Thursday, June 16, 2016

ރިބާއަކީ ކޮބާ- 4


·  އޯ.އައި.ސީ ގެ ފިޤްހު އެކަޑެމީގެ ޤަރާރު:
1988 ޑިސެމްބަރ10-15 ( 1409 ޖުމާދަލްއޫލާ 1-6) ގައި،  ކުވައިތުގައި ބޭއްވުނު އޯ.އައި.ސީ ގެ ފިޤުހު އެކަޑެމީގެ ފަސްވަނަ ސެމިނާރގައި، ވިޔަފާރިވެރިންގެ ފައިދާ ކަނޑައެޅުމާއި ބެހޭގޮތުން ޢިލްމުވެރިން މަޝްވަރާކުރެއްވުމަށްފަހު ނެރުއްވާފައިވާ އެ އެކަޑަމީގެ ޤަރާރު ނަންބަރު 46 (8/5) ގައި، އަގުކަނޑައެޅުމުގައި ވިއްކާމީހާއަށް މިނިވަންކަން ލިބިގެންވާކަމާއި، ވިއްކާމުދަލުގެ ފައިދާލާނެ ވަކި މިންވަރެއް ކަނޑައެޅިފައިނުވާކަމާއި، ސަމާޙަތްތެރިކަމާއި ލުއިދިނުންފަދަ ޝަރްޢީ އަދަބުތަކަށް ރިޢާޔަތް ކުރަންޖެހޭނެ ކަމާއި، އިޙްތިކާރު ކުރުމާއި މަކަރުހަދައި އޮޅުވާލުމާއި ނާޖާއިޒް ފައިދާނެގުން ހުއްދަނުވާނެކަމާއި، ވަލީއަމުރު އަގު ކޮންޓުރޯލު ކުރަންޖެހޭނީ ބާޒާރުގެ ނިޒާމުގެއްލި ގަންނަ މީހާއަށް ލިބޭ ގެއްލުމާއި ވިއްކާމީހާއަށް ލިބޭ ފައިދާ އަޅާކިޔޭވަރަށްވުރެ ބޮޑުވެ މީސްތަކުންނަށް ގެއްލުންވާ ހިސާބަށް ދިއުމުން ކަމަށް ކަނޑައަޅުއްވާފައިވެއެވެ.
އޯ.އައި.ސީ. ގެ ޤަރާރުތަކުގައި ހިމެނޭ ބައެއް މުހިންމު ނުކުތާތައް

ފައިސާގެ އަގަށް އަންނަ ބަދަލުތަކާ ބެހޭ ޤަރާރު: ޤަރާރު ނަމްބަރު 4 (5/4)
އަދާކުރަން ޖެހޭ ދަރަނި ޚަލާސްކުރުމުގެ މިންގަނޑަކީ އެ ދަރަންޏެއް ނެގި ފައިސާއެކެވެ. އެހެން ފައިސާއަކުން އެއާ އެއްވަރަށް ދިނުމެއް ނޫނެވެ. އެހެނީ ދައްކަން ޖެހެނީ ނެގި އަދަދު ކަމަށް ވާތީއެވެ. ފައިސާގެ އަގަށް އަންނަ ބަދަލާއި އަދާކުރަން ޖެހިފައިވާ ދަރަންޏާ ގުޅުވުމަކީ ހުއްދަ ކަމެއް ނޫނެވެ.
ކުންފުނީގެ ހިއްސާއިން ދައްކަން ޖެހޭ ޒަކާތާ ބެހޭ ޤަރާރު: ޤަރާރު ނަމްބަރު 28 (4/3)
1.      ހިއްސާއިން ޒަކާތް ދެއްކުމަކީ ހިއްސާދާރުންނަށް މަޖުބޫރުކަމެކެވެ. ހިއްސާދާރުންނަށް ފައިދާ ބެހުމުގެ ކުރިން ޒަކާތަށްވާ ބައި ކުންފުނިން އުނި ކުރެވިދާނެއެވެ. އެއީ ކުންފުނީގެ ޤަވާއިދުގައި ނުވަތަ ޤައުމުގެ ޤާނޫނުގައި އެކަން އެގޮތަށް ކުރުމަށް ހަމަޖެހިފައިވާނަމައެވެ.
2.      އިންސާނުން ވެސް ޒަކާތް ދައްކާފަދައިން ކުންފުނިތަކުންވެސް ޒަކާތްދައްކަން ޖެހޭނެއެވެ. އެކަމުގައި ކުންފުނި ބެލެވޭނީ ފަރުދެއްގެ ގޮތުގައެވެ. މިގޮތުން، ޒަކާތް ނެރެން ޖެހޭ މުދަލާއި، ނިސާބާއި، މިންވަރާއި ބަލާނީ ފަރުދަކު ޒަކާތް ދައްކަން ޖެހޭ އުސޫލަށް ބަލައިގެންނެވެ.
3.      ކުންފުނިން ޒަކާތް ނުދައްކަންޏާ ހިއްސާދާރުން ޒަކާތް ދައްކަން ޖެހޭނެއެވެ. ހިއްސާދާރަކު ޒަކާތް ދައްކަން ޖެހޭ ހިއްސާގެ މިންވަރު އޭނާއަށް އެނގޭނަމަ (ކުންފުނީގެ ހިސާބުތަކުން) އޭނާ ޒަކާތް ދައްކަން ޖެހޭނީ އެ އަދަދަށް ބަލައިގެންނެވެ. އޭނާއަށް އެ މިންވަރު ނޭގޭނަމަ އަމަލުކުރަން ޖެހިދާނެ 2 ގޮތެއް އޮވެއެވެ. އެއީ
                                i.            އޭނާ ހިއްސާގަތީ އެ ހިއްސާ އަތުގައި ބަހައްޓައިގެން އެއިން ލިބޭ ފައިދާ ހޯދުމުގެ ބޭނުމުގައި ކަމަށް ވާނަމަ، ޒަކާތް ދައްކަން ޖެހޭނީ ފައިދާ އުފައްދާ މުދަލުން ޒަކާތް ނެރޭ އުސޫލުންނެވެ. އެ ހިއްސާގެ މާރކެޓް އަގަކުން ނޫނެވެ.
                              ii.            އޭނާ ހިއްސާ ގަތީ ގަނެވިއްކަން ކަމަށް ވާނަމަ ޒަކާތް ދައްކަން ޖެހޭނީ ވިޔަފާރި މުދަލުން ޒަކާތް ދައްކާ އުސޫލުންނެވެ.
4.      އަހަރު ހަމަ ނުވަނީސް ހިއްސާ ވިއްކައިފި ނަމަ، ވިއްކައިގެން ލިބުނު ފައިސާ އޭނާގެ އެހެން މުދަލުގެ ތެރެއަށް ލައިގެން، ޒަކާތް ދައްކަން ޖެހޭ މުއްދަތު ހަމަވުމުން ޒަކާތް ދައްކާނީއެވެ.

ކަރުދާހު ފައިސާއާއި އޭގެ އަގަށް އަންނަ ބަދަލާ ބެހޭ ޤަރާރު: ޤަރާރު ނުމްބަރު 21 (3/9)
1.      ކަރުދާހު ފައިސާއަކީ ލީގަލް ޓެންޑަރ (ދަރަނި އަދާ ކުރުމަށް ޤާނޫނީ ގޮތުން ޞައްހަ) އަދި މީޑިޔަމް އޮފް އެކްސްޗޭންޖް (މުދާ ބަދަލުކުރުމުގެ ވަސީލަތެއް) ގައި ހުންނަން ޖެހޭ ސިފަތަކެއް ފުރިހަމައަށް ހަމަވާ އެއްޗެކެވެ. ކަރުދާހު ފައިސާގެ މައްޗަށް ރަނާއި ރިހީގެ މައްޗަށް ހިނގާ ހުރިހާ ޝަރުއީ ހުކުމެއް ހިނގާނެއެވެ.
2.      ފައިސާގެ އަގާބެހޭ ގޮތުން ވަކި ގޮތެއް މި ޤަރާރުން ނުނިންމައި ފަސް ކުރީއެވެ.

އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކުން ހުށަހެޅި ސުވާލުތަކާ ބެހޭ ޤަރާރު: ޤަރާރު ނަމްބަރު 13 (1/3)
ހ. ބޭންކުން ލޯންދިނުމާ ބެހޭ ޚިދުމަތްތަކަށް އަގު ނެގުމާ ގުޅޭ:
1.      ލޯނާ ބެހޭ ޚިދުމަތްތަކަށް އަގު ނެގުމަކީ ހުއްދަ ކަމެކެވެ. އެހެނަސް އެ އަގު ޚިދުމަތުގެ އަސްލު ޚަރަދަށްވުރެން ބޮޑުވެގެން ނުވާނެއެވެ.
2.      ޚިދުމަތަށް ހިނގި އަސްލު ޚަރަދަށް ވުރެން އިތުރަށް އަގު ނެގުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއީ ރިބާއެވެ. 
ށ. ކުއްޔަށް ދިނުމުގެ މުއާމަލާތުތަކާ ބެހޭ:
1.      ބޭންކުން މުދަލެއްގަތުމަށް ފަހު އެމުދާ ކަސްޓަމަރަށް ކުއްޔަށް ދިނުމަށް ވައުދު ވުމަކީ ހުއްދަ ކަމެކެވެ.
2.      ކަސްޓަމަރު އަތަށް އޭނާ ބޭނުންވާ މުދަލެއް އެރުމުން އޭނާއަށް އެ މުދާ ކުއްޔަށް ދިނުމުގެ ނިޔަތުގައި، ކަސްޓަމަރު ބޭނުންވާ މުދަލެއްގެ ސިފަތަކާއި އަގު ސާފުކޮށް ބަޔާންކުރުމަށްފަހު، ބޭންކްގެ ނަމުގައި އެ މުދަލެއް  ގަތުމަށް ކަސްޓަމަރަށް ހުއްދަ ދިނުމަކީ މަޤުބޫލުކަމެކެވެ. އެހެނަސް ރަނގަޅު ގޮތަކީ ކަސްޓަމަރާ ބޭންކުގެ ފަރާތުން މުދާ ގަންނަ އެޖެންޓާ އެއީ ވަކި 2 މީހުންނަށް ވުމެވެ.
3.      ކުއްޔަށް ދޭ ކޮންޓްރެކްޓް ހަދަންވާނީ މުދާ އަތަށް އެރުމަށް ފަހުގައެވެ. އެއާ އެޖެންޓް ކަމުގެ ކޮނަޓްރެކްޓާއި ވައުދުވުމުގެ ލިޔުމާއި އޮންނަންވާނީ ވަކިންނެވެ.
4.      ކުއްޔަށްދޭ މުއްދަތު ހަމަވުމުން މުދާ ހިބައިން ދިނުމަށް ވަކި ކޮންޓްރެކްޓަކުން ވައުދުވުމަކީ ހުއްދަ ކަމެކެވެ.
5.      މުދަލަކީ ބޭންކްގެ މިލްކުކަމަށް ވާއިރު، ކަސްޓަމަރުގެ އިހުމާލުން ފިޔަވައި އެއަށް ލިބޭ ގެއްލުމަށް ޒިންމާ ވާނީ ބޭންކުންނެވެ.
6.      އިންޝޫރަންސްގެ އަގު ދައްކާނީ ބޭންކުންނެވެ.
ނ. އިންސްޓޯލްމެންޓްތަކަކަށް ފަސްކުރާގޮތަށް ވިއްކުމާއި (އަލް ބައިޔު ބިލް އަޖަލް) އާއި ބެހޭ:
1.      ބޭންކުން މުދަލެއް ހޯދުމަށް ފަހު އެ މުދަލެއް ކަސްޓަމަރަށް ވިއްކުމަށް ވައުދު ވުމަކީ ހުއްދަ ކަމެކެވެ.
2.      ކަސްޓަމަރަކު ބޭނުންވާ މުދަލެއްގެ ސިފަތަކާއި އަގު ސާފުކޮށް ބަޔާންކުރުމަށްފަހު، ކަސްޓަމަރު އަތަށް އެ މުދާ އެރުމުން އޭނާއަށް އެ މުދާ ވިއްކުމުގެ ނިޔަތުގައި،  ބޭންކްގެ ނަމުގައި އެ މުދަލެއް ގަތުމަށް ކަސްޓަމަރަށް  ހުއްދަ ދިނުމަކީ މަޤުބޫލުކަމެކެވެ. އެހެނަސް ރަނގަޅު ގޮތަކީ ކަސްޓަމަރާ ބޭންކުގެ ފަރާތުން މުދާ ގަންނަ އެޖެންޓާ އެއީ ވަކި 2 މީހުންނަށް ވުމެވެ.
3.      ވިއްކުމުގެ ކޮންޓްރެކްޓް ހަދަންވާނީ މުދާ އަތަށް އެރުމަށް ފަހުގައެވެ. އެއޮންނަންވާނީ ވަކިންނެވެ.
ރ. ބޭރުގެ ވިޔަފާރި ފިނޭންސް ކުރުމާ ބެހޭ:
މިކަހަލަ މުއާމަލާތުތައްވެސް ކުރަންވާނީ އިންސްޓޯލްމެންޓްތަކަކަށް ފަސްކުރާގޮތަށް ވިއްކުމާ ބެހޭ އުސޫލާ އެއް ގޮތަށެވެ.
އާދައިގެ ބޭންކްތަކާ ކުރާ މުއާމަލާތާ ބެހޭ ޤަރާރު: ޤަރާރު ނުމްބަރު 10 (2/10)
1.      ތިރީގައި ބަޔާންކުރާ މުއާމަލާތުތަކަކީ ރިބާ ކަމަށް ބެލެވެއެވެ. އެފަދަ މުއާމަލާމަތުތައް ހަރާމް ވާނެއެވެ.
ހ- މުއްދަތު ހަމަވެފައިވާ ދަރަންޏެއް ނުދެއްކިއޮތުމުން، އޭގެ މުއްދަތު އިތުރުކުރުމަށްއިންޓަރެސްޓް ނެގުން  ނުވަތަ އިތުރަށް ފައިސާ ނެގުން؛
ށ- ލޯން ކޮންޓްރެކްޓް ފެށުމާހިސާބުން އިންޓަރެސްޓް ނަގަމުން ދިޔުމާއި ދައްކަންޖެހޭއަދަދަށް އިތުރުކުރުން.
2.      ޝަރިޢާ އާ އެއްގޮތަށް ކުރެވޭ މުއާމަލާތުތަކަކީ، ރިބާ އެކުލެވޭ މުއާމަލާމާތުގެ ބަދަލުގައި ބޭނުންކުރެވިދާނެ މުއާމަލާތުތަކެކެވެ. އަދި އެއިން ލިކުއިޑީޓީ (ފަސޭހައިން ގަނެ ވިއްކޭ ގޮތަށްހުރުން، ނުވަތަ ފައިސާއަށް ފަސޭހައިން ބަދަލުކުރެވުން) ކަށަވަރުކޮށްދީ އިޤުތިޞާދީ ހަރަކާތްތަކަށް އެހީތެރިވެދެއެވެ.
3.      އޯ.އައި.ސީ. ގެ ކައުންސިލުން ތިރީގައިވާ ކަންކަމަށް އަނެއްކާވެސް ގޮވާލިއެވެ:
ހ- އެ ޤައުމެއްގެ ބާރުގެ ދަށުގައިވާ ބޭންކްތަކުން ޝާރިޢާ އާއި އެއްގޮތަށް ކުރެވޭ މުއާމަލާތުތައް ކުރުމަށް ހިތްވަރުދިނުމަށް މުސްލިމް ޤައުމުތަކަށް ގޮވާލުން؛
ށ- ކޮންމެ މުސްލިމް ޤައުމެއްގައިވެސް ޝަރިޢާ އާއި އެއްގޮތަށް މުއާމަލާމާތުކުރާ ބޭންކު ޤާއިމުކުރުމަށް ހުއްދަދިނުން 
ދަރަނިން ޒަކާތް ދިނުމާ ބެހޭ ޤާރާރު: ޤަރާރު ނަމްބަރު 1 (2/1)
1.      ދަރަނި ނެގިމީހާ ބަނގުރޫޓް ނުވެ ހުރެ، ދަރަނި ދައްކަމުންދާނަމަ، އެ ދަރަނިން ޒަކާތް ދެއްކުމަކީ ދަރަނި ދިން ފަރާތަށް ލާޒިމު ކަމެކެވެ.

ދަރަނި ނެގި މީހާ އިފްލާސްވެފައި ވާނަމަ، ނުވަތަ ދަރަނި އަނބުރާ ދެއްކުން ލަސްކުރާނަމަ، ދަރަނި ދިން މީހާއަށް އެއިން ޒަކާތް ނެރުން ލާޒިމުވަނީ، އެ ދަރަނި އަނބުރައި ލިބި  ހިޖުރީ 1 އަހަރުވުމުންނެވެ.
ވިޔަފާރީގެ ރުކުންތައް

1.      ވިއްކާމީހާ
2.      ގަންނަމީހާ
3.      ޢަޤުދުކުރެވޭއެތި
4.      ޞީޣާ

ވިއްކާމީހާ އާއި ގަންނަމީހާ
1. ވިއްކާމީހާ އާއި ގަންނަމީހާ އަކީ މާލީގޮތުން ތަޞައްރުފްފުދިފައިވާ ދެމީހުން ކަމުގައިވުން.
2. ބުއްދިސަލާމަތުން ހުރުން. رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. " رفع القلم عن ثلاثة: عن النائم حتى يستيقظ، وعن الصبي حتى يبلغ، وعن المجنون حتى يعقل " (رواه الإمام أحمد) މާނަ: "ތިންމީހެއްގެ ކިބައިން ވަނީ ގަލަމް އުފުލިފައެވެ. އެއީ ނިދާފައިއޮތްމީހަކު ހޭލުމަށްދާންދެނާއި، ކުޑަކުއްޖާ ބާލިޣްވުމަށް ދާންދެނާއި، ބުއްދިފިލަފައިވާ މީހާ ހޭ ބުއްދިޖެހުމަށް ދާންދެނެވެ." ނަމަވެސް އެމޮޔަ މީހާ އަކީ އެއްބައިފަހަރު ބުއްދިހަމަޖެހޭ އަނެއްބައިފަހަރު މޮޔަވާ މީހެއްނަމަ، އޭނާގެ ބުއްދި ހަމަޖެހިފައިވާހާލު ކުރާ ޢަޤުދު ޞައްޙަވާނެއެވެ. އަދި މޮޔައެއްގެހާލުގައި ކުރިޢަޤުދުތައް ޞައްޙަނުވާނެއެވެ.
3. ބާލިޣުވުން. ހެޔޮނުބައި ވަކިވާ ވަރުގެ ކުޑަކުއްޖާގެ ޢަޤުދުތައް ޞައްޙަވާނެއެވެ. ނަމަވެސް އެ ޢަޤުދު ހުއްޓިފައިވަނީ ވަލީވެރިޔާގެ އިޛުނައިގެމައްޗަށެވެ. ވަލީވެރިޔާ ހުއްދަދީފިކަމުގައިވާނަމަ އެ ޢަޤުދު ޝަރުޢީގޮތުން ހުއްދަވާނެއެވެ.
4. މަޖްބޫރުކަމެއްނެތުން. އެހެންކަމުން މީހަކަށް މަޖްބޫރު ކޮއްގެން، އެ ހާލަތުގައި ކުރާޢަޤުދު ޞައްޙައެއްނުވާނެއެވެ. އަދި އެ ޢަޤުދުގެ ސަބަބުން އެއްވެސް ނަތީޖާއެއް ޙާޞިލުނުވާނެއެވެ. އަދި މަޖްބޫރު ޙާލަތުގައި ޢަޤުދު ކުރި މީހާއަށް އެކަމުގެ ޒިންމާއުފަލާކަށްވެސް ނުޖެހޭނެއެވެ. މާތްﷲވަޙީކުރެއްވިއެވެ. (مَن كَفَرَ‌ بِاللَّـهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِ‌هَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ ) މާނައީ: " إيمان ކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ حال، مجبور ވެގެންވާ މީހާ މެނުވީ، إيمان ވުމަށްފަހު، اللَّه އަށް كافر ވެއްޖެމީހާއެވެ." ނަމަވެސް އޭނާއަށް މަޖްބޫރު ކުރެވިފައިވަނީ ޙައްޤުގޮތުގައި ކަމަށްވަނީނަމަ އެ ޢަޤުދު ޞައްޙަވާނެއެވެ.
5. ވިއްކާމީހާ އާއި ގަންނަމީހާއަކީ އެކަކު ކަމުގައިނުވުން. ނަމަވެސް ބައްޕައާއި ބައްޕަ ވަޞިއްޔަތްކޮއްފައިވާ މީހާ އަދި ޤާޟީއަށް ވިއްކާމީހާ އާއި ގަންނަމީހާއަށްވެސް ވެވިދާނެއެވެ.

ޢަޤުދުކުރެވޭ އެތީގެ ޝަރުޠުތައް                         
1-  ޢަޤުދު ކުރެވޭ އެއްޗަކީ ޠާހިރު އެއްޗަކަށް ވުން. " إن الله ورسوله حرم بيع الخمر والميتة والخنزير والأصنام " (رواه البخارى) މާނައަކީ " ހަމަކަށަވަރުން الله އާއި އެކަލާނގެ ރަސޫލާ، ރަލާއި، މަރުވެފައިވާތަކެތި، އޫރު އަދި ބުދުގެ ވިޔަފާރި ޙަރާމްކުރެއްވިއެވެ." ނަމަވެސް މުޅަތަކެތީގެ ތެރެއިން މަސް އިސްތިޘްނާވެގެންވާކަން رسول الله صلى الله عليه وسلمގެ އަންނަނިވި ޙަދީޘްބަސްފުޅުން ދޭހަވެއެވެ.  " أحلت لنا ميتتان ودمان، فأما الميتتان فالجراد والحوت، وأما الدمان فالطحال والكبد " (رواه أحمد )
ޖުމުހޫރް ޢިލްމުވެރިން ދެކެލައްވާ ގޮތުގައި ރާ، މަރުވެފައިވާތަކެތި، އޫރު، ޙަރާމްވުމުގެ ސަބަބަކީ ނަޖިހަށްވުމެވެ. އެހެންކަމުން ހުރިހާ ނަޖިސް ތަކެއްޗާވެސް ޤިޔާސްކުރެވޭނެއެވެ. ނަމަވެސް ޙަނަފީން އަދި ޡާހިރީން ދެކެލައްވާގޮތުގައި ޝަރުޢީގޮތުން އޭގެ މަންފާ ބޭނުންކުރުން ހުއްދަ ކޮންމެއެއްޗެއްގެ،ވިޔަފާރިކުރުން ހުއްދަވާނެއެވެ. މީގެ މައްޗަށް ބިނާކޮށް އެބޭކަލުން ވިދާޅުވަނީ ގަސްކާނާ، މާވަހަރު ފަދަ ތަކެއްޗަކީ ގަނެ ވިއްކުން ހުއްދަތަކެތިކަމުގައެވެ. ނަމަވެސް އެނަޖިހަކުން އުފައްދަނީ ކެއުމަށް ނުވަތަ ބުއިމަށް ބޭނުންކުރާ ތަކެތިކަމުގައިވާނަމަ ހުއްދަނުވާނެކަމަށް މިރައުޔުގެ ދަންނަބޭކަލުން ދެކެލައްވައެވެ.
2-  ވިއްކާއެއްޗަކީ ޝަރުޢީ ހަމަތަކުގެމަތިން މަންފާއެއް ލިބޭއެއްޗަކަށްވުން. އެހެން ކަމުން ފަނިފަކުސާ، މީދާ، ހަރުފަ، ވިއްކުން ހުއްދައެއްނުވާނެއެވެ. ހުއްދަވާނެ ހަމައެކަނި ހާލަތަކީ އޭގެން މަންފާއެއް ޙާޞިލްކުރުމެވެ. ހަމަމިފަދައިން ކުއްތާގެ އަޞްލަކީ ގެންގުޅުން މަނާވެގެންވުމެވެ. ނަމަވެސް ޝިކާރަކުރުމަށް، ފާރަވެރިއަކަށް ނުވަތަ ދަނޑުވެރިކަމަށްޓަކައި ކުއްތާ ގެންގުޅުން ހުއްދަވާނެއެވެ. أن رسول الله صلّي الله عليه وسلّم " نهى عن ثمن الكلب ومهر البغي وحلوان الكاهن " (رواه مسلم) މާނައީ " ހަމަކަށަވަރުންرسول الله صلّي الله عليه وسلّم ކުއްތާގެ އަގު، އަދި ޒިނޭގެ ފައިސާއާއި އަދި ކާހިނަށްދޭ ފައިސާވެސްނަހީކުރެއްވިއެވެ." 
ބުޅާ ވިއްކުމަކީ ޙަރާމްކަމެއްކަމަށް ދޭހަވާ ދަލީލަކީ "نهي رسول الله صلّي الله عليه وسلّم عن ثمن الكلب والسنور" (رواه الترمذي) މާނައީ "رسول الله صلّي الله عليه وسلّم ކުއްތާ އާއި ބުޅަލުގެ އަގު ނެގުންމަނާކުރެއްވިއެވެ." ނަމަވެސް މި ޙަދީޘްގެ މާނައާމެދު ޢިލްމުވެރިންގެމެދުގައި އިޚްތިލާފް އުފެދިފައިވެއެވެ. ޖުމުހޫރުން ވިދާޅުވާގޮތުގައި މިތަނުގައި ނަހީގެ މުރާދަކީ ނަހީ ތަންޒީހީއެވެ. މާނައަކީ އެދެވޭ ކަމެއް ނޫނެވެ. އަދި މިޙަދީޘްއަކުން ނަހީ ތަޙްރީމީގެ ދަރަޖައަކަށް ނުދެއެވެ. އެހެންކަމުން އޭގެ އަގަކީ ހުއްދައެއްޗެކެވެ. ނަމަވެސް އިމާމް ޝައުކާނީ، އިމާމް ބައިޙަޤީ ފަދަ ބޭކަލުން އެއީ މަނާ ކުރައްވާފައިވާ ކަމެއްކަމަށް ދެކެލައްވައެވެ.
ހަމަ މިފަދައިން ލަވަޔާއި މިޔުޒިކު ކުޅޭ ސާމާނު ވިއްކުމަކީވެސް އޭގެން ފައިދާއެއް ޙާޞިލްކުރެވޭނެ ކަމެއްނޫނެވެ. އެހެނީ މިޔުޒިކު ކުޅުމުން ޝަރުޢީގޮތުން އެއްވެސް މަންފާއެއް ނުލިބެއެވެ. ނަމަވެސް މިޔުޒިކުގެ ސަބަބުން މިހާރުގެ ގިނަ ދިވެހި ދަރިންވެސް ދަނީ ގެއްލިހަލާކުވަމުންނެވެ. މިޔުޒިކު ކުޅުމުގެ އިތުރުން އެކުޅޭ މީހުންގެ އުޅުމާއި ހެދުން އަޅާގޮތާއި ހުރިހާކަމާކީވެސް "ރީތި ސްޓައިލް"އަކަށް މިވަނީ ވެފައެވެ. އަދި މީގެ ސަބަބުން އެތައް ދަރިންނެއް މިދަނީ އާޚިރަތުގެ މަތިން ހަދާންނެތި ދުނިޔޭގައި މަޖާނަގަމުންނެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. " ليكونن من أمتي أقوام ، يستحلون الحر والحرير ، والخمر والمعازف " (رواه البخارى) މާނައަކީ " ތިމަންކަލޭގެފާނުގެ އުއްމަތުގެތެރެއިން ބަޔަކުމީހުންވާނެއެވެ. އެބައިމީހުން ޒިނޭކުރުން އަދި ފަށުވިފޭރާންލުން (ފިރިހެނުންނަށް) އަދި ބަނގުރާ އަދިމިއުޒިކު ސާމާނު ޙަލާލުކުރާނެއެވެ."
ނަމަވެސް ބައެއް ޙަލަތްތަކުގައި ލަވަޔާއި މިޔުޒިކުކުޅޭ ސާމާނު ވިއްކުން ހުއްދަކަމަށް ބައެއް ޢިލްމުވެރިން ދެކެލައްވައެވެ. އެއީ އެކަމުގެ މަޤުޞަދަކީ ޙުއްދަ ފައިދާއެއް ހޯދުންކަމުގައިވާނަމަ، އެތަކެތި ވިއްކުންވެސް  އަދި އަޑުއެހުންވެސް ހުއްދަވާނެއެވެ. އެހެނީ ލަވައަކީވެސް ވާހަކައެވެ. އޭގެތެރެއިން ރިވެތި ވާހަކަ ޙުއްދަވާނެއެވެ. އަދި ޙަރާމްކަމަކަށް މަގުފަހިކުރުވާ، ނޫނީ ﷲއަށް ކިޔަމަންތެރިވުމުން ދުރުކުރުވާނަމަ ހުއްދަނުވާނެއެވެ.
3-                  ޢަޤްދުކުރެވޭ އެއްޗަކީ ވިއްކާމީހާގެ ނުވަތަ އޭނާގެ ވަކީލުގެ މިލްކުގައިވާ އެއްޗަކަށް ވާންވާނެއެވެ. އިޛުނައަކާނުލާ ވިޔަފާރީގެ މުޢާމަލާތެއްކޮއްފިނަމަ މިއަށްކިޔަނީ بيع الفضولىއެވެ.الفضولىއަކީ އަޤުދުކުރެވޭއެތީގެ ވެރިމީހާގެ އިޛުނަނެތި ޢަޤުދުކުރާމީހާއެވެ. މިސާލަކަށް މީހަކު އަނެކާގެ މިލްކެއް އޭނާގެ ޣާއިބުގައި ވިއްކާލުމެވެ. މިޢަޤްދު ތަންފީޛުކުރެވޭނީ ހަމައެކަނި ޢަޤްދުކުރާއެތީގެ ވެރިފަރާތުގެ ރުހުމާއިއެކުއެވެ. އެހެން ނޫންނަމަ އެ ޢަޤްދު باطل ވާނެއެވެ. عن عروة البارقي: أن رسول الله صلى الله عليه وسلم أعطاه دينارا يشترى له به شاة، فاشترى له به شاتين، فباع إحداهما بدينار، فجاءه بشاة ودينار، فدعاله بالبركه في بيعه، فكان لو اشترى التراب ربح فيه " (رواه البخارى)  މާނައަކީ " عروة البارقيރިވާކުރެއްވިއެވެ. ހަމަކަށަވަރުން ރަސޫލު الله صلى عليه وسلم އެކަލޭގެފާނަށް ބަކަށްޓެއް ގަތުމަށްޓަކައި ޢުރުވަތަށް ދީނާރެއް ހަވާލުކުރެއްވިއެވެ. އެހިނދު ޢުރުވާ އެދީނާރަށް ދެބަކަރި ބައްލަވައިގަތެވެ. އެއަށްފަހު އޭގެތެރެއިން އެއްބަކަރި ދީނާރަކަށް ވިއްކާލެއްވިއެވެ. އަދި އެއަށްފަހު ބަކަށްޓާއި ދީނާރު ހިއްޕަވައިގެން ރަސޫލާގެ އަރިހަށް ވަޑައިގަތެވެ. އެހިނދު ރަސޫލުﷲ ގެފާނުން އޭނާގެ ވިޔަފާރީގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކުރެއްވިއެވެ. އެހެންކަމުން އެއިންވެލި (ކޮންމެ އެއްޗެއް) ބައްލަވައިގަތަސް އެއިން އެކަލޭގެފާނަށް ފައިދާވާކަމުގައިވިއެވެ."
4-معقود عليه އަކީ މިލްކުވެރިކަން ބަދަލުކުރެވޭ އެއްޗަކަށްވުން. އަދި މިއީ ޙިއްސީގޮތުން އަނެކާއަށް ދެވޭއެއްޗަކަށް ވާންވާނެއެވެ. އެހެންނޫންނަމަ އެވިޔަފާރި ޞައްޙަނުވާނެއެވެ. އެއީ މިސާލަކަށް ކަނޑުގައި އޮތް މަހެއްވިއްކުމެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. " لا تشتروا السمك في الماء، فإنه غرر " ) رواه أحمد).
5-  ޢަޤްދުކުރެވޭ ހިނދު، ވިއްކާލެވޭ އެއްޗަކީ ވުޖޫދުގައިވާ އެއްޗަކަށްވުން
6-   ޢަޤްދުކުރާ ދެފަރާތައް ރަނގަޅަށް އިނގޭ އެއްޗަކަށްވުން: ފިޤުހު ޢިލްމުވެރިންގެ އަރިހުގައިމިއީ ކޮންމެހެން ހުރުން ލާޒިމް ޝަރުތަކެވެ. އިޝާރާތުން ނުވަތަ ލޮލަށް އޭތިފެނިގެން ނުވަތަ ބަޔާންކޮށްދީގެންއެނގުންވިޔަސް މައްސަލައެއްނެތެވެ. މިޝަރުތަކީ معاوضات مالية ގައި، ވިޔަފާރީގެ މުޢާމަލާތުގައި ހުރިހާބޭކަލުންވެސް އެއްބަސްވެލައްވާ ޝަރުތެކެވެ. ނަމަވެސް ޢަލްމުވެރިން ވަނީ معاوضات مالية ނޫން އެހެންޢަޤުދުތަކުގައި ޚިޔާލު ތަފާތުވެލައްވާފައެވެ.

ޢަޤްދުގެ 3 ވަނަ ރުކުން ، صيغة : صيغة އަކީ إيجاب އާއި قبول އެވެ.
صيغة އޭ ބުނުމުން އޭގައި އީޖާބާއި ޤަބޫލުހިމެނެއެވެ. އީޖާބަކީ ކޮބައިތޯ ޤަބޫލަކީ ކޮބައިތޯ ބަލާލާއިރު ޙަނަފީން ވިދާޅުވާގޮތުގައި އީޖާބަކީ ޢަޤްދުކުރަންބޭނުންވާ ކަން ދޭހަވާގޮތަށް ފުރަތަމަ ބުނާ ޢާޤިދުގެ ބަހެވެ. އެއީ މިލްކުކޮއްދޭ މީހާ ކަމުގައިވިޔަސް ނުވަތަ މިލްކުވެރިކަން ލިބޭ މިހާ ކަމުގައިވިއަސް މެއެވެ. އެހެންކަމުން އެބޭފުޅުންގެ އަރިހުގައި ވިޔަފާރިއެއްގައި ވިއްކާމީހާ ފުރަތަމައިނުން ވިއްކައިފީމޭ ބުނާ ބުނުމަކީ އިޖާބެވެ. އަދި ހަމައެފަދައިން ވިޔަފާރިއެއްގައި ގަންނަމީހާ ވިއްކާމީހާއަށް ވުރެ ކުރިން (ފުރަތަމައިންނުން) ގަނެފީމޭ ބުނާ ބުނުމަކީވެސް އިޖާބެވެ. އެބޭފުޅުންގެ އަރިހުގައި ޤަބޫލަކީ ފުރަތަމަބުނިމިހާގެ ވާހަކަޔާ ދިމާވާ ގޮތަށް ދެވަނަ މީހާ ބުނާ ބުނުމެވެ.
ޖުމްހޫރުންގެ އަރިހުގައި އިޖާބަކީ (ކުރިން ބުނިކަމުގައި ވިއަސް ނުވަތަ) ފަހުން ބުނިކަމުގައި ވިއަސް މިލްކުކޮއްދޭ މީހާގެ ބަހެވެ. ޤަބޫލަކީ (ފަހުން ބުނިކަމުގައި ވިއަސް ނުވަތަ) ކުރިންބުނިކަމުގައިވިއަސް މިލްކުވެރިކަން ލިބޭމީހާގެ ބަހެވެ.
ޢަޤްދުގައި ބޭނުންކުރާ ޢިބާރާތް ވާންވާނީ ޢަޤުދު ކުރާ ދެފަރާތުގެ އެއްބަސްވުން އޮތްކަން ދޭހަކޮށްދޭ ޢިބާރާތަކަށެވެ. ރަގަޅު ޢަޤްދެއް އުފެދިގެންދާނީ ދެފަރާތުގެ ރުހުމާއި އެކުގައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَ‌ةً عَن تَرَ‌اضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّـهَ كَانَ بِكُمْ رَ‌حِيمًا ﴿٢٩  މާނައަކީ: " އޭއީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުން މައްޗަށް، އޮންނަ ވިޔަފާރިއަކަށް ވުން ފިޔަވައި، އެހެން ބާތިލްގޮތްގޮތުން، ތިޔަބައި މީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ކައި ނޫޅޭށެވެ. ތިޔަބައިމީހުން އެކަކު އަނެކަކު ޤަތުލުނުކުރާށެވެ! ހަމަކަށަވަރުން މާތް ﷲ އީ ތިޔަބައި މީހުންގެ މައްޗަށް ރަޙްމަތްވަންތަ ރަސްކަލާނގެއެވެ." އަދި رسول الله صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. " لا يحل مال امرئ مسلم إلا بطيب نفس منه"  މާނައީ: މުސްލިމެއްގެ ރުހުމަކާނުލާ އޭނާގެ މުދާޙަލާލު ނުވާނެއެވެ."

صيغةގެ ޝަރުޠަކަކީ؛
1-      إيجاب އާއި قبول އަކީ އޭގެ މުރާދު ރަނގަޅަށް ދޭހަވާފަދަގޮތަކަށް އޮތް ޢިބާރާތެއްކަމުގައި ވުން، މިއީ ވަރަށް މުޙިއްމު ޝަރުޠެކެވެ. إيجاب އާއި قبولގެ ގޮތުގައި ބޭނުންކުރެވޭ عبارة ގެ މާނަ އެއްވެސްعاقد އަކަށް ނޭންގޭނަމަ ނުވަތަ އެއާމެދު ޝައްކުވާނަމަ އެ عقد ޞައްޙައެއް ނުވާނެއެވެ. ޞީޣާ ރަގަޅަށް ދޭހަވުމަށްޓަކައި ވަކިބަހަކުން އޮންނާކަށް ނުޖެހެއެވެ. ކުރަންއުޅޭކަންތައް ސާފުވާ ކޮންމެ ބަހަކުން ވެސް ހަމަރަގަޅުވާނެއެވެ.
2-      إيجاب އާއި قبول އެއްގޮތްވުން: މީގެ މާނައަކީ قبول އަންނަންވާނީ إيجاب އާއި އެއްގޮތްވާގޮތުގެ މަތީންނެވެ. إيجاب އެތައް ބައިތަކެއްގެ މައްޗަށް އެކުލެވިގެންވާނަމަ، قبول ގައި ވެސް އެބައިތަކަށް قبولއަންނަންވާނެއެވެ.  އޭގެ ވަކިބަޔަކަށް އިންކާރުކުރިނަމަ، إيجاب އާއި قبول ގެ ދެމެދު އޮންނަންޖެހޭ އެއްގޮތްވުން  ނެތުމުން عقد އަކަށް އެ عقد ނުވާނެއެވެ. إيجاب އާއި قبول ދެގޮތަކަށް އެއްގޮތްވެއެވެ. އެއީ ޙަޤީޤީ އެއްގޮތް ވުމަކާއި ޟިމްނީ (ނުސީދާކޮށް) އެއްގޮތްވުމެކެވެ. ޙަޤީޤީ އެއްގޮތްވުމުގެ މިސާލަކީ 100 ރުފިޔާއަށް ފޮތެއްވިއްކައިފީމޭ ބުނުމުން 100 ރުފިޔާއަށް އަށް ޤަބޫލުކޮއްފީމޭ ބުނުމެވެ. ޟިމްނީ އެއްގޮތްވުމުގެ މިސާލަކީ 100 ރުފިޔާއަށް ފޮތެއްވިއްކައިފީމޭ ބުނުމުން 200 ރުފިޔާއަށް އަށް ޤަބޫލުކޮއްފީމޭ ބުނުމެވެ. މިގޮތައް އިޖާބަށްވުރެ އިތުރަށް ޤަބޫލުވުމުގެ މައްސަލައިގައި حنفيން ވިދާޅުވަނީ عقدޞައްހަވާނެކަމަށެވެ. އެހެން ނަމަވެސް عقد ން ލާޒިމުކުރާނީ މޫޖިބު ބުނި އަދަދު ދެއްކުމަށެވެ. އިތުރުވިބައި މަޖިލިސް ރޫޅުމުގެ ކުރިއަށް މޫޖިބުގެ ޤަބޫލުގެ މައްޗަށް ވަނީ ހުއްޓިފައެވެ. މޫޖިބު ޤަބޫލުކޮއްފިނަމަ ޤަބޫލުކުރި މީހާގެ މައްޗަށް  އެއަދަދުވެސް ލާޒިމުވާނެއެވެ. އިޖާބަށްވުރެ އިތުރަށް ޤަބޫލުވުމުގެ މައްސަލައިގައި شافعي ންދެކިވަޑައި ގަންނަވާ ގޮތުގައި މި ބެލެވޭނީ އިންކާރެއް ކަމަށެވެ. އެހެން ކަމުން އާ އިޖާބެއް ޖެހެނީ ކުރާށެވެ.
3-            إيجاب އާއި قبول ގުޅިގެންދޔުން: عقد އެއް އުފެދެނީ إيجاب އާއި قبول ގުޅިގެން ނެވެ. إيجابއާއި قبول ގުޅުމަށް ޓަކައި 3 ކަމެއް ޝަރުޠުކުރެވިގެން ވެއެވެ.
1-       إيجاب އާއި قبول އެއްމަޖިލީހެއްގައިވުން.
2-      عقد ކުރާ ދެފަރާތުން ކުރެ ފަރާތަކުން عقد ށް އެއްވެސް ދެކޮޅުވެރިކަމެއް ނުދެއްކުން.
3-      ޤަބޫލުކުރުމުގެ ކުރިން موجب އޭނާގެ ހުށައެޅުމުން رجوع ނުވުން.

ޢަޤްދުކުރެވިދާނެ ގޮތްތައް
ލިޔެގެންވެސް ވިޔަފާރީގެ ޢަޤްދެއްކުރެވިދާނެއެވެ. ނަމަވެސް ވާހަކަ ދެއްކޭމީހެއްނަމަ އެދެމީހުންތިބީ ދުރު ދެރަށެއްގައިކަމުގައި ވާންޖެހޭނެއެވެ. ނުވަތަ ވާހަކަނުދެއްކޭ މަންމަނަކަށްވެސް ލިޔަންއިގޭނަމަ ލިޔެގެން ޢަޤްދުކުރެވިދާނެއެވެ. އަދި މަންމަނުމީހާގެ އިޝާރާތުންވެސް ޢަޤްދުކުރެވޭނެވެ. ނަމަވެސް ވާހަކަ ދެއްކޭ ދެ މީހަކަށް އެއްމަޖުލީހެއްގައި ތިބެގެން ލިޔެގެން ޢަޤްދުނުކުރެވޭނެއެވެ. އެފަދަހާލަތެއްގައި ޢަޤްދުކުރަންޖެހޭނީ އަނގަބަހުންނެވެ. ތިންވަނަފަރާތެއް މެދުވެރިކޮއްގެން ޢަޤްދެއްކުރުން ޞައްޙަވާނީ ތިންވަނަފަރާތަށް އެޚަބަރު ދޭއިރަށް އެ ޤަބޫލްކުރުމުންނެވެ.
1- لفظ ން ޢަޤުދު ކުރުން.
ލަފުޒަކީ ހިތުގައި ފޮރުވިފައިވާ ކަމެއް ބަޔާންކުރުމަށްޓަކައި ނުވަތަ ބޭރަށް ނެރެ ފާޅުކުރުމަށްޓަކައި ދުލުން ބޭރުކުރާބަހެވެ. ކުރީ ޒަމާނުން ފެށިގެން މީސްތަކުންގެ މެދުގައި އެންމެގިނައިން ޢަޤްދުކުރެވެމުން އަންނަނީ ބަހުންނެވެ. އެއީ އެކަން ފަސޭހަ ވެފައި ދޭހަވާލެއް ބޮޑުވީމައެވެ. ލަފްޡުން ޢަޤްދު ކުރުމުގައި ދެފަރާތަށް ދޭހަވާ ކޮންމެބަހެއް ކޮންމެ ޢިބާރާތެއްވެސް ރަގަޅުވާނެއެވެ. މުޙިއްމު ކަމަކަށްވާނީ ދެފަރާތް ރުހިގެން ވުމެވެ.   ލަފުޒުން ޢަޤުދު ކުރެވޭނެ ކަމަށް ހުރިހާ ޢިލްމުވެރިން އެއްބަސްވެލައްވައެވެ.
އެހެންކަމުން إيجاب އާއި قبول ކަމަށް ދޭހަކޮށްދޭ ކޮންމެ ލަފްޒަކުން عقد ކުރެވޭނެއެވެ. ކޮންމެހެން ވަކި ޚާއްޞަ ލަފްޒެއް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ކާވެނީގެ ޢަޤްދުގައި ބޭނުން ކުރެވޭ ލަފްޒާއި މެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތެވެ.
2- ޢަމަލުން ޢަޤުދު ކުރުން.
ޢަމަލުން ޢަޤްދު ކުރުމަކީ އިޖާބު ނުވަތަ ޤަބޫލުގެ ލަފްޒު ބޭނުންނުކޮށް ރުހުންދޭހަވާ ގޮތަށް ދެފަރާތުންކުރެވޭކަމަކުން ޢަޤުދު ކުރުމެވެ. ފިޤްހުގައި މިވައްތަރުގެ ޢަޤްދަށް އަލްމުޢާޠާތް، އައްތަޢާޠީ، އަދި އަލްމުރާވަޟާ އޭ ކިޔައެވެ. މީގެ މިސާލަކީ އަނގަޔަކުން ތުބަކުންނުބުނެ ފިހާރައެއްގައި އަގުޖަހާފައިވާ އެއްޗެއް ނަގާ އޭގެ އަގު ސޭޓަށް ދީފައި ދިއުމެވެ.
3- އިޝާރާތުން ޢަޤުދުކުރުން.
އިޝާރާތުން ކުރާ ޢަޤުދު ދެ ބަޔަކަށް ބެހިގެންވެއެވެ.
1. ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިފައިވާ މީހަކު އިޝާރާތުން ޢަޤުދުކުރުން.
2.  ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހަކު އިޝާރާތުން ޢަޤުދުކުރުން.

4- ލިޔެގެން ޢަޤުދުކުރުން.
ލިޔެގެން ޢަޤްދު ކުރުމަކީވެސް ޢަޤްދުކުރުވޭ ގޮތެކެވެ. ފިޤްހު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ލަފްޒުން ޢަޤްދުކުރުމާއި ޖެހިގެން ދެވަނައަށް ބުނާ އެއްޗެއް އެންމެބޮޑަށް ދޭހަކޮއްދޭ ވަޞީލަތަކީ ލިޔެގެން ޢަޤުދުކުރުމެވެ. ލިޔެގެން ޢަޤްދުކުރުމާއި މެދު ފިޤްހު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ.

5- އިތުރު ގޮތްތައް:
1. ހަނުހުރެގެން ކުރާ عقد.
ބައެއްފަހަރު ހަނުހުރުމުންވެސް މީހެއްގެ ހިތުގައި އޮންނަ މަގްސަދު ދޭހަވެއެވެ. އަނގައިން ބުނަނީވެސްލިޔަނީވެސް ހިތުގަ އޮންނަ އެއްޗެއް އަންގައިދިނުމަށެވެ. އެހެންކަމުން އެއްފަރާތުން އިޖާބަކުރުމުން އަނެއްފަރާތުންހަނހުރުމުންވެސް ބައެއް ޙާލަތްތަކުގައި عقد ކުރެވެއެވެ. ނަމަވެސް ހަނުހުރެގެން إيجاب އެއްނުކުރެވޭނެއެވެ. د. عبدالرزاق السنهوري ވިދާޅުވާގޮތުގައި ހަނުހުރެގެން إيجاب އެއް ނުކުރެވޭނެއެވެ. ނަމަވެސްقبول ކުރުމަށް ބައެއް ފަހަރު ހަނުހުރުން ބޭނުންކުރެވިދާނެއެވެ.
މިކަމަށް އަންނަނިވި قائدة އިން ބާރުދެއެވެ. لا يُنْسَبُ لِسَاكَِتٍ قَولٍ وَلكِنّ السُكوت في مَعرض الحَاجة بيان "އަނގަމަޑުން ހުއްޓާ އޭނާއަށް އެއްވެސް ޤބޫލްއެއް ނިސްބަތެއްނުކުރެވޭނެއެވެ. ނަމަވެސް ބޭނުންޖެހޭ ހާލަތެއްގައިހަނުހުރުމަކީ ބަޔާންކުރުމެކެވެ".
2. ޒަމާނީ ވަޞީލަތްތައް ބޭނުންކޮއްގެން ކުރާ عقد.
މިދުވަސް ވަރަކީ ޒަމާނީ ތަފާތު ވަސީލަތްތައް ބޭނުން ކޮއްގެން މުދަލާ ގުޅުންހުރި ތަފާތު މުޢާމަލާތް ތަކާއި ޢަޤްދުތައް ކުރެވޭ ދުވަސް ވަރެކެވެ. އެގޮތުން ފޯންކުރުމާއި ޓެލެކުހާއި ފެކުހާއި މެސެޖް ކުރުމާއި އީމެއިލް ކުރުންފަދަ ކަންތައްތައް ހިމެނެއެވެ. މި ޒަމާނުގައި ބޭނުންކުރެވޭ ވަޞީލަތްތައް ބޭނުންކޮށްގެން ކުރާއަޤުދުތައް ސައްހަވާނެއެވެ. ޒަމާނީ ވަސީލަތްތައް ބޭނުންކޮއްގެން ޢަޤްދުކުރަނީ ދެމީހުން ދުރުދެތަނުގައި ތިބެގެން ނެވެ. އެހެން ކަމުން ޤަބޫލުކުރާ ފަރާތުން ޤަބޫލުކުރުމުން ޢަޤްދު ފުރިހަމަވީއެވެ. އީޖާބު ހުށައެޅިފަރާތަށް ޤަބޫލުކުރިކަން ކޮންމެހެން އެގުން އެއީ ޝަރުޠެއްނޫނެވެ. މިސާލަކަށް މީހަކު ފޯނުން މިވެނި ކާރެއް މިވެނި އަގެއްގައި ވިއްކައިފީމޭ ބުނުމުން އަނެއްފަރާތުން ޤަބޫލުކޮއްފީމޭ ބުނިތަނާ ފޯނުކެނޑުނު ނަމަވެސް ޢަޤްދުފުރިހަމަވާނެއެވެ.

ޢަޤްދުކުރާމީހާއަށް ޢަޤްދުގައިދެމިހުރުމާއި ނުވަތަ އެޢަޤްދުން ރުޖޫޢަވުމުގެ އިޚްތިޔާރު އަންނަނިވި ހާލަތްތަކުގައި  ލިބިގެންވެއެވެ.
1. خيار المجلس: އަކީ ޢަޤުދުގެ މަޖިލީހުގައި ޢަޤުދުކުރާ ދެމީހުންނަށްވެސް އެޢަޤުދު އުވާލުމާއި ނުވަތަ ކުރިއަށްގެންދިޔުމާއި، މިދެގޮތުންކުރެ ގޮތެއް އިޚްތިޔާރުކުރުމުގެ ބާރުލިބިފައިވެއެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "البيعان بالخيار مالم يتفرقا " (متفق عليه)  މާނައަކީ " ގަތްމީހާއާއި ވިއްކާމީހާއާއި ދެމީހުން ވަކިވެއްޖައުމަށް ދާންދެން އެދެމީހުންނަށް އިޚްތިޔާރު ލިބިގެންވެއެވެ."
2. خيار الشرط: އަކީ ޢަޤުދުކުރާ ދެމީހުން ނުވަތަ އޭގެން އެކަކު ވަކި މުއްދަތެއްގެތެރޭގައި ޢަޤްދު އުވާލުމުގެ އިޚްތިޔާރު ލިބިގެންވާކަމަށް ޝަރުތުކުރުމެވެ. ބޭނުންނަމަ ޢަޤްދު ތަންފީޛުކުރާގޮތަށެވެ. ނުވަތަ ޢަޤްދު އުވާލާގޮތަށެވެ. خيار الشرط އަށް ކަނޑައަޅައިފައިވާ މުއްދަތު ނިމުމުން މި ޙައްޤު ނިމިގެންދާނެއެވެ.
3. خيار العيب : އަކީ عيبއެއް ހުރި އެއްޗެއް އެކަން ބަޔާންކޮއްދިނުމަކާއިނުލާ އެހެން މީހަކަށް ވިއްކުމުން، އެގަތްމީހާއަށް ލިބިގެންވާ އިޚްތިޔާރެކެވެ. މިގޮތަށް އޮޅުވާލައިގެން ޢައިބުހުރި ތަކެތި ވިއްކުމަކީ ޙަރާމްކަމެކެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. " المسلم أخو المسلم لا يحل لمسلم باع من أخيه بيعا فيه عيب إلا بينه له" (رواه ابن ماجه) " ކޮންމެ މުސްލިމަކީ އަނެއް މުސްލިމު މީހާގެ އަޚެކެވެ. މުސްލިމަކު އޭނާގެ އަނެއް މުސްލިމު އަޚާއަށް އެއްޗެއް ވިއްކާއިރު އޭގާއި ޢައިބެއް ވާނަމަ އެޢައިބު ހުރިކަން ފާޅުކޮށް ބަޔާންކޮށް ނުދީ އެ ވިއްކުން ހުއްދަ ނުވާހުއްޓެވެ."

حرام ވިޔަފާރިތައް : ވިޔަފާރި ޙަރާމްވާ ސަބަބުތައް 5ކެވެ.
1. غرر އާއި جهالة ގެ ސަބަބުން
2. ރިބާގެ ސަބަބުން
3. ގެއްލުމައި އޮޅުވާލުމުގެ ސަބަބުން
4. ވިއްކާލެވޭ އެތީގެ ސަބަބުން
5. ވިއްކާލެވޭ އެތީގެ މައްސަލައެއްނަތަސް ، ކޮންމެވެސް އެހެން ސަބަބަކާއި ހެދި ޙަރާމްވުން
މިގޮތުން ބައެއްކަހަލަ ވިޔަފާރިތައް ޙަރާމްކަމަށް رسول الله صلى الله عليه وسلمބަޔާންކުރަށްވާފައިވަނީ އެކަންކަމުގައި އޮޅުވާލުމާއި މީސްތަކުންގެ މުދާތައް باطلގޮތުގައި ކެއުމާއި، މަކަރުހެދުމާއި، މިކަހަލަ މީސްތަކުންގެ މެދުގައި ދެކޮޅުވެރިކަންއުފެދޭ ކަންތައް ހިމެނިގެންވާތީއެވެ. حرامވިޔަފާރިތަކުގެތެރޭގައި އަންނަނިވި ވިޔަފާރިތައް ހިމެނެއެވެ.
1. ގަތްއެތި ތިމާގެ ބާރުގެ ދަށަށް އައުމުގެކުރިން ވިއްކުން: رسول الله صلى الله عليه وسلمޙަދީޘްކުރެއްވިއެވެ. "  من ابتاع طعاما فلا يبعه حتى يقبضه " (متفق عليه)  މާނައަކީ " ކާއެއްޗެއް ގަނެފިމީހާ، އެމީހާގެ އަތަށް އެއްޗެއް ލިބުމުގެކުރިން ނުވިއްކާށެވެ." عبد الله بن عباس ވިދާޅުވަނީ ކާބޯތަކެތީގެ މައްޗަށް އެހެން ހުރިހާ އެއްޗެއް ވިއްކާއިރުވެސް ޤިޔާސްކުރެވިދާނެއެވެ. މީގެ މުރާދަކީ އަގެއްހުރި އެއްވެސް އެއްޗެއް ގަނެފައި، އެ އެތި ގަތްމީހާގެ ފުރިހަމަ ބާރުގެދަށަށް އައުމުގެކުރިން ވިއްކުމަކީ ޙަރާމްކަމެކެވެ. މިޒަމާނަށް ބަލާއިރު މީހުން ވަރަށް ގިނައިން އިންޓަނެޓްމެދުވެރިކޮށް ވިޔަފާރިކޮށްއުޅެއެވެ. އަދި ބައެއް ފަރާތްތަކުން އޮންލައިންކޮށް ގަންނަތަކެތި، އެ ގަންނަފަރާތުގެ އަތަށް ލިބުމުގެކުރިން އެހެންމީހަކަށް ވިއްކާލައެވެ. މިއީ އެއްގޮތަކަށްވެސް ހުއްދަކަމެއް ނޫނެވެ. ނަމަވެސް އަތަށް ލިބުމަށްފަހު ވިއްކުމަކީ ހުއްދަކަމެކެވެ.
2. އެއްމުސްލިމަކު އޭނާގެ އަޚާގެ ވިޔަފާރީގެ މައްޗަށް ވިޔަފާރިކުރުން: رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "لا يبع بعضكم على بيع بعض " (متفق عليه) މާނައަކީ " ތިޔަބައިމީހުން އެއްބަޔެއްގެވިޔަފާރީގެ މައްޗަށް ވިޔަފާރިނުކުރާށެވެ." މިއީ މިޒަމާނަށްބަލާއިރު ވަރަށް ގިނައިން ކޮއްއުޅޭކަމެކެވެ. ގޯތިގެދޮރު ވިއްކާލަން ހުރިހާ އެއްބަސްވުމެއް ނިމޭތަނާވެސް އެހެންމީހަކު އެ އަގަށްވުރެ ބޮޑު އަގެއް ހުށައަޅައިގެން ކުރިން އެއްބަސްވެފައިވާ މީހާއަށް ނުވިއްކާތަން އެބައާދެއެވެ. ޙަޤީގަތަކީ މިކަމަކީ މުސްލިމުންގެ، އެއްބަޔަކު އަނެއްބައެއްގެ މެދުގައި ދެކޮޅުވެރިކަން އުފެދޭނެކަމެކެވެ. ނަމަވެސް އިސްވެ ބަޔާންކުރެވިފައިވާ ފަދައިން ވަކިމުއްދަތަކަށް ވިސްނާލުމަށްޓަކައި خيار الشرط ގެ ބޭނުން ދެފަރާތަކަށްވެސް ލިބިގެންވެއެވެ.
3. بيع النجش: މީއީ ވިޔަފަރީގެ އަގުބޮޑުކުރުމުގެ ބޭނުމުގައި ވިއްކަންހުންނަ ތަކެތީގެ އަގުބޮޑުކޮށްގެން ކިޔުމެވެ. މި މީހާއެކަންކުރަނީ ގަތުމުގެ ބޭނުމުގައެއްނޫނެވެ. ނަމަވެސް މިއީ ގަންނަން އަންނަ މީހުންނަށް އޮޅުވާލުމަށް ކުރެވޭކަމެކެވެ. ابن عمر رضي الله عنه ގެ އަރިހުން ރިވާވެފައިވެއެވެ. "نهى النبي صلى الله عليه وسلم عن النجش " (رواه البخارى)  މާނައަކީ " رسول الله صلي الله عليه وسلم ނަޖަޝްގެ ވިޔަފާރި މަނާކުރެއްވިއެވެ.
4. ޙަރާމްތަކެއްޗާއި ނަޖިސްތަކެތި ވިއްކުން. ޙަރާމްތަކެތި އަދި ނަޖިސްތަކެތި ވިއްކުން މުސްލިމަކަށް ހުއްދަވެގެންއެއް ނުވެއެވެ. އަދި ޙަރާމްކަމަކަށް މަގުފަހިވާއެޗެއްވިއްކުންވެސް ހުއްދަވެދެން ނުވެއެވެ. އެހެންކަމުން ރާވިއްކުމާއި، އޫރުވިއްކުމާއި، މުޅަތަކެތިވިއްކުމާއި، ސޫރަވިއްކުމާއި، ބުދުވިއްކުން ހުއްދަވެގެންނުވެއެވެ. بخارىގައިވާ ހަދީޘެއްގެ މާނައިގައިވެއެވެ.  "ހަމަކަށަވަރުން رسول الله صلى الله عليه وسلم ރަލާއި، މަރުވެފައިވާތަކެތި، އޫރު އަދި ބުދުގެ ވިޔަފާރި ޙަރާމްކުރެއްވިއެވެ." އަދި އެހެން ހަދީޘެއްގެ މާނައިގައިވެއެވެ. " ތިމަންކަލޭގެފާނުގެ އުއްމަތުގެތެރެއިން ބަޔަކު މީހުންވާނެއެވެ. އެބައިމީހުން ޒިނޭކުރުންއަދި ފަށުވިފޭރާންލުން (ފިރިހެނުންނަށް) އަދި ބަނގުރާ އަދި މިއުޒިކު ސާމާނު ޙަލާލުކުރާނެއެވެ." މިޒަމާނަށް ބަލާއިރު ބައެއްމީހުންގެ މުޅިދިރިއުޅުން ބިނާވެފައިވަނީ މިއުޒިކްކުޅޭ ސާމާނު ވިއްކައިގެން ލިބޭ ފައިސާއަށެވެ. ނަމަވެސް ވިސްނާލަންޖެހޭ ކަމަކީ ﷲ ޙަރާމްކުރެއްވި ކަމެއްކުރުމަށްޓަކައި ބޭނުންކުރާއެއްޗެއް ވިއްކުމަކީ ހުއްދަކަމެއްކަމަށް ވާނެބާއެވެ؟ ހަމަޔަގީނުންވެސް ނުވާނެއެވެ. އެވިއްކާމީހާ އެނުކުޅޭކަމުގައިވިޔަސް އޭނާއަށް އެ އެހީތެރިވެދެވެނީ ﷲ ޙަރާމްކުރެއްވި ކަމެއްކުރުމަށެވެ. މުއުމިނުންވާންޖެހޭނީ މުންކަރާތްތަށް މަނާކުރުމަށް އެހީތެރިވާ ބަޔަކަށެވެ. އަދި މިއުޒިކްކުޅޭ ސާމާނު ނޫނަސް ކާފަރުންގެ އެކިއެކި ޝިއާރުތަށް ފާޅުކޮއްދޭ ލޭބަލްތަކާއި އެކަހަލަ އެއްޗެތި ޖަހާފައިހުންނަ ހެދުމާއި ގަހަނާއާއި އަދި މިނޫނަސް އެކަހަލަތަކެތި ވިއްކުމަކީ ކޮންކަހަލަކަމެއްތޯ މުސްލިމެއްގެ ހައިސިއްޔަތުން ވިސްނާލަންޖެހެއެއެވެ. މުސްލިމުން ވިޔަފާރިކުރުމުގައި ބަލަންޖެހޭނީ ގަންނަމީހުންގެ ޑިމާންޑް އޮންނަ ތަކެއްޗަށް އެކަޏެއްނޫނެވެ. އަދި ކިއެއްތަ ﷲ ކަނޑައަޅުއްވާފައިވާ އިމުން ބޭރުނުވޭތޯ އަބަދުވެސް ބަލަންޖެހޭނެއެވެ. މިޒަމާނަށް ބަލާއިރު ގިނަވިޔަފާރިތައް ކުރެވޭތަން ފެންނަނީ ހަލާލެއް ހަރާމެއް ބެލުމެއްނެތިއެވެ.
رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. " لعن الله الخمر، وشاربها ، وساقيها ، وبائعها ، ومبتاعها ، وعاصرها ، ومعتصرها ، وحاملها ، والمحمولة إليه ، وآكل ثمنها " ( رواه أبو داود ) މާނައީ މާތް ﷲ ރަލުގައި ލަޢުނަތްލެއްވިއެވެ: އަދި އެ ބޯ މީހާއަށާއި، އެ ބޯންދޭ މީހާއަށާއި، އެ ވިއްކާ މީހާއަށާއި، އެ ގަންނަމީހާއަށާއި، އެ ހަދާ މީހާއަށާއި، އެމީހަކަށްޓަކައި އެ ހަދާދެވޭ މީހާއަށާއި، އެ އުފުލާމީހާ އަށާއި، އެމީހަކަށްޓަކައި އެ އުފުލެވޭމީހާއަށާއި އޭގެ އަގުން (ލިބޭ ފައިސާ) ބޭނުންކުރާ މީހާއަށެވެ." ނަމަވެސް މިޒަމާނަށް ބަލާއިރު މުސްލިމު ޤައުމުތަކުގައި ރާ، އޫރުމަސް ފަދަތަކެތި ވިއްކަންހުރެއެވެ. ބައެއް ޤައުމުގައި "ސަރވް" ކުރަންވެސް މުސްލިމުންތިބެއެވެ. އަދި ބައެއް މީހުން މި ތަކެތި ކާފަރުންނަށް ވިއްކުން ހުއްދަވާނެކަމަށް ދެކެއެވެ. ނަމަވެސް ﷲ ޙަރާމްކުރައްވާފައިވާ އެއްޗެއްގެ ވިޔަފާރިކުރުން ހުއްދަނުވާނެއެވެ.رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. " إن الله إذا حرم شيئا حرم ثمنه " (رواه مسلم) މާނައީ "ހަމަކަށަވަރުން ﷲ އެއްޗެއް ޙަރާމްކުރައްވައިފިނަމަ، އެއެއްޗެއްގެ އަގުވެސް ޙަރާމްވާނެއެވެ." އަދި އެއްވެސް ދަލީލެއް ޤުރުއާނުގައިވެސް އަދި ސުންނަތުގައިވެސް މިތަކެތި ކާފަރުންނަށް ވިއްކުން ހުއްދަވާނެކަމަށް އައިސްފައެއްނެތެވެ.
5.  ނޭންގުމެއް އޭގެތެރޭގައި ހިމެނިގެންވާ ވިޔަފާރިއެއް. މިގޮތުން ކަނޑުގައި އޮތް މަހެއް، ޖަނަވާރެއްގެ ބަނޑުގައި ހުރި ކިރު، މޭވާ ދޮންވެ ފައްކާވުމުގެކުރިން، އަދި ވިއްކާލެވޭއެތީގެ ޙަޤީޤަތް ބަޔާންކުރުމެއް ނެތި ނުވަތަ އޭގެ ވައްތަރާއި، މިންވަރު ބަޔާންކުރުމެއްނެތި ކުރާ ވިޔަފާރި ޞައްޙަނުވާނެއެވެ. " نَهَى رَسُولُ الَّله صَلَّى الله عليه وسلم أَن يُبَاعَ ثَمَرٌ حَتَّى يُطْعَمَ، أَوْصُوفٌ عَلَى ظَهْرٍ، أَوْلَبَنٌ فِى ضَرْعٍ، أَوْسَمْنٌ فِى لَبَنٍ " (رواه البيهقي ) މާނައީ: " މޭވާ ކެވޭވަރަށް ދޮންވެ ފައްކާވުމުގެ ކުރިންނާއި،ޖަނަވާރުގެ ބުރިކަށީގައި ހުންނަ ކެހެރި ކޮށުމުގެކުރިންނާއި، ކިރުވައްގަނޑުން ފެލުމުގެކުރިންނާއި، ކިރުން ގިތެޔޮ ވަކިކުރުމުގެކުރިން ގިތެލާއި، މިތަކެތި މިގޮތަށް ވިއްކުން، رسول الله صلى الله عليه وسلمނަހީކުރައްވާފައިވެއެވެ."
6. ގަނެވިއްކުމުގެ ދެ މުޢާމަލާތް އެއް މުޢާމަލާތެއްގެ ގޮތުގައިކުރުން. މިކަން ޙަރާމްކުރެވިފައިވަނީ، މިކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ހިމެނޭތީވެ، ތިމާގެ މުސްލިމް އަޚާއަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކޮށްދިނުމަށެވެ. އެއީ މިސާލަކަށް މިފޮތް ކަލެއަށް މިހާރު ގަންނަނަމަ 10 ރުފިޔާއަށް ވިއްކައިފީމޭ އަދި ފަހުން އަގުދޭނަމަ  20ރުފިޔާއަށޭ ބުނެ ޢަޤްދުކުރުމެވެ. މިހެން ބުނުމަކުން އެ ޢަޤްދުކުރީ މީގެތެރެއިން ކޮންކަމަކަށް ކަމެށް ނޭންގެއެވެ. ހުއްދަނުވަނީ އެހެންވެގެންނެވެ. އަބޫހުރައިރާގެ އަރިހުންރިވާވެގެންވެއެވެ." نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ بَيْعَتَيْنِ فِى بَيْعَةٍ " (رواه احمد) މާނައީ: " ގަނެވިއްކުމުގެ ދެމުޢާމަލާ، އެއް މުޢާމަލާއެއްގެގޮތުގައިކުރުން، رسول الله صلى الله عليه وسلمނަހީކުރެއްވިއެވެ."
7. ޢުރްބޫންގެގޮތުގައި ގަނެވިއްކުން. މިއީ މީހަކު މީހަކަށް އެއްޗެއް ވިއްކާހިނދު، އެ މުޢާމަލާ ފުރިހަމަނުކުރެވިއްޖެނަމަ،އެ އެއްޗެއް ގަތުމަށް ކުރިން ދައްކާފައިވާ(އެޑްވާންސް) ފައިސާގެ ވަކިމިންވަރެއް، ނުވަތަ އެ އެއްކޮށް ވިއްކާމީހާއަށް ދޭގޮތަށް ކުރާ ވިޔަފާރީގެ ޢަޤްދެވެ. އެމުޢާމަލާ ފުރިހަމަނުވެއްޖެނަމަ، ވިއްކިމީހާޔަށް ލިބުނުއެއްޗަކީ، ހަދިޔާއަކަށްބެލުމެވެ. އަދި އެމުޢާމަލާ ފުރިހަމަވެއްޖެނަމަ، ކުރިން ދައްކާފައި ހުރި ފައިސާއަކީ، ވިއްކިއެތީގެ އަގުގެ ބައެއްކަމަށްބެލުމެވެ. " نَهَى َسُولُ اللَّهِ صَلَّى اللَّهُ عَمَيْهِ وَسَلَّمَ عَنْ بَيْعِ الْعُرْبَانِ " (أبوداود وابن ماجه) މާނައީ: " ޢުރްބޫނުގެ ގޮތަށް ވިޔަފާރީގެ ޢަޤްދުކުރުން، رسول الله صلى الله عليه وسلم ނަހީކުރައްވާފައިވެއެވެ."
8. ދަރަނި ދަރަނީގެ ބަދަލުގައި ވިއްކާލުން. " نَهَى النَّبِىُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ بَيْعِ الْكَالِىءِ بِالْكَالِىءِ " (رواه الدارقطنى) މާނައީ: " ދަރަނި ދަރަންޏަށް ވިއްކުން، ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ ނަހީކުރައްވާފައިވެއެވެ."
9. بيع الحاضر للباد. މިއީ ވިޔަފާރިމުދާ ހިފައިގެން ބީރައްޓެއްސެއް އައުމުން އެޖެންޓަކަށްވެގެން އެމުދާ ވިއްކަދޭން އުޅުމެވެ. މިގޮތަށް ވިއްކާއިރު އެހަވާލުކުރާ މީހާ ވިއްކާނީ އަދި އެއަށްވުރެ އަގުބޮޑުކޮށެވެ. އެހެންކަމުން މިއީ ގަންނަ މީހުންގެ މަޞްލަޙަތު ވަރަށް ބޮޑަށް ގެއްލޭނެކަމެކެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ولا يبع حاضرٌ لّباد " (متفق عليه) މާނައަކީ "އަދި ބޭރު ރަށަކުން، ވިޔަފާރި މުދާ ހިފައިގެން އަންނަމީހަކު ހައްލައިގެން، ރަށުގެ ވިޔަފާރިވެރިޔަކު، އެހެން މީހުންނަށް ގެއްލުންވާގޮތަށް ވިޔަފާރިނުކުރާށެވެ!". މީ ރާއްޖެއަށް ބަލާއިރުވެސް ކަންހިނގަމުންދާގޮތެކެވެ. ރާއްޖެތެރޭގައި މީހުން ބުރަމަސައްކަތުން ހައްދައިގެން ގެންނަ ތަރުކާރީކޮޅު ވަރަށް ބޮޑަށް އަގުބޮޑުކޮއްގެން މާލެއިން އެކަމާ ހަވާލުވެގެން ހުންނަމީހުން ވިއްކަމުންގެންދެއެވެ. މިއީ ވަރަށް ދެރަކޮށްހިނގާކަމެކެވެ. މިގޮތައް އަގު މަތިކުރަމުންގޮސް ބޭރުންގެންނަ ތަރުކާރީ އާއި އެއް އަގެއްގައިވެސް ވިއްކާތަން އާދެއެވެ. އެހެންވެ، މުދާ ފީވާއިރުވެސް ނުވިކޭތަންއާދެއެވެ.
10. بيع تلقي الركبان. މިއީ ވިޔަފާރި މުދާ ހިފައިގެން އަންނަ މީހުންނާއި ރަށަށް އެރުމުގެ ކުރިން ބައްދަލުކޮއްގެން އެމީހުން ގެނައި މުދަލުގެ އަގު ބާޒާރުގައި ވަރަށް ދަށޭ ކިޔައިގެން ގަނެފައި، ރަށަށް އައިސް އަގުބޮޑުކޮށް ވިއްކުމެވެ. މިހާލަތުގައި އޮޅުވާލުމެއް އެބައޮތެވެ. އަދި ގެއްލުންވެސް އެބައޮތެވެ. އެހެންކަމުން މިއީ ޙަރާމްކަމެކެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. " لاَتَلَقَّوْا الرُّكْبَانَ " (متفق عليه) މާނައަކީ " މުދާހިފައިގެން އަންނަމީހުންނާ، ތިޔަބައިމީހުން މާދުރުން ބައްދަލުކޮށްނަހަދާށެވެ!"
11. يبع المصراة. މިއީ އަންހެން ގެރިއާއި، އަންހެން ބަކަރިއާއި، އަންހެން ޖަމަލު، ދެތިންދުވަސްވަންދެން ކިރުނުފެލާ ބަހައްޓާފައި އޭތި ވިއްކާލުމެވެ. އޭރުން އެގަންނަމީހާ ހީކުރާނީ ވަރަށް ގިނައިން ކިރުއަރާގެ އެއްޗެއްކަމަށެވެ. މިގޮތުގެމަތިން އޮޅުވާލައިގެން ވިއްކަނީއެވެ. މިއީ ހުއްދަކަމެއް ނޫނެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. " من ابتاع مصراة فهو فيها بالخيار ثلاثة أيام إن شاء أمسكها وإن شاء ردها ورد معها صاعا من تمر  " (رواه مسلم)  މާނައީ "ތިޔަބައިމީހުންގެ ތެރެއިން މީހަކުކިރުނުފެލާ ވިއްކުމަށް ބަހައްޓާފައިވާ ބަކަރިއެއް ގަނެފިނަމަ 3 ދުވަސްވަންދެން އޭނާއަށް އެބެހެއްޓުމާއި އެއަނބުރާ ދެއްކުމުގެ އިޚްތިޔާރު އެބައޮތެވެ. އޭނާ އެއަނބުރާ ދޭންބޭނުންނަމަ صاع އެއްގެ ކަދުރާއެކު ދޭށެވެ."
12. بيع الثنيّا. މިއީ ވަކިބައެއް ކަނޑަނައަޅައި، ބައެއް އިސްތިޘްނާ ކޮށްފައި ވިއްކުމެވެ. މިސާލަކަށް ދަނޑެއްވިއްކާއިރު ދެ ގަސްފިޔަވައި ދެންހުރި ހުރިހާގަހެއް ވިއްކުމެވެ. މި ގޮތައް ވިއްކުމުން އެއީ ކޮން ދެ ގަހެއްކަމެއްނޭނގެއެވެ. "نهي رسول الله صلي الله عليه وسلم عن بيع ثنيّا" (رواه الترمذي) މާނައީ  "ހަމަކަށަވަރުން رسول الله صلى الله عليه وسلم އިސްތިޘްނާގެ ވިޔަފާރި މަނާކުރެއްވިއެވެ."
13. بيع الإحتكار. އެއީ ފޮރުވާފައި ބެހެއްޓުމުން މީސްތަކުންނަށް ގެއްލުންވާފަދަ މުދާ ފޮރުވާފައިބަހައްޓައިގެން އަގުބޮޑުކޮށް ވިއްކުމެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "لايحتكر إلا خاطئ"(رواه مسلم) މާނައީ " ފާފަވެރިއެއް ނޫނިއްޔާ إحتكار އެއް ނުކުރާނެވެ." މިއީ ރާއްޖޭގައިވެސް އަދި ޚާއްސަކޮށް ރޯދަމަހު ވިޔަފާރިވެރިން ކޮއްއުޅޭކަމެކެވެ. މިގޮތުން ފިޔާ، އަލުވި، ބިސް މިގޮތައް އަގުބޮޑުކުރެއެވެ. މިއީرسول الله صلى الله عليه وسلم  ޙަރާމްކުރައްވާފައިވާ ކަމެކެވެ.
14. މިސްކިތުގައި ވިޔަފާރިކުރުން. އަބޫ ޙަނީފާ އަދި މާލިކް މިއީ ހުއްދަކަމެއްކަމަށް ދެކެލައްވާއިރު ޝާފިޢީ، މިއީ މަކްރޫހަކަމެއް ކަމަށް ދެކެލައްވައެވެ. رسول الله صلّي الله عليه وسلّم ޙަދީޘްކުރެއްވިއެވެ. " إذا رأيتم من يبيع أو يبتاع في المسجد، فقولوا لا أربح الله تجارتك " (رواه الترمذي) މާނައީ "ތިޔަބައިމީހުންނަށްމިސްކިތް ތެރޭގައި ވިއްކާމީހަކު ނުވަތަ ގަންނަ މީހަކު ފެނިއްޖެނަމަ ތިޔަބައިމީހުން ބުނާށެވެ. ކަލޭ ތިކުރާވިޔަފާރީގައި  ފައިދާ ނުލައްވާނެތެވެ."
15. ޖުވާގެ މުޢާމަލާ ހިމެނޭ ޢަޤްދުތައްކުރުން. އޭގެ މިސާލަކީ،ގިނަ އެއްޗެހިތަކެއް ހުރިތަނަކުން އެކަތި ގަންނަމީހާއާ ދިމާޔަށް އެއްލުމުން، ނުވަތަ ގަންނަމީހާ އެއިންއެއްޗެއްގައި އަތްޖައްސާލުމުން، ގަނެވިއްކުމުގެ ޢަޤްދު ފުރިހަމަވީކަމަށް ބެލުމެވެ. މިދެގޮތުންކުރެ ފުރަތަމަ ގޮތަށް ކިޔަނީ، بيع المنابذة އެވެ. ދެވަނަގޮތަށް ކިޔަނީ، بيع الملامسة އެވެ. ހަމައެފަދައިން ގާކޮޅެއް ނުވަތަ ހިލަކޮޅެއް އެއްލުމުން، އެގާކޮޅު ނުވަތަ ހިލަކޮޅު ޖެހުނު އެއްޗެއް ވިއްކުމަށް އެއްބަސް ވުންވެސް ނަހީކުރައްވާފައިވެއެވެ. "نهي رسول الله صلى الله عليه وسلم عن الملامسة والمنابذة" (متفق عليه)  މާނައީ "ހަމަކަށަވަރުން رسول الله صلى الله عليه وسلم،  ملامسة އާއި منابذة ގެ ވިޔަފާރި ކުރުން މަނާ ކުރެއްވިއެވެ." އަދިވެސް ޙަދީޘްކުރެއްވިއެވެ. "نهي رسول الله صلي الله عليه وسلم عن بيع الحصاة وعن بيع الغرر" (رواه مسلم)  މާނައީ "ހަމަކަށަވަރުން رسول الله صلى الله عليه وسلم حصاةގެ ވިޔަފާރިއާއި އަދި، ޣަރަރުގެ ވިޔަފާރި ނަހީ ކުރެއްވިއެވެ."
މިޒަމާނުގައި އިސްލާމީ ބައެއްޤައުމުތަކުގައި،އިސްވެ ބަޔާންވެދިޔަފަދަ ޖުވާގެ މުޢާމަލާހިމެނޭ ބައެއްކަހަލަ ޢަޤްދުތައް ކުރަމުންދެއެވެ. އޭގެ މިސާލަކީ، ގުދަނެއްގައި ގިނަ ބާވަތްތަކެއްގެ މުދާހުއްޓާ، އެއިން ކޮންމެ ބާވަތަކަށް ނަންބަރެއްދީފައި، އަނބުރާސަރަކައެއްފަދަ އެއްޗެއްގައި ،އެނަންބަރުތައް އޭތީގެ ވަށައިގެންޖަހާފައި، އޭތި އެނބުރެމުންގޮސް ހުއްޓޭ ނަންބަރެއް ޖަހާފައިވާ މުދާގަތުމަށް، މީހަކާއެކުއެއްބަސްވުމެވެ. މިއީ ޙަރާމް ޢަޤްދެއްކަން އިސްވެދިޔަ ޙަދީޘްއިން އެނގެއެވެ.
.16  ރިބާހިމެނޭ ވިޔަފާރިތައްކުރުން. ރިބާ ޙަރާމްކުރެވުނު ސަބަބުތަކުގެ ތެރޭގައި، ހިމެނޭ އެންމެ މުހިންމު އެއް ސަބަބަކީ އޭގައި އަނިޔާވަރިކަން ހިމެނި ޢަދުލުވެރިކަން ނެތިދިޔުމެވެ. އަދި މުޖްތަމަޢުގެ އެއްބައެއްގެ އަތުގައި ރައުސްމާލް ފުނިޖެހި، ދެން ތިބިމީހުން، އެމީހުންގެ ބާރުގެ ދަށަށްދާތީއެވެ. މިކަމުގެ ސަބަބުން މުޖްތަމަޢްގައި އޮންނަން ޖެހޭ އެއްބައިވަންތަ ކަމާއި، އެއް ބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ސިފަ ގެއްލި، ދަހިވެތި ކަމާއި ނަފްރަތު އިތުރުވާނެއެވެ. ރިބާ އަކީ، ގެއްލުންވުމާއި ފައިދާވުމުގެ ތަބީޢަތާއި ޚިލާފަށް އޮންނަ، މަސައްކަތެއް ނުކޮށް ފައިދާ ލިބޭނެކަން ޔަޤީން އެއްޗެކެވެ. އެހެންކަމުން ބެންކް އިންޓަރެސްޓު ހުއްދަނުވާނެއެވެ. ދެފަރާތުން ރުހިގެންނެގިޔަސް ރިބާ ހުއްދަނުވާނެއެވެ. އެހެނީ ރިބާ ޙަރާމްކަމަށް ﷲ އަންގަވާފައިވާތީއެވެ. ( الَّذِينَ يَأْكُلُونَ الرِّ‌بَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّ‌بَا ۗ وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّ‌مَ الرِّ‌بَا ۚ) މާނައީ " رِبا ކާމީހުން، ޖިންނި މޮޔަވެގެން، شيطان އާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، رِباކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީحرام ކުރައްވާފައެވެ."
ޣައިރު މުސްލިމުންގެ ވަރަށް ގިނަ އިޤްތިސާދީ މާހިރުން ވަނީ، ރިބާގެ ގެއްލުމާއި ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. މިގޮތުން 2009 ވަނަ އަހަރު ވެޓިކަންގެ ނޫހެއްގައި "އިސްލާމިކް ބޭންކިންގް ސިސްޓަމް"އަކަށް ޔޫރަޕް މިހާރު ބޭނުންވެފައިވާކަމަށް ބަޔާންކޮއްފައިވެއެވެ. އަދި މިހާރު ކާފަރުންގެ ވަރަށް ގިނަ ޤައުމުތަކުގައި އިސްލާމީ ބެންކުތައްވަނީ ހުޅުވިފައެވެ. އޭގެ ސިއްރަކީ އިސްލާމީ ބޭންކްތަކުންވާ ފައިދާ ބޮޑުވުމެވެ.
ބައިޢުގެ ތަޢުރީފާއި އޭގެ ޙުކުމް
بيعއަކީ ނުވަތަ (ވިޔަފާރި) ދެމީހުންގެ ރުހުމާއެކު މިލްކުވާގޮތަށް އެއްމުދާ އަނެއްމުދަލަށް ބަދަލުކުރުމެވެ. މިތަޢުރީފުން ރިބާ އިސްތިޘްނާވެގެންވެއެވެ. އެހެނީ ރިބާއަކީ ހަރާމްއެއްޗެއްކަމަށް މާތްﷲ އަންގަވާފައިވާތީއެވެ. އަދި ރިބާއާއި بيع ވަނީފަރަގުކުރައްވާފައެވެ. އެހެންކަމުން ރިބާގައި އެކަތިއަނެކައްޗާ ބަދަލުކުރުން ހިމެނިގެންވީކަމުގައިވިއަސް އެއަށް ވިޔަފާރިއެކޭނުކިޔޭނެއެވެ.
ވިޔަފާރިއަކީ ހުއްދަކަމެއްކަމަށް ޤުރުއާންއާއި ސުންނަތް އަދި އިޖްމާޢިންވެސް ދަލީލުލިބެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.  (وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّ‌مَ الرِّ‌بَا) މާނައީ: "(ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرامކުރައްވާފައެވެ."
ސުންނަތަށްބަލާއިރު ރަސޫލާގެ ޢަމަލުފުޅުންވެސް ވިޔަފާރިއަކީ ހުއްދަކަމެއްކަމަށް ދަލީލުލިބެއެވެ. އެހެނީ އެކަލޭގެފާނުވެސް މީހުންގެއަތުން އެއްޗެތި ބައްލަވައިގަންނަވައި އުޅުއްވިއެވެ. ރަސޫލާ صلى الله عليه وسلمޙަދީޘްކުރައްވާފައިވެއެވެ.  "البَيِّعَانِ بِالخَيَارِ مَالم يَتَفَرَّقَا فَإن صَدَقَا وَبَيَّنَا بُورِكَ لَهُمَا فِى بَيعِهِمَا وَإن كَذَبَا وَكَتَمَا مُحِقَت بَرَكَة بَيعِهِمَا " (رواه البخارى) މާނައީ: " ގަންނަމީހާއާއި ވިއްކާމީހާ ވަކިނުވާހާ ހިނދަކު އެދެމީހުންނަކީ އިޚްތިޔާރުލިބިގެންވާ ދެމީހުންނެވެ. ގަންނަމީހާއާއި ވިއްކާމީހާ ތެދުބުނެ ވިއްކާއެތީގެ އެއްވެސްކަމެއް ނުފޮރުވާ ރަނގަޅަށް ބަޔާންކޮށްފިނަމަ އެދެމީހުންގެ ވިޔަފާރީގައި ބަރަކާތްލައްވާ ހުއްޓެވެ. އަދި ޢައިބުތައްފޮރުވާ އެކަކު އަނެކަކަށް ދޮގުހަދައިފިނަމަ އޭގެ ބަރަކާތްތެރިކަން ކެނޑިގެންދާ ހުއްޓެވެ." މިހަދީޘްގައި ރަސޫލާ صلى الله عليه وسلم ދެފަރާތައް އިޚްތިޔާރުލިބިގެންވާކަން ބަޔާންކޮށްދިނުމުން ދޭހަކޮށްދެނީ ވިޔަފާރިއަކީ ހުއްދަކަމެއްކަމެވެ.
سئل الرسول الله صلى الله عليه وسلم "اى الكسب أطيب ؟ قال عمل المرء بيده وكل بيع مبرور" ( رواه أحمد )މާނައީ: "ފައިސާ ހޯދުމަށް އޮތް އެންމެ ރަގަޅު ޙަލާލު ހުއްދަ މަސައްކަތަކީ ކޮބައިތޯ ކީރިތި ރަސޫލާއަށް ދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ، އިންސާނާ އަމިއްލަޔަށް މަސައްކަތްކޮށްގެން ލިބޭއެއްޗަކާއި، ތެދުވެރިކަމާއެކު ގަނެވިއްކައިގެން ލިބޭ އެއްޗެކެވެ."
އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. "إنما البيع عن تراض" (رواه البخارى)، މާނައަކީ "ވިޔަފާރި ވިޔަފާރިއަކަށްވަނީ ދެފަރާތުގެ ރުހުމާއެކުގައެވެ." މިހަދީޘްއިން ދޭހަވާގޮތުގައި ވިޔަފާރި ހުއްދަވާނީ ދެފަރާތުގެ ރުހުމާއިއެކުގައިއެވެ. މާތްﷲ ބާޠިލްގޮތުގައި މީހުންގެ މުދާތަށް ކެއުންނަހީކުރައްވާ، ދެފަރާތުގެރުހުމާއިއެކު ވިޔަފާރިކުރުމަކީ ހުއްދަކަމެއްކަން ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَ‌ةً عَن تَرَ‌اضٍ مِّنكُمْ﴾ މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުންމެނުވީއެވެ."
މުދަލުގެ އަސްލު ވެރިފަރާތަކީ މާތްﷲއެވެ. ނަމަވެސް މިދުނިޔެމަތީގައި މުދާމިލްކުރުމުގެ ޙައްޤު ވަނީ މާތްﷲ އިންސާނުންނަށް ދެއްވާފައެވެ. މުދާރައްކާތެރިކުރުމަކީ ވާޖިބްކަމެއްކަން އަންގަވާ، އަދި މުދާހަލާކުކުރުމަކީ ކުށެއްކަމެއްކަން އަންގަވާ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. " إن الله حرم عليكم عقوق الأمهات ، ووأد البنات ، ومنعا وهات ، وكره لكم ثلاثا قيل وقال، وكثرة السؤال وإضاعة المال " (رواه البخارى ومسلم) މާނައަކީ " މައިންނަށް އުރެދުމާއި އަންހެންދަރީން ދިރިތިއްބާވަޅުލުމާއި ޙައްޤުތަށް އަދާނުކުރުމާއި ޙައްޤުނޫންކަންކަމަށް އެދުން ހަމަކަށަވަރުން މާތްﷲ ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރެއްވެވިއެވެ. އަދި ބުންޏޭ ބުންޏޭ ކިޔައިގެން ވާހަކަދެއްކުމާއި (ފައިދާއެއްނެތް) ސުވާލުގިނަކުރުމާއި މުދާނަގާލުމަކީ އެކަލާނގެ ތިޔަބައިމީހުންނަށް ނުރުއްސަވާކަމެކެވެ.
ނަމަވެސް މުދާ މިލްކުކުރުމުގައި އަނެކާގެ މުދަލަކަށް އަރައިގެންވެސް ނުވާނެއެވެ. މީހުންގެ މުދަލަށް އަރައިގަންނަ މީހުންނަށް ހުރި ޢުޤޫބާތް އަންގަވާ މާތްﷲ ވަޙީކުރެއްވިއެވެ. ﴿ وَالسَّارِ‌قُ وَالسَّارِ‌قَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّـهِ ﴾ މާނައީ " ވައްކަންކުރާފިރިހެނާ އާއި ވައްކަންކުރާ އަންހެނާއާއި ދެމީހުންގެ އަތްތައް، ފަހެ، ތިޔަބައިމީހުން ބުރިކުރާށެވެ! އެއީ އެދެމީހުން ކުޅަ ކުށަށް ޖަޒާއެއްގެ ގޮތުން މާތްﷲ ގެ ހަޟްރަތުން ކަނޑައަޅުއްވާފައިވާ ޢުޤޫބާތެއްގެ ގޮތުގައެވެ." އަދި ވިޔަފާރީގައި ރުހުން ބޭނުންނުވާ ކަމުގައިވާނަމަ މީސްތަކުންގެ މެދުގައި ދެކޮޅުވެރިކަންއުފެދިގެން ދާނެކަންކަށަވަރެވެ. މިސަބަބަށްޓަކައި ﷲވަނީ ރުޙުމާއި ނުލާ ވިޔަފާރިކުރުން ނަހީކުރައްވާފައެވެ.  ﴿ إِلَّا أَن تَكُونَ تِجَارَ‌ةً عَن تَرَ‌اضٍ مِّنكُمْ ﴾ މާނައީ "އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ." ނަމަވެސް ޙައްޤު ގޮތުގައި މީހެއްގެ އަތުން ގަދަކަމުން އަތުލުން ހުއްދަވެގެންވެއެވެ. އެއީ މިސާލަކަށް: މަގުބޮޑުކުރުމަށްޓަކައި ގެ ވިއްކާލަށް މަޖްބޫރުކުރުމެވެ.
ވިޔަފާރި ޝަރުޢު ކުރެއްވުމުގެ ޙިކުމަތް
ﷲ އިންސާނުން ހައްދަވާ މިދުނިޔެމަތީގައި ލައްވަވާފައިވަނީ އެކަކު އަނެކަކަށް ބޭނުންޖެހޭގޮތުގައެވެ. އެއްވެސް އިންސާނަކީ އޭނާ އަމިއްލައަށް، އޭނާ ބޭނުން ހުރިހާކަމެއް ކުރެވޭނެ މީހެއްނޫނެވެ. ވީއިރު ވިޔަފާރި ހުއްދަކުރެއްވުމުގެ ޙިކުމަތަކީ އިންސާނާއަށް އޭނާގެ އަޚާގެ ކިބައިން އޭނާގެ ބޭނުންތަށް ފުއްދުމުގެ މަގުފަހިކޮއްދިނުމެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން ހައްދަވާ ދުނިޔޭގައި ލައްވަވާ، އުޅެންވީގޮތް ވަނީ އަންގަވާފައެވެ. ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް ޢަމަލްތައް ބަހައްޓަންވީގޮތް ޝަރީޢަތުގައި ބަޔާންވެގެންވެއެވެ. މިގޮތުން ވިޔަފާރީގައި ރައްކާތެރިވާންޖެހޭ އަދަބުތައްވެސްވަނީ ބަޔާންކުރައްވާފައެވެ. އޭގެތެރޭގައި އަންނަނިވި އަދަބުތައްލިމެނެއެވެ.
1. ވިޔަފާރީގެ މުޢާމަލާތުގައި ދަރަނިދޫކުރާއިރު ލިޔުން އަދި ހެކިން ބޭތިއްބުން:  މާތްﷲ ވަޙީކުރެއްވިއެވެ.   ﴿ يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنتُم بِدَيْنٍ إِلَىٰ أَجَلٍ مُّسَمًّى فَاكْتُبُوهُ ۚ وَلْيَكْتُب بَّيْنَكُمْ كَاتِبٌ بِالْعَدْلِ﴾ މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަނޑައެޅި އެނގިގެންވާ مدة އަކަށް، ތިޔަބައިމީހުން ދަރަންޏެއްގެمعاملة އެއް ކޮށްފިނަމަ، ފަހެ، އެދަރެންޏެއް ތިޔަބައިމީހުން ލިޔާށެވެ! އަދި، (މިފަދަކަންކަމުގައި) ތިޔަބައިމީހުންގެފިރިހެނުންގެ ތެރެއިން ދެހެކީން ތިޔަބައިމީހުން ހެކިކުރާށެވެ!" މިއާޔަތުގައި ހެކިން ބައިތިއްބުމަށް އައިސްފައިވާ ބަސްފުޅަކީ މަންދޫބް އަމުރުފުޅެކެވެ. ވާޖިބެއް ނޫނެވެ. އެއީ މަސްލަހަތަށްޓަކައި ދެވިފައިވާ އިރުޝާދެކެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ދެކެލައްވާ ގޮތުގައި ހެކިވެރިން ބޭތިއްބުމަކީ ވާޖިބެކެވެ.
2. މިނެކިރުމުގައި އިންސާފުން ކަންތައްކުރުން:  މާތްﷲ ވަޙީކުރެއްވިއެވެ. ﴿ وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ  ﴾ މާނައީ: " އަދި ތިޔަބައިމީހުން، މިނުމާއި، ކިރުން إنصاف ވެރި ގޮތުން ފުރިހަމަ ކުރާށެވެ! " އަދިވެސް ވަޙީކުރެއްވިއެވެ. ﴿ وَيْلٌ لِّلْمُطَفِّفِينَ ﴾ މާނައީ: "މިނެކިރުމުގައި އުނިކުރާމީހުންނަށް،ގެއްލުމާއި ހަލާކުހުއްޓެވެ."
3. ވިޔަފާރީގެ މުޢާމަލާތުގައި ދޫދިނުމާއި އުދަގޫނުކުރުން: رسول الله صلى الله عليه وسلمޙަދީޘްކުރެއްވިއެވެ. "رحمي الله رجلا سمحا إذاباع وإذا اشتري وإذا إقتضي" (رواه البخارى) މާނައަކީ"ވިއްކާއިރުއާއި ގަންނައިރުއާއި އަދި ދަރަނި އަދާކުރުމަށް އެދޭއިރު އޯގާތެރިކަން ގެންގުޅޭ މީހާއަށް  رحمةލައްވާނެއެވެ."
4. ވިޔަފާރީގައި ހުވާކުރުމުން ދުރުވުން: އެއީ ތެދު ހުވާކަމުގައިވިޔަސް މެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅަށް މާތްކޮށް ހިތަންވާނެއެވެ. އެހެންކަމުން މުދާ ވިއްކުމަށްޓަކައި ﷲގެ އިސްމުފުޅު ދޮގުހުވާގައި ބޭނުންކުރުން ހުއްދަނުވާނެއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "الحلف منفعة للسلعة وممحقة للبركة"(رواه البخارى) މާނައީ: "ހުވާކުރުމަކީ މުދަލަށް ފައިދާހުރި ކަމެކެވެ. އެކަމަކުޙަޤީގަތުގައި އެއީ މުދަލުން ބަރަކާތް ގެއްލޭ ކަމެކެވެ."
5.  ވިޔަފާރީގެ މުޢާމަލާތުގައި ތެދުވެރިވުން: رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "....فإن صدقا وبينا بورك لهما في بيعهما، وإن كتما وكذبا محقت بركة بيعهما "(رواه البخارى)، މާނައީ ".... ފަހެއެދެމީހުން ވިޔަފާރީގައި ތެދުވެރިވެ، ޙަޤީޤަތް އޮޅުންފިލުވައިދީފިނަމަ، އެވިޔަފާރީގައި އެދެމީހުންނަށް މާތް ބަރަކާތްލައްވައެވެ. އަދި، އެދެމީހުން މަކަރުހަދާ އޮޅުވާލާ ދޮގުހަދައިފިނަމަ އެ ވިޔަފާރީގެ ބަރަކާތްގެއްލިގެންދެއެވެ."
6. ގިނަގިނައިން ޞަދަޤާތް ކުރުން: رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ."مانقصت صدقة من مال" (رواه مسلم) މާނައީ "ޞަދާޤާތަކީ މުދާ މަދުކުރާ އެއްޗެއްނޫނެވެ."
7. ވިޔަފާރި ކުރާ މީހަކު ވިޔަފާރީގެ ޙުކުމްތައް ދެނެގަތުން: فقد روى أن عمر رضى الله عنه كان يطوف بالسوق ويضرب بعض التجار بدرة ويقول لابيع فى سوقنا إلا من يفقهه وإلا أكل الربا شاء أم أبى(رواه الترمذي) މާނައީ: ޢުމަރުގެފާނު، ބާޒާރުމަތީގައި އަސާކޮޅުހިއްޕަވައިގެން ބައެއް ވިޔަފާރިވެރިންގެ ގައިގައި ޖައްސަވަމުން އަހަރެމެންގެ ބާޒާރުގައި ވިޔާފާރީގެ ފިޤުހު ނުދަންނަ މީހަކު ވިޔަފާރި ކޮށްގެންނުވާނެއޭ، އެހެންނޫނީ އޭނާގެ ރުހުމުގައިވެސް ނުވަތަ ނުރުހުމުގައިވެސް ރިބާނެއޭ ވިދާޅުވާކަމަށް ވެއެވެ.
މުސްލިމުންގެ ތެރެއިން ވިޔަފާރި ފަދަ މުޢާމަލާތްތައް ކުރާ ގިނަ ބަޔަކު މުޢާމަލާތްތައް ކުރުމުގައި އިސްލާމްދީން ކަޑައަޅާފައިވާ މިންގަނޑުތައް ދެނެގަތުމަށް އިހުމާލުވެއެވެ. އަދި ޙަލާލު ރިޒުޤުހޯދުމަށްވުރެ ބޮޑަށް ކޮންމެ ފަދަ ގޮތަކަށް ވިޔަސް ގިނަ ފައިދާއާއި މުދާ ހޯދުމުގެ ދަހިވެތިކަން އުފެދިފައިވެއެވެ. މިގޮތުން ޙަރާމްތަކެތި ކެއުމީ އެބައިމީހުންނަށް މައްސަލައަކަށް ނުވެއެވެ. މިއީ ވަރަށް ނުރައްކާތެރިކަމެކެވެ. ކޮންމެ މުސްލިމަކުވެސް އެމީހަކު ކުރާކަމެއް ދީނުގެ މިންގަނޑުގެތެރޭ ކުރުމަށްޓަކައި އެކަމެއްގެ ޢިލްމުލިބިގަތުން ފަރުޟުވެގެންވެއެވެ.
8.  ރިޒުޤު ހޯދުމުގައި ހެދުނު ހެދުނާއި މަސައްކަތްކުރުން: رسول الله صلى الله عليه وسلمޙަދީޘްކުރެއްވިއެވެ. "اللهم بارك لأمتي في بكورها" (رواه الترمذي) މާނައީ: "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ!ތިމަންކަލޭގެފާނުގެ އުއްމަތުގައި ހެނދުނުކޮޅުގައި ބަރަކާތް ލައްވާންދޭވެ!
9. ވިޔަފާރިކުރާއިރު ޝުބުހާ ތަކުން ދުރުވުން: نعمان بن بشير رضي الله عنهما ގެ އަރިހުންރިވާވެފައިވެއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. " ‏الحلال بين والحرام بين وبينهما مشتبهات لا يعلمها كثير من الناس فمن اتقى ‏الشبهات ‏استبرأ ‏لدينه وعرضه ومن وقع في ‏الشبهات ‏وقع في الحرام كالراعي حول ‏الحمى ‏يوشك أن ‏يرتع ‏فيه ألا وإن لكل ملك ‏حمى ‏ألا وإن حمى الله محارمه ألا وإن في الجسد ‏مضغة ‏إذا صلحت صلح الجسد كله وإذا فسدت فسد الجسد كله ألا وهي القلب "(رواه احمد) މާނައީ: "ޙަލާލުކަންތައްތައްވަނީ ބަޔާންވެގެންނެވެ. އަދި ޙަރާމް ކަންތައްތައްވެސްވަނީ ބަޔާންވެގެންނެވެ. އެދެމެދުގައި شبهةކަންތައްތަކެއްވެއެވެ. މީސްތަކުންގެ ތެރެއިން ގިނަބަޔަކަށް އެކަންތައްތަކެއް ނޭނގެއެވެ. ފަހެ شبهة ކަންތައްތަކުންދުރުވެއްޖެމީހާ އޭނަގެ ދީނަށާއި އޭނަގެ އަބުރަށް ރައްކާތެރިވެއްޖެއެވެ. شبهة އަށް އަރައިގެންފިމީހާ ޙަރާމްކަންތައްތަކަށް އަރައިގެންފިއެވެ. ޙިމާޔަތް ކުރެވިފައިވާ (ވަކިކުރެވިފައިވާ) ދަނޑެއްގެ ވަށައިގެން ބަކަރި ހުއިހައްޕާމީހެއްފަދައެވެ. އެބަކަރިތައް ޖެހިގެން (ވަކިކުރެވިފައިވާ) ދަނޑުން ކެއުން ގާތެވެ. ކޮންމެ ވެރިއަކަށްވެސްކަނޑައެޅިގެންވާ ސަރަޙައްދެއް ވެއެވެ. ދަންނާށެވެ! ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެމަސްކޮޅުރަނގަޅުވެއްޖެނަމަ މުޅިހަށިގަނޑު ރަނގަޅުވެއެވެ. އަދި އެމަސްކޮޅު ގޯސްވެއްޖެނަމަ މުޅިހަށިގަނޑު ނުވަތަ މީހާގޯސްވެއެވެ. ދަންނާށެވެ! އެއީ ހިތެވެ."
10. ވިޔަފާރީގެ މުޢާމަލާތުގައި ހީލަތް ހެދުމުން ދުރުވުން: رسول الله صلى الله عليه وسلمޙަދީޘްކުރެއްވިއެވެ. "من غشنا فليس منا" (رواه مسلم) މާނައީ: މަކަރުހަދާ އޮޅުވާލާމީހަކީ ތިމަންކަލޭގެފާނު ގެންނެވިގޮތުގައިވާ މީހެއްނޫނެވެ."
11. ވިޔަފާރީގެ މުޢާމަލާތުގައި އަބަދުވެސް ޙަލާލް ތަކެތިން ރިޒްޤު ހޯދަން މަސައްކަތްކުރުން:رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "إنا الله طيب لا يقبل إلا طيبا" (رواه مسلم) މާނައީ: "ހަމަކަށަވަރުން މާތް  އީ ހުސްޠާހިރުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ރަނގަޅު އެއްޗެތި މެނުވީޤަބޫލެއްނުކުރައްވައެވެ."
ވިޔަފާރި
އަޅުގަނޑުމެން އިންސާނުންގެ ދުނިޔަވީ ޙަޔާތުގެ ބާއްޖަވެރިކަމާއި އުޚުރަވީ ޙަޔާތުގެ ކާމިޔާބީވެސް ބިނާވެގެންވަނީ އިންސާނުންގެ ޢަމަލުތަކުގެ މައްޗަށެވެ. އެމީހުންގެ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ މައްޗަށެވެ. މުރާލިކަމާއި ހީވާގިކަމުގެ ސިފަލިބިގެންވާ ބަޔަކަށްވުމުންނެވެ. މިހެންވެ އިސްލާމްދީނުގައި މުދަލާއި ފައިސާ ހޯދައި، ދުނިޔޭގެ އުފަލާއި އަރާމު ލިބިގަތުމަށް މަސައްކަތްކުރުމަށް ވަކި ގޮތްތަކެއް ހަމަޖައްސަވާފައިވެއެވެ. އަދި އެކަމުގައި އަޅުގަނޑުމެން ހިފަހައްޓަންޖެހޭ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އިސްލާމްދީނުގައި މީހާ ހިތް އެދޭހާ ގޮތަކަށް މުދަލާއި ފައިސާ ހޯދުމަކީ ހުއްދަކަމެއްނޫނެވެ. ވައްކަން ކުރުމާއި ފޭރުމާއި އަދި އެހެން މީހުންގެ މުދާ ނުޙައްޤުގޮތުގައި އަތުލުމަކީ ޙަރާމްކުރައްވާފައިވާކެމެކެވެ. އަދި މީހުންނަށް މަކަރާއި ޙީލަތްހަދައި އޮޅުވާލައިގެން މުދާ ހޯދުމަކީވެސް އިސްލާމްދީނުގައި ހުއްދަކަމެއްނޫނެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِ‌يقًا مِّنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنتُمْ تَعْلَمُونَ  (البقرة 188) މާނައީ: " އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލްގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ ފާފަވެރިގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެމުދާތައް ޙާކިމުންނަށް ނުދޭށެވެ! "
އިސްލާމްދީނުގައި މުދަލާއި ފައިސާ ހޯދައި، ދުނިޔޭގެ އުފަލާއި އަރާމު ލިބިގަތުމަށް މަސައްކަތްކުރުމަށް ވަކި ގޮތްތަކެއް ހަމަޖައްސަވާފައިވެއެވެ. އަދި އެކަމުގައި އަޅުގަނޑުމެން ހިފަހައްޓަންޖެހޭ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އިސްލާމްދީނުގައި ވިޔަފާރިކުރާ ހިނދުގައްޔާއި މަސައްކަތުގެ ދާއިރާގެ ތެރޭގައި ޙަލާލު ގޮތްތަކާއި މަގުތައް ޚިޔާރުކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْ‌ضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ  (البقرة 169)  މާނައީ: "އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން ހަލާލު ރަނގަޅުތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ޝައިޠާނުންގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބަޢަނުވާށެވެ. (އެހެނީ) ހަމަކަށަވަރުން އެޝައިޠާނާއީ ތިޔަބައިމީހުންނަށް ހުރި ކަނޑައެޅި ބަޔާންވެގެންވާ ޢަދާވާތްތެރިއެކެވެ."
ޝައްކެއްނެތް ގޮތުގައި އިސްލާމްދީނުގައި ވިޔަފާރިއާ ގަނެވިއްކުން ބިނާވެގެންވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ މައްޗަށެވެ. ތިމާ ކުރާ މަސައްކަތާއި ވިއްކާ މުދަލާއި އަދި ދެވޭ ޚިދުމަތަކީ މާތްﷲ ޙަލާލުކުރައްވާފައިވާ ރަނގަޅު ތަކެތި ކަމުގައިވާންޖެހެއެވެ. ވިޔަފާރި ކުރުމުގައި މިނެކިރުމާއި މުށް އެޅުން ފަދަ ކަންކަމުގައި މަކަރާއި ޙީލަތް ހަދައި، ގަންނަމީހުންގެ ޙައްޤު އުނިކޮށް އެބައިމީހުންނަށް މަދުން ދިނުންފަދަ ޢަމަލުތައް ކުރުމަކީ ޙަރާމްކަމެކެވެ. އަދި ބާޒާރުގައި އެއްޗެހި މަދުވާން ފެށުމުން ބޮޑުއަގުގައި ވިއްކުމަކީ ވެސް ހުއްދަކަމެއް ނޫނެވެ. ރަސޫލުﷲ ޞައްލްﷲ ޢަލައިހި ޙަދީޘްކުރައްވާފައިވެއެވެ. "مَنْ غَشَّنَا فَلَيْسَ مِنَّا " (رواه مسلم) މާނައީ: " ތިމަންމެންނަށް (އެބަހީ: މުސްލިމުންނަށް) އޮޅުވާލައި މަކަރު ހަދައިފި މީހަކީ ތިމަންމެންގެ ތެރެއިންވާ މީހެއްނޫނެވެ."
ވިޔަފާރިކުރާއިރު މުއްދަތު ހަމަވެފައިވާ ކާބޯތަކެއްޗާއި ހަލާކުވެފައިވާ ތަކެތި ވިއްކުމަކީވެސް ޙަރާމު ކަމެކެވެ. އެއްފަހަރަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާގެ ބާޒާރަށް ވަޑައިގެންނެވިއިރު މީހަކު ކަދުރުތަކެއް ވިއްކަން ހުއްޓާ ފެނިވަޑައިގެން ތިޔައީ ކޮންކަހަލަ އެއްޗިއްސެއްތޯ ސުވާލުކުރެއްވިއެވެ؟ އެމީހާ ދެންނެވިއެވެ. މީ ހަމަ ރަނގަޅު ކަދުރެވެ. އެމީހާ އެހެން ދެންނެވީމާ ރަސޫލުﷲ z ކަދުރުފުނީގެ ތެރެއަށް އަތްޕުޅުލައްވާފަ ބެއްލެވިއިރު، އަޑިއަށް އަޅާފައިހުރީ ތެމިފައިހުރި ކަދުރެވެ. އޮޅުވާލައި މަކަރު ހެދުމުގެ ގޮތުން މައްޗަށް އަޅާފައިވަނީ ރަނގަޅު ކަދުރެވެ. ދެން ރަސޫލުﷲ z އެމީހާއަށް ޙަދީޘްކުރެއްވިއެވެ. "މަކަރާއި ޙީލަތް ހަދާމީހުންނަކީ އަހަރެމެން މުސްލިމުންގެ ތެރެއިންވާ ބައެއްނޫނެވެ." (ރަވާހުއްތިރުމިޛީ)
އަދި މުދަލާއި ވިޔަފާރި އިޝްތިހާރުކޮށް، މާރކެޓު ކުރުމުގައި އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓަން ޖެހޭނެވެ. މުދާ އިޝްތިހާރު ކުރުމުގެ ނަމުގައި ނިވާކަން ކުޑަ ނުވަތަ ބަރަހަނާކޮށް ތިބޭ އަންހެންކުދިންގެ ފޮޓޯތަކާއި ސޫރަތައް ޢާއްމު ކުރުމަކީ އިސްލާމީ އުޞޫލުތަކާއި ޚިލާފު ކަމެކެވެ.
މުސްލިމުން ވާންޖެހޭނީ އެމީހުންކުރާ ކޮންމެ ކަމެއްގައިވެސް އިސްލާމުދީނުގައި ކަނޑައަޅުއްވާފައިވާ މަތިވެރި ގޮތްތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓައި، ތެދުވެރިބަޔަކަށެވެ. ތިމާކުރާ ވިޔަފާރިއާއި މުޢާމަލާތުގެ ބުނާބުނުންތަކާއި ކުރާ މަސައްކަތުގައި ތެދުވެރީންކަމުގައިވުމަށެވެ. މުސްލިމުންނަށް އެމީހުންގެ އީމާންކަން ލާޒިމުކުރަނީ ތެދުވެރިވުމަށެވެ. އަމާނާތްތެރިވެ، އިޚްލާޞްތެރި ވުމަށެވެ. މާތް ނަބިއްޔާ z ޙަދީޘްކުރައްވާފައިވެއެވެ. "  البَيِّعَانِ بِالخَيَارِ مَالم يَتَفَرَّقَانِ فَإن صَدَقَا وَبَيَّنَا بُورِكَ لَهُمَا فِى بَيعِهِمَا وَإن كَذَبَا وَكَتَمَا مُحِقَت بَرَكَة بَيعِهِمَا " (رواه البخارى) މާނައީ: " ގަންނަމީހާއާއި ވިއްކާމީހާ ވަކިނުވާހާ ހިނދަކު އެދެމީހުންނަކީ އިޚްތިޔާރު ލިބިގެންވާ ދެމީހުންނެވެ. ގަންނަމީހާއާއި ވިއްކާމީހާ ތެދުބުނެ ވިއްކާއެތީގެ އެއްވެސްކަމެއް ނުފޮރުވާ ރަނގަޅަށް ބަޔާންކޮށްފިނަމަ އެދެމީހުންގެ ވިޔަފާރީގައި ބަރަކާތްލައްވާ ހުއްޓެވެ. އަދި ޢައިބުތައްފޮރުވާ އެކަކު އަނެކަކަށް ދޮގުހަދައިފިނަމަ އޭގެ ބަރަކާތްތެރިކަން ކެނޑިގެންދާ ހުއްޓެވެ."
ޙަލާލުގޮތުގައި ރިޒުޤު ހޯދުމުގެ މުހިންމުކަން:
عن على كرم الله وجهه، ان النبى (ص) قال: إن الله تعالى يحب أن يرى عبده يسعى فى طلب الحلال  މާނައީ: ﷲސުބުޙާނަހޫވަތަޢާލާ ލޯބިވެވޮޑިގެންވަނީ އެކަލާނގެ އަޅާ ޙަލާލުގޮތުގައި ޙަލާލު ރިޒްޤު ހޯދުމަށް ކުރުމަށެވެ.
ރިޒްޤު ހޯދުމަށް ކުރިމަތިލާ އެންމެހާ ފަރާތްތަކަށް އެމުޢާމަލާތް ހެޔޮގޮތުގައި ކުރުމަށްޓަކައި ރިޒްޤުހޯދުމުގެ ޞައްޙަގޮތްތަކާ އެ އެމުޢާމަލާތް ފަސާދަކުރުންވަނިވި ކަންތައްތައް އެގުން ވާޖިބުވެގެންވެއެވެ.
فقد روى أن عمر رضى الله عنه كان يطوف بالسوق ويضرب بعض التجار بدرة ويقول لابيع فى سوقنا إلا من يفقهه وإلا أكل الربا شاء أم أبى
މާނައީ: އެކަލޭގެފާނު ބާޒާރުމަތީގައި އަސާކޮޅުހިއްޕަވައިގެން ބައެއް ވިޔަފާރިވެރިންގެ ގައިގައި ޖައްސަވަމުން އަހަރެމެންގެ ބާޒާރުގައި ވިޔާފާރީގެ ފިޤުހު ނުދަންނަ މީހަކު ވިޔަފާރި ކޮށްގެންނުވާނެއޭ، އެހެންނޫނީ އޭނާގެ ރުހުމުގައިވެސް ނުވަތަ ނުރުހުމުގައިވެސް ރިބާނެއޭ ޢުމަރުގެފާނު ވިދާޅުވާކަމަށް ވެއެވެ.
މުސްލިމުންގެ ތެރެއިން ވިޔަފާރި ފަދަ މުޢާމަލާތްތައް ކުރާ ގިނަ ބަޔަކު މުޢާމަލާތްތައް ކުރުމުގައި އިސްލާމްދީން ކަޑައަޅާފައިވާ މިންގަނޑުތައް ދެނެގަތުމަށް އިހުމާލުވެ އެކަންތައްތަކަށް ޣާފިލުވެތިބެއެވެ. އަދި ކިއެއްތަ ޙަލާލު ރިޒުޤުހޯދުމަށްވުރެ ބޮޑަށް ކޮންމެ ފަދަ ގޮތަކަށް ވިޔަސް ގިނަ ފައިދާއާއި މުދާ ފައިސާ ހޯދުމުގެ ދަހިވެތިކަން އުފެދިފައިވެއެވެ. މިގޮތުން ޙަރާމްތަކެތި ކެއުމީ އެބައިމީހުންނަށް މައްސަލައަކަށް ނުވެއެވެ. މިއީ ވަރަށް ނުރައްކާތެރިކަމެކެވެ. ކޮންމެ މުސްލިމަކުވެސް އެމީހަކު ކުރާކަމެއް ދީނުގެ މިންގަނޑުގެތެރޭ ކުރުމަށްޓަކައި އެކަމެއްގެ ޢިލްމުލިބިގަތުން ފަރުޟުވެގެންވެއެވެ. "قال رسول الله صلى الله عليه وسلمطلب العلم فريضة على كل مسلم ومسلمة" އެގޮތުން ޙަލާލުކަންތަކާއި ޙަރާމްކަންތައް ދެނެގަނެވި ޙަލާލުކަން ޔަޤީންނުވާ ޝުބުހާތުން ސަލާމަތްވެ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ލޯބި އެމީހަކަށް ލިބި މީސްތަކުން އޭނާއަށް އިތުބާރު ކުރަންފަށައެވެ.

މުދަލުގެ ބޭނުންތެރިކަން
މުދަލަށް ބޭނުންޖެހުން މިއީ ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން އެހާމެ ބޭނުންތެރި އެއްޗަކަށްވެފައި އިންސާނާގެ ޙަޔާތުގެ ދީނާއި ދުންޔަވީ މަޞްލަޙަތުތައް އޭގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. އެހެނީ އިންސާނާގެ ދިރިހުރުން ކެއިން ބުއިމުގެ މައްޗަށް ބިނާވެފައިވުމާއި އުނުއޮރިޔާން ނިވާކުރުމަށް ހެދުންބޭނުންވެފައިވެއެވެ. އިސްލާމްދީން ޙިމާޔަތް ކުރުމަށާއި ޖިހާދުކުރުމަށްވެސް މުދަލަކީ ބޭނުންތެރި އެއްޗަކަށްވެފައި މުޅި އިސްލާމީ އުއްމަތުގެ ދުޅަހެޔޮކަމަށްވެސް މުދަލަކީ އެހާމެ ބޭނުންތެރި އެއްޗެކެވެ. އެހެނީ އަމިއްލަ އިޤުތިޞާދެއްގެ މައްޗަށް މުޖުތަމަޢުގެ ބިންގާ އެޅިފައި ނުވާނަމަ އިސާހިތަކު ޢަދުއްވުންގެ ޝިކާރައަކަށްވުން އެއީ ނުހަނު ފަސޭހަކަމެކެވެ. މީގެ އިތުރުން ޝަރީޢަތުގައި ކަޑައަޅާފައިވާ މަޤާޞިދުތައް ޙިމާޔަތްކޮށް ޙަލާލު ރިޒުޤު ހޯދުމުގެ މަގުތަނަވަސްކޮށް  ޙަރާމްކަންތައްތަކުގެ ދޮރު ބަންދުކުރުމީ މީސްތަކުންގެ ސްލޫކު ޝަރީޢަތުގެ ތަރަޙައިގެ ތެރޭގައިވުމަށް ބާރުއަޅައި ދޭނެކަންކަމެވެ. އެހެން ކަމުން އިސްލާމީ ވެރިކަމެއްގައި މިފަދަ ކަންތަތަކުގެ މައްޗަށް ބިނާކުރުން ހުއްޓެވެ.
އިސްލާމީ އަދަބުތަކުގެ ތެރޭގައިވަނީ ރިޒުޤުހޯދާ މީހާ، ދީނީ ގޮތުން އެކަމާއިބެހޭ ޙުކުމްތައް އެގުމާއި އެއަށް ރިޢާޔަތްކުރުމާއިއެކު މުޢާމަލާތްކުރުން ސުންނަތްވެގެންވާ ކަމަށެވެ. އަދި ހުއްދަ ގޮތުގައި މުދަލާއި، ޖާހާއި،ތަނަވަސްކަމާއ، ނިޢުމަތާއި، ދިރިއުޅުމުގެ މަތީދަރަޖައެއް ދަރިންނަށް ހޯދައިދިނުން ހުއްދަވެގެންވެއެވެ. ދީނާއި ބުއްދިއާއި، ފުރާނައާއި، މުރުއްވަތްތެރިކަމާއި، ސަލާމަތްރައްކާތެރިވާނެ ފަދަ ގޮތަށެވެ.

އިސްލާމްދީނުގައި މުދާރައްކާތެރި ކުރުމަށް ކަނޑައަޅައިފައިވާ ކަންތައްތަކުގެ ތެރޭގައި:
·         كل المسلم على المسلم حرام دمه وماله وعرضه މާނައީ: ކޮންމެ މުސްލިމެއް އަނެއް މުސްލިމެއްގެ މައްޗަށް އޭނާގެ ލެއާއި މުދަލާއި އަބުރު ޙުރުމަތް ވެގެންވެއެވެ.
·މުދާގެއްލުމުންނާއި، އިސްރާފުކުރުމުންނާއި، ސަލާމަތްކުރައްވާފައިވެއެވެ. މާތްﷲގެ ވަޙީ ބަސްފުޅުގައިވަނީ وَآتِ ذَا الْقُرْ‌بَىٰ حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلَا تُبَذِّرْ‌ تَبْذِيرً‌ا ﴿٢٦﴾ إِنَّالْمُبَذِّرِ‌ينَ كَانُوا إِخْوَانَ الشَّيَاطِينِ ۖ وَكَانَ الشَّيْطَانُ لِرَ‌بِّهِ كَفُورً‌ا ﴿٢٧
·   އަދި މީޤިޔާމަތްދުވަހު އެހޭދަކުރި ގޮތަކާއިމެދު ސުވާލުކުރެވޭނެ ކަމެކެވެ. އެހެން ކަމުން މުދާ ހެޔޮ ގޮތުގައި ހޭދަކުރުމަށް މުސްލިމުން ސަމާލުވާންޖެހެއެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަލާލު ގޮތުގައި ހޭދަކުރުމަށް މެނުވީ އެދިވޮޑިއެއް ނުގަންވަތެވެ. ހެޔޮގޮތުގައި އަމިއްލަ ބޭނުންތަކަށްހޭދަކުރުމާއި ޞަދަޤާތް ދިނުމަކީ އެކަމުގެ ފޮނިކަން އެމީހެއްގެ ނަފްސަށާއި، ރޫޙަށް ދުނިޔެއާއި އާޚިރަތުގައި އިޙްސާސް ކުރެވޭނެ ކަމެކެވެ.
· މީސްތަކުންގެ މުދަލަށް އަރައި ގަންނަ އިންސާނުންގެ މައްޗަށް ޙައްދުތަކެއް ޤާއިމްކުރުމަށް ކަނޑައަޅުއްވާފައިވެއެވެ. މިގޮތުން ވައްކަމާއި، ފޭރުން ޙަރާމްކުރައްވާ އެކަމަށް ހަރުކަށި ޢުޤޫބާތް ކަނޑައަޅުއްވާފައިވެއެވެ. މިގޮތުން ވައްކަންކުރާ މީހާއާއި ވައްކަންކުރުމުގެ ފިކުރު ގެންގުޅޭ ފަރާތްތަކަށް ބިރުގަތުމާއި ޖެހިލުން އުފެދެއެވެ. މިކަމުގެ ސަބަބުން އެހެން މީހުންގެ މުދާ ރައްކާތެރި ކުރެވެއެވެ. އެހެނީ މީސްތަކުން އެހާބުރަ އުފުލާ ދާއޮހޮރުވައި ހޭލާ ތިބެގެން ކުރާ މަސައްކަތްތައް ހިނދުކޮޅެއްގެ ތެރޭގައި ވަގުން ނުވަތަ ފޭރޭ މީހުންގެ އަނިޔާވެރި ކަމުގެ ސަބަބުން ބީވެގެން ދެއެވެ. އަދި ވަގުންނަށްވުރެ ފޭރޭ މީހުންނަށް ކަނޑައަޅައިފައިވާ ޢުޤޫބާތް ބޮޑުވެގެން ވެއެވެ.
·އެހެން މީހެއްގެ މުދާ ހަލާކުކޮށް ގެއްލުމެއް ދީފި މީހާ ޒިންމާދާރުކުރުވައެވެ. މިގޮތުން މުދާ ޙިމާޔަތްކޮށް ދިފާޢުކުރުމާއި، ހަނގުރާމަކުރުން ހުއްދަ ކުރައްވާފައިވެއެވެ. އަދި އެމީހެއްގެ މުދާރައްކާތެރި ކުރުމުގައި ހަނގުރާމަކޮށް މަރުވެއްޖެނަމަ އެއީ ޝަހީދެއް ކަމުގައި ވަނީ ލައްވާފައެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. من قتل دون ماله فهوشهيد  މާނައީ: އޭނާގެ މުދާ ޙިމާޔަތް ކުރުމަށްޓަކައި ހަނގުރާމް ކޮށްފިމީހާއަކީ ޝަހީދެކެވެ.
·  މުދާރައްކާތެރި ކުރުމަށް ކަނޑައަޅައިފައިވާ ކަންތައްތަކުގެތެރޭގައި ދަރަނިތައް ލިޔެ ހެކިވެރިން މެދުވެރިކޮށް ހެކިކުރުން ހިމެނެއެވެ.
· ހޮވާތަކެތި އޭގެ ވެރިފަރާތަށް ރައްދުކުރުން.

No comments:

Post a Comment