Friday, June 17, 2016

މުސްލިމެއްގެ ދުލުން ރަމަޟާން..

މުސްލިމެއްގެ ދުލުން ރަމަޟާން..

މީހަކު ސިނަމާއަކަށް ގޮސް ރީތި ފިލްމެއް ބެލުމަށްފަހު އެފިލްމުގެ ރީތިކަމާއި ފުރިހަމަކަން އަދި އޭނަ ފިލްމުބަލަމުން ދިޔަ އިރު ކުރެވުނު އިހްސާސްތަކާއި އެކު އޭނާގެ ރަހްމަތްތެރިންނަށް ކިޔައިދިނުމަކީ އުނދަގޫ ކަމެކެވެ. އަދި އެވާހަކަތަށް ކިތަންމެވަރަކަށް ތަކުރާރުކޮށް ފިލްމުގައި ކީ އެއްޗެއް ބަހުންބަހަށް ކިޔައިދިން ކަމުގައިވިއަސް އޭނާ ފިލްމުބަލަމުން ދިޔައިރު ކުރެވުނު އިހްސާސްތަށް އޭނާގެ ރަހްމަތްތެރިންނަށް އިހްސާސްކުރެވޭ ގޮތަށް ކިޔައިދިނުމަކީ ވަރަށް ދަތި ކަމެކެވެ. ފިލްމުގައި އުޅުނު އެކްޓަރުންނާއި، ފިލްމު ކުޅެފައިވާ ތަންތަނާއި ފިލްމުގައި ބޭނުންކޮށްފައިވާ ޚާއްޞަ އުކުޅުތަށް ސިފަކޮށްދޭން މަސައްކަތްކުރިއަކަސް އޭނާއަށް އެވަގުތު އިހްސާސް ކުރެވުނު ޖޯޝް އޭނާގެ އެކުވެރިންނަށް އިހްސާސްކުރެވުމަކީ ވާނޭކަމެއް ނޫނެވެ. ރަމަޟާންމަހުގެ ވާހަކަ ސިފަކޮށްދިނުމަކީވެސް ހަމަ މިކަހަލަ ކަމެކެވެ. މަތި މަތިން ބަލާލާ މީހަކަށް ރަމަޟާންމަސް ސިފަވާނީ ދުވާލުގަޑީގައި މުސްލިމުން ކެއުމާއި ބުއިމުން ދުރުވެގެން ތިބޭ މައްސަރެއްގެ ގޮތުގައެވެ. މިއީ އެފަދަ މީހަކަށް ނުވަތަ ބަޔަކަށް ބަލައިގަންނަން އެހާ ފަސޭހަކަމެއް ނޫނެވެ.  އެއްދުވަސްވަންދެން މުސްލިމުން ހައްދުފަހަނައަޅާފައިވާ ޑައިޓެއްގައި ތިބޭހެން އެމީހުންނަށް ހީވެދާނެއެވެ. ނަމަވެސް މުސްލިމުންނަށް ރަމަޟާން މަހަކީ ރަހުމަތްތެރިންނަށް ކިޔައިދޭންނޭގޭ ރީތި ފިލްމެއްފަދަ އެއްޗެކެވެ. ރަމަޟާންމަހުގެ ސަބަބުން އިހްސާސްކުރެވޭ އުފާވެރިކަން އެހެންބަޔަކަށް ސިފަކޮށްދިނުމަކީ ދުލަކުން ގަލަމަކުން ވާނޭކަމެއްނޫނެވެ. މި މަހަކީ މުޅި  އަހަރުގެ ތެރޭގައި އިންތިޒާރު ކުރެވޭ ބަރަކާތްތެރި މައްސަރެކެވެ. މި މަހުގެ އުފަލާއި ހިތްހަމަޖެހުމަކީ ހަމައެކަނި މުސްލިމުންގެ ތެރޭގައި ހިއްސާ ކުރެވެމުންދާ ސިއްރެކެވެ. ސަބަބަކީ އެ މަހުގެ ބަރަކާތްތެރިކަން މުސްލިމް ނޫން މީހަކަށް ސިފަކޮށްދިނުމަކީ ދަތި އުނދަގޫ ކަމަކަށް ވާތީއެވެ. އިސްލާމްދީނުގެ ހަތަރުވަނަ ރުކުންކަމުގައިވާ ރަމަޟާންމަހުގެ ރޯދައަކީ އޭގެ ސަބަބުން މުސްލިމުންގެ އަޤީދާ އިހުނަށްވުރެ ވަރުގަދަވެ، ހެއްދެވި ފަރާތާއި މެދު އޮންނަ އިތުބާރު ބޮޑު ވެގެންދާ އަޅުކަމެކެވެ. ﷲސުބުހާނަހޫ ވަތައާލާގެ މި އެންގެވުމަށް ބޯލެނބުމަށްޓަކައި އޭނާގެ ނަފްސު ތަރުބިއްޔަތުކޮށް، އޭނާއަށްވުރެ ދަތި ހާލަތުގައި ތިބި މީހުންގެ މަތިން ހަނދުމަކޮށް އޭނާގެ އަމިއްލަ އީމާންތެރިކަން ވަރުގަދަ ކުރަންޖެހެއެވެ.

ރަމަޟާންމަސް ސިފަކޮށްދިނުމަށް އެހެން ގޮތަކުން މިސާލެއް ދެއްކޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ. ތިބާގެ މަންމައާއި ދުރުގައި ނުފެނި ބައްދަލުނުވެ އެއްއަހަރު ވެއްޖެކަމުގައި ވިސްނާލަބައްލަވާށެވެ. އަރަބި ދުނިޔޭގައި މިހެން މިކަން ވުމަކީ ތަސައްވަރުކޮށްލެވޭނެ ފަދަ ހާލަތެއް ނޫނެވެ. ނަމަވެސް ހުޅަނގުގެ ޤައުމުތަކުގައި މިއީ އާންމު ހާލަތެކެވެ. މިފަދަ ހާލަތެއްގައި ތިބާގެ މަންމަ ތިބާއަށް ޒިޔާރަތް ކޮށްފައި ދާން ނިކުންނަމުން ތިބާގެ ގޭގެ ސާފުތާހިރުކަމާއިމެދު ބަހެއް ބުނެލާފައި ގޮސްފިނަމަ، ތިބާ އުޅެނީ ސާފުތާހިރު ތަނެއްގައި ނަމަވެސް އެ ބަހުގެ ސަބަބުން ތިބާއަށް އިހުސާސްކުރެވޭނީ  ތިބާ އުޅެނީ ލަދުގަންނަންޖެހޭވަރުގެ ތަނެއްގައި ކަމަށެވެ. ދެން މަންމަ ޒިޔާރަތް ކުރާނެ ދުވަހަކަށް ދުރާލައި ގެ ސާފު ކުރުމަށް ތިބާ މަސައްކަތްކުރާނެއެވެ. ބިންމައްޗާއި ކާޕެޓުތައް ފޮޅާ ވެކިއުމްކޮށް، ދޮރުތަކާއި ކުޑަދޮރުތަށް ދޮވެ ފެންފޮތިލާ، ހިފާގެންގުޅޭ ސާމާނު އޮފުކޮށް، ދޮރުފޮތިތަކާއި ބެޑުޝީތުތަށް ދޮވެ އިސްތިރިކުރާނެއެވެ. މިއީ އާދައިގެ މަތިން ގެ ސާފުކުރާ ކުރުމެއް ނޫނެވެ. މިއީ މަންމައަށް މަރުޙަބާ ކިޔުމުގެ ގޮތުން ގެ ސާފުކުރާކުރުމެވެ.

އިސްވެ ދެންނެވުނު ހާލަތުގައި ސިފަކޮށްދެވުނީ އާއިލާގެ އެންމެ މުހިންމު އެންމެ ލޮބޮވެތި މެންބަރު ގެއަށް ޒިޔާރަތް ކުރާތީ ވާ ތައްޔާރީތަކުގެ ވާހަކައެވެ. މިހާ ހިސާބުން ރަމަޟާންމަހަށް ވާ ތައްޔާރީ އާއި މި ތައްޔާރުވުމާއި މެދު ވާ ތަފާތުތައް ފެންނަން ފަށައެވެ. މިއީ އެންމެ މީހަކަށްޓަކައި ވެވޭ ތައްޔާރީ އެކެވެ. ނަމަވެސް ރަމަޟާން މަހަށްވާ ތައްޔާރީތަކަކީ ސީދާ މާތްﷲ އަށްޓަކައި ވެވޭ ތައްޔާރީތަކެކެވެ. ރަމަޟާން މަހަށްޓަކައި މުސްލިމް މީހަކު އޭނާގެ ރޫހާނީ ގެ، އެބަހީ އޭނާގެ ހިތް މާތްﷲ އަށްޓަކައި ތައްޔާރުކޮށް، އަހަރުތެރޭގައި ކުރުމަށް ވަޢުދުވެފައިވާ ކަންކަން ނިންމުމަށް މަސައްކަތްކޮށް ފުރިހަމަ މުސްލިމަކަށްވުމަށް އިތުރު މަސައްކަތްތަކެއް އޭނާ ކުރެއެވެ. އިސްލާމެއްކަމުގައި ވުމަކީ މުޅި ދުވަސް މާތްﷲގެ ހަޟްރަތުގައި، އެ އިލާހަށް އަޅުކަންކުރުންމަތީ ދެމިހުރުމެވެ. މިފަދައިން އުޅުމަށް އޮތް އެންމެ ފަސޭހަ ދުވަސްވަރަކީ ރަމަޟާން މަހެވެ. ރަމަޟާން މަސް އަހަރުމެންނަށް ގޮވައިލަނީ ރަނގަޅަށް އުޅުމަށެވެ. އަދި މިގޮވާލުމުގެ ސަބަބުން ނަފްސު އިސްލާހުކުރުމަށް މުސްލިމުންނަށް ފަސޭހަވެގެންދެއެވެ. މުޅިދުވަހު އޭނާ ރޯދައަށް ހުންނަ އިރު އޭނާގެ ރޯދައިގެ މަޤްސަދު އޭނާގެ ހިތުގެ ތެރޭގައި އާލާވެހުރެއެވެ. މުސްލިމުން ހިފާ ރޯދައަކީ އޭނާގެ އަމިއްލަ ނަފްސަށް ދެވޭ އަދަބެއް ނޫނެވެ. ނުވަތަ ބަރުދަން ލުއިކޮށް ހިކުމަށް ބޭނުންކުރެވޭ އުކުޅެއްވެސް ނޫނެވެ. ނަމަވެސް އެއީ ހަމައެކަނި މާތްﷲ އަށްޓަކައި ޚާލިސްވެ ހުރެ ކުރެވޭ އަޅުކަމެކެވެ. މާތްﷲ ވަނީ ރަމަޟާންމަހުގެ ރޯދަ މުސްލިމުންގެ މައްޗަށް ވާޖިބު ކުރައްވަވާފައެވެ. މުސްލިމުން މި އަމުރަށް އިޖާބަ ދެނީ ވަރަށް ފުރިހަމައަށެވެ. ގެ ސާފުކުރުމުގެ މިސާލަކީ ރަމަޟާންމަހުގެ ރޯދައަށް ވާ ތައްޔާރީތަށް ސިފަކޮށްދިނުމަށް ނުފުދޭ މިސާލެކެވެ. ރަމަޟާންމަހުގެ ރޯދަ ހިފުމަކީ އެއީ ތިބާގެ މަންމަ ކަމުގައިވިއަސް އެހެން އިންސާނަކުގެ ހިތްހަމަޖެހުމާއި ރުހުން ހޯދުމަށްވުރެ މާ މުހިއްމު ކަމެކެވެ. އެކަމަކު މަންމައަށްޓަކައި މުޅިގެ ސާފުކޮށްފައިހުއްޓާ ގޭގެ ސާފުތާހިރުކަމާއި ރީތިކަމުގެ ތައުރީފުތަށް މަންމަގެ ދުލުން އަޑުއިވުމުން އަހަރުމެންނަށް ވަރަށް ބޮޑު ހިއްހަމަޖެހުމަކާއި އުފަލެއް ލިބޭނެއެވެ. އެހެންކަމުގައިވާއިރު ރަމަޟާންމަހުގެ ރޯދަ ފުރިހަމައަށް ހިފުމުން މުސްލިމުންނަށް ލިބޭ ހަދިޔާއަކީ އޭނާގެ ފާފަތައްފޮހެވުން ކަމުގައި ވާއިރު، ދުވަހުގެ ރޯދަ ފުރިހަމަކުރެވުމުން ވާނެ އުފަލާއި ލިބޭނެ ހިތްހަމަޖެހުން ތަސައްވަރުކޮށްލައްވަ ބައްލަވާށެވެ.

ރަޙްމަތުގެ މައްސަރު
މިސްރުގެ ކައިރޯގެ އަލް- ހުސެން ނަމަކަށް ކިޔާ އަވަށެއް އޮވެއެވެ. ނަމަވެސް މި އަވަށުގެ ބަދަލުގައި މުސްލިމް ކޮންމެ ގައުމެއްގެ އަވަށެއްގެ  މިސާލުވެސް ޖެއްސެވިދާނެއެވެ. ކޮންމެއަކަސް މި އަވަށުގެ މިސާލެއް އަޅުގަނޑުމެން ދައްކާލާނަމެވެ. ވަގުތަކީ އިރުގެ ދޯދިތަށް ފަނޑުވެ ދުވަސް ނިމެން ކައިރިވެ، އިރުއޮއްސި ބަންގި ގޮވަން ކައިރިވާ ވަގުތެވެ. ހިނދުކޮޅެއްގެ ތެރޭގައި ރޯދަ ވީއްލުމުގެ ވަގުތު އައިސް ޖެހިދާނެއެވެ. ބުއިމަކަށް ކަރުހިއްކައިގަނެފައިވާ އަރުތަށް ފިނި ފެނުން ތެންމާލެވޭނެ ވަގުތު އައިސް ކައިރިވަނީއެވެ. އަވީގެ ގަދަ ހޫނުގައި މަސައްކަތް ކުރަމުން އައި އެތައް ބަޔަކަށް އެ މީހުންގެ ފުރަތަމަ ކެއުން ލިބޭވަގުތު ޖެހެނީއެވެ. ކޮންމެ  ރެސްޓޯރަންޓަކާއި ކެފޭ ހޮޓަލެއްގެ ކުރިމަތީގައި ރޯދަވީއްލަން އަންނަ އެންމެނަށް ޖާގަ ހެދުމަށް އިތުރު ގޮނޑިތަކާއި މޭޒުތައް ވަނީ އެތުރިފައެވެ. އެންމެން އެއްވެ އުޅޭ ހިސާބުގަނޑުގައި ދިގު މޭޒުތައް އެތުރި ގޮނޑިތަށް އަތުރާފައި އެބަ ހުއްޓެވެ. މިއީ "ރަހްމަތުގެ މޭޒު"ތަކެވެ. ފަގީރުންނާއި މިސްކީނުންނަށްޓަކައި ހިލޭ ބަނޑު ފުރެންދެން ރޯދަ ވީއްލުމަށްޓަކައި ކެއުމާއި ބުއިން ނެރުމަށް ތައްޔާރުކުރެވިފައިވާ މޭޒުތަކެކެވެ. ހުރިހާ ހިސާބެއްގައިވެސް މީސްތަކުންތިބީ އިންތިޒާރުގައެވެ. ރޯދަ ވީއްލުމުގެ ސިގްނަލް ދޭ މަޣްރިބް ނަމާދުގެ ބަންގީގެ އިންތިޒާރުގައެވެ. ބަންގީގެ އަޑު އެހުމަށްޓަކައި ރޭޑިއޯތަށްވަނީ ހުޅުވިފައެވެ. ދުވަހުގެ ރޯދައިގެ ނިމުން އައިކަން އިއުލާން ކުރުމަށްޓަކައި ހުދު ޞަލާހުއްދީން ބިނާކުރެއްވެވި ކައިރޯގެ ބޮޑު ކިއްލާގެ ބޮޑުބަޑިން ބަޑިއެއްޖަހައެވެ. ﷲ އަކްބަރު، ﷲއޭ އެންމެ ބޮޑީ، މި ގޮވާލުން ހުރިހާ މިސްކިތެއްގެ ތާޅަފިލިތަކުން އިއުލާން ކުރެއެވެ. މިއާއެކު ކެއުމާއި ބުއިމުގެ ވަގުތު ފެށިގެން ދެއެވެ.

އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ކޮންމެ ދުވަހަކު ރޯދަވީއްލަވަން ފައްޓަވަނީ ފެން ނުވަތަ ކިރުގެ ބުއިމަކުންނެވެ. ދެން އެއަށްފަހު ހަކުރު ލާފައިވާ ކަދުރުކޮޅެއް ހިއްޕަވައެވެ.  ވަރަށް ގިނަ މުސްލިމުން ރަސޫލާ صلى الله عليه وسلم ގެ މި ސުންނަތަށް އަމަލުކުރެއެވެ. ރަމަޟާންމަހުގެ ތެރެއިގައި މުސްލިމް އަޙްވަންތަކަމުގެ ބާރު ވަރަށް ވަރުގަދަ ވެގެން ދެއެވެ. ފެންތައްޓެއް ނުވަތަ ކާލާނެ އެއްޗެއް ނެތް ކޮންމެ މީހަކަށްވެސް ރޯދަ ވީއްލާނެ އެއްޗެއް ފޯރުކޮށްދެވެއެވެ. އިނގިރޭސި ބަހުގައި ކިޔޭ "ބްރޭކްފަސްޓް" ނުވަތަ "ބްރޭކްފާސްޓް" ، ލަފްޒީ މާނައިންނަމަ ރޯދަ ވީއްލުމަކީ، މުސްލިމުންގެ އާދަކާދައިގެ ތެރެއިން އައިސްފައިވާ ކަމެކެވެ. ބުއިމުގެ ފުރަތަމަ ކޯވަރާއި ކެއުމުގެ ފުރަތަމަ ސުވާ އާއިއެކު އެކެއުމާއި ބުއިން މިންވަރުކޮށްދެއްވިކަމަށްޓަކައި ހަމްދާއި ޝުކުރުގެ ދުޢާއެއް ކިޔެއެވެ. މުޅި ދުވަހުގައި ރޯދައަށް ހުރުމުގެ ސަބަބުން ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުގައި އެބައިމީހުންގެ ރޯދައިގެ ނިމުން ބޮޑު ބަޑީގެ ސެލިއުޓަކުން އިއުލާން ނުކުރެވޭނެ އެތައް ބަޔަކު ވާކަން ހަނދުމަވެއެވެ. މިވަރު ކީއްކުރައްހެއްޔެވެ، މިސްކިތަކުން ގޮވާލެވޭ ބަންގީގެ އަޑު ނީވި ރޯދަ ވީއްލަންޖެހޭ އެތައްބައެއް ތިބޭނެކަމުގެ އިހްސާސްވެސްކުރެވެއެވެ.

މުޅި ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުގައި ކާލާނެ އެއްޗެއް ނުވަތަ ބޯލާނެ ފެންފޮދެއް ނުލިބިގެން ބަނޑުހައި ހޫނުކަންމަތީ ފަނާވެގެންދާ އެތައް އިންސާނުންނެއްވެއެވެ. ރަމަޟާންމަހަކީ މުސްލިމުންނަށް މާތްﷲ ދެއްވަވާފައިވާ އަގުހުރި ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް އޮތް މައްސަރެކެވެ. އެ ނިޢުމަތްތަކަކީ ހަމައެކަނި ކެއުމާއި ބުއިމެއް ނޫނެވެ. ނަމަވެސް ލާނެ އަންނައުނާއި، ރަނގަޅު ސިއްހަތާއި، އަދާކުރާނެ ވަޒީފާއަކާއި، ޢާއިލާއާއި، އެކުވެރި ރަޙްމަތްތެރިންވެސް މި ނިއުމަތްތަކުގައި ހިމެނެއެވެ. ދުނިޔެ ތެރޭގައި އެންމެ ދުވަހެއްވެސް ވޭތުކުރުމަށް އެހީއަށް ބޭނުންވާ އިންސާނުން، ޙާއްޞަ ގޮތެއްގައި އެހެން މުސްލިމުން ތިބޭނެ ކަން ހަނދުމަވުމުގެ ސަބަބުން މި ޝުކުރުވެރިކަން އަދާކުރުމަށް އިތުރު ބާރެއްލިބިގެންދެއެވެ.

އަޅުކަމުގެ މައްސަރު
ދެން ރަމަޟާން މަހުގައި އަންނަ ލައިލަތިލް ޤަދުރީގެ ވާހަކަ ދައްކާލަމާހެއްޔެވެ. އެރެއަކީ އެއީ މަތިވެރިވެގެންވާ ރެއެކެވެ. އެހެނީ އެރެއަކީ ވަޙީގެ މަލާއިކަތާ ޖިބްރީލް އަލައިހިއްސަލާމް މުހައްމަދު صلى الله عليه وسلم ގެ މައްޗަށް ކީރިތި ޤުރުއާނުގެ ފުރަތަމަ ޢާޔަތްތަށް ބާއްވަވާލައްވާ، މުޅި ދުނިޔޭގެ ތާރީހް ބަދަލުކުރެވިގެންދިޔަ ރެއެވެ. މުސްލިމުން މިރޭގެ މަތިން ހަނދުމަކުރަނީ ވަރަށް ޚާއްސަ ޤަދަރަކާއިއެކުގައެވެ. ވަރަށްގިނަ މުސްލިމުން  މިރޭ ހާސިލް ކުރުމަށްޓަކައި ރޭގަނޑުގެ ވަގުތުތައް މިސްކިތްތަކުގައި ޤުރުއާން ކިޔެވުމުގައާއި މާތްﷲގެ ރަޙްމަތަށް އެދި ދުޢާ ކުރުމުގައި ހޭދަ ކުރެއެވެ. ލައިލަތުލް ޤަދްރީގެ ސަބަބުން މުސްލިމުންނަށް ހަނދުމަވެގެން އަންނަނީ ރަމަޟާންމަހަކީ ހަމައެކަނި ރޯދައިގެ މައްސަރެއް ނޫންކަމެވެ. އެއީ ކީރިތި ޤުރުއާނުގެ މައްސަރުކަންވެސް ހަނދުމަވެގެން ދެއެވެ. ރަސޫލާ صلى الله عليه وسلم އެއްފަހަރު އެކަލޭގެފާނުގެ ދަރިކަނބަލުން، ފާތިމަތުގެފާނުގެ އަރިހުގައި ހަދީޘްކުރެއްވެވިގޮތުގައި ކޮންމެ ރަމަޟާން މަހަކު ޖިބްރީލް އަލައިހިއްސަލާމް އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތް ކުރައްވަވާ އެކަލޭގެފާނާއެކު ޤުރުއާން ޚަތިމް ކުރައްވަވައެވެ.

މުޅި ރަމަޟާން މަހުގެ ތެރޭގައި ޤުރުއާން ކިޔެވޭ ޚާއްސަ ނަމާދުތަކެއް ރޭގަނޑުގެ ވަގުތުތަކުގައި ކުރެވެއެވެ. މުޅި މަސް ނިމޭއިރު މިނަމާދުތަކުގައި ކީރިތި ޤުރުއާން އޮންނާނީ ޙަތިމް ކުރެވިފައެވެ. ރަސޫލާ صلى الله عليه وسلم ސުވަރުގެ ވަޑައިގަތުމުގެ ކުރީ ރަމަޟާން މަހު އެކަލޭގެފާނު ޖިބްރީލްގެފާނާއިއެކު ދެ ޚަތިމް ކުރެއްވިކަން މުސްލިމުން ޤަބޫލުކުރެއެވެ. އެހެންކަމުން ވަރަށްގިނަ މުސްލިމުން މި އިތުރު ޚާއްސަ ތަރާވީހް ނަމާދުތަކަށް ދެވޭތޯ މަސައްކަތްކުރެއެވެ. ކީރިތި ޤުރުއާން ކިޔެވުމަކީ މުސްލިމުންނަށް ޚާއްސަ ޘަވާބާއި ދަރުމަތަކެއް ލިބޭ ކަމެއްކަމުން ވަރަށް ގިނަ މުސްލިމުން ޚާއްސަ ސިފައެއްގައި ޘަވާބު ހޯދުމުގެ ބޭނުމުގައި މާތްﷲ ގެ ކަލާމްފުޅު، އެބަހީ ކީރިތި ޤުރުއާން އެއްކޮށް ކިޔަވާ ނިންމާ ޚަތިމްކުރުމަށް ގަދައަޅައި މަސައްކަތްކުރެއެވެ.

ރޯދަމަހަށް ވަކިންޚާއްސަކޮށް ރޭގަނޑުގަޑީގައި ޓީވީން ގެނެސްދެމުންދާ ޕްރޮގްރާމްތަށް ދޫކޮށްލާފައި ތަރާވީޙް ނަމާދަށް މިސްކިތްތަކަށް ހާޒިރުވާ މީހުންގެ އަދަދު އިތުރުވުމަކީ ވަރަށް އުފަލާއެކު ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މުސްލިމުންގެ ދިރިއުޅުން ބައްޓަންވެގެންދަނީ އިސްލާމްދީނުގެ މައްޗަށް ބިނާކުރެވިގެންނެވެ. އެހެންކަމުން މި ޙާއްސަ ދީނީ ރޫހުގެ މަހަށް މުސްލިމުންގެ ހިތުގައި ޚާއްސަ ޖާގައެއްވަނީ ދެވިފައެވެ. މިތާގައި ހަނދުމަކޮށްލަންޖެހެނީ އިސްލާމްދީނުގައި ދީނާއި ތިމާގެ ދިރިއުޅުމަކީ ލާމެހިފައިވާ ވަކިނުކުރެވޭނެ ދެއެއްޗެއްކަމެވެ.މުސްލިމް ފިރިހެނަކު އޭނާގެ ރަހްމަތެރިންގެ ގާތު ތިމަންނާއަށް ކަލޭމެންނާ ބައްދަލުވެވޭނީ ތަރާވީޙް ނަމާދަށް ފަހުގައޭ ބުނުމަކީ އަޖައިބުވާންޖެހޭ ނުވަތަ ލަދުގަންނަންޖެހޭ ކަމެއްނޫނެވެ.އެހެނީ އެމެރިކާގެ ފިރިހެނަކު އޭނާގެ ރަހްމަތެރިންގެ ގާތު ތިމަންނާއަށް ކަލޭމެންނާ ބައްދަލުވެވޭނީ ބޭސްބޯލް މެޗަށްފަހުގައޭ ބުނުމަކީވެސް އާދަޔާޚިލާފް ނުވަތަ ލަދުގަންނަންޖެހޭ ކަމެއްނޫނެވެ.އިސްލާމްދީން ފިރިހެނާގެ ފިރިހެންވަންތަކަން ދައްކައިދޭއިރު، އަންހެނާގެ އަންހެންވަންތަކަން އިތުރުކޮށްދެއެވެ. އެހެންވީމާ ދީނާއިބެހޭގޮތުން ވާހަކަ ދެއްކުމަކީ ލަދުގަންނަންޖެހޭ ވަރުގެ ކަމެއްނޫނެވެ. ދީނުގައި އަންގަވާފައިވާ ކަންތައްތައް ފުރިހަމަކުރުމަކީ ހަމައެކަނި މުސްލިމެއްގެ ޠަބީޢަތުގައި ހިމެނިގެންވާކަމެއްނޫނެވެ. އެކަންކަން ކުރުމަކީ އޭނާއަށް ލިބޭ މަތިވެރި ފަޚްރެކެވެ.

ތަޤްވާގެ މައްސަރު
މާތްﷲ މުސްލިމުންނަށް ރޯދަހިފުމަށް އަމުރުކުރެއްވެވި ސަބަބު ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުގައި ބަޔާންކޮށްދެއްވާފައިވެއެވެ.
" އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރިން އައި މީސްތަކުންގެ މައްޗަށް ފަރުޟު ކުރެއްވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ."
ވީމާ ރޯދަ ފަރުޟުކުރެއްވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ މުސްލިމުންނަށް ތަޤްވާވެރިކަން ދަސްކޮށްދިނުމެވެ. ރޯދައިގެ ވަގުތު ފެށިގެން އަންނަނީ ފަތިސް ނަމާދުގެ ބަންގީގެ އަޑުންނެވެ. އަދި ނިމެނީ އިރުއޮއްސި މަޣްރިބް ނަމާދުގެ ބަންގީގެ އަޑަށެވެ. މި ދެމެދުގައި ކެއުމާއި ބުއިމާއި އަނބިންނާއި އެކު ޖިންސީ އެދުންތައް ފުއްދުމަކީ މުސްލިމުންގެ މައްޗަށް ޙަރާމްކުރެވިގެންވާ ކަންކަމެވެ. މިއިން ނުބައި މާނައެއް ދޭހަ ނުކުރައްވާށެވެ. ކެއުމާއި ބުއިމާއި އަނބިމީހާއާއިއެކު ޖިންސީ އެދުންތައް ފުއްދުމަކީ ދީނުގައި ގޯސް ނުވަތަ ޙަރާމް ކަންކަމެއް ނޫނެވެ. ނަމަވެސް ރަމަޟާން މަހުގެ ތެރޭގައި ނުވަތަ އެހެން މަހެއްގައިވެސް ރޯދައަށް ހުންނަ ހިނދު މިކަންކަމުން ދުރުވެހުރުމަކީ ރޯދައިގެ މަޤްޞަދު ކަމަށްވާ މީހާގެ ތަޤުވާވެރިކަން އިތުރުކޮށްދޭ ކަމެކެވެ. މިކަމުން އަހަރެމެންނަށް ދަސްކޮށްދެނީ ބައެއްކަންކަމުން ދުރުހެލިވެހުރެ މާތްﷲއަށް އަޅުކަންކުރުމަށް ޚާލިސްވެ ތިބުމަށެވެ. މަޣްރިބް ނަމާދަށްފަހު ފަޖްރުގެ އަލިކަން ފާޅުވަންދެން ރޯދަ ވީއްލި، މަނާކުރެވުނު ކަންތައްތައް ކުރުން ހުއްދަވެގެންދެއެވެ.

މުސްލިމުން ރަމަޟާންމަހު ހިފާ ރޯދައަކީ ވަރަށް ފުރިހަމަ އަޅުކަމެކެވެ. އެއީ ހަމައެކަނި ފޮނިކާތަކެތިން ދުރުވެލުމެއް، ނުވަތަ ފާހިޝް ބަސްތަކުން ދުރުވެހުރުމެއްނޫނެވެ. އެއީ މުޅި ނަފްސުން ހިފޭރޯދައެކެވެ. ސިނގިރޭޓުބުއިމަކީ ކެއުމާއި ބުއިމުގެ ތެރެއިން ހިމެނިގެންވާކަމެއްކަން އެއީ ސައިންޓިފިކް ހެއްކެކެވެ. އެހެންކަމުން ރޯދަމަހު ސިގިރޭޓުބުއިމުން ދުރުވެ ހުރުމަކީ ރޯދައިގެ ތެރޭގައި ހިމެނިގެންވާކަމެކެވެ. ދުވާލުގެ ވަގުތުތަކުގައި ހިފޭ މި ރޯދައަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ، ހަމައެކަނި މާތްﷲ އަށްޓަކައި ކުރެވޭ އަޅުކަމެކެވެ. ރޯދައަށް ހުންނައިރު އަވަށްޓެރިންނަށް އޯގާތެރިވާންޖެހެއެވެ. އެހެނީ އެހެންމީހަކަށް ބަދު ބަހެއްބުނެ ނުވަތަ އެހެންމީހަކާއިމެދު ހިތްބުރަކޮށް ނުބައި ގޮތަކަށް ވިސްނައިފިނަމަ ރޯދަ ބާތިލްވުން ގާތެވެ.

ކީރިތިޤުރުއާނުގައި މާތްﷲ ވަޙީކުރައްވަވާފައިވެއެވެ. "ފަހެ ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި (އެބަހީ ރަމަޟާން މަހުގައި) ހާޟިރުވެހުރެއްޖެމީހާ އެމަހު ރޯދަ ހިފާ ހުށިކަމެވެ."

ރޯދައިގެ ސަބަބުން ތަޙައްމަލުކުރަންޖެހޭ އުދަގޫތަކުން ސަލާމަތްވުމަށްޓަކައި މުޅި ދުވަހު ނިދާފައި އޮތުމަކީ ވަރަށް މޮޅު އަދި ފަސޭހަ ގޮތެއްކަމުގައި ފެނިދާނެއެވެ. ނަމަވެސް މިއާޚިލާފަށް މުސްލިމުން މިވަގުތުތަކުގައި އެހެން މަސްތަކަށްވުރެ ބުރަކޮށް މަސައްކަތްކޮށް އުޅެއެވެ. އޭނާގެ އިޚްލާސްތެރިކަން ދެއްކުމަށްޓަކައި ގަދައަޅާ މަސައްކަތްކޮށް ކިތަންމެ ވަރުބަލިވެފައިވިއަސް ޝަކުވާގެ އެންމެ ބަހެއްވެސް އޭނާ ބޭރެއްނުކުރާނެއެވެ. 1973 ގައި ސައިނާ ޕެނިންސިއުލާ އަނބުރާ ފަތަޙަކުރުމަށް މިސްރުގެ ލަޝްކަރުން އިޒްރާއީލަށް ކުއްލި ހަމަލާއެއްދިނީވެސް ރަމަޟާންމަހުގައެވެ. އަދިކިއެއްތަ، މި ހަމަލާ ދެވުނުވަގުތަކީ އިރުގެ ހޫނުކަން އެންމެ ގަދަވެފައި އޮތްވަގުތެވެ. އަދި މިސްރުގެ ސިފައިން ތިބީ ފަތިހުއްސުރެ ކެއުމާއި ބުއިމުން ދުރުވެ ރޯދައިގެ މަތީގައެވެ. މި ހަމަލާގެ ސަބަބުން އިޒްރާއީލްގެ އެންމެނަށް ލިބިގެންދިއައީ ކުއްލި ސިހުމެކެވެ. އެމީހުންނާއި އިދިކޮޅަށް ހަމަލާދޭނެ ލަޝްކަރުގެ އެންމެން ރޯދަ ހިފައިގެން ތިބެ ހަމަލާއެއް ދީފާނެކަމަކަށް އެމީހުން ހިއެއްނުކުރެއެވެ. މިއީ ރަމަޟާންމަހުގެ ރޯދަ ހިފުމާއިމެދު މުސްލިމުންގެ އީމާންތެރިކަން ހުރި މިންވަރު ދައްކައިދޭ މިސާލެކެވެ. ރަމަޟާންމަހުގެ ރޯދައަކީ މުޅި ނަފްސުން ހިފޭ، ހަމައެކަނި މާތްﷲ އަށްޓަކައި ޚާއްސަކުރެވިގެން ކުރެވޭ އަޅުކަމެކެވެ.

ރޯދައިގެ ތާރީޚާއި އިސްލާމީ ކަލަންޑަރު
ތާރީޚްގެ ތެރޭގައި އެންމެ ފުރަތަމަ ރޯދަ ހިފަންފެށީ މުސްލިމުންނެއް ނޫނެވެ. އެހެނިހެން ދީންތަކުގައިވެސް އެކި ސިފަސިފައިގައި ރޯދައަށް ހުރުމާއި މަސްކެއުން ފަދަ ކަންކަމުން ދުރުހެލިވެގެން ތިބުން އެ މީހުންގެ އަޅުކަންތަކުގެ ތެރޭގައި ހިމެނިފައިވެއެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަހީކުރައްވަވާފައިވާ އާޔަތުން މިކަން ދޭހަވެއެވެ. " ތިޔަބައިމީހުންގެ ކުރިން އައި މީސްތަކުންގެ މައްޗަށް ފަރުޟު ކުރެއްވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ." ރަސްގެފާނު ދާއޫދު އަލައިހިއްސަލާމް ކޮންމެ ހަފްތާއަކު ރޯދައަށް ހުންނެވިކަމުގައި ބުނެވެއެވެ. ނަމަވެސް އެ ރޯދަ ހިއްޕެވީ ސީދާ ކޮން ގޮތަކަށް ކަމެއް އަޅުގަނޑުމެންނަށް އެނގޭކަށް ނެތެވެ. އިބްރާހީމްގެފާނާއި، އަހަރެމެންގެ ލޮބުވެތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނަށް ކީރިތި ޤުރުއާން ބާއްވަވާލެއްވުމުގެ ކުރިންވެސް ރޯދައަށް ހުންނެވިއެވެ. ވީމާ އިންސާނުންނަށް އެބައިމީހުންގެ ވިސްނުން ހަރުދަނާކޮށް ހެޔޮކަންތައްތައް ކުރުމަށް މަގުފަހިކޮށްދޭ ސަބަބެއް ރޯދަހިފުމުން ހާސިލްވާކަން ކަށަވަރެވެ. އެހެނީ ރޯދައަކީ ތަޤުވާވެރިކަން އިތުރުކޮށްދޭ އަޅުކަމެކެވެ. މުސްލިމަކު ރޯދައަށް ހުރުމުން އޭނާ ކުރާ ހުރިހާ އަމަލަކީ ހަމައެކަނި ﷲއަށްޓަކައި ހާލިސްކޮށްގެން ކުރެވޭ އަޅުކަންތަކެއްކަން އޭނާއަށް ހަނދުމަވުމުން އޭނާއަށް އެދުވަސް ހިތްހަމަޖެހުމާއި ފަސޭހަކަންމަތީ ހޭދަކުރެވެއެވެ. އެހެނިހެން ދީންތަކުގައި ރޯދަތަކާއި މުސްލިމުންގެ ރަމަޟާންމަހުގެ ރޯދައިގެ ތަފާތަކީ ކުރިންވެސް ދަންނަވާލެވުނު ފަދައިން މުސްލިމުން ހިފާ ރޯދައަކީ މުޅި ނަފްސާއި ހަށިގަނޑުން ކުރެވޭ އަޅުކަމެއް ކަމެވެ. އެމަހަކީ މުޅި އަހަރުގެ ތެރޭގައިވެސް އިންތިޒާރުކުރެވޭ، އުފަލާއެކު ބައްދަލުކުރެވިގެން އަންނަ މައްސަރެކެވެ. އަދި އެ މަހުގެ އަޅުކަންތައްތައް ފުރިހަމަ ކުރެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ މައްސަރެކެވެ. މުސްލިމް މީހާ އޭނާއަށް ކުރެވުނު ހެޔޮއަމަލުތަކާއި މެދު ސަމާލުވެހުރެއެވެ. އެހެނީ އޭގެން ކޮންމެ ކަމަކީވެސް އޭނާ މާތް ﷲ އަށްޓަކައި ކުރި އަޅުކަމެކެވެ.

އިސްލާމީ ކަލަންޑަރަކީ އިރުގެ ދައުރުވުންތަކަށް ބިނާކުވިފައިވާ އެއްޗެއް ނޫނެވެ. ނަމަވެސް އިސްލާމީ ކަލަންޑަރު ބިނާވެފައިވަނީ ހަނދުގެ ދައުރުވުންތަކަށެވެ. އެހެންކަމުން، ހުޅަނގުގެ ބޭނުންކުރަމުންދާ ގްރެގޯރިއަން ކަލަންޑަރާއި އަޅާ ބަލާއިރު އިސްލާމީ ހިޖްރީ އަހަރުގެ ދުވަސްތައް މަދުވާނެއެވެ. މީގެ މާނައަކީ އެއް އަހަރު ޑިސެމްބަރު މަހުގެ ފަހުކޮޅުގައި ރަމަޟާންމަސް ފެށިދާނެއެވެ. ދެން އަންނަ އަހަރު ޑިސެމްބަރު މަހުގެ މެދުތެރޭގައި ފެށި ޖެހިގެން އަންނަ އަހަރު ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ރަމަޟާންމަސް ފެށިދާނެއެވެ. މުސްލިމުން މިކަން ދެކެނީ ފާހަގަކޮށްލެވޭ ހަޤީޤަތެއްކަމުގައި އެކަންޏެއް ނޫނެވެ. ނަމަވެސް، އެއީ މާތް ﷲ ގެ ނިޢުމަތްތައް މުޅިދުނިޔޭގެ އެންމެހައި މީސްތަކުންނަށް ފޯރުކޮށްދެވޭ ޚާއްސަ ނިޡާމެއްގެ ގޮތުގައެވެ. މީގެ ސަބަބުން ޑިސެމްބަރ ނުވަތަ ޖޫން ނުވަތަ އޭޕްރިލް މަހުގައިވެސް އެކި މޫސުންތަކުގައި މުޅި ދުނިޔޭގައި ރަމަޟާން މަސް ފާހަގަ ކުރެވޭނެގޮތް މުސްލިމުންނަށް މަގުފަހިވެފައިވެއެވެ. މިސާލެއްގެގޮތުން ސޫޢޫދީ އަރަބިއާގައި ހޫނުގަދަ އޯގަސްޓްމަހުގައި ރަމަޟާން މަސް ފެށިދާނެއެވެ. އެދުވަސްތަކުގައި ހެނދުނުން ރޭގަނޑަށް އޮންނަ ދުވާލުގެ ވަގުތުތައް ވަރަށް ދިގުވާނެއެވެ. ނަމަވެސް. އެހެން އަހަރެއްގައި، އެހެން މޫސުމެއްގައި ރަމަޟާން މަސް ފެށި، ދުވާލުގެ ވަގުތުތައް ކުރުވެ، ރޯދައަށް ހުންނަން ޖެހޭ ވަޤުތުވެސް ކުރުވެގެން ހިނގައިދެއެވެ. އޮސްޓްރޭލިޔާ، އެންޓާޓިކާ، ސަހާރާ ނުވަތަ އެލެސްކާގައި، ހޫނު މޫސުމުގައި ނުވަތަ ފިނިމޫސުމުގައި ރަމަޟާން މަސް ފާހަގަ ކުރަނީ އެއަހަރެއްގައި ރަމަޟާން މަސް ދިމާވާގޮތަކުންނެވެ. މީގެންވެސް ދޭހަވަނީ މާތް ﷲ ބަޔަކު އުޅޭތަނެއްގެ ސަބަބުން އެބައި މީހުންނަށް ދަތި އުނދަގޫތަކާއި ކުރިމަތިލާން ނުޖައްސަވާނެކަމެވެ. ރޯދަ ހިފުމުގައި ދިމާވާ ފަސޭހައާއި އުނދަގޫތައް މުޅި ދުނިޔޭގެ ކަންކޮޅުތަކަށް ހަމަހަމައަށް ބަހާލެވިފައިވެއެވެ. މިކަމަކީ މުސްލިމުންނަށް އަޖައިބުކުރަނިވި ކަމެއް ނޫނެވެ. އެހެނީ އިސްލާމްދީނަކީ ފިތުރަތުގެ ދީނެވެ. ވަކި ތަނަކަށް ނުވަތަ ވަކި ވަގުތަކަށް އެކަނި ޚާއްސަވެފައިވާ ދީނެއްނޫނެވެ. މާތްﷲ ގެ ރަޙްމަތް ހޯދުމަށް މަސައްކަތް ކުރާ ކޮންމެ މީހަކަށް އެ ރަޙްމަތް ފަސޭހައިން ލިބިދާނެއެވެ.

މުސްލިމް ޤައުމެއްގައި މުސްލިމުންގެ ތެރޭގައި ރަމަޟާންމަސް ފާހަގަ ކުރުމަކީ ވަރަށް ތަފާތު ތަޖުރިބާއެކެވެ. މުސްލިމް ބިންތަކުގައި ރެސްޓޯރަންޓްތަކާއި، ހޮޓާ، ކެފޭ ފަދަ ތަންތަން ދުވާލުގެ ވަގުތުތަކުގައި ހުންނާނީ ބަންދުކޮށްފައެވެ. އެތަންތާގައި ކާން ތިބޭނީވެސް ވަކި ކޮންބައެއްހެއްޔެވެ؟ ސްކޫލްތަކާއި އޮފީސްތައް އަވަހަށް ބަންދުކޮށް، އެތާގައި ތިބޭ އެންމެންނަށް ރޯދަވީއްލާ ވަގުތަށް ތައްޔާރުވުމަށްޓަކައި އަވަހަށް ގެއަށް ދެއެވެ.  ބައެއް ވިޔަފާރިތަށް އެ މަހަށްޓަކައި މުޅިން ބަންދުކޮށް އެތާގެ މުވައްޒަފުންނަށް އުމްރާއަށް ދިއުމަށްޓަކައި މުޅި މަސް އެއްކޮށް ޗުއްޓީއެއްގެ ގޮތުގައި ހަދައިދެއެވެ. ޓީވީންނާއި ރޭޑިއޯއިން ރަމަޟާންމަހަށް ހާއްސަކޮށް ދީނީ ޕްރޮގްރާމްތައް ގެނެސްދެއެވެ. ނަމަވެސް މުސްލިމް ނޫން ޤައުމެއްގައި ދިރިއުޅޭ މުސްލިމުންގެ ފަސޭހައަކަށް މިފަދަ ކަންކަން އިންތިޒާމު ކުރެވިގެނެއްނުދެއެވެ. އޭނާ މަސައްކަތަށް ގޮސް އަންނަން ޖެހެނީ އެހެނިހެން މަސްތަކެކޭވެސް އެއްފަދައިން އެއްވަގުތުތަކެއްގައެވެ. އޭނާއާއެކު މަސައްކަތްކުރާ އެންމެން މުޅިދުވަހު ކައިބޮއެ، ސިނގިރޭޓް ބޮއެ ހަދަމުން ގެންދާނެއެވެ. އޭނާ ރޯދައަށް ހުރިއޭ ކިޔާފައި އޭނާއަކަށް އެއްވެސް ޚާއްޞަ އިނާޔަތްތަކެއް ނުލިބެއެވެ. ނަމަވެސް މިފަދަ މުސްލިމުންނަށްވެސް މި މައްސަރުގައި ޚާއްސަ އުފާތަކެއް މަދުމަދުން ނަމަވެސް ލިބެއެވެ. މަގުމަތިން މުސްލިމް އަޚެއް ނުވަތަ އުޚްތަކާއި ދިމާވެއްޖެނަމަ ދެމީހުން ދޭތެރޭ ބަދަލު ކުރެވޭ ނަޒަރުގައި އެތައް މެސެޖެއް ފޮރުވިފައިވެއެވެ. ތިމަންމެން ދެމީހުންވެސް މިތިބީ މާތްﷲ އަށްޓަކައި ރޯދަހިފައިގެންކަން އެ ނަޒަރުން ހިއްސާ ކުރެވެއެވެ. މިފަދަ ހާލަތެއްގައި، މިފަދަ ޤައުމެއްގައި ރަމަޟާންމަހުގެ ރޯދަ ހިފުން އާ ގޮތެއްގައި ތަޖުރިބާކުރެވިގެންދެއެވެ. އެހެނީ މުސްލިމް މީހާ އެ ރޯދަ އެ ހިފަނީ ކާފަރު ގައުމެއްގައިހުރެގެންނެވެ. އޭނާ އެ ޤައުމުގައި ހުރެގެން މާތްﷲ އަށްޓަކައި ކަމެއް ކުރާތީ އޭނާ އަށް ޚާއްޞަ ހިތްހަމަޖެހުމެއް ލިބިގެންދެއެވެ.

މީހުން ހިތަށް އަރާފާނެއެވެ. ރޯދައަށް ހުރުމުން ކުރެވޭނީ ކޮންކަހަލަ އިހުސާސްތަކެއް ބާވައެވެ. އެއް މަސް ވާންދެން ދުވާލުގެ ގަޑީގައި ނުކައި ނުބޮއި ބަޔަކު އެމީހުންގެ ދިރިއުޅުން އުޅޭނީ ކިހިނެއްބާވައެވެ. ރަސޫލާ صلى الله عليه وسلم އަޅުގަނޑުމެންނަށް ދެއްވާފައިވާ ނަސޭހަތަކީ ފަޖުރުގެ އަލިކަން ފާޅުވުމުގެ ކުރިން ލުއި ކެއުމެއް ކެއުމަށެވެ. މިހެންވުމުން، މުސްލިމުން އުޅޭ ގެތަކުގައި ދަންވަރުގެ ވަގުތުގައި މުޅި އާއިލާ އެއްކޮށް ހޭލާ އެންމެން އެއްމޭޒެއްގެ ދޮށުގައި މި ކެއުމަށް އިށީނދެއެވެ. މި ކަމާ ގުޅޭ ގޮތުން މިސްރުގެ ކައިރޯގައި ޒަމާނުއްސުރެ ކުރެވެމުން އަންނަ ކަމެއް އޮވެއެވެ. މެސާހަރާޓީ އޭ ކިޔޭ މީހަކުގެ ވަޒީފާއަކީ މި ދަންވަރުގެ ވަގުތުގައި މަގުމަތީގައި މުއުމިނުންނަށް އެމީހުންގެ  ހާރު ކެއުމަށް ހަނދުމަކޮށްދިނުމަށް ގޮވަމުން ހިނގުމެވެ.

ހާރު ކައި ނިމުމުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަތިސް ނަމާދަށް ބަންގި ގޮވުމާއެކު ދުވަހުގެ ރޯދަ ފެށިގެންދެއެވެ. މި ރޯދައިގެ ސަބަބުން އެމީހުންނާއި ކުރިމަތިލާންޖެހެނީ އެކި ހާލަތްތަކާއެވެ. ބައެއް މީހުން ރޯދައަށް ހުރުމުގެ ސަބަބުން ވަރަށް ބޮޑު ވަރުބަލި ކަމެއް ތަހައްމަލު ކުރަން ޖެހެއެވެ. އަނެއް ބައިމީހުންނަށް މީގެ ސަބަބުން ބޮލުގެ ރިއްސުންތަކާއި ކުރިމަތިލާންޖެހެއެވެ. އަދި ބައެއްމީހުންނަށް ރޯދައަށް ހުންނަ ވަގުތު ކާނާއަށްވުރެ ބޮޑަށް ބޭނުންވަނީ ފެންފޮދެކެވެ. މުހިންމު ކަމަކީ މި ބަނޑުހައިކަމާއި ކަރުހިއްކުމުގެ ސަބަބުން ރުޅިގަދަ ނުވުމެވެ. އެހެނީ އޭރުން ރޯދަ ބާތިލް ވެދާނެއެވެ. ވަށައިގެން އުޅޭ މީހުންނަށް އިހާނާތްތެރިކޮށް ހިތަމުން މާތްﷲ އަށްޓަކައި ރޯދައަށް ހުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މީގެ ސަބަބުން މުސްލިމުން ހިތްވަރާއެކު ދިމާވާ އުނދަގޫތަކަށް ކެއްކޮށް، މީގެ އިތުރުން އޭނާގެ އަވަށްޓެރިންނަށްވެސް ރަނގަޅަށް ކަމޭހިތައެވެ. ރަސޫލާ صلى الله عليه وسلم އަހަރުމެން މުސްލިމުންނަށް ވަސިއްޔަތް ކުރައްވާފައިވަނީ އެހެން މަސްތަކަށްވުރެ ބޮޑަށް ރަމަޟާންމަހު ކެއްތެރިވެ ހިތްތިރިކުރުމަށެވެ. ޝައްކު ކުރުމާއި ދޭތެރެޖެއްސުން އަދި ދެބައޮޑުވުން ފަދަ ކަންކަމުން ދުރުވެ ހުރުމަށް އެކަލޭގެފާނު ވަނީ އިންޒާރު ދެއްވާފައެވެ. އަދި އެކަކު އަނެކަކުގެ ގެއަށް ޒިއާރަތްކޮށް ކުރެވޭ ހެޔޮ އަމަލުތަށް އިތުރުކުރުމަށް އެކަލޭގެފާނު ވަނީ ގޮވާލައްވާފައެވެ. މީގެ ސަބަބުން ރަމަޟާންމަސް ވެގެންދަނީ ވަރަށް އެކުވެރި ދުވަސްވަރަކަށެވެ. ވަކިން ޚާއްޞަކޮށް ރޯދަވީއްލުމަށްފަހު މުސްލިމުންގެ ދޭތެރޭ ހިފުނު ރޯދަ ފާހަގަކޮށް ވާހަކަތަށް ދެކެވޭ ގަޑީގައެވެ. ރަމަޟާންމަހުގައި ދީނީ ރޫހު އާލާވެ، އީމާންތެރިކަން ގަދަވެގެން ދިއުމުގެ އިތުރުން އެ މައްސަރަކީ އަޚްވަންތަކަމުގެ ގުޅުންތައްވެސް އިތުރަށް ވަރުގަދަވެ އާލާވެގެންދާ މައްސަރެކެވެ. ދުވާލުގެ ވަގުތުތަކުގައި މާތްﷲ އަށްޓަކައި ރޯދައަށްތިބި އެންމެން އިރުއޮއްސުމުން ރޯދަ ވީއްލާ، އެދުވަހު ކާމިޔާބު ކުރެވުނު ކަންތައްތަކުގެ މައްޗަށް އުފާ ފާޅުކޮށް ހަދައެވެ. ދުވަހެއްގެ ރޯދަ ފުރިހަމަކުރުމުން ލިބެނީ ވަރަށް ފުރިހަމަ ހިތްހަމަޖެހުމެކެވެ.

ޖިހާދުގެ މައްސަރު
ކޮންމެ މީހަކުވެސް "ޖިހާދު" މި ބަސްވާނީ އަޑުއަހާފައެވެ. ޓީވީއާއި ނޫސްފަދަ މީޑިއާތަކުން މީގެ މާނަ އަވަސްގޮތެއްގައި ދީނީ ހަނގުރާމައިގެ މާނައިގައި މާނަކުރެއެވެ. ކޮންމެ މުސްލިމަކީވެސް ހައްދު ފަހަނައަޅާ ގޮސް ގައިގައި ބޮންހަރުކޮށްގެން ކާފަރުންގެ ތެރެއަށްގޮސް އަމިއްލަ ނަފްސު ގުރުބާން ކުރަން އުޅޭ ބައެއް ފަދައިންނެވެ. ހަގީގަތަކީ ޖިހާދަކީ ދެބައަކަށް ބެހިގެންދާ އެއްޗެކަމެވެ. މީގެތެރެއިން ކުޑަ ޖިހާދަކީ މާތްﷲގެ މަގުގައި ހަނގުރާމަ ކުރުމެވެ. މިވައްތަރުގެ ޖިހާދަކީ އެތައް ޤަވާއިދުތަކެއްގެ ދަށުން ކުރިއަށް ގެންދަންޖެހޭ ޖިހާދެކެވެ. މީގެ ތެރެއިން އެންމެ މުހިއްމު ގަވާއިދަކީ މި ޖިހާދަށް ގޮވާލެވޭނީ ހަޤީޤީ ވެރިއެއްގެ ނުވަތަ ޚަލީފާއަކަށް އެކަނި ކަމެވެ. މަގުމަތިން ކޮންމެ ކޮންމެ މީހަކަށް މިފަދަ ޖިހާދަކަށް ގޮވައެއް ނުލެވޭނެއެވެ. ހަނދާންކުރާށެވެ. އަދި މިއަށްވުރެ ވަރުގަދަ ޖިހާދެއްވެސް ވެއެވެ. މި ޖިހާދަކީ ރަނގަޅު މުސްލިމެއްގެ ގޮތުގައި ތިމާގެ ކޮންމެ ދުވަހެއް ވޭތުކޮށް ދިމާވާ ދަތިތަކާއި ކުރިމަތިލުމެވެ. މިފަދަ ޖިހާދަކީ މީޑިއާއިން ޚާއްޞަ ކަވަރޭޖް ގެނެސްދޭ ޖިހާދެއް ނޫނެވެ. ރަނގަޅު ހެޔޮލަފާ ދީންވެރި މީހަކަށްވުމުން ނޫހުގެ ފުރަތަމަ ސަފްހާއަށް ނާރަފާނެއެވެ. ނަމަވެސް މާތްﷲ އަހަރެމެން އެންމެން އެފަދަ މުސްލިމުންނަށްވުމަށް ގޮވާލައްވައެވެ. ރޯދަމަހުގެ ދުވަސްތަކަކީ މިފަދަ ނަފްސުގެ ޖިހާދެއް ކުރުމަށް މުސްލިމުންނަށް އޮތް އެންމެ އަގުހުރި ފުރުސަތެވެ. މާތްﷲގެ ނަމުގައި ކަންކަންކުރުމަށްޓަކައި ތިމާގެ އަމިއްލަ ހިއްސުތަކާއި ބޭނުންތަކާއި ހަނގުރާމަ ކޮށްގެންނެވެ. ކޮންމެ ދުވަހެއް ފެށޭ ވަގުތުގައި ކޮންމެ މުސްލިމަކުވެސް އޭނާ އެހުރީ މާތްﷲ އަށް ޓަކައި ރޯދައަށް ކަމުގައި އިއުލާނުކޮށް އޭނާގެ ނިޔަތް ކިޔަންޖެހެއެވެ. އެއީ އޭނާ އެ ރޯދަ ހިފަނީ މާތްﷲ ގެ އަމުރުފުޅަށް ބޯލަނބައި އެއިލާހަށް ކިޔަމަންތެރިކަން އަދާކޮށް އޭނާގެ އެ ރޯދަ ހިފަނީ ހަމައެކަނި މާތްﷲ އަށްޓަކައި އޭނާގެ ހިތުގައިވާ ލޯތްބަށްޓަކައިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކިޔޭ ނިޔަތެކެވެ.

ރީތި ފިލްމެއް ބަލާފައި އޭގެން ލިބުނު ހިތްހަމަޖެހުން އެހެންމީހުންނަށް ސިފަވާގޮތަށް ކިޔައިނުދެވޭނެ ފަދައިން، ރަމަޟާންމަހުގެ ރޯދައަށް ހުރުމުން ލިބޭ އުފަލާއި ހިތްހަމަޖެހުން މުސްލިމުން އެހެން މީހުންނަށް ބުނެދޭން ނޭނގޭ ސިއްރެއްގެ ގޮތުގައިވަނީ ކީއްވެކަން މިހާރު ވިސްނިވަޑައިގަނެއްޖެ ތޯއެވެ؟ ރަމަޟާންމަހަކީ މުސްލިމުންގެ ދީނުގެ މޭގަނޑުގެ ތެރޭގައިވާ އަޅުކަމެކެވެ. އޭނާގެ ހަށިގަނޑު ބޭނުންކޮށްގެން އޭނާއަށް މާތްﷲ އަށްޓަކައި ކޮށްދެވޭނެ ކަންކަން އޭނާ ރޯދައަށްހުރެގެން ދައްކައިދެއެވެ. އޭނާގެ ކަރުހިއްކުމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން އޭނާއަށް ހަނދުމަވެގެންދަނީ އޭނާއަކީ މުސްލިމެއްކަމެވެ. އަދި މާތްﷲ އަމުރުކުރައްވަވާފައިވާ ގޮތަށް އޭނާގެ ދިރިއުޅުން ބައްޓަން ކޮށްފިނަމަ އޭނާއަށް ސުވަރުގެ މިލްކުވާނެކަން އޭނާއަށް ހަނދުމަވެއެވެ.

އެހެންކަމުން ކޮންމެ ދުވަހެއްގެ ރޯދަ ވީއްލެނީ އުފަލާއި ހިތްހަމަޖެމާއި އެކުގައެވެ. އަލް ހުސޭންގެ އަވަށަށް އަނެއްކާވެސް އަޅުގަނޑާއިއެކުގައި ވަޑައިގަންނަވަމާ ހިންގަވާށެވެ. މީސްތަކުން އުފާފާޅުކުރާ އަޑު އައްސަވާ ބައްލަވާށެވެ. އެބައިމީހުން އެއް އާއިލާއެއްގެ ގޮތުގައި އެއްމޭޒެއްގެ ދޮށުގައި ރޯދަ ވީއްލުމަށްފަހު ރައްޓެހި ރަހުމަތްތެރިންނަށް ރަމަޟާން މަހުގެ ފޮނިކާތަކެތި ގެންގޮސް ހަދިޔާ ކުރެއެވެ. އެމީހުންގެ މިސްކިތްތަކުގައި ތަރާވީޙް ނަމާދު ކުރުމަށްފަހު ރަމަޟާންމަހުގެ ރޭގަނޑުގެ މަޖަލުގައި ބައިވެރިވެއެވެ. އުފާވެރި އެތައް އަޑުތަކެއް އިވެމުންދެއެވެ. އެމީހުން އުފާފާޅުކުރަމުން އެދަނީ އިތުރު އެއްދުވަހުގެ ރޯދަ ފުރިހަމަކުރެވުނީތީއެވެ. އެއްވެފައިތިބި އެންމެންގެ ހިތްތަކުގައި ހިއްސާކުރެވެމުންދަނީ އެއް ސިއްރެކެވެ. އެބައިމީހުންނަކީ މުސްލިމުންކަމާއި އެމީހުން މާތްﷲ އަމުރުކުރައްވަވާފައިވާ ކަމެއްކޮށް ނިންމާލެވިއްޖެކަމުގެ އުފަލެވެ.

ދުނިޔޭގެ ޙަޤީޤަތާއި ކުރިމަތިލާ ބަލާއިރު އަހަރުމެންގެ ތެރެއިން ކޮންމެ މީހަކީ މަޝްހޫރުވާނެ މީހެއްނޫނެވެ. އަހަރުމެންގެ ތެރެއިން ކޮންމެ ކޮންމެ މީހަކަށް އާދަޔާ ހިލާފް ކަންކަމާއި ކުރިމަތިލާކަށް ނުޖެހޭނެއެވެ. އެންމެ ފުރަތަމަ ފަރުބަދައަކަށް އެރި މީހަކަށް ނުވަތަ އެންމެނަށްވުރެ ބާރަށް ދުވެވޭ އެތުލީޓަކަށް ނުވެވޭނެއެވެ. ބޮޑެތި ހަޒާނާތަކާއި މުއްސަނދިކަމެއް ނުވަތަ ފާހަގަ ކޮށްލެވޭ އިނާމެއް ނުލިބޭނެއެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ގޮވާލެވިގެންވަނީ އޭނާއަށް ކުޅަދާނަވީ މިންވަރަކުން އެންމެ ފުރިހަމައަށް އޭނާގެ ހަޔާތް ވޭތުކުރުމަށެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ރެކްރޫޓް ކުރުމަށް އިއުލާންކުރާ ޕޯސްޓަރެއްގައި ލިޔެފައި އޮތެވެ. "ކަލެއަށް ވެވޭ އެންމެ ފުރިހަމައެއް ކަލޭ ވާށެވެ." އިސްލާމްދީން އަހަރުމެންގެ ތެރެއިން ކޮންމެ މުސްލިމަކަށް ގޮވާލަނީ ވެވޭ އެންމެ ފުރިހަމަ އިންސާނުންނަށް ވުމަށެވެ. މިކަމަށް އޮތް އެންމެ ފުރިހަމަ ފުރުސަތަކީ ރަމަޟާން މަހެވެ. އެދުވަސްތައް މާތްﷲ އަށްޓަކައި ޚާލިޞް ކުރުމަށެވެ. އެ އިލާހުގެ އިސްމުފުޅުގެ  މައްޗަށް ރޯދައަށް ހުރުމަށެވެ. އަދި ކީރިތި ޤުރުއާން ކިޔަވާ، ދަސްކޮށް، އަހަރެމެންގެ ވަށައިގެން އުޅޭ އެންމެންނަށް ކަމޭހިތުމަށެވެ. ދުނިޔެ އަހެރެމެންނަށް ދަސްކޮށްދެނީ ވީ ކޮންމެ ގޮތަކުންވެސް ކަންކަން ހޯދައިގަތުމަށެވެ. މުއްސަނދިވެ، ހަމައެކަނި އަހަރުމެންގެ ނަފްސާއިމެދު ވިސްނުމަށެވެ. މިއާ ހިލާފަށް ރަމަޟާންމަސް މުސްލިމުންނަށް ދަސްކޮށްދެނީ އެބައިމީހުންގެ އަތުގައިވާ އެއްޗެއް މާތްﷲ އަށްޓަކައި ދޫކޮށްލުމަށެވެ. އެމަސް އަހަރެމެންނަށް ދަސްކޮށްދޭ އިބްރަތަކީ ހަޤީޤީ މުއްސަނދި ކަމަކީ މުދާ ފައިސާއިން ހާސިލްކުރެވޭނެ ކަމެއްނޫންކަމެވެ. އަދި ތިމަންމެންނަށް ވުރެ ހާލުގައި ޖެހިފައި ތިބި އިންސާނުންނާއި މެދު ވިސްނުމަށެވެ. ދުނިޔެ އަހަރެމެންނަށް ހަދިޔާ ކުރަނީ ފަނާވެގެން ދާނެ ހަރުމުދަލެވެ. ނަމަވެސް މުސްލިމުންނަށްޓަކައި ރަމަޟާންމަސް ހަދިޔާ ކުރަނީ ދާއިމީ ސުވަރުގެއެވެ.
ރަމަޟާން މަހުގެ ރޯދަ
 ރޯދަ ފަރުޟު ކުރެއްވުމުގެ ޙިކުމަތް
މާތްﷲ ޞުބުޙާނަހޫ ވަތާޢާލާ އަޅުންގެ މައްޗައް ކަމެއް ފަރުޟުކުރައްވައިފިނަމަ އެކަމެއްގައި ޙިކްމަތެއް ލައްވައެވެ. ހުރިހާ އަޅުކަމެއްގައި ޙިކްމަތެއް ލެއްވިފަދައިން ރޯދައިގައި ވެސް ވަރަށް މަތިވެރި ޙިކްމަތެއް ލެއްވިއެވެ. ރޯދަވެރިޔާ ނުކައި ނުބޮއެ ހުރުމުގެ ޙިކްމަތަކީ ކޮބައިތޯއެވެ؟ ނުކައި ނުބޮއެ އުޅޭ ފަޤީރުންނާއި މެދު ހަނދާންކުރުމެވެ. އަދި ފަޤީރުން ދުނިޔޭގައި އުޅޭކަމާއި އެމީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ. ރޯދަ ވެރިޔާ ނުކައި ނުބޮއެ ހުރުމުން ބަނޑުހައި ހޫނުކަން އިހްސާސްކުރަން ޖެހެއެވެ. މިކަމުގެ ސަބަބުން ދުނިޔޭގައި ބަނޑުހައި ހޫނުކަންމަތީ އުޅޭ ފަޤީރުން މަތިން ހަނދާންވާނެއެވެ. އަދި އެމީހުންނަށް އަޅައިލާ އެމީހުންގެ އިޙްސާސްތައް ދެނެގަތުމަށް ލިބޭ ފުރުޞަތެކެވެ. ހަމައެހެންމެ، ރޯދަމަހުގެ ސަބަބުން ނަފްސު ތޯހިރުވެއެވެ. ތިމާގެ ފާފަތައް ފުހެވުމަށް ހުޅުވޭ ދޮރަކަށް ވެއެވެ. އަދި ކެތްތެރިވުމާއި ޢަޒުމް ވަރުގަދަވުމަށް ދަސްވެއެވެ. ރޯދައަށް ހުރުމުގެ ސަބަބުން ދުނިޔޭގެ އެނދުންތަކާ ދުރުވެ ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވެ، އެކަނލާނގެ މަތިން ހަނދާން ކުރެއެވެ.

   ރޯދައިގެ މާތްކަން:
ރޯދައިގެ މާތްކަމާއި މަތިވެރިކަމާ ބެހޭގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ގެ އެތައް ޙަދީޘް އެއް ވާރިދުވެފައިވެއެވެ. މާތްﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ކުރެވޭ ކޮންމެ އަޅުކަމަކީ އެކަނލާންގެ ރުހުން ހޯދުމަށްޓަކައި ކުރެވޭއަޅުކަމަކަށް ވާންޖެހެއެވެ. ވީމަ އެކަލާނގެ ވަޖުހުފުޅައްޓަކައި ރޯދަ ހިފުމަކީ ވަރަށް މަތިވެރި ޘަވާބާއި ދަރުމަ ލިބޭ އަޅުކަމެކެވެ.
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. " مَنْ صَامَ يَوْمًا فِى سَبِيْلِ اللَّه بَاعَد اللّهُ وَجْهَهُ عَنِ النَّارِ سَبْعِيْنَ خَرِيْفًا  " (رواه البخاري ومسلم)  މާނައީ: "މީހަކު އެންމެ ދުވަހަކު ވެސް ﷲއަށްޓަކައި ރޯދައެއް ހިފައިފި ނަމަ، އެމީހެއްގެ މޫނު ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަކަށް މާތްﷲ ދުރުކުރައްވާނެއެވެ."
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވިއެވެ. " إِنَّ فِى الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُوْنَ يَوْمَ الْقِيَامَةِ لاَ يَدْخُلُ مَعَهُمْ أَحَدً غَيْرُهُمْ يُقَالُ أَيْنَ الصَّائِمُوْنَ فَيَدْخُلُوْنَ مِنْهُ فَإِذَا دَخَلَ آخِرُهُمْ أَغْلِقْ فَلَمْ يَدُخُلْ مِنْهُ أَحَدٌ " (رواه البخاري ومسلم) މާނައީ: " ހަމަކަށަވަރުން ސުވަރުގޭގައި ދޮރުކޮޅެއް ވެއެވެ. އެދޮރުކޮޅަށް އައްރައްޔާން އޭ ކިޔެއެވެ. ޤިޔާމަތްދުވަހު އެދޮރުކޮޅުން  ރޯދަވެރިން ފިޔވައި އެހެން އެއްވެސް މީހަކު ނުވަންނަ ހުއްޓެވެ. ޤިޔާމަތްދުވަހުން ގޮވާލެވޭނެއެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ ދެން އެމީހުން އެދޮރުކޮޅުން ވަންނާނެއެވެ. އެމީހުންގެ ތެރެއިން އެންމެފަހު މީހާ ވަނުމުން އެދޮރުކޮޅު ބަންދުކުރެވޭނެއެވެ. ދެން އެކަކުވެސް އެދޮރުކޮޅުން ނުވަންނާނެއެވެ."

މިޙަދީޘްތަކުން އެނގެނީ ރޯދައަކީ ވަރަށް މަތިވެރި އަޅުކަމެއްކަމެވެ.  ރޯދަ ހިފުމުން ލިބޭ މަތިވެރި ޘަވާބާއި ދަރުމަ ގިނަގުނަ ކަމެވެ. ރޯދަވެރިންނަށް ޚާއްސަވެގެންވާ ދޮރުކޮޅެއް ސުވަރުގޭގައި ލެއްވުމަކީ ރޯދައިގެ މަޤާމް އަންގައިދޭ ކަމެއްމެއެވެ.

ރޯދައިގެ ތަޢުރީފް:
ޢަރަބިބަހުގައި ރޯދައިގެ ތަޢުރީފް: ހިފަހެއްޓުމެވެ. ނުވަތަ ދުރުވުމެވެ.

ޝަރުޢީގޮތުން ރޯދައަކީ: ރޯދައަށްހުރުމުގެ ނިޔަތްގަނެ ފަޖުރުގެ އަލިކަން ފާޅުވީންސުރެ އިރު އޮއްސިއްޖައުމަށް ދަންދެން، ކެއިން ބުއިމުންނާއި، ޖިންސީއެދުން ފުއްދުމުން އެއްކިބާވެގެން ހުރުމެވެ.

ރޯދައިގެ ބާވަތްތައް:
ރޯދަބެހިގެންވަނީ ދެ ބަޔަކަށެވެ.
1-        ފަރުޟު ރޯދަ: ފަރުޟު ރޯދަ ބެހެނީ ތިންބަޔަކަށެވެ. އެއީ:
ރަމަޟާންމަހުގެ ރޯދަ، ކައްފާރާގެ ރޯދަ، އަދި ނަދުރު ރޯދައެވެ.
ފަރުޟު ރޯދައަކީ ތިމާއަށް ހިފުން ވާޖިބުވާ ރޯދައެވެ. އަދި ޝަރުއީ އުޛުރަކާއި ނުލައި މިއިން ރޯދައެއް ދޫކޮށްލައިފިނަމަ ފާފަވެރިވާނެއެވެ.

2-      ސުންނަތް ރޯދަ: ސުންނަތް ރޯދަބެހެނީ ތިންބަޔަކަށެވެ.
-            އަހަރަކު އެއްފަހަރު ހިފާ ރޯދަ: އެއީ ޝައްވާލު މަހުގެ ހަ ރޯދަ، ޢަރަފާތު ދުވަހުގެ ރޯދަ، ޢާޝޫރާ ދުވަހުގެ ރޯދައެވެ.
-            ކޮންމެ މަހަކު އެއްފަހަރު ހިފާ ރޯދަ: އެއީ ކޮންމެ މަހެއްގެ 13،14،15 އެވެ.
-            ކޮންމެ ހަފްތާއަކު އެއްފަހަރު ހިފާ ރޯދަ: އެއީ ހޯމަދުވަހާއި ބުރާސްފަތިދުވަހެވެ.

ރޯދައިގެ ޙުކުމް:
ރޯދައަކީ މާތްﷲ ސުބުޙާނަހޫ ވަތާޢާލާ މުސްލިމުންގެ މައްޗައް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. އަދި ކަނޑައެޅިގެން ރޯދައަށް އިންކާރު ކޮށްފި މީހަކު ދީނުން ބޭރުވާނެއެވެ. އެމީހެއްގެ މައްޗައް ވާޖިބުވެގެންވަނީ ތަޢުބާވެ މާތްﷲގެ މަގަށް ރުޖޫޢަވުމެވެ.

ރޯދަ ފަރުޟުކުރެއްވުމުގެ ދަލީލު:
ޤުރުއާނުން:
މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. " كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِيْنَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُوْنَ" (سورة البقرة: 183) މާނައީ: އޭ އީމާން ވެއްޖެ މީސްތަކުންނެވެ. ތިޔަބައި މީހުންގެ ކުރީގެ މީހުންނަށް ފަރުޟު ކުރެއްވުނު ފަދައިން، ތިޔަބައި މީހުންގެ މައްޗައް ރޯދަ ފަރުޟު ކުރެވިއްޖެއެވެ. އެއީ ތިޔަބައި މީހުން ތަޤްވާވެރިވޭތޯއެވެ.

ސުންނަތުން:
ކީރިތި ރަސޫލާz ޙަދީޘް ކުރައްވާފައިވެއެވެ. " بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةُ أَنْ لاَ إِلَـهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُوْلَ اللَّهِ وَإِقَامِ الصَّلاَةِ وَإِيْتَاءِ الزَّكَاةِ وَصَوْمِ رَمَضَانَ وَحِـجُّ الْبَيْتِ "(رواه البخاري ومسلم)  މާނައީ : "އިސްލާމްދީން ބިނާވެފައި ވަނީ ފަސް ކަމެއްގެ މައްޗަށެވެ. މާތްﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާ ކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމެވެ. ނަމާދު ޤާއިމް ކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާންމަހު ރޯދަހިފުމާއި އަދި ޙައްޖުވުމެވެ."

އިޖްމާޢުން:
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ  ޒަމާނުންފެށިގެން މިއަދާ ހަމައަށް ހުރިހާ ޢިލްމުވެރިން އެއްބަސްވެވަޑައިގަންފައިވަނީ ރަމަޟާންމަހު ރޯދަ ހިފުމަކީ ކޮންމެ މުކައްލަފެއްގެ މައްޗައް ފަރުޟު ކަމެއްގެ ގޮތުގައެވެ. މިކަމާމެދު އެއްވެސް  ޢިލްމުވެރިއަކު ޚިލާފްވެވަޑައެއް ނުގަންނަވައެވެ. ރޯދަ ފަރުޟު ކުރެއްވުނީ ހިޖްރައިން ދެވަނަ އަހަރުއެވެ.

ރަމަޟާންމަހު ރޯދަހިފުމުގެ މާތްކަން:
ޚާއްސަކޮން ރަމަޟާންމަހުގެ ރޯދައިގަ ހުރި ދަރުމައާއި ޘަވާބާއި ބެހޭގޮތުން ރަސޫލާ صلى الله عليه وسلمގެ އެތައް ޙަދީޘްފުޅެއް ގައި އައިސްފައިވެއެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. " مَنْ صَامَ رَمَضَانَ إِيْمَانًا وَاِحْتِسَابًا غُفِرَلَهُ مَا تَقَدَّمَ مِنْ ذَنْبِهِ " (رواه البخاري ومسلم) މާނައީ: " އީމާންކަމާއެކު، ﷲގެ ޙަޟްރަތުން ދަރުމައަށްއެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހާގެ ވޭތުވެދިޔަ ފާފައެއް ފުހެވިދެއެވެ."

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. " الصَّلَوَاتُ الخَمْسَ وَالجُمْعَةُ إِلَى الجُمْعَةِ  وَرَمَضَانُ إِلَى رَمَضَانَ مُكَفَّرَاتٌ لِمَا بَيْنَهُنَّ إِذَا اجْتُنِبَتْ الكَبَائِر" (رواه مسلم)  މާނައީ: " ފަރުޟު ފަސްނަމާދާއި، އެއްހުކުރުނަމާދުން އަނެއްހުކުނަމާދާއި ދެމެދުއާއި، އެއްރަމަޟާންމަހުން އަނެއް އަހަރުގެ ރަމަޟާންމަހަށް، ބޮޑެތި ފާފަތަކުން ދުރުހެލިވެއްޖެ މީހާއަށް އެއީ ފާފަފުއްސެވުމެކެވެ."

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. " مَنْ صَامَ رَمَضَانَ وَعَرَفَ حُدُوْدَهُ وَتَحَفَّظَ مِمَّا كَانَ يَنْبَغِى أَنْ يَتَحَفَّظَ مِنْهُ كَفَّرَ مَا قَبْلَهُ " މާނައީ: " ރަމަޟާންމަހުގެ ރޯދަހިފައި، ރޯދައިގެ ޙުކުމްތައް ރަނގަޅައްދަނެހުރެ،  ރަމަޟާންމަހުގެ ރޯދައަށް ރައްކާތެރިވެއްޖެ މީހެއްގެ ކުރިންދިޔަ ފާފަތައް ފޮހެވިއްޖެއެވެ.

ގަސްދުގައި ރޯދަ ދޫކޮށްލުމުގެ ޙުކުމް:
ރަމަޟާންމަހުގެ ރޯދައަކީ މުސްލިމުންގެ މައްޗައް ވާޖިބު ކުރައްވާފައިވާ އަޅުކަމެކެވެ. އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ހަތަރުވަނަ ރުކުނަކީ ރަމަޟާންމަހު ރޯދަހިފުމެވެ. ދީން ފުރިހަމަވުމުގެ އެއްއަޞްލެއްކަމުގައި ރަމަޟާންމަހު ރޯދަހިފުންވެއެވެ. މިހެންވުމުން، އެންމެ ރޯދައެއްވިޔަސް ގަސްދުގައި ދޫކޮށްލުމަކީ އިސްލާމްދީންގައި ޙަރާމްކަމެކެވެ. ޤަސްދުގައި ރަމަޟާންމަހުގެ ރޯދައެއް ދޫކޮށްލުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. " مَنْ أَفْطَرَ يَوْمًا مِنْ رَمَضَانَ فِى غَيْرِ رُخْصَةٍ رَخَّصَهَا اللَّهُ لَهُ لَمْ يَقْضِ عَنْهُ صِيَامُ الدَّهْرِ كُلُّهُ وَإِنْ صَامَهُ " މާނައީ: " މާތްﷲ ދެއްވާފައިވާ ރުޚްޞާއަކާ ނުލައި (އެބަހީ: ޝަރުޢީ އުޛުރެއްނެތި) ރަމަޟާންމަހުގެ ރޯދައެއް ދޫކޮށްލައިފި މީހާ، މުޅި އުމުރު ރޯދަ ހިފިޔަސް އެރޯދައިގެ ޤަޟާއެއްކަމުގައި ނުވާނެއެވެ."

ހަނދު ސާބިތުކުރުން:
ރަމަޟާންމަހުގެ ރޯދަ ވާޖިބުވާނީ ޝަޢުބާންމަހުގެ 29 ވަނަ ދުވަހު އިރު އޮއްސުމައްފަހު ހަނދު ފެނިއްޖެކަމަށް ޢަދުލުވެރި އެއްހެކީގެ ހެކިބަހުން ސާބިތުވުމުންނެވެ. ނުވަތަ ޝައުބާންމަހުގެ 30 ދުވަސް ހަމަވުމުންނެވެ. ރަސޫލާ صلى الله عليه وسلمޙަދީޘްކުރައްވާފައިވެއެވެ. " صُوْمُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ فَإنْ غُمَّ عَلَيْكُمْ فَأَكْمِلُوا عِدَّةَ شَعْبَانَ ثَلاَثِيْنَ يَوْمَا " (رواه البخاري ومسلم)  މާނައީ: " ހަނދު ފެނުމުން ރޯދަ ހިފާށެވެ. އަދި ހަނދު ފެނުމުން ރޯދަ ދޫކޮށްލާށެވެ. އުޑުމަތި ސާފުނޫންނަމަ ޝައުބާންމަހުގެ 30 ހަމަކޮށް ރޯދަ ހިފާށެވެ."

ރޯދައިގެ ރުކުންތައް:
 ރޯދައިގެ ރުކުންތައް ބެހެނީ ދެބަޔަކަށެވެ.
1-   ފަޖުރުލީއްސުރެ ކެއިން ބުއިމާއި، ޖިންސީ އެދުންތަކުން ދުރުވުން: މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. " فَالئنَ بَاشِرُواهُنَّ وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الأَبْيَضُ مِنَ الخَيْطِ الأَسْوَدِ مِنَ الفَجْرِ ثُمَّ أَتِمُّوْا الصِّيَامَ إلَى الليْلِ "(سورة البقرة: 187)  މާނައީ: " ފަހެ މިހާރު ތިޔަބައިމީހުން އެކަނބަލުންނާއި ބީހި އުޅޭށެވެ! (އެބަހީ: ޖިންސީގޮތުން ދެމަފިރިންގެ މެދުގައި ހިނގާ ގުޅުންތައް ގުޅުނަސް އެންމެ ރަނގަޅެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި މާތްﷲ ކަޑައަޅުއްވާ ލިޔުއްވާފައިވާގޮތް އެދިގަންނާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ. ފަޖުރުގެ ސަބަބުން ކަޅު ރޮދީގެ ތެރެއިން ހުދު ރޮދި ( އެބަހީ: ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ދުވާލުގެ އަލިކަން) ފައުޅުވެއްޖެއުމަށް ދާނެދެންނެވެ. ދެން އެއަށްފަހު ރޭވެއްޖެއުމަށް ދާންދެން ރޯދަ ފުރިހަމަކުރާށެވެ."

2-     ނިޔަތްގަތުން: ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. " إنَّمَا الأَعْمَالُ بِالنِّيَاتِ وَإِنَّمَا لِكُلِّ امْرِءٍ مَا نَوَى " (رواه البخاري) މާނައީ: " ހަމަކަށަވަރުން ކޮންމެ ޢަމަލެއްވަނީ ނިޔަތްތަކުގެ މައްޗަށެވެ. އަދި ކޮންމެ ވެސް ވަނީ އެމީހަކު ނިޔަތްގަތް ގޮތަކަށެވެ."

ރޯދަ ވާޖިބުވުމުގެ ޝަރުތުތައް:
1- މުސްލިމަކު ކަމުގައިވުން: މިހެންވުމުން ކާފަރުން ހިފައި ރޯދަ މާތްﷲ ސުބުޙާނަހޫ ވަތާޢާލާގެ ޙަޟްރަތުގައި ޤަބޫލު ނުކުރެވޭ ހުއްޓެވެ. ރޯދަ ޤަބޫލު ކުރެވޭނީ ޝަހާދަތުގެ ދެކަލިމަ ކިޔައި އެކަން ދުލުން ޤަބޫލުކޮށްގެން ތިބޭ މުސްލިމުންގެ ރޯދައެވެ.

2-   ބާލިޣުވުން: ކުޑަކުދިންނަށް ރޯދަހިފުން ވާޖިބެއްނޫނެވެ. ފިރެހެން ކުދިން ބާލިޣުވީ ކަމަށް ބެލެވޭނީ އިޙްތިލާމްވެގެން، ނުވަތަ އިސްމަތީގައި ހަރު އިސްތަށިފެޅުން، ނުވަތަ ފަނަރަ އަހަރުވުމުންނެވެ. އަދި އަންހެންކުއްޖަކު ނަމަ ޙައިޟްވުމުންނެވެ. ޙައިޟްވި ދުވަހުން ފެށިގެން ދީނުގެ ހުރިހައި ކަމެއްވާޖިބުވާނެއެވެ.

3- ބުއްދި ސަލާމަތުން ހުރުން: މޮޔަވެފައި ތިބޭމީހުން ރޯދަ ހިފާކަށް ނުޖެހޭނެއެވެ. މިހެންވުމުން ރޯދަހިފައި މީހަކީ ބުއްދި ސަލާމަތުން ހުރި މީހަކަށް ވާންޖެހެއެވެ. ނަމަވެސްއަމިއްލައަށް ބޭނުންކުރާ އެއްޗެއްގެ ސަބަބުން ބުއްދި ގޮސްފިނަމަ މިޙުކުމަކަށް ނުވަންނާނެއެވެ.

4-ރަށުގައި ޤާއިމްވެހުރުން: ދަތުރެއްގައިވާ މީހުންނަށް، އެދަތުރުގެ މަތީގައި އުޅޭ ދުވަސްވަރު ރޯދަ ހިފުން ވާޖިބެއް ނުވާނެއެވެ. ދަތުރުވެރިޔާއަށް ރޯދަ ދޫކޮށްލުން ހުއްދައެވެ. ނަމަވެސް ދަތުރުވެރިޔާ ދޫކޮށްލައި ރޯދަ ޤަޟާކުރަންޖެހެއެވެ.

5-  ރޯދަ ހިފުމަށް ކުޅަދާނަވުން: ރޯދަ ނުހިފޭ ވަރުގެ ބަލި މީހުންނަށް ރޯދަހިފުން ވާޖިބެއްނޫނެވެ. ނަމަވެސް މިފަދަ ބަލި މީހުން ކޮންމެ ރޯދައަކަށް ފިދްޔަ ދޭންޖެހޭނެއެވެ.

6- ޙައިޟް ނިފާސްކަމުން ޠާހިރުވުން: ޙައިޟް ނިފާސްވެރިން ރޯދަ ހިފުން ޙަރާމްވެ. ނަމަވެސް އެދުވަސްތަކުގައި އެކަނަބަލުން ދޫކޮށްލާ ރޯދަތައް ޤަޟާކުރަން ޖެހޭނެއެވެ.

7-  ޞިއްޙަތު ސަލާމަތުން ހުރުން: ރޯދަ ނުހިފޭވަރުގެ ބައްޔެއްގައިވާ މީހާއާއި، މާބަނޑު އަންހެނާ، ނުވަތަ ކިރުމައިމީހާއަށް ރޯދައަށް ހުރުމުގެ ސަބަބުން ވަރުބަލިވެ، ވަރުދެރަވާ ކަމަށް ވަނީނަމަ ރޯދަ ދޫކުރުން ހުއްދައެވެ. މިހެންވުމުން، ރޯދަ ވާޖިބުވުމުގެ ޝަރުތުތަކުތެރޭގައި ރޯދަ ހިފޭވަރަށް ތިމާގެ ޞިއްޙަތު ސަލާމަތުން ހުރުންހިނމެނެއެވެ.

ރޯދަ ޞައްޙަވުމުގެ ޝަރުޠުތައް:
މުސްލިމަކު ކަމުގައިވުން، ތަންދޮރު ވަކިކޮށްދެނެގަތުން، ބުއްދި ސަލާމަތުން ހުރުން، ޙައިޟް ނިފާސްކަމުން ޠާހިރުވުން، ރޯދަ ހިފައި ދުވަހަކީ، ރޯދަ ހިފުން ޙަރާމް ދުވަހެއްކަމުގައި ނުވުން. މިއެވެ. މި ޝަރުތުތަކުގެ ތެރެއިން ޝަރުތެއްފުރިހަމަ ނުވާނަމަ، ރޯދަ ޞައްޙައެއް ނުވާނެއެވެ.

ރޯދަ ޤަޟާކުރުމާއި ކައްފާރާ ދިނުން:
1-  ހަމައެކަނި ރޯދަ ޤަޟާކުރުން: ފިދްޔަ ދެއްކުމެއްނެތި ރޯދަ ޤަޟާކުރަން ޖެހޭނީ ރަމަޟާންމަހު ރޯދަ ދޫކޮށްލެވޭ އުޛުރަކައި ލައިގެން ދޫކޮށްލައި ރޯދަ ތަކުގައެވެ. މިހެން ކަމުން، ބަލިވުން، ދަތުރުކުރުން، ޙައިޟް ނިފާސްކަން، މާބަނޑު އަންހެނާ، ނުވަތަ ކިރުމައިމީހާ އޭނާއަށްލިބޭ ވަރުބަލިކަމެއްގެ ސަބަބުން ނުވަތަ އޭނައަށް ގެއްލުމެއްލިބިދާނެ ކަމަށް ބިރުއޮތްނަމައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. " وَمَنْ كَانَ مَرِيْضًا أَوْ عَلَى سَفَرٍ فَعِـدَّةٌ مِنْ أَيَّامٍ أُخَرَ" (سورة البقرة: 185) މާނައީ: " ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭމީހާ، ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުއްޓެވެ."

2- ރޯދަ ޤަޟާކުރުމާއިއެކު ފިދްޔަދިނުން: ޝަރުޢީ އުޒުރަކާ ލައިގެން ރޯދަ ދޫކޮށްލުމަށްފަހު އެރޯދަ ދޫކޮށްލި ރޯދަމަހުގެ ރޯދަ ނުހިފައި ހުއްޓާ އަނެއްމަހުގެ ރޯދަމަސް އައިސް ޖެހިއްޖެނަމަ ޤަޟަކުރުމާއި އެކު ފިދްޔަ ދައްކަންޖެހޭނެއެވެ. ހަމައެފަދައިން، މާބަނޑުމީހާއާއި ގާތުން ކިރުދޭމީހާ ރޯދަ ދޫކޮށްލަނީ، ހަމައެކަނި ބަނޑުގައިވާ ދަރިފުޅައްޓަކައިނަމަ، ދަރިފުޅައްލިބިދާނެ ގެއްލުމަކަށްޓަކައިނަމަ އެއަދަދަށް ރޯދަހިފައި ފިދްޔަދޭންޖެހޭނެއެވެ.

3-ހަމައެކަނި ފިދްޔަ ދިނުން: މުސްކުޅި ބަލީގެ ސަބަބުން ރޯދަ ނުހިފުން، ނުވަތަ ރޯދަ ނުހިފޭ ވަރުގެ ބައްޔެއް ހުންނަމީހުން. މިބައި މީހުންނަށް ރޯދަ ޤަޟާކުރުމެއް ނެތެވެ. ހަމައެކަނި ފިދްޔަ ދެއްކުމުން ފުދޭނެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. " وَعَلَى الَّذِيْنَ يُطِيْقُونَهُ فِدْيَةُ طَعَامُ مِسْكِيْنٍ" (سورة البقرة: 184) މާނައީ: " އުނދަގޫކަމާއިއެކު އެކަމަށް ކުޅަދާނަވާމީހާގެ މައްޗައްއޮތީ ފިދުޔަ ދިނުމެވެ. އެއީ މިސްކީނަކަށް ކާންދިނުމެވެ."

1-މުސްލިމަކު ކަމުގައިވުން: މިހެންވުމުން ކާފަރުން ހިފައި ރޯދަ މާތްﷲ ސުބުޙާނަހޫ ވަތާޢާލާގެ ޙަޟްރަތުގައި ޤަބޫލު ނުކުރެވޭ ހުއްޓެވެ. ރޯދަ ޤަބޫލު ކުރެވޭނީ ޝަހާދަތުގެ ދެކަލިމަ ކިޔައި އެކަން ދުލުން ޤަބޫލުކޮށްގެން ތިބޭ މުސްލިމުންގެ ރޯދައެވެ.

عاشوراء ދުވަހުގެ ރޯދައިގެ މާތްކަން
މުޙައްރަމު މަހަކީ މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ ބަރަކާތްތެރި މައްސަރެކެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. إِنَّ عِدَّةَ الشُّهُورِ عِندَ اللّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللّهِ يَوْمَ خَلَقَ السَّمَاوَاتِ وَالأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلاَ تَظْلِمُواْ فِيهِنَّ أَنفُسَكُمْ وَقَاتِلُواْ الْمُشْرِكِينَ كَآفَّةً كَمَا يُقَاتِلُونَكُمْ كَآفَّةً وَاعْلَمُواْ أَنَّ اللّهَ مَعَ الْمُتَّقِينَ (سورة التوبة: ٣٦)
މާނައީ: " ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲގެ ޙަޟްރަތުގައި ބާރަމަހެވެ. އޭގެތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެން ވެއެވެ. އެއީ ޙައްޤު ތެދު ދީނެވެ. ފަހެ، އެމައްސަރުތަކުގައި ތިޔަބައިމީހުންގެ އަމިއްލަ ނަފުސްތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ. އަދި އެންމެހާ މުޝްރިކުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ. އެއުރެން ވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަ ކުރާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ﷲ ވޮޑިގެން ވަނީ، ތަޤުވާވެރިންނާ އެކުގައިކަން ތިޔަބައިމީހުން ދަންނާށެވެ."

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا أَرْبَعَةٌ حُرُمٌ  ثَلَاثَةٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ، وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ " (رواه البخاري)
މާނައީ: " އަހަރެއްގައި ވަނީ ބާރަ މަހެވެ. އޭގެ ތެރެއިން ހަތަރު މަހަކީ ޙުރުމަތްތެރި ކުރައްވާފައިވާ މަސްތަކެވެ. އަދި ތިންމަސް އަންނަނީ ޖެހިޖެހިގެންނެވެ. އެއީ ذوالقعدة، ذوالحجة އަދި محرمމަހެވެ. އަދި رجب މަހަކީ جمادى الأولى މަހާއި شعبان މަހާއި ދެމެދުގައިވާ މަހެވެ."

محرم މަހުގެ ދުވަސްތަކަކީ ބަރަކާތްތެރި ދުވަސްތަކެކެވެ. މިދުވަސްތަކުގައި ހެޔޮޢަމަލުކުރުން ގިނަކޮށް، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތް ކުރުން އިތުރުވެގެން ވެއެވެ. محرم މަހުގެ މާތްކަން ބަޔާން ކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ " (رواه مسلم)
މާނައީ: " ރަމަޟާންމަހުގެ ރޯދައަށް ފަހު އެންމެ މާތް ރޯދައަކީ މުޙައްރަމު މަހުގެ ރޯދައެވެ."

عاشوراء ދުވަހުގެ ރޯދައިގެ ތާރީޚު
عاشوراء ދުވަހުގެ ރޯދައަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ بعثةގެ ކުރިން ވެސް ޔަހޫދީން ހިފަމުން ދިޔަ ރޯދައެކެވެ. عاشوراء ދުވަހުގެ ރޯދައަކީ މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުންގެ އަނިޔާވެރިކަމުން މާތްﷲ ސަލާމަތް ކުރެއްވި ކަމަށްޓަކައި، އެކަމަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ހިފާ ރޯދައެކެވެ. ابن عباس رضي الله عنهماގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ فَقَالَ مَا هَذَا قَالُوا هَذَا يَوْمٌ صَالِحٌ هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى، قَالَ فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ " (رواه البخاري)
މާނައީ: " ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާއިން މަދީނާއަށް ވަޑައިގެންނެވި އިރު ޔަހޫދީން محرم މަހުގެ ދިހަ ވަނަ ދުވަހު ރޯދަ ހިފައެވެ. މިރޯދައާ ބެހޭ ގޮތުން ސުވާލު ކުރެއްވީމަ، އެމީހުން ދެންނެވީ މިއަދަކީ ބަނޫއިސްރާއީލު ބާގައިގެ މީހުން، އެމީހުންގެ ޢަދާވާތްތެރިންގެ ކިބައިން ސަލާމަތް ކުރެވުނު ދުވަހެވެ. އެކަމަށް ޝުކުރުވެރިވުމުގެ ގޮތުން މޫސާގެފާނު ރޯދަ ހިއްޕެވިއެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. ތިމަންކަލޭގެފާނު މޫސާގެފާނަށް ތަބާވުމުގެ ގޮތުން ރޯދަ ހިފުން، ތިޔަބައިމީހުންނަށް ވުރެ ޙައްޤުކަން ބޮޑުވެގެންވެއެވެ. ދެން އެދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕަވައި، އަދި މީސްތަކުންނަށް ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ."

عاشوراء ދުވަހުގެ ރޯދައިގެން މާތްކަން
محرم މަހުގެ ދުވަސްތަކުގެ ތެރެއިން ރޯދަ ހިފުން އެންމެ އިތުރުކަން ބޮޑު ދުވަހަކީعاشوراء ދުވަހު ރޯދަހިފުމެވެ. عاشوراء ދުވަހަކީ محرم މަހުގެ ދިހަވަނަ ދުވަހެވެ. މިއަހަރު عاشوراءދުވަހަކީ މިޑިސެމްބަރު މަހުގެ 16 ވާ ބުރާސްފަތި ދުވަހެވެ. މިދުވަހު ރޯދަ ހިފުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަން ބާރު އަޅުއްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ.       " صِيَامُ يَوْمَ عَاشُوْرَاءَ، إِنِّي أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةُ الَّتِيْ قَبْلَهُ " (رواه مسلم)
މާނައީ: " ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން އިސްވެގޮސްފައިވާ އަހަރުގެ ފާފަ ފުއްސަވާނޭ ކަމަށް ﷲގެ ޙަޟްރަތުން އުއްމީދު ކުރައްވަމެވެ."
އަދި ވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ.  "صَوْمُ يَوْمِ عَرَفَةَ يُكَفِّرُ سَنَتَيْنِ مَاضِيَةً وَمُسْتَقْبَلَةً، وَصَوْمُ يَوْمِ عَاشُوْرَاءَ يُكَّفِرُ سَنَةً مَاضِيَةً  " (رواه مسلم وأبوداود)
މާނައީ: " ޢަރަފާތް ދުވަހު ރޯދަ ހިފުމީ، އިސްވެދިޔަ އަހަރާއި އަންނަށްއޮތް އަހަރުގެ ފާފަ ފުއްސަވާނޭ ކަމެކެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފުމީ، އިސްވެގޮސްފައިވާ އަހަރުގެ ފާފަ ފުއްސަވާނޭ ކަމެވެ."

عاشوراء ދުވަހުގެ ރޯދަ ހިފުން އެންމެ އިތުރުވެގެން ވަނީ ދިހަވަނަ ރޯދަ ހިފުމާއެކު ނުވަ ވަނަ ދުވަހުވެސް ރޯދަ ހިފުމެވެ. ابن عباس رضي الله عنهماގެ އަރިހުން ރިވާ ވެގެންވެއެވެ. حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ، قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ، قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  " (رواه مسلم)
މާނައީ: " ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާޝޫރާ ދުވަހު ރޯދަ ހިއްޕަވައި، މީސްތަކުންނަށް ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ. ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ! ހަމަކަށަވަރުން އެދުވަހަކީ ޔަހޫދީންނާއި ނަޞާރާއިން މާތްކޮށް ހިތަމުންދާ ދުވަހެކެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. މާތްﷲ އިރާދަފުޅާއެކު އަންނަ އަހަރު ނުވަ ވަނަ ދުވަހު ވެސް ރޯދަ ހިއްޕަވާ ހުށީމެވެ. ނަމަވެސް އަންނަ އަހަރު އައުމުގެ ކުރިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަ ވެއްޖެއެވެ."

الإمام الشافعي އާއި الإمام أحمد ވިދާޅުވެފައިވެއެވެ. ނުވަ ވަނަ ދުވަހާއި ދިހަ ވަނަ ދުވަހު ރޯދަ ހިފުން ސުންނަތް ވެގެންވެއެވެ. އަދި އެންމެ އިތުރުވެގެންވާ ގޮތަކީ ނުވަ ވަނަ ދުވަހާއި ދިހަ ވަނަ ދުވަހު ރޯދަ ހިފުމެވެ. ނުވަތަ ދިހަ ވަނަ ދުވަހާއި އެގާރަވަނަ ދުވަހު ރޯދަ ހިފުމެވެ.
މިބަރަކާތްތެރި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް އަވަސްވެ ގަންނާށެވެ. ތިބާއަށް ޢުމުރުން ލިބިފައިވާ ދުވަސްތައް ހެޔޮ ގޮތުގައި ހޭދަކޮށް، ހެޔޮ ޢަމަލު ކުރުމުގައި ހީވާގި ވަމާތޯއެވެ؟ ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ!
                                                   
No comments:

Post a Comment