"ރިބާ ކާމީހުން، ޖިންނި
މޮޔަވެގެން، شيطان އާ އަވަލާފައިވާ
މީހެއްފަދައިން ބިޔަސިނގު ބަނޑު ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން
މެނުވީ (قيامة ދުވަހުން އެއުރެން
ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ،
އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާކަހަލަކަމެއް
ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، ﷲ ހުއްދަ ކުރައްވާފައެވެ.
އަދި، ރިބާ ވަނީحرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة،އެމީހަކާ ހަމަޔަށް އައުމުން އެކަން
(އެބަހީ: ރިބާ ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް
އެމީހަކަށް ހުއްޓެވެ. (އެބަހީ: ރިބާ ގެ حكم ތައް އައުމުގެ ކުރިން އޭނާ
ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاصވެގެންނެވެ. އަދި، އަލުން (އެކަމަށް)
އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެأهل ވެރިންނެވެ. އެއުރެންނީ
އެތާނގައި ދެމިތިބެނިވި ބަޔެކެވެ."﴿سورة البقرة- 275﴾
އިސްވެދިއަ އާޔަތުން އެނގޭގޮތުއި ރިބާގެ މުޢާމަލާތް
ބެހިގެން ވަނީ ދެބަޔަކަށެވެ. އެއީ އުފެއްދުމަށް ނެގޭ ވިޔަފާރިގެ ދަރަނިންނާއި،
ތިމާގެ ޟަރޫރަތްތައް ފުރިހަމަކުރުމަށް ނެގޭ ނެގުމުންނެވެ. މިދެގޮތުން ނެގޭ ދަރަނި
އަދާކުރުމުގައިވެސް އިތުރުކުރުމަށް ޝަރުތުކުރުން ނުވަތަ އިތުރުކޮށް އަތުލުމަކީ
ރިބާއެވެ. އެހެންކަމުން ރިބާ ހިމެނޭ މުޢާމަލާތްތަކަކީ ދަރަނި އަދާކުރުމުގައި
އިތުރުކުރުމަށް ޝަރުތުކުރެވޭ ކޮންމެ މުޢާމަލާތެކެވެ. އެއީ ދަރަންޏެއް، ނުވަތަ
ބޭންކު ލޯނެއްކަމަށް ވީނަމަވެސް ވިޔަފާރިއަކާނުލައި އިތުރުކުރުމާއިއެކު ކުރެވޭ
މިފަދަ މުޢާމަލާތްތައް ވާނީ ރިބާއަށެވެ. ހަމައެބީދައިން ބޭންކުގައި ތިމާ ބަހައްޓާ
ފައިސާއިން ނަގާ އިންޓަރެސްޓާއި، މިފަދަގޮތަކުން ތިމާގެ މަސައްކަތަކާ ނުލައި
ނުވަތަ އިސްލާމްދީން ހުއްދަކުރާ ވިޔަފާރީގެ އުސޫލުތަކުން ބޭރުން ހޯދާ އިތުރު
ފައިދާވެސް ވާނީ ރިބާގެ މަފުހޫމްގެ ތެރޭގައެވެ. މިއަދުގެ ހާލަތަށް ބަލާއިރު،
ވިޔަފާރި މުޢާމަލާތްތަކާއި އެނޫންވެސް ފައިސާގެ މުޢާމަލާތަކަށް އައިސްފައިވާ
ބަދަލުތަކުން ރިބާ ހިމެނޭ މުޢަމަލާތެއްކަން ނުވަތަ ނޫންކަން ނޭނގޭ މިންވަރަށް
މިވަނީ ރިބާ އާންމުވެފައެވެ. އެކަންވަނީ މީގެ 1400 އަހަރު ކުރިން މިއުންމަތުގެ
މާތް ސާހިބާ އަންގަވައިދެއްވާފައެވެ.
ރިބާ ހަރާމް ކުރެވުނު މަރުޙަލާތައް
1. ފުރަތަމަ މަރުހަލާ:
މި މަރުހަލާގައި ވަނީ
ރިބާއާއި ޒަކާތާއި ޞަދަގާތާއި އަޅާ ކިޔުއްވާފައެވެ. އަދި ރިބާއަކީ ޒަކާތާއި
ޞަދަގާތަށް
ވުރެން ފައިދާ ކުޑަ ކަމެއްކަން ބަޔާން ކުރައްވާފައެވެ. ދަލީލު ރޫމް ސޫރަތުގެ 39
ވަނަ އާޔަތްوَمَا آتَيْتُم مِّن رِّبًا لِّيَرْبُوَ فِي أَمْوَالِ النَّاسِ فَلَا يَرْبُو عِندَ اللَّـهِ ۖ وَمَاآتَيْتُم مِّن زَكَاةٍ تُرِيدُونَ وَجْهَ اللَّـهِ فَأُولَـٰئِكَ هُمُ الْمُضْعِفُونَ (އަދި މީސްތަކުންގެ މުދަލުން رِبا ގެ ގޮތުގައި
އިތުރުވުމަށްޓަކައި ތިޔަބައިމީހުން ދިން އެއްޗެއް، اللَّه ގެحضرة ގައި އިތުރުވެގެން ނުދާނެތެވެ. އަދި اللَّه ގެ وجه ފުޅު އެދިގެން زكاة ގެ ގޮތުން ތިޔަބައިމީހުން
ދިން އެއްޗަކާމެދު (ދަންނާށެވެ!) އިތުރުކުރާ ބަޔަކީ ހަމަ އެއުރެންނެވެ.)
2. ދެވަނަ މަރުހަލާ:
މި މަރުހަލާގައި ރިބާއަކީ ޔަހޫދީން ކުރާކަމެއްކަމާއި އެއީ
ޡުލްމެއްކަން ބަޔާން ކުރައްވާފައިވެއެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ. فَبِظُلْمٍ مِّنَ الَّذِينَ هَادُوا حَرَّمْنَا عَلَيْهِمْ طَيِّبَاتٍأُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ اللَّـهِ كَثِيرًا وَأَخْذِهِمُ الرِّبَا وَقَدْ نُهُواعَنْهُ وَأَكْلِهِمْ أَمْوَالَ النَّاسِ بِالْبَاطِلِ ۚ وَأَعْتَدْنَا لِلْكَافِرِينَ مِنْهُمْ عَذَابًاأَلِيمًا (يهودى ން ކަމުގައިވީ މީހުންނަށް حلال ކުރައްވާފައިވާ ރަނގަޅު
ތަކެތި، އެއުރެންގެ މައްޗަށް
ތިމަންރަސްކަލާނގެ حرام ކުރެއްވީ، އެއުރެން އަނިޔާވެރިވުމުގެ
ސަބަބުންނެވެ. އަދި، އެއުރެން اللَّه ގެ މަގުގައި ގިނަގިނައިން
ހުރަސްއަޅައި އުޅުމުގެ ސަބަބުންވެސް މެއެވެ. އަދި، އެއުރެންނަށް އެކަންތައް ނަހީކުރައްވާފައިވާ حال ގައި، އެއުރެން رِبا ހިފިކަމުގެ ސަބަބުންނެވެ.
އަދި، މީސްތަކުންގެ މުދާތައްباطل ގޮތުގައި އެއުރެން ކެއުމުގެ
ސަބަބުންނެވެ. އެއުރެންގެ ތެރެއިން كافر ކަމުގައި ދެމިތިބިމީހުންނަށް، ވޭންދެނިވި عذاب ތިމަންރަސްކަލާނގެ
ތައްޔާރުކުރެއްވީމެވެ.) (سورة النساء160-161)
3. ތިން ވަނަ މަރުހަލާ:
މި
މަރުހަލާގައި އަންގަވަނީ ރިބާގެ މައްޗަށް ރިބާ ކައިގެން ނުވާނެ ކަމަށެވެ.
މާތްﷲ
ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا الرِّبَا أَضْعَافًامُّضَاعَفَةً ۖ وَاتَّقُوا اللَّـهَ لَعَلَّكُمْ تُفْلِحُونَ (އޭ إيمان ވެއްޖެ މީސްތަކުންނޭވެ!
ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން رِبا ނުކާށެވެ! އަދި، ތިޔަބައިމީހުން اللَّه އަށްتقوى ވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. (ނޯޓު: މި آية ގައި ގިނަގުނަވެގެންވާ
ގުނަތަކެއްގެ ގޮތުގައި رِبا ނުކެއުމަށް އެންގެވުމަކުން، އެނޫންގޮތެއްގައި رِبا ކެއުން ހުއްދައެއް
ނުވެއެވެ.)) (سورة آل عمران 130)
4- ހަތަރުވަނަ މަރުހަލާ:
މި މަރުހަލާގައި ރިބާ މުޅިން ހަރާމް ކުރެއްވިއެވެ.
މާތްﷲ
ވަޙީކުރައްވާފައިވެއެވެ. الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُالَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُمِثْلُ الرِّبَا ۗ وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّنرَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّـهِ ۖ وَمَنْ عَادَ فَأُولَـٰئِكَأَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ (275) (رِبا ކާމީހުން، ޖިންނި މޮޔަވެގެން، شيطانއާ ތަޅުވަމުން ފޮޅުވަމުން
ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، رِبا ކަހަލަކަމެއް ކަމުގައެވެ.
(ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން
އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ
(ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް
އެމީހަކަށް ހުށްޓެވެ. (އެބަހީ: رِبا ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި
ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި
އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ
އެތާނގައި ދެމިތިބެނިވި ބަޔެކެވެ.) يَمْحَقُ اللَّـهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗ وَاللَّـهُ لَا يُحِبُّكُلَّ كَفَّارٍ أَثِيمٍ 276 (اللَّه، رِبا އުނިކުރައްވައި، އޭގެ بركات ނެތިކުރައްވައެވެ. އަދި، صدقاتއިތުރު ކުރައްވައެވެ.
(އެބަހީ: ދުނިޔޭގައި އޭގެ بركات އިތުރު ކުރައްވައި، آخرة ގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.)
އަދި، ފާފަވެރި، ކޮންމެ كافر އަކު ދެކެ، اللَّه ލޯބިވެ ވޮޑިގެނެއް
ނުވެއެވެ.) إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ لَهُمْأَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (277) (ހަމަކަށަވަރުން،إيمان ވެ، صالح عمل ތައް ކޮށް، ނަމާދު قائم ކޮށް، زكاة ދީ އުޅުނު މީހުންނަށް
އެއުރެންގެ ދަރުމަ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި ވެއެވެ. އަދި، އެއުރެންގެ މައްޗަށް
އެއްވެސް ބިރެއް ނެތެވެ. އަދި، އެއުރެންނަކީ، ހިތާމަ ކުރާނޭ ބަޔަކު
ކަމުގައިވެސް ނުމެވޭމެއެވެ.) يَا أَيُّهَا الَّذِينَآمَنُوا اتَّقُوا اللَّـهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ (278) (އޭإيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި، ތިޔަބައިމީހުންمؤمن ން ކަމުގައިވާނަމަ، رِبا ގެ ތެރެއިން ބާކީ (ލިބޭން)
ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ!) فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّـهِ وَرَسُولِهِ ۖ وَإِن تُبْتُمْ فَلَكُمْرُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ (279) (ފަހެ، ތިޔަބައިމީހުން (ނަށް أمرވެވިގެންވާ ގޮތަށް) عمل ނުކޮށްފިނަމަ، اللَّه އާއި، އެކަލާނގެ رسول އާގެ حضرة ން ހަނގުރާމައެއް
އަތުވެދާނެކަމަށް ތިޔަބައިމީހުން يقين ކޮށް ދެނެގަންނަ ހުށިކަމެވެ! ތިޔަބައިމީހުން (رِباދޫކޮށް) އެނބުރި رجوع ވެ توبة ވެއްޖެނަމަ ތިޔަބައިމީހުންގެ رأس المال ތައް، ފަހެ،ތިޔަބައިމީހުންނަށް ހުށްޓެވެ.
(އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި،(އުނިވުމުން) ތިޔަބައިމީހުންނަށްވެސް އަނިޔާ
ނުލިބޭ ގޮތުގައެވެ.) وَإِن كَانَ ذُو عُسْرَةٍفَنَظِرَةٌ إِلَىٰ مَيْسَرَةٍ ۚ وَأَن تَصَدَّقُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ (280) (އަދި، (ދަރަނިވެރިޔާއަކީ) އަތްމަތި
ދަތި މީހަކު ކަމުގައިވާނަމަ، ފަހެ، (އެމީހާއަށް) ތަނަވަސްކަމެއް
ލިބެންދެން (އޭނާއަށް) مهلة ދޭ ހުށިކަމެވެ! އަދި، ތިޔަބައިމީހުން (އެ ދަރަނީން) صدقات ކުރުން (އެބަހީ: އެ ދަރަނި
މާފުކުރުން) ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެކަން)
އެނގޭ ކަމުގައި ވާނަމައެވެ.) وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّـهِ ۖ ثُمَّ تُوَفَّىٰ كُلُّنَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ (281) (އެދުވަހެއްގައި، اللَّه ގެ حضرة އަށް ތިޔަބައިމީހުން رجوع ކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ
ބިރުވެތިވާށެވެ! ދެން، ކޮންމެنفس އަކަށްމެ، އެ نفس އެއް ހޯދި ކަމެއްގެ ޖަޒާ
(އެދުވަހުން) ލިބޭނެތެވެ. އަދި، އެއުރެންނަށް ބޭއިންސާފެއް
ނުކުރައްވާ ހުށްޓެވެ.) (سورة البقرة 275-281)
ރިބާ ބެހިގެންވާ ބައިތައް
ރިބާގެ އޮންނަނީ
މައިގަނޑު ދެ ވައްތަރެވެ. އެއީ:- ރިބާ އަލްފަޟްލު އާއި ރިބާ އައްނަސީއާ އެވެ.
1. ރިބާ
އަލްފަޟްލު
ފަޟްލުގެ މާނައަކީ
އިތުރެވެ. ރިބާއުލް ފަޟުލު
ނުވަތަ ބަޔޫޢު: މި ބާވަތުގެ ރިބާ ނުކުންނަނީ މުދާ ބަދަލުކުރުމުގެ ތެރޭގައިވެ. ރިބާ އަލްފަޟްލު އޭ ބުނެވެނީ ރިބާ ހިނގާ އެއްޗެހިތަކުގެ ތެރެއިން، އެއް
ބާވަތެއްގެ ދޭތި، އެކަތި އަނެކައްޗާ ބައްދަލު ކުރާ އިރު، ޝަރުޢީ މިންގަނޑުގައި
(މިނެ ކިރޭ އެއްޗެހިތައް)، އެކަތި އަނެކައްޗަށްވުރެ އިތުރަށްދޭން ޝަރުތު
ކުރެވިފައިވާ އިތުރުވުމެވެ. މިސާލަކަށް ރަނާއި ރަން، ފައިސާއާއި ފައިސާ، ހަނޑުލާއި ހަނޑޫ، ކަދުރާއި ކަދުރު ބަދަލުކުރާއިރު، އެކަތި އިތުރުކުރުމެވެ.
ރިބާއުލް ފަޟުލު ސާބިތުވަނީ ހަދީޘުންނެވެ.
އަބޫ ސާޢިދުލް ޚުދުރީ ގެ
ކިބައިން އިމާމް މުސްލިމް ރިވާ ކުރެއްވި ހަދީޘެއްގައި ވެއެވެ. (ފޮތް ނަމްބަރު 10،
ހަދީޘް ނަމްބަރު 3854) "ރަނަށް އަގުދޭންވާނީ ރަނުންނެވެ. ރިހި ރިއްސަށް،
ބާރލީ ބާރލީއަށް، ގޮދަން ގޮދަނަށް، ކަދުރު ކަދުރަށް، ލޮނު ލޮނަށް، އެއްވައްތަރުގެ
އެއްޗެތި ހަމަ އެ ވައްތަރުގެ އެއްޗަކަށެވެ. އަގުދޭންވާނީ އަތުން އަތަށެވެ. އެއަށް
އިތުރުކުރާމީހާ ނުވަތަ އިތުރު ކުރަން އެދޭ މީހާ ރިބާގެ މުއާމަލާމާތެއް
ހިންގައިފިއެވެ. އަދި ލިބޭ މީހާއާއި ދޭމީހާ އެއްވަރަކަށް ފާފަވެރިވާނެއެވެ. މި
ހަދީޘުން ނެރެވޭ ބައެއް އުސޫލުތައް:
ރަން ރަނަށް ބަދަލު ކުރާނަމަ ބަދަލުކުރަންވާނީ
އަތުން އަތަށް އެއް އަގެއްގެ ރަނެވެ.
ރަން ރިއްސަށް ބަދަލުކުރާނަމަ
ބަދަލުކުރަންވާނީ އަތުން އަތަށެވެ. (އެއްއަގެއްގެ އެއްޗެއްސަށް ވާކަށް
ނުޖެހެއެވެ.)
ރަން އެހެން އެއްޗެއްސަށް ބަދަލު ކުރާނަމަ
ބޭނުން ގޮތަކަށް ބަދަލުކުރުން ހުއްދައެވެ.
ރިބާ އަލްފަޟްލުގެ ޙުކުމް: މި ވައްތަރުގެ ރިބާ ސުންނަތުންނާއި އިޖްމާއުން ވަނީ ޙަރާމްކުރައްވާފައެވެ.
2. ރިބާ އައްނަސީއާ
ރިބާއުއްނާސިޔާ، ނުވަތަ
ޖާހިލިއްޔަ ރިބާ، ނުވަތަ ދުޔޫން: މި ބާވަތުގެ ރިބާ ބަޔާންކުރައްވާފައިވަނީ ކީރިތި
ޤުރުއާނުގައެވެ.
ނަސާއު ނުވަތަ ނަސީއާ ގެ މާނައަކީ ފަސްކުރުމެވެ. ރިބާ އައްނަސީއާ އަކީ ދަރަނި
އަދާކުރުން ފަސްކުރުމުގެ ބަދަލުގައި ދަރަނި އިތުރު ކުރުމާއި އަދި ދަރަނި ފެއްޓޭ ޢަޤުދުގައި، ދަރަނި އަދާކުރާއިރު ރައުސްމާލަށްވުރެ އިތުރަށް، ފަހުން
ދައްކަން ބުނުމެވެ. އަދި ރިބާ ހިނގާ އެއްޗެހިތަކުގެ ތެރެއިން އެއްބާވަތެއްގެ ދޭތި
ބަދަލުކުރުމުގައި އަތުލުން ފަސްކުރުމަކީ ވެސް، ރިބާ އައްނަސީއާ އޭގެ ތެރެއަށް
ވަންނަކަމެކެވެ.
މި ޒަމާނުގައި އާދައިގެ
ބޭންކުތަކުން ދޭ އަދި އަތުލާ އިތުރު ފައިދާ އަކީ (ބޭންކު ފައިދާ) އެއީ ރިބާ
އައްނަސީއާއެވެ. އަދި މީގައި ރިބާ އަލްފަޟްލު ވެސް ހިމެނެއެވެ. މިއީ ޤުރުއާނުގައި
ޙަރާމް ކުރެވިފައިވާ ރިބާއެވެ.
ބޭންކު ފައިދާގައި، ރިބާ
އައްނަސީއާ ހިމެނެނީ ދަރަނި ފަސްކޮށްފައި އިތުރު ކުރެވޭތީއެވެ. އަދި ރިބާ
އަލްފަޟްލު ހިމެނެނީ، އަސްލު ދަރަންޏަށް ވުރެ އިތުރަށް އަތުލެވޭތީއެވެ.
ރިބާ އައްނަސީއާ ގެ
ޙުކުމް: ރިބާގެ
މިވައްތަރުވަނީ ޤުރުއާނާއި ސުންނަތުން ޙަރާމް ކުރައްވާފައެވެ.
ރިބާގެ ބާވަތްތައް:
ބައެއް ބާވަތްތަކުގައި
ރިބާ ހިމެނޭކަމަށް ފިޤުހުޢިލްމުވެރިން އިއްތިފާޤުވެއެވެ. އަދި އަނެއްބައި
ބާވަތްތަކުގައި ރިބާ ހިނގާ ކަމާއި މެދު ފިޤުހުވެރިން ޚިލާފުވެފައިއެވެ.
ރިބާ ހިނގާ ޝަރުތު
ހަމަވެއްޖެނަމަ، ހަ ބާވަތެއްގައި ރިބާ ހިނގާކަމަށް ހުރިހާ ފިޤުހުވެރިން
އެއްބަސްވެވަޑައިގަންނަވައެވެ. އެ ހަ ބާވަތަކީ: ރަން، ރިހި، ގޮދަން، ހިމަގޮދަން،
ކަދުރު، ލޮނުއެވެ.عُبَادَةَ بْنِ الصَّامِتِ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ يَدًا بِيَدٍ ، فَإِذَا اخْتَلَفَتْ هَذِهِ الْأَصْنَافُ فَبِيعُوا كَيْفَ شِئْتُمْ إذَا كَانَ يَدًا بِيَدٍ. މާނައަކީ:
"ޢުބާދަތު ބިން އައްޞާމިތު ރިވާކުރެއްވިއެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި
ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ރަނަށް ރަން ވިއްކާއިރު، އަދި ރިއްސަށް ރިހި
ވިއްކާއިރު، އަދި ގޮދަނަށް ގޮދަން ވިއްކާއިރު، އަދި ހިމަގޮތަނަށް ހިމަގޮދަން ވިއްކާއިރު،
އަދި ކަދުރަށް ކަދުރު ވިއްކާއިރު، އަދި ލޮނަށް ލޮނު ވިއްކާއިރު، ވިއްކަންވާނީ
އެއާއި އެއްވަރެއްގެ އެއްޗަކަށް، ހަމަހަމައަށެވެ. އަދި މި ބާވަތްތައް ތަފާތުނަމަ،
އަތުން އަތަށް ވިއްކަންޏާ ތިޔަބައިމީހުން ބޭނުންގޮތަކަށް ވިއްކާށެވެ." ( رواه مسلم )
މި
ޙަދީޘާއި އަދި މި ނޫންވެސް އެތަކެއް ޙަދީޘުން ދަލީލުކޮށްދެނީ، މިއިން ބާވަތެއް
ހަމަ އެ ބާވަތާއި ބަދަލު ކުރާއިރު އެއްވެސް މިންވަރެއް އިތުރުކުރުން ހުއްދަ ނުވާނެ
ކަމެވެ. އިތުރު ކޮށްފިއްޔާ އެއީ ރިބާއެވެ. އަދި ބަދަލުކުރަންޖެހޭނީ އަތުން
އަތަށެވެ. މި ޙަދީޘްތައް މިހެން ހުރުމުން، ކީރިތި ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމަ
ގެ ޒަމާނުއްސުރެވެސް، މުސްލިމުން
ދެކެނީ މިއީ ރިބާ ހިނގާ އެއްޗެހިތަކެއްކަމަށެވެ. ވީމާ، ރަނަށް ރަން، ރިއްސަށް
ރިހި، ގޮދަނަށް ގޮދަން، ހިމަގޮދަނަށް ހިމަގޮދަން، ކަދުރަށް ކަދުރު، ލޮނަށް ލޮނު
ބަދަލުކުރާއިރު އިތުރުކޮށްފިއްޔާ، އެ ވާނީ ރިބާ އަލްފަޟްލުއަށެވެ. ބަދަލު ކުރެވޭ
ދޭތިން އެކަތި ފަހުން އަތުލައިފިއްޔާ، އެ ޢަޤުދުވާނީ ރިބާ އައްނަސީއާއަށެވެ.
ޙަދީޘްގައި ބަޔާންކޮށްފައިވާ
ބާވަތްތަކުގެ ތެރެއިން ރަނާއި ރިއްސަކީ ތަކެތި ބަދަލުކުރުމުގެ ވަސީލަތެއްގެގޮތުގައި ބޭނުން ކުރެވޭ އެއްޗެއްސެވެ. ދެންހުރި
ބާވަތްތަކުގެތެރޭގައި ގޮދަނާއި، ބާރލީއާއި، ލޮނާއި، ކަދުރު ފަދަ ތަކެއްޗަކީ ކާޑުގެ ބާވަތްތަކެވެ. ރިބަވީ ބާވަތްތައް ބަދަލުކުރުމުގައި އަތުން އަތަށް ދިނުމުގެ ހިކުމަތުގެ ތެރޭގައި ފަހުން ދޭނަމަ
އަގު ބަދަލުވެފައި ހުރުން ހިމެނެއެވެ.
1. މި ހަ ބާވަތް ފިޔަވައި އެހެން އެއްޗެހީގައި ރިބާ ހިނގާ ކަމާއި މެދު
ޢިލްމުވެރިންގެ ދެ މަޛްޙަބެއް އޮވެއެވެ. އެއީ:
ހ. ޡާހިރިއްޔާ މަޛްހަބު:
މި
މަޛްހަބާއި އަދި ވަރަށް މަދު ޢިލްމުވެރިންތަކެއް ދެކެނީ މި ހަ ބާވަތް ފިޔަވައި
އެހެން އެއްޗެއްގައި ރިބާ ނު ހިނގާނެކަމަށެވެ. ސަބަބަކީ، އެއްޗެއްގައި ރިބާ
ހިނގާކަމަށް ބުނުން އެއީ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަޅުކަންތަކުގެ
ތެރޭގައި، ޙުކުމުގެ ސަބަބު ހޯދައި ޤިޔާސް ކުރުމެއް ނޯވެއެވެ. ވީމާ ޙަދީޘްގައި
އައިސްފައިވާ ބާވަތްތަކުގެ ބޭރު އެއްޗެއްގައި ރިބާ ހިނގާކަމަކަށް ނުބުނެވޭނެއެވެ.
ށ. ޡާހިރިއްޔާ މަޛްހަބު
ފިޔަވައި އެހެން ހުރިހައި ޢިލްމުވެރިން
ހަތަރު
މަޛްހަބުގެ ފިޤްހުވެރިން ދެކިލައްވަނީ، މި ހަ ބާވަތުގައި ރިބާ ހިނގާފަދައިން،
އެހެން އެއްޗެހިތަކެއްގައިވެސް ރިބާ ހިނގާނެކަމެވެ. އެހެނީ މި ހަ ބާވަތުގެ ރިބާ
ހިނގަން ޖެހުނީ ސަބަބެއް އޮވެގެންނެވެ. ވީމާ މި ސަބަބަށް ޤިޔާސް ކޮށްފައި، އެހެން
އެއްޗެހިތަކުގައިވެސް ރިބާ ހިނގާކަން ސާބިތުވެއެވެ. ކީރިތި ރަސޫލާ މި ހަ ބާވަތް
ނަމުން ޙަދީޘް ކުރެއްވީ އެ އެއްޗިއްސަކީ އެ ޒަމާނުގައި ޢާންމު އެއްޗެހި
ކަމަށްވާތީއެވެ. އަދި ސީދާ ނައްސުގައި ހުރި ނަންތަކަށްބަލާފައި ޢަމަލުކޮށްގެން
ދެކޮޅުޖެއްސޭކަށް ނޯންނާނެއެވެ. އެއީ ޒަކާތް ދިނުމާއި ބެހޭ ޙަދީޡްގައިވެސް
ބަޔާންވެފައިވަނީ މަދު ބާވަތްތަކެކެވެ. އެހެންނޭކިޔާފައި މިހާރު ޒަކާތް ނެރެން
ޖެހެނީ އެބާވަތްތައް ހުންނަ މީހާ އެކަންޏޭ ބުނެފިނަމަ، މިލިއަނަރުން އެންމެ
ލާރިއެއްވެސް ޒަކާތުގެ ގޮތުގައި ދޭން ނުޖެހޭނެއެވެ! ވީމާ ޤިޔާސް ކުރެވޭނެއެވެ.
އަދި މި ހަބާވަތް ނޫން އެހެން އެއްޗެހީގައިވެސް ރިބާ ހިނގާނެކަން ދޭހަކޮށްދޭ
ޙަދީޘްތަކެއް އެބަހުއްޓެވެ.
ހަ
ބާވަތްފިޔަވައި އެހެން އެއްޗެހިތަކެއްގައިވެސް ރިބާ ހިނގާ ކަމަށް އެއްބަސްވެ
ވަޑައިގަތުމަށް ފަހު، ހަތަރު މަޛްހަބުގެ ފިޤުހުވެރިން ވަނީ، އޭގައި ރިބާ
ހިނގާ ސަބަބާއި މެދު ޚިލާފް ވެވަޑައިގަންނަވާފައެވެ. އެހެނީ މި ސަބަބަކީ
ޞަރީހަކޮށް ނައްސުން ސާބިތު އެއްޗެއް ނޫނެވެ. ވީމާ ފިޤުހުވެރިންނަށް
ޖެހިވަޑައިގަންނަވަނީ އިޖްތިހާދު ކުރައްވައިގެން، އެ ސަބަބެއް ހޯދާށެވެ.
ރިބާ ހިނގާ ސަބަބު:
ރިބާ ހިނގާ ސަބަބު
ކަނޑައެޅުމުގައި ހަތަރު ރައުޔެއް އޮވެއެވެ. އެއީ:
1. ހަނަފީ މަޛްހަބު: ރިބާ ހިނގަނީ ދެ ސަބަބެއް އޮވެގެނެވެ. އެއީ މިންވަރާއި
(މިނެ ކިރޭ) ބާވަތެވެ. އެގޮތުން މި ހަ ބާވަތުގެ ތެރެއިން ރަނާއި ރިއްސަކީ ކިރޭ
އެއްޗެކެވެ. އަނެއް ހަތަރު ބާވަތަކީ މިނޭ އެއްޗެކެވެ. އަދި ޙަދީޘްގައި ވަނީ
ބާވަތެއް ހަމަ އެ ބާވަތާއި، ބަދަލުކުރުން މަނާކުރައްވާފައެވެ.
މި
މަޛްހަބުގައި ކިރޭ އަދި މިނޭ ކޮންމެ އެއްޗަކީ ރިބާ ހިނގާ އެއްޗެކެވެ. އެގޮތުން
ތަރުކާރީ، މޭވާ، މަޢްދަން އަދި ކިރައިގެން ވިއްކޭ ދިޔާ އެއްޗެހީގައި ވެސް ރިބާ
ހިނގާނެއެވެ.
ނަމަވެސް،
މުށުން ވިއްކޭ ފޮތި، އަދަދުން ވިއްކޭ ސާމާނު ފަދަ އެއްޗެހީގައި ރިބާ
ނުހިނގާނެއެވެ.
2. ޝާފިޢީ މަޛްހަބު: ރިބާގެ ސަބަބަކީ ރަނާއި ރިހީގައި އަގަކަށްވުމާއި އަނެއް
ހަތަރު ބާވަތުގައި ކާއެއްޗަކަށްވުމެވެ. އެގޮތުން ރަނާއި ރިއްސަކީ އެއްޗެހީގެ
އަގަށް ބޭނުންކުރެވޭ އެއްޗެކެވެ. އަނެއް ހަތަރު ބާވަތަކީ ކާއެއްޗިއްސެވެ.
3. މާލިކީ މަޛްހަބް: ރިބާ ހިނގާ ސަބަބަކީ ރައްކާކުރެވޭ މައިގަނޑު
ކާއެއްޗަކަށްވުމާއި އަދި ރަނާއި ރިހީގައި އަގަކަށްވުމެވެ.
4. ޙަންބަލީ މަޛްހަބް: ޙަންބަލީ މަޛްހަބުގައި ރިބާގެ ސަބަބާއި މެދު ތިން
ޤައުލެއްވެއެވެ. ފުރަތަމަ ޤައުލަކީ ޙަނަފީން ބުނިފަދައިން މިންވަރާއި ބާވަތެވެ.
ދެވަނަ ބުނުމަކީ ޝާފިޢީން ބުނިފަދައިން ކާއެއްޗަކަށްވުމާއި އަގަކަށްވުމެވެ.
ތިންވަނަ ޤައުލަކީ ޝަރުޢީ މިނެއް ހުރުމާއިއެކު ކާއެއްޗަކަށް ނުވަތަ
އަގަކަށްވުމެވެ.
ރާޖިޙް ރައުޔު:
މި ހުރިހައި
މަޛްހަބުތަކަށް ބަލާފައި އެންމެ ރާޖިޙް ރައުޔަކީ ރިބާ ހިނގާ ސަބަބު ތިން
ސަބަބުކަމަށް ބުނާ ރައުޔެވެ. މި ޤައުލު ރާޖިޙްވީ އެބައިމީހުންގެ ދަލީލުތަކާއި
ހުއްޖަތް ވަރުގަދަވީމައެވެ. މިއީ އިބްނު ތައިމިޔާ އަދި ސައުދީގެ ފަތުވާ
ކޮމިޓީގެވެސް ރައުޔެވެ.
ރިބާ ފައިދާއާއި ޙަލާލް
ފައިދާ ވަކިކުރެވޭނެ ގޮތް:
ދަރަނިން ލިބޭ ހަރާމް
ފައިދާ އާއި ވިއްކައިގެން ލިބޭ ޙަލާލް ފައިދާ އާއި ދެމެދު ހުރި ތަފާތާއި ދޭތީގެ
ޙުކުމް ތަފާތުވީ ސަބަބަށް ބެލީމާ މި ދެފައިދާ ވަކިކޮށް ދެނެގަނެވޭނޭ ވަރަށް ފާޅު
ޢަލާމާތެއް ވެއެވެ. އެއީ ދެފަރާތުގެ ދެމެދުގައި ކުރެވޭ އެއްވެސް މުޢާމަލާތަކީ
ކޮންމެ ނަމެއް ކިޔަސް އޭގައި އަތުލި އަދަދަށް ފަހުން ދައްކަންޖެހޭ
ފައިސާއެއްވާނަމަ އެ ވާނީ ދަރަންޏަކަށެވެ. ދިން މީހާ ވާނީ ދަރަނި ދިން މީހާ
އަށެވެ. އަނެއް މީހާ ވާނީ ދަރަނީ ވެރިޔާއަށެވެ. އަދި މި ފައިސާއަށް އިތުރުކުރެވޭ
ކޮންމެ އިތުރު ކުރުމެއް ވާނީ ރިބާއަށެވެ.
ނަމަވެސް މުޢާމަލާތުގައި
ފަހުން ދައްކަންޖެހޭ ފައިސާއެއް ނެތި އަދި ފައިސާއާއި ޙަވާލުވެގެންހުރި މީހާ
އޭނާގެ ބައިވެރިޔާގެ ފައިސާ އަމާނާތްތެރިއްގެ ގޮތުގައި ހުރެ ވިޔަފާރީގައި
ގެއްލުންވިޔަސް ނުވަތަ މުދާ ހަލާކުވިޔަސް ޒިންމާވާން ނުޖެހިފައިދާ ގިނަޔަސް މަދަސް
ދެމީހުންގެ ދެމެދުގައި އެ ބަހައިފިކަމަށްވަންޏާ، އެ ވާނީ ފައިސާގައި ބައިވެރިވާ
މީހަކަށެވެ. އަދި މިއަށް ދެވޭނެ ނަމަކީ ޝަރިކާއެވެ. އަދި ރައުސުލްމާލަށް
އިތުރުވާއެއްޗަކީ ހަލާލު ފައިދާއެވެ.
ރިބާއާއި ބެހޭގޮތުން
މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ ގެ ދެވަނަ ބައްދަލުވުމުން ނެރެފައިވާ ޤަރާރު
މުޙައްރަމް 1385ހ / 1 މޭ 1965މ، ޤާހިރާ
ތިރީގައި މިވަނީ މި
މަޖްމަޢުގެ ބައްދަލުވުމުގައި އިޖްމާޢުން އެއްބަސްވެވި، ނެރޭ ޤަރާރެވެ.
1. އެއްވެސް ބާވަތެއްގެ ދަރަންޏަކަށް އިތުރުކުރެވޭ ފައިދާއަކީ ޙަރާމްކުރެވިފައިވާ
ރިބާއެވެ. ބޭނުންކުރުމަށް ދެވޭ ދަރަންޏޭ ބުނެވޭ ދަރަންޏާއި އުފެއްދުމަށް ދެވޭ
ދަރަންޏޭ ބުނެވޭ ދަރަނީގެ ދެމެދުގައި އެއްވެސް ފަރަގެއްނެތެވެ. އެހެނީ ޤުރުއާނާއި
ސުންނަތުގެ ހުރިހައި ނައްޞުތަކެއް ބެލުމުން މިދެބާވަތްވެސް ކަނޑައެޅިގެން
ޙަރާމްކަން ސާބިތުވެއެވެ.
2. ރިބާގެ ގިނަ މިންވަރުވެސް އަދި ކުޑަ މިންވަރުވެސް ޙަރާމެވެ. މާތްﷲ
ވަޙީކުރައްވާފައިވެއެވެ. " يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا الرِّبَا أَضْعَافًا مُّضَاعَفَةً " (سورة آل عمران -130) މާނައީ: "ގިނަވެގެންވާ
ގުނަތަކަކަށް ގުނަވެގެންވާގޮތުގައި ތިޔަބައިމީހުން ރިބާ ނުހިފާށެވެ. މި ބަސްފުޅުގެ
ރަނގަޅު ފަހުމަކީ މިއީއެވެ.
3. ރިބާ ލާފައި ދަރަނި ދިނުމަކީ ޙަރާމް ކަމެކެވެ. އެއްވެސް ބޭނުމެއް އަދި
އެއްވެސް ޟަރޫރަތަކަށްޓަކައި، މިކަމަކީ ހުއްދަކަމަކަށް ނުހެދޭނެއެވެ. ހަމަ
އެފަދައިން ރިބާ ހިމެނޭ ދަރަނި ނެގުމަކީވެސް ޙަރާމްކަމެކެވެ. މިފަދަ ދަރަންޏެއް
ނެގުމުގެ ޟަރޫރަތެއް އޮވެގެން ނެގުމުން ނޫނީ ރިބާ ހިމެނޭ ދަރަންޏެއް ނެގުމުގެ ފާފަ
ނުއުފުލޭނެއެވެ. ކޮންމެ މީހެއްގެވެސް ޟަރޫރަތް ކަނޑައެޅުމަކީ އެމީހެއްގެ
ދީންވެރިކަމަށް ދޫކުރެވިފައިވާ ކަމެކެވެ.
4. ކަރަންޓް އެކައުންޓް ދިނުމާއި، ޗެކަށް ފައިސާ ދޫކުރުމާއި ފައިސާ ހުރި ކަމުގެ
ލިޔުން އެލް.ސީ. ދިނުމާއި، ބިލް އޮފް އެކްސްޗޭންޖާއި މުޢާމަލާތުކުރުންފަދަ ބޭންކް
މަސައްކަތްތަކަކީ ހުއްދަ ކަންތައްތަކެވެ. އަދި މިފަދަ މަސައްކަތުގެ ބަދަލުގައި
ބޭންކުން ނަގާ ފީއަކީ ރިބާއެއްނޫނެވެ.
5. ސޭވިންގ އެކައުންޓާއި އަދި އެއްވެސް ފައިސާއެއް ރައުސްމާލަށް އިތުރުވާގޮތަށް
ބޭންކަށް ފައިސާލުމާއި، ފައިދާ ލާފައި ދެވޭ ކޮންމެ ދަރަންޏަކީ ރިބާ މުޢާމަލާތުގެ ތެރޭގައި ހިމެނޭ
ކަންތައްތަކެވެ. ވީމާ މިއީ ޙަރާމް ކަންތައްތަކެވެ.
ރިބާއިން ރައްކާތެރިވުމަށް ދެމުދަލެއް ބަދަލު ކުރުމުގައި އަމަލުކުރަން ޖެހޭގޮތަކީ ބޮބާ؟
2 އެއްޗެއް ބަދަލުކުރުމުގައި
ރިބާއިން ރައްކާތެރިވެވޭނެގޮތް ބަޔާންވެގެން ވަނީ ކީރިތި ރަސޫލާގެ ޙަދީޘް
ފުޅަކުންނެވެ. عَن أَبِى سَعِيدٍ الخُدْرِى رَضِى اللهُ عَنه قال: جَاءَ بِلَالٌ بِتَمْرٍ بَرْنِيٍّ فَقَالَ لَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ أَيْنَ هَذَا فَقَالَ بِلَالٌ تَمْرٌ كَانَ عِنْدَنَا رَدِيءٌ فَبِعْتُ مِنْهُ صَاعَيْنِ بِصَاعٍ لِمَطْعَمِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ رَسُولُ اللَّهِ عِنْدَ ذَلِكَ أَوَّهْ عَيْنُ الرِّبَا لَا تَفْعَلْ وَلَكِنْ إِذَا أَرَدْتَ أَنْ تَشْتَرِيَ التَّمْرَ فَبِعْهُ بِبَيْعٍ آخَرَ ثُمَّ اشْتَرِ بِهِ މާނައަކީ: އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲޢަންހު ރިވާ ކުރެއްވިއެވެ.
ބިލާލުގެފާނު، ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިހަށް ބަރްނީ އޭ ކިޔޭ ވައްތަރުގެ ކަދުރެއް ގެންނެވިއެވެ. އެހިނދު ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އޭނާއަށް ޙަދީޘް ކުރެއްވިއެވެ. މިއީ ކޮންތަނަކުން ގެނައި އެއްޗެއް ހެއްޔެވެ.
ބިލާލްގެފާނު ދެންނެވިއެވެ. އަޅުގަނޑު އަތުގައި ދެރަ ކަދުރު ހުއްޓާ ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ފަރީއްކުޅުއްވަން ދޭންވެގެން، އެދެރަ ކަދުރުގެ ދެޞާޢް ދީފައި މޮޅު ކަދުރުގެ
ޞާޢެއް ގަތީއެވެ. އެހިންދު ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. ސަމާލުވާށެވެ! ސަމާލުވާށެވެ! ތިއީ ސީދާ ރިބާ އެވެ. ތިއީ
ސީދާ ރިބާއެވެ. ތިހެން ނުހަދާށެވެ. އަދި ތިބާ ގަންނަން ބޭނުންނަމަ (މޮޅު ކަދުރެއް)
ދެރަ ކަދުރު ފައިސާއަށް ވިއްކާފައި އެފައިސާއިން ގަންނާށެވެ(ޞަޙީޙިލް ބުކާރީ:
ބާބުލް ވަކާލާ)
މިޙަދީޘްއިން ދޭހަވާގޮތުގައި ރިބާއިން ރައްކާތެރިވުމަށް ހަދަން ޖެހޭގޮތަކީ
ފުރަތަމަ ދެރަ ކަދުރު ވިއްކާލުމެވެ. ދެން އެއަށް ލިބޭ އަގުން މޮޅުކަދުރު
ގަންނާނީއެވެ.
ބިލާލުގެފާނުގެ ހަދީޘުން ޤިޔާސް ކޮށްގެން ރަނާއި ރިއްސަކީ މީޑިއަމް އޮފް
އެކްސްޗޭންޖް (މުދާ ބަދަލުކުރުމަށް ބޭނުންކުރާ ވަސީލަތެއް) ގެ ގޮތުގައި ބޭނުން
ކުރާ ފައިސާކަމަށް ބެލެވިދާނެކަމަށް ބައެއް އިލްމްވެރިން ވިދާޅުވެއެވެ. އެހެނީ
ކީރިތި ރަސޫލާގެ ދުވަސްވަރުގައި ފާރިސީންގެ ތެރޭގައި ރަނާއި ރިހި އެގޮތަށް ބޭނުން
ކުރެވެމުން ދިޔައެވެ. އެހެންނަމަވެސް ކަރުދާހު ފައިސާއާއި ޚިލާފަށް އެއެއްޗެއްސަކީ
އޭގެ ޒާތުގައި ވެސް އަގުހުރި އެއްޗެއްސެވެ.
ކަރުދާހު ފައިސާއާ މެދު
އުފެދިފައިވާ ޚިލާފުތަކަށް ހައްލެއް ހޯދުމުގެ ގޮތުން އޯ.އައި.ސީ. ގެ ފިޤުހު
އެކެޑަމީއިން ވަނީ 1407 ވަނަ އަހަރުގައި ޤަރާރެއް ނެރެ، ކަރުދާހު ފައިސާއަކީ
ރަނާއި ރިހި ފަދައެއްޗެއް ކަމަށް ބެލެވިދާނެ ކަމަށް ނިންމާފައެވެ. މި ނިންމުން
ނިންމީ، މި ޒަމާނުގައި ކަރުދާހު ފައިސާ އަކީ އެއާ ނުލައި އާދައިގެ މީހަކަށް
ނޫޅެވޭނެ އެއްޗަކަށް ވާތީވެ، މަސްލަހަތަށް ބަލާފައެވެ.
ކަރުދާހު ފައިސާ ބަދަލު ކުރުމުގައި އަމަލުކުރަން ޖެހޭގޮތަކީ ކޮބާ؟
v ރުފިޔާ ރުފިޔާއަށް ބަދަލުކުރާ ނަމަ
ދޭން ޖެހޭނީ އެއް އަގެއް، އަތުން އަތަށެވެ.
v ރުފިޔާ ޑޮލަރަށް ބަދަލުކުރާނަމަ
ދޭން ޖެހޭނީ އަތުން އަތަށެވެ. (އަގު އެއްވަރު ވާކަށް ނުޖެހޭ). މިއީ ޞަރަފުގެ
ޤަވާޢިދެވެ.
v ރުފިޔާ މުދަލަށް ބަދަލުކުރާނަމަ ބޭނުން އަގަކަށް ބޭނުން އިރެއްގައި ކުރެވިދާނެއެވެ.
ރިބާއުލް ޖާހިލިއްޔާ
v މިބާވަތުގެ ރިބާއަށް ރިބާއުލް ދުޔޫން ނުވަތަ ރިބާއުއްނަސިޔާ އޭވެސް
ކިޔެއެވެ.
v މިސާލަކަށް 1 މަސް ފަހުން އަނބުރާ ދައްކާގޮތަށް 100 ރުފިޔާ ދީފައި އެ މުއްދަތުގެ ތެރޭގައި
ނުދެއްކިއްޖެނަމަ ޖުރިމާނާއެއްގެ ގޮތުން 0.0001 % ނެގިޔަސް އެވާނީ ރިބާއަށެވެ.
v ބޭންކުން ފަސިލިޓީއެއް ދޫކުރާއިރު އެކަމުގައި ހިމެނޭ އެކި އެކި ޚިދުމަތްތަކަށް ނަގާ ފީއަކީ
ރިބާ ކަމުގައި ނުބެލެވޭނެއެވެ. މިސާލަކަށް، ސްޓްރަކްޗަރިންގ ޗާރޖް، ޕްރޮސެސް
ކުރުމުގެ ފީ، ކޮމިޝަން، ސަރވިސް ޗާރޖް، ޖީ.އެސް.ޓީ.
v ސްޓްރަކްޗަރިންގ ޗާރޖް އަކީ އިސްތިސްނާ ފެސިލިޓީ އެއް ދޫކުރުމުގެ ކުރިން ބޭންކުން ހަދާދިރާސާތަކުގެ އަގެވެ.
ރިބާ ފައިދާއާއި ޙަލާލް ފައިދާ ވަކިކުރެވޭނެ ގޮތަކީ ދެފަރާތުގެ ދެމެދުގައި
ކުރެވޭ އެއްވެސް މުޢާމަލާތަކީ ކޮންމެ ނަމެއް ކިޔަސް އޭގައި އަތުލި އަދަދަށް ފަހުން
ދައްކަންޖެހޭ ފައިސާއެއްވާނަމަ އެ ވާނީ ދަރަންޏަކަށެވެ. ދިން މީހާ ވާނީ ދަރަނި
ދިން މީހާ އަށެވެ. އަނެއް މީހާ ވާނީ ދަރަނީ ވެރިޔާއަށެވެ. އަދި މި ފައިސާއަށް
އިތުރުކުރެވޭ ކޮންމެ އިތުރު ކުރުމެއް ވާނީ ރިބާއަށެވެ.
މިޞްރުގެ މަޝީހަތުލް
އަޒުހަރުއް ޝަރީފުގެ އެންމެ އިސްއިމާމު ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޖާދުލް
ޙައްޤު ޢަލީ ޖާދުލް ޙައްޤު އިސްކޮށްހުންނަވައިގެން 1991 ވަނައަހަރު މަޝީޚަތުލް
އަޒުހަރުން ވަނީ ރިބަވީ ބެންކު ތަކުން ލިބޭ ފައިދާއަކީ ޙަރާމް އެއްޗެއްކަމަށާއި
އޭގެ ގިނަމިނާއި މަދު މިނުގައި އެއްވެސް ތަފާތެއް ނެތްކަމަށް ފަތުވާ
ނެރުއްވާފައެވެ. އެފަތުވާގައި އައިސްފައި ވެއެވެ. " ސަރުކާރުގެ
މަޞްލަހަތުތައް ހުންނަ ކަންކަމުގައި ރިބާއެއް ނުވެއޭ ބުނާބުނުމަކީ ޞައްޙަ
ބުނުމެއްނޫނެވެ. އެހެނީ އިސްލާމްދީނުގައި ފަރުދުންނާއި ޖަމާޢަތްތަކާއި
ދައުލަތްތަކުގެ މެދުގައި ރިބާވަނީ ހަރާމް ކުރައްވާފައެވެ. ރިބާގެ ވިޔަފާރި
ހިންގުމުގައި ވަކިފަރުދެއް ނުވަތަ ވަކި ޖަމާޢަތެއް ވަކިސަރުކާރެއް ވަކިދައުލަތެއް
އިސްތިޘްނާ ކުރަނިވި ނައްޞެއް ވާރިދުވެގެން އައިސްފައެއް ނުވެއެވެ. " (މަޖައްލަތުލް އަޒުހަރު ޢިންދަ ޛިލްޙައްޖާ : ޞ :22 -1410ހ – 1991 ޖުލައި)
ރިބާ
ރިބާގެ ލުޣަވީމާނަ:
މީގެމާނައަކީ ގިނަވުން ނުވަތަ އިތުރުވުންމިއެވެ.
މިތަނުގައި މިލަފުޒުގެ މަޤުޞަދަކީ ރައުސުލްމާލަށް އިތުރުވާ އިތުރުވުމެވެ. މިލަފުޒު
ކީރިތި ޤުރުއާނުގައި ހަމަމިމާނާގައި ބޭނުންކުރެވިފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. أَن تَكُونَ أُمَّةٌ هِيَ أَرْبَىٰ مِنْأُمَّةٍ މާނައީ
: " އެއްބަޔަކު އަނެއްބަޔަކަށްވުރެ ގިނަކަމުގައި ވުމަށެވެ."
ރިބާގެ މާނަ ކަނޑައެޅުމުގައި ފިޤުހުވެރިން
އިޢްތިމާދުވާ އަސްލަކީ ޤުރުއާނެވެ. މާތް ﷲ ވަޙީ ކުރައްވަނީ يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ މާނައަކީ: ''އޭ އީމާންވެއްޖެ
މީސްތަކުންނެވެ. ކަލޭމެންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ އަށް
ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް އެއްޗެއް، ހަމަ
މުޅިން ދޫކޮށްލާ ހުށިކަމެވެ.''
ރިބާގެ އިސްތިލާޙީމާނަ:
ފިޤުހު ޢިލްމުވިލެރިންގެ އިސްތިލާޙުގައި ރިބާއަކީ
އެއްވަރުކަން ނޭނގޭ ދޭތި އެކަތި އަނެކައްޗާ ބަދަލްކުރުމަށް ދެމީހެއްގެ ދެމެދުގައި
ނުވަތަ ދެބައެއްގެ ދެމެދުގައި އެއްބަސްވެ ޢަޤުދުކުރުމެވެ. ނުވަތަ ބަދަލްކުރެވޭ
ދޭތި ނުވަތަ އެދޭތިންކުރެ އެކަތި ފަހުން ދިނުމަށް އެއްބަސްވެ ޢަޤުދުކުރުމެވެ.
އެހެންކަމުން އިސްލާމީ ޝަރީޢަތުގައި ރިބާއަކީ
އަބުރާދައްކާގޮތަށް ނެގޭފައިސާ ދެއްކުމުގައި އަނިޔާވެރިކަމާއެކު އަނެކުންގެ އަތުން
އިތުރަށް އަތުލެވޭ ފައިސާއެވެ. ނުވަތަ ދަރަންޏެއް ދިނުމަށްފަހު، އަނބުރާ
ދެއްކުމުގައި އިތުރުކުރެވޭ އިތުރުކުރުމެވެ. ނުވަތަ މީހެއްގެ ބޮލުގައި
އެއްވެސް ގޮތަކުން އެޅިފައިވާ ދަރަންޏެއް ފަސްކުރުމުގެ ބަދަލެއްގެ ގޮތުން، އިތުރު
ކުރެވޭ ކޮންމެ އިތުރު ކުރުމެކެވެ. ރިބައްނަސިއާއަކީ މިއީއެވެ. ޤުރުއާންގައި ބަޔާންވެގެން
އައިސްފަވާ ރިބާއަކީވެސް މިއީއެވެ. މިބާވަތުގެ ރިބާއަކީ ޖާހިލިއްޔަ ޒަމާނުގައި
ފެތުރިފައިވާ ރިބާއެވެ. މިއީ ރިބާގެ އަޞްލު ކަމަށް ބެލެވެއެވެ. އަދި ދަރަނީގެ ރިބާ
އޭ ވެސް މިބާވަތުގެ ރިބާއަށް ކިޔެއެވެ.
މީގެ އިތުރުން ރިބާގެ އަނެއްވައްތަރަކީ،
އެއްބާވަތެއްގެ ދެއެއްޗެއް، އެކަތި އަނެކައްޗާ ބަދަލު ކުރާއިރު، މިންވަރު ތަފާތުކޮށް ބަދަލު
ކުރުމެވެ. މިއީ ރިބަލްފަޟްލެވެ.
عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالتَّمْرُ بِالتَّمْرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ يَدًا بِيَدٍ ، فَمَنْ زَادَ أَوْ اسْتَزَادَ فَقَدْ أَرْبَى ، الْآخِذُ وَالْمُعْطِي فِيهِ سَوَاءٌ .
މާނައީ: އަބޫ ސަޢީދުލް ޚުދުރީ ވިދާޅުވިއެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަ ޙަދީޘްކުރެއްވިއެވެ.'' ރަނަށް ރަން ވިއްކާ އިރު، އަދި ރިއްސަށް ރިހި ވިއްކާ އިރު، އަދި ގޮދަނަށް ގޮދަން ވިއްކާ އިރު، އަދި ހިމަގޮދަނަށް ހިމަގޮދަން ވިއްކާ އިރު، އަދި ކަދުރަށް ކަދުރު ވިއްކާ އިރު، އަދި ލޮނަށް ލޮނު ވިއްކާ އިރު، ވިއްކަންވާނީ އެއްމިންވަރެއްގެ ދޭތި ނަމައެވެ. އަދި އަތުން އަތަށް ނަމައެވެ. ފަހެ މިއިން އެއްޗަކަށް މިންވަރެއް އިތުރުކޮށް ނުވަތަ އިތުރު ކުރަން އެދެފިނަމަ އެއީ ރިބާއެކެވެ. ދޭ މީހާއާއި އަތުލާ މީހާ ފާފައިގައި އެއްވަރެވެ.'' (ޞަޙީޙް މުސްލިމް: ބާބުލް މުސާޤާ)
މާނައީ: އަބޫ ސަޢީދުލް ޚުދުރީ ވިދާޅުވިއެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަ ޙަދީޘްކުރެއްވިއެވެ.'' ރަނަށް ރަން ވިއްކާ އިރު، އަދި ރިއްސަށް ރިހި ވިއްކާ އިރު، އަދި ގޮދަނަށް ގޮދަން ވިއްކާ އިރު، އަދި ހިމަގޮދަނަށް ހިމަގޮދަން ވިއްކާ އިރު، އަދި ކަދުރަށް ކަދުރު ވިއްކާ އިރު، އަދި ލޮނަށް ލޮނު ވިއްކާ އިރު، ވިއްކަންވާނީ އެއްމިންވަރެއްގެ ދޭތި ނަމައެވެ. އަދި އަތުން އަތަށް ނަމައެވެ. ފަހެ މިއިން އެއްޗަކަށް މިންވަރެއް އިތުރުކޮށް ނުވަތަ އިތުރު ކުރަން އެދެފިނަމަ އެއީ ރިބާއެކެވެ. ދޭ މީހާއާއި އަތުލާ މީހާ ފާފައިގައި އެއްވަރެވެ.'' (ޞަޙީޙް މުސްލިމް: ބާބުލް މުސާޤާ)
ރިބާގެ ޙުކުމް:
ރިބާ އަކީ ޙަރާމް އެއްޗެއްކަން، ޤުރުއާނާއި ސުންނަތުން
އަދި އިޖްމާޢުން ސާބިތުވެއެވެ. އަލްއިމާމްނަވަވީ ވިދާޅުވެފައިވަނީ މުސްލިމުންވަނީ
ރިބާއަކީ ޙަރާމްއެއްޗެއްކަމަށް އިޖުމާޢުވެފައެވެ. އަދި ރިބާ ކެއުމަކީ އެންމެ
ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ.
އެހެންކަމުން އިސްވެބަޔާންކުރެވުނު ދެވައްތަރުގެ
ރިބާއަކީވެސް ކަނޑައެޅިގެން ހަރާމް އެއްޗެކެވެ. އިސްމާލްދީނުގައި އިޤުތިޞާދު
ބިނާކުރުމުގައި ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށްޓަކައި ދީނުގައި ރިބާވަނީ
ކަނޑައެޅިގެން ހަރާމްކުރައްވާފައެވެ. މީއީ އިންސާނީދަރިފަސްކޮޅު އިޤުތިޞާދީ ފުން
އަދަވަޅަކަށް ވެއްޓުނަނުދިނުމަށްޓަކައި ދީނުގައި ކަނޑައަޅުއްވާފައިވާ މުހިންމު
ޙުކުމެކެވެ.
ރިބާ ޙަރާމް ކުރެއްވުމުގެ ޙިކްމަތް:
އިސްލާމީ ޝަރީޢަތުގައި ރިބާ ޙަރާމް
ކުރެއްވުމުގެ ޙިކުމަތާ ބެހޭ ގޮތުން ދީނީ ޢިލްމުވެރިން ވަރަށް ގިނަ ވާހަކަ
ދައްކަވާފައިވެއެވެ. ހަމަ އެހެންމެ މުސްލިމް އަދި ބެއެއް ޣައިރު މުސްލިމް
އިޤްތިސާދީ މާހިރުން ވަނީ، ރިބާގެ ގެއްލުމާއި ބެހޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ
ދައްކާފައިވެއެވެ. ރިބާ ޙަރާމް ކުރެވުނު ސަބަބުތަކުގެ ތެރޭގައި، ހިމެނޭ އެންމެ
މުހިންމު އެއް ސަބަބަކީ އޭގައި ޢަދުލުވެރިކަމުން އެއްކިބާވުމާއި އަނިޔާވެރިކަން
ހިމެނޭތީއެވެ. މުޖްތަމަޢްގެ އެއް ބައެއްގެ އަތުގައި ރައުސްމާލް ފުނިޖެހި،ދެން ތިބި
މީހުން، އެމީހުންގެ ބާރު ދަށަށް ދާތީއެވެ. މުއްސަނދި ޤައުމުތަކުން ފަޤީރު
ޤައުމުތަކުގެ މުސްތަޤްބަލާއި ސިޔާދަތާއި ކުޅެ، ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތި ކުރެވޭލެއް
ފަސޭހަވާތީއެވެ. އެއްޗެހީގެ އަގުބޮޑުވެ ފަޤީރުންނާއި މުއްސަނދިންގެ ދެމެދުގައި
އޮންނަ ތަފާތު ބޮޑުވެ، ގިނަ ބައެއްގެ މުދާވެރިކަން މަދު ބައެއްގެ މުށުތެރޭގައި
ހުންނާތީއެވެ. މުޖްތަމަޢުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި، އެއްބަޔަކު
އަނެއް ބަޔަކަށް އެހީތެރިވުމުގެ ސިފަ ގެއްލި، ދަހިވެތިކަމާއި ނަފްރަތު
އިތުރުވާތީއެވެ. ރިބާ އަކީ، ގެއްލުންވުމާއި ފައިދާވުމުގެ ތަބީޢަތާއި ޚިލާފަށް
އޮންނަ އެއްޗެކެވެ. ވީމާ ރިބާގެ މުޢާމަލާތްތައް ހިންގާ ފަރާތްތަކަށް އެއީ
މަސައްކަތެއް ނުކޮށް ފައިދާ ލިބޭނެ ޔަޤީން އެއްޗެކެވެ.
މާތްﷲ ކަމެއް ޙަރާމް ކުރައްވާނީ، އޭގައި
ގެއްލުމެއް ވާތީއެވެ. ދުނިޔޭގެ އެންމެން އެއީ ފައިދާ ހުރި، ދުނިޔޭގެ އިޤްތިސާދަށް
މުހިއްމު އެއްޗެކޭ ބުނި ކަމުގައިވިޔަސްމެހެވެ. އެހެނީ ހުރިހާ ކަމެއްގައި އޭގެ
ޙިކްމަތް އިންސާނާގެ ސިކުޑިއަށް ނުވިސްނިދާނެއެވެ. އެކަން ޤަބޫލު ކުރަން ޖެހެއެވެ.
މިއީ ތެދުކަން ތިންވަނަ ދުނިޔޭގެ ޤައުމުތަކުގެ
ދަރަނީގެ ކާރިޘާތަކަށް ބަލާލުމުން ފުދޭނެއެވެ. ބައިނަލް އަޤްވާމީ މަނިޓަރީ ފަންޑުން
މުސްލިމު ޤައުމުތައް ނިކަމެތިކޮށް އެމީހުންގެ ބާރުދަށުލާފައިވެއެވެ. ނަތީޖާއެއްގެ
ގޮތުން މުސްލިމުންގެ ސިޔާސީ އަދި އިޤްތިޞާދީ ކަންކަމަށް ބާރުފޯރުވައި،
"ދަރަނީގެ ބުރައާއި" "މީހުންގެ ބާރު ދަށުވުން" ޖެހި
އިސްތިޢުމާރީ ބާރުތަކުގެ ޝިކާރައަކަށް ވެއްޖެއެވެ. މުއްސަދި ޤައުމުތަކުން ފަޤީރު
ޤައުމުތަކުގެ މުސްތަޤްބަލާއި ސިޔާދަތާއި ކުޅެ، ސިޔާސީގޮތުން ފިއްތުންތައް
ކުރިމަތިކުރެއެވެ. މުސްލިމުންގެ ޞިނާޢަތަށް ލިބުނު ބަލިކަށިކަމެއްގެ ސަބަބުން،
ދުނިޔޭގެ ޙަޟާރަތް ކުރިއަށް ގެންދިއުމުގެ ވަޒީފާއިން އެކަހެރިވެ، ދުނިޔޭގެ ޙަޟާރީ
ދުވެލި ދުއްވަން ހަވާލުވެފައިވާ، ހުޅަގުގެ އިޤްތިޞާދީ ނިޒާމުގެ އަސީރަކަށްވެ
މުސްލިމުންވެއްޖެއެވެ. އިސްލާމީ ޢަސްކަރީ އިޤްތިޞާދީ ނިޒާމު ދޫކޮށް ޖާހިލީ
ނިޒާމަށް އެނބުރި ދިއައެވެ. ނަމަވެސް އިޤްތިޞާދީ ބަލިކަށިކަމުގެ ދާއިރާއިން
ނިކުމެ، ކުރިއަރާފައިވާ އިޤްތިޞާދުގެ ދާއިރާއަކަށް މުސްލިމުންނަކަށް ނުވަދެވުނެވެ.
ދަނޑުވެރިކަމުގައި މަދަނީ އަދި ޢަސްކަރީ އުފެއްދުންތެރިކަމުގައި އަމިއްލަ
ފުދުންތެރިކަމެއް މުސްލިމުންނަކަށް ނުހޯދުނެވެ. އިންސާނީ ފިޠުރަތުގައިވާ
އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުވުމުގެ ރިވެތި ސިފަ ގެއްލި، ދަހިވެތިކަން
ބޮޑުވެ، މިކަމުގައި ހައްދުފަހަނައަޅައި، ދަހިވެތި ޝިކާރަވެރި ޖަނަވާރުތަކެކޭ
އެއްފަދައިން މީސްތަކުންގެ ޢަމަލުތައް ބައްޓަންކޮށްފިއެވެ. ދުނިޔޭގެ ޙަޟާރަތް
ކުރިއަށް ގެންދިއުމުގެ ވަޒީފާއިން އެކަހެރިވެ، ހުޅަގުގެ އިޤްތިޞާދީ ނިޒާމާނުލައި
ނުއުޅެވޭނެޔޭ ބުނާބަހުގެ އަސީރަކަށް މުސްލިމުން ވެއްޖެއެވެ.
އިސްލާމް ދީން އައީ، މީސްތަކުގެ
އަޅުވެތިކަމުން އިންސާނާ ސަލާމަތްކޮށް މާތްﷲގެ އަޅުވެތިކަމުގެ ދަށައް
ރުޖޫޢަކުރާށެވެ. ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި އައިސްފައިވާ،
ޙުކުމްތަކުގައި ހިފަހައްޓައިފި މީހަކަށް، ދެ ދުނިޔޭގެ ދިންނެވުމާއި ބާއްޖެވެރިކަން
ލިބޭނެ ކަމީ، އެއްވެސް މުއުމިނަކު ޝައްކު ކުރާނެ ކަމެއް ނޫނެވެ. މި ދެ މަޞްދަރަށް
ފުރަގަސްދީ، އަމިއްލަ ބުއްދިއަށް ތަބާވެ، ހަވާ ނަފްސު ގެންދާ މަގުން
ހިނގަން ފަށައިފި މީހެއްގެ ނިމުމަކަށް ވަނީ، ގެއްލުމާއި ހަލާކުގެ
ނިމުމެކެވެ. އޭނާގެ ދިރިއުޅުން ވެގެން ދާނީ، ހިތް ނުތަނަވަސް ކަމާއި، ބޯ ހާސް
ވުމުގެ ދިއުޅުމަކަށެވެ.
ރިބާއާއި ދުރުވެ ތިބުމަށް އައިސްފައިވާ އިންޒާރު:
1. ޤިޔާމަތް ދުވަހުގެ ގަދަފަދަ
ޢަޛާބު:
މާތްﷲ
ވަޙީކުރައްވާފައިވެއެވެ." الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗوَأَحَلَّ اللَّـهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّـهِ ۖ وَمَنْ عَادَ فَأُولَـٰئِكَ أَصْحَابُ النَّارِ ۖهُمْ فِيهَا خَالِدُونَ" ﴿سورة البقرة-275﴾ މާނައަކީ: "ސޫދު (ރިބާ)
ކާ މީހަކަށް، ޝައިތާނުން ބީހުމުން މޮޔަކޮށްފައިވާ މީހަކު ކޮޅަށް ތެދުވާފަދައަކުން
މެނުވީ، ޤިޔާމަތް ދުވަހު ކޮޅަށް ތެދުވެ ނުހުރެވޭނެއެވެ. އެ ގޮތީ އެ މީހުން ބެނެ
އުޅޭ ކަމަށްޓަކައެވެ. ވިޔަފާރިއަކީ ހަމަގައިމުވެސް ސޫދު ކަހަލަ އެއްޗެކެވެ. ނަމަވެސް
ﷲ ވިޔަފާރިކުރުން ޙަލާލްކުރައްވާ، ސޫދު ކެއުން ޙަރާމް ކުރައްވައިފިއެވެ. މާތްﷲ
މިކަމުގެމައްޗަށް ގަދަ ނަސޭހަތް ވަޙީ ކުރެއްވުމުން، ސޫދު ކެއުން ހުއްޓާލައިފި
މީހަކު، ފަހެ އެ މީހަކުގެ ކިބައިން، ވޭތުވެ ދިޔަ ތަނުގެ ފާފަތައް ޢަފޫ ވީއެވެ.
އަދި އެ މީހާގެ މައްޗަށް އާޚިރަތުގެ ނިޔާ ކަނޑައަޅުއްވައި ނިންމެވުން ވަނީ ﷲ
އަށެވެ. ނަމަވެސް ސޫދު ކެއުމަށް އަލުން އެނބުރި އަރައިގެންފި މީހަކު، ދަނެއުއެވެ.
ފަހެ އެކަހަލަ މީހުންނަކީ ނަރަކައިގެ އަހުލުވެރިންނެވެ. އެތަނުގައި އެމީހުން ދެމި
ތިބާނެތެވެ."
ޖެހިގެން އޮތް އާޔަތުގައި
ވަޙީކުރައްވަނީ، ރިބާ ކެއުމަކީ މުދަލުގެ ބަރަކާތް، ﷲ ކަނޑުއްވާނެ ކަމެއް ކަމަށެވެ.
އަދި ޞަދަޤާތް ދިނުމުގެ މޮޅު އިތުރު ކަމެވެ. ރިބާ ކާ މީހުންގެ ދިރިއުޅުން
ނުތަނަވަސްވެ، ފައިސާއާ ހެދި މޮޔަވެ، ލިބޭ އެއްޗަކުން ދުވަހަކު ނުފެދި، އޭނާގެ
ދަހިވެތިކަން ވެސް ދާނީ ހައްތާ އިތުރުވަމުންނެވެ.
2. މާތްﷲގެ ބަރަކާތުން
މަޙްރޫމްވުން
މާތްﷲ ވަޙީކުރެއްވިއެވެ.
" يَمْحَقُ اللَّـهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗوَاللَّـهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ ﴿ سورة البقرة-276﴾" މާނައަކީ: "ސޫދު
(ރިބާ) ކެއުން، ހުރިހާ ބަރަކާތަކުން ﷲ މަހްރޫމް ކުރެއްވިއެވެ. އަދި ޞަދަޤާތުގައި
އެ ކަލާނގެ ބަރަކާތް ލެއްވިއެވެ. އަދި ﷲ، އެއްވެސް ކާފިރަކު އަދި ފާފަވެރިއަކު
ދެކެ ލޯބިވެވޮޑިނުގަންނަވަތެވެ"
3- ﷲ އަށް ކުފުރުވާކަމެއް
ދެން ބަޤަރާ ސޫރަތުގެ 278
ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ، ﷲ އަށް ބިރުވެތިވުމަށެވެ. އަދި
އީމާން ވާ ބަޔަކު، ރިބާ ކައިގެން ނުވާނެ ކަމަށެވެ. އަދި ރިބާ ކެއުން
ހުއްޓާލުމަށެވެ. މާތްﷲ ވަޙީކުރެއްވިއެވެ. " يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ" ﴿ سورة البقرة- 278﴾ މާނައަކީ: "އޭ
އީމާންވެއްޖެ މީސްތަކުންނޭވެ. ކަލޭމެންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ
އަށް ބިރުވެތިވެ ތިބޭ ހުށިކަމެވެ. އަދި ސޫދުގެ ތެރެއިން ބާކީ ލިބެން އޮތް
އެއްޗެއް، ހަމަ މުޅިން ދޫކޮށްލާހުށިކަމެވެ."
4- ރިބާ ކާ މީހުނާއި ދެކޮޅަށް
ހަނގުރާމަކުރުމަށް އެންގެވުން
މާތްﷲ ވަޙީކުރެއްވިއެވެ.
" فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّـهِ وَرَسُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ "﴿سورة البقرة- 279﴾ މާނައަކީ: "މިކަން
މިހެން ނުކޮށްފިނަމަ ދެން ކަލޭމެންގެ މައްޗަށް ﷲ އާއި ރަސޫލާގެ ފަރާތުން،
ހަނގުރާމަ އިޢުލާންވެގެން ހުރި ކަމުގެ އިންޒާރު ލިބިގަންނަހުށިކަމެވެ. ނަމަވެސް
ކަލޭމެން ތައުބާ ވެއްޖެނަމަ، ކަލޭމެންނަށް ކަލޭމެން ދަރަންޏަށް ދިން ޢަދަދުގެ
ފައިސާ (ސޫދާ ނުލައި) ލިބޭ ހުއްޓެވެ. އަދި ކަލޭމެން އަނެކުންނަށް އަނިޔާވެރި
ނުވާހުށިކަމެވެ. އަދި ކަލޭމެންނަށްވެސް އަނެކުންގެ ކިބައިން އަނިޔާވެރި ކަމުގެ
ކަމެއް ކުރެވިގެން ނުމެވާހުށިކަމެވެ."
އައްސަރްޚަސީ
ވިދާޅުވެފައިވެފައިވަނީ މި އާޔަތްތަކުގައި، ރިބާ ކާ މީހާއަށް ލިބެންއޮތް ފަސް
ވައްތަރެއްގެ ޢުޤޫބާތެއް މާތްﷲ ބަޔާން ކުރައްވާފައިވާ ކަމަށެވެ. ފުރަތަމަ
ޢުޤޫބާތަކީ އޭނާ ޤިޔާމަތް ދުވަހު ޤަބުރުން ތެދުވާނީ، އަދި ޤިޔާމަތް ދުވަހު
ކޮއްޅަށް ހުންނާނީ ޝައިތާނާގެ ބީހުމުން މޮޔަވެފައި ވާ މީހަކު ކޮޅަށް ހުންނަހެން،
ވެއްޓިވެއްޓިއެވެ. ދެވަނަ ޢުޤޫބާތަކީ، ރިޒުޤުން ބަރަކާތް ކެނޑުމެވެ. ތިންވަނަ
ޢުޤޫބާތަކީ، ރިބާ ކެއުން ހުއްޓާ ނުލާ މީހާއާ ދެކޮޅަށް ﷲ އާއި ރަސޫލާ ހަނގުރާމަ
އިޢްލާން ކުރެއްވުމެވެ. ހަތަރުވަނަ ޢުޤޫބާތަކީ، ރިބާ ޙަރާމް ކަން އެނގި ހުރެ ކާ
މީހާގެ އީމާންކަން ގެއްލި، ކާފިރަކަށް ވެދާނެ ކަމުގެ ބިރު އޮތުމެވެ. އަދި އޭނާ
އަކީ ފާސިޤަކަށް ވުމެވެ. ފަސްވަނަ ޢުޤޫބާތަކީ ނަރަކައިގެ ދިގުދެމިގެންވާ ޢަޛާބު
ލިބުމެވެ.
5- ރިބާކާމީހުނަށް މާތްﷲ
އާއި އެކަލާނގެ ރަސޫލާ ލަޢުނެތް ލައްވާފައިވުން
މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި ޖާބިރުގެފާނުގެ
އަރިހުން ރިވާވެގެންވެއެވެ." قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: لَعَنَ اللَّهُ آكِلَ الرِّبَا، وَمُؤَكِّلَهُ، وَشَاهِدَيْهِ، وَكَاتِبَهُ " (رواه مسلم) މާނައަކީ: "ރިބާ ކާ
މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުނަށް
ވެސް ރަސޫލައްﷲ ޢަލައިހި ވަސައްލަމަ ލަޢުނަތް ލެއްވިއެވެ." އަދި
ވިދާޅުވިއެވެ. "މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ."
قَالَ ابْنُ عَبَّاسٍ: إن رسول الله صلى الله عليه و سلم نهى عن ثمن الدم وعن ثمن الكلب ومهر البغي ولعن آكل الربا ومؤكله والواشمة والمستوشمة ولعن المصور މާނައަކީ: އިބްނު
ޢައްބާސްގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. "ހަމަކަށަވަރުންވެސް
ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ވަނީ، ލޭގެ އަގާއި ކުއްތާގެ އަގު
އަދި ހަށިވިއްކައިގެން އަންހެނާ ހޯދާ އަގު، ނަހީ (ޙަރާމް) ކުރައްވާފައިވެއެވެ.
އަދި ޓެޓޫ ޖަހައިދޭ އަންހެނާއާއި ޓެޓޫ ޖައްސުވާ އަންހެނާއާއި، ރިބާ ކާ މީހާއާއި،
ރިބާ ދޭ މީހާއަށް ލަޢުނަތް ދެއްވިއެވެ. އަދި ތަސްވީރު ހަދާ މީހާއަށް ލަޢްނަތް
ދެއްވިއެވެ." (ބުޚާރީ - މުސްލިމް)
ވިޔަފާރި ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް
01. ވިޔަފާރި ކުރުމުގައި ރަނގަޅު
މުދަލުން މުޢާމަލާތްކުރުން
މާތް
ﷲ ވަނީ ރަނގަޅު ތަކެތި އެކަލާނގެ އަޅުތަކުންނަށް ޙަލާލު ކުރައްވާފައެވެ. އަދި
ގެއްލުންހުރި ނުބައި ތަކެތި އެކަލާނގެވަނީ ނަހީކުރައްވާފައެވެ. މުސްލިމު
އިންވެސްޓަރުންނަކީ މިއުސޫލުގައި ހިފަހައްޓައިގެން ތިބޭ ބަޔަކަށް ވާންޖެހޭނެއެވެ.
ކިތަންމެ ބޮޑު މަންފާއެއް ޙާޞިލުވާން އޮތްކަމުގައި ވިއަސް، ފައިސާގެ
ދަހިވެތިކަމުގައި، ﷲ ކަނޑައަޅުއްވާފައިވާ ޙައްދުތަކުން ބޭރުވެ ޙަލާލުގޮތް ދޫކޮށް
ޙަރާމްގޮތުގައި ހިފައިގެން ނުވާނެއެވެ. ﷲ ބަރަކާތް ލައްވާނީ ހެޔޮރަނގަޅު ޙަލާލު
މުދަލުގައެވެ. ރަލާއި، އޫރުމަހާއި، ރިބާގެ މުޢާމަލާތުގެ ތެރޭގައި އިންވެސްޓު
ކުރުމަކީ އެއްވެސް ހާލެއްގައި މުސްލިމުން ކޮށްގެން ވާނެ ކަމެއްނޫނެވެ.
މުސްލިމުން
ވިޔަފާރީގެ ތެރެއަށް ނިކުންނަންވާނީ ޙަރާމް ޙަލާލު ދެނެތިބެ، ޙަލާލު ގޮތުގައި
އިންވެސްޓު ކުރުމުގެ ބިންގާ މަތީ ތިބެގެންނެވެ. މުސްލިމުންގެ އަމާޒަކީ ﷲ ގެ ރުހުން
ހޯދުމެވެ. މާއްދިއްޔަތަށް ގޮސް ހުސްވެފައިވާ މީހުންގެ އުސޫލު މިއާއި
މުޅިންތަފާތުވާނެއެވެ. އިންވެސްޓު ކުރުމުގައި އެމީހުންގެ މިންގަނޑަކީ ފައިދާއެވެ.
ރަނގަޅު ހެޔޮމުދަލެކޭ އަގެއްނެތް މުޑުދާރު މުދަލުގެ ތަފާތެއް އެފަދަމީހުންގެ
ގާތުގައި ނޯންނާނެތެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ޖުވާކުޅުމުގައި ކުރެވޭ
އިންވެސްޓުތަކުގެ ތަފާތެއް ނޯންނާނެތެވެ. އެއީ، ދީނާއި އަޚްލާޤާއި އިޖްތިމާޢީ މިންގަޑުތަކަކީ
އެމީހުންގެ ސިކުނޑިތަކުން ބޭރުގައިވާ ކަންކަމަށް ވާތީއެވެ.
ﷲ ގެ
ރަޙްމަތަށް އެދި، އެކަލާނގެ ޢަޛާބަށް ބިރުވެތިވާ، ޠާހިރު އަތްތަކަކުން އިންވެސްޓު
ކުރާނަމަ، އެކަމެއް ހިނގަމުންދާނީ ސާފު ޠާހިރުކަންމަތީއެވެ. އެފަދަ މީހުންގެ
ހިތުގައި އޮންނާނީ ދުނިޔަވީ ވަގުތީ މަންފާތަކެއް ނޫނެވެ. ﷲ އާއި އެކަލާނގެ
ރަސޫލާގެ ބަސްފުޅުތައް އެމީހުންގެ ކަންފަތްތައް އަހާނެތެވެ. އިންވެސްޓް ކުރުމުގެ
ޙަލާލު މަގު އެމީހުނަށް ތަނަވަސްކޮށް ފެންނާނެއެވެ. އިންވެސްޓަރުންނަކީ އެފަދަ
ބަޔަކަށް ވެއްޖެނަމަ، މުޖުތަމަޢު ފަސާދަކޮށް ވީދާ އެއްޗަކަށް މުދާ ނުހަދާނެތެވެ.
ޢާއިލާތައް ރޫޅައި، ޖީލުތައް ޚަރާބުކުރާ އެއްޗަކަށް މުދާ ނުހަދާނެތެވެ. އޭގެ
ބަދަލުގައި މުދާ ވެގެންދާނީ ޢާލަމުތަކުގެ ވެރި ﷲ އެދިވޮޑިގަތް ގޮތަށް މުޖުތަމަޢު
ބިނާކުރާއެއްޗެއް ކަމުގައެވެ. ދީލަތިކަމާއި ހެޔޮކަން ފެތުރުމުގެ ބާރެއްކަމުގައެވެ.
ބަރަކާތާއި ތަނަވަސްކަން ގެނެސްދޭ ފެންއާރެއްކަމުގައެވެ. އޭގެ ނަތިޖާއަކަށް ވާނީ
މަންފާ ޢާއްމުވެ މުޅި ޖުތަމަޢަށް ބާއްޖަވެރިކަންލިބުމެވެ.
މާތް ﷲ ވަޙީކުރައްވާފައި
ވެއެވެ."وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ" (الأعراف:157) މާނައަކީ:" އަދި ރަނގަޅުތަކެތި
އެއުރެންނަށް ޙަލާލު ކުރައްވަތެވެ. އަދި ނުބައިވެގެންވާތަކެތި އެއުރެންނަށް
ޙަރާމްކުރައްވަތެވެ" އެހެން އާޔަތެއްގައިވަނީ:"قُل لَّا يَسْتَوِي الْخَبِيثُ وَالطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ الْخَبِيثِ ۚ فَاتَّقُوا اللَّـهَ يَا أُولِي الْأَلْبَابِ لَعَلَّكُمْ تُفْلِحُونَ "(المائدة:100) މާނައަކީ:" ކަލޭގެފާނު
ވިދާޅުވާށެވެ! ނުބައިކަންތައްތަކުގެ ގިނަކަން ކަލޭގެފާނު ޢަޖާއިބުކޮށްލިޔަސް،
ނުބައިކަންތައްތަކާއި ރަނގަޅުކަންތައްތައް ހަމަހަމަވެގެން ނުވެއެވެ. އޭ ބުއްދީގެ
އަހުލުވެރީންނޭވެ. ފަހެ، ތިޔަބައިމީހުން، ﷲ އަށް ތަޤުވާވެރިވާށެވެ. ތިޔަބައިމީހުން
ދިންނަވައި ނަޞީބު ލިބިގަތުމަށްޓަކައެވެ".

No comments:
Post a Comment