Thursday, June 16, 2016

ޢިރާޤުކަރަ ފަތަޙަ ކުރެއްވުން

ޢިރާޤުކަރަ ފަތަޙަ ކުރެއްވުން

ޢަރަބި އުންމަތް ޒަމާނުއްސުރެ އޮތީ ޖަޒީރަތުލް ޢަރަބުގައި ޙިޞާރުވެފައެވެ. ޢަރަބިކަރައިގެ ދެފަރާތުގައި ވަނީ އެޒަމާނުގެ ދުނިޔޭގެ ބޮޑުދެބާރު ކަމުގައިވާ ރޯމަން އެމްޕަޔަރެވެ. ޢަރަބީން ތިބީ އެމީހުންގެ އަމިއްލަ ޤައުމުގެ ޞަޙަރާތަކާއި ހިލަބިންތަކާއި ވީރާނާ ސަރަޙައްދުތަކުގެ މައްޗަށް ފުއްދައިގެން އުޅޭން މަޖުބޫރުވެފައެވެ. އެބައިމީހުންގެ އާރާއި ބާރު ވަނީ އިންދިރާސް ވެފައެވެ. އެހެންކަމުން އެބައިމީހުންގެ އަވަށްޓެރި ދެދައުލަތުން ވަނީ އެބައިމީހުންގެ މައްޗަށް ބާރު ހިންގައިފައެވެ. ޢަރަބިކަރައިގެ ބިންމޮޅު ސަރަޙައްދުތައް ހުރީ އަވަށްޓެރި ދެބާރުގެ އަޅުވެތިކަމުގެ ދަށުގައެވެ.
ޢަރަބި ބައެއް ޤަބީލާތަކުގެ ސަރުކާރުތައް އޮތްކަމުގައި ވިޔަސް އެސަރުކާރުތައްވެސް ހުރީ ފާރިސީން ނުވަތަ ރޫމީންގެ އަޅުވެތިކަމުގެ ދަށުގައެވެ.
މިދެންނެވި ފަދަ ނިކަމެތި ޙާލެއްގައި ޢަރަބީން ތިއްބައި އިސްލާމްދީން ޢަރަބީންނަކީ ވަރުގަދަ އުންމަތަކަށް ހަދައިލިއެވެ. އެއީ އަވަށްޓެރި ބޮޑުދެބާރު ރުހުމުގެ ލޮލަކުކން ބެލިކަމެއް ނޫނެވެ.
އެޒަމާނުގެ ބޮޑުދެބާރުވެސް ފެށުނީއްސުރެ ޢަރަބީންނާއި އިސްލާމްދީނާމެދު ބަލަމުން ގެންދިޔައީ ތަތުރުވެރިކަމުގެ ލޮލަކުންނެވެ.
ޕާޝިޔަން އެމްޕަޔަރުގެ ވެރިރަށަކީ މަދާއިނެވެ. އެރަށް އޮތީ ވާސިޠާއި ބަޣުދާދާ ދެމެދުގައެވެ. ދިޖުލަތު ކޯރުމަތީ އައްސޭރީގައެވެ. ސާސާނީ ޚާންދާނުގެ ރަސްރަސްކަލުން އުޅުއްވީ އެރަށުގައެވެ.
ސާސާނީ ދައުލަތް ނުވަތަ ޕާޝިޔަން އެމްޕަޔަރގެ ބިންގާ އެޅުއްވީ އުރުދުޝޭރު ބިން ބާބުކާނެވެ. އޭނާ އިސްކަންދަރު މަޤުދޫނީގެ ފަތަޙައާއި ރުރީކުންގެ ވެރިކަމުގެ ސަބަބުން ފާރިސްކަރައިގައި އުފެދުނު ޠަވާއިފުލް މުލޫކިއްޔަތު ނިމުމަކަށް ގެންނަވައި މީލާދީން 230 ގައި ފާރިސީންގެ ބައިބައިވެފައިވާ ޤައުމު އެއްކޮށްލެއްވިއެވެ. އީރާނުގެ ހުރިހައި ރަށްރަށާއި ޢިރާޤުކަރަވެސް ފަތަޙަ ކުރެއްވިއެވެ. އޭނާގެ ލަޤަބަކީ ޝަހެންޝާހު ކަމުގައި ހަމަޖެއްސެވިއެވެ. އޭނާއަށްފަހު އެރަސްކަން ހިނގަމުން އައީ އޭނާގެ ޚާންދާނުގައެވެ. ސާސާނީ ދައުލަތް ފެށުނީއްސުރެ އެދައުލަތުގެ ރަސްރަސްކަލުންނަކީ ޢަރަބީންގެ ދުޝްމިނުންނެވެ. މިގޮތުން އީރާނީން އެތައްފަހަރެއްގެ މަތިން ވަނީ ޢަރަބީން އަޅުވެތިކުރަން މަސައްކަތް ކޮށްފައެވެ. ސާސާނީ ދައުލަތުގެ ދެވަނަ ރަސްގެފާނު ސާބޫރު ބިން ރުރްދުޝޭރު ޙިޖާޒުކަރައާއި ޔަމަނުކަރަ ފަތަޙަ ކުރިއެވެ. މަދީނާއާ ހަމައަށް އޭނާގެ ބާރުގެ ދަށަށް ގެންދިޔައެވެ. އޭނާއަކީ ޢަރަބީންގެ ވަރަށްބޮޑު ޢަދާވަތްތެރިއެކެވެ. ޢަރަބީންގެ ތެރެއިން ހައްޔަރުވެގެން އޭނާގެ ގާތަށް ގެންދެވޭ ކޮންމެ މީހެއްގެ ކޮނޑުހުޅު ލުއްސައިލައެވެ. އެހެންކަމުން ޢަރަބީން އޭނާއަށް ނަންދީފައިވަނީ ޛުލްއަކުތާފުގެ ނަމުންނެވެ.
ނަމަވެސް ޢަރަބީންނަކީ ބޭރުގެ އެއްވެސް ބާރެއްގެ ދަށުވެގެން ތިބެން ރުހޭ ބައެއް ނޫނެވެ. އެހެން ކަމުން ފުރުޞަތެއް ހަމަ ލިބޭއިރަށް އަޅުވެތިކަމުގެ ކަސްތޮޅުތައް ފުނޑުފުނޑު ކޮށްލައެވެ. އަދި ކީއްތޯއެވެ؟ ޢަދާވާތްތެރީން ބާރު ހިންގައިފައިވާ ބިންތައްވެސް ފިރުކައިގަނެއެވެ. މިގޮތުން މަޢައްދު ބިން ޢަދުނާން ވަންހައިގެ ޤަބީލާތަކުން ޢިރާޤުގައި ކުދިކުދި ވެރިކަން ޤާއިމުކުރިއެވެ. އޭގެ ތެރެއިން އެއްވެރިއެއް ޙީރަތުގައި ރަސްކަމެއްގެ ބިންގާ އެޅިއެވެ.
އާދެ، މިގޮތުން ޢަރަބީންނާއި ފާރިސީންނާ ދެމެދު ވަރަށް ކުރީއްސުރެ ވާދަވެރިކަމާއި ރުޅިވެރިކަން ދެމިއޮންނަމުން އައެވެ. އީރާނުގެ މީހުން ޢަރަބީންނާމެދު ބަލަމުންއައީ ވަރަށްވެސް ނިކަމެތިކަމުގެ ލޮލަކުންނެވެ. އެކަން ހާނަވެގެންދާ އެއް ޙާދިޘާއަކީ އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކިސްރާ  ޚުސްރޫ ޕަރުވޭޒަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވުމުގެ ފަތްކޮޅެއް ފޮނުއްވި ޙާދިޘާއެވެ. އިތުރު ސާހިބާގެ ފަތްކޮޅުގެ އަޑު އަހައިފައި ޕަރުވޭޒު ރުޅިއައިސްގެން އެފަތްކޮޅު ވީދައިލިއެވެ. އޭނާ ބުންޏެވެ. އަހަރެންގެ އަޅަކަށްވެހުރެ އަހަންނަށް މިކަހަލަ ސިޓީއެއް ލިޔަން ކެރުނީ ކީއްވެހެއްޔެވެ؟ އޭނާ ހަމަ އެވަގުތު އޭނާގެ ފަރާތުން ޔަމަނުގައި ހުންނަ ގަވަރުނަރަށް އިތުރު ސާހިބާ ހައްޔަރުކޮށްފައި އޭނާގެ ގާތަށް ފޮނުވަން އެންގިއެވެ. އިތުރު ސާހިބާގެ މަސައްކަތްޕުޅުން ޢަރަބިކަރަ ގުޅިފައިވާ ބާރަކަށް ވެގެން ދިއުމުން ފާރިސީން އެބާރާމެދު ބަލަމުންދިޔައީ ބިރުވެރިކަމާއި ސިހުމުގެ ލޮލަކުންނެވެ.
އެދުވަސްވަރު ޚުސްރޫޕަރުވޭޒުގެ ދަރިކަލުން ޝޭރުވިއްޔާ އޭނާގެ ބައްޕައާއި އޭނާއާ އެއްބައްޕާފުޅު ހުރިހައި އަޚުން ޤަތުލުކޮށްލައްވާފައި ފާރިސީންގެ ރަސްކަމަށް އިސްވެ ވަޑައިގެންނެވިއެވެ. ނަމަވެސް އޭނާއަށް ތަޚްތުގައި އިންނެވުނީ އަށެއްކަ މަސްދުވަހުއެވެ. އޭނާއަށްފަހު ރަސްކަމަށް އިސްކުރެވުނީ އޭނާގެ ތުއްޕުޅު ދަރިކަލުން އުރުދުޝޭރެވެ. އޭނާގެ ނަމުގައި ރަސްކަން ހިނގަން ފެށުމާއެކު އީރާނުގެ ސިފައިންގެ ވެރިޔާ ޝަހަރުބަރާޒު ރޫމީންގެ ސަރަޙައްދުގައި ލަޝްކަރާއިގެން ހުރެފައި މަދާއިނަށް އައިސް ތުއްޕުޅު އުރުދުޝޭރު ޤަތުލުކޮށްފައި ވެރިކަން އަތުލިއެވެ. ނަމަވެސް އޭނާއަކީ ޝާހީ ޚާންދާނުގެ މެންބަރަކަށް ނުވުމާއެކު ފާރިސީންގެ ބޮޑުން އެއްބަސްވެފައި އޭނާ ޤަތުލުކޮށްފައި ޝޭރުވިއްޔާގެ އަންހެން ކޮއްކޯފުޅު ޕޫރަންދުޚްތު ރަސްކަމަށް އިސްކޮށްފިއެވެ. އެކަމަނާ ވެރިކަމުގައި އިންނެވީ ސޯޅަމަސްދުވަހުއެވެ. އެދުވަސްވަރަކީ އިތުރު ސާހިބާ صلّى الله عليه وسلّمގެ ޙަޔާތްޕުޅުގެ އެންމެފަހު މަރުޙަލާއެވެ. ޕޫރަންދުޚްތަށްފަހު ރަސްކަމަށް އިސްކުރެވުނީ ޖަވާންޝޭރެވެ. އޭނާގެ ރަސްކަމަށް އެއްމަސްދުވަސް ވެސް ނުވަނީސް ޚުސްރޫޕަރުވޭޒުގެ ދެވަނަ ދަރިކަނބަލުން ޢާޒަރުމީދުޚްތު ރަސްކަން އަތުލައްވައިފިއެވެ. ނަމަވެސް އެކަމަނާއަށްވެސް މާގިނަދުވަހު ތަޚްތަކު ނުއިންނެވުނެވެ. ޝަހްރުޔާރުގެ ދަރިކަލުން ޔަޒްދުގިރުދު ތަޞައްރަފު ފުދުމުން އޭނާއާ ރަސްކަން ޙަވާލުކުރެއްވުމުގެ ޝަރުޠުގެ މައްޗަށް އަނެއްކާވެސް ތަޚްތަށް އިސްކުރެވުނީ ޕޫރަންދުޚުތެވެ. މުޅި އީރާން އިސްލާމީ ދިދައިގެ ދަށަށް ދިޔައީ ޔަޒުދުގިރުދުގެ ރަސްކަމުގެ ދުވަސްވަރުއެވެ.

ޒާތިއްސަލާސިލް ހަނގުރާމަ
ހުރުމުޒަށް އެސިޓީފުޅުލިބުމާއެކު އޭނާ އެސިޓީފުޅު އީރާނުގެ ޝަހެންޝާހުގެ އަރިހަށް ފޮނުވައިލިއެވެ. އެއަށްފަހު އޭނާގެ ހުރިހައި ސިފައިން ޖަމާކޮށްގެން ޙުޟައިރާ ދިމާޔަށް ދުތުރުފެށިއެވެ. ހުރުމުޒަކީ އެސަރަޙައްދުގެ އެންމެ އަނިޔާވެރި ވެރީންގެ ތެރެއިން އެކެކެވެ. އެހިސާބުގައި ދިރިއުޅެމުންދިޔަ ޢަރަބީންނަކީ އޭނާއާ ވަރަށް ދެކޮޅުވެރި ބައެކެވެ.
ދެލަޝްކަރު ބައްދަލުވުމާއެކު ހުރުމުޒު ޚާލިދުގެފާނަށް މުބާރަޒާކުރުމަށް ދަޢުވަތު އެރުވިއެވެ. އޭނާ އުޅުނީ އޭނާގެ މަކަރެއްގެ ދަށުލައި ޚާލިދު ރަޟިޔަﷲ އަންހު ޝަހީދުކޮށްލަން ރާވައިގެންނެވެ. ނަމަވެސް ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު ހުރުމުޒުގެ ރޭވުން ކާމިޔާބުވިޔަކަ ނުދެއްވިއެވެ. އޭނާ ޤަތުލުކޮށްލެއްވިއެވެ. އެއަށްފަހު ހުރުމުޒުގެ އިސްލަޝްކަރާ ޙަމަލާދެއްވިއެވެ. އީރާނުގެ ސިފައިންނަށް އިސްލާމީ މުޖާހިދުންގެ ކުރިމައްޗަކު ފައިތިލަ ސާބިތުކޮށެއް ނުލެވުނެވެ. އެބައިމީހުން ބަލިވެގެން ފިލައިގެން ހިނގައްޖެއެވެ. މިހަނގުރާމައިގައި މައިދާނުން ފިލައިގެން ނުދިޔުމުގެ މަޤްޞަދުގައި ފާރިސީންގެ އެތައްބަޔަކު އައިސްތިބީ އެކުގައި ހިލިހިލާ އެޅިގެންނެވެ. އެހެންކަމުން މިހަނގުރާމައަށް ޒާތިއްސަލާސިލްގެ ނަންދެވުނެވެ.
މިފަތަޙައިގެ ޚަބަރު ލިބިވަޑައިގެންނެވުމުން أمير المؤمنين އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ވަރަށް ބޮޑަށް އުފާކުރެއްވިއެވެ. އެކަލޭގެފާނު ޝުކުރުގެ ސަޖިދަ ކުރެއްވިއެވެ. ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު ގެ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ހުރުމުޒުގެ ތާޖު ޚާލިދުގެފާނަށް ދެއްވިއެވެ. އެތާޖަކީ އެޒަމާނުގެ އަގުން އެއްލައްކަ ރުފިޔާގެ އަގުހުރި ތާޖެކެވެ. ޚާލިދު ރަޟިޔަﷲ ޢަންހު އިސްލާމީ ލަޝްކަރާއިގެން ކުރިޔަށް ވަޑައިގެން ލަޝްކަރު މަޑުކުރެއްވީ މިހާރު ބަޞަރާ އާބާދުވެފައި އެވާ ތަނުގައެވެ.
ޒާތިއްސަލާސިލްގެ ހަނގުރާމައިގައި ހުރުމުޒު ބަލިވުމުގެ ކުރިން އީރާނުގެ ދަރުބާރުން ވަނީ ޤާރަންގެ ވެރިކަމުގެ ދަށުގައި ހުރުމުޒަށް އެހީވުމަށް ލަޝްކަރެއް ފޮނުވައިފައެވެ. ހުރުމުޒު ޤަތުލުވި ޚަބަރު ޤާރަނަށް ލިބުނީ އޭނާ ދަތުރުކުރަމުންއައި މަގުމަތީގައެވެ. ޤާރަންގެ ލަޝްކަރު މަޑުކުރީ އަލްމަޒާރުގައެވެ. ޚާލިދު ރަޟިޔަﷲ ޢަންހު ލަޝްކަރާއިގެން ވަޑައިގެން ހަނގުރާމަ ކުރައްވައި ޤާރަން ޤަތުލު ކުރެއްވިއެވެ. އީރާނީ ލަޝްކަރު ބަލިވެގެން ފިލައިގެން ހިނގައްޖެއެވެ. މިހަނގުރާމައިގައި މުސްލިމުންގެ އަތުން އީރާނީ ސިފައިންގެ ތިރީސް ހާސް މީހުން ޤަތުލުވި ކަމުގައި ބުނެވެއެވެ. އޭގެތެރޭގައި އަނޫޝްޖާނާއި، ޤުބާދު ފަދަ މަޝްހޫރު އީރާނީ އޮފިސަރުންވެސް ހިމެނެއެވެ.
އީރާނުގެ ޝަހެންޝާހަށް އެލަޝްކަރު ބަލިވި ޚަބަރު ލިބިވަޑައި ގެންނެވުމުން މުސްލިމުންނާ ދެކޮޅަށް މަދާއިނުން ދެލަޝްކަރު ފޮނުއްވިއެވެ. އެއްލަޝްކަރު އަންދަރުޒުގިރުގެ ވެރިކަމުގެ ދަށުގައެވެ. އަނެއް ލަޝްކަރު ބަހްމަންޖާދުވިއްޔާގެ ވެރިކަމުގެ ދަށުގައެވެ. އަންދަރުޒުގިރުގެ ލަޝްކަރުގައި ޙީރަތާއި ކަސްކަރުގެ އަހުލުވެރީންނާއި، ޢަރަބި ކްރިސްޓިއަނުންގެ އެތައް ބަޔަކު ބައިވެރިވިއެވެ. އެލަޝްކަރު މަޑުކުރީ އަލްވަލްޖާގައެވެ.
ޚާލިދު ރަޟިޔަﷲ ޢަންހު އަށް އެލަޝްކަރުތަކުގެ ޚަބަރު ލިބިވަޑައި ގެންނެވުމުން އެބައިމީހުންނާ ހަނގުރާމައަށް ކަރަތެރެއަށް ވެދެވަޑައި ގެންނެވިއެވެ. ނަމަވެސް އެނބުރިވަޑައި ގަންނަވާނެ މަގު ޙިމާޔަތް ކުރެއްވުމަށްޓަކައި ތަންތަންކޮޅަށް ސިފައިންގެ ޖަމާޢަތްތައް ދޫކުރައްވަމުން ގެންދެވިއެވެ. ވަލްޖާއަށް ވަޑައިގެން ފާރިސީންގެ ލަޝްކަރާ ތިންފަރާތުން ޙަމަލާދެއްވިއެވެ. އެއްފަރާތުން ޙަމަލާދެއްވީ ޚުދު ޚާލިދު ބުނު ރަޟިޔަﷲ ޢަންހު އެވެ. އަނެއް ދެފަރާތުން مثنى بن حارث ރަޟިޔަﷲ ޢަންހު އާއި قعقاع بن عمرو ރަޟިޔަﷲ ޢަންހު އެވެ. ޚާލިދު ގެފާނުގެ މިރެއްވެވުމުން ދުޝްމިނުންގެ ހިތަށް ބިރުވެރިކަން ވަދެ ދާދި އަވަހަށް ބިރުން ފިލައިގެން ހިނގައްޖެއެވެ.

ޙީރަތު ވަށައިލެއްވުން
އެހައިތަނުން ހިނގި ހަނގުރާމަތަކުގައި އީރާނުގެ ސިފައިންނާ އެހީތެރިވި ބަކުރުވަންހައިގެ ކްރިސްޓިއަން ޢަރަބީންގެ ތެރެއިން ގިނަ މީހުންވަނީ އެ ހަނގުރާމަތަކުގައި ޤަތުލުވެފައެވެ. އެހެންކަމުން މުތަނައްޞިރު ޢަރަބީން މުސްލިމުންގެ ކިބައިން ބަދަލު ހިފުމަށްޓަކައި ބަހްމަންޖާދުވިއްޔާގެ ލަޝްކަރުގައި ބައިވެރިވިއެވެ. ބަހްމަން ލަޝްކަރާއިގެން ހުރީ އަލްއަންބާރާ ޖެހިގެން އޮންނަ އުއްލައިސުގައެވެ. ޚާލިދު ރަޟިޔަﷲ ޢަންހު ކަސްކަރު ފަތަޙަ ކުރެއްވުމަށްފަހު އުއްލައިސަށް ވަޑައިގެން ރޭގަނޑު ހަނގުރާމަ ފައްޓަވައި އެލަޝްކަރުގެ ބޮޑުބައި ޤަތުލުކޮށް ލެއްވިއެވެ.
އުއްލައިސުގެ ހަނގުރާމައިން ނިމިވަޑައިގެން ޚާލިދު ވަޑައިގެންނެވީ އަމްޣީޝިޔާއަށެވެ. ޚާލިދު ވަޑައިގަންނަވާ ޚަބަރު ލިބިމުން އެރަށުގެ އަހުލުވެރީން ރަށް ހުސްކޮށްފިއެވެ. އެއަށްފަހު ޚާލިދު ރަޟިޔަﷲ ޢަންހު ފުރާތުކޯރުގެ ތެރެއިން ބައްތެލި ފަހަރުގައި ޙީރަތާ ދިމާޔަށް ވަޑައިގެންނެވިއެވެ. އިސްލާމީ ލަޝްކަރު އެއްގަމަށް އެރިޔަނުދިނުމަށްޓަކައި އީރާނީން ފުރާތުކޯރުގެ ފެންގަނޑު ބަންދު ކުރުމަށްފަހު ކޯރުގެ އައްސޭރީގައި ވަރަށް ބޮޑު ލަޝްކަރެއް ރުކުރުވައިލިއެވެ. ޚާލިދުގެ އަމުރުފުޅަށް މުސްލިމުން ތީރުން ޙަމަލާދިނުމުން އީރާނުގެ ލަޝްކަރަކަށް ނުހިފެހެއްޓުނެވެ. ޚާލިދު އިސްލާމީ ލަޝްކަރާއިގެން ޙީރަތް ޙިޞާރު ކުރެއްވިއެވެ. ޙީރަތުގެ އަހުލުވެރީންނަށް މުސްލިމުންނާއި ހަނގުރާމަ ނުކުރެވޭނެކަން ވިސްނިގެން ޞުލްޙަވުމަށް އެދި ހުށަހެޅުމުން ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު އެކަން ޤަބޫލުފުޅު ކުރެއްވިއެވެ. މުސްލިމުންނަށް ކޮންމެ އަހަރަކު އެއްލައްކަ ނުވަދިހަހާސް ދިރުހަމުގެ ޖިޒީދިނުމުގެ މައްޗަށް ދެފަރާތުން އެގްރީމެންޓެއް ކުރެވުނެވެ.

އުތުރު ޢިރާޤް ފަތަޙަ ކުރެއްވުން
ދެކުނު ޢިރާޤު ފަތަޙަ ކުރެއްވުމަށްފަހު ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު ޙީރަތުގައި އެކަލޭގެފާނުގެ ނާއިބަކަށް ޤައުޤާޢު ބުނު ޢުމަރު ވ ރަޟިޔަﷲ ޢަންހު ޙީރަތުގައި އެކަލޭގެފާނުގެ ނާއިބަކަށްقعقاع بن عمرو رضى الله عنه  ބަހައްޓަވައިފައި ވަޑައިގެންނެވީ ޢިޔާޟު ބުނު ޢަންމު ރަޟިޔަﷲ ޢަންހު އަށް އެހީތެރިވެވަޑައި ގެންނެވުމަށްޓަކައި އުތުރު އިރާޤަށެވެ. އުތުރު ޢިރާޤާއި ޝާމްކަރައާ ގުޅޭ ސަރަޙައްދުގައިވާ ދޫމަތުލްޖުންދަލަކީ ރިސާލަތުގެ ދައުރުގައިވެސް އަރަބި ކްރިސްޓިޔަނުން މުސްލިމުންނާ ދެކޮޅަށް ނުބައި ރޭވުންތައް ރޭވުމުގެ ޚާއްޞަ މަރުކަޒެވެ. އެހެންކަމުން رسول الله صلّى الله عليه وسلّم ތަބޫކު ހަނގުރާމައަށްފަހު ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު ފޮނުއްވައިގެން އެތާނގެ ބޮޑުންކުރެ أكيدر بن عبد الملك ކިޔަމަން ކުރެއްވިއެވެ. ނަމަވެސް އޭގެފަހުންވެސް އެތާނގެ އަހުލުވެރީންގެ ފިތުނަވެރިކަމެއް ނުހުއްޓެއެވެ. އެހެން ކަމުން އަމީރުލްމުއުމިނީން އަބޫބަކުރު ރަޟިޔަﷲ ޢަންހު ދޫމަތުލްޖަންދަލްގެ މައްސަލަ ހަމަޖެއްސެވުމަށްޓަކައި ޢިޔާޟް ބުނު ޢަންމު ރަޟިޔަﷲ ޢަންހު ފޮނުއްވިއެވެ. އެކަލޭގެފާނަށް އެންގަވައިފައިވަނީ ދޫމަތުލްޖަންދަލް ފަތަޙަ ކުރެއްވުމަށްފަހު ޚާލިދު ބުނު އަލްވަލީދު އަށްވުރެކުރިން ޢިރާޤުގެ ސަރަޙައްދަށް ވެދެވަޑައިގެންފިނަމަ ޢިރާޤުގެ ކޮމާންޑަރ އިންޗީފަކީ ޢިޔާޟް ކަމުގައެވެ. ނަމަވެސް ޚާލިދުގެފާނު ދެކުނު ޢިރާޤު ފަތަޙަކުރެއްވިއިރުވެސް ޢިޔާޟް އަކަށް ދޫމަތުލްޖަންދަލް ފަތަޙައެއް ނުކުރެވުނެވެ. ޚާލިދުގެފާނު ދަތުރުކުރެއްވި މަގުމަތީގައި އެންމެ  ފުރަތަމަ ވަޑައިގަތީ އަލްއަންބާރަށެވެ. އެތާނގެ އަހުލުވެރީންނަށް މުސްލިމުންނާ ހަނގުރާމަ ނުކުރެވިގެން ކިއްލާއަށް ވަދެ ކިއްލާ ބަންދުކޮށްފިއެވެ. ޚާލިދު އެބައިމީހުންނަށް ޚަބަރު ފޮނުއްވެވިއެވެ. ތިޔަބައިމީހުންނަށް ވިލާތަކުގެ ތެރެއަށް އަރައި ރައްކައުވެވޭނެނަމަ ރައްކާތެރިވާށެވެ. އަހަރެމެން އެތަނަށްވެސް ގޮސް ތިޔަބައިމީހުން ބާލާނޫއެވެ. އެންމެފަހުން އަންބާރުގެ އަހުލުވެރީން އެދުނީ އަނބިދަރީންނާއެކު އަސްމަތީގައި ރަށުން ފައިބައިގެން ދިއުމުގެ ހުއްދަ ދެއްވުމަށެވެ. ކިއްލާއާއި މުދާތަކާއި ދަނޑުފަގު މުސްލިމުންނަށެވެ. ޚާލިދުގެފާނު އެގޮތް ޤަބޫލު ކުރެއްވިއެވެ. އަލްއަންބާރު ހުސްވުމުން އެހިސާބުގަނޑުގެ ވެރީންނާއި ބިންވެރީން ޚާލިދުގެފާނު އަރިހަށް އައިސް މުސްލިމުންނަށް ޖިޒީދީ ޞުލްޙައިގެ އެގްރީމެންޓް ތަކުގައި ސޮއިކުރިއެވެ.
ކްރިސްޓިއަން ކޮމާންޑަރުންނަށް ޚާލިދު ވަޑައިގަންނަވާ ޚަބަރު ލިބުމުން މެހެރާންގާތު ބުންޏެވެ. " އަހެރެންނަކީ ޢަރަބީންނެވެ. ޢަރަބީންގެ ހަނގުރާމައިގެ ވައްޓަފާޅި އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ވީމާ ކަލޭމެން މިތާނގައި ތިބޭށެވެ. އަހަރެމެން މުސްލިމުންނާ ކުރިމަތިލާނަމެވެ. " މެހެރާން ޖަވާބުދިނެވެ. " ތިޔަބުނީ ހެޔޮކޮށެވެ. ދަގަނޑުކެނޑޭނީ ހަމަ ދަގަނޑުންނެވެ. "
عقة ގެ ލަޝްކަރާއި އިސްލާމީ ލަޝްކަރު މައިދާނުން ބައްދަލުވުމުން ޚާލިދުގެފާނު އެކަލޭގެފާނުގެ އާދަފުޅުގެ މަތީން عقة އަށް މުބާރިޒާކުރަން ދަޢުވަތު ދެއްވިއެވެ. عقة މައިދާނަށް ނުކުތުމުން ޚާލިދު ގެފާނު ހުޝިޔާރެވެ. ޚަބަރުދާރެވެ. ވިދާޅުވެފައި އޭނާއާ ޙަމަލަ ދެއްވުމަށްޓަކައި ފުންމައިވަޑައި ގެންނެވުމުން عقة ގަތްބިރުން އޭނާގެ އަތުން ކަނޑި ވެއްޓިއްޖެއެވެ. ޚާލިދުގެފާނު އޭނާގެ ކަނޑި ނަންގަވައިފައި އޭނާއަށް ދެއްވާން ޤަޞްދުކުރެއްވިއެވެ. ނަމަވެސް عقة ބިރުން ތުރުތުރު އަޅާން ފެށިއެވެ. ޚާލިދުގެފާނު އޭނާ މުސްލިމުންގެ ސިފައިންގެ މީހަކާ ޙަވާލުކުރެއްވިއެވެ. އެމަންޒަރު ފެނިފައި ކްރިސްޓިޔަން ޢަރަބީންގެ ލަޝްކަރު ބިރުން ފިލައިގެން ހިނގައްޖެއެވެ. ކްރިސްޓިޔަން ޢަރަބީންގެ ތެރެއިން ހަނގުރާމައިގައި ބަލިވި ޖަމާޢަތްތައް އެނބުރި އައިއިރު އީރާނުގެ ލަޝްކަރުވީ ފިލައިގެން ގޮހެވެ. އެހެންކަމުން އެބައިމީހުން މަޖުބޫރުވެގެން ކިއްލާ ބަންދުކޮށްގެން ތިބީއެވެ. އެންމެ ފަހުގެ ނަތީޖާއަކީ މުސްލިމުން ކިއްލާ ފަތަޙަ ކުރުމެވެ.
ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު އެތާނގައި ހުންނަވަނިކޮށް ޢިޔާޟް ބުނު عنم ގެ ސިޓީފުޅެއް ލިބިވަޑައި ގެންނެވިއެވެ. އޭރު ޢިޔާޟް ހުންނެވީ ދޫމަތުލްޖަންދަލް ޙިޞާރު ކުރައްވައިގެނެވެ. ޢިޔާޟް ގެ ސިޓީފުޅުގައި ޚާލިދުގެ އަރިހުން އެހީފުޅަށް އެދިވަޑައިގެންފައިވެއެވެ. ޚާލިދުގެފާނު އެސިޓީފުޅުގެ ޖަވާބުގައި ވަރަށްކުރު  ސިޓީފުޅެއް ފޮނުއްވިއެވެ.
" ޚާލިދު ބުނު އަލްވަލީދު ގެ ފަރާތުން ޢިޔާޟް ބުނު عنم އަށް، އަޅުގަނޑު ކަލޭގެފާނުގެ އަރިހަށް އެބަދަމެވެ. "
ދޫމަތުލްޖަންދަލްގައި ކްރިސްޓިޔަން ޢަރަބީންގެ ވަރަށްބޮޑު ލަޝްކަރެއް އޮތެވެ. ޚާލިދު ބުނު އަލްވަލީދު ވަޑައިގަންނަވާ ޚަބަރު ލިބުމުން އެބައިމީހުންގެ ރައީސް أكيدر بن عبدالملك އޭނާގެ އެކުވެރީ ގާތު ބުންޏެވެ. އަހަރެން ޚާލިދު ވަރަށް ރަނގަޅަށް ދަންނަމެވެ. ޚާލިދު އަށްވުރެން ތޫނުފިލި، ކުޅަދާނަ، ސިފައިންގެ ޖަނަރަލަކު އަހަރެން ނުދެކެމެވެ. ލަޝްކަރެއްގެ ކިތަންމެ ބައިގިނަޔަސް ޚާލިދުގެ ކުރިފުޅުމަތީގައި ބަލިނުވެ ދިޔުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. ތިޔަބައިމީހުން އަހަރެންގެ ބަސް ޤަބޫލުކުރާށެވެ. ޚާލިދު އާ ޞުލްޙަވާށެވެ. ނަމަވެސް އެބައިމީހުން أكيدرއެކަމާ ނުޤަބޫލުވެގެން އޭނާގެ އެކުވެރީންނާ ވަކިވެގެން ރަށުން ނިކުމެގެންދާން އުޅުމުގެ ތެރޭގައި ޤަތުލުވެއްޖެއެވެ.
ދޫމަތުލްޖަންދަލް ޙިޞާރު ކުރެއްވީ އެއްފަރާތުން عياض بن عنمއެވެ. އަނެއްފަރާތުން ޚާލިދު ބުނު އަލްވަލީދެވެ. އެރަށުގެ އަހުލުވެރީންނަށް އެދެބޭކަލުންގެ ކުރިފުޅުމަތީ ނުހިފެހެއްޓި ބަލިވީއެވެ. އެރަށުގައި ތިބި ހަނގުރާމަވެރިންކުރެ ކުލަބު ވަންހައިގެ މީހުން ފިޔަވައި އެހެން އެކަކުވެސް ޤަތުލުން ސަލާމަތެއް ނުވެއެވެ.  ކުލަބު ވަންހައިގެ މީހުންނަކީ ތަމީމު ވަންހައިގެ މީހުންގެ އެކުވެރީން ކަމުގައިވާތީعاصم بن عمرو تميمىއެބައިމީހުންނަށް އަމާން ދެއްވީއެވެ.
ދޫމަތުލްޖަންދަލް ފަތަޙަ ކުރެއްވުމަށްފަހު ޚާލިދު އެނބުރިވަޑައިގަތީ ޚީރަތަށެވެ. އެރަށަށް ވަޑައިގެންނެވުމުން ޢަޖަމީން ލަޝްކަރު އެއްކޮށްގެން މުސްލިމުންނާ ވަރުގަދަ ޙަމަލައެއްދޭން އުޅޭކަން އެނގިވަޑައިގެންނެވިއެވެ. އެހެންކަމުން އަލްޙުޞައިދާއި އަލްޚަނާފިސާ ދިމާޔަށް ދެލަޝްކަރު ފޮނުއްވިއެވެ. އަލްޙުޞައިދަށް ފޮނުއްވީ قعقاع بن عمروއެވެ. އަލްޚަނާފިސަށް ފޮނުއްވީ أبو ليلىއެވެ. އެދެލަޝްކަރު އެތާނގައި ޖަމާވެފައިތިބި އީރާނު މީހުން ބަލިކޮށް ވިއްސިވިހާލި ކޮށްލިއެވެ. ޚާލިދުގެފާނު ވަޑައިގެންނެވީ އަލްމުޞީޚާ ދިމާޔަށެވެ. އެރަށުގައި ޢަރަބި ޤަބީލާތަކެއް ހަނގުރާމައަށް ތައްޔާރުވެގެން ތިއްބެވެ. ވަރަށް ނުރައްކާތެރި، ބިރުވެރި ހަނގުރާމަޔަކަށްފަހު ދުޝްމިނުން ބަލިވިއެވެ.
އެއަށްފަހު ޢިރާޤުކަރައާއި އަލްޖަޒީރާއާއި ޝާމުކަރައިގެ ސަރަޙައްދާ ގުޅޭތަނެއް ކަމުގައިވާ އަލްފަރާޟުގައި ރޫމީންނާއި އީރާނީންނާއި، ޢަރަބީން އެކުވެގެން ޚާލިދު އާ ހަނގުރާމަކުރިއެވެ. ޚާލިދުގެފާނު އެއެންމެން އެއްފަހަރާ ބަލިކޮށްލެއްވިއެވެ. އެހަނގުރާމަ ހިނގީ ހިޖުރައިން ބާރަވަނަ އަހަރުގެ ޛުލްޤަޢިދާ މަހުގެ ފަނަރަވަނަ ދުވަހުއެވެ. ފަރާޟުގައި ދިހަދުވަސް ވާންދެން ހުންނެވުމަށްފަހު عاصم بن عمروއަށް ލަޝްކަރާއިގެން ޙީރަތަށް ވަޑައިގަންނަވާން އެންގެވިއެވެ. ޚާލިދުގެފާނާ ބެހޭގޮތުން މީހުންނަށް އެންގެވީ އެކަލޭގެފާނު ލަޝްކަރުގެ ފަސްފަހަތުން އެބަވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަލޭގެފާނުގެ އެކުވެރީންގެ ޖަމާޢަތަކާއެކު އަވަސް އަވަހަށް މައްކާއަށް ވަޑައިގެން ޙައްޖުވެވަޑައިގަތުމަށްފަހު ލަޝްކަރުގެ ފަހަތުބަޔަށް (ސާޤާއަށް) ޙީރަތަށް ނުދެވެނީސް ލަޝްކަރުގެ ފަހަތުބަޔާ ގުޅިވަޑައި ގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ވަޑައިގެންވި ބޭކަލުން ފިޔަވައި އެހެން އެކަކަށްވެސް އެކަލޭގެފާނު ޙައްޖަށް ވަޑައިގެންނެވިކަމެއް ނޭނގުނެވެ. ނަމަވެސް أمير المؤمنين އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު އަށް އެކަން އެނގިވަޑައި ގެންނެވުމުން އެގޮތަށް ލަޝްކަރު ދޫކޮށްލައްވައިފައި ވަޑައިގެންނެވީތީ ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާކަން އެންގެވިއެވެ.
އޭގެފަހުން أمير المؤمنين އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ގެ ފަރާތްޕުޅުން ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު އަށް އަމުރުފުޅު އައީ ޢިރާޤުގެ މައިދާން مشنىއާ ޙަވާލުކުރައްވާފައިވާ ޚާލިދުގެ އަރިހުގައިވާ ލަޝްކަރާއިގެން ޝާމުކަރަޔަށް ވަޑައިގެން ޔަރްމޫކުގައި ތިބި އިސްލާމީ ލަޝްކަރާ ގުޅިވަޑައިގެންނެވުމަށެވެ.
ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު ޢިރާޤުގައި ހުންނެވީ ސާދަމަސް ދުވަހުއެވެ. ޚާލިދުގެ އަރިހުގައި ތިބީ ދިހަހާސް ސިފައިންނެވެ .مشنىރަޟިޔަﷲ ޢަންހު އާއި އެހެނިހެން މުސްލިމް ޖަނަރަލުންގެ އަރިހުގައިވެސް ތިބީ ގާތްގަނޑަކަށް ދިހަވަރަކަށް ހާސް ސިފައިންނެވެ. އެހައި ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އެހައިމަދު ސިފައިންގެ ބޭނުންފުޅު ކުރައްވައިގެން ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހު ހޯއްދެވިފަދަ ފުތޫޙާތުތަކެއް މިއަދާ ހަމަޔަށްވެސް އެއްވެސް ސިފައިންގެ ވެރިޔަކަށް ހޯއްދެވިފައެއް ނެތެވެ. އަލްއުބުއްލާއިން ފެށިގެން އަލްފަރާޟާ ހަމަޔަށް ޢިރާޤުގެ ސަރަޙައްދު އީރާނުފަދަ ބޮޑު ބާރެއްގެ އަތްދަށުން  ފިރުއްކަވައި ގެންނެވިއެވެ . އީރާނީންނާއި، ޢަރަބީންނާއި، ރޫމީންނާ، އެތައް މައިދާންތަކެއްގައި ހަނގުރާމަ ކުރެއްވިއެވެ. އެއިން ކޮންމެ ހަނގުރާމައެއްގައިވެސް ފަތަޙަ ހޯއްދެވިއެވެ. މިސްރާބު ޖައްސަވާ ކޮންމެ ދިމާއަކުންވެސް އެކަލޭގެފާނަށްވުރެ ކުރީން އެކަލޭގެފާނުގެ ނަންފުޅު ހިނގަމުންދިޔައެވެ. ފަތަޙަ ހޯއްދަވަމުން ގެންދަވާއިރު އަބަދުވެސް އެނބުރިވަޑައި ގަންނަވާނެ މަގު ޙިމާޔަތް ކުރައްވާފައި ބާއްވަވައެވެ. ފަތަޙަކުރައްވާ ކޮންމެ ތަނެއްގައިވެސް ރައްޔިތުންގެ ކަންތައްތައް އިޞްލާޙުކުރައްވައި، އަމްނުއަމާންކަން ޤާއިމް ކުރެއްވުމަށާއި، ގޮޔާއި ވާރު ނެންގެވުމަށް އެކަލޭގެފާނުގެ ފަރާތްޕުޅުން ޢާމިލުން ބައިތިއްބައެވެ. ދަނޑުވެރީންނާއި މަސައްކަތްތެރީންނަށް އިންތިހާ ދަރަޖައަށް އޯގާތެރިވެވަޑައި ގަންނަވައެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތުގައި އީރާނު ސަރުކާރުގެ ބަދަލުގައި އިސްލާމީ ދައުލަތަށް ލޯތްބާއި އިޚްލާޞްތެރިކަން އުފެދެއެވެ. ޞުލްޙަ މަސަލަސްކަމާއެކު އެބައިމީހުންގެ މަސައްކަތުގައި މަޝްޢޫލުވެއެވެ.
ރައްޔިތުންނާމެދު އޯގާތެރިވެ ވަޑައިގަންނަވާ ވަރަށް ދުޝްމިނުންނާމެދު އެކަލޭގެފާނު ހަރުކަށިފުޅެވެ. ދުޝްމިނުންގެ ލަޝްކަރެއް ހަމަ ފެނިވަޑައި ގަތުމާއެކު ފުރިހަމަ ރޭއްވެވުންތެރިކަމާއިއެކު ވަރުގަދަ ޙަމަލާތައް ދެއްވައެވެ. އެލަޝްކަރެއްގެ އިސް އޮސިސަރުންނާއި ނަންހުރި ހެވީން ހޮއްވަވައި ލައްވައި މުބާރިޒާއިން ދެރަކުރައްވައެވެ. ނަތީޖާއެއްގެ ގޮތުން އެލަޝްކަރެއްގެ ޢަސްކަރީ ބާރު މާގިނަދުވަހަކު ދެމިއެއް ނޯވެއެވެ.
އެހެންކަމުން ޚާލިދު ބުނު އަލްވަލީދު ރަޟިޔަﷲ ޢަންހުގެ މަސައްކަތްޕުޅަކީ އިސްލާމީ ފުތޫޙާތުގެ ނިތްކުރީގެ ނޫރެވެ. އަމީރު أمير المؤمنين އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ގެ ފަރާތްޕުޅުން ޚާލިދު ބުނު އަލްވަލީދު އަށް ޢިރާޤުގެ އެތެރެއަށް އެއަށްވުރެ ބޮޑަށް ވެދެވަޑައި ގެންނެވުމުގެ ހުއްދަ ލިބިވަޑައިގެންނެވިނަމަ ފާރޫޤީ ދައުރުގެ ބައެއް މުހިއްމު ޙާދިޘާތައް ޞިއްދީޤީ ދައުރުގައި ހިނގުމަކީ އެކަށީގެންވާ ކަމެއްކަމުގައި މުއައްރިޚުން ބަޔާން ކުރައްވައެވެ.
ޚާލިދު ބުނު އަލްވަލީދު އެކަލޭގެފާނުގެ ލަޝްކަރުގެ ވަރަށްބޮޑު ބަޔަކާއެކު ޝާމުކަރައަށް ވަޑައިގަތުމުން ނަތީޖާއަކަށްވީ ޢިރާޤުގައި ބަޣާވާތުގެ އަސަރު ފެތުރޭން ފެށުމެވެ. ޢިރާޤުގެ ވަރަށް ގިނަ ބަޔަކު އެބައިމީހުންގެ ޢަހްދު އުވައިލުމެވެ. مثنىހަތަރުފަރާތަށް ނަޒަރު ހިންގެވުމަށްފަހު އަނެއްކާވެސް މަދީނާއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައި ގެންނެވިއިރު أبوبكر رضى الله عنه ޢަންހު އޮންނެވީ އަވަހާރަވުމުގެ އާލާސްކަންފުޅުގައެވެ. ނަމަވެސް އެކަލޭގެފާނު مشنىއާ ބައްދަލުކުރެއްވިއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު އާ مشنىއާ ބައްދަލުކުރައްވައި އެއްވެސް ޙާލެއްގައި ޢިރާޤު ދޫކޮށްނުލެއްވުމަށް ވަޞިއްޔަތް ކުރެއްވިއެވެ.

No comments:

Post a Comment