މާމުއި އާއި މާމުއިކުޅަނދުރު
މާމުޔާއި ކުޅަނދުރުގެ ވާހަކަ ކީރިތި
ޤުރްއާނުގައި ނަންގަނެވިފައިވެއެވެ. ޤުރުއާނުގައި މިވާހަކަ ނަންގަނެވިފައި
އޮތުމުން ދޭހަވަނީ އިންސާނުން ނަށް އެއިން ހާޞިލް ކުރަން ޖެހޭ އިބްރައިތްތެރި
އާޔަތްތަކެއް ވާކަމެވެ.
ކުޅަނދުރުގެ އެންމެ މުހިންމު ވަޒީފާއަކީ
މާމުއި ތައްޔާރުކުރުމެވެ .މާމުޔަކީ އޭގައިވާ ފައިދާތައް އަދަދު ނުކުރެވޭހައި ގިނަ
އެއްޗެކެވެ. ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހިވަސައްލަމަ ގެ ހަޔާތްޕުޅުގައި މާމުޔާ ގުޅުންހުރި
ހާދިސާތަކެއް ވަނީ ހިނގާފައެވެ. އަދި ކީރިތި ޤުރުއާނުގައި މާމުއިގެ ވާހަކަ ﷲ
ސުބްޙާނަހޫ ވަތަޢާލާ ބަޔާންކުރަށްވާފައިވެއެވެ.
ﷲ ތަޢާލާ ކީރިތި ޤުރުއާނުގެ އައްނަޙްލު
ސޫރަތުގެ 69 ވަނަ އާޔަތުގައި ވަޙީ ކުރަށްވާފައިވެއެވެ.
ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚيَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ
މާނައީ: "ދެން ތިޔަ ކުޅަނދުރު ހުރިހާ
މޭވާތަކުން ކައިއުޅޭށެވެ! ފަހެ ތިޔަ ކުޅަނދުރުގެ ވެރި އިލާހު
ފަސޭހަކޮށްދެއްވާފައިވާ މަގުތަކުން ހިނގާށެވެ! އެތަކެތީގެ ބަނޑުން ކުލަތައް ތަފާތު
ބުއިމެއް ނުކުމެގެން އާދެއެވެ. އޭގައި (އެބަހީ މާމުއިގައި) މީސްތަކުންނަށް
ބަލިފަސޭހަވުން ވެއެވެ. ހަމަކަށަވަރުން ފިކުރުކުރާ ބަޔަކަށް އެކަމުގައި ﷲގެ
ކުޅަދުންވަންތަކަމުގެ ހެއްކެއް ވާކަން ކަށަވަރެވެ."
މި ކުޑަކުޑަ ސޫފި މެދުވެރިކުރައްވާ މާތް ﷲ
އިންސާނުންނަށްޓަކައި ލެއްވި މާމުޔަކީ ކިހާ ފައިދާ ހުރި އެއްޗެއްކަން އެނގެނީ
ވަރަށް މަދު ބަޔަކަށެވެ.
މާމުއި އެކުލެވިގެންވާ ބައިތަކަށް
ބަލައިލާއިރު ހާމަވެގެންދަނީ މާމުޔަކީ އިންސާނަކަށް
ތައްޔާރު ނުކުރެވޭނޭފަދަ ފުރިހަމަ ބުއިމެއް ކެމެވެ. އަދި އެއީ ބޭހެކެވެ. މި
ފުރިހަމަ ބޭސް ﷲ ތަޢާލާ ފަރުމާ ކުރަށްވާފައި ވަނީ ހަކުރުގެ ބާވަތްތަކާއި (މިސާލަކަށް ގްލޫކޯސް
އަދި ފްރަކްޓޯސް) އަދި މަޢުދަންތައް ކަމަށްވާ މެގްނީޒިއަމް، ޕޮޓޭސިއަމް، ސޯޑިއަމް،
ކްލޮރީން، ސަލްފަރ، އަޔަން އަދި ފޮސްފޭޓް ފަދަ މާއްދާ ތަކުގެ މައްޗަށެވެ. ހަމަ އެހެންމެ
ވިޓަމިން ތަކުގެ ތެރެއިން، ވިޓަމިން ބީ1، ވިޓަމިން ބީ2، ވިޓަމިން ސީ، ވިޓަމިން ބީ6، ވިޓަމިން ބީ5 އަދި ވިޓަމިން ބީ3 ވެސް މާމުއީގެ
ބައެއް ބާވަތްތަކުގައި އެކުލެވިގެންވެއެވެ. އަދި މިބާވަތްތައް މާމުއިގައި
އެކުލެވިގެންވަނީ ކުޅަނދުރު ބޭނުންކުރާ ނެކްޓާރ އާއި ޕޮލެންގެ ކޮލިޓީ އަށް
ބިނާކޮށެވެ. މީގެ އިތުރުން ، ކޮޕާރ، އަޔަޑިން ، ޒިންކް އަދި އެތައް ވައްތަރެއްގެ
ހޯމޯންތައްވެސް ކޮންމެވެސް ވަރަކަށް މާމުއިގައި ހިމެނެއެވެ.
ﷲ ތަޢާލާ ކީރިތި ޤުރުއާންގައި ވަޙީ
ކުރައްވާފައިވާ ފަދައިން، މާމުޔަކީ އިންސާނުންނަށް ހުރި ފުރިހަމަ ޝިފާ އެކެވެ.
ޤުރުއާނުގައި ވާ މިޙަޤީގަތް މުޅިދުނިޔެއަށް އާންމުވެ މަޝްހޫރުވެގެންދިޔައީ 1993 ގައި ޗައިނާގައި ބޭއްވުނު
ކޮންފެރެންސެއްގައެވެ. މިކޮންފެރެންސްގައި، މާމުއި ބޭނުންކޮށްގެން އުފައްދާ ތަފާތު
ފަރުވާ ތަކާއި ބެހޭގޮތުން ވާހަކަ ދެއްކެވި އެމެރިކާގެ ސައިންސްވެރިން
ހާމަކުރިގޮތުގައި މާމުއި، ރޯޔަލް ޖެލީ، ޕޮލަން އަދި ބީރެސިންގައި ބަލިތަކުގެ
ފަރުވާވެއެވެ. އަދި ހަމައެހެންމެ ރޫމޭނިޔާގެ ޑޮކްޓަރަކު ހާމަކުރިގޮތުގައި، ލޮލުގެ
ލެންސަށް ޖެހޭ ބައްޔެއްކަމަށްވާ ކެޓަރެކްޓް ޖެހިފައިވާ ބަލިމީހުނަށް ފަރުވާ
ކުރުމުގެ ގޮތުން މާމުއި ބޭނުންކުރެވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދިރާސާގައި ބޭނުން
ކުރެވުނު 2094 ބަލިމީހުންގެ ތެރެއިން 2002 ބަލިމީހުން ގެ މިބަލި އެއްކޮށް
ފަސޭހަވިކަމަށް ހާމަކުރިއެވެ.
މިއަދުގެ ދުނިޔޭގައި ސައިންސްގެ ރޮނގުން ކުރި
އަރާފައިވާ ޤައުމުތަކުން އެތައް ދުވަހެއްގެ ރީސާރޗް ތަކަށްފަހު މާމުއިން ލިބޭ
އެތައް ފައިދާއެއްވަނީ ހޯދާފައެވެ. މީގެ ތެރެއިން ހޯދުނު ހޯދުން ތަކުން
ދައްކާގޮތުގައި މާމުއި ބޭނުންކުރުމުން ފަސޭހަކަމާއެކު ހަޖަމު
ކުރުމަށް އެހީވެދެއެވެ. މިކަން މިގޮތަށް ވަނީ، މާމުއިގައި ހުންނަ ހަކުރުގެ ބާވަތް
ތަކަކީ އެއްވައްތަރު އަނެއް ވައްތަރަށް ބަދަލުކުރެވޭ ޒާތުގެ މާއްދާތަކަށްވާތީއެވެ.
މިސާލަކަށް ފްރަކްޓޯށް ގްލޫކޯޒަށް ފަސޭހަ ކަމާއެކު ބަދަލުކުރެވެއެވެ.
ހަޖަމު ކުރުމަށް ފަސޭހަކޮށް ދިނުމުގެ އިތުރުން
ހަށިގަނޑުގައި ލޭ އުފެއްދުމުގައި އެހީތެރި ވެދެއެވެ. އެއީ ލޭ އުފެއްދުމަށް
ހަށިގަނޑު ބޭނުންކުރާ ހަކަތައިގެ ބޮޑު އަދި މުހިންމު ބައެއް މާމުއިން
ލިބިދޭތީއެވެ. މީގެ އިތުރުން، ލޭ ސާފުކުރުމުގައި ވެސް މާމުއިން އެހީތެރިވެދެއެވެ.
ހަމަ އެހެންމެ ލޭދައުރުވުން އޮމާން ކަމާއިއެކު ކުރިޔަށް ގެންދިއުމުގައިވެސް ފައިދާ
ކުރަނިވި ބާރުތަކެއް މާމުއިގައި ވެއެވެ.
މާމުއިން ލިބޭ އެންމެ މުހިންމު އެއް ފައިދާ
އަކީ، މާމުއި ބޭނުން ކުރުމުން ހަށިގަނޑުގައި ޖަރާސީމް އަށަގަތަ ނުދޭ
ކަމެކެވެ. މި ސިފަޔަށް ކިޔަނީ " އިންހިބިޝަން އިފެކެޓް " ނުވަތަ
މައިތިރި ކުރާ ސިފަޔެވެ. ތަޙުލީލު ތަކުން ދައްކާގޮތުގައި، މާމުއިގައި
އެކުލެވޭ ޖަރާސީމް މަރާލުމުގެ ޚާއްޞަ ސިފަ، މާމުއި ފެނާއި އެއް ކުރުމުން
ދެގުނަޔަށް އިތުރުވެގެންދެއެވެ. މިކަމުގައި ހައިރާން ވާންޖެހޭ ކަމަކީ ކުޅަނދުރު
ބައިގަޑުގެ ތެރޭގައި އުޅޭ ޅަކުޅަނދުރުތަކައް، އެސޮރުމެން
ބެލެހެއްޓުމުގައި ޙަވާލުވެގެން އުޅޭ ބޮޑެތި ކުޅަނދުރު ތައް ކާންދެނީ ފެނުގެ
މިންވަރު އިތުރު ކުރެވިގެން ވާ މާމުއި ކަމެވެ. މި ކުޅަނދުރު ތަށް މިގޮތަށް
ކަންތައް މިކުރަނީ ﷲ ގެ އިލްޙާމް އިން އެނގުނު އެއްޗަކުން ކަން ކަށަވަރެވެ.
ކީރިތި ޤުރުއާނުގެ ސޫރަތުއް ނަހްލުގެ 68 ވަނަ
އާޔަތުގައި ﷲތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ
މާނައީ: " ކަލޭގެފާނުގެ ވެރި އިލާހު
ކުޅަނދުރަށް އިލްހާމް ކުރައްވައި އެންގެވިއެވެ. 'ފަރުބަދަތަކު ގައްޔާއި އަދި މީހުން ހަދައިދޭ ބިނާތަކުގައި ހަތާހަދާ
އުޅޭށެވެ!
މި އާޔަތުން ވެސް ދޭހަވެގެން ދަނީ
ކުޅަނދުރުތަކުގެ ފުރިހަމަ އިޖްތިމާޢީ ނިޡާމްތަކާއި މަސައްކަތްތަކަކީ ﷲ ގެ
ޢިލްހާމްގެ މައްޗަށްކުރެވޭ ކަންކަން ކަމެވެ. އެއީ އެކަންކަމުން އިންސާނާ ޢިބްރަތް
ޙާޞިލް ކޮށް އެއިންސާނާ ހެއްދެވި ކުޅަދުންވަންތަ ﷲ އާއި ކުއްތަން ވުމަށެވެ.
No comments:
Post a Comment