ރިބާއަކީ ކޮބާ؟
ބައެއްގެ މައްޗަށް ﷲ ކަމެއް
ޙަރާމް ކުރައްވައި، އެކަން ކުރުން އެއީ ބޮޑު ފާފައެއް ކަމުގައި
ކަނޑައަޅުއްވާފައިވާ ކަމެއްނަމަ، އެއީ ކޮން އެއްޗެއްކަން އެބަޔަކަށް ނޭނގި
އޮވެދާނޭ ހެނެއް ހިއެއް ނުވެއެވެ. އަދި އެބަޔަކަށް އެކަން ނޭނގޭނަމަ ނާންގަވާ
އޮވެދާނޭ ކަމުގައި ޤަބޫލެއް ނުކުރެވެއެވެ. ހަމައެހެންމެ އެއީ ކޮންއެއްޗެއްކަން
އެބަޔަކަށް ނޭގޭނަމަ އެއާމެދު ޝަކުވާއެއްނުކޮށް އޮޅުން ނުފިލުވައި ތިބެދާނޭ
ކަމީވެސް ޤަބޫލުކުރެވޭނޭ ކަމެއްނޫނެވެ. ރިބާއަކީ ޖާހިލީ ޒަމާނުގައި ޢަރަބިންގެ
މެދުގައިވެސް އަދި ޔަހޫދީންގެ މެދުގައިވެސް ބޭނުންކުރެވެމުން އައިސްފައިވާ
މުޢާމަލާތެއްކަމުން، އެއީ ކޮން އެއްޗެއްކަން އެބައިމީހުންނަށް ނޭގިއެއް
ނޯންނާނެއެވެ. އަދި ކީރިތި ޤުރުއާނުގައި ރިބާ ޙަރާމް ކަމުގެ އާޔަތްތައް
ބާވާލެއްވުމުން އަސްޙާބު ބޭކަލުންނަށް އެއީ ކޮންއެއްޗެއްކަން
އެނގިވަޑައިނުގަންނަވާނަމަ އެބޭކަލުން އެކަން އޮޅުން ފިލުއްވަން ކީރިތި ރަސޫލާ صلى الله عليه وسلم އާ ސުވާލު ކުރައްވައި އޮޅުން ފިލުއްވާނެއެވެ. ރިބާ ޙަރާމް
ކުރެއްވުމުން އޭގެ މުޢާމަލާތް ކުރަމުންއައި ބައެއް މީހުން ބުނަންފެށީ ރިބާއަކީވެސް
ހަމަ ވިޔަފާރިއެވެ. ނަމަވެސް ޖަވާބުގައި ﷲ އެންގެވީ އެކަލާނގެ ވިޔަފާރި
ހުއްދަކުރެއްވިއެވެ. އަދި ރިބާ ޙަރާމް ކުރެއްވިއެވެ. މިގޮތުން ޤުރުއާންވަނީ އިތުރު
ސުވާލަކަށް ބޭނުން ނުވާނޭހެން ރިބާގެ ޙުކުމް ކަނޑައަޅުއްވާފައެވެ. މިއާ ވިދިގެން
ރިބާއަކަށްވަނީ ކޮންކަހަލަ މުޢާމަލާތްތަކެއްކަން ރަސޫލާ صلى الله عليه وسلم ބަޔާންކޮށްދެއްވިއެވެ. އެރިވާޔަތްތަކުގައި އައިސްފައިވާ
ގޮތުގައި، ޖާހިލީ ޒަމާނުގައި ޢަރަބިންގެ ތެރޭގައި ރިބާގެ މުޢާމަލާތު ކުރެވެމުން
އައި މައިގަނޑު ގޮތަކީ، މީހަކު އެހެން މީހަކަށް ދަރަންޏެއް ދީފައިވަނިކޮށް
މުއްދަތު ހަމަވުމުން އޭނާކައިރީގައި ބުނަނީ: ދަރަނި އަދާކުރާށޭ ނޫންނަމަ އިތުރުވާ
މުއްދަތައް މިވެނި ވަރަކަށް ފައިސާ އިތުރަށް ދޭންވާނެއެވެ. މިއަށްކިޔާ ނަމަކީ
ދަރަނީގެ ރިބާއެވެ. ޢަރަބިން މިއަށް ކިޔާނަމަކީ ީ "رِبَا النَّسِيْئَة" އެވެ. މީގެ މާނައަކީ ދަރަނި ފަސްކުރުމުގެ
ސަބަބުން ފައިސާ އިތުރު ވުމެވެ. މިއީ އެދުވަސްވަރުގައި ޢާއްމުގޮތެއްގައި ރިބާގެ
މުޢާމަލާތު ކޮށް އުޅުނު ގޮތެވެ. ނަމަވެސް މިނޫން ގޮތްތައްވެސް ރިބާގެ މުޢާމަލާތު
ކުރެވެއެވެ. އޭގެ ތެރޭގައި އެއްޗެހީގެ އަގުކަމުގައިވާ ރަނާއި ރިއްސާއި
މިދެބާވަތުގެ ބަދަލުގައި ބޭނުންކުރެވޭ ނޫޓު ފައިސާއާއި، ކާބޯތަކެތީގެ ތެރެއިން
އޮށްޓަރާއި، މިނެކިރޭ ބާވަތްތަކާއި،
ފަހަށްރައްކާކުރެވޭ އޮށްޓަރުގެ ބާވަތްތަކާއި މިފަދަ ބާވަތްތައް އެއްވައްތަރަކުން
އެކަތި އަނެކައްޗާ ބަދަލު ކުރާއިރު މިންވަރު ތަފާތުކޮށް ބަދަލް ކުރުންވެން ވާނީ
ރިބާއަށެވެ. މިއަށް ކިޔަނީ "رِبَا الْفَضْل" އެވެ. މާނައީ އިތުރުވާ
ރިބާއެވެ. އެހެނަސް ޖާހިލީދުވަސްވަރު ޢަރަބިންގެ ތެރޭގައި މައިގަނޑުގޮތެއްގައި
ބޭނުން ކުރެވިފައިވަނީ މިދެބާވަތުންކުރެ ކުރީގައި ބުނެވުނު ވައްތަރުގެ ރިބާއެވެ.
އެއީ ދަރަނީގެ ރިބާއެވެ. އެހެންވެ ޙަދީޘުގައި އައިސްފައިވެއެވެ. ެ. "إنما الربا في النسئية" މާނައީ:"ރިބާވަނީ
ހަމައެކަނި ފަސްކުރެވޭ ދަރަނީއެވެ". ޖާހިލީ ޒަމާނުގެ ރިބާގެ މުޢާމަލާތްކޮށް
އުޅުނުގޮތަކީ މިއީ ކަމުގައި ވާނަމަ، ދަރަންޏެއް ދޭއިރު ފުރަތަމައަށްވެސް، އަނބުރާ
ދައްކާއިރު ޢަދަދު އިތުރު ކުރުން ޝަރުޠުކޮށް ދޭދިނުން، ޖާހިލީ ޒަމާނުގައި ހަދާހެން
ދަރަނީގެ މުއްދަތު ހަމަވުމުން ފައިސާގެ ޢަދަދު އުތުރުވާގޮތަށް (އިންޓަރެސްޓް
އަރާގޮތަށް) ދިނުމަށްވުރެ ޙަރާމް ވުން މާ އައުލާވެގެންވާނޭކަން ވިސްނައިފި ކޮންމެ
މީހަކަށްވެސް އެނގޭނެއެވެ. ވީމާ ބެންކުން ނަގާ ދަރަންޏަށް އަރާ އިންޓަރެސްޓް
ރިބާއަށް ނުވަންޏާ ދެން ރިބާއަކަށްވާނީ ކޮން އެއްޗެއް ހެއްޔެވެ؟!!!
ރިބާ ހަރާމްކުރެއްވުނު މަރުޙަލާތައް
ރިބާގެ މުޢާމަލާތް ބެހިގެން އަންނަގޮތަށް ބަލާއިރު
މައިގަނޑުގޮތެއްގައި އެކަން ބިނާވެފައިވަނީ ފައިދާ ލިބިގަތުމުގެ މައްޗަށެވެ.
އެހެންނަމަވެސް އިސްލާމީ ޝަރީޢަތުގައި ފައިދާ ލިބިގަތުމާއި ފައިދާ ހޯދުމުގައިވަނީ
ހާމަކަން ބޮޑު މަގުތަކެއް ކަނޑައަޅުއްވާފައެވެ. އެކަންވަނީ ކީރިތި ޤުރުއާންގައި
ވަރަށް ޞަރީހަކޮށް ބަޔާންކޮށްދެއްވާފައެވެ.

No comments:
Post a Comment