ފަރުބަދަތައް
ފަރުބަދަތަކަކީ ﷲ ތަޢާލާ ދުނިޔެމަތީގައި
ލައްވާފައި ވާ ވަރަށް ފުރިހަމަ މަޚްލޫޤެކެވެ. އެއިލާހުގެ އުފެއްދެވުމުގެ
ކުޅަދުންވަންތަކަން ހާމަވާ ފުރިހަމަ މިސާލެކެވެ.
ކީރިތި ޤުރުއާނުގައި ސޫރަތުލް އަންބިޔާގެ 31
އާޔަތުގައި ﷲސުބުޙާނަހޫވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
وَجَعَلْنَا فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجًا سُبُلًا لَعَلَّهُمْ يَهْتَدُونَ)الأنبياء/31( "އަދި އެއުރެންނާއިގެން އެބިން،
ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ތިމަންރަސްކަލާނގެ ބިމުގައި ލެއްވީމެވެ. އަދި
އެ ބިމުގައި، ބޮޑެތި ތަނަވަސް މަގުތައް ލެއްވީމެވެ. (އެއީ) އެއުރެންނަށް މަގު
އެނގުމަށްޓަކައެވެ."
ފަރުބަދަތަކަކީ ބިމުގައި ހަރުކުރެވިފައި
ހުންނަ އެއްޗެއްގެ ގޮތުގައި މި އާޔަތުގައި ސިފަކުރަށްވާފައިވުމަކީ ޤުރުއާން ބާއްވައިލެއްވި
އިލާހުގެ ކުޅަދުންވަންތަކަމާއި އެއިލާހުގެ ޢިލްމުފުޅުގެ ތަނަވަސްކަން
ހާމަވާކަމެކެވެ. ސަބަބަކީ 1835 ޖެހެންދެން ސައިންސްވެރީން ބުނަމުން އައީ ފަރުބަދަތަކަކީ
ހަމައެކަނި، މައްޗަށް އަރާފައި ހުންނަ އުސްއެއްޗެހި ތަކެއް ކަމެވެ. ނަމަވެސް 1835
ގައި ޕިއެރާ ބޮޣޭ މި ވިސްނުމަކީ ގޯސް ވިސްނުމެއް ކަމަށް ހާމަކުރިއެވެ. އެއީ
އެންޑީސް ފަރުބަދަތަކުގައި ވާ ޖާޒުބިއްޔަތުގެ ބާރު އެހާ ބޮޑު އެއްޗަކާ ބަލައި
ކުޑަކަމުންނެވެ. މިކަން މިހެން ވާނީ ހަމަ އެކަނި އެފަރުބަދައިގެ ވަރަށް ބޮޑުބައެއް
ބިމުގެ އަޑީގައި ވާނަމައެވެ. ޕިއެރާ ބޮޣޭގެ މިބުނުމާ ގުޅިގެން ސައިންސްވެރީން
ފަރުބަދަތަކާބޭހޭ ގޮތުން އިތުރަށް ހޯދަންފެށިއެވެ. އަދި ޒަމާނީ ވަޞީލަތްތަކުގެ
އެހީގައި ދުނިޔޭގެ އެންމެ އުސް ފަރުބަދަކަމަށްވާ މައުންޓް އެވަރެސްޓާއި ބެހޭގޮތުން
ކުރި ދިރާސާ އަކުން ހާމަވިގޮތުގައި 9 ކިލޯމީޓަރުގެ އުސް މިފަރުބަދައިގެ ބޮޑުބައި
ބިންގަނޑުގެ ތެރެއަށް 125 ކިލޯމީޓަރު އަޑިއަށް ދެމިގެންދާކަމެވެ.
ﷲ
ސުބުޙާނަހޫވަތަޢާލާ ކީރިތި ޤުރުއާނުގެ ސޫރަތުއް ނަބާގެ 6 އަދި 7 ވަނަ އާޔަތުގައި
ޥަޙީ ކުރައްވާފައިވެއެވެ.
أَلَمْ نَجْعَلِ الْأَرْضَ مِهَادًا )النبأ/6( وَالْجِبَالَ أَوْتَادًا )النبأ/7( މާނައީ: "ތަންމައްޗެއް ކަމުގައި،
ތިމަންއިލާހު ބިން ނުލައްވަން ހެއްޔެވެ.؟ އަދި (ބިން ހިފެހެއްޓުމަށްޓަކައިވާ)
ކަޑަތަކެއް ކަމުގައި، ތިމަންއިލާހު ފަރުބަދަތައް ނުލައްވަން ހެއްޔެވެ."
އަދިހަމަ ސޫރަތުއް ނާޒިޔާތުގެ 32 ވަނަ
އާޔަތުގައި ޥަޙީކުރަށްވާފައިވެއެވެ.
وَالْجِبَالَ أَرْسَاهَا )النازعات/32( މާނައީ: އަދި އެފަރުބަދަތަށް (އެ ބިމުގައި)
ހަރުލެއްވީމެވެ.
މި އާޔަތުގައި ފަރުބަދަތަށް ސިފަކުރެއްވުމުގެ
ގޮތުން ބޭނުން ކުރައްވާފައިވާ ޢަރަބި ބަހަކީ أَرْسَاهَا އެވެ.
މިބަސް ބޭނުންކުރެވިފައި މިވަނީ ބިންވަޅުނެގުމުގެ
މާނައިގާ ކަމަށް ތަފްސީރު ޢިލްމުވެރިން ވިދާޅުވެއެވެ. ނުވަތަ ހަރުލެއްވުމުގެ
މާނައިގައެވެ.
މިހުރިހައި އާޔަތްތަކުންވެސް ހާމަވެގެން
މިދަނީ އިންސާނުންނަށް ޒަމާނީ އާލާތްތަކުގެ އެހީގައި ގިނަގުނަ
އަހަރުތަކެއްވަންދެން މަސައްކަތްކޮށްގެން އެނގުނު ޙަޤީގަތެވެ.
މީގެއިތުރުން ސައިންސްވެރީން ވިދާޅުވާ
ގޮތުގައި ދުނިޔޭގެ އަލިފާނުގެ ފަށަލައިގެތެރެއަށް ފަރުބަދަތަކުގެ އަޑިގައިވާބައި
ފައިބާފައިވެއެވެ. މީގެސަބަބުން ދުނިޔޭގެ ބިމުގެ މަތީ ފަށަލަ، އެތެރޭގައިވާ
އަލިފާނުގެ ފަށަލައިގައިވަނީ ހަރުކުރެވިފައެވެ. ފިލާގަނޑަކަށް މޮހޮރުޖަހާ ހަރުކުރާ
ބީދައިންނެވެ.
ޤުރުއާނުގައި ފަރުބަދަތަކާ ގުޅޭގޮތުންވާ މި
ޙަޤީގަތް މިއަދު ހުރިހައި ސައިންސްވެރީންވެސް ޤަބޫލު ކުރެއެވެ. އަދި
ފަރުބަދަތަކައިނުލާ ދުނިޔޭގެ ބިމުގެ ބޭރުފަށަލަ ވާނީ ފެންގަނޑެއްގެ މަތީގައި
އޮންނަ ފިލާގަނޑެއްގެ ފަދައިންނެވެ. އެއްވެސްކަހަލަ ދިރުމަކަށް ދުނިޔޭގައި
އުޅުމަށް އެކަށީގެނެއް ނުވާނެއެވެ.
ޙަޤީގަތަކީ މިއީ ކަމަށް ވީނަމަވެސް ހިތާމަޔަކީ ކީރިތި ޤުރުއާނުގައިވާ މިފަދަ
ކުޅަދުންވަންތަކަމުގެ ހެކިތަކާމެދު ވިސްނަނީ މަދު ބަޔެކެވެ.
ﷲ ސުބުޙާނަހޫވަތަޢާލާ ކީރިތި ޤުރުއާނުގެ ސޫރަތުލް
ބަޤަރާގެ 39 ވަނަ އާޔަތުގައި ޥަޙީ ކުރަށްވާފައި ވެއެވެ.
وَالَّذِينَ كَفَرواْ وَكَذَّبُواْ بِآيَاتِنَا أُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ )البقرة/39(މާނައީ: ތިމަންއިލާހުގެ އާޔަތްތަށް ދޮގުކޮށް
ކާފިރުވެއްޖެ މީސްތަކުން އެއީ ނަރަކައިގެ އަހުލުވެރީންނެވެ. އެބައިމީހުންނީ
އެނަރަކައިގައި ދެމިތިބޭނޭ ބައެކެވެ.
އެހެންކަމުން ބުއްދިވެރިއަކީ ﷲ ތަޢާލާގެ މި
އާޔަތްތަކާމެދު ފުން ކޮށްވިސްނައި އެއިން ޢިބްރަތް ލިބިގަންނަ މީހާ އެވެ.
No comments:
Post a Comment