02. ޙައްޤުތައް އަދާކުރުން
ކޮންމެ
މުސްލިމަކީވެސް އެމީހެއްގެ ބޮލުގައި އެޅިފައިވާ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ
ގޮތުގައި އަދާކުރާ މީހަކަށް ވާންޖެހޭނެއެވެ. ވިޔަފާރިވެރިން އަދާކުރަންޖެހޭ
ޙައްޤުތަކުގެތެރޭގައި މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ދިނުމާއި،
އަދާކުރަންޖެހިފައިވާ ދަރަނިތައް އޭގެ ވަގުތުޖެހުމުގެ ކުރިން އަދާކުރުން ހިމެނެއެވެ.
އެތަނެއްގެ ދަށުގައިވާ މުވައްޒަފުންގެ މުސާރަ ގަވައިދުން އަދާކުރާނަމަ
އެމުވައްޒަފުން މަސައްކަތަށް ފަރުވާތެރިވެ، ނިސްބަތްވާ އޮފީހަށް ނުވަތަ މުއައްސަސާއަށް ހިތުގައި
އޮންނަ ލޯބި ބޮޑުވެ، އުފެއްދުންތެރިކަން އިތުރުވެގެން ދާނެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވަނީ:(( أعطوا الأجير أجره قبل أن يجف عرقه)) މާނައަކީ:" އުޖޫރައަށް
މަސައްކަތް ކުރާ މީހާގެ އުޖޫރަ އޭނާގެ ގައިން އޮހޮރުނު ދާ ހިކުމުގެ ކުރިން
ދޭށެވެ". ޤުދުސިއްޔަ ޙަދީޘެއްގައި ރިވާވެގެން ވެއެވެ. (( ثلاثة أنا خصمهم يوم القيامة: رجل أعطي بي ثم غدر، ورجل باع حُرًّا فأكل ثمنه، ورجل استأجر أجيرًا فاستوفى منه، ولم يعطهأجره)). މާނައަކީ: ޤިޔާމަތްދުވަހު އެބައެއްގެ ޚަޞްމެއްގެ ގޮތުގައި
ތިމަން އިލާހު ވޮޑިގެންވާ ތިން މީހަކު ވެއެވެ. އެއީ ތިމަން ﷲ ގަންދީ
ހުވާކުރުމަށްފަހު ޣަދަރު ވެރިވެފައިވާ މީހާއާއި، (އަޅެއްގެ ގޮތުގައި) މިނިވަނަކު
ވިއްކުމަށްފަހު އޭނާގެ އަގު ކައިގެންހުރި މީހާއާއި، އުޖޫރައަށް މީހަކު ލައްވާ މަސައްކަތް ކުރުވުމަށްފަހު،
އޭނާގެ އުޖޫރަ ދީފައިނުވާ މީހާއެވެ". ކީރިތި މާތް ނަބިއްޔު صلى الله عليه وسلم ގެ އެހެން ބަސްފުޅެއްގައި ވެއެވެ.( مَطْل الغني ظلم) މާނާއަކީ:" ތަނަވަސްކަން ލިބިހުރިމީހާ ދަރަނި
އަދާނުކުރުމަކީ އަނިޔާއެކެވެ".
ތަނަވަސްކަމުގެ
އަހުލުވެރިން އަދާކުރަންޖެހޭ އެންމެ މުހިއްމު ޙައްޤުތަކުގެ ތެރޭގައި ފަރްޟު
ޒަކާތާއި ޞަދަޤާތް ހިމެނެއެވެ. ޒަކާތާއި ޞަދަޤާތަކީ މުދަލާއި ނަފްސު ޠާހިރު ކުރާ
ކަންކަމެވެ. ނަފްސުގެ ދަހިވެތިކަމާއި، އަމިއްލަ އެދުމުން ސަލާމަތް ކުރުވާ
ކަމެކެވެ. އަދި އެކަމުގައި އަޅުތަކުންގެ ޙައްޤުވެސް އެކުލެވިގެންވާ ކަންކަމެވެ.
ޞަދަޤާތް ކުރުމަކީ އެކަމުގެ ސަބަބުން މުދާ މަދުވާކަމެއް ނޫނެވެ. ޒަކާތް ދިނުމުން
މަނާވެގަތުމަކީ މުދާ ހަލާކުވެ މީހާ ބަރަކާތް ކެނޑިގެންދާ ކަމެކެވެ. އެއްވެސް
ބަޔަކު ޒަކާތްދިނުމުން މަނާވެގެންފިނަމަ އެބައެއްގެ ރޯދި މަދުވެގެންދާނެ ކަމާއި،
ޖަނަވާރުތައް ނުވާނަމަ ވާރޭވެހުންވެސް މެދުކެނޑޭނެކަމީ މާތް ނަބިއްޔު صلى الله عليه وسلم ގެ ސުއްނަތުން ސާބުވާ ކަންކަމެވެ.
ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ."وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴿٣٤﴾ يَوْمَ يُحْمَىٰ عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ ۖهَـٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا مَا كُنتُمْ تَكْنِزُونَ ﴿٣٥﴾"(التوبة:34،35) މާނައަކީ:" އަދި ރަނާއި ރިހި ޚަޒާނާކޮށް،
އެތަކެތި ﷲ ގެ މަގުގައި ހޭދަނުކުރާމީހުން ދަންނާށެވެ! ވޭންދެނިވި ޢަޛާބުހުރިކަމުގެ
ޚަބަރު އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ!". އަދި އެހެން އާޔަތެއްގައިވަނީ:"وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ ﴿٢٤﴾لِّلسَّائِلِ وَالْمَحْرُومِ ﴿٢٥﴾"(المعارج:24،25) މާނައަކީ:" އަދި އެއުރެންނީ ސުވާލުކޮށް
އެދޭމީހުންނަށާއި،ނިކަމެތި މަޙްރޫމުންނަށް އެއުރެންގެ މުދަލުގައި ކަނޑައެޅިފައިވާ
މީހުންނެވެ".
ކީރިތި
ރަސޫލު صلى الله عليه وسلم ހަދީޘްފުޅުތަކުން ސާބިތުވާގޮތުގައި،
އެމީހަކަށް ﷲ ކަންޒުތައް ދެއްވާފައިވާ މީހާ އެމުދަލުން ޒަކާތް ނުދޭކަމުގައިވާނަމަ،
ޤިޔާމަތް ދުވަހު އެންމެހައި އަޅުތަކުންގެ ހިސާބު ބައްލަވަންދެން އެމީހަކަށް
ނަރަކައިގެ ޢަޛާބު ދެއްވާނެތެވެ. އަދި ޙިސާބު ބެއްލެވުމަށްފަހުގައިވެސް އެމީހަކަށް
ނަރަކައިގެ ޢަޛާބު ދެއްވަފާނެތެވެ. އަދިވެސް އެކަލޭގެ ފާނުގެ ކިބައިން
ރިވާވެގެންވާ ގޮތުން، މުދާ ލިބި އެމުދަލުން ޒަކާތް ނުދޭމީހާ ޤިޔާމަތް ދުވަހުން
ވިހަދަގަ ހަރުފަޔަކާއި ކުރިމަތިލާންޖެހޭނެއެވެ. އެސޮރު އެމީހާގެ ގައިގާ ހިފައި
ވިހަލަމުން ތިމަންނައަކީ ތިބާގެ މުދަލާއި، ތިބާގެ ކަންޒު ކަމުގައި ބުނާނެކަމަށް
ރިވާވެގެން ވެއެވެ.
ޒަކާތުން ލިބޭ ދުނިޔަވީ މަންފާތަކަށް ބަލާއިރު،
މުޖުތަމަޢަށް ލިބޭ އިޖްތިމާޢީ ރައްކާތެރިކަން ފާހަގަ ކުރެވެއެވެ. ދަތިޙާލުގައި
ދިރިއުޅެންޖެހިފައިވާ މީހުންގެ ހިތްތަކުން ޙަސަދަވެރިކަން ފިލާދިއުމާއި،
ތަނަވަސްކަމުގެ އަހުލުވެރިންގެ ހިތްތަކުގައި ރަޙްމަތާއި ކުލު އުފެދިގެން ދެއެވެ.
ނަތީޖާއެއްގެ ގޮތުން އެކަކު އަނެކާއަށް އަޅާލުމާއި ލޯބިޖެހިފައިވާ ހިމޭން
މުޖުތަމަޢެއް އުފެދިގެން ދާނެތެވެ. އެފަދަ މީހުންނަށް ތަޢުރީފު ކުރައްވައި،ކީރިތި
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވަނީ: (( إن الأشعريين إذا أرملوا في الغزو، أو قلّ طعام عيالهم في المدينة - جمعوا ما كان عندهم في ثوب واحد، ثم اقتسموه بينهم في إناء واحد بالسوية، فهم مني وأنا منهم)) މާނައަކީ :" އަޝްޢަރީން، ހަނގުރާމައިގެ މައިދާނުގައި އެބައިމީހުން ކާނާއަށް
ޖެހިއްޖެނަމަ ނުވަތަ ރަށުގައި އެބައިމީހުންގެ ދަރިންނަށް ހުރި ކާނާ މަދުވެއްޖެނަމަ
އެމީހުން އަތުގައިވާ ކާބޯތަކެތި އެއްކޮށް އެންމެނަށް ހަމަހަމައަށް ބަހައެވެ.
އެމީހުންވަނީ ތިމަންކަލޭގެފާނާއި އެކުގައެވެ. އަދި ތިމަންކަލޭގެފާނުވަނީ
އެމީހުންގެ ތެރެއިންނެވެ".
03. ރިބާއާއި ރިބާއަށް
މަގުފަހިކުރުވާ ކަންކަމާ ދުރުހެލިވުން
ރިބާއަކީ
އެންމެ ބޮޑެތި ފާފަތަކުން ފާފައެކެވެ. ރިބާ ކާމީހުނަށް ޤިޔާމަތްދުވަހު ވޭންދެނިވި
ޢަޛާބު ހުރިކަން އެނގޭ ވަރަށް ގިނަ އާޔަތްތަކާއި ޙަދީޘްތައް ވެއެވެ. ރިބާ
ކާމީހުނަށް އިކީރިތި ޤުރްއާނުގައި ވަނީ ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތުން
ހަނގުރާމަ އިޢުލާނު ކުރައްވާފައެވެ. މިވަޢީދަކީ އެފަދަ އެއްވެސް ފާފައަކާއި
ގުޅުވައިގެން އައިސްފައިނުވާ ބޮޑު ވަޢީދެކެވެ. އިންސާނީ މުޖުތަމަޢުތަކުގައި ހިނގާ
މައްސަލަތައް ދިރާސާކުރާމީހުން ހެކިވާގޮތުގައި މިހުރިހައި މައްސަލަތަކެއް
ރުޖޫޢަވަނީ މިނުބައި ފާފައަށެވެ. ކަން މިހެން އޮތްއިރު މުސްލިމު އިންވެސްޓަރުން
ވާންޖެހޭނީ މިނުބައި އުރެދުމާމެދު އެންމެ ބޮޑަށް ސަމާލުވެ، އެމަގަށް ވާސިލުވެދާނެ
ހުރިހައި ކަމަކުން ދުރުހެލިވުމަށް މަސައްކަތް ކުރާ ބަޔަކަށެވެ. އެކިއެކި
ޙުއްޖަތްތައް ދައްކައިގެން ބޭރުފުށުން ރިބާނޫން ކަމަށް ހީވާ ގޮތަށް ކުރެވޭ
ޢަޤުދުތަކާއި ދުރުހެލިވުމަކީ މުސްލިމުން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
ރިބާއަކީ ޙަރާމް އެއްޗެއްކަމާއި، ރިބާ ކާމީހުނަށް ހަނގުރާމަ އިޢުލާން ކުރައްވައި،
އަތްމަތި ދަތިވެފައިވާ މީހުނަށް ލުއި ދިނުމަށް ބާރު އަޅުއްވައި ﷲ ވަޙީކުރައްވާފައި
ވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ ﴿٢٧٨﴾ فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّـهِ وَرَسُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ ﴿٢٧٩﴾ وَإِن كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَىٰ مَيْسَرَةٍ ۚ وَأَن تَصَدَّقُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴿٢٨٠﴾ وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّـهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ ﴿٢٨١﴾"(البقرة:278-281) މާނައަކީ:"އޭ އީމާންވެއްޖެ
މީސްތަކުންނޭވެ! ﷲ އަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން
މުއުމިނުންކަމުގައިވާނަމަ، ރިބާގެތެރެއިން ބާކީ ލިބޭންހުރި އެއްޗެއް ދޫކޮށްލާށެވެ!
ފަހެ ތިޔަބައިމީހުން އެގޮތަށް ޢަމަލުނުކޮށްފިނަމަ،ﷲ ގެ ޙަޟްރަތުންނާއި އެކަލާނގެ
ރަސޫލާގެ ފަރާތްޕުޅުން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން ޔަޤީންކޮށް
ދެނެގަންނާށެވެ! ރިބާއިން އެނބުރި ރުޖޫޢަވެއްޖެނަމަ ފަހެ ތިޔަބައިމީހުންގެ
ރައުސްމާލުތައް ތިޔަބައިމީހުންނަށް ހުއްޓެވެ.ތިޔަބައިމީހުން އަނިޔާވެރި
ނުވާގޮތުގައެވެ. އަދި ތިޔަބައިމީހުނަށް އަނިޔާ ނުލިބޭގޮތުގައެވެ".
ރިބާކެއުމަކީ
ހަލާކަށް ހުށަހަޅާ އެންމެބޮޑު ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން
ބަޔާންކުރައްވައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި
ވެއެވެ. :( اجتنبوا السبع الموبقات)) قالوا: يا رسول الله وما هن؟ قال: (( الشرك بالله، والسحر، وقتل النفس التي حرم الله إلا بالحق، وأكل الربا، وأكل مال اليتيم، والتولي يوم الزحف، وقذف المحصنات الغافلات المؤمنات)) މާނައަކީ:" ހަލާކަށް
ހުށަހަޅާ އެންމެ ބޮޑެތި ހަތް ފާފައާއި ތިޔަބައިމީހުން ދުރުހެލިވާށެވެ!"
އަޞްޙާބުން ދެންނެވިއެވެ. އެއީ ކޮންކަންތައްތަކެއް ތޯއެވެ. ޙަދީޘް
ކުރެއްވިއެވެ." ﷲ އަށް ޝިރްކު ކުރުމާއި، ސިޙްރު ހެދުމާއި، ﷲ
ޙަރާމްކުރައްވާފައިވާ ނަފްސެއް ޙައްޤަކާއިނުލައި މެރުމާއި، ރިބާކެއުމާއި،
ޔަތީމުންގެ މުދާކެއުމާއި، ހަނގުރާމައިގެ
މައިދާނަށް ފުރަގަސްދީ ފިލުމާއި، ޢިއްފަތްތެރި މުއުމިނު އަނހެނުންނަށް ޤަޛްފު
ކުރުމެވެ".
ﷲ
ރުއްސުންލެއްވި ޖާބިރު ބިން ޢަބްދުﷲ ރިވާކުރައްވާފައިވާ ޙަދީޘުން އެނގޭގޮތުގައި
ރިބާގެ މުޢާމަލާތުގައި އެއްވެސް ގޮތަކުން ބައިވެރިވާ ކޮންމެ މީހަކީވެސް ލަޢުނަތް
ލިބިގެން ލިބިގެންވާ މީހެއްކަން އެނގެއެވެ. ޙަދީޘްގައިވަނީ:" لعن رسول الله صلى الله عليه وسلم آكل الربا، وموكله وكاتبه وشاهديه وقال: ((هم سواء)) މާނައަކީ: ރިބާ ކާމީހާއާއި، ކާންދޭމީހާއާއި،
އެ(ޢަޤުދު)ލިޔާމީހާއާއި، އެކަމަށް ހެކިވާދެމީހުންނަށް ރަސޫލު صلى الله عليه وسلم ލަޢުނަތް ލެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ." އެ
އެންމެން ހަމަހަމަ އެވެ".
ރިބާ
ކާމީހުނަށް އާޚިރަތުގައި ހުރި ޢަޛާބާ ބެހޭގޮތުން سمرة بن جندب رضي الله عنه ގެ ކިބައިން ރިވާވެގެންވާ
އަންނަނިވި ޙަދީޘް ފުދެއެވެ. قال النبي صلى الله عليه وسلم: (( رأيت الليلة رجلين أتياني فأخرجاني إلى أرض مقدسة، فانطلقا حتى أتينا على نهر من دم، فيه رجل قائم، وعلي وسط النهر رجل بين يديه حجارة، فأقبل الرجل الذي في النهر، فإذا أراد الرجل أن يخرج رمى الرجل بحجر في فيه فرده حيث كان، فجعل كلما جاء ليخرج رمي في فيه بحجر فيرجع كما كان، فقلت: ما هذا؟ فقال الذي رأيته في النهر آكل الربا)) މާނައަކީ:" ރޭގައި
ތިމަން ރަސޫލާއަށް ފެނިވަޑައިގަތީ ދެމީހަކު ތިމަން ރަސޫލާއަރިހަށް
ވަޑައިގަތްތަކެނެވެ. އެދެބޭކަލުން ތިމަންކަލޭފާނާއެކު މުޤައްދަސް ބިމަކަށް
ނިކުވެމަޑައިގަތެވެ. އަދި ދަތުރު ކުރަމުން ދަނިކޮން ލޭގެ ކޯރެއް ފެނުނެވެ. އެކޯރު
ތެރޭގައި މީހަކު ހުއްޓެވެ. އެކޯރުގެ މެދާދިމާގައި މީހަކު ހުއްޓެވެ. އޭނާގެ
ކުރިމަތީ ހަލި ތަކެއް ހުއްޓެވެ. އެމީހާ ކޯރުގައިވާ މީހާއަށް ކުރިމަތި ލިއެވެ.
ކޯރުގައިވާ މީހާ ކޯރުން އެރުމަށް މަސައްކަތް ކުރާކޮންމެ ފަހަރަކު އެމީހާގެ
އެތަނުން ހިލައެއް ކޯރުގައިވާ މީހާގެ އަނގައަށް އެއްލައި ކުރިން ހުރިތަނަށް އެމީހާ
އަނބުރާ ރުޖޫޢަކުރެތެވެ. އެގޮތުގައި އެދެމީހުން ތިއްބެވެ. މިއީ ކޮންކަމެއްތޯ
ތިމަން ރަސޫލާ ސުވާލުކުރުމުން، ކޯރުގެ ތެރޭގައިވަނިކޮށް ދެކެވަޑައިގަތް މީހާއަކީ
ރިބާ ކާމީހެއްކަމުގައި ވިދާޅުވިއެވެ".
04. ބާޠިލުގޮތުގައި މީހުންގެ
މުދާކެއުމުން ދުރުހެލިވުން
މުސްލިމުންގެ
މުދަލަކީ އެމީހުންގެ ފުރާނަ ފަދައިން ޙުރުމަތްތެރިވެގެން ވާ އެއްޗެކެވެ. އެއްވެސް
މީހެއްގެ މުދާ އެމީހެއްގެ ހިތުންރުހުމާއި ނުލައި އަނެކާއަށް ޙަލާލު ނުވާނެތެވެ.
މީހުންގެ މުދާ ބާޠިލު ގޮތުގައި ކެވޭ ގޮތްތަކުގެ ތެރޭގައި ރިޝްވަތު ދިނުމާއި،
މަކަރު ހަދައި އޮޅުވާލުމާއި، ޖުވާކުޅުމާއި،
ދެފަރާތުގެ ޒިންމާ އޮޅުން ނުފިލާގޮތަށް ވިޔަފާރިކުރުމާއި، އިޙްތިކާރު ކުރުމާއި،
ކުޅަދާނަކަން ލިބިހުރެ ދަރަނި އަދާކުރުން ފަސްކުރުން ހިމެނެއެވެ. މިހުރިހައި
ކަމަކީވެސް ޞައްޙަ ދަލީލުތަކުން ސާބިތުވާގޮތުން ނަހީކުރައްވާފައިވާ ކަންކަމެވެ.
މާތް
ﷲ ވަޙީކުރައްވާފައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ"(النساء:29) މާނައަކީ:"އޭ
އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ
މައްޗަށް އޮންނަ ވިޔަފާރިއަކަށްވުން ފިޔަވައި، އެހެން ބާޠިލުގޮތްގޮތުން،
ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުން ކައިނޫޅޭށެވެ!". ކީރިތި ﷲ މިވަނީ
އެއްބަޔަކު އަނެއްބައެއްގެ މުދާ ބާޠިލުގޮތުގައި ކެއުމާއި، ބާޠިލުގޮތުގައި މުދާ
ހޯދުން ޙަރާމްކުރައްވާފައެވެ. އޭގެ ތެރޭގައި ރިބާއާއި ޖުވާއާއި ރިޝްވަތާއި،
އެނިބާވަތްތަކުގެ ޙީލަތްހަދައި އޮޅުވާލުންފަދަ މީސްތަކުންގެ މެދުގައި
ޢަދާވާތްތެރިކަން ފެތުރުމަށް މަގުފައިވާ ހުރިހާ ގޮތެއް ހިމެނެއެވެ.
އެހެން
އާޔަތެއްގައި ﷲ ވަޙީކުރައްވާފައި ވެއެވެ. "وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِيقًا مِّنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنتُمْ تَعْلَمُونَ "(البقرة:188) މާނައަކީ:" އަދި ތިޔަބައިމީހުންގެ
މދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލުގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން
ދެނެތިބެގެންމެ، ފާފަވެރިގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިންބައެއް
ކެއުމަށްޓަކައި އެމުދާތައް ޙާކިމުންނަށް ނުދޭށެވެ!". މިއާޔަތުގައި ރިޝްވަތަކީ
ޙަރާމް އެއްޗެއްކަން އެވަނީ އަންގަވާފައެވެ. އަދި އަނެކާގެ ޙައްޤެއްކަން އެނގިހުރެ
އޭނާގެ ޚަޞްމަކަށް ވުންވެސް އެވަނީ ނަހީކުރައްވާފައެވެ. ވިޔަފާރީގައި މަކަރު ހަދައި
އޮޅުވާލުމަކީ ޙަރާމް ކަމެއްކަން އަބޫހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެންވާ އަންނަނިވި ޙަދީޘުން
އެނގެއެވެ. أن رسول الله صلى الله عليه وسلم مر على صبرة طعام فأدخل يده فيها فنالت أصابعه بللا، فقال: (( ما هذا يا صاحب الطعام؟!)) قال: أصابته السماء يا رسول الله، قال: (( أفلا جعلته فوق الطعام كي يراه الناس، من غش فليس مني)) މާނައަކީ:" (ވިއްކަން
ބަހައްޓާފައިވާ) ކާ އެއްޗެހިތަކެއް (ގޮވާމުގެ ބާވަތެއްކަމުގައި ބައެއް ރިވާޔަތް
ތަކުގައިވޭ) ކައިރިން ރަސޫލާ صلى الله عليه وسلم ހިންގަވާފައި ވަޑައިގަންނަވަމުން، އެތަކެތީގެ ތެރެއަށް އަތްޕުޅު ކޮށްޕަވާލެއްވިއެވެ. އޭގެ
ތެރެއިން ތެތްކަން އިޙްސާސު ވުމުން މީ ކޮންކަމެއްތޯ އެތަކެތީގެ ވެރިމިހާކުރެން
އެއްސެވިއެވެ. އެއަށް ވާރޭ ވެހުނީ ކަމަށް އެމީހާ ދެންނެވުމުން ޙަދީޘް
ކުރެއްވިއެވެ." މީސްތަކުންނަށް ފެންނަގޮތަށް އެތަކެތި ނުބަހައްޓާނު ހެއްޔެވެ؟
މަކަރުހަދާމީހާއަކީ ތިމަން ރަސޫލާއާއިއެކުގައި ވާ މީހެއްނޫނެވެ".
ދެފަރާތުގެ
ޙައްޤުތަކާއި ޒިންމާތައް ސާފުނުވާ ގޮތަށް ގަނެވިއްކުން ހަރާމް ކުރައްވާފައިވާކަން
އަބޫހުރައިރާ ގެ ކިބައިން ރިވާވެގެންވާ އަންނަނިވި ޙަދީޘުން ހާމަވެއެވެ. :(( نهى رسول الله صلى الله عليه وسلم عن بيع الحصاة وعن بيع الغرر)) މާނައަކީ: " ގާކޮޅު އުކައިގެން
ގަނެވިއްކުމާއި، ޣަރަރު ގެ ވިޔަފާރި ކުރުން
ރަސޫލާ صلى الله عليه وسلم ވަނީ ނަހީކުރައްވާފައެވެ". ގާކޮޅު އެއްލައިގެން މުދާ
ގަތުމޭ ބުނެވެނީ އެތައް ބައިވަރު މުދަލެއްގެ ތެރެއަށް ކުޑަ ގާކޮޅެއް ނުވަތަ
އެނޫންވެސް އެއްޗެއް އެއްލައި އޭތި ގޮސް ޖެހޭ މުދަލެއް ކުރިން ކަނޑައެޅިފައިވާ
އަގަކަށް ވިއްކާ ވިއްކުމެވެ. މިއީ ޣަރަރުގެ ބާވަތެކެވެ. ޣަރަރު އޭ ބުނެވެނި
ގަނެވިއްކުމުގެ މުޢާމަލާތު ކުރެވޭއިރު، ގަންނަ ފަރާތާއި ވިއްކާ ފަރާތުގެ
ޙައްޤުތަކާއި ދެފަރާތުގެ ޒިންމާތައް ސާފުނުވެ މުޢާމަލާތް ކުރުމެވެ. ޣަރަރު ހިމެނޭ
މުޢމަލާތް ނަހީކުރެވިފައިވުމަކީ ގަނެވިއްކުމުގައި ކަނޑައެޅިފައިވާ މައިގަނޑު
އުސޫލުތަކުން އުސޫލެކެވެ. ވުޖޫދުގައި ނުވާ މުދަލާއި، ގޮތް ނޭނގޭ މުދަލާއި،
އަނެކާއަށް ލިއްބައިދިނުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މުދާފަދަ މުދާ ވިއްކުން
ބެލެވޭނީ ޣަރަރުގެ މުޢާމަލާތް ކަމުގައެވެ.
ބާޠިލު
ގޮތުގައި މުދާކެއުން ކަމުގައި ބެލެވޭ ގޮތްތަކުގެ ތެރޭގައި ނަޖަޝް ގެ ވިޔަފާރި
ހިމެނެއެވެ. ނަޖަޝް އަކީ މުދާ ގަތުމުގެ ނިޔަތްނެތި، އެމުދަލެއްގެ ހަޤީޤީ
އަގަށްވުރެ ބޮޑުކޮށް މީހުނަށް އޮޅުވާލައި އަގުބޮޑުކޮށްގެން ވިއްކުމެވެ. ابن عمر رضي الله عنهما ގެ ކިބައިން ރިވާވެގެން ވެއެވެ. (نهى النبي صلى الله عليه وسلم عن النجش) މާނައަކީ: " ނަޖަޝްގެ
ވިޔަފާރި ނަބިއްޔު صلى الله عليه وسلم ވަނީ ނަހީކުރައްވާފައެވެ". އަނެކާގެ
ވިޔަފާރި މުޢާމަލާތް ފުރިހަމަ ނުވަނީސް އެކަމުގެ ތެރެއަށް ވަދެ މުޢާމަލާތް
ކުރުމަކީވެސް ބާޠިލު ގޮތުގައި މުދާކެއުމެކެވެ. ابن عمر رضي الله عنهما ގެ ކިބައިން ރިވާވެގެންވާ އަންނަނި ޙަދީޘުން
އެކަން އެނގެއެވެ. أن رسول الله صلى الله عليه وسلم قال:( لا يبع بعضكم على بيع بعض)) وفي رواية (( لا يبع الرجل على بيع أخيه، ولا يخطب على خطبة أخيه، إلا أن يأذن له) މާނައަކީ: "ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ."އެކެއްގެ ގަނެވިއްކުމުގެ
މައްޗަށް އަނެކާ ގަނެވިއްކާ ނުހަދާށެވެ" އެހެން ރިވާޔަތެއްގައިވަނީ:"
އެއްވެސް މީހަކު އޭނާގެ އަޚާގެ ވިޔަފާރީގެ މައްޗަށް ވިޔަފާރި ނުކުރާށެވެ. އަދި
އަޚާގެ ޚިޠުބާގެ މައްޗަށް ޚިޠުބާ ނުކުރާށެވެ. އޭނާ އެކަމުގެ އިޒުނަ ދީގެން
މެނުވީއެވެ". އިޙްތިކާރު ކުރުމަކީވެސް މިފަދަ ކަމެކެވެ. އެކަމަކީވެސް ޙަރާމް
ކުރައްވާފައިވާ ކަމެކެވެ. ކީރިތި ރަސޫލުصلى الله عليه وسلم ޙަދީޘް
ކުރައްވާފައިވަނީ:(لا يحتكر إلا خاطئ) މާނައަކީ:"
ފާފަވެރިޔަކު މެނުވީ އިޙްތިކާރު ނުކުރާނެތެވެ". އިޙްތިކާރު ކުރުމަކީ
މީސްތަކުން ބޭނުންޖެހިފައިވާ މުދާ ގަނެ، އޭގެ އަގުބޮޑުވަންދެން ނުވިއްކާ
ބެހެއްޓުމެވެ. ފަހުން ބޮޑު އަގުގައި ވިއްކުމުގެ ބޭނުމުގައެވެ. މިކަމަކީ
މީސްތަކުންނަށް ވަރަށް ބޮޑު ދަތިތަކާއި ކުރިމަތި ކުރުވާ ކަމަކަށް ވާތީ
އިޙްތިކާރުކޮށްގެން މުދާ ކެއުމަކީ ބާޠިލުގޮތުގައި މުދާކެއުމެކެވެ.
މިސްތަކުންގެ
މުދާ ބާޠިލުގޮތުގައި ކެއުމުގެ ނުބައިކަމާއި، އެކަމުގެ ސަބަބުން ޤިޔާމަތްދުވަހު
ލިބޭނެ ޢަޛާބު ބަޔާން ކުރައްވަމުން ކީރިތި ރަސޫލު صلى الله عليه وسلم ޙަދީޘްކުރައްވާފައިވަނީ:(( من اقتطع حق امرئ مسلم بيمينه فقد أوجب الله له النار وحرم عليه الجنة، فقال لـه رجـل: وإن كـان شيئـا يسيـرا يا رسول الله؟ قال: وإن قضيبا من أراك)) މާނައަކީ: " ދޮގު
ހުވައިކޮށްގެން މުސްލިމެއްގެ ޙައްޤެއް ލިބިގެންފި މީހަކަށް ﷲ ވަނީ ނަރަކަ ވާޖިބު
ކުރައްވައި ސުވަރުގެ ޙަރާމް ކުރައްވާފައެވެ." އެހިނދު މީހަކު ދެންނެވިއެވެ.
ކިތަންމެ ކުޑަ މިންވަރަކަށް ވިއަސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ." އަރާކު
ދަނޑިކޮޅެއްގެ މިންވަރު ކަމުގައި ވިއަސްއެވެ". އިބްނު މަސްޢޫދު ގެ ކިބައިން
ރިވާވެހެންވާ މިފަދަ އެހެން ޙަދީޘެއްގައި ވަނީ: (( من حلف على مال امرئ مسلم بغير حق لقي الله وهو عليه غضبان)) މާނައަކީ:" ޙައްޤަކާނުލައި، މުސްލިމެއްގެ މުދަލެއް
ލިބިގަތުމަށް ގޮދު ހުވައެއް ކޮށްފި މީހާ ޤިޔާމަތް ދުވަހު ﷲ އާއި ބައްދަލުވާނީ
އެކަލާނގެ އެމީހާގެ މައްޗަށް ކޯފާވެ ވޮޑިގެންވާ ޙާލުއެވެ".
05. އަނެކާއަށް ގެއްލުން
ނުދިނުން
މުސްލިމު
ވިޔަފާރިވެރިންނަކީ ވަރަށް ޝަރަފުވެރިކަމާއެކު ވާދަކުރުން އޮންނަ ބައެކެވެ. "لا ضرر ولا ضرار"މިޤާޢިދާއާއި އެއްގޮތަށް އެއްވެސް މީހަކަށް ގެއްލުން
ދިނުމެއް، ގެއްލުން ދޭން މީހުނަށް ފުރުސަތު ދިނުމެއް އަދި އަމިއްލަ ނަފްސަށް
ގެއްލުން ލިބިގަތުމެއް އޮވެގެން ނުވާނެއެވެ. ނާޖާއިޒު ގޮތުގައި މީސްތަކުން
ޙާލަތުގެ ބޭނުންކޮށް މީހުންނަށް ގެއްލުން ލިބޭނެހެން މުދަލުގެ އަގުތައް
ބަދަލުކުރުމަކީ އެއްވެސް ގޮތަކުން ހުއްދަކަމަކަށް ނުވާނެއެވެ.
ތިމާފަދަ
އަނެއް ވިޔަފާރިވެރިއަކު ކުރަމުންދާ މުޢާމަލާތެއްގެ ތެރެއަށް ވަނުމާއި، ތިމާގެ
މުދަލަށް ޙައްޤުނޫން ތަޢުރީފު ކުރުމާއި، އަނެކާގެ މުދަލަށް ޙައްޤުނޫން
ފާޑުކިޔުންފަދަ ކަންކަމަކީ ދުރުހެލިވަން ޖެހޭނެ ކަންކަމެވެ. މުއުމިނުންނަކީ ކޮންމެ
ކަމެއްގައިވެސް ޢަދުލުވެރިވުން ކަމުގައި ވާންޖެހޭނެއެވެ. ބުނެވިދިޔަ ފަދައިން
އަނެކާގެ މުޢާމަލާތުގެ ތެރެއަށް އޭނާގެ ރުހުމާއި ނުލައި ވަނުމާއި، އިޙްތިކާރު
ކުރުންފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމަކީ ލާޒިމުކަމެކެވެ. ނަބަވީ
އިރްޝާދުގައި ވާފަދައިންނެވެ. (( لا ضرر ولا ضرار))
06. އިސްލާމްދީނަށް ނަޞްރު
ދިނުން
މުސްލިމު
ވިޔަފާރިވެރިންނަކީ ކޮންމެ ތާކު ކޮންމެ ބަޔަކާއެކު ވިޔަފާރި ކުރާ ބަޔަކު ކަމުގައި
ވީނަމަވެސް އިސްލާމީ އުއްމަތަށް ނިސްބަތްވާ މިއުއްމަތުގެ ބައެވެ. އެމީހުންގެ
ހިތުގައި އޮންނަންވާނީ މިއުއްމަތަށް އޮންނަ ލޯތްބެވެ. ނަޞްރުދޭންވާނީ މި
އުއްމަތަށެވެ. މުސްލިމުންގެ ޢަދުއްވުންނާއި ބައިވެރިވެ، އުއްމަތަށް ގެއްލުންހުރި
މުޢާމަލާތްތަކުގައި ބައިވެރިވުމަކީ ވިޔަފރިވެރިޔަކަށް ވިއަސް ހުއްދަވެގެން ވާނެ
ކަމެއްނޫނެވެ. މިކަމުގައި މުސްލިމުން ރުޖޫޢަވާންޖެހޭނީ ފައިސާއާއި މުދަލަށްވުރެ
އަގުހުރި އަދި ފަރުބަދަތަކަށްވުރެ ވަރުގަދަ ޢަޤީދާއަށެވެ. އަލްވަލާއު ވަލްބަރާއު
އަކީ އިސްލާމީ ޢަޤީދާގެ އެއްބައެވެ.
އިސްލާމްދީނާދެކޮޅަށް
ހަނގުރާމަ އިޢުލާނުކޮށް، މުސްލިމު
ދަރިން މަރަމުންދާ ބަޔަކާއި ވިޔަފާރިގެ މުޢާމަލާތްތަކުގެ ތެރެއިން ގުޅުން ޤާއިމު
ކުރުމަކީ ހުއްދަވާނެ ކަމެއްނޫނެވެ. ހަމަ އެގޮތަށް ހަލާކުވެފައިވާ ކާނާއާއި،
މުއްދަތު ހަމަވެފައިވާ ބާވަތްތައް އޮޅުވާލައިގެން މުސްލިމުންނަށް ވިއްކުމަށް
ދީނުގެ ޢަދުއްވުންނާއި ނުވަތަ އެނޫން ބަޔަކާވެސް ބައިވެރިވެގެން ނުވާނެއެވެ. ހަމަ
އެގޮތަށް ހަތިޔާރު ވިއްކުންފަދަ، މުސްލިމުންނާއި ދެކޮޅަށް ދީނުގެ ޢަދުއްވުން
ވަރުގަދަވުމަށް ބާރުލިބޭ ޒާތުގެ އެއްވެސް މުޢާމަލާތެއް ކުރުމަކީވެސް ހުއްދަވާނެ
ކަމެއްނޫނެވެ. މިކަންކަން ހިމެނޭނީ ޙަރާމަކަން ޤަޠުޢީ ދަލީލުތަކުން ސާބިތުވާ،
މުއުމިނުންނާއި ދެކޮޅަށް މުޝްރިކުންނާއި ބައިވެރި ވުމެއްކަމުގައެވެ. މާތް ﷲ ގެ
ވަޙީ ބަސްފުޅުގައިވަނީ: " لَّا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ ۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ اللَّـهِ فِي شَيْءٍ إِلَّا أَن تَتَّقُوا مِنْهُمْ تُقَاةً ۗ."(آل عمران:28)މާނައަކީ:"މުއުމިނުން،
މުއުމިނުންފިޔަވައި ކާފިރުން އެއީ އެހީތެރިންކަމުގައި ނުހަދާށެވެ! އެކަން
އެގޮތަށްކުރާމީހާ ދަންނާށެވެ! ފަހެ ﷲ ގެ ވާގިވެރިކަމުގެ ތެރެއިން އެއްވެސް
ކަމެއްގައި އެމީހަކު ނުވެއެވެ.އެއީ އެއުރެންގެ ކިބައިން އަންނަ ނުރައްކަލަކުން
ތިޔަބައިމީހުން ސަލާމަތްވުން މަޖްބޫރުވެއްޖެ ޙާލެއްގައި މެނުވީއެވެ". މިފަދަ
އެހެން ބަސްފުޅެއްގައިވަނީ: "يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ تُلْقُونَ إِلَيْهِم بِالْمَوَدَّةِ وَقَدْ كَفَرُوا بِمَا جَاءَكُم مِّنَ الْحَقِّ" (الممتحنة:1)މާނައަކީ:"އޭ
އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަން ރަސްކަލާނގެ ޢަދުއްވުންނާއި ތިޔަބައިމީހުންގެ
ޢަދުއްވުންނަކީ އެހީތެރިންކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! ތިޔަބައިމީހުން
އެއުރެނަށް ލޯތްބާއި އެކުވެރިކަން ހުށަހަޅަމުއެވެ.އަދި ތިޔަބައިމީހުންގެ ގާތަށް
އައި ޙައްޤުދީނަށް އެއުރެންވަނީ ކާފިރުވެފައެވެ".
07. މުޢާމަލާތްތަކުގެ ޝަރުޢީ
ޙުކުމްތައް އުނގެނުން
އިސްލާމްދީނަކީ
އުނގެނި ދަސްކުރުމަކީ ފަރްޟެއްކަމުގައި ކަނޑައަޅުއްވާފައިވާ ދީނެވެ. އުނގެނި
ދަސްކުރަންޖެހެނީ ހަމައެކަނި ޢިބާދާތުގެ ތެރޭގައި ހިމެނޭ ކަންކަމާއި ޙުކުމްތަކެއް
ނޫނެވެ. މުސްލިމުންގެ ދިގުތާރީޚަށް ބަލާއިރު، ކޮންމެ ބާވަތެއްގެ މަސައްކަތެއް
ކުރާމީހަކުނަމަވެސް އެމީހަކު ކުރާ މަސައްކަތަކާގުޅޭގޮތުން ހުރި ޝަރްޢީ ޙުކުމްތައް
ދެނެގަތުމަކީ ކުރަމުން އަންނަ ކަމެކެވެ. އިންސާނާގެ މުޅިޙަޔާތާއި ޝަރްޢީ
ޙުކުމްތަކާއި ވަނީ ގުޅިލާމެހިފައިވާކަމީ އިސްލާމީ ޢަޤީދާގެ ވަރަށް ސާފު
މަބްދައެކެވެ. އިންސާނާ ކުރާ ހަމަކޮންމެ ޢަމަލަކީވެސް އެކަމުގައި ޝަރްޢީ
ފަސްޙުކުމުން ޙުކުމެއް އޮންނާނެ ޢަމަލެކެވެ.
މިކަން
ރަނގަޅަށް އެނގިވަޑައިގަންނަވާތީއާއި، މުޢާމަލާތުގެ ޙުކުމްތައް ނޭނގި ވިޔަފާރީގެ
ތެރެއަށް ވަނުމުގެ ނުރައްކާތެރިކަން ބޮޑުކަމަށްޓަކައި، عمر بن الخطاب رضي الله ވަނީ ގަނެވިއްކުމުގެ ޙުކުމްތައް ނުދަންނަ
މީހުން ބާޒާރުތަކުން ނެރުއްވާފައެވެ. އަހަރެމެންގެ ޙަޔާތުން ދީނުގެ ދައުރު
ކުޑަވެފައިވުމާއި، މާއްދިއްޔަތަށް ޣަރަޤުވެފައިވުމުން، ޢުމަރުގެ ފާނުގެ މިފަދަ ޢަމަލުތަކަކީ ބަލައިގަންނަން
އުނދަގޫ ޢަމަލުތަކަކަށް މިޒަމާނުގައި ވެދާނެތެވެ. ނަމަވެސް މިކަމަށް ފުންކޮށް
ވިސްނާލުމުން އެނގޭ އެއްޗަކީ އެފަދަ ގޮތަކަށް ޢަމަލުކުރެއްވުމުގެ ފައިދާ އެންމެ
ފުރަތަމަ ކުރާނެ މީހަކީ އެގޮތަށް ބާޒާރުން ބޭރުކުރެވޭ މީހާކަމެވެ. އެއީ
ގަނެވިއްކުމާއި އެނޫންވެސް މުޢާމަލާތްތަކަކީ އެކަންކަމުގައި ޙުކުމްތަކެއް
ކަނޑައެޅި ޘަވާބާއި ޢަޛާބު ލިބޭ ކަންކަމަށްވާއިރު، އެޙުކުމްތައް ނޭނގިތިބެ
މުޢާމަލާތް ކުރުމަކީ ތިމާގެ އާޚިރަތް އަބާއްޖަވެރި ކުރުވަފާނެ ކަމެކެވެ.
08. ވިޔަފާރީގައި ފައިދާ ހޯދުން ޙަރާމް ގޮތްތަކުގެ
ތެރެއިން
01. ޙަރާމް ކަންކަމުގައި ވިޔަފާރި ކުރުން:
ދީނުގައި ޙަރާމްކުރައްވާފައިވާ ތަކެއްޗާއި
ކަންކަމުގައި ވިޔަފާރިކޮށްގެން ލިބޭ ފައިދާއަކީ މުޑުދާރު ޙަރާމް ފައިދާއެކެވެ.
އޭގެތެރޭގައި ރަލާއި މަސްތުވާތަކެއްޗާއި، މުޅަތަކެއްޗާއި އޫރުމަހާއި، އެނޫންވެސް
އިންސާނާއަށް ގެއްލުންހުރި ކާނާއާއި ތަފާތު ބުއިންތައް ހިމެނެއެވެ. އަދި ހަމަ
އެގޮތަށް ފާޙިޝް ޢަމަލުތަކާއި އެނޫންވެސް ދީނުގައި ޙަރާމްކުރައްވާފައިވާ
ކަންތައްތަކުން ޙާޞިލުކުރާ ފައިދާއަކީ ޙަރާމް ފައިދާއެވެ.
02. މަކަރާއި ޙީލަތް ހަދައިގެން ފައިދާ ހޯދުން:
ވިޔަފާރީގައި މަކަރު ހެދުމުގެ ތެރޭގައި
މުދަލުގެ ޢައިބުތައް ފޮރުވުމާއި، މުދާ ގަންނަ މީހާއަށް މުދަލުގެ ޙަޤީޤަތް
އޮޅޭނެހެން ތަފާތު ސިފައެއްގައި މުދާ ދެއްކުން ހިމެނެއެވެ. ސަލަފުއް ޞާލިހުންގެ
ދެކިލެއްވިގޮތުގައި މުދަލުގެ ޙަޤީޤަތް ހާމަކުރުމަކީ ދީނުގައި އަންގަވާފައިވާ
ނަޞޭޙަތްދިނުމުގެ ތެރެއިން ކަމެކެވެ. އެކަމަކީ ޞަހާބީން ކީރިތި ރަސޫލާއަށް
ބައިޢަތު ހިއްޕެވި ކަންތައްތަކުން ކަމެކެވެ. އެކަލޭގެ ފާނު ޙަދީޘް ކުރެއްވިއެވެ. (( الدين النصيحة، )) قلنا: لمن يا رسول الله؟ قال: (( لله ولكتابه ولرسولهولأئمة المسلمين وعامتهم)) މާނައަކީ: ދީނަކީ ނަޞޭޙަތެވެ. ތިމަންމެން ދެންނެވީމެވެ. އޭ
ﷲ ގެ ރަސޫލާއެވެ! ކާކަށްޓަކައި ތޯއެވެ. ޙަދީޘްކުރެއްވިއެވެ." ﷲ އާއި
އެކަލާނގެ ފޮތާއި، އެކަލާނގެ ރަސޫލާއާއި، މުސްލިމުންގެ ވެރިންނާއި،
ޢާއްމުންނަށެވެ"
03. އަނެކާއަށް ބޮޑު ގެއްލުމެއް ވާގޮތަށް ފައިދާ
ހޯދުން:
ގަނެވިއްކާ މުދަލެއް ފައިދާއަށް ވިއްކާނަމަ
އޭގެ ހަމަ އަގުގައި ވިއްކުމަކީ މުސްތަޙީލުކަމެވެ. އެހެންކަމުން ފައިދާ ލާފައި
ވިއްކާނަމަ، އަބަދުވެސް ގަންނަ ފަރާތުން ގެއްލުމެއް ޙިއްސާކުރަންޖެހޭނެއެވެ. އެއީ
އޭނާ ދައްކާން ޖެހޭ ފައިދާގެ މިންވަރަކީ މުދަލުގެ ހަމައަގަށްވުރެ އިތުރު
މިންވަރަކަށް ވާތީއެވެ. މިގޮތަށް ފައިދާލައިގެން ވިއްކުމުގައި ހުއްދަ ނުވާނެ
ގޮތަކީ މުދާ ގަންނަ މީހާއަށް ބާޒާރުގައި އޭގެ އަގު ނޭނގި ނުވަތަ އެނގިފައިވަނީ
ޙަޤީޤީ އަގުކަމުގައި ނުވެފައި، ވިއްކާ މީހާ ވިއްކަނީ އޭގެ ހަމަ އަގުގެ ތެރެއަށް
އާދަޔާ ޚިލާފު ފައިދާއެއް ލާފައި ކަމަށް ވާނަމައެވެ. މިފަދަ ޙާލަތުގައި އެކަން
އެނގުމުން އެ މުޢާމަލާތުން ރުޖޫޢަވުމުގެ ޙައްޤު ގަންނަ މީހާއަށް ލިބިގެން ވެއެވެ.
އޭނާއަށް އެކަން ނޭނގުނު ނަމަވެސް، އަދި އެ މުޢާމަލާތުގައި ގަނެވިއްކުމުގެ
ޝަރުޠުތައް ފުރިހަމަވެފައި ވީނަމަވެސް ވިއްކާ މީހާ އެ ލިބިގަންނަ ފައިދާއަކީ
އޭނާއަށް ހުއްދަ ފައިދާއަކަށް ނުވާނެއެވެ.
04. އިޙްތިކާރު ކޮށްގެން ފައިދާ ހޯދުން:
އިޙްތިކާރު
ކުރުމަކީ މީސްތަކުންނަށް ބޭނުންޖެހިފައިވާ މުދަލެއް ބާޒާރަށް ނުނެރެ،
ހިފެހެއްޓުމަށްފަހު އެމުދަލުގެ އަގު ބޮޑުވުމުން ބާޒާރަށް ނެރެ ވިއްކުމެވެ. މިފަދަ
މުޢާމަލާތުގައި ގަނެވިއްކުމުގެ ޝަރުޠުތައް ފުރިހަމަ ވީނަމަވެސް ވިއްކާމީހާއަށް
ލިބޭ ފައިދާއަކީ ޙަލާލު އެއްޗެއްކަމުގައެއް ނުވާނެއެވެ. ވަކީން ޚާއްޞަކޮށް
ކޮއްތުގެ ގޮތުގައި މީސްތަކުން ކެއުމަށް ބޭނުންކުރާ ބާވަތްތައް އިޙްތިކާރު ކުރުމުގެ
ފާފަ ވަކިން ބޮޑެވެ. ޙަދީޘްގައިވަނީ: (( لا يحتكر إلا خاطئ ) މާނައަކީ:
"ފާފަވެރިޔަކު ނޫނީ އިޙްތިކާރު ނުކުރާނެތެވެ".
09. ވިއްކާ މުދަލުން ފައިދާ
ކަނޑައެޅުމުގައި ހުއްދަވާ މިންވަރު
މުދާވިއްކުމުގައި
އެމުދަލުގެ ފައިދާ ކަނޑައަޅާނެ ވަކިމިންވަރެއް އޮންނަންޖެހޭނެކަމަށާއި، އެ
މިންވަރަށްވުރެ އިތުރަށް ފައިދާލުން ހުއްދަ ނުވާނެކަމަށް ދޭހަވާ ޝަރްޢީ އެއްވެސް
ނައްޞެއް ނެތެވެ. އެގޮތަށް އެކަން ކަނޑައެޅުއްވުމުގައި އެތައް ޙިކުމަތްތަކެއް
ވެއެވެ. އޭގެ ތެރޭގައި:-
- މުދާ ދައުރުވުމުގެ
އަވަސްމިނާއި ލަސްމިނަށް ބަލާއިރު އެކިބާވަތުގެ މުދަލުގެ މެދުގައި ތަފާތުހުރުން:
އަވަސް އަވަހަށް ދައުރުވާ މުދަލުގެ އަގުހެޔޮވުމާއި ދައުރުވުން ލަސް މުދަލުގެ އަގު
ބޮޑު ވުމަކީ ޢާއްމުކަމެކެވެ.
- ވަގުތުން ފައިސާ
ދައްކައިގެން މުދާ ވިއްކުމާއި، އަގުދެއްކުން ފަސްކުރެވޭގޮތަށް މުދާވިއްކުމުގައި
ތަފާތު ހުރުން: އަގުދެއްކުން ފަސްކުރުމަކީ ޢާއްމުކޮށް މުދަލުގެ އަގު ބޮޑުކުރެވޭ
ކަމެކެވެ.
- ޟަރޫރީ އަދި އޭގެ ބޭނުން
ބޮޑު މުދަލާއި، އެނޫން މުދަލުގެ އަގު ތަފާތުވުން: ޟަރޫރިއްޔާތުގެ ތެރޭގައި ހިމެނޭ
މުދަލާއި އެދަރަޖާގައި ނުހިމެނުނު ކަމުގައި ވިއަސް ދިރިއުޅުމަށް ވަރަށް ބޭނުންތެރި
ބާވަތްތަކުގެ މުދާ އެނޫން ބާވަތްތަކުގެ މުދަލަށްވުރެ އަގުހެޔޮވުމަކީ
ޢާއްމުކަމެކެވެ.
މިސަބަބުތަކާއި
އެނޫންވެސް އެފަދަ ސަބަބުތަކަށްޓައި، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައިވެސް ފައިދާ ހޯދުމުގައި ފަހަނައަޅައި
ގޮސްގެން ނުވާނެ މިނެއް ކަނޑައަޅުއްވާފައި ނުވާކަން ފާހަގަ ކުރެވެއެވެ. އެއާއި
ޚިލާފަށް ސާބިތުވާންހުރީ މުދަލުގެ އަގުގެ ދެގުނަ އަދި އެއަށްވުރެވެސް ބޮޑު
އަގުގައި ވިއްކުން ހުއްދަވާކަމަށް ހުރި ޙާދިސާ ތަކެވެ. އޭގެ ތެރޭގައި:
01. عروة ގެ ކިބައިން އަލްއިމާމު އަލްބުޚާރީ
ރިވާކުރައްވާފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم އެކަލޭގެ ފާނަށް ދީނާރެއް ދެއްވުމަށްފަހު އެއަށް
ބަކަރިއެއް ބައްލަވައި ގަތުމަށް އެދިވަޑައިގަތެވެ. އެކަލޭގެ ފާނު އެ ދީނާރަށް ދެ
ބަކަރި ބައްލަވައިގެންނެވިއެވެ. އަދި ރަސުލާގެ އަރިހަށް ވަޑައިގަތީ އޭގެ ތެރެއިން
އެކަތި ދީނާރަކަށް ވިއްކަވާފައެވެ. ރަސޫލާގެ އަރިހަށް ވަޑައިގަނެ، ދީނާރާއި ބަކަރި
ދެއްވައި ކަންތައް ކުރެއްވިގޮތް ވިދާޅުވިއެވެ. އެހިނދު އެކަލޭގެފާނު ޢުރުވާ ގެ
ގަނެވިއްކުމުގައި ބަރަކާތް ލެއްވުން އެދިވަޑައިގެން ދުޢާކުރެއްވިއެވެ. އެއަށްފަހު
އެކަލޭގެ ފާނު ވެލި ފަދަ ކިތަންމެ އާދައިގެ އެއްޗެއް ބައްލަވައިގަތް ކަމުގައި
ވީނަމަވެސް ފައިދާ ވާކަމުގައި ވެއެވެ.
02. الزبير بن العوام މަދީނާގެ ވަރަށް ރަނގަޅު ސަރަހައްދަކުން ސަތޭކަ ހަތްދިހާހަށް
ބައްލަވައިގަތް ބިން އެއަގުގެ އެތަށް ގުނައެއް ބޮޑުކޮށް عبد الله بن الزبير ގެ ދަރިކަލަކު ވިއްކަވާލެއްވިކަމަށް ޞައްޙަ
ރިވާޔަތުން ސާބިތުވެއެވެ.
މިތާނގައި
ފާހަގަ ކުރަންޖެހޭ އެއް ނުކުތާއަކީ، މިބޭބޭފުޅުންގެ މި ގަނެވިއްކުމުގައި އެއްވެސް
މީހަކަށް އޮޅުވާލުމެއް، އިޙްތިކާރު ކުރުމެއް ނުވަތަ މީހަކަށް ދިމާވެފައިވަ
ޙާލަތެއްގެ ބޭނުން ނާޖާއިޒުގޮތެއްގައި ހިއްޕަވާފައެއް ނުވާކަމެވެ. އަނެއްކަމަކީ،
މިޙާދިސާތަކުގައި މިވަނީ ފައިދާ ކަނޑައެޅުމުގެ ޢާއްމު ޤާޢިދާތަކެއް
ކަނޑައަޅުއްވާފައި ނޫންކަމެވެ. މި ޙާދިސާތައް ގެނެވިފައިވަނީ އަގު އުފުލައި
ވިއްކުމަކީ ކުރެވިދާނެކަމެއްކަން ބަޔާން ކުރުމެވެ. މިއާއި ޚިލާފަށް މާތް ރަސޫލު صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީންގެ ސީރަތުތަކަށް
ނަޒަރުކުރުމުން، އެބޭކަލުންނަކީ ގަނެވިއްކުމުގައި ސަމާޙާތްތެރިކަން ބޮޑު، މާއްދީ
މަންފާތަކަށްވުރެ ބޮޑަށް އުޚުރަވީ ޙަޔާތަށް އިސްކަން ދެއްވި ބޭކަލުންކަން
ހާމަވެއެވެ. ސަލަފުންގެ ހަދުޔާއި އެންމެ ގާތް ގޮތަކީ އެއީއެވެ. ފާހަގަ ކުރަންޖެހޭ
ތިންވަނަ ކަމަކީ، މީސްތަކުންގެ މަޞްލަޙަތާއި ގުޅިފައިވާ މުހިއްމު ބާވަތްތަކުގެ
މުދާތައް ވިއްކުމުގައި ވިޔަފާރިވެރިން ވަކި އުސޫލެއް ނެތި އަގު ކަނޑައަޅާނަމަ،
އެކަން ހުއްޓުވުމުގެ ގޮތުން އެފަދަ އަގުތައް ކޮންޓުރޯލު ކުރުމަކީ ޙާކިމަށް
ލިބިގެންވާ ބާރެއް ކަމެވެ.
No comments:
Post a Comment