތެއްވެސް ގެނެސްގަތުމަށްއޮތް ގޮންޖެހުންވެސް
މަޑުމަޑުން އުނދަގޫވެ ފުޅާވަމުންދިޔައެވެ. ޤުރުއާން ބާވައިލެއްވުނީ
އެއްފަހަރުންކަމުގައިވާނަމަ އެގޮންޖެހުންވީ އެއާ ކުރިމަތިލާން ޖެހިލުންވާވަރުގެ
ބޮޑު އުނދަގޫ ގޮންޖެހުމަކަށެވެ.
3. މިކަމުގެ ސަބަބުން ޤުރުއާން ދޭހަކޮށް
ދަސްކުރުމަށް ފަސޭހަވެގެންދިޔައެވެ. ޤުރުއާން ބާއްވައިލެއްވުނީ އުއްމިއްޔަ
އުއްމަތަކަށެވެ. އޭގެތެރެއިން ގިނަމީހުންނަކަށް ލިޔާކަށް ނުވަތަ ކިޔާކަށް ނޭނގެއެވެ. ޤުރުއާން
ބާވައިލެއްވުނީ އެއްފަހަރުން ކަމުގައިވާނަމަ ޤުރުއާން ދަސްކޮށް އޭގެ މާނަޔާމެދު ވިސްނާ
ހަދަން އުނދަގޫވީސްކަން ޔަޤީނެވެ. ޤުރުއާން ދަސްކުރުމަށް އެންމެ ފަސޭހެވެގެންދާނީ
ޤުރުއާން ބައިބަޔަށް ބާވައިލެއްވުމުންނެވެ. އަދި މިކަމުގެ ސަބަބުން ޤުރުއާނުގައިވާ
އާޔަތްތަކުގެ މާނަ ދޭހަކޮށްގަތުމަށާއި އާންމު ދިރިއުޅުމުގައި އެކަންކަން
ބޭނުންކުރުމަށް ފަސޭހަވެގެންދިޔައެވެ.
4. މިކަމުގެ ސަބަބުން ހާލަތާ ގުޅޭގޮތުން
ވަޙީއައުމަށް މަގުފަހިވެގެންދިޔައެވެ. ޤުރުއާން މީސްމީހުން ކުރާ ކުށްތަކާއި
އެމީހުންގެ ގައިގައި ހުންނަ ނޭދެވޭ އަޚްލާޤީ ޞިފަތައް ޙިކުމަތްތެރި ގޮތެއްގައި
އެކަށޭނެ ދަނޑިވަޅުތަކެއްގެ މަތިން ރަނގަޅުނުކޮށްދިންނަމަ މީހުން އެހާފަސޭހައިން
އެބަލައިނުގަތީހެވެ. އެގޮތުން މީސްތަކުންނަށް ކަމެއްވާއިރަށް އެކަމާ ގުޅޭ
ޙުކުމްތައް ބާވައިލައްވާ އެކަމުގައި ބަޔާންވެގެންވާ ޙައްޤުގޮތް އެމީހުންނަށް
ހިދާޔަތުދައްކަވައެވެ. އަދި މިގޮތުގެ މަތިން ޙާލަތާއި ކުރިމަގުގައި ދިމާވެދާނޭ
ކަންކަމަށް ރިޢާޔަތްކުރާ، އިސްލާމީ ޝަރީޢަތުގެ ބިންގާ އެޅިގެން
ދިޔައެވެ.
5. މިކަމުގެ ސަބަބުން މިއީ ކަނޑައެޅިގަން
ޙަކީމްވަންތަ މާތްﷲ ބާވައިލެއްވި ފޮތެއްކަން އެނގިގެންދެއެވެ. ޤުރުއާން ބާވައިލެއްވުނީ 23 އަހަރުގެ މަތީން،
މިތަނުން އާޔަތެއް އެތަނުން އާޔަތެއް ކަހަލަ ގޮތަކަށެވެ. ކަންމިހެން
ހުރިކަމުގައިވިޔަސް އެފޮތް ބަލައި މީހަކަށް ފެނިގެންދާނީ ބަލާޣަތްތެރިކަމުގެ
އެންމެ ފުރިހަމަ ގޮތުގައި މާނަ ފުށުނާރާނެހެން ރިވެތިކޮށް އެމުނިއެކުލެވިފައިވާ
ތަނެވެ. އެފޮތުގެ އެއްއާޔަތާއި އަނެއް އާޔަތް، އެއްސޫރަތާއި އަނެއް ސޫރަތް
އެއްވެސް ކުރަކިކަމެއްނެތިވަނީ ލާމެހިފައެވެ. މިޤުރުއާން އައިސްފައިވަނީ ޙާލަތާއި
ދިމާވާ ކަންކަމަށް ރިޢާޔަތްކޮށް، އިންސާނީ މަޞްދަރަކުން ކަމުގައިވާނަމަ އޭގެ
ވައްޓަފާޅިއަކު އެއްގޮތްކަމެއް ނުހުރީހެވެ. އަދި މިހާ ބުގިސްކޮށް އޭގެ
ޢިބާރާތްތަކާއި ވައްޓަފާޅިއާއި މާނަ ނުގެނުވީސްކަން ކަށަވަރެވެ.
ނިސާ ސޫރަތުގެ 82 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ. أَفَلاَ يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِندِ غَيْرِ اللّهِ لَوَجَدُواْ فِيهِ اخْتِلاَفًا كَثِيرًا
މާނައީ:
އެޤުރުއާނަކީ ﷲ ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވާނަމަ،
ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ.
ޤުރުއާނުގެ
ތަފްސީރު
ޤުރުއާނުގެ
ތަފްސީރު ތަބާވަނީ އަންނަނިވި މަންހަޖަށްކަން އެބަލައި ދިރާސާކުރާ މީހަކަށް
އެނގޭނެއެވެ.
1. ޤުރުއާނު އެގޭ އަމިއްލަ ތަފްސީރެއްގެ
ގޮތުގައި:
މީހަކު ބުނެފައިވާ އެއްޗެއް އިތުރަށް ތަޙްޤީޤްކޮށް ދިރާސާކުރުމަށް އެންމެ
ރަނގަޅު ގޮތަކަށްވާނީ އެމީހަކު ވާހަކަ ދައްކަން ބޭނުންކުރާ ބަހުގެ ޢާއްމު ލުޣަވީ
އުޞޫލުތަކަށް ރިޢާޔަތްކުރާހާލު، އެމީހަކު ބުނެފައިވާ އެހެން ބުނުންތައް
ބަލައިހަދުމެވެ. އެގޮތުން ޤުރުއާން ބާވައިލެއްވިފައިވާ ބަރުހުވައާއި ޢަރަބިބަސް
ޢާންމުކޮށް ބޭނުންކޮށް އުޅޭގޮތްތަކާއި މުޞްޠަލަޙްތައް އެންގުމަކީ ލާޒިމުކެމެވެ.
އެހެނީ ޤުރުއާން ބާވައިލެއްވިފައިވަނީ ޢަރަބި ބަހުންނެވެ. އެޤުރުއާން އެބޭކަލެއްގެ
މައްޗަށް ބާވައިލެއްވުނު ރަސޫލަކީ ޢަރަތްބެކެވެ. އެކަލޭގެފާނު ގެންނެވި ރިސާލަތް
އެންމެ ކުރިން ލިބުނީ ޢަރަބީންނަށެވެ. އެޤުރުއާން ބާވައިލެއްވުނީ އެމީހުން ދަންނަ
އުސްލޫބަކުންނެވެ.
ޤުރުއާނުގެ އާޔަތެއްގެ ތަފްސީރު ހޯދުމަށްޓަކައި ޤުރުއާނުގެ މުފައްސިރަކަށް
އެއާޔަތާ ގުޅުންހުރި އެހެން އާޔަތްތައް ހޯދާ ކައިރިކޮށް އެކަތި އަނެއްކައްޗާ
އަޅާކިޔާ ގުޅުވާ ހަދަންޖެހިދާނެއެވެ. އެގޮތުން އެއްއާޔަތެއް އެހެން އާޔަތަކަށް
ބާރުދީ ނުވަތަ އިތުރަށް ތަޢުލީލްކޮށްދީ ބަޔާންކޮށްދީފާނެއެވެ.
2. ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް ޤުރުއާނުގެ
ތަފްސީރެއްގެ ގޮތުގައި:
ޤުރުއާނުން އޭގައިވާ އާޔަތެއްގެ މާނަ ދޭހަނުވެއްޖެނަމަ ދެން އެކަމުގެ
ތަފްޞީލު ހޯދުމަށް ރުޖޫޢަވާން ޖެހެނީ މާތް ރަސޫލާގެ ސުންނަތަށެވެ. ނަޙްލު ސޫރަތުގެ 44 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ.
بِالْبَيِّنَاتِ وَالزُّبُرِ وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ
މާނައީ: އަދި ތިމަންރަސްކަލާނގެ
ކަލޭގެފާނަށް ޤުރުއާން ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި،
މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެންނަށް
ފިކުރުކުރުމަށްޓަކައެވެ.
ފަރުޟު ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖުފަދަ ޤުރުއާނުގައި ޝާމިލް ގޮތެއްގައި
އައިސްފައިހުންނަ ކަންކަން ސުންނަތުގައި ތަފްޞީލުކޮށްދެއެވެ. ސުންނަތުން
މިއަޅުކަންތައް އަދާކުރާނޭ ގޮތުގެ ތަފްޞީލާއި އެކަންކަން ޞައްޙަވުމުގެ
ޝަރުޠުތަކާއި އެކަންކަން ކުރުމުގައި މުސްތަޙައްބުވެގެންވާ ކަންކަމާއި ޙަރާމް
ކަންކަމާއި މަކްރޫހަ ކަންކަން އެނގިގެންދެއެވެ.
އަދި މީގެ އިތުރުން މިއަޅުކަންތައް އަދާކުރާނޭ ވަޤުތުތަކާއި މިންވަރުވެސް
ސުންނަތުގައިވެއެވެ. މިކަންކަމުގައި ޤުރުއާނަށްވުރެއް ސުންނަތް ތަފްޞީލެވެ.
ޤުރުއާނުގައި ޝާމިލްކޮށް އައިސްފައި ހުންނަކަންކަން ތަފްޞީލުކޮށްދިނުމުގެ އިތުރުން
ޤުރުއާނުގައިވާ ޞިފަކުރުންތައް އިތުރަށް ޞިފަކޮށްދީ އެއިން ދޭހަކޮށްގަތުމަށް
ދަތިވާ ތަންތަން އިތުރަށް ބަޔާންކޮށްދެއެވެ. އެހެންވެ މާތް ރަސޫލާ
ޙަދީޘްކުރެއްވިއެވެ. "ޤުރުއާނުގެ އިތުރުން ތިމަންކަލޭގެފާނަށް އެފަދަ އެހެން
އެއްޗެއް ދެއްވާފައިވެއެވެ."
3. ޞަޙާބީންގެ ތަފްސީރު
ޤުރުއާނާއި ސުންނަތުން ވަކި އާޔަތެއްގެ މާނަ ދޭހަކޮށް ނުގަނެވިއްޖެނަމަ، ދެން
އޭގެ ތަފްސީރު ހޯދަނީ މާތް ރަސޫލާގެ ޞަޙާބީންގެ ބަސްފުޅުތަކުންނެވެ.
އެބޭކަލުންނަކީ އެއާ އެންމެ ގާތްކޮށް އުޅުއްވި އަދި އެބާވައިލެއްވުނު ހިނދު
ޙާލަތުހުރިގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭކަލުންނެވެ.
އެބޭކަލުންނަށް ޤުރުއާން ފަހުމުވެފައިވަނީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. އަދި
އެބޭކަލުންނަކީ އެންމެ ޢިލްމުވެރި އަދި ޞާލިޙް ބޭކަލުންނެވެ. ޚާއްޞަކޮށް
އެބޭކަލުންގެ ތެރޭގައި ތިއްބެވި ޢިލްމުވެރިންނެވެ.
4. ތާބިޢީންގެ ތަފްސީރު
ޤުރުއާނުގައިވާ ވަކިތަންކޮޅެއް ތަޙްޤީޤުކޮށް އޭގެ ރަނގަޅު މާނައެއް ކުރިން
ދެންނެވި މަޞްދަރުތަކުން ނުފެނިއްޖެ ޙާލަތެއްގައި ދެން މުފައްސިރުން ރުޖޫޢަވަނީ
ޞަޙާބީންނަށްފަހު ވަޑައިގަތް ޖީލަށެވެ. އެހެނީ އެބޭކަލުންނަކީ ޤުރުއާން
ބާވައިލެއްވި ޒަމާނާ އެންމެ ކައިރި ޒަމާނުގައި އެޅުއްވި ބޭކަލުންނަށް ވާތީއާއި
ޤުރުއާނުގެ ބަހުރުވައާއި އުސްލޫބަށް އެބޭކަލުން ފަރިތަވާނެތީއެވެ. އެބޭކަލުންނާއި
ރަސޫލާގެ ސުންނަތާއި އެކަލޭގެފާނުގެ ޞަޙާބީންގެ ބަސްފުޅުތައް ބޮޑަށް
އެނގިވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން އެބޭކަލުންގެ މާތްކަމަށް އެބޭކަލުންގެ
ކުރިން މާތް ރަސޫލާވަނީ ހެކިވެވަޑައިގެންފައެވެ.
ޤުރުއާން ބާވައިލެއްވުން ނިމުމާއެކު ދީން ފުރިހަމަވެގެންދިޔުން
ޤުރުއާން ބާވައިލެއްވުނީ މީގެ 14 ޤަރުނު ކުރިން ކަމުގައިވިޔަސް އޭގައިވާ
މާނަތަކަކީ ޤަދީމީ އަދި އެހާމެ އައު މާނާތަކެކެވެ. އިންސާނުން މިދުނިޔޭގެ އުޅެން ފެށީއްސުރެއް
ބާވައިލެއްވުނު ފޮތްތަކާއި ދެއްވާފައިވާ އިރުޝާދުތަކުގެ އަސަރު ޤުރުއާނުގައި
އެކުލެވިގެންވެއެވެ. ހުރިހާ ޒަމާނެއްގެ، ހުރިހާ ޖީލުތަކެއްގެ މީހުންނަށް
އިވިފައިވާ މަތިވެރި ޙިކުމަތްތަކެއްގެ ޚުލާޞާ އެޤުރުއާނުގައިވެއެވެ. އެއީ އިންސާނުންނަށް
ބޭނުންޖެހޭނެ ހުރިހާ އަދި އެހެނިހެން އިލާހީ ޤާނުނުތައް ހިމެނޭނެހެން
ބާވައިލައްވާފައިވާ ޖާމިޢުފޮތެކެވެ. އޭގައި ބަޔާންވެގެންވަނީ ކަނޑައޅިގެން ތެދެވެ.
އަދި އެއީ ދުނިޔެ ފެށުނީއްސުރެއް މިއަދާ ޖެހެންދެން އަދި ދުނިޔެ ނިމެންދެން މާތްﷲ
އެކަލާނގެ އަޅުންނާމެދު ދެއްވާފައިވާ ހެކިބަސްފުޅެވެ.
މިކަން މާތްﷲ ޤުރުއާނުގެ الأعلى ސޫރަތުގައިވަނީ ބަޔާންކޮށްދެއްވާފައެވެ. އެސޫރަތް ފައްޓަވާފައިވަނީ
ޚަލްޤުކުރެއްވުމުގައިވާ އެކަލާނގެ އަޔާތްތަކާ ބެހޭގޮތުންނެވެ. ދެން އެކަލާނގެ
އެސޫރަތުގައި އެކަލާނގެ ރަސޫލާއަށް މީހުންނަށް ހަނދުކޮށްދިނުމުށްވަނީ
އަމުރުކުރައްވާފައެވެ. އެއަށްފަހު ކާފިރުކަމުން ޠާހިރުވާ މީހުންނަށް ކާމިޔާބާއި
ފަލާޙް ލިބޭގޮތާއި އަބާއްޖަވެރިންނަށް ނަކާމިޔާބީ ލިބޭގޮތް ބަޔާންކޮށްދެއްވައެވެ.
އަދި އާޚިރަތް މިދުނިޔެއަށް ވުރެއް ހެޔޮކަން ބޮޑުވެފައި ދެމިހުރުން ބެޑުވެގެންވާ
ހާލުވެސް އިންސާނާގެ މިޒާޖުގައި ދުނިޔޭގެ ދިރިއުޅުން އިސްކުރުންވާކަން
ބަޔާންކޮށްދެއްވައެވެ. އަދި އެސޫރަތް ނިންމާލައްވަމުން ވަޙީކުރައްވައެވެ.
إِنَّ هَذَا لَفِي الصُّحُفِ الْأُولَى . صُحُفِ إِبْرَاهِيمَ وَمُوسَى
މާނައީ:
ހަމަކަށަވަރުން މިވާހަކަތައް، އިހުގެ ފަތްފުށްތަކުގައިވާކަން ކަށަވެރެވެ.
އިބްރާހީމްގެފާނާއި މޫސާގެފާނަށް ބާވައިލެއްވި ފަތްފުށްތަކުގައެވެ.
އެޤުރްއާނަށްފަހު އިންސާނުން އެހެން އެއްޗަކަށް ބޭނުންނުވާނެތީ ޤުރުއާން
ބާވައިލެއްވުން ނިމުމާއެކު ދީން ފުރިހަމަވެގެންދިޔައެވެ.
މާއިދާ
ސޫރަތުގެ 3 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ. الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا
މާނައީ:
މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމުއެވެ.
އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަންރަސްކަލާނގެ
ރުހިވޮޑިގެންފީމެވެ.
އެފަދަ ދެވަނައެއްނުވާ މުޢުޖިޒާތް: ޤުރުއާން
މުޢުޖިޒާތް:
މުޢުޖިޒާތް ޢާންމުކޮށް ދެއްވަނީ އެބޭކަލެއްގެ ޤައުމެއް އެކަމަކުން މަޝްހޫރުވެފައިވާ
ކަމަކުންނެވެ. މިކަމުގެ ބޭނުމަކީ މީސްތަކުންނަށް މާތްﷲގެ ކުޅަދުންވަންތަކަމާއި
ގަދަފަދަވަންތަކަން ދެއްކެވުމެވެ. މިފަދަ މުޢުޖިޒާތްތަކުގެ ތެރޭގައި
ޞާލިޙްގެފާނުގެ ޖަމަލާއި މޫސާގެފާނުގެ ޢަޞާކޮޅާއި ކަނޑު އެކަލޭގެފާނަށް
ބައިކޮށްދެއްވުމާއި ޢީސާގެފާނު މާތްﷲގެ އިޒުނަފުޅާއެކު މަރުވެފައިވާމީހުން އަލުން
ދިރުއްވުމާއި މާތްﷲގެ އިޒުނަފުޅާއެކު ބަލިމީހުން ފަސޭހަކޮށްދެއްވުން ހިމެނެއެވެ.
ކަމެއް މުޢުޖިޒާތަކަށްވުމުގެ ޝަރުޠުތަކަކީ:
1. މީހުންނަށް އާދަވެފައިވާ ޤުދުރަތުގެ ޤާނޫނާއި ޚިލާފުވާންވާނެއެވެ. އަދި
ޤުދުރަތީ ސަބަބުތަކާއި ޝަރަޙަތަކަށް ގޮންޖަހާލެވެންވާނެއެވެ.
2. އެކަން ކުރިމަތިވާންވާނީ ކާފިރުންނަށްހުރި ގޮންޖެހުމެއްގެ ގޮތުގައެވެ. އެކަން
ވާންޖެހޭނީ، ﷲ ފިޔަވާ އެހެންފަރާތަކުން އައިނަމަ، އެމީހުންނަށް ނުކުރެވޭފަދަ
ކަމަކަށެވެ.
3. އެފަދަ އެހެންއެއްޗެއް ނުވަތަ ކަމެއް
އުފެއްދިގެން ނުވަތަ ކުރެވިގެން ނުވާނެއެވެ. އެފަދަ އެހެން އެއްޗެއް މީހަކަށް
ހެދިއްޖެނަމަ ނުވަތަ ކުރެވިއްޖެނަމަ އެއެއްވެސް ޙާލެއްގައި މުޢުޖިޒާތަކަށް
ނުވާނެއެވެ.
4. އެމުޢުޖިޒާތަކީ އެގެންނެވި ރަސޫލެއް ދޮގުކުރާ އެއްޗަކަށް ވެގެންނުވާނެއެވެ.
މިސާލަކަށް ރަސޫލުކަމަށް ދަޢުވާކުރާ މީހަކު މުޢުޖިޒާތެއްގެ ގޮތުގައި އޭނާގެ
ރަސޫލުކަމަށް ހެކިވާނެ ވާހަކަދައްކާ ޖަނަވާރެއް ހުށަހަޅައި އަދި އެޖަނަވާރު
އޭނާއަކީ ދޮގުވެރިއެއްކަމަށް ބުނެފިނަމަ އެކަން މުޢުޖިޒާތަކަށް ނުވާނެއެވެ.
މުޢުޖިޒާތުގެ ދެވައްތަރެއްވެއެވެ. އެއީ މާއްދީ އަދި ފިކުރީ މުޢުޖިޒާތެވެ.
ކުރީގެ ގިނަ ނަބީބޭކަލުންގެ މުޢުޖިޒާތްތަކަކީ މާއްދީ މުޢުޖިޒާތްތަކެކެވެ.
ނަމަވެސް މުޙައްމަދުގެފާނުގެ އެންމެ ބޮޑު މުޢުޖިޒާތަކީ ފިކުރީ މުޢުޖިޒާތެކެވެ. މިއިޝާރާތްކުރާ މުޢުޖިޒާތަކީ ކީރިތި
ޤުރުއާނެވެ. މިކަމުގެ ސަބަބެއްކަމުގައި، މިއީ އެންމެ ފަހުގެ ރިސާލަތަށްވާ
މުޢުޖިޒާތްކަމަށްވުމާއެކު، އަންނަންހުރި ޖީލުތަކުގެ ވިސްނާ ފިކުރުކުރާމީހުންނަށް
ފެންނާނޭ ފަދައިންޤިޔާމަތާ ހަމަޔަށް އޮންނަންއޮތުން ވެދާނެއެވެ. އެހެން ނަބީބޭކަލުންގެ
މުޢުޖިޒާތްވަނީ ތާރީޚުގެ ތެރެއަށް ގެއްލިފައެވެ. އެކަން ފެނިފައިވަނީ އެބޭކަލުންގެ
ޒަމާނުގައި ދިރިއުޅުނު މީހުންނަށް އެކަންޏެވެ. ނަމަވެސް މިއާޚިލާފަށް ކީރިތި
ޤުރުއާން ޤިޔާމަތާ ހަމަޔަށް ދެމިގެންދާނެއެވެ. މިސަބަބަށްޓަކައި މާތް ރަސޫލާ
ޙަދީޘްކުރެއްވިއެވެ. "މީހުން އެބޭކަލަކު ތެދުކުރާނޭ ފަދަ ޢަލާމާތަކާނުލާ
އެއްވެސް ނަބީބޭކަލަކު ނުވެއެވެ. ތިމަންކަލޭގެފާނަށް ދެއްވާފައި މިވަނީ ހަމައެކަނި
މާތްﷲގެ ވަޙީބަސްފުޅެކެވެ. އެހެންކަމުން ޤިޔާމަތްދުވަހުން (އެބޭކަލަކަށް) އެންމެ
ގިނަމީހުން ތަބާވާ ބޭކަލަކަށްވުމަށް ތިމަންކަލޭގެފާނު
އުންމީދުކުރައްވަމުއެވެ."
ޤުރުއާނީ މުޢުޖިޒާތުގެ ވައްތަރުތައް
ޤުރުއާނަކީ ހުރިހާ ގޮތަކުންވެސް މުޢުޖިޒާތެކެވެ. ކިތަންމެ ޒަމާނެއް
ވޭތެވުދިޔަނަމަވެސް އެކަން އެގޮތަށް އޮންނާނެއެވެ. އަދި އޭގައިވާ ލަފްޡުތަކާއި
މާނަތަކާއި ބަޔާންތަކާއި ނަޞޭޙަތްތަކުގައި އޭގެ މުޢުޖިޒާތްވެއެވެ. އޭގައިވާ
ޢިލްމުގައި އޭގެ މުޢުޖިޒާތްވެއެވެ. ޤުރުއާނުގައިވާ ތަފްޞީލާއި ދިމާވުމުގެ
ބޮޑުކަމުން ކޮންމެ ޢިލްމަކާއި ފަންނެއްގެ މާހިރުންވެސް ހައިރާންކުރުވައެވެ. މިއީ
ޤުރުއާނަކީ މާތްﷲ ބާވައިލެއްވި އެއްޗެއްކަމުގެ އެންމެ ވަރުގަދަ ހެކިތަކުގެ ތެރެއިން
ހެއްކެކެވެ.
1. ޤުރުއާނުގެ އަދަބީ މުޢުޖިޒާތް
ޤުރުއާނަކީ ފަޞާޙަތްތެރިކަމާއި އަދަބީ ކުލަވަރުގެ މުޢުޖިޒާތެކެވެ. އަދި
އެޤުރުއާންވަނީ ޢަރަބީންނަށް އެމީހުންގެ ފަޞާޙަތްތެރިކަމާއި ބަލާޣަތްތެރިކަމާއެކު
އެފަދަ، ކިތަންމެ ކުޑަނަމަވެސް، ސޫރަތެއް ގެނެސްގަތުމަށް ގޮންޖަހާފައެވެ. އަދި
ޤުރުއާންވަނީ އެމީހުންނަށް މިކަން ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެ
މަދަދުވެ އުޅުމަށް ގޮންޖައްސަވާފައެވެ. މިކަން ކުރުމަށް އެތައް ސަބަބުތަކެއް
މެދުވެރިވަމުން ދިޔައިރުވެސް އެމީހުންގެ ތެރެއިން ހަމަ އެކަކުވެސް އެފަދަ އެއްޗެއް
ގެނެސްފައެއް ނުވަތަ ގެނެއުމަށް މަސައްކަތް ކޮށްފައެއްވެސްނުވެއެވެ. އެކަން
ކުރުމަށް ހުރި ސަބަބުތަކުގެ ތެރޭގައި އިސްލާމްދީނާމެދުކުރާ ނަފްރަތާއި ހުންނަ
ޢަދާވަތްތެރިކަމާއި މުޙައްމަދުގެފާނަށް އިހާނެތިކޮށް ހިތުމަށްހުރި ޝައުޤާއި
ބަހާއިމެދު ހުންނަ ކިބުރުވެރިވާދަ ފަދަ ކަންކަން ހިމެނޭއިރުވެސް އެކަން ކުރުމަށް
ހުރި އެމީހުންގެ ނުކުޅެދުންތެރިކަން ދިޔައީ ފާޅުވެގެންނެވެ. އެމީހުންގެ ދޫތައްވީ
ހަމަހިމޭނުންނެވެ. ހިތްތައްވަނީ މަންމަނުވެގެންނެވެ. އެމީހުންވަނީ މިޤުރުއާނަކީ
އިންސާނެއްގެ ޚިޠާބެއް ނުވަތަ ޅެމެއް ނުވަތަ ނަޘްރެއްނޫންކަމަށް އެއްބަސްވެފައެވެ.
އަދި އެއީ އެމީހުންގެ ސާޙިރުންނާއި ކާހިނުންގެ ބަސްތަކެއްނޫން ކަމަށްވެސްވަނީ
އިޢުތިރާފުވެފައެވެ. އެއީ ހަމަޔަޤީނުވެސް ބިމުގެ ކަމެއްނޫނެވެ.
މިގޮންޖެހުމުގެ ޙާލަތު
މުޙައްމަދުގެފާނު ރިސާލަތާއިގެން ފޮނުއްވުމުގެ ކުރީންވެސް ޢަރަބީންވަނީ
އެންމެ މަތީ ފަންތީގެ ފަޞާޙަތްތެރިކަމާއި ބަލާޣަތްތެރިކަމާއި މޮށެއުޅުމުގެ ހުނަރު
ހޯދާފައެވެ. ބަސްވެފައިވަނީ އެމީހުންނަށް މުޤައްދަސް އެއްޗަކަށެވެ. އަދި
ބަހަށްވަނީ އެމީހުންގެ ހިތްތަކުގައި ޚާއްޞަ މަޤާމެއް ދެވިފައެވެ. އެމީހުންގެ
ހިތްތަކުގައި ބަހަށް ހުންނަ ލޯބީގެ ބޮޑުކަމީ އެންމެ މޮޅު ހަތްޅެން ހޮވައި،
އެމީހުންގެ ގާތުގައި އެންމެ މުޤައްދަސްތަން ކަމުގައިވާ، ކަޢުބާގެ ދޮރުކޮޅުގައި
އެތަކެތި އެލުވައެވެ.
ޢަރަބި މުޖުތަމަޢުގައި ޅެން ވެފައިވަނީ ވަރަށް ބާރުގަދަ އެއްޗަކަށެވެ.
އެގޮތުން ޅެންވެރިޔަކު ޤަބީލާއަކަށް ހަޖޫހިމެނޭނެހެން ޅެމެއްކިޔައިފިނަމަ
އެޤަބީލާއެއްގެ ޤަދަރު ނެތިގެން ހިނގައިދެއެވެ. އަދި ހަމައެފަދައިން ޅެންވެރިޔަކު
ޤަބީލާއަކަށް ތަޢުރީފުކޮށް ޅެމެއްކިޔައިފިނަމަ އެޤަބީލާއެއްގެ ޤަދަރު
މަތިވެގެންދެއެވެ.
މުޙައްމަދުގެފާނުގެ މުޢުޖިޒާތް މަތިވެރިކުރައްވާ ގަދަކުރެއްވުމަށްޓަކައި
މާތްﷲ އެކަލޭގެފާނަށް ދެއްވާފައިވަނީ ކިޔަވާ ވިދާޅުވާނޭ އިޢުޖާޒީ ފޮތެކެވެ.
އެފޮތާއިގެން ވަޑައިގެންނެވީ އަމިއްލަ އަތްޕުޅުން އެއްޗެއް ލިޔުއްވާފައިނުވާ އަދި
އެހެންމީހެއްގެ ގާތުން ޢިލްމެއް ނުވަތަ ފަންނެއް ދަސްކުރައްވާފައިނުވާ
ލިޔަންކިޔަންދެނެވަޑައިނުގަންނަވާ ބޭކަލެކެވެ.
ޤުރުއާނީ މުޢުޖިޒާތުގެ ފާހަގަކޮށްލެވޭ ޚާއްޞިއްޔަތުތައް
1. އެމުޢުޖިޒާތަކީ ރިސާލަތުގެ ޠަބީޢަތާ
އެކަށީގެންވާފަދަ މުޢުޖިޒާތެކެވެ. އެހެނީ އެރިސާލަތަކީ އިލާހީ ރިސާލާތްތަކުގެ
އެންމެ ފަހު ރިސާލަތެވެ. އެއީ ޤިޔާމަތާ ހަމަޔަށް ދުނިޔޭގެ ކޮންމެ ތަނަކާއި
ޒަމާނެއްގައި އުޅޭ އެންމެންނަށްވާ ރިސާލަތެކެވެ. މިރިސާލަތަށް ޚާއްޞަވެގެންވާ
މުޢުޖިޒާތަކީ ދާއިމަށް ދެމިގެންވާ އެއްޗަކަށްވުން މިރިސާލަތާ އެކަށީގެންވެއެވެ.
ކުރީގެ ރަސޫލުން ފޮނުއްވިގެންވަނީ ވަކި ޒަމާނެއްގެ ވަކި ބަޔަކަށެވެ. ރަސޫލާ
ޙަދީޘްކުރެއްވިއެވެ. "(އެހެން) ނަބިއްޔުން ފޮނުއްވުނީ އެބޭކަލުންގެ ޤައުމުގެ
މީހުންނަށް ޚާއްޞަވެގެންނެވެ. ތިމަންކަލޭގެފާނު ފޮނުއްވުނީ މުޅި
އިންސާނިއްޔަތަށެވެ."
2. ޝަރްޢީ ޤާނޫނާއި މުޢުޖިޒާތަކީ އެކައްޗެކެވެ.
ޤުރުއާނަކީ މުޢުޖިޒާތެވެ. އަދި އޭގައި ޝަރުޢީ ޙުކުމުތައްވެސްވެއެވެ.
މިއީ އެހެން
ނަބީބޭކަލުންނާމެދު ކަންހިނގައިދިޔަ ގޮތެއްނޫނެވެ. އެންމެ ފަހުގެ އިލާހީ ޝަރްޢީ
ޤާނޫނު ހިމެނޭ މުޙައްމަދުގެފާނުގެ ރިސާލަތަކީ މުޢުޖިޒާތެކެވެ. އަދި މުޢުޖިޒާތަކީ
ޝަރުޢީ ޤާނޫނެވެ.
3. ޤުރުއާން ކުރީގެ ނަބީބޭކަލުންގެ
ތެދުވެރިކަމަށް ހެކިވެއެވެ.މުޙައްމަދުގެފާނުގެ މުޢުޖިޒާތްކަމުގައިވާ ކީރިތި ޤުރުއާން ކުރިން
ނަބީބޭކަލުންވާކަމާއި އެބޭކަލުން ގެނެސްދެއްވި ރިސާލަތުގެ ތެދުވެރިކަމާއި
އެބޭކަލުން މީސްތަކުންނަށް ގޮވާލެއްވި ކަންކަމުގެ ޞައްޙަކަމަށް ހެކިވެއެވެ.
ޤުރުއާނުގައިވާ ގޮންޖެހުމުގެ އާޔަތްތައް
އިސްރާ ސޫރަތުގެ 88 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ. قُل لَّئِنِ اجْتَمَعَتِ الإِنسُ وَالْجِنُّ عَلَى أَن يَأْتُواْ بِمِثْلِ هَذَا الْقُرْآنِ لاَ يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا
މާނައީ:
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މިޤުރުއާނާ އެއްފަދަ އެއްޗެއް
ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް
އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން
ކަމުގައި ވީނަމަވެސްމެއެވެ.
ހޫދު ސޫރަތުގެ 13-14 ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރެއްވިއެވެ. أَمْ يَقُولُونَ افْتَرَاهُ قُلْ فَأْتُواْ بِعَشْرِ سُوَرٍ مِّثْلِهِ مُفْتَرَيَاتٍ وَادْعُواْ مَنِ اسْتَطَعْتُم مِّن دُونِ اللّهِ إِن كُنتُمْ صَادِقِينَ - فَإِن لَّمْ يَسْتَجِيبُواْ لَكُمْ فَاعْلَمُواْ أَنَّمَا أُنزِلِ بِعِلْمِ اللّهِ وَأَن لاَّ إِلَهَ إِلاَّ هُوَ فَهَلْ أَنتُم مُّسْلِمُونَ
މާނައީ: ނުވަތަ
އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވި އާޔަތްތަކެއް ކަމަށް އެއުރެން ބުނަނީ
ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އަމިއްލައަށް ހަދާފައިވާ އެކަހަލަ ދިހަ
ސޫރަތް ތިޔަބައިމީހުން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން
ކަމުގައިވަނީނަމަ، ﷲ ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހާ ބަޔަކަށް ނިކަން
ގޮވައިގެނެސްބަލާށެވެ! ފަހެ، އެއުރެން ތިޔަބައިމީހުންނަށް އިޖާބަ ނުދީފިނަމަ،
ފަހެ، ތިޔަބައިމީހުން ދަންނާށެވެ! އެއާޔަތްތައް ބާވައިލައްވާފައިވަނީ، ﷲގެ
ދެނެވޮޑިގަތުމާ އެކުގައެވެ. އަދި އެކަލާނގެ މެނުވީ، އިލާހަކު ނުވެއެވެ. ފަހެ،
ތިޔަބައިމީހުން މުސްލިމުން ކަމުގައި ވާނޫހެއްޔެވެ؟
ބަޤަރާ ސޫރަތުގެ 23-24 ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރެއްވިއެވެ.وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُواْ بِسُورَةٍ مِّن مِّثْلِهِ وَادْعُواْ شُهَدَاءكُم مِّن دُونِ اللّهِ إِنْ كُنْتُمْ صَادِقِينَ . فَإِن لَّمْ تَفْعَلُواْ وَلَن تَفْعَلُواْ فَاتَّقُواْ النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ
މާނައީ: ތިމަން
ރަސްކަލާނގެ އަޅާއަށް (އެބަހީ: މުޙައްމަދުގެފާނަށް) ތިމަންރަސްކަލާނގެ
ބާވައިލެއްވިއެއްޗަކާމެދު (އެބަހީ: ޤުރުއާނާމެދު) ތިޔަބައިމީހުން ޝައްކު
ކަމެއްގައިވާނަމަ، ފަހެ، ތިޔަބައިމީހުން އޭގައިވާފަދަ ސޫރަތެއް
ނިކަންގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިންކަމުގައިވަނީނަމަ، ﷲ
ފިޔަވައި، ތިޔަބައިމީހުންނަށް، ނަޞްރުދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް
ނިކަން ގޮވައި، ގެނެސްބަލާށެވެ! ފަހެ، ތިޔަބައިމީހުންނަށްއެކަން ނުކުރެވުނުނަމަ
އަދި ތިޔަބައިމީހުންނަށް ހަމަހިލާ އެކަންތަކެއްނުކުރެވޭނެތެވެ. (އެކަން
ނުކުރެވުނުނަމަ) ފަހެ، ތިޔަބައިމީހުންނަށް ނަރަކައަށް ބިރުވެތިވެ
ރައްކާތެރިވާށެވެ! އެނަރަކައަކީ، މީހުންނާއިހިލަ، އޭގެދަރުކަމުގައިވާ ނަރަކައެވެ.
އެނަރަކަ ތައްޔާރުކުރެވިފައިވަނީ، ކާފިރުންނަށްޓަކައެވެ.
ޣައިބުގެ ވާހަކަތައް ޤުރުއާނުގައި ގެނެސްފައިވާ އިޢުޖާޒީގޮތް
ޣައިބުން އިޝާރާތްކުރެވެނީ މުޙައްމަދުގެފާނަށް އެނގިވަޑައިނުގަންނަވާ ނުވަތަ
އެނގިވަޑައިގަތުމުގެ ކުޅަދާނަކަން ލިބިވަޑައިގެންނުވާ ކަންކަމަށެވެ. މިސާލަކަށް
އެކަލޭގެފާނު ދެކެވަޑައިގެންފައިނުވާ ނުވަތަ އެކަލޭގެފާނުގެ ޒަމާންނޫން
ޒަމާންތަކުގައި ހިނގާފައިވާ އަދި އެކަންކަމުގެ އެއްވެސް ޢިލްމެއް
ލިބިވަޑައިގެންނުވާ ކަންކަމުގެ ވާހަކަ ހިމެނެއެވެ. މީގެތެރޭގައި ކީރިތި
ޤުރުއާނުގައިވާ ޚަލްޤުކުރެއްވުމުގެ ވާހަކައާއި އާދަމްގެފާނުން ފެށިގެން
މުޙައްމަދުގެފާނުގެ ހަމަޔަށް ހިނގާފައިވާ ކަންކަމުގެ ވާހަކަ ހިމެނެއެވެ. އަދި
ހަމަމިފަދައިން އެކަލޭގެފާނުގެ ޒަމާނުގައި ހިނގާފައިވާ އެތައްކަމެއްވެސް
ހިމެނެއެވެ. އެގޮތުން ދުޝްމިނުން ރާވަމުންގެންދިޔަ ރޭވުންތަކުގެ ޚަބަރު މާތްﷲ ވަނީ
ވަޙީގެ ޒަރީޢާއިން އެކަލޭގެފާނާ ޙިއްޞާކުރައްވާފައެވެ.
ދެބާވަތެއްގެ ޣައިބު ވެއެވެ. އެއީ މާޟީއާއި ކުރިމަގެވެ. މިދެބާވަތްވެސް
ކީރިތި ޤުރުއާނުގައި ވެއެވެ.
މާޟީވި ޣައިބުގެ ތެރޭގައި ކުރީގެ އުންމަތްތަކާއި ހާދިސާތަކުގެ ވާހަކަތައް
ހިމެނެއެވެ. މިހުރިހާ ކަމަކުންވެސް އެނގިގެންދަނީ
މުޙައްމަދުގެފާނުގެ ތެދުވެރިކަމާއި ޤުރުއާން އައީ މާތްﷲގެ ޙަޟްރަތުންކަމެވެ. މީގެ
ތެރޭގައި އާދަމްގެފާނާއި ނޫޙްގެފާނާއި ހޫދުގެފާނާއި އިބްރާހީމްގެފާނާއި
މޫސާގެފާނާއި ޢީސާގެފާނާއި އެކަލޭގެފާނުގެ މައިކަމަނާ މަރްޔަމްގެފާނުގެ
ވާހަކަތަކާއި، ޢާދު ބާގައިގެ މީހުންނާއި ޘަމޫދު ބާގައިގެ މީހުންނާއި ބަނީއިސްރާއީލްގެ
މީހުންނާއި ފިރުޢައުނުފަދަ އެބޭބޭކަލުންގެ ޤައުމުތަކުގެ މީހުންގެ ވާހަކަ
ހިމެނެއެވެ.
މިސަބަބަށްޓަކައި ހޫދު ސޫރަތުގެ 49 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲވަޙީކުރެއްވިއެވެ. تِلْكَ مِنْ أَنبَاء الْغَيْبِ نُوحِيهَا إِلَيْكَ مَا كُنتَ تَعْلَمُهَا أَنتَ وَلاَ قَوْمُكَ مِن قَبْلِ هَذَا فَاصْبِرْ إِنَّ الْعَاقِبَةَ لِلْمُتَّقِينَ
މާނައީ: އެއީ،
ތިމަންރަސްކަލާނގެ ކަލޭގެފާނަށް ވަޙީކުރައްވާ ޣައިބުގެ ޚަބަރުތަކުގެ ތެރެއިން
ޚަބަރުތަކެކެވެ. ކަލޭގެފާނަކަށްވެސް، އަދި ކަލޭގެފާނުގެ ޤައުމުގެ
މީހުންނަކަށްވެސް، މީގެކުރިޔަކުން އެޚަބަރުތައް އެނގިވަޑައިގެންފައެއް ނުވެއެވެ
ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން (ހެޔޮ) ނިމުންވަނީ
ތަޤްވާވެރިންނަށެވެ.
އަދިވެސް، މަރްޔަމްގެފާނުގެ ވާހަކައާއި އެކަމަނާގެ ބެލެނިވެރިކަން
ޒަކަރިއްޔާގެފާނަށް ލިބިވަޑައިގަތްގޮތުގެ ވާހަކަ ބަޔާންކޮށްދެއްވުމަށްފަހު،
އާލްޢިމްރާން ސޫރަތުގެ 44ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ ވަޙީކުރެއްވިއެވެ.
ذَلِكَ مِنْ أَنبَاء الْغَيْبِ نُوحِيهِ إِلَيكَ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُون أَقْلاَمَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ
މާނައީ: އެއީ،
ޣައިބުގެ ޚަބަރުތަކުގެ ތެރެއިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ވަޙީކުރައްވާ
ޚަބަރުތަކެވެ. މަރްޔަމްގެފާނު ބެލުމާ ޙަވާލުވާނީ، އެއުރެންގެ ތެރެއިން ކާކުތޯ
ބެލުމަށްޓަކައި (ޤުރުޢަތުލުމުގެ ގޮތުން) އެއުރެންގެ ޤަލަމްތައް އުކި ހިނދު، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން
ނުވަމުއެވެ. އަދި، އެއުރެން (އެކަމުގައި) ދެބަސްވެ ޚިލާފުވީ ހިނދުގައިވެސް،
އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ.
މާޟީގެ މިފަދަ ވާހަކަތައް މިހާ ތަފްޞީލްކޮށް ހުރުމަކީ، ޤުރްއާނަކީ
އިންސާނެއްގެ ކަމެއްނޫންކަމާއި މާތްﷲގެ ވަޙީބަސްފުޅުކަމުގެ ސާފު ހެއްކެކެވެ.މުޙައްމަދުގެފާނު ބޮޑުފުޅުވިފަދަ
މާޙައުލެއްގައި ބޮޑުވާ މީހަކަށް މިފަދަ "އަނގައިން އަނގަޔަށް
އަޅައިދޭންޖެހޭފަދަ" ޢިލްމެއް ހޯދޭނެ އެއްވެސް ފުރުޞަތެއް ނޯންނާނެއެވެ.
އެޖާހިލު މުޖުތަމަޢުގައި އެހާ ތަފްޞީލުކޮށް މިހާދިސާތައް އެނގޭ އެކަކުވެސްނެތެވެ.
އާދޭހެވެ! ޔަހޫންދީންނާއި ނަޞާރާއިންނަށް މިކަންކަމުގެ ޚަބަރު ކުޑަކޮށް ނަމަވެސް
ލިބިފައިހުރުން އެކަށީގެންވެއެވެ. ނަމަވެސް އެމީހުންދިރިއުޅެމުން ގެންދިޔައީ
ޢަރަބިކަރައިގެ ބިތްދޮށުގައެވެ. އަދި އެމީހުންނަކީ ވަރަށް އެމީހުން އެމީހުންނާވެގެން
އުޅުނު ބަޔެކެވެ. އަދި އެމީހުންނަކީ ވަށައިގެންވާ މީހުންގެ މައްޗަށް މާނުފޫޒުގަދަ
ބަޔެއް ނޫނެވެ. އަދި އެހެންމީހުން އެމީހުންނާ ވާދަވެރިވެ އެމީހުންގެ މަގާމު
ގެއްލިދާނެކަމުގެ ބިރަށްޓަކައި އެމީހުންނަށް ލިބިފައިވާ ޢިލްމު އެހެންމީހުންނާ
ޙިއްޞާކޮށެއްނޫޅެއެވެ.
ކުރިމަގުގެ ޣައިބުގެގެ ތެރޭގައި ރޫމީން ފާރިސީން ބަލިކުރާނެ ވާހަކަ
ޤުރުއާނުގައި ބާޔާންވެގެންވުންފަދަ ކަންތައް ހިމެނެއެވެ. ރޫމް ސޫރަތުގެ 2-3 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވ غُلِبَتِ الرُّومُ . فِي أَدْنَى الْأَرْضِ وَهُم مِّن بَعْدِ غَلَبِهِمْ سَيَغْلِبُونَ
މާނައީ:
(ޢަރަބީންނާ) އެންމެ ކައިރި ބިމުގައި (ފާރިސީންގެ އަތުން) ރޫމީން
ބަލިކުރެވިއްޖެއެވެ. އަދި އެއުރެން ބަލިވުމުގެ ފަހަށް، ކާމިޔާބު ހޯދާނެތެވެ.
ދެން ޤުރުއާނުގައިވާ ފަދައިން ކަންހިނގިއެވެ.
ހަމައެފަދައިން މާތް ރަސޫލާގެ ބައެއް ޞަޙާބީންނާ ކުރިމަތިވާނޭ ކަންކަމުގެ
ޚަބަރު ކީރިތި ޤުރުއާނުގައިވެއެވެ. މުއްޒައްމިލު ސޫރަތުގެ 30 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ.
عَلِمَ أَن سَيَكُونُ مِنكُم مَّرْضَى وَآخَرُونَ يَضْرِبُونَ فِي الْأَرْضِ يَبْتَغُونَ مِن فَضْلِ اللَّهِ وَآخَرُونَ يُقَاتِلُونَ فِي سَبِيلِ اللَّهِ
މާނައީ:
ތިޔަބައިމީހުންގެ ތެރެއިން ބަލިމީހުން ވާނެކަމާއި، އަދި އަނެއްބަޔަކު ﷲގެ
ފަޟްލަވަންތަކަން އެދިގެން ބިމުގައި ދަތުރުފަތުރުކުރާކަމާއި ﷲގެ މަގުގައި
ހަނގުރާމަ ކުރާކަން އެކަލާނގެ ދެނަވޮޑިގެންވެއެވެ.
މިއީ ޤުރުއާނުން އެންމެ ފުރުތަމަ ބާވައިލެއްވުނު އާޔަތްތަކުގެ ތެރެއިން
އާޔަތެކެވެ.
ޤުރުއާނުގައި މުސްލިމުން ހަނގުރާމައިގައި ނަޞްރު ހޯދާނެކަމުގެ އުފާވެރި
ޚަބަރުވެއެވެ. ޤަމަރު ސޫރަތުގެ 44-45 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ.
أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ . سَيُهْزَمُ الْجَمْعُ وَيُوَلُّونَ الدُّبُرَ
މާނައީ: ނުވަތަ
ތިމަންމެން އެންމެންނީ، ނަޞްރު ލިބިގެންވާ ބަޔެކޭ އެއުރެން ބުނަނީހެއްޔެވެ؟ އެ
(ކާފިރުންގެ) ޖަމާޢަތް ދެރަކުރައްވައި، ބަލިކޮށްލައްވާނެތެވެ.
އަދި އެއުރެން ފުރަގަސްދީ، ފިލަން ދުވާނެތެވެ.
ހަމަމިގޮތަށް ބަދްރު ހަނގުރާމައިގައި ކަންހިނގާދިޔައެވެ.
ދަތުރުފަތުރު ކުރުމުގެ އައުގޮތްތައް އަންނާނޭ ވާހަކަވެސް ޤުރުއާނުގައި
ވެއެވެ. ނަޙްލު ސޫރަތުގެ 8 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ.
وَالْخَيْلَ وَالْبِغَالَ وَالْحَمِيرَ لِتَرْكَبُوهَا وَزِينَةً وَيَخْلُقُ مَا لاَ تَعْلَمُونَ
މާނައީ: އަދި
އަހާއި، ބަޣްލާއި، ޙިމާރުވެސް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން އެތަކެއްޗަށް
ސަވާރުވުމަށާއި އަދި ޒީނަތެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން ނުދަންނަ ތަކެތި
އެކަލާނގެ ހައްދަވަތެވެ.
ދަތުރުފަތުރު ކުރުމުގެ ވަސީލަތްތަކަށް ޒަމާނާއެކު އައިސްފައިވާ ބަދަލު ނަޒަރު
ހިންގާލުމުން ފެނިގެންދެއެވެ.
ޤުރުއާނުގައިވާ އިލާހީ ޤާނޫނުގެ މުޢުޖިޒާތް
މިކައުނާއި މިކަނުގައިވާ ހުރިހާ އެއްޗެއް ޚަލްޤުކުރައްވާ އަދި އެހުރިހާ
ޚަލްޤުތަކެއްގެ ތެރެއިން އެންމެ ޝަރަފުވެރި އަދި ޤަދަރުވެރި މަޚްލޫޤުކަމުގައި
އިންސާނާ ލެއްވެވި ޚާލިޤްވަންތަ މާތްﷲ ވަނީ އެއިންސާނާއަށް އޭނާގެ ޙަޔާތް ކުރިޔަށް
ގެންދަންވީ ގޮތާއި އޭނާގެ ސުލޫކާއި އޭނާފަދަ އެހެން އިންސާނުންނާ ބާއްވަންވީ
ގުޅުންތަކާއި ޚާލިޤާއި އޭނާއާމެދު އޮންނަންވީ ގުޅުން ބަޔާންކޮށްދޭ ދުސްތޫރެއް
އިޚްތިޔާރުކޮށްދެއްވާފައެވެ. އަދި މިދުސްތޫރަށް ތަބަޢަވާ މީހުންނަށްވަނީ
ދުނިޔޭގައާއި އާޚިރަތުގައިވެސް ޚާއްޞަ ޙާލަތްތަކެއް މެދުވެރިކުރައްވާފައެވެ.
މިދުނިޔޭގައި އެމީހަކަށް ހިތްހަމަޖެހުމާއި އަރާމާއި ޝަރަފުވެރިކަން
ހޯދައިގަނެވެއެވެ. އިންސާނިއްޔަތުގެ ޙަޤީޤަތްތައް އެމީހަކަށް އިޙްސާސްވެ އޭނާ
ޚަލްޤުކުރައްވާ މިދުނިޔެއަށް ފޮނުއްވައި އެހެން ޚަލްޤުތަކުންގެ މައްޗަށް
މާތްކުރެއްވުމުގައިވާ އިލާހީ ޙިކުމަތް ބަލައިގަނެ ދޭހަކޮށްގަނެވިދާނެއެވެ.
އިންސާނުން އެމީހުންގެ ދިރިއުޅުމުގެ ކަންކަމުގައި ޢަމަލުކުރަންވީގޮތުގެ
ޤަވާޢިދުތައް ޤުރުއާނުގައިވެއެވެ. އެފޮތުގައި ކަމާގުޅޭ ޙުކުމުތައް ބަޔާންކޮށް
ނުދެއްވާ ޙަޔާތުގެ އެއްވެސް މަރުޙަލާއެއް ދުކޮށްލައްވާފައެއްނުވެއެވެ.
ޤުރުއާނުގައިވާ ޝަރްޢީ އަދި އަޚްލާޤީ ކަންކަމާގުޅޭ ޙުކުމްތައް އެކަނިވެސް
އެއީ ޤުރުއާނަކީ މާތްﷲގެ ޙަޟްރަތުން އައިސްފައިވާ އެއްޗެއްކަމުގެ ހެއްކެކެވެ.
ޤުރުއާނުގައިވާ މަތިވެރި އަޚްލާޤީ މިންގަނޑުތަކާއި ޝަރްޢީ އުޞޫލުތައް،
ދޭހަކޮށްގަތުމަށް ފަސޭހަވާނެހެން އެހާ ފުރިހަމަކޮށް އަދި އެހާމެ ތަފްޞީލުކޮށް
ގެނެސްގަތުމަކީ އިންސާނަކަށް ކުރެވޭނޭ ކަމެއްނޫނެވެ.
އިންސާނީ ދިރިއުޅުގެ ކަންކަން އިޖްތިމާޢީ އަދި ޒާތީގޮތެއްގައި ހިމެނޭނެހެން،
ދޭހަކޮށްގަތުމަށް ފަސޭހަވާނޭފަދަ ޤާނޫނެއްގެ ޞިފައިގައިވާކަމީ ކިތަންމެ މޮޅު
އިންސާނީ ވިސްނުންތަކަށްވެސް ތަޞައްވުރުކުރެވޭނޭކަމެއް ނޫނެވެ. މި ޤާނޫނީ
ނިޡާމާއިގެން ވަޑައިގެންނެވީ ޤަދީމީ ފަލްސަފާތަކާއި ލިޔުންތަކާ ބީރައްޓެހި
ލިޔަންކިޔަން ދެނެވަޑައިނުގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނު ދުނިޔޭގެ
ކަންކޮޅުތަކުގައި ބޭނުންކޮށްއުޅޭ ޤާނޫނުތަކާއި އާދަތައް އުނގެނި އަދި
ތަޙްޤީޤްކުރުމަށްޓަކައި އެއްވެސް ދަތުރެއް ކުރައްވާފައެއްނުވެއެވެ.
މިއިލާހީ ޤާނޫނުވަނީ އެތައް ޤަރުނެއް ވަންދެން އޭގައިވާ މީހުންގެ ސަމާލުކަން
ދަމައިގަންނަފަދަ ފުރިހަމަކަމުގެ ކުޑަތަންކޮޅެއްވެސް ނުގެއްލި ދެމިއޮވެފައެވެ.
ޤުރުއާނުގެ އިލާހީ މަޞްދަރުތަކަކީ ކޮންމެ ޒަމާނަކާއި ތަނެއްގައިވެސް
ބޭނުންކުރެވިދާނޭކަމަށް ވިސްނާބަލައިހަދާ ކޮންމެ މީހަކުވެސް އެއްބަސްވާނެއެވެ.
ޤުރުއާނުގައިވާ ޤާނޫނުގެ މިސާލުތައް
1. ޤުރުއާނުގައި އަޅުކަމާއި މުޢާމަލާތާއި ޖިނާއީ
ނިޡާމާއި ޢުޤޫބާތްތަކާބެހޭ ޤާނޫނުތައްވެއެވެ. މިހުރިހާ ކަމަކުންވެސް މުޖުތަމަޢު
ބާރުގަދަކުރުވާ އެކަކުއަނެކަކަށް އެއްބާރުލުމަށް ހިތްވަރުލިބިގެންދެއެވެ. އެއިން
އެމީހުންނަށް ނިޘާމާއި ކިޔަމަންތެރިކަން ފަސޭހަކަމާއެކު ހޯދުމަށް އެހީތެރިވެދީ
އީމާންތެރިކަމުން މަގުލިބިފައިވާ މުޖުތަމަޢެއް ޤާއިމްކޮށްދެއެވެ. މިކަން ނަމާދާއި
ޒަކާތާއި ޙައްޖާބެހޭގޮތުން އައިސްފައިވާ ޙުކުމްފުޅުތަކުން ފެނިގެންދެއެވެ.
ނަމާދަކީ މީހާގެ ޝަޚްޞިއްޔަތު ބިނާކޮށްދޭ ފަރުދީ ތަރައްޤީގެ މަގެވެ.މިކަމުގެ ސަބަބުން އޭނާއަށް އެހެންމީހުންނާ
އެއްކޮށް ހަމަޖެހިގެން އުޅުމަށާއި އެހެންމީހުންގެ (ޖަމާޢަތުގެ ނަމާދުގައި
އިމާމާގެ) ކިބައިން ލިބޭ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ދަސްވެއެވެ.
ފާރިސީ ޖަނަރެލެއް ކަމުގައިވާ ރުސްތުމް ޤާދިސިއްޔާ ހަނގުރާމައިގައި އިމާމާގެ
ފަހަތުގައި މުސްލިމުން އެމީހުންގެ މަޤާމުތަކުގައި ނަމާދުކުރާތަން ފެނުމުން
ބުންޏެވެ. "ޢުމަރުގެފާނު (ޚަލީފާ) ޢަރަބީންނަށް ނިޡާމުގެ މަފްހޫމް
ދަސްކޮށްދިނުމުން މަގޭ ހިތް ކުދިކޮށްލައިފިއެވެ."
ޒަކާތުގެ ސަބަބުން އެކި ގިންތީގެ މީހުންގެ މެދުގައި އޮންނަ ރުޅުވެރިކަން
ފޮހެލައި އިސްލާމީ މުޖުތަމަޢުގެ ފަރުދުންނަށް އިޖްތިމާޢީ ޒިންމާއާއި
ސަލާމަތްތެރިކަމުގެ ރޫޙެއް އުފައްދައިދެއެވެ.
ރޯދައިގެ ސަބަބުން މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމުގެ ރޫޙު
އާލާކޮށްދީ އެމީހުންނަށް ކެތްތެރިކަމާއި ހަވާނަފްސުގެ މައްޗަށް ގަދަވުމަށް
ދަސްކޮށްދެއެވެ.އަދި މާތް ﷲ
އެމީހުން ސިއްރުގައާއި ފާޅުގައިކުރާ ހުރިހާ ޢަމަލުތަކަކަށް ޙިސާބު ބައްލަވާނެކަން
އަންގައިދެއެވެ.
ޙައްޖު މީހުންގެ މެދުގައި ހަމަހަމަކަން ޤާއިމްކޮށްދީ ޤިޔާމަތްދުވަސް
ހަމަޔަޤީނުންވެސް އަންނާނެކަން ހަނދާންކޮށްދެއެވެ. އެއީ ވަކިވަކި މުސްލިމުންނާއި
މުޅި އިސްލާމީ އުންމަތުގެ މެދުގައިވާ، ކުލައަކަށް އަދި ނަސްލަކަށް
ޚާއްޞަކަމެއްނުވާ، ހަމަހަމަކަމުގެ ފެންނަންހުރި އަލިގަދަ ހެއްކެކެވެ.
މިއީ މާތްﷲ ގެ އަންނަނިވި ބަސްފުޅުގެ މަފްހޫމެވެ. މުއުމިނޫން ސޫރަތުގެ 52ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރެއްވިއެވެ.
يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ . وَإِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ
މާނައީ: އަދި
ހަމަކަށަވަރުން، މިއީ އެއް އުންމަތެއް ކަމުގައިވާ، ތިޔަބައިމީހުންގެ އުންމަތެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ
ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ބިރުވެތިވެ
ތަޤްވާވެރިވާށެވެ!
2. ޤުރުއާނުގައި މުސްލިމުންގެ މެދުގައި
އިޚްތިލާފާއި ބައިބައިވުމާއި އެފަދަ ބައިބައިވުމެއް އުފެދިއްޖެނަމަ
ކަންކުރަންވީގޮތް ބަޔާންކޮށްދިނުމަށާއި އެކަން އިތުރަށް ބޮޑުވެ ފެތުރުން
ހުއްޓުވުމަށްޓަކައި ވަކިވަކި ފަރުދުންނާއި މުޖުތަމަޢަށް ޚާއްޞަކުރެވިގެންވާ
ޤާނުނުތަކެއްވެއެވެ.
މިޤާނޫނުތައް އައިސްފައިވަނީ އިންސާނީ ޙަޔާތް ރައްކާތެރިކޮށްދިނުމަށެވެ.
ފުރާނައިންނާއި ގުނަވަނުން ޤިޞާޞް ހިފެއެވެ. ބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ.
يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالأُنثَى بِالأُنثَى فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاء إِلَيْهِ بِإِحْسَانٍ ذَلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ اعْتَدَى بَعْدَ ذَلِكَ فَلَهُ عَذَابٌ أَلِيمٌ
މާނައީ: އޭ
އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞްހިފުން
ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ.
އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އަޚާގެ
ފަރާތުން ޤިޞާޞްގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ
ކިބައިން (ވާރުތަވެރިޔާ) ހެޔޮގޮތުގައި މަރުގެ ދިޔައަށް އެދުން ހުށްޓެވެ. އަދި
(މާފުކުރެވުނުމީހާ) އިޙްސާންތެރިކަމާއެކު އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން (ތިޔަބައިމީހުންނަށް) ދެއްވި
ލުޔެކެވެ. އަދި ރަޙްމަތެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވާތްތެރިވެއްޖެ މީހާ
(ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޒާބު ހުށްޓެވެ.
އަދިވެސް މާއިދާ ސޫރަތުގެ 45 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވިއެވެ.
وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالأَنفَ بِالأَنفِ وَالأُذُنَ بِالأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ فَمَن تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَّهُ وَمَن لَّمْ يَحْكُم بِمَا أنزَلَ اللّهُ فَأُوْلَئِكَ هُمُ الظَّالِمُونَ
މާނައީ:
އެތައުރާތުގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (ޤިޞާޞްގެ އުޞޫލުތައް)
ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން ނަފްސަކަށް ނަފްސެކެވެ. ލޮލަކަށް ލޮލެކެވެ.
ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ.
ޒަޚަމުތަކަކީ ޤިޞާޞްހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ
ކައްފާރާއެކެވެ. އަދި ﷲ ބާވައިލެއްވި ޙުކުމުން ޙުކުމުނުކުރާމީހާ (ދަންނާށެވެ!)
ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.
3. ޤުރުއާނުގައި އިންސާނާގެ ކަރާމާތްތެރިކަން
ރައްކާތެރިކޮށްދޭ ޤާނޫނުތައްވެއެވެ. އަދި އެކަރާމަތްތެރިކަން ނަގާލާ
އެއްވެސްކަމެއް ކުރުން އިންޒާރު ކުރެއެވެ. މިސާލަކަށް ކައިވެނީގެ އިމުން ބޭރުން ޖިންސީ
ގުޅުން ހިންގުންވަނީ ޙަރާމްކުރައްވާފައެވެ. ނޫރު ސޫރަތުގެ 2-3 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ.
الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِئَةَ جَلْدَةٍ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ . الزَّانِي لَا يَنكِحُ إلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنكِحُهَا إِلَّا زَانٍ أَوْ مُشْرِكٌ وَحُرِّمَ ذَلِكَ عَلَى الْمُؤْمِنِينَ
މާނައީ:
ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ
ގައިގައި، ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ﷲއަށާއި އާޚިރަތްދުވަހަށް
ތިޔަބައިމީހުން އީމާންވާކަމުގައިވާނަމަ، ﷲގެ ދީނުގައި އެދެމީހުންނާމެދު
އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެދެމީހުންނަށް ދެވޭ
ޢުޤޫބާތް މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ. ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ
އަންހެނަކާ، ނުވަތަ ޝަރިކުކުރާ އަންހެނަކާނޫނީ ނުއިންނާތެވެ. އަދި ޒިނޭކުރާ
އަންހެނާ (ދަންނާށެވެ!) ޒިނޭކުރާ ފިރިހެނަކު ނުވަތަ ޝަރީކުކުރާ ފިރިހެނަކާ ނޫނީ
އެކަނބުލޭގެ ނުއިންނާތެވެ. އަދި މުއުމިނުންގެ މައްޗަށް އެކަން
ޙަރާމްކުރައްވާފައިވެއެވެ.
4. މީހުންގެ މުދަލާއި ތަނަވަސްކަން
ރައްކާތެރިކޮށްދޭ ޤާނޫނުތައް ޤުރުއާނުގައިވެއެވެ. މަކަރާއި ހީލަތާއި
ގަދަބާރުންނާއި ރިބާގެ ގޮތުގައާއި އަދި އެހެނިހެންވެސް ޙަރާމްވެގެންވާ ގޮތްގޮތަށް
މީހުންގެ މުދައު އަތުލުންވަނީ ނަހީކުރެވިގެންނެވެ.ބަޤަރާ ސޫރަތުގެ 188 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ.
وَلاَ تَأْكُلُواْ أَمْوَالَكُم بَيْنَكُم بِالْبَاطِلِ وَتُدْلُواْ بِهَا إِلَى الْحُكَّامِ لِتَأْكُلُواْ فَرِيقًا مِّنْ أَمْوَالِ النَّاسِ بِالإِثْمِ وَأَنتُمْ تَعْلَمُونَ
މާނައީ: އަދި
ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލްގޮތުގައި ނުކާށެވެ!
އަދި ތިޔަބައިމީހުންދެނެތިބެގެންމެ، ފާފަވެރިގޮތުގައި މީސްތަކުންގެމުދާތަކުގެ
ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް)
ޙާކިމުންނަށް ނުދޭށެވެ!
ބަޤަރާ
ސޫރަތުގެ 275 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ. وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا
މާނައީ:
ވިޔަފާރި ކުރުންވަނީ، ﷲ، ހުއްދަ ކުރައްވާފައެވެ. އަދި ރިބާވަނީ
ޙަރާމްކުރައްވާފައެވެ.
ޝަރީޢަތުގައިވަނީ މުޅި މުޖުތަމަޢުގެ ތެރޭގައި ތަނަވަސްކަން
ދައުކުރާނޭފަދައިން، ޒަކާތް ދެއްކުމަށް އަމުރުކުރައްވާ އަދި ގިނަގިނައިން
ޞަދަޤާތްދީ އުޅުމަށް ބާރުއަޅުއްވާފައެވެ. އަދި މުދާ ބައްކުރުމާއި އޭގެ
ޙައްޤުވެރިންނަށްނުދީ ހިފެހެއްޓުންވަނީ ނަހީކުރައްވާފައެވެ. މިކަމުގެ ބޭނުމަކީ
އެހެންމީހުންގެ ބުރަމަސައްކަތުގެ ސަބަބުން ލިބޭ ތަނަވަސްކަން މަދުބަޔެއްގެ
މުށުތެރެއަށް ޖަމާވިޔަނުދިނުމެވެ. ޙަޝްރު ސޫރަތުގެ 7 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ.
كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاء مِنكُمْ
މާނައީ: އެއީ
އެ މުދާތައް ތިޔަބައިމީހުންކުރެ މުއްސަނދިންގެ މެދުގައި ދައުރުވެވޭ ހުރިޔަނުދިނުމަށްޓަކައެވެ.
5. ޤުރުއާނުގައި ކަނޑައަޅުއްވާފައިވާ ދައުލަތް
ހިންގުމުގެ ނިޒާމު ޢަމަލީގޮތުން ތަންފީޒުކުރެވުމުން އޭގެކުރީގެ ތާރީޚުގައި
އުފެދިފައިނުވާފަދަ ދައުލަތެއް އުފެދިގެން ދިޔައެވެ. މިނިޒާމުގެ ތެރެއިން
ފާގަތިކަމާއި ރައްކާތެރިކަމާއި އިންޞާފުގެ ހުރިހާ ބައިތަކެއް ޤާއިމްކުރެވުނެވެ.
އަދި އިސްލާމީ ދައުލަތަށް ޝައުނާއި ޝައުކަތުގެ ކުލަވަރުތައް ފެނިގެންދިޔައެވެ.
މިހުރިހާ ކަމަކީވެސް ޤުރުއާނުގައި އައިސްފައިވާ ޤާނޫނުތައް ތަންފީޒުކުރުމުގެ
ނަތީޖާއެވެ. އެހެނީ ދައުލަތަކަށް އާރާއި ބާރު ލިބެނީ
އެދައުލަތަކުން ފޯރުކޮށްދޭ އިންސާނިއްޔަތުކަމުގެ މަބްދައުތަކުންނެވެ. އަދި
އެމަބްދައުތައް އިޚްލާޞްތެރިކަމާއި
އިންޞާފުވެރިކަމާއިއެކު ތަންފީޒުކުރުމުންނެވެ. މިފަދަ މަބްދައުތަކުގެ
ތެރެއިން އެންމެ މުހިންމު ދެމަބްދައުއަކީ:
ހ. ޝޫރާ (މަޝްވަރާކުރުން): ޤުރުއާނުގައި މަޝްވަރާކުރުންވަނީ
ނަމާދުކުރުމާއި ޒަކާތްދިނުންފަދަ ދީނުގެ އަސާސީ ކަންކަމާ ގުޅުވާފައެވެ. އެހެނީ
މަޝްވަރާކުރުމަކީ މުއުމިނެއްގެ ޝަޚްޞިއްޔަތު ބިނާކުރުގައި އަސާސީ ޞިފައެކެވެ. ޝޫރާ
ސޫރަތުގެ 37-39 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ.
وَالَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ وَإِذَا مَا غَضِبُوا هُمْ يَغْفِرُونَ . وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَى بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنفِقُونَ .وَالَّذِينَ إِذَا أَصَابَهُمُ الْبَغْيُ هُمْ يَنتَصِرُونَ
މާނައީ: އަދި
އެއުރެންނީ ބޮޑެތި ފާފަތަކާއި ފާޙިޝް ކަންތައްތަކުން ދުރުހެލިވެ ތިބޭ މީހުންނެވެ.
އަދި އެއުރެންނީ ރުޅިއަތުވެއްޖެހިނދެއްގައި މާފުކުރާ ބަޔެކެވެ. އަދި އެއުރެންނީ،
އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު ޤާއިމް ކުރިމީހުންނެވެ.
އަދި އެއުރެންގެ ކަންތައްތައް،އެއުރެންގެ
މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް
ދެއްވިތަކެތިން، އެއުރެން ހޭދަކުރެތެވެ. އަދި އެއުރެންނީ، އެއުރެންނަށް
އަނިޔާވެރިވުމެއް އަންނަހިނދު، ނަޞްރުލިބިގަންނަ މީހުންނެވެ.
ޤުރުއާނުގައި މަޝްވަރާކުރާނޭ ވަކިގޮތެއް ކަނޑައަޅުއްވާފައެއް ނުވެއެވެ. މިއީ
ލުއިކޮށްދެއްވުމަށާއި ބަދަލުގެނައުމަށް ފުރުޞަތުދިނުމަށެވެ. އަދި މީސްތަކުންނަށް
ރަޙްމަތެއްގެ ގޮތުގައެވެ. އެހެނީ އެކި ޖީލުތަކަށް މަޝްވަރާކުރުމުގެ އެންމެ
މޮޅުގޮތް ތަފާތުވާނެތީއެވެ.
ށ. ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަ އިންޞާފު: އިސްލާމީ ދައުލަތެއްގައި ބާރުގަދަ މީހަކަށް
ނިކަމެތި މީހެއްގެ ޙައްޤަކަށް އަރައެއް ނުގަނެވޭނެއެވެ. ޝަރީޢަތުގައާއި
ޝަރީޢަތްކުރެވޭ މަޖްލީހުގެ ކުރިމަތީގައި ހުރިހާ އެންމެން ހަމަހަމައެވެ. ވެރިޔާއާއި
ރައްޔިތުން ހަމަހަމައެވެ. ބާރުގަދަ މީހާއާއި ނިކަމެތި މީހާ ހަމަހަމައެވެ.
ޒުވާނުންނާއި މުސްކުޅިން ހަމަހަމައެވެ. މިސަބަބަށްޓަކައި އިލާހީ ރިސާލަތުގެ
މުހިންމު ރުކުންތަކުގެ ތެރެއިން އެއްރުކުނަކީ މީހުންގެ މެދުގައި އިންޞާފު
ޤާއިމްކުރުމެވެ. ޝޫރާ ސޫރަތުގެ 15 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ.
فَلِذَلِكَ فَادْعُ وَاسْتَقِمْ كَمَا أُمِرْتَ وَلَا تَتَّبِعْ أَهْوَاءهُمْ وَقُلْ آمَنتُ بِمَا أَنزَلَ اللَّهُ مِن كِتَابٍ وَأُمِرْتُ لِأَعْدِلَ بَيْنَكُمُ اللَّهُ رَبُّنَا وَرَبُّكُمْ لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ لَا حُجَّةَ بَيْنَنَا وَبَيْنَكُمُ اللَّهُ يَجْمَعُ بَيْنَنَا وَإِلَيْهِ الْمَصِيرُ
މާނައީ:
އެކަމަށްޓަކައި (ބައިބައިވުމުން ދުރުހެލިވެ އެންމެން އެކަނތިގަނޑަކަށްވުމަށް)
ފަހެ، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ކަލޭގެފާނަށް އަމުރުކުރެއްވި ފަދައިން
ސީދާވެވަޑައިގަންނަވާށެވެ! އެއުރެންއެދޭ ބާޠިލް ގޮތްތަކަށް ކަލޭގެފާނު
ތަބަޢަވެވަޑައިނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ބާވައިލެއްވި
ކޮންމެ ފޮތަކަށް އަހުރެން އީމާންވެއްޖައީމެވެ. އަދި އަހުރެންނަށް
އަމުރުކުރައްވާފައިވަނީ، ތިޔަބައިމީހުންގެ މެދުގައި ޢަދުލުވެރިގޮތުގައި
ކަންތައްކުރުމަށެވެ. ﷲއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ. އަދި
ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. ތިމަންމެންނަށް ތިމަންމެންގެ
ޢަމަލުތަކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ޢަމަލުތަކެވެ.
ތިޔަބައިމީހުންނާ އަހަރުމެންނާމެދު ޖަދަލުކޮށް ޒުވާބުކުރުމެއްނެތެވެ. ﷲ، އަހުރެމެން އެންމެން (ޤިޔާމަތް ދުވަހުގައި)
އެއްކުރައްވާނެތެވެ. އަދި އެނބުރި ދިއުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.
ނިސާ ސޫރަތުގެ 135 ވަނަ އާޔަތުގައި އެކަލާނގެ މާތްﷲ
ވަޙީކުރެއްވިއެވެ.
يَا أَيُّهَا الَّذِينَ آمَنُواْ كُونُواْ قَوَّامِينَ بِالْقِسْطِ شُهَدَاء لِلّهِ وَلَوْ عَلَى أَنفُسِكُمْ أَوِ الْوَالِدَيْنِ وَالأَقْرَبِينَ إِن يَكُنْ غَنِيًّا أَوْ فَقَيرًا فَاللّهُ أَوْلَى بِهِمَا فَلاَ تَتَّبِعُواْ الْهَوَى أَن تَعْدِلُواْ وَإِن تَلْوُواْ أَوْ تُعْرِضُواْ فَإِنَّ اللّهَ كَانَ بِمَا تَعْمَلُونَ خَبِيرًا
މާނައީ: އޭ
އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނީ ޢަދުލު އިންޞާފު ޤާއިމްކުރުމުގައި
ދެމިތިބޭ (އަދި) ﷲއަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައިވާށެވެ!
ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ
މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ.
އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަނޖަކު ކަމުގައި،
ނުވަތަ ފަޤީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ،
ﷲ، އައުލާކަން ބޮޑެވެ. ތިޔަބައިމީހުން ޢަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް
ތަބަޢަނުވާށެވެ! އަދި ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް
އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން
ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
No comments:
Post a Comment