ނަމާދު
ނަމާދަކީ އިސްލާމްދީނުގެ
ދެވަނަ ރުކުނެވެ. ނަމާދަކީ، ބާލިޣުވެ، ބުއްދި ސަލާމަތުންހުރި، ކޮންމެ
މުކައްލަފެއްގެ މައްޗަށް ރެއާ ދުވާލު ފަސްފަހަރު ކަނޑަ އެޅިގެންވާ ވަގުތު
ތަކެއްގައި ކުރުން ފަރުޟު ވެވިގެންވާ އަޅުކަމެކެވެ. ނަމާދަށް އިންކާރު ކުރާ ޙާލު،
ނަމާދު އަޅައިފިނަމަ، އެމީހާ އިސްލާމްދީނުގެ ދާއިރާއިން ބޭރުވާހުއްޓެވެ. ނަމާދަކީ
އިސްލާމްދީނުގެ ތަނބެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ
ޙަދީޘްކުރައްވާފައިވެއެވެ. رَأْسُ الْأًمْرِ الْإِسْلاَمُ وَعَمُوْدُهُ الصَّلاَةُ وَذُرْوَةُ
سَنَامِهِ اَلْجِهَادُ فِى سَبِيْلِ اللّهِ. (رواه الطبراني) މާނައީ: ކޮންމެ ކަމެއްގެ
އަސްލަކީ އިސްލާމް ދީނެވެ. އެދީނުގެ ތަނބަކީ ނަމާދެވެ. އަދި އެދީނުގެ އެންމެ އުސް
ކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ. ނަމާދަކީ ޞިއްޙަތު ސަލާމަތުން
ހުންނަޙާލުގަޔާއި ބަލިޙާލުގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. މުޤީމު ޙާލުގައި
ކުރަން ޖެހޭފަދައިން ދަތުމަތީގައިވެސް ކުރަންޖެހޭ އަޅުކަމެކެވެ. އަމާންޙާލަތުގައި
ކުރަންޖެހޭ ފަދައިން ބިރުވެރިކަމުން ފުރިފައިވާ ހަނގުރާމައިގެ މައިދާނުގައިވެސް
ކުރަންޖެހޭ އަޅުކަމެކެވެ. އަދި ނަމާދު އެނަމާދުގެ ވަގުތުން ފަސްކުރުމަކީވެސް
ހުއްދަވެގެންވާ ކަމެއްނޫނެވެ. ޤިޔާމަތްދުވަހު އަޅާގެ ހިސާބު އެންމެފުރަތަމަ
ބެއްލެވޭނީ ނަމާދުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ
ޙަދީޘްކުރައްވާފައިވެއެވެ. أَوَّلُ مَايُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ الصَّلَاة فَإِنْ
صَلُحَتْ صَلُحَ سَائِرُ عَمَلِهِ وَإِنْ فَسُدَتْ فَسُدَ سَائِرُ عَمَلِهِ)
(الترمذي وحسّنه الألباني) މާނައީ: ޤިޔާމަތްދުވަހު އަޅާއާމެދު އެންމެފުރަތަމަ ޙިސާބު
ބެއްލެވޭނީ ނަމާދާ މެދުގައެވެ. އެކަންރަނގަޅުވެ ޞާލިޙުވެއްޖެނަމަ،
އެހެންޢަމަލުތައްވެސް ރަނގަޅުވެ ޞާލިޙު ވެދާހުއްޓެވެ. އެކަންފާސިދުވެއްޖެނަމަ އޭނާގެ
އެހެން ޢަމަލުތައްވެސް ފާސިދުވެދާނެވެ. ނަމާދު ކުރާއިރު ހުންނަންޖެހެނީ ވަރައްމަޑު
މޮޅި ކަމާއި ޚުޝޫޢަތްތެރި ކަމާއެކުގައެވެ. މިގޮތުގައި ނަމާދު ކުރާމީހުންނާ
ބެހޭގޮތުން ވާރިދުވެފައިވާއާޔަތެއްގެ މާނައިގައިިވެއެވެ. މާނައީ: މުއުމިނުން
ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި
މަޑުމައިތިރިވެތިބޭ މީހުންނެވެ.
ނަމާދުގެ މުހިއްމުކަމާއި
ނަމާދު އެޅުމުގެ ޙުކުމް
ނަމާދަކީ ޚާއްޞަ ޢަމަލުތަކަކާއި
ކިއުންތަކެއްގެ މައްޗަށް އެކުލެވިގެންވާ އަޅުކަމެކެވެ. ނަމާދު ތަކުބީރުން
ހުޅުވާލެވެއެވެ. އަދި ތަސްލީމަކުން ނިންމާލެވެއެވެ. އެބަހީ: اللهأكبر އިން ފެށެއެވެ. السلام عليكمނިންމާލެވެއެވެ. ނަމާދަކީ އިސްލާމްދީނުގައި
އެއަޅުކަމެއް އަދާކުރުމަށް އެންމެ ބާރު އަޅުއްވާފައިވާ އަޅުކަމެވެ. ނަމާދަކީ
ދީނުގެ ތަނބުވެސް މެއެވެ. އެ އަޅުކަމާއި ނުލައި ދީން ޤާއިމްވެ ނުހުންނާނެއެވެ. ނަމާދުގެ
މުހިއްމުކަން ކީރިތި ޤުރުއާނުންނާއި، މާތް ނަބިއްޔާ މުޙައްމަދުއް ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމަގެ ސުންނަތުން ވަރަށް ރީތިކޮންފެންނަން އެބައޮތެވެ.
رَسُولُ الله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. " ހުރިހާކަމެއްގެ
އަޞްލަކީ އިސްލާމްދީނެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ﷲގެ
މަގުގައި ޖިހާދު ކުރުމެވެ." އަޅުކަންތަކުގެތެރެއިން އެންމެ ފުރަތަމަ
ކުރުމަށް ފަރުޟު ކުރެއްވި އަޅުކަމަކީވެސް ނަމާދެވެ. މާތްﷲ އެހެން އެއްވެސް
މެދުވެރިއަކާއިނުލައި ފަރުޟުކުރެއްވި އަޅުކަމަކީވެސް ނަމާދެވެ. ނަމާދު ފިޔަވާ
އެހެން ހުރިހާ އަޅުކަމެއްވެސް ފަރުޟު ކުރައްވާފައިވަނީ ޖިބުރީލުގެފާނުން މެދުވެރި
ކުރައްވައިގެންނެވެ. އެނަމާދު ފަރުޟުކުރެއްވުމުގައި އެކަލާނގެ އިސްވެ
ވޮޑިގެންނެވިއެވެ.
أحمد އާއި نسائي އާއި ترمذيّ ސައްޙަ ސަނަދަކުން ރިވާކުރެއްވި ޙަދީޘެއްގައި
ވެއެވެ. "އެކަލޭގެފާނާއިގެން އިސްރާކުރެވުނު
ރޭގައި ފަންސާސް ނަމާދު نبيَّ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް
ފަރުޟުކުރެވުނެވެ. ދެން ފަސްނަމާދަށް ވެއްޖައުމަށް ދާންދެން އުނިކުރެވުނެވެ. ދެން
ވަޙީކުރައްވައި ނިދާއިއްވެވިއެވެ. މުޙައްމަދެވެ! ހަމަކަށަވަރުން އެނަމާދު އެކަލާނގެ
ޙަޟުރަތުގައިވާގޮތެއް ބަދަލެއް ނުކުރައްވައެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނަށް
މިފަސްނަމާދުން ފަންސާސް ނަމާދުގެ ޘަވާބުލިބޭހުއްޓެވެ."
އިންސާނާގެ ޢަމަލުތަކުގެ ތެރެއިން އެންމެ
ފުރަތަމަ ހިސާބު ބެއްލެވޭނެ އަޅުކަމަކީވެސް ނަމާދެވެ.طَبَرَانِي ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.
"ޤިޔާމަތްދުވަހު އަޅާގެ މައްޗަށް ފުރަތަމަ އެކަމެއްގެ ޙިސާބުބެލެވޭނީ
ނަމާދެވެ. ފަހެ ނަމާދު ރަގަޅުވެއްޖެނަމަ އޭނާގެ ހުރިހާޢަމަލެއް ރަގަޅުވީއެވެ. އަދި
އެފާސިދުވެއްޖެނަމަ އޭނާގެ ހުރިހާޢަމަލެއް ފާސިދުވީއެވެ."
رَسُولُ الله ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ދުނިޔެއާއި އަލްވަދާޢު ކިޔުއްވަމުން
ކުރެއްވި ވަޞިއްޔަތްޕުޅުގައިވެސް ނަމާދަށް ރައްކާތެރިވުމަށް އަންގާފައި ވެއެވެ.
އެކަލޭގެފާނުން ޙަދީޘް ކުރެއްވިއެވެ. "ނަމާދު ނަމާދެވެ. އަދި ތިޔަބައިމީހުނަށް މިލްކުވެގެންވާ
އަޅުންނެވެ." ދުނިޔެ ފަހަށް ދިޔަދިޔަހެން މީހުން ދީނާއި ދުރަށް
ދަމުންދާނެއެވެ. މިވާހަކަ އަންގަވަމުން رَسُولُ الله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި
ވެއެވެ. " އެންމެ ރަނގަޅު ޤަރުނަކީ ތިމަން ކަލޭގެފާނުންގެ ޤަރުނެވެ. ދެން
އެއާއި ޖެހިގެން އަންނަ ޤަރުނެވެ. ދެން އެއާއި ޖެހިގެން އަންނަ ޤަރުނެވެ. "
މީހުން ދީނާއި ދުރުވެ ދީނުގެ އަޅުކަންތައް ދޫކުރަމުންދާނެއެވެ. މި ގޮތަށް ކުރުން
އެންމެ ފަހުން ހުއްޓާލާނެ ޢަމަލަކީވެސް ނަމާދެވެ. ނަމާދު ކުރުން މީހުން ހުއްޓާލާ
ހިސާބުން މުޅިއިސްލާމްދީން ނެތިގެންދާނެއެވެ. މި ކަމުންވެސް ނަމާދުގެ އަހައްމިއްޔަތު
އެނގިގެން އެބަދެއެވެ.
رسول الله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. "ހަމަކަށަވަރުން
އިސްލާމްދީނުގެ އުޅައްގަޑު އުޅައްގަޑަކުން އުޅައްގަޑަކުން ނެއްޓިދެއެވެ. ފަހެ
އުޅައްގަޑެއް ނެއްޓިދާހިނދު ފަހެ މީސްތަކުން އެއާއިޖެހިގެން ހުރިއުޅައްގަނޑުގައި
އެލިގަނެއެވެ. ފަހެ އޭގެތެރެއިން އެންމެފުރަތަމަ ނެތިގެންދާނީ ޙުކުމްތަކެވެ. އަދި
އޭގެތެރެއިން އެންމެފަހުން ނެތިގެންދާނީ ނަމާދެވެ."
މިހާހިސާބަށް ބަލާލެވިފައިމިވަނީ ސުންނަތުގައި
ނަމާދަށް ދެވިފައިވާ ސަމާލުކަމަށް ވަރަށް ކުޑަމިންވަރެކަށެވެ. ދެން ކީރިތި
ޤުރުއާނުގައި ނަމާދު ކުރުމަށްއ ބާރު އަޅުއްވާފައިވާ މިންވަރަށް ބަލައިލާނަމެވެ. ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކަށް
ބަލައި ވިސްނައި ހަދައިފި ކޮންމެ މީހަކަށް އެ މޫރިތި އާޔަތް ތަކުގައި
ނަމާދަށްވަރަށް ބޮޑު ސަމާލުކަމެއް ދެއްވާފައިވާތީ ފެންނާނެއެވެ. އެގޮތުން ބައެއް
ފަހަރަށް ނަމާދާއި ﷲ ގެ ޛިކުރުކުރުމާއި ގުޅުވާލައްވާފައިވާތީ ފެންނާނެއެވެ. ތިރީގައި މިވަނީ އެފަދަ ބައެއް މިޘާލުތަކެވެ.
وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى
عَنِ الْفَحْشَاء وَالْمُنكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ
مَا تَصْنَعُونَ -العنكبوت: ٤٥ މާނައީ: "ހަމަކަށަވަރުން ނަމާދަކީ ހުތުރުކަންބޮޑު
ފާފަތަކާއި މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން ﷲ ހަނދުމަ
ކުޅައުމަކީ އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ
ދެނެވޮޑިގެން ވެއެވެ.
قَدْ أَفْلَحَ مَن تَزَكَّى وَذَكَرَ
اسْمَ رَبِّهِ فَصَلَّى - الأعلى: ١٤ – ١٥ މާނައީ: "(ކާފިރުކަމުން) ޠާހިރުވެ އަދި
އެމީހާގެ ވެރި ރަސްކަލާނގެ އިސްމުފުޅު ހަނދުމަކޮށް ނަމާދުކުޅަ މީހާ ކާމިޔާބު
ވެއްޖެކަން ކަށަވަރެވެ."
إِنَّنِي أَنَا اللَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدْنِي
وَأَقِمِ الصَّلَاةَ لِذِكْرِي - طه: ١٤ މާނައީ:" ތިމަންރަސްކަލާނގެ
ޛިކުރުކުރުމަށްޓަކާ ތިބާ ނަމާދު ޤާއިމުކުރާށެވެ." ބައެއްފަހަރަށް
ޒަކާތާއި ގުޅާލައްވައެވެ.
وَأَقِيمُواْ الصَّلاَةَ وَآتُواْ الزَّكَاةَ -البقرة: ١١٠ މާނައީ: "ތިޔަބައިމީހުން ނަމާދު ޤާއިމު
ކުރާށެވެ. އަދި ތިއަބައިމީހުން ޒަކާތް ދޭށެވެ."
وَاسْتَعِينُواْ بِالصَّبْرِ وَالصَّلاَةِ
وَإِنَّهَا لَكَبِيرَةٌ إِلاَّ عَلَى الْخَاشِعِينَ - البقرة: ٤٥ މާނައީ: "އަދި ކެތްތެރިކަމާއި ނަމާދުން
ތިޔަބައިމީހުން ވާގި އެދޭށެވެ."އަދި ބައެއް ފަހަރަށް ޤުރްބާނީ އާއި އަޅުކަމާ
ގުޅުވާ ލައްވައެވެ.
فَصَلِّ لِرَبِّكَ وَانْحَرْ - الكوثر: ٢ މާނައީ: "ފަހެ ކަލޭގެފާނުގެ ވެރި
ރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ. އަދި ޤުރްބާން ކުރައްވާށެވެ. ބައެއް ފަހަރަށް ހެޔޮކަމުން ނަމާދު ހުޅުވާ
ލައްވައި އަދި އެހެޔޮކަމުންޚަތިމުވެސް ކުރައްވައެވެ. ސޫރަތުލް މިޢްރާޖުގައްޔާއި،
ސޫރަތުލް މުއުމިނޫންގެ ފެށޭތާގައި އައިސްފައިވާ ފަދައިންނެވެ. "
قَدْ أَفْلَحَ الْمُؤْمِنُونَ . الَّذِينَ
هُمْ فِي صَلَاتِهِمْ خَاشِعُونَ . وَالَّذِينَ
هُمْ عَنِ اللَّغْوِ مُعْرِضُونَ .وَالَّذِينَ هُمْ
لِلزَّكَاةِ فَاعِلُونَ . وَالَّذِينَ
هُمْ لِفُرُوجِهِمْ حَافِظُونَ . إِلَّا
عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ
مَلُومِينَ . فَمَنِ ابْتَغَى وَرَاء ذَلِكَ
فَأُوْلَئِكَ هُمُ الْعَادُونَ . وَالَّذِينَ
هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ . وَالَّذِينَ
هُمْ عَلَى صَلَوَاتِهِمْ يُحَافِظُونَ . أُوْلَئِكَ
هُمُ الْوَارِثُونَ . الَّذِينَ
يَرِثُونَ الْفِرْدَوْسَ هُمْ فِيهَا خَالِدُونَ - المؤمنون: ١ – ١١
މާނައީ:
"މުއުމިނުން ކާމިޔާބު ވެއްޖެކަން ކަށަވަރެވެ. އެމީހުންނަކީ އެމީހުންގެ
ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ. އަދި އެބައިމީހުންނަކީ ބޭކާރު
ވާހަކަތަކާއި ކަންތަކުން ދުރުހެލިވެ ތިބޭ މީހުންނެވެ. އަދި އެބައިމީހުންނަކީ
ޒަކާތްދޭ މީހުންނެވެ. އަދި އެބައިމީހުންނީ އެބައިމީހުންގެ ފަރުޖުތަކަށް
ރައްކާތެރިވާ މީހުންނެވެ. އެބައިމީހުންގެ އަނބިންގެ މައްޗަށާއި ހަމަކަށަވަރުން
އެމީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ އެބައިމީހުންނަކީ
އެކަމުގައި މަލާމަތް ލިބިގެންނުވާ މީހުންނެވެ. ފަހެ އެއިން ބޭރުގައިވާ ކަމަކަށް
އެދިއްޖެ މީހާ (ދަންނާށެވެ.) ފަހެ އެމީހުންނީ (ހުއްދަވެގެންވާ ސަރަޙައްދު)
ފަހަނައަޅައި ދާމީހުންނެވެ. އެބައިމީހުންނީ އެބައިމީހުންގެ އަމާނާތަތްތަކަށާއި
އަދި އެބައިމީހުންގެ ޢަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ. އަދި އެމީހުންގެ
ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ. (ހެޔޮކަން) ވާރުތަވާ މީހުންނަކީ
އެބައިމީހުންނެވެ. އެމީހުންނަކީ ފިރުދައުސޭ ކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ.
އެމީހުން އެތާނގައި ދެމިތިބޭ ހުއްޓެވެ."
މި
ބަޔާން ކުރެވުނު އާޔަތްތައް ނޫނަސް މިފަދަ އެތައް އާޔަތެއްގައި މިފަދަ ގޮތްގޮތަށް އައިސްފައިވެއެވެ.
ނަމާދުކުރާ މީހުން ހިމެނެނީ މާތްﷲގެ
ހިދާޔަތު ލިބިފައިވާ ޚާއްޞަ މީހުންގެ ތެރެއިންނެވެ. އެހެންކަމުން އިބްރާހީމް ޢަލައިހިއްސަލާމް
އާއި އެކަލޭގެފާނުންގެ ދަރިފަސްކޮޅު ނަމާދުކުރާ މީހުންގެ ތެރެއިން ލެއްވުމަށް
އެކަލޭގެފާނު އިލާހީ ޙަޟްރަތުގައި މިފަދައިން ދުޢާކޮށް ދެންނެވިއެވެ. رَبِّ اجْعَلْنِي
مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ -إبراهيم: ٤٠ މާނައީ: "އަޅުގެ ވެރި ރަސްކަލާކޮ! އަޅާއީ
ނަމާދު ޤާއިމްކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރީން
ތެރެއިންވެސް މެއެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލު
ކުރައްވާނދޭވެ!"
ދަތުރުވެރިންނާއި ހަނގުރާމައިގެ
މައިދާނުގައި ހަނގުރާމަކުރަމުންދާ މުޖާހިދުންނަށްވެސް ނަމާދު މަޢާފުވެގެން
ނުވެއެވެ. އެހެންކަމުން މިއީ ކިހާ މުހިއްމު އަޅުކަމެއް ކަން
އެނގިގެން އެބަދެއެވެ. އަދި މީގެ އިތުރުން މަތީގައި ބަޔާން ކުރެވިފައިވާ
އާޔަތްތަކާއި ޙަދީޘްތަކުންވެސް ނަމާދަކީ ދީނުގައި ކޮންފަދަ މަތިވެރި ގަދަރަކާއި
ޝަރަފެއް ލިބިފައިވާ އަޅުކަމެއްކަން އެނގިގެން ދެއެވެ.
ދީނުގައި މިހާ މުހިއްމު ކަމެއް ދެވިފައިވާ އަޅުކަމެއް
ނުކޮށް ދޫކޮށްލުމުން ދެން އެމީހެއްގެ ޙުކުމަށް ބަލައިލުމަކީވެސް ވަރަށް މުހިއްމު
ކަމެއްކަމުގައި ދެކެމެވެ. ނަމާދު ފަރުޟުކަމާއި މެދުގައި ދެކޮޅު ހަދާ
އިންކާރުކޮށް ނަމާދު އަޅައިފި މީހާ، އެވަނީ ކާފިރުވެ މިއްލަތުން ބޭރުވެފައެވެ. މިކަމަށް މުސްލިމުންގެ ދަންނަބޭކަލުންވަނީ
އިޖްމާޢު ވެފައެވެ. ނަމާދުގެ ވާޖިބުކަން ޤަބޫލުކޮށްގެންހުރެ، ކަންކަމުގައި
މަޝްޣޫލުވެ ނަމާދު އަޅާ މީހާއާބެހޭ ގޮތުން ވާރިދުވެގެންވާ ޙަދީޘްތަކަށް ބަލާއިރު
އޭނާވެސް ކާފިރުވެއެވެ. އަދި އޭނާ ވަނީ ޤަތުލުކުރުން ވާޖިބުވެފައެވެ. އެފަދަ
ބައެއް ޙަދީޘްތައް ދަންނަވާލާނަމެވެ.
ޖާބިރު
ބުނު ޢަބްދުﷲ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވިއެވެ. ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އަޅާއާ އަދި ކާފިރުކަމުގެ
ދެމެދުގައިވަނީ ނަމާދެވެ." (أحمد އާއި مسلم އާއި أبوداود އާއި الترمذى އަދި إبنُ مَاجَة މިޙަދީޘް ރިވާ ކުރެއްވިއެވެ.)
ބުރައިދާ
ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިމަންމެނާއި
ކާފަރުންނާއި ދެމެދުގައިވާ ޢަހްދަކީ ނަމާދެވެ. އެނަމާދު އަޅައިފި މީހާ
ހަމަކަށަވަރުން ކާފަރުވެއްޖެއެވެ." (އަޙްމަދާއި އަޞްޙާބުއް ސުނަނު މިޙަދީޘް
ރިވާ ކުރެއްވިއެވެ.)
އިބްނު
އުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގެ މާނާއިގައިވެއެވެ.
ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. " ﷲ މެނުވީ ޙައްޤު އަޅުކަމެއްވެވޭ އިލާހަކު
ނުވާކަމަށާއި، ހަމަކަށަވަރުން މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވެއްޖައުމަށް
ދާނދެނެވެ. އަދި އެބައިމީހުން ނަމާދު ޤާއިމްކޮށް، ޒަކާތްދީފުމަށް ދާނދެން
އެމީހުންނާއި ހަނގުރާމަކުރުމަށް ތިމަންކަލޭގެފާނަށް އަމުރުވެވިގެން ވިއެވެ. ފަހެ
އެބައިމީހުން އެކަންކޮށްފިއްޔާ ތިމަންކަލޭގެފާނުގެ ކިބައިން އެބައިމީހުންގެ ލެއާއި
އެބައިމީހުންގެ މުދާ ރައްކާތެރިކޮށްފިއެވެ. އަދި އެބައިމީހުންގެ ހިސާބުވަނީ
ގަދަކީރިތި ވަންތަﷲ އަށެވެ." (މި ޙަދީޘަކީ އަލްއިމާމުލް ބުޚާރީއާއި، އާއި އަލްއިމާމު މުސްލިމް ރިވާކުރައްވާފައިވާ
ޙަދީޘެކެވެ.)
މަތީގައި އެވާ ޙަދީޘްތަކުން އެނގި ހާމާވާ ގޮތުގައި ނަމާދުއެޅުމަކީ
ކުފުރެކެވެ. ދީނުން ބޭރުވެގެންދާ ދިއުމެކެވެ. އަދި އޭނާގެލޭ ހުއްދަވާނެއެވެ.
ނަމަވެސް ކުރިއާއި ފަހުގެ ޢިލްމުވެރިންގެ ތެރެއިން ގިނަ ޢިލްމުވެރިން
ކަންނެތްކަމުގެ ސަބަބުން ނަމާދު އަޅާމީހާ ޤަތުލުކުރެވޭނެކަމުގައި ދެކެވަޑައެއް
ނުގަންނަވައެވެ. އަދި ކުރީގެ އާއި ފަހުގެ ގިނަޢިލްމުވެރިން ކަންނެތްކަމުގެ
ސަބަބުން ނަމާދު އަޅާމީހާ ކާފަރުވާކަމުގައިވެސް ދެކެވަޑައެއް ނުގަންނަވައެވެ.
މިގޮތަށް ދެކެވަޑައިގަންނަވާ އިމާމުންގެ ތެރޭގައި އަބޫޙަނީފާ، މާލިކު، އައްޝާފިޢީ، ހިމެނިވަޑައިގަންނަވައެވެ.
މިބޭކަލުންގެ ތެރެއިން އިމާމު މާލިކާއި، އިމާމުއްޝާފިޢީ
ދެކެވަޑައިގަންނަވަނީ ނަމާދު އަޅާމީހާ ފާސިޤުވާނޭ ކަމުގައެވެ. އޭނާއަށް
ތަޥްބާވުމަށް އަމުރުކުރެވޭނެއެވެ. އޭނާ ތަޥްބާ ނުވެއްޖެނަމަ ޙައްދެއްގެ ގޮތުގައި
ޤަތުލު ކުރެވޭނެ ކަމުގައެވެ. ނަމަވެސް އަބޫޙަނީފާ ވިދާޅުވާގޮތުގައިވިދާޅުވަނީ
ނަމާދު އަޅާމީހާ ޤަތުލެއް ނުކުރެވޭނޭ ކަމުގައެވެ. އެހެނަސް ތަޢްޒީރު ކުރެވޭނެއެވެ.
އަދި ނަމާދުކޮށްފުމަށްދާންދެން ހައްޔަރުކޮށްފައި ބެހެއްޓޭނެއެވެ. ދެން މިފަދަ ބޮޑެތި ޢިލްމުވެރި އިމާމުން
މިހެން މި ވިދާޅުވަނީ ކީއްވެގެންތޯ ބަލައިލާންޖެހެއެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި
ކުރީގައި ބަޔާންކުރެވިފައިވާ ޙަދީޘްތަކުގައި އެވަނީ ނަމާދަކީ ފަރުޟެއް
ނޫންކަމުގައިބުނެ އެކަމަށް އިންކާރު ކުރާ މީހުންގެ ވާހަކައެވެ. ކަންނެތްކަމުގެ
ސަބަބުން ނަމާދުއަޅާ މީހާ މެރުމަށް މިޙަދީޘްތަކުން ދަލީލު ނުނެގޭނެ އަނެއް
ސަބަބަކީ އެގޮތަށް އެދަލީލު ނެގުމުން ބައެއް ޢާއްމު ނައްޞުތަކާއި ތަޢާރުޟުވުމެވެ. ކީރިތި ﷲ ގެ މިބަސްފުޅާއި ވެސް ތަޢާރުޟުވާ
ފަދައިންނެވެ. إِنَّ اللّهَ لاَ
يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَن يَشَاء وَمَن
يُشْرِكْ بِاللّهِ فَقَدْ ضَلَّ ضَلاَلاً بَعِيدًا - النساء: ١١٦
މާނައީ: "ހަމަކަށަވަރުން ކީރިތިﷲ
އެކަލާނގެއަށް ޝަރީކުކުރުން ނުފުއްސަވާނެތެވެ. އަދި އެކަން ފިޔަވައި އެކަލާނގެ
އެދިވޮޑިގެންނެވި މީހަކަށް ފުއްސަވައެވެ."
އަދި އިމާމު އަޙްމަދާއި އިމާމު މުސްލިމް
އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘްގައިވާ ފަދައިންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި
ވަސައްލަމަޙަދީޘްކުރެއްވިއެވެ. " لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ،
فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَه وَإِنِّى اخْتَبَأْتُ دَعْوَتِى
شَفَاعَةً لِأُمَّتِى يَوْمَ الْقِيَامَةِ فَهِيَ نَائِـلَةٌ. . . . .إِنْ شَاءَ
اللهُ . . . . مَنْ ماَتَ لاَيُشْرِكُ بِاللهِ شَيْئًا" މާނައީ: "މުސްތަޖާބުވެގެންވާ ދުޢާއެއް
ކޮންމެ ނަބީބޭކަލަކަށްވެއެވެ. ފަހެ ކޮންމެ ނަބީބޭކަލަކު އެބޭކަލެއްގެ
ދުޢާކުރެއްވުމުގައި އަވަސްވެވަޑައި ގެންނެވިއެވެ. އަދި ހަމަކަށަވަރުން
ތިމަންކަލޭގެފާނުގެ އުއްމަތަށް ޝަފާޢަތްތެރިވުމަށެވެ. ކީރިތި ﷲ އާއި އެއްވެސް
އެއްޗަކާއި ޝަރީކު ނުކުރާޙާލު މަރުވެއްޖެ މީހާއަށް ﷲ އިރާދަކުރެއްވިއްޔާ
އެޝަފާޢަތް ލިބޭނެއެވެ." އަދި ބުޚާރީގެ ރިވާޔަތެއްގައި ވެއެވެ.
ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އެމީހުންގެހިތުން
ޝައްކުކަމަކާއިނުލައި لاإله إلاَ اللهކިޔައިފިމީހުން ތިމަންކަލޭގެފާނުގެ ޝަފާޢަތުން
ބާއްޖަވެރިން ކަމުގައި ލައްވާނެއެވެ."
الشَوْكاَنيِ ވިދާޅުވިއެވެ. "ހަމަކަށަވަރުން ޙައްޤުބަހަކީ (އިސްލާމުދީނުގައި ހުރެފާ
ދީނުންބޭރުވެ) ކާފިރުވެއްޖެމީހާ ޤަތުލުކުރެވޭނޭ ބުނާ ބުނުމެވެ. އޭނާ ކުފުރުވުން
ދަންނައެވެ. ފަހެ، ނަމާދު އަޅާމީހާގެ ނަމުން ޝާރިޢު ނަންދެއްވާފައިވާ ޙަދީޘުތައް
ހަމަކަށަވަރުން ޞައްޙައެވެ. އެމީހެއްގެ މައްޗަށް މިނަން ބުނެވުން ހުއްދަވުމާއި
މީހާއާއި ދެމެދު އެޅިފައިވާ ހުރަހަކީ ނަމާދެވެ."
ނަމާދަކީ ދީނުގައި މިފަދަ މުހިއްމުކަމެއްދެވިފައިވާ
އަޅުކަމަކަށްވާއިރު، މިއަޅުކަން އަދާކުރުމުގައި ފަރުވާ ކުޑަކުރުމަކީ
އެއްގޮތަކަށްވެސް ބުއްދިވެރި ކަމެއްނޫނެވެ. މާތްﷲއީ އެކަލާނގެ އަޅުތަކުންގެ ތަޥްބާ
ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ. ފާފައިން ތަޥްބާވެއްޖެމީހާ ފާފައެއް ނުކުރާފަދައެވެ.
އެހެންކމުން މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ނަމާދު އަދާކުރެއްވުމަށްދެއްވަވާށެވެ.
އޭރުން މާތްﷲގެ އިރާދަފުޅާއިއެކުގައި ދެދުނިޔޭގެ ބާއްޖަވެރިކަންލިބޭނެއެވެ.
ނަމާދުގެ ޝަރުޠުތައް
ނަމާދުގެ ޝަރުޠުތަކަކީ
ނަމާދަށް ފަށައިގަތުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. އެއިންކަމެއް
އުނިވެއްޖެނަމަ އެމީހެއްގެ ނަމާދު ބާޠިލްވާނެވެ. ނަމާދުގެ ޝަރުޠުތައް ފަހެކެވެ.
އެއީ ވަޤުތު ވަދެއްޖެކަން އެނގުން، ކުޑަ
ޙަދަޘާއި ބޮޑު ޙަދަޘުން ޠާހިރުވެ ހުރުން، ނަމާދު ކުރާމީހާގެ ހަށިގަނޑާއި ފޭރާމާއި
ނަމާދު ކުރާތަން ޙިއްޞީ ނަޖާސަތުން ޠާހިރު ވެގެން ވުން، ޢަވްރަ ނިވާ
ކުރުން:، ޤިބުލަޔަށް ކުރިމަތިލުން މިއެވެ. މިއިންކޮންމެ
ކަމަކީވެސް އިތުރު ތަފުސީލު ބޭނުންވާ ކަމެކަމެވެ. އެހެންވީމަ މިކަންކަމުގެ
ތަފުސީލު ބަޔާންކުރަމެވެ.
1. ވަގުތު ވަދެއްޖެކަން އެނގުން:
ވަޤުތު
ވަދެއްޖެކަން އެނގުމަކީ ވަގުތު ވަދެއްޖެކަން ޔަޤީންވުން ނުވަތަ ވަގުތު
ވަދެއްޖެކަން ބޮޑަށް ހީވުމުމެވެ. މިގޮތަށް ބެލުމުގައި އިތުބާރުކުރެވޭ މީހަކުގެ
ބުނުމުން ނުވަތަ އަމާނާތްތެރި މުދިމެއްގެ ބަންގި ދިނުން ފުދެއެވެ. ނުވަތަ
އަމިއްލައަށް އިޖުތިހާދު ކުރުމެވެ. ނުވަތަ ވަގުތު ވެއްޖެކަން އެނގެން ހުރި ސަބަބު
ތަކުގެ ތެރެއިން ސަބަބަކުން ވަގުތު ވަދެއްޖެކަން އެނގުންހިމެނެއެވެ.
މިއިންސަބަބެއް ވާނަމަ ނަމާދުކުރުން ހުއްދަވެގެންވެއެވެ.
2. ކުޑަ ޙަދަޘާއި ބޮޑު ޙަދަޘުން ޠާހިރުވުން:
ނަމާދު
ކުރުމުގައި ކުޑަ ޙަދަޘާއި ބޮޑު ޙަދަޘުން ޠާހިރުވެ ހުރުމަށް މާތްﷲ ވަނީ
އަންގަވާފައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُواْ
إِذَا قُمْتُمْ إِلَى الصَّلاةِ فاغْسِلُواْ وُجُوهَكُمْ وَأَيْدِيَكُمْ إِلَى
الْمَرَافِقِ وَامْسَحُواْ بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَينِ وَإِن
كُنتُمْ جُنُبًا فَاطَّهَّرُواْ وَإِن كُنتُم مَّرْضَى أَوْ عَلَى سَفَرٍ أَوْ
جَاء أَحَدٌ مَّنكُم مِّنَ الْغَائِطِ أَوْ لاَمَسْتُمُ النِّسَاء فَلَمْ
تَجِدُواْ مَاء فَتَيَمَّمُواْ صَعِيدًا طَيِّبًا فَامْسَحُواْ بِوُجُوهِكُمْ
وَأَيْدِيكُم مِّنْهُ مَا يُرِيدُ اللّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ
وَلَكِن يُرِيدُ لِيُطَهَّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ
تَشْكُرُونَ - المائدة: 6
މާނައީ: "އޭ މުއުމިނުންނޭވެ!
ތިއަބައިމީހުން ނަމާދުކުރުމަށް ޤަސްދުކޮށްފިއްޔާއެވެ. ފަހެ ތިއަބައިމީހުންގެ
މޫނުތައް ދޮންނާށެވެ! އަދި ތިއަބައިމީހުންގެ އަތްތައް ދެ އުޅަބޮށި ކައްޓާއިއެކު
ދޮންނާށެވެ! އަދި ތިއަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ދެތަނބި
ކައްޓާއިއެކު ތިއަބައިމީހުންގެ ފައިތައް ދޮންނާށެވެ! އަދި ތިއަބައިމީހުން ޖުނުބު
ވެރިވެފައިވާނަމައެވެ. ފަހެ ތިއަބައިމީހުން ހިނައިގަންނާށެވެ!" އިބްނު އުމަރު
ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާ ވެގެންވާ ޙަދީޘްގައިވެއެވެ. ނަބިއްޔާ، ޙަދީޘްކުރެއްވިއެވެ. (لاَ يَقْبَـلُ اللهُ صَلاَةً
بِغَيْرِ طَهُوْرٍ وَلاَ صَدَقَةً مِن غُلُولٍ) بخارى ރިވާކުރެއްވިއެވެ. މާނައީ: "ޠަހާރަތާއި
ނުލައި ކުރާ ނަމާދެއް މާތް ﷲ ޤަބޫލު ނުކުރައްވާނެއެވެ. އަދި ޚިޔާނަތުންވާ
ޞަދަޤާތެއް އެކަލާނގެ ޤަބޫލެއް ނުކުރައްވާނެއެވެ."
3. ނަމާދު ކުރާމީހާގެ ހަށިގަނޑާއި ފޭރާމާއި
ނަމާދު ކުރާތަން ޙިއްޞީ ނަޖާސަތުން ޠާހިރު ވެގެން ވުން:
ނަމާދު
ކުރާމީހާގެ ހަށިގަނޑާއި ފޭރާމާއި ނަމާދު ކުރާތަން ޙިއްޞީ ނަޖާސަތުން ޠާހިރު
ވެގެންވުމަކީ ވަހުންނާއި ކުލައިން ނަޖިހެއްކަން އެނގިގެންވާ ނަޖިހުން
ސާފުވެގެންވުމެވެ. މިފަދަ ނަޖިހެއްހުރެ އެނަޖިސް ފިލުވައިލުމަށް ކުޅަދާނަވެގެންވާ
މީހާގެ މައްޗަށް އޭނާގެ ހަށިގަނޑުންނާއި ފޭރާމުންނާއި ނަމާދުކުރާ ތަނުން އެފިލުވައިލުން
ވާޖިބުވާނެއެވެ. އެފަދަ ނަޖިހެއް ހުރެ ނަމާދު ޞައްޙައެއް ނުވާނެއެވެ. އެފަދަ
ނަޖިހެއްހުރެ އެ ފިލުވައިލުމަށް ކުޅަދާނަ ވެގެން ނުވާޙާލު އެއާއި އެކުގައިވިއަސް
ނަމާދުކުރަންޖެހޭނެއެވެ. ނަމަވެސް އޭނާ އަލުން އެނަމާދު އިޢާދަ ކުރާކަށް
ނުޖެހޭނެއެވެ. އަނަސްގެފާނުގެ އަރިއަހުން ރިވާވެގެންވާ ޙަދީޘެއްގެ މާނައިގައި
ވެއެވެ. ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"ކުޑަގިލިފިން ތިއަބައިމީހުން ޠާހިރުވާށެވެ! ފަހެ ހަމަކަށަވަރުން ޢާއްމުކޮށް
ކައްވަޅުގެ ޢަޛާބު ލިބެނީ އެކަމުންނެވެ." ޢަލީބިން އަބީޠާލިބު ރަޟިޔަﷲ
ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންނާއީ
ވަރަށް ގިނައިން މަޛުޔު އަންނަ މީހަކީމެވެ. ތިމަން އެކަމާއި ބެހޭގޮތުން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަށް
ދަންނަވައިގެން އޮޅުން ފިލުއްވައިދެއްވުމަށް ބޭކަލަކަށް ދެންނެވީމެވެ. އެކަމާއި
ބެހޭގޮތުން ސީދާ ތިމަން ދެންނެވުމަށް ލަތުވެތިވީ އިތުރު އެކަލޭގެފާނުގެ
ދަރިކަނބަލުންގެ މަޤާމަށްޓަކައެވެ. ދެންފަހެ އެބޭކަލަކު އިތުރު އެކަލޭގެފާނަށް
ދެންނެވިއެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިބާގެ ލަދުވެތި ގުނަވަން ދޮވެލައްވާށެވެ!
އެއަށް ފަހުގައި ވުޟޫ ކުރައްވާށެވެ!" ބުޚާރީއާއި އެނޫން ބޭކަލުން
ރިވާކުރެއްވިއެވެ.
ނަމާދުކުރާ
މީހާގެ ފޭރާން ޠާހިރުވުން ޝަރުޠެއްކަމަށް އައިސްފައިވާ ދަލީލުތަކުގެ މައްޗަށް
ވާހަކަ ދައްކަވަމުން އަލްއިމާމުއްޝަވްކާނީ ވިދާޅުވިއެވެ. "ކުރީގައި
މިގެނެސްދެވުނީ ހަށިގަނޑާއި ފޭރާމާއި ނަމާދު ކުރާތަން ޠާހިރުވުމުގެ މައްޗަށް
ވާރިދުވެގެންވާ ދަލީލުތަކެވެ. ފަހެ ދަންނާށެވެ! އެދަލީލުތައް އެވަނީ ހަމައެކަނި
ފޭރާން ޠާހިރުވެގެން ވުން ވާޖިބު ވުމުގެ މައްޗަށް އެކަންޏެއް ނޫނެވެ. ނަޖިސް
ފޭރާމެއްގައި ނަމާދު ކޮށްފިމީހާ އޭނާ އެ ނަމާދު ކުރީ ވާޖިބެއް އަޅާފައެވެ.
އެހެންކަމުން އޭނާގެ ނަމާދަކީ ބާޠިލު ނަމާދެކެވެ. އެއީ ނަމާދު ޞައްޙަވުމުގެ
ޝަރުޠެއް އުނިވުމުން ނަމާދު ބާޠިލުވާނެތީއެވެ. އަނެއް ބައެއްބޭކަލުން
ވަޑައިގެންނެވީ އެއީސުންނަތެއް ކަމުގައެވެ. ޙައްޤުބަހަކީ އެއީވާޖިބެކެވެ. ފަހެ
އެފޭރާމެއްގައި ނަޖިހެއްވާކަން އެނގިހުރެ ނަމާދުކޮށްފި މީހާ އެވަނީ ނަމާދުގެ
ވާޖިބުތަކުން ވާޖިބެއް އަޅާފައެވެ. ނަމަވެސް އޭނާގެ ނަމާދު ޞައްޙައެވެ.
4. ޢަވްރަ ނިވާ ކުރުން:
ޢަވްރަ ނިވާ ކުރުމަށް މާތްﷲ ކީރިތި
ޤުރުއާނުގައިވަނީ އަންގަވާފައެވެ. يَا بَنِي آدَمَ خُذُواْ زِينَتَكُمْ عِندَ كُلِّ مَسْجِدٍ - الأعراف: 31 މާނައީ: "އޭ އާދަމުގެ ދަރިންނޭވެ! ނަމާދު
ކުރާ ކޮންމެ ހިނދެއްގައި ތިޔަބައިމީހުން ޒީނަތްތެރިކަން ލިބިގަންނާށެވެ!"
މިތާގައި ޒީނަތްތެރިކަމުން މުރާދު ކުރެވެނީ ޢަވްރަ ނިވާކުރުމެވެ. އަދި މަސްޖިދުގެ
މުރާދަކީ ނަމާދެވެ. އެބަހީ: ނަމާދު ކުރާ ކޮންމެ ހިނދެގައި ޢަވްރަ ނިވާކުރާށެވެ!
ސަލަމަތު ބުނިލް އަކްވަޢު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ރަސޫލުﷲ އަށް ދެންނެވީމެވެ. ހަމައެކަނި
ގަމީހެއް ލައިގެން ހުރެ ނަމާދު ކުރެވިދާނެތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
އާއެކެވެ. އެގަމީހުގެ ގޮށްތައް އަޅުވާފައިވާނަމައެވެ. (ގޮށް ނެތް ނަމަ) ކަށްޓަކުން
ވިއަސްމެއެވެ." بخارى އާއި އަދި އެހެންބޭކަލުންވެސް
ރިވާކުރައްވާފައިވާ ޙަދީޘެކެވެ.
ނަމާދުގައިވެސް އަދި ނަމާދުން ބޭރުގައިވެސް
ފިރިހެނާގެ އަޥްރައާއި އަންހެނާގެ އަޥްރަ ތަފާތެވެ. ނަމާދުކުރާހިނދު ފިރެހެނާގެ ޢަވްރައިން
ނިވާކުރުން ވާޖިބުވާ މިންވަރަކީ ކުރިމަތިފަރާތާއި ފުރަގަސް ފަރާތެވެ. އެދެތަން
ފިއަވައި ކަކުލާއި ،ފޫޅާއި، މާކަޅުވާ މަހާއިމެދުގައި ވާރިދުވެގެންވާ އަޘަރުތައް
ތަޢާރުޟުވުމާ ތަބާވެގެން އެތަންތަންތަނާއި މެދުގައި ޚިލާފުކުރެއްވިއެވެ.
ބައެއްބޭކަލުން އެތަންތައް ޢަވްރައިގެތެރޭގައި ނުހިމެނޭކަމުގައި
ވިދާޅުވިއެވެ. އަދި ބައެއް ބޭކަލުން އެތަންތަންވަނީ އަޥްރައިގެ ތެރޭގައި ކަމުގައި
ވިދާޅުވިއެވެ.
ނަމާދުގައި އަންހެނާގެ ޢަޥްރައަކީ މޫނާއި
ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ
مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ
إِلَّا مَا ظَهَرَ مِنْهَا - النور: 31 މާނައީ: "އަދި އެކަނބަލުންގެ
ޒީނަތްތެރިކަމުން ފާޅުވާމިންވަރުމެނުވީ އެކަނބަލުން ފާޅުނުކުރާހުށިކަމެވެ."
އެބަހީ: ޒީނަތްތެރިކަމުގެ ތަންތަން ދެއަތްތިލައާއި މޫނުމެނުވީ އެކަބަލުން
ފާޅުނުކުރާހުށިކަމެވެ. ابنُ عباس އާއި ابنُ عمر އާއި عائشة ގެކިބައިން
ރިވާކުރެއްވިއެވެ.عائشة ގެފާނުން ވިދާޅުވިއެވެ. ހަމަކަށަވަރުން نبيއާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ
ޙަދީޘުކުރެއްވިއެވެ. "ބުރުގާޔާއެކުގައި މެނުވީ ޙައިޟުވެރިޔާގެ (އެބަހީ:
ބާލިޣުވެފައިވާ އަންހެނާގެ) ނަމާދު ﷲ ޤަބޫލެއް ނުކުރައްވާނެއެވެ." ނަމާދުން
ބޭރުގައިވެސް ޢަވްރަ ނިވާކުރުން ވާޖިބެވެ. މިއީ އަޅުގަނޑުގެ ކައިރީގައިބޮޑަށް
ޞައްޙަ ގޮތެވެ. ތިމާ އެކަނިވާ ޙާލުގައްޔާއި އަނދިރީގެ
ތެރޭގައި ވާ ޙާލުގައިވެސް ޢަޥްރަ ނިވާކުރަންޖެހެއެވެ. އެހެނީ ﷲ ތަޢާލާ އަށް
ލަދުވެތިވުން ޙައްޤުކަން ބޮޑެވެ. ނަމާދުގައި ޢަވްރަ ނިވާކުރުން ވާޖިބުމުގެ
މައްޗަށް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ މިބަސްފުޅުންވެސް ދަލީލު
ލިބެއެވެ. لاَ يَقْبَلُ اللهُ صَلَاةَ حاَئِضٍ
إِلاَّ بِخِمَارٍ މާނައީ:
"ބާލިޣު ވެފައިވާ އަންހެނާގެ ނަމާދު ޚިމާރަކާއި ނުލައި ﷲ ޤަބޫލު
ނުކުރައްވާނެއެވެ." ކުޅަދާނަވެގެންވާ މީހާ ޢަވްރަ ނިވާކުރުން ވާޖިބުވުމުގެ
މައްޗަށް ދީނުގެ ދަންނަބޭކަލުންވަނީ އިޖްމާޢުވެފައެވެ. ޢަޥްރަ ނިވާކުރުމަށް
ކުޅަދާނަވެގެންނުވާ މީހާ ޢަޥްރަ ނިވާނުކޮށް ނަމާދުކުރުމުގައި
މައްސަލައެއްނެތްކަމުގައި ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ. ފޭރާމުން ވާޖިބުވާ
މިންވަރަކީ ޢަވްރަ ނިވާވާ މިންވަރެވެ. ފޭރަމަކީ ޢަވްރަ ނިވާވާ ފޭރާމެއް ކަމުގައި
ވިއަސް ފޭރާން ބާރުކަމުން ޢަވްރައިގެ ބައްޓަން ފާޅުވާ ވަރުގެ ބާރު ފޭރާމުގައްޔާއި
ތުނިކަމުންގޮސް ގައިގެ ހަމުގެ ދޮންކަމާއި ރަތްކަން އެނގޭ ވަރުގެ ތުނި ފޭރާމުގައި
ނަމާދު ކުރުން ހުއްދަވެގެން ނުވެއެވެ. އުމުރުން ދުވަސްވެފައިވާ ބައެއްބޭފުޅުން
ވިދާޅުވާތީ އަޑުއިވެއެވެ. ބޮލުގައި އެއްޗެއް ނާޅައި ނަމާދުކުރުމަކީ
ރަނގަޅުގޮތެއްނޫނެވެ. ނަމަވެސް މި ބުނުމަށްބާރުދޭނޭ އެއްވެސް ދަލީލެއް އަޅުގަނޑަށް
ހޯދާ ހޯދައި ފެނިފައެއްނުވެއެވެ. ނަމަވެސް ބޮލުގައި އެއްޗެއްއަޅައިގެން ނަމާދު
ކުރާއިރުގައި ޚުޝޫޢަތްތެރިކަން އިތުރުވާކަމުގައިވާނމަ ބޮލުގައި އެއްޗެއް އެޅުން
ރަނގަޅެވެ.
5-. ޤިބުލަޔަށް ކުރިމަތިލުން:
ޤިބުލަޔަށް ކުރިމަތިލުމަކީ ނަމާދުކުރާއިރު
ކޮންމެމީހަކަށްވެސް ކޮންމެހެންވެސް ކުރަން މާތްﷲ އަމުރުކުރައްވާ ކަމެކެވެ. މާތްﷲ
ވަޙީކުރައްވާފައިވެއެވެ. قَدْ نَرَى تَقَلُّبَ وَجْهِكَ فِي السَّمَاء فَلَنُوَلِّيَنَّكَ
قِبْلَةً تَرْضَاهَا فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ وَحَيْثُ مَا
كُنتُمْ فَوَلُّواْ وُجُوِهَكُمْ شَطْرَهُ - البقرة: 144މާނައީ: "ފަހެ، ޙުރުމަތްތެރިވެގެންވާ
މިސްކިތް (އެބަހީ: ކަޢުބަތުﷲ އާއި) ދިމާއަށް ކަލޭގެފާނުގެ މޫނުފުޅު އަނބުރުއްވާ
ލައްވާށެވެ! އަދި ތިޔަބައިމީހުން (މުސްލިމުން) ވީ ކޮންމެ ތާކުންމެ އެތަނާއި
ދިމާއަށް ތިޔަބައިމީހުންގެ މޫނުތައް އަނބުރާލާށެވެ!" ދެން އުފެދޭ ސުވާލަކީ
ގެފުޅުފެންނަންނެތް މީހާވެސް ހަމަ ގެފުޅާއި ދިމާލަށް ކުރިމަތިލާންޖެހޭނެބާއެވެ؟
މިސުވާލުގެ ޖަވާބުގައި ޢިލްމުވެރިން ވިދާޅުވަނީ ގެފުޅުފެންނަން ނެތްނަމަ ގެފުޅު
ހުރި މިސްރާބަށް ކުރިމަތިލުމުން ފުދޭނެކަމުގައެވެ. ގެފުޅުހުރީ އުތުރުގައިނަމަ
އުތުރަށް ކުރިމަތިލައިގެން ނަމާދު ކުރުމުން ޤިބުލައަށްކުރިމަތިލީ
ކަމުގައިވާނެއެވެ. އެހެނީ މާތްﷲ އެއްވެސްމީހަކަށް ނުއުފުލޭވަރުގެ ތަކުލީފެއް
ނުޖައްސަވާނެއެވެ. އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ޤިބުލަވާނީ
ހުޅަނގުފަރާތަށެވެ.
ޤިބްލަ ވަންހަނާވެގެންވާ މީހާ
ނަމާދުކުރާއިރުގައި ކުރިމަތިލާނީ ކޮންދިމާލަކަށްބާވައެވެ؟ މިއީ މިހާރު ހިތުގައި
އުފެދޭނެ ސުވާލެކެވެ. މީހަކަށް ޤިބުލަވަނީ ކޮންދިމާލެއްގައިކަން ނޭގޭނަމަ
އެހެންމީހުންގެ ކައިރިން އަހައި އޮޅުންފިލުވުން އެމީހާގެ މައްޗަށް
ލާޒިމްވެގެންވެއެވެ. އަހާ އޮޅުންފިލުވާނޭ މީހަކުނެތްނަމަ އެމީހަކަށް ޤިބުލަވާކަމަށް
ލަފާކުރެވޭ ދިމާލަކަށް ކުރިމަތިލައިގެން ނަމާދު ކުރާނީއެވެ. މިގޮތަށް ނަމާދު
ކޮށްނިމުނު ފަހުން އެމީހާއަށް ނަމާދު ކުރެވުނީ ޤިބުލައަށް ކުރިމަތިލައިގެން
ނޫންކަން އެނގުނުނަމަވެސް އެމީހާ އެނަމާދު އަލުން އިޢާދަ ކުރާކަށްނުޖެހޭނެއެވެ.
ނަމަވެސް އެމީހާއަށް ހުރެވުނީ ޤިބުލައަށް ކުރިމަތިލައިގެން ނޫންކަން އެނގުނީ
ނަމާދުތެރޭގައިނަމަ އެމީހާ ޤިބުލައާއި ދިމާލަށް އެނބުރުން ވާޖިބުވެގެންވެއެވެ.
މިގޮތަށް އެބުރޭ އެބުރުމަކުން ނަމާދު ބާޠިލެއްނުވާނެއެވެ. މިކަމުގެ ދަލީލަކީ
އަންނަނިވި ހާދިޘާއެވެ. މާތްﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު
ޢުމަރުގެ ކިބައިން ރިވާ ވެގެން ވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ޤުބާގައި
ފަތިސްނަމާދު ކުރެވެމުން ދަނިކޮށް ވަޑައިގެންނެވި ބޭކަލަކު ވަޑައިގެން
ނަމާދުކުރައްވަން ތިއްބެވި ބޭކަލުންނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން ނަބިއްޔާގެ
މައްޗަށް ޤުރްއާން ބާވައިލައްވައިފިއެވެ. އަދި ނަމާދުގައި އަލްކަޢުބާ އަށް
ކުރިމަތިލުމަށް އަމުރު ކުރައްވައިފިއެވެ. ފަހެ ތިޔަބޭކަލުން ކަޢުބާއަށް ކުރިމަތި
ލައްވާށެވެ! އޭރު އެބޭކަލުން ކުރިމަތިލައްވައިގެން ތިއްބެވީ ޝާމް ކަރައާއި
ދިމާއަށެވެ. އެހިނދު އެބޭކަލުން ކަޢުބަތުﷲ އާއި ދިމާއަށް
ދެކުނަށް އެނބުރި ލައްވައި ކުރިމަތި ލެއްވިއެވެ." متّفق عليه
ޤިބުލައަށް ކުރިމަތިނުލައި ނަމާދު ކުރެވިދާނެ
އެއްވެސް ޙާލަތެއްވޭބާވައެވެ؟ ޤިބުލައަށްކުރިމަތި ނުލައި ނަމާދުކުރެވޭނީ ސުއްނަތް ނަމާދު ސަވާރީއެއްގެ މަތީގައި
ކުރާމީހާއާއި،ބިރުވެރި ކަމުގެ ތެރޭގައިވާ މީހާއާއި، ބަލިމީހާއާއި،
މަޖުބޫރުކޮށްފައިވާ މީހާ ކުރާނަމާދު ގައެވެ.
ސުންނަތްނަމާދު ސަވާރީގައި ކުރުމަކީ
ހުއްދަކަމެކެވެ. ސަވާރީގައި ނަމާދު ކުރާއިރުގައި ރުކޫޢާއި ސަޖިދަކުރުމަށް އިޝާރާތް
ކޮއްލުމުން ފުދޭނެއެވެ. ރުކޫޢު ކުރާއިރަށް ވުރެ ބޮޑަށް ސަޖިދަ ކުރާއިރުގައި ތިރިވެލަންޖެހޭނެއެވެ.
ސަވާރީގައި ނަމާދުކުރާއިރުގައި ސަވާރީ އެދާދިމާއަކަށް ކުރިމަތިލައިގެން
ނަމާދުކުރުމަކީ ހުއްދަކަމެކެވެ. މިކަމަށް އަންނަނިވި ޙަދީޘުން ދަލީލު ލިބެއެވެ.
ޢާމިރު ބުނު ރަބީޢަތުގެ ކިބައިން ރިވާ ވެގެން ވިއެވެ. އެކަލޭގެފާނު
ވިދާޅުވިއެވެ. "ސަވާރީގެ މަތީގައި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އިންނަވައިގެން ނަމާދުކުރާތީ ތިމަން ދުށީމެވެ."
ބިރުވެރި ކަމުގެ ތެރޭގައިވާ މީހާއާއި،
ބަލިމީހާއާއި، މަޖުބޫރުކޮށްފައިވާ މީހާ ކުރާނަމާދު ގައި އެމީހަކަށް ކުރިމަތިލުމަށް
ކުޅަދާނަވީ ދިމާއަކަށް ކުރިމަތިލައިގެން ނަމާދު ކުރުމަކުން އެއްވެސް
މައްސަލައެއްނެތެވެ. ހަމަކަށަވަރުން
ރަސޫލުﷲ ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނު
ތިޔަބައިމީހުންނަށް ކަމަކަށް އަމުރު ކުރައްވައިފިއްޔާ ފަހެ އެކަމެއް
ތިޔަބައިމީހުންނަށް ކުޅަދާނަވީ ވަރަކަށް ގެނެސް ގަންނާށެވެ!" މާތްﷲ ވަޙީ
ކުރެއްވިއެވެ. فَإنْ خِفْتُمْ فَرِجَالاً
أَوْ رُكْبَانًا - البقرة: 239މާނައީ: "ފަހެ
ތިޔަބައިމީހުންވަނީ (ހަނގުރާމައިގެ މައިދާނުގެ) ބިރުވެރި(ނާމާން) ކަމުގެ ތެރޭގައި ކަމުގައިވިއަސް (ނަމާދު ޤާއިމް ކުޅައުމަށް ރައްކާތެރިވާށެވެ!) އެފަދަ ޙާލަތެއްގައި ވަނީނަމަ (ނަމާދު ޤާއިމް ކުރާހުށީ) ފައިމަގުގާ ހިނގަމުން (ނުވަތަ ދަމަމުން) ނެވެ. ނުވަތަ އަސްމަތީގައި ސަވާރު ވެގެންވާ
ޙާލުގައެވެ." އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ
ވިދާޅުވިއެވެ.މިއާޔަތުގައި އެއަންގަވަނީ ޤިބުލަޔަށް
ކުރިމަތި ލައިގެން ނުވަތަ ކުރިމަތި ނުލައިވެސް ނަމާދު ކުރުމަށެވެ.
ކޭތަނަމާދުކުރާނެ
ގޮތް
ކޭތަނަމާދަކީ ދެރަކުޢަތް ނަމާދެކެވެ. މިނަމާދުގެ ކޮންމެ ރަކުޢަތެއްގައި ދެކިޔެވުމާއި ދެރުކޫޢުއާއި ދެސަޖިދަވެއެވެ.
· ކޭތަނަމާދު ވެސް ކުރަން ފަށާނީ އެހެން ނަމާދުތައް ކުރާ
ފަދައިން އެންމެ ފުރަތަމަ ނިޔަތްގަނެ ޙަރަމްބަންނާނީއެވެ.
· ދެން ވައްޖަހުތު
ނުވަތަ دعاء الافتتاح ކިޔާނީއެވެ.
· އެއަށްފަހު
ސޫރަތުލްފާތިޙާ ކިޔަވާނީއެވެ.
· އެއަށްފަހު
ދެންކިޔަވާނީ ބަޤަރާ ސޫރަތެވެ. ނުވަތަ އެސޫރަތުގެ މިންވަރަށް އެހެން ސޫރަތްތަކެވެ.
· އެއަށްފަހު الله أكبر ކިޔައި ރުކޫޢަށްދާނީއެވެ. ރުކޫޢުގައި ބަޤަރާސޫރަތުގެ 100
އާޔަތުގެ މިންވަރަށްތަސްބީޙަކިޔާނީއެވެ.
· ދެން سمع الله لمن حمده ކިޔައިފައި ޤިޔާމަށް އެބުރިއަންނާނީއެވެ.
· ދެން
އަނެއްކާވެސް އަލްޙަމްދު ކިޔަވާނީއެވެ.
· އެއަށްފަހު
ކިޔަވާނީ އާލްޢިމްރާން ސޫރަތެވެ. ނުވަތަ ބަޤަރާ ސޫރަތުން 200 އާޔަތެވެ. ނުވަތަ އެމިންވަރެވެ.
· އެއަށްފަހު
ދެންދާނީ ރުކޫޢަށެވެ. ރުކޫޢުގައި ބަޤަރާސޫރަތުގެ 80 އާޔަތުގެ މިންވަރަށް
ތަސްބީޙަކިޔާނީއެވެ.
· ދެން سمع الله لمن حمده ކިޔާފައި ތެދުވެހުންނާނީ އިޢުތިދާލުގައެވެ.
· އިޢުތިދާލުގައި
ހުރުމަށްފަހު الله أكبر ކިޔައިފައި ދެންދާނީ ސަޖިދައަށެވެ. ސަޖިދަކުރާނީ
އެހެނިހެން ނަމާދުގައިވެސް ސަޖިދަކުރާ ގޮތަށެވެ.
· އެއަށްފަހު
ދެސަޖިދަ ދެމެދު އިށީދެފައި އަނެއްކާވެސް ސަޖިދަކުރާނީއެވެ. މިއީ އެއްރަކުޢަތެވެ.
· ދެން الله أكبر ކިޔައި ތެދުވާނީއެވެ. ދެވަނަ ރަކުޢަތުގައި އަލްޙަމްދު
ކިޔުމަށްފަހު ކިޔަވާނީ ނިސާސޫރަތެވެ. ނުވަތަ ބަޤަރާ ސޫރަތުގެ 150 އާޔަތުގެ
މިންވަރެވެ.
· އެއަށްފަހު
ރުކޫޢަށް ދާނީއެވެ. ރުކޫޢުގައި ތަސްބީޙަކިޔާނީ ބަޤަރާސޫރަތުގެ 70 އާޔަތުގެ
މިންވަރަށެވެ.
· ރުކޫޢުން ތެދުވެ
އަނެއްކާވެސް އެނބުރިދާނީ ޤިޔާމަށެވެ. މިފަހަރު އަލްޙަމްދު ކިޔެވުމަށްފަހު
ކިޔަވާނީ މާއިދާ ސޫރަތެވެ. ނުވަތަ ބަޤަރާ ސޫރަތުގެ 100 އާޔަތުގެ މިންވަރަށެވެ.
· ދެންދާނީ
ރުކޫޢަށެވެ. ރުކޫޢުގައި ތަސްބީޙަކިޔާނީ ބަޤަރާ ސޫރަތުގެ 50 އާޔަތުގެ މިންވަރަށެވެ.
· ދެން ތެދުވެ
އިޢުތިދާލުކޮށް ދެސަޖިދަކޮށް ފަހު އައްތަޙިއްޔާތުކިޔައި ސަލާމްދޭނީއެވެ.
ކޭތަނަމާދު ކުރާ ހިނދު ދިގުކޮށް ކުރުން
ސުންނަތް ވެގެންވެއެވެ.ނަމަވެސް އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުން
ނަމާދު ކުރުމުން ރަނގަޅު ވާނެވެ. ޢަބްދުﷲ ބުން ޢަމްރޫ ބުނުލްޢާޞުގެ އަރިހުން ރިވާ
ވެގެންވާ ޙަދީޘެއްގެ މާނާގައި ވެއެވެ. " ސަލާމައި ޞަލަވާތްލެއްވި ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އިރުކޭތައެއް ހިފުމުން މީސްތަކުންނަށް
ގޮވާލެވުނެވެ. ހަމަކަށަވަރުން ނަމާދަށް އެއްވާ ހުއްޓެވެ. ފަހެ ސަލާމައި
ޞަލަވާތްލެއްވި ކީރިތި ރަސޫލާ ދެ ރުކޫޢާއެކު ނަމާދު ކުރެއްވިއެވެ. ދެން
ތެދުވެވަޑައިގެން އަނެއްކާވެސް ދެރުކޫޢުއާއެކު ނަމާދު ކުރެއްވިއެވ. އެއަށްފަހު
އިށީނދެ ވަޑައިގެންނެވިއެވެ. އޭގެ ފަހުގައި އިރުކޭތަ ފިލައިގެން ދިޔައެވެ."
(ރަވާހުލް ބުޚާރީ)
ކޭތަ ހިފާ ވަޤުތު ހުކުރު ނަމާދުގެ ވަޤުތާ
ދިމާވެއްޖެ ނަމަ ކޭތަ ނަމާދު ކުރުކޮށް ކުރުން ހުއްޓެވެ. އަލްއިމާމުއްޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައި
ވެއެވެ. " ކޭތަ ހިފާ ވަޤުތު ހުކުރު ވަޤުތާ ދިމާވެއްޖެ ނަމަ ކޭތަނަމާދުގެ
ދެރަކުޢަތް ލުއިކޮށް ކުރާހުށިކަމެވެ. ސޫރަތުލްފާތިޙާ ކިޔެވުމަށް ފަހު
ސޫރަތުލްއިޚްލާޞް ފަދަ ކުރު ސޫރަތެއް ކިޔެވުން ހުއްޓެވެ. ކޭތަނަމާދަށް ފަހު ހުކުރު
ޚުޠުބާ ދޭ ހުއްޓެވެ. އަދި ހުކުރު ޚުޠުބާގައި ކޭތައިގެ ވާހަކަ ޒިކުރު ކުރާ
ހުށިކަމެވެ."
ކޭތަނަމާދުކޮށް އަވަދިވުމަށްފަހު
ދެޚުޠުބާކިޔުން ސުންނަތްވެގެންވެއެވެ. މިއީ ރުކުންތަކާއި ޝަރުޠުތަކުގައި ހުކުރު
ނަމާދުގެ ޚުޠުބާއާއި އެއްފަދަ ދެޚުޠުބާއެވެ. ޚުޠުބާ ކިޔާނީ ޖަމާޢަތުގައި ނަމާދުކުރާނ
ނަމައެވެ.
ކޭތަނަމާދަށްޓަކައި
ހިނައިގަތުމަކީ ސުންނަތްކަމެކެވެ. ކޭތަނަމާދުގައި ރަކުޢަތްލިބޭނީ
ކޮންމެރަކުޢަތެއްގެވެސްފުރަތަމަ ރުކޫޢުގެ ކުރިން އިމާމާޔާއި ތަބަޢަވެވުނު
ނަމައެވެ.
އިރުކޭތަ
ނުވަތަ ހަނދު ކޭތަ ހިފާ ހިނދު މާތްﷲއަށް ބިރުވެތިވާން ޖެހެއެވެ. މިކަހަލަވަޤުތުތަކުގައި މާތްﷲއަށް ބިރުވެތިވެ،
އެކަލާނގެ މަތިން ހަނދުމަ ކުރަން ޖެހެއެވެ. އަދި އިސްތިޣުފާރު ކުރުމާއި ޞަދަޤާތް
ދިނުން ވެސްއިތުރު ވެގެންވެއެވެ.
އަންހެނުން ކޭތަ ނަމާދުގެ ޖަމާޢަތަށް
ޙާޟިރުވުން.
ކޭތަނަމާދު ކުރާ ޖަމާޢަތަށް އަންހެނުން
ޙާޟިރުވުން ސުންނަތް ވެގެންވެއެވެ. ނަމަވެސް އެކަނބަލުން މިސްކިތަށް
ޙާޟިރުވުމުގައި އެކަބަލުންގެ ޒީނަތްތެރިކަން ފާޅުނުވާގޮތަށް ދިއުން ހުއްޓެވެ. އަސްމާ ބިންތު އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ
ކިބައިން ރިވާވެގެންވާ ޙަދީޘްއްގެ މާނާގައި ވެއެވެ. އިރުކޭތަ ހިފާފައިވާތަން ފެނިވަޑައިގެން
ހިނދު ތިމަންކަމަނާ ޢާއިށަތުގެފާނުގެ އަރިހަށް ވަޑައިގެންނެވީމެވެ. އެހިނދު
މީސްތަކުން ތިބީ ނަމާދު ކުރާށެވެ. އަދި އެކަމަނާ ވެސް ހުންނެވީ އެހެން މީހުންނެކޭ
އެއްފަދައިން ނަމާދު ކުރައްވާށެވެ." (ރަވާހުލްބުޚާރީ)
ނަމާދުގެ ފަރުޟުތަށް
ނަމާދަށް ފަރުޟުތަކަކާއި،
ސުންނަތްތަކެއްވެއެވެ. މިއީ ފަރުޟުތަކުގެ ތެރެއިން ކަމެއްދޫކޮށް ކުރާނަމާދު މާތްﷲ
ޤަބޫލެއްނުކުރައްވާނެއެވެ. ނަމާދުގެ ފަރުޟުތަކުގެ ޢަދަދަކީ ނުވައެކެވެ.
އެފަރުޟުތަކުގެ ތަފުޞީލު ތިރީގައި މިވަނީއެވެ.
1- ނިޔަތްގަތުން:
ނިޔަތަކީ ކޮންމެކަމެއްވެސް ޤަބޫލުކުރެއްވުމާއި
ނުކުރެއްވުން ބިނާވެފައިވާ ކަންތަކެވެ. ކޮންމެ ކަމެއްވެސްވަނީ ނިޔަތުގެ
މައްޗަށެވެ. رسول الله ގެފާނުންގެ ކިބައިން بخاريރިވާކުރެއްވި
ޙަދީޘެއްގެ މާނާގައިވެއެވެ. "ޢަމަލުތައް ވާކަންކަށަވަރީ ނިޔަތްތަކުގެ
މައްޗަށެވެ. އަދި ކޮންމެކަމެއްވަނީ އެކަމަކަށް ނިޔަތްގަތް
ގޮތަކަށެވެ. ފަހެ އެމީހެއްގެ ހިޖުރަކުރީ ދުނިޔެއަށްޓަކާ
އެދުނިޔޭގެ ފައިދާއެއް ޙާޞިލުކުރުމަށް ނުވަތަ އަންހެނަކާ ކާވަނިކުރުމަށް
ހިޖުރަކުރި މީހެއް ކަމުގައި ވާނަމަ، ފަހެ އޭނާގެ ހިޖުރަވަނީ އޭނާ
ހިޖުރަކުރިކަމަކަށެވެ." އަދި މާތްﷲ ކީރިތި ޤުރުއާނުގައިވެސް މިވާހަކަ
އަންގަވައިފައިވެއެވެ. މާތްﷲ ވަޙީ ކުރައްވަނީ (وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ
الدِّينَ) (البينة :5) މާނައީ: "ކީރިތިﷲއަށް އަޅުކަން ކުރުމަށް މެނުވީ އެބައިމީހުނަށް
އަމުރުވެވިގެން ނުވެއެވެ. އެއަޅުކަން ކީރިތިﷲ އަށް
ޚާލިޞްކުރާ ޙާލުގައެވެ."
މިހާރުގެ މިޒަމާނުގައި ނިޔަތަކީ ދުލުން ކިޔާ
އެއްޗެއްތޯ ނުވަތަ ނިޔަތަކީ ހިތުގައި އަޒުމު ކަނޑައަޅާއި ގަޞްދު ކުރުންތޯ މިއީ
ވަރަށް ބޮޑަށް ހިނގާބަހުޘެކެވެ. މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ابن القيم އެކަލޭގެފާނުގެ
ފޮތް (إِغَاثَةُ اللَّهْفَان) ގައި
ވިދާޅުވިއެވެ." ނިޔަތަކީ އެއީ ޤަޞްދުކުރުމެވެ. އަދި ކަމަކަށް ޢަޒުމުކުރުމެވެ. އަދި އެޤަޞްދުކުރާތަނަކީ އޭނާގެ ހިތެވެ. ޙަޤީޤަތުގައި އެކަމަކާއި ދުލަކާއި ގުޅުމެއްނުވެއެވެ." ނިޔަތަކީ
ދުލުން ކިޔާއެއްޗެއް ކަމުގައި ބުނާމީހަކަށް އެކަމަށް ދަލީލެއް ދެއްކިފައެއް
ނުވެއެވެ. މިއީބަޔަކުމީހުން ޝައިޠާނީ ވަސްވާހަށް ހެއްލުމަށް ދެކެވޭ ވާހަކައެކެވެ.
2- ޙަށަމްބަތް ތަކުބީރު ކިއުން:
ޙަރަމްބަތް
ތަކުބީރަކީ ނަމާދު ފަށައިގަތުމުގެ ގޮތުން الله أكْبَرُ މިފަދައިން
ކިޔުމެވެ.شافعي އާ أحمد އާއި أبوداود އާއި ابن ماجة އާއި ترمذي على ގެފާނުގެ އަރިހުން ރިވާކުރެއްވި ޙަދީޘެއްގައި
ވެއެވެ. ހަމަކަށަވަރުން ނަބިއްޔާ‘ ޙަދީޘުކުރެއްވިއެވެ. "ނަމާދުގެ
ތަޅުދަޑިއަކީ ޠަހާރަތެވެ. އޭގެ ޙަރާމުވުމަކީ ތަކުބީރުއެވެ. އަދި އޭގެ ހުއްދަވުމަކީ ސަލާމުދިނުމެވެ."
މިކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޢަމަލުފުޅުންނާއި
ބަސްފުޅުން ޘާބިތު ވާކަމެވެ.أبوحميدގެ ކިބައިން ابن ماجة ރިވާކުރެއްވި ގެޙަދީޘެއްގައިވެއެވެ. ނަބިއްޔާ
ޞައްލައްﷲ ޢަލައިހި ވަސައްލަމަ ނަމާދަށް ތެދުވެވަޑައި ގަންނަވައިފިއްޔާއި
ސީދާތެދަށް އާދެ! އިޢްތިދާލުގައި ހުންނަވައެވެ. އަދި އެކަލޭގެފާނުގެ ދެއަތްޕުޅު
އުފުއްލަވައި الله أكبر ވިދާޅުވެ ނަމާދުކުރައްވަން ފައްޓަވައެވެ.
3- ފަރުޟުނަމާދު ކޮޅަށް ހުރެގެން ކުރުން:
ކޮޅަށްހުރެ ފަރުޟުނަމާދު ކުރުމަކީ
ކުޅަދާނަވެގެންވާ ކޮންމެ މީހެއްގެ މައްޗަށް ކީރިތި ގުރުއާނުންނާއި، ސުންނަތުންނާއި،
ޢިލްމުވެރިންގެ އިޖުމާޢުން ވާޖިބުކުރާކަމެކެވެ. މިކަން އަންގަވައި މާތްﷲ ކީރިތި
ގުރުއާނުގައި ވަޙިކުރައްވަނީ (حَافِظُواْ عَلَى الصَّلَوَاتِ والصَّلاَةِ الْوُسْطَى وَقُومُواْ
لِلّهِ قَانِتِينَ) البقرة 238 މާނައީ: "ތިއަބައިމީހުން ނަމާދު ތަކަށް ރައްކާތެރިވާށެވެ!
އަދި މެދުނަމާދަށް ރައްކާތެރިވާށެވެ! އަދި ތިއަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ،
މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ!
عمرانُ بنُ حصين ކިބައިން بخاري ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންނާޔަށް ފުރަގަސްފަރާތުގެ އުދަގޫލިބިގެންވިއެވެ. ފަހެ، ތިމަންގެ ނަމާދާއި ބެހޭގޮތުން ނަބިއްޔާ
ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަށް ތިމަން ސުވާލުދެންނެވީމެވެ. ފަހެ
އިތުރުއެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ." ތިބާކޮޅަށް ހުރެގެން
ނަމާދުކުރާށެވެ. ފަހެ ތިބާޔަށް ކޮޅަށް ހުރުމަށް ކުޅަދާނަވެގެން ނުވާނަމަ އިށީނދެ
އިދެގެން ނަމާދުކުރާށެވެ. އަދި އިށީނދެއިނުމަށް ކުޅަދާނަވެގެން ނުވާނަމަ
އަރިކަށިމައްޗަށް އޮވެގެން ނަމާދުކުރާށެވެ.
ސުންނަތް ނަމާދުގައިވެސް ކުޅަދާނަވެގެންވާ
މީހާއަށް ރަނގަޅީ ކޮޅަށް ހުރެ ކުރުމެވެ. އެހެނީ ސުންނަތުން ޘާބިތުވާ ގޮތުގައި
އިށީނދެ އިނދެ ނަމާދު ކުރާމީހާއަށް ލިބޭ ޘަވާބުގެ ދެގުނަ ކޮޅަށްހުރެ ނަމާދު
ކުރާމީހާއަށް ލިބޭނެއެވެ. عَبْدُ الله بْنُ عُمَرُ رَضِيَ الله عَنْهُمَا ގެކިބައިންبُخَارِي އާއި مُسْلِم ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު (عَبْدُ الله بْنُ عُمَرُ) ވިދާޅުވިއެވެ. ތިމަންނަޔަށް ބަޔާން ކޮށް
ދެވުނެވެ. ހަމަކަށަވަރުން رسول الله ޞައްލަﷲ ޢަލައިހިވަސައްލަމަ
ޙަދީޘުކުރެއްވިއެވެ." އިށީނދެ އިދެ ނަމަދުކުރާ މީހާއަށްވަނީ ނަމާދުގެ
ދެބައިކުޅައެއްބައެވެ."
ކޮޅަށް ހުރެ ފަރުޟު ނަމާދު ކުރަން
ކުޅަދާނަވެގެން ނުވާމީހާ ނަމާދު ކުރާނީ އިށީނދެ އިނދެއެވެ. އިށީނދެ އިނދެ ކުރަން
ކުޅަދާނަވެގެންނުވާމީހާ އޮށޯވެ އޮވެގެންނެވެ. ސުންނަތް ނަމާދުވެސް ހަމައެފަދައެވެ.
ކޮޅަށް ހުރުމަށް ކުޅަދާނަ ނުވެގެން އެ ނޫންގޮތަކަށް ނަމާދު ކުރި ނަމަވެސް ހަމަ
ފުރިހަމަ ޘަވާބު ލިބޭނެއެވެ. ނަމަވެސް ކުޅަދާނަކަމާއި އެކުގައި އިށީނދެ އިނދެ
ސުންތަތް ނަމާދު ކުރުމުން ލިބޭ ދަރުމަ އުނިވާނެއެވެ. ކުޅަދާނަކަމާއި އެކުގައި
އިށީނދެ އިނދެ ނުވަތަ އޮށޯވެ އޮވެ ނަމާދު ކުރުން ހުއްދައެއް ނުވާނެއެވެ. ނަމަވެސް
ކުޅަދާނަ ނުވާނަމަ އެކަމުގައި މައްސަލައެއް ނެތެވެ.أَبُوْمُوْسَى ގެކިބައިން ރިވާވެގެންވިއެވެ. ނަބިއްޔާ‘ ޙަދީޘުކުރެއްވިއެވެ.
"އަޅާބަލިވެއްޖެއްޔާއި ނުވަތަ އޭނާބަލިން ރަނގަޅުވެ ދިޔަނަމަ އޭނާރަނގަޅަށް
ރަށުގައި ހުރިއިރު އޭނާ ޢަމަލުކޮށް އުޅޭވަރަށް އޭނާޔަށް ކީރިތިﷲ (ޘަވާބު)
ލިއުއްވަވައެވެ."
4- ފަރުޟުނަމާދާއި ސުންނަތް ނަމާދުގެ ކޮންމެ
ރަކުޢަތެއްގައި ސޫރަތުލްފާތިޙާ ކިޔެވުން:
ފަރުޟުނަމާދުތަކުގައްޔާއި،
ސުންނަތްނަމާދު ތަކުގެ ކޮންމެ ރަކުޢަތެއްގައި ސޫރަތުލް ފާތިޙާ (އަލް ޙަމްދު )
ކިޔުމަކީ މުތަވާޠިރު ޙަދީޘްތަކުން ޘާބިތުވާ ކަމެކެވެ. އެންމެ ރަކުޢަތެއްގައިވެސް
ސޫރަތުލް ފާތިޙާ ނުކިޔައި ދޫކޮށްލައިފިނަމަ އެ މީހެއްގެ އެ ނަމާދު ބާޠިލުވާނެއެވެ.
މިކަމަކީ ޢިލްމުވެރިން އެއްބަސްވެލައްވާ ކަމެކެވެ. ސޫރަތުލް ފާތިޙާ ނުކިޔާ
މީހަކަށް ނަމާދުގެ ސަވާބު ނުލިބޭނެ ކަމަށް ދަލީލުދޭ ބައެއް ޙަދީޘްފުޅުތައް ބަޔާން
ކޮށްލާނަމަވެ.
1-عُبَادَةُ بْنُ الصَّامِتِ رَضِيَ الله عَنه ގެ ކިބައިން
ރިވާވެގެންވި އެވެ. ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރެއްވިއެވެ. "ސޫރަތުލްފާތިޙާ ނުކިޔަވާމީހަކަށް
ނަމާދެއްނުވެއެވެ." ޖަމާޢާ ރިވާކުރެއްވިއެވެ.
2- أَبُوْهُرَيْرَة ގެކިބައިން ރިވާވެގެންވިއެވެ. އެކަލޭގެފާނު
ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"އުއްމުލްޤުރްއާނު ނުކިޔަވާ ނަމާދެއްކޮށްފި މީހާއެވެ. އަދި
އެއްރިވާޔަތެއްގައި: ފާތިޙަތުލްކިތާބު ނުކިޔަވައެވެ. ފަހެ އެނަމާދަކީ އުނިބާޠިލް ނަމާދެކެވެ. އެއީ ފުރިހަމަ
ނޫން ބާޠިލް ނަމާދެކެވެ. '' އަޙްމަދު އާއި އަދި ދެޝައިޚުން ރިވާކުރެއްވިއެވެ.
3- ދެން ފަރުޟުރަކުޢަތްތަކުގެ ތެރެއިން ކޮންމެ ރަކުޢަތެއްގައްޔާއި ސުންނަތް
ކޮންމެރަކުޢަތެއްގައި ސޫރަތުލްފާތިޙާ ނަބިއްޔާ‘ ވިދާޅުވުން ޘާބިތުވެގެންވިއެވެ. މިއާއި
ޚިލާފަށް އިތުރުއެކަލޭގެފާނު ސޫރަތުލް ފާތިޙާ ވިދާޅުނުވެ ނަމާދެއް ކުރެއްވިކަމެއް
ޘާބިތުވެގެނެއް ނުވެއެވެ. ހަމަކަށަވަރުން ނަބިއްޔާ‘ ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނު
ނަމާދުކުރާތީ ތިއަބައި މީހުން ދުށްފަދައިން ތިއަބައިމީހުން ނަމާދު ކުރާށެވެ!" بخارى ރިވާކުރެއްވިއެވެ.
4- أبوسعيد ގެކިބައިން
ރިވާވެގެންވި އެވެ. "فاتحة الكتاب ކިޔެވުމަށް ތިމަންމެންނަށް އަމުރުވެވުނެވެ.
އަދި އެއަށްފަހު ފަސޭހަ މިންވަރެއް ކިޔެވުމަށެވެ." أبوداود ރިވާކުރެއްވިއެވެ. حافظއާއި ابن سيد الناس ރަގަޅުޞައްޙަ ސަނަދަކުން ރިވާކުރެއްވިއެވެ.
މި
ޙަދީޘްތަކުން އެނގި ހާމަވާ ގޮތުގައި ކޮންމެހެންވެސް ސޫރަތުލް ފާތިޙާ ކިޔަވަން
އެބަޖެހެއެވެ. ނަމަވެސް ދިމާވެފައިވާ ޢުޒުރެއްގެ ސަބަބުން ސޫރަތުލް ފާތިޙާ
ދަސްކުރުމަށް ނުކުޅެދިފައިވާ މީހާ ހަދާނީ ކިހިނެއއް ބާވައެވެ؟ މިއީ އުފެދޭ
ސުވާލެކެވެ. މި ސުވާލުގެ ޖަވާބުގައިخَطَّابِى ވިދާޅުވެފައިވެއެވެ.
ސޫރަތުލްފާތިޙާ ކިޔަވައިގެން މެނުވީ ނަމާދަށް ޘަވާބު ލިބުމެއް ނުވެއެވެ. ސޫރަތުލް
ފާތިޙާ ކިޔަވަން ދަންނަ ހަމަ ކޮންމެ މީހަކުވެއސް ސޫރަތުލް ފާތިޙާ ކޮންމެ
ރަކުއަތެއްގައިވެސް ކިޔަވަން ޖެހޭނެއެވެ. ނަމަވެސް ސޫރަތުލް ފާތިޙާ ރަނގަޅަށް
ނުދަންނަ މީހާ އޭނާ ރަނގަޅަށްދަންނަ އެހެން ތަނަކުން ހަތް އާޔތް ކިޔެވުމުން
ފުދޭނެއެވެ. ކީރިތި ޤުރުއާނުން އެއްވެސް މިންވަރެއް ދަސްކުރުމަށް ނުކުޅެދިގެންވާ
މީހާއަށް ދެން އެންމެ ރަނގަޅީ ތަޙުލީލާއި، ތަޙުމީދާއި، ތަސްބީޙައިގެ ގެތެރެއިން
މާތްﷲގެ ނަބިއްޔާ މުޙައްމަދުއް ޞައްލައްﷲ ޢަލައިހި ވަސައްލަމައިގެ އުނގައްނަވައި
ދެއްވާފައިވާ ޛިކުރުތައް ކުރުމެވެ. خَطَّابِي ގެ މި ބަސްފުޅަށް رِفََاعَةُُ بنُ رَافِعގެ މި ޙަދީޘުން
ތާއީދު ލިބެއެވެ. ނަބިއްޔާ‘ ބޭކަލަކަށް ނަމާދު އުނގައްނަވައި ދެއްވިއެވެ.
އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ތިބާއަށް ޤުރްއާނުން
މިންވަރެއް ދަސްވެފައިވާނަމަ ފަހެ ޤުރްއާން ކިޔަވާށެވެ! ނޫނަމަ އެކަލާނގެއަށް ޙަމްދު ކުރާށެވެ! އެބަހީ: سُبْحَانَ الله ކިޔާށެވެ! އަދި އެކަލާނގެ މަތިވެރިކަން ބަޔާންކުރާށެވެ! އެބަހީ: الله ُأَكبر ކިޔާށެވެ! އަދި އެކަލާނގެ އަށް ތަހްލީލު ކިޔާށެވެ!އެބަހީ: لاَإِلَهَ إِلاَّ الله ، وَالله أَكْبَرُ ކިޔާށެވެ! ދެން ރުކޫޢަށް ދާށެވެ!" أَبُوْدَاوُد އާއި ترمذيރިވާކުރެއްވިއެވެ.
މިހާރުގެ
މިޒަމާނުގައި އެންމެ ބޮޑަށް ދެބަސްވާ މައުޟޫޢުތަކުގެތެރޭގައި ސޫރަތުލްފާތިޙާގެ
ކުރީގައި އަޑުހަރުކޮށް ބިސްމި ކިޔުމުގެ ވާހަކަ ހިމެނެއެވެ. އެހެންކަމުން މިކަން
އޮތްނެތްގޮތް ބަޔާން ކޮށްލާނަމެވެ. މި މައުޟޫޢުގައި ޢިލްމުވެރިންވަނީ ދެބަސްވެ
ވަޑައިގަންނަވާފައެވެ. ނަމަވެސް
ޢިލްމުވެރިން އެއްބަސްވާ ކަމެއް އޮވެއެވެ. އެއީ ބިސްމިއަކީ ސޫރަތުލް ނަމްލުގެ
އާޔަތެއްކަމެވެ. ސޫރަތުލް ފާތިޙާގެ ކުރީގައި ބިސްމި ކިޔުމާއި މެދުގައި
ޢިލްމުވެރިންގެ ރައުޔު ތިންބަޔަށް ބެހިފައިއެވެ.
ފުރަތަމަ ރައުޔު:
ބިސްމި އަކީ ސޫރަތުލްފާތިޙާގެ އާޔަތެކެވެ. އަދި
ކޮންމެސޫރަތެއްގެ ވެސް އާޔަތެކެވެ. މިރައުޔުގެ ބޭކަލުންގެ އަރިއަހުގައި
ސޫރަތުލްފާތިޙާގައި ބިސްމި ކިއުންވާޖިބެވެ. ބާރަށްކިއުމުގައްޔާއި ސިއްރުން
ކިއުމުގައި ބިސްމީގެ ޙުކުމަކީ ސޫރަތުލްފާތިޙާގެ ޙުކުމެވެ. އެބަހީ: ބާރަށް
ކިޔަވާނަމާދުގައި ބިސްމި ބާރަށްކިއުމެވެ. ސިއްރުން ކިޔަވާނަމާދުގައި
ސިއްރުންނެވެ. މިމަޛްހަބަށްވާ އެންމެ ވަރުގަދަ ދަލީލަކީ أَبُونَعِيْمُ الْمُجْمَر ގެ ޙަދީޘެވެ.
އޭނާވިދާޅުވިއެވެ. أبوهريرةގެފާނުގެ ފަހަތްޕުޅުގައި ތިމަން ނަމާދު
ކުރީމެވެ. ފަހެ އެކަލޭގެފާނު بِسْمِ اللهِ الرَّحْمنِ الرَّحِيْم ބާރަށް
ކިޔަވާވިދާޅުވިއެވެ. ދެން أم القرآن ވިދާޅުވިއެވެ."
އަދި އެކަލޭގެފާނު ނަމާދުކޮށް ނިންމަވާލައްވާފައި ވިދާޅުވިއެވެ. އެޒާތުފުޅެއްގެ
ޔަދުގުދުރަތުގައި ތިމަންގެ ފުރާނަވާ ޒާތުގަންދީ ބުނަމެވެ. ހަމަކަށަވަރުން
ތިޔަބަމީހުންކުރެ رسول ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެނަމާދާއި އެންމެ އެއްގޮތަށް ނަމާދު ކުރީ
ތިމަންނައެވެ." نَسَائِي އާއި اِبْنُ خُزَيْمَة އާއި اِبْنُ حِبَّانُ ރިވާކުރެއްވިއެވެ. ފަތުޙުލްބާރީގައި اِبْنُ حَجَرވިދާޅުވިއެވެ.
ބިސްމި ބާރަށް ކިއުމަށް ވާރިދުވެގެންވާ އެންމެ ޞައްޙަ ޙަދީޘަކީ މިއެވެ.
ދެވަނަ
ރައުޔު:
މިމަޛުހަބުގެ
ރައުޔަކީ ބިސްމިއަކީ މުސްތަގިއްލު އާޔަތެކެވެ. އެއްސޫރަތާއި އަނެއްސޫރަތް
ވަކިކުރުމަށާއި ބަރަކާތަށް ބާވައި ލެއްވިގެންވާ އާޔަތެކެވެ. މިބޭފުޅުން
ދެކިވަޑައިގަންނަވާ ގޮތުގައި ސޫރަތުލް ފާތިޙާގައި ބިސްމި ކިޔުމަކީ މުސްތަޙައްބު
ކަމެކެވެ. ނަމަވެސް ބިސްމި ބާރަށް ކިއުން ސުންނަތެއް ކަމުގައި މިބޭފުޅުން ދެކި
ވަޑައްއެއް ނުގަންނަވައެވެ. މިބޭފުޅުންގެ ދަލީލަކީ أنسގެފާނުގެ މި
ބަސްފުޅެވެ. أنسގެފާނު
ވިދާޅުވިއެވެ. " رسولﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ
ފަހަތްޕުޅުގައްޔާއި أبوبكرގެފާނާއި عمر ގެފާނާއި އަދި عثمان ގެފާނު ގެ ފަހަތްޕުޅުގައި ތިމަން ނަމާދު
ކުރީމެވެ. އެބޭކަލުން بِسْمِ اللهِ
الرَّحْمنِ الرَّحِيْم ބާރަށް ވިދާޅުވެއެއް ނޫޅުއްވައެވެ. " نَسَائِي އާއި اِبْنُ حِبَّانُ ރިވާކުރެއްވިއެވެ. އަދި صحيحين ގެ ޝަރުޠުގެ
މައްޗަށްވާ ސަނަދަކުން طَحَاوِيْ ވެސްރިވާކުރެއްވިއެވެ.
ތިންވަނަ
ރައުޔު:
މިމަޛުހަބުގެ
ރައުޔަކީ ބިސްމިއަކީ ސޫރަތުލްފާތިޙާގެ އާޔަތެއްނޫނެވެ. އަދި އެނޫންސޫރަތެއްގެ
އާޔަތެއްވެސް ނޫނެވެ. މިބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ސިއްރުން ވިއަސް
އަދި ބާރަށް ވިއަސް ފަރުޟުނަމާދުގައި ބިސްމި ކިއުމަކީ މަކުރޫހަ ކަމެކެވެ. ނަމަވެސް
ސުންނަތް ނަމާދުތަކުގައި ބިސްމި ކިޔުން ހުއްދައެވެ. މިމަޛްހަބަކީ
ގަދަމަޛުހަބެއްކަމުގައި ނުވެއެވެ.
اِبْنُ الْقَيِّم ފުރަތަމަ މަޛްހަބާއި ދެވަނަ މަޛްހަބުގެ ރައުޔު
އެއްކޮށްލެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲޢަލައިހި
ވަސައްލަމަ بِسْمِ اللهِ الرَّحْمنِ الرَّحِيْم ބާރަށް ވެސް
ވިދާޅުވެފާވާކަމުގައި ވިއެވެ. ބާރަށް ވިދާޅުވެ އުޅުއްވުމަށް ވުރެ ގިނައިން
ވިދާލުވެ އުޅުއްވަނީ ސިއްރުންނެވެ. އިތުރު އެކަލޭގެފާނު ދަތުރުގައްޔާއި ރަށުގައި
ފަސްނަމާދުގެތެރެއިން ބާރަށް ކިޔަވާ ނަމާދުތަކުގައި ބިސްމި ބާރަށް ވިދާޅު ނުވާކަމާއި
މެދުގައި އެއްވެސް ޝައްކެއްނެތެވެ. ވިދާޅުވާނަމަ އެކަން ތެދުމަގު ލިބިވަޑައިގެންވާ
ޚަލީފާވެރިންނަށް ވަންހަނާވެގެން ނުވާނެއެވެ. އަދި އަޞްޙާބު ބޭކަލުންގެ
ޖުމުހޫރުންނަށާއި މަދީނާގެ އަހުލުވެރިންނަށްވެސް ވަންހަނާވެގެން ނުވީހެވެ.
5- ރުކޫޢު ކުރުން:
ނަމާދުގައި
ރުކޫޢު ކުރަންޖެހޭނެކަމާއި މެދުގައި މުސްލިމު ޢިލްމުވެރިން
އިއްތިފާގުވެފައިވެއެވެ. ނަމާދުގައި ރުކޫޢު ކުރަންޖެހޭނެކަން އަންގަވައި މާތްﷲ
ވަޙީކުރައްވަނީ (يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا وَاعْبُدُوا
رَبَّكُمْ وَافْعَلُوا الْخَيْرَ لَعَلَّكُمْ تُفْلِحُونَ ) (سورة الحج77) މާނައީ: "އޭއީމާންވެއްޖެ
މީސްތަކުމުންނޭވެ! ތިއަބައިމީހުން ރުކޫކުރާށެވެ! އަދި ތިއަބައިމީހުން
ސަޖިދަކުރާށެވެ! އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިއަބައިމީހުން
އަޅުކަން ކުރާށެވެ! އަދި ތިޔަބައިމީހުން ހެޔޮކަންތައް ކުރާށެވެ! އެއީ
ތިއަބައިމީހުން ކާމިޔާބު ވުމަށްޓައެވެ."
ރުކޫޢުކުރުމަކީ ދެކަކުލުގައި އަތްއަޅާފައި
ބުރަކަށި ތެދުވާވަރަށް ގުދުވެލުމެވެ. ރުކޫޢުގައި ކުޑައިރުކޮޅަކު
މަޑުވެލަންޖެހޭނެއެވެ. މިވާހަކަ ނުބައިކޮށް ނަމާދުކުރި މީހާގެ ޙަދީޘުގައި ވެއެވެ.
މާތް ރަސޫލާ މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި
ބަސްފުޅުގެމާނާގައިވަނީ "ދެންރުކޫޢުގައި
މަޑުވެލެވިއްޖައުމަށް ދާނދެން ރުކޫޢު ކުރާށެވެ! " أَبُو قَتاَدَة ގެކިބައިން ރިވާވެގެން ވިއެވެ. އެކަލޭގެފާނު
ވިދާޅުވިއެވެ. رسول الله ޞައްލައްﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރެއްވިއެވެ. "މީސްތަކުންކުރެ އެންމެނުބައި މީހަކީ ނަމާދުން ވައްކަން
ކުރާމީހާއެވެ." އެބޭކަލުން ދެންނެވިއެވެ.رسول الله ގެފާނެވެ! އޭނާގެ ނަމާދުން އޭނާވައްކަން
ކުރަނީ ކިހިނެއްތޯއެވެ؟ އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ." ނަމާދުގެ
ރުކޫއާއި، އެނަމާދުގެ ސުޖޫދު އޭނާފުރިހަމަ
ނުކުރުމެވެ." ނުވަތަ އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވީ "ސަޖިދާގައްޔާއި
ރުކޫޢުގައި އޭނާގެ ބުރަކަށި ސީދާނުކުރެއެވެ."أحمد އާއި طَبَرَانِي އާއި ابنُ خزيمة ރިވާކުރެއްވިއެވެ.
ރުކޫޢުން
ތެދުވެ އިޢުތިދާލުގައި މަޑުވެލަންޖެހެއެވެ. އެހެނީ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި
ވަސައްލަމަ ނަމާދު ކުރައްވާއިރުގައި އެކަލޭގެފާނުން އިޢުތިދާލުގައި
މަޑުވެލައްވައެވެ. މާތް ނަބިއްޔާގެ ނަމާދު ސިފަކުރައްވަމުން أبوحُمَيد ވިދާޅުވަނީ
"އިތުރުއެކަލޭގެފާނުގެ އިސްތަށިފުޅު ރުކޫޢުން އުފުއްލަވައި އެކަލޭގެފާނުގެ
ބުރަކަށީގެ ކޮންމެ ހުޅެއް އޭގެމަގާމަށް އެނބުރިގޮސް ހަމަޖެހިއްޖައުމަށް ދާނދެން
އިޢުތިދާލުގައި މަޑުކޮށްލައްވައެވެ." އަދި ޢާއިޝަތުގެފާނުން މާތް ނަބިއްޔާގެ ނަމާދު
ސިފަކުރައްވަމުން ވިދާޅުވަނީ "އިތުރު އެކަލޭގެފާނު ރުކޫޢުން
ތެދުވެވަޑައިގެން ސީދާވެ ހަމަޖެހިވަޑައިގެންފުމަށްދާންދެން ސަޖިދައަށް ވަޑައެއް ނުގަންނަވައެވެ."
6- ސަޖިދަކުރުން:
ސަޖިދަ
ކުރުމަކީވެސް ކީރިތި ޤުރުއާނުން ޘާބިތުވެގެންވާ ކަމެކެވެ. މި ވާހަކަ އަންގަވައި
މާތް ﷲ ވަޙީ ކުރައްވަނީ (يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا وَاعْبُدُوا
رَبَّكُمْ وَافْعَلُوا الْخَيْرَ لَعَلَّكُمْ تُفْلِحُونَ) (سورة الحج 77) މާނައީ: "އޭއީމާންވެއްޖެ
މީސްތަކުމުންނޭވެ! ތިއަބައިމީހުން ރުކޫކުރާށެވެ! އަދި ތިއަބައިމީހުން
ސަޖިދަކުރާށެވެ! އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިއަބައިމީހުން
އަޅުކަން ކުރާށެވެ! އަދި ތިޔަބައިމީހުން ހެޔޮކަންތައް ކުރާށެވެ! އެއީ
ތިއަބައިމީހުން ކާމިޔާބު ވުމަށްޓައެވެ." ކީރިތި މާތް ރަސޫލާ ޙަދީޘް
ކުރައްވާފައިވެއެވެ. "ދެންތިބާ ސަޖިދަކުރާށެވެ! ސަޖިދާގައި ތިބާ
ހަމަޖެހިއްޖައުމަށް ދާނދެނެވެ. ދެންތިބާ ސަޖިދައިން ތެދުވާށެވެ! ސަޖިދައިން ތެދުވެ
އިށީނދެ ހަމަޖެހިއްޖައުމަށް ދާނދެނެވެ. ދެން ސަޖިދައަށް ދާށެވެ! ސަޖިދާގައި
ހަމަޖެހިއްޖައުމަށް ދާނދެނެވެ!" (މިއީ ވަރަށް ދިގު ޙަދީޘެއްގެ ތަންކޮޅެކެވެ.)
ފަރުޟު ހުރިހާ ނަމާދަކާއި ސުންނަތް ހުރިހާ ނަމާދެއްގައިވެސް ފުރަތަމަ ސަޖިދަ ކުރުމާއި
ދެސަޖިދަ ދެމެދުގައި އިނުމާއި ދެވަނަ ސަޖިދަ ކުރުމާއި، މިއިން ކޮންމެ ތަނެއްގައި
މަޑުވެލުމަކީ ފަރުޟުވެގެންވާ ކަމެކެވެ.
ރުކޫޢާއި،
އިޢުތިދާލާއި، ސަޖިދައިގައި މަޑުވެލުން ފަރުޟުކަމަކަށް ވެފައިވާއިރުގައި
މަޑުވެލަންވީ މިންވަރަކީ ކޮބައިކަން އެނގިފައި އޮތުމަކީ ކޮންމެހެންވެސް
ބޭނުންކަމެކެވެ. ރުކޫޢާއި، އިޢުތިދާލާއި، ސަޖިދައިގައި މަޑުވެލަންޖެހޭ
މިންވަރާއިމެދުގައި އިލްމުވެރިން ވިދާޅުވަނީ " ރުކޫޢުގައްޔާއި،
އިޢްތިދާލުގައްޔާއި ސަޖިދާގައްޔާއި، ދެސަޖިދަ ދެމެދުގައި މަޑުވެލުމުގެ އެންމެ
ކުޑަމިންވަރަކީ ގުނަވަންތައް އައިސް ހަމަޖެހި ތަސްބީޙަ އެއްފަހަރު ކިޔާލެވޭހާ
މިންވަރެވެ."
ސަޖިދަކުރާއިރުގައި
ވަކި ޚާއްޞަ ގުނަވަންތަކެއް ބިންމަތީގައި ޖެހެން ޖެހޭނެއެވެ. އެ ގުނަވަންތަކަކީ
ބޯ، ދެ އަތްތިލަ، ދެ ކަކޫ، ދެ ފައިތިލަ މިހަތް ގުނަވަނެވެ. މާތްﷲގެ ރަސޫލާ ޙަދީޘް
ކުރައްވަނީ "أُمِرْتُ أَنْ أَسْجُدَ سَبْعَةِ أَعْظُمٍ: عَلَى الْجَبْهَةِ – وَأشَارَبِيَدِهِ عَلَى أَنْفِهِ- وِالْيَدَيْنِ، وَالرُّكْبَتَيْنِ، وَأَطْرَافِ الْقَدَمَيْنِ" متفق عليه. މާނައީ:" ހަތްކައްޓެއްގެ މަތީގައި
ސަޖިދަކުރުމަށް ތިމަންކަލޭގެފާނަށް އަމުރުވެވުނެވެ. ނިތްކުރިއެވެ. (މިގޮތަށް
ޙަދީޘް ކުރައްވަމުން އިތުރުއެކަލޭގެފާނުގެ އަތްޕުޅުން ނޭފަތްޕުޅަށް އިޝާރަތް
ކޮށްލެއްވިއެވެ. އެބަހީ: ނޭފަތްވެސް ނިއްކުރިއާއެކު ޖައްސަންޖެހޭކަމެވެ.) އަދި
ދެއަތާއި، ދެކަކުލާއި، ދެފައިތިލައިގެ
އިގިލިތަކެވެ." متفق عليه. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ބޯ
ޖައްސަންވާނެޔޭ މި ބުނެވުނު ބަހުގެ މާނައަކީ ނިތްކުރިއާއި ނޭފަތް އެކުގައި
ޖެއްސުމެވެ. މިބޭކަލުންގެ އަރިހުގައި ނޭފަތް ނުޖައްސާނަމަ ސަޖިދަ ފުރިހަމައެއް
ނުވާނެއެވެ. އަނެއް ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ބޯ ޖައްސާއިރުގައި
ނޭފްތް ނުޖެއްސިޔަސް ސަޖިދަ ފުރިހަމަ ވާނެއެވެ. ނަމަވެސް މި ދެގޮތުން މޮޅުގެތަކީ
ނޭފަތް ޖެއްސުމެވެ.
8 : ފަހު އައްތަޙިއްޔާތަށް އިށީނުމާއި
އައްތަޙިއްޔާތު ކިއުން:
އަޅުގަނޑުމެންނަށް ސުންނަތުން އެނގި
ޔަގީންވަނީ މާތް ނަބިއްޔާ ޞައްލައްﷲޢަލައިހި ވަސައްލަމަ ނަމާދުގެ ފަހުރަކުޢަތުގެ
ފަހު ސަޖިދައިން ބޯ އުފުއްލަވައި ލައްވާފިއްޔާ އެކަލޭގެފާނު ނަމާދުގެ
ނިމުންކަމުގައިވާ ފަހުއައްތަހިއްޔާތު ކިޔުއްވަން އިންނެވިކަމެވެ. ابنُ قدامة ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
ތިމަންމެންގެ މައްޗަށް އައްތަޙިއްޔާތު ފަރުޟު ކުރެއްވުމުގެ ކުރިން ތިމަންމެން
ކިޔަވާ އުޅެމުއެވެ. اَلسَّلاَمُ عَلَى
اللهِ قَبْلَ عِبَادِهِ ، السَّلاَمُ عَلَى جِبْرِيْلَ ، السَّلاَمُ عَلَى
مِيْكَائِيْلَ. ދެންފަހެ ނަބިއްޔާ‘ ޙަދީޘްކުރެއްވި އެވެ. "السَّلاَمُ علىَ الله: ތިޔަބައިމީހުން ނުކިޔާށެވެ! އަދި އެހެނަސް
ތިޔަބައިމީހުން التَحِيَّاتُ للهِ ކިޔާށެވެ!" އައްތަޙިއްޔާތު ކިއުން
ފަރުޟުވެފައި ނުވުމަށް ފަހު ފަރުޟުކުރެއް ވުމުގެ މައްޗަށް މިބަސްފުޅުން
ދަލީލުކުރެއެވެ.
9-ސަލާމްދިނުން:
ސަލާމްދިނުމަކީ މާތް ނަބިއްޔާ މުޙައްމަދުއް
ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ ޢަމަލުފުޅުންނާއި ބަސްފުޅުތަކުން
ޘާބިތުވާކަމެކެވެ. ނަމާދު ނިމިގެންދަނީ ސަލާމްދިނުމުންކަން އަންގަވައި މާތް
ނަބިއްޔާ މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ " مِفْتَاحُ الصَّلاَةِ الطَّهُوْرُ وَتَحْرِيْمُهَا التَّكْبِيْرِ،
وَتَحْلِيْلُهَا التَّسْلِيْمُ " މާނައީ "ނަމާދުގެ ތަޅުދަނޑިއަކީ
ޠަހާރަތެވެ. އަދި އޭގެތަޙްރީމަކީ التكبيرއެވެ. އެބަހީ:
ﷲأكبر ކިޔާ
ޙަރަމްބަނުމެވެ. އަދި އޭގެތަޙްލީލަކީ التَّسْلِيْم އެވެ."
އެބަހީ: ނަމާދު ނިމިގެންދާނީ ސަލާމްދިނުމުންނެވެ. حَافِظُ ابْنُ حَجَرُ بُلُوْغِ الْمَرَامِ ގައި وَائِلُ بْنِحِجْرِ ވިދާޅުވިކަމަށް ބަޔާން ކުރައްވާފައިވެއެވެ. وَائِلُ بْنِ حِجْرِ ވިދާޅުވިއެވެ. " ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމަ އާއެކު ތިމަން ނަމާދު ކުރީމެވެ. ފަހެ އިތުރުއެކަލޭގެފާނުގެ
ކަނާތްޕުޅު ފަރާތަށް السَّلاَمُ عَلَيْكُمْ وَرَحْمَةُ الله وَبَرَكَاتُهُ ވިދާޅުވެ ސަލާމް ދެއްވައެވެ. އަދި އިތުރު
އެކަލޭގެފާނުގެ ވާތްޕުޅު ފަރާތަށް السَّلاَمُ عَلَيْكُمْ وَرَحْمَةُ الله وَبَرَكَاتُه ވިދާޅުވެ ސަލާމް ދެއްވައެވެ."
ގިނަ ޢިލްމުވެރިން ދެކިވަޑައިގަންނަވާގޮތުގައި
ފުރަތަމަ ސަލާމް ދިނުމަކީ ފަރުޟެކެވެ. ދެވަނަ ސަލާމްދިނުމަކީ ގަދަވެގެންވާ
ސުންނަތެކެވެ. ދެސަލާމްދިނުމަކީ ވާޖިބު ކަމެއްނޫނެވެ. ނަމަވެސް އެއީ މުސްތަޙައްބު
ކަމެކެވެ. އެހެންކަމުން ރަނގަޅީ ދެސަލާމްދިނުންކަމުގައި ގިނަ ޢިލްމުވެރިން
ދެކިވަޑައިގަންނަވައެވެ. ފުރަތަމަ ސަލާމްދޭނީ ކަނާތްފަރާތަށެވެ. ދެވަނަ ސަލާމްދޭނީ
ވާތް ފަރާތަށެވެ. ކޮންމެ ފަރާތަކަށް ސަލާމްދެމުންވެސް އެ ފަރާތެއްގައި ތިބޭ
ބަޔަކަށް އިމާމުމީހާގެ މޫނުފެންނަ ވަރަށް އެނބުރިލަން ޖެހޭނެއެވެ.
މި ބަޔާންވެ ދިޔަ ނުވަ ކަންތަކަކީ ނަމާދުގެ
ނުވަ ފަރުޟެވެ. މިއިންކަމެއް އަޅައިފައި ކުރާ ނަމާދު ބާޠިލްވާނެއެވެ. އެހެންކަމުން
ހުރިހާ ބޭފުޅުންވެސް ނަމާދު ކުރެއްވުމުގައި ނަމާދުގެ ފަރުޟުތަކަށް ޚާއްޞަ
ސަމާލުކަމެއް ދެއްވުމަކީ ވަރަށް މުހިއްމުކަމެކެވެ.
ނަމާދުކުރާ މީހާ ކުރިމަތީގައި ސުތުރާ ބެހެއްޓުން
ނަމާދު ކުރާ އިރު ކުރިމަތީގައި ސުތުރާއެއްގެ ގޮތުގައި
އެއްޗެއް ބެހެއްޓުމަކީ ސުންނަތް ވެގެންވާ ކަމެކެވެ.
ސުތުރާއަކީ ނަމާދު ކުރަން ހުންނަ މީހާގެ ކުރިމަތިން މީހަކު
ނުވަތަ އެއްޗެއް ހުރަސް ކުރިޔަ ނުދިނުމަށްޓަކައި ކުރިމަތީގައ ބެހެއްޓޭ ހުރަހެކެވެ.
ސުތުރާ
ބެހެއްޓުމުގެ ޙުކުމް
ނަމާދު ކުރާއިރު ކުރިމަތީގައި ހުރަހެއްގެ ގޮތުގައި
އެއްޗެއް ބެހެއްޓުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އަދި ބައެއް ޢިލްމުވެރިން
ސުތުރާ ބެހެއްޓުމަކީ ވާޖިބެއް ކަމުގައި ވިދާޅުވެފައި ވެއެވެ. رسول الله صلى الله عليه وسلم ޙަދީޡް ކުރެއްވިއެވެ. " إِذَا
صَلَّى أَحَدُكُمْ فَلْيُصَلِّ إِلَى سُتْرَةٍ َولْيَدُنْ مِنْهَا "
(رواه أبوداود وابن ماجه وصححه الألباني)
މާނައީ: " ތިޔަބައިމީހުންގެ
ތެރެއިން މީހަކު ނަމާދު ކުރާ ހިނދު، ސުތުރާއެއް ބަހައްޓައިގެން ނަމާދު ކުރާ
ހުށިކަމެވެ. އަދި އެއާ ކައިރިވާ ހުށިކަމެވެ."
އަދި ވެސް رسول الله صلى الله عليه وسلمޙަދީޡް ކުރެއްވިއެވެ. " إِذَا
صَلَّى أَحَدُكُمْ فَلْيَسْتَتِرْ لِصَلاَتِهِ وَلَوْ بِسَهْمٍ "
(رواه أحمد والحاكم وصححه)
މާނައީ: " ތިޔަބައިމީހުންގެ
ތެރެއިން މީހަކު ނަމާދު ކުރާ ހިނދު އޭނާގެ ކުރިމަތީގައި ތީރަކުން ނަމަވެސް
ސުތުރާއެއް ބަހައްޓާ ހުށި ކަމެވެ."
މާތްﷲ ރުއްސުން ލެއްވި ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ
ޢަންހުގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވއެވެ. رسول الله صلى الله عليه وسلم ޢީދު ނަމާދު ކުރައްވަން
ނިކުމެވަޑައި ގަންނަވާ ހިނދު، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ލޮންސިއެއް
ބެހެއްޓުމަށް ޚާދިމަށް އަމުރު ކުރައްވައެވެ. ދެން ޚާދިމުމީހާ ލޮންސިއެއް
ބަހައްޓައެވެ.رسول الله صلى الله عليه وسلم އެލޮންސިއާ ދިމާއަށް ނަމާދު
ކުރައްވައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދު ކުރިއެވެ.
އަދި رسول الله صلى الله عليه وسلم ދަތުރުފުޅުގައި ވެސް
އެގޮތަށް ކަންތައް ކުރައްވައެވެ.
الإمام الشوكاني رحمه الله ވިދާޅުވަނީ ނަމާދު ކުރާ
އިރު ސުތުރާއެއް ބެހެއްޓުމަކީ ވާޖިބެކެވެ. ނަމަވެސް ގިނަ ޢިލްމުވެރިން ވިދާޅު ވަނީ
ސުތުރާ ބެހެއްޓުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށެވެ. ސުތުރާ ބެހެއްޓުމަކީ
ސަލަފުންގެ ތެރެއިން ގިނަ ބަޔަކު އިސްކަން ދެއްވިކަމެކެވެ. عبد الله بن عمر رضي الله
عنهما ވިދާޅުވެފައިވެއެވެ.
" ތިޔަބައިމީހުން ނަމާދު ކުރާ ހިނދު، ސުތުރާއެއް ބަހައްޓައިގެން ނަމާދު
ކުރާށެވެ. އަދި ކުރިމަތިން ޝައިޠާނާ ދިޔަ ނުދިނުމަށްޓަކައި އެއާ
ކައިރިވާށެވެ."
ސުތުރާގެ
މިންވަރު
އިމާމުވެ ނަމާދު ކުރާ މީހާއާއި އެކަނި ހުރެ ނަމާދު ކުރާ
މީހާ ސުތުރާއެއްގެ ގޮތުގައި ކޮންމެ ވެސް އެއްޗެއް ބަހައްޓަން ޖެހެއެވެ. ނަމާދު
ކުރާ ހިނދު ކުރިމަތީގައި ތަނބެއް ނުވަތަ ފާރެއް އެއްޗެއް ހުރި ކަމުގައިވާ ނަމަ
އެސުތުރާއަކަށް ފުދޭނެއެވެ. އެހެންކަމުން ނަމާދު ކުރާ މީހާ ކުރިމަތީގައި ގޮނޑިއެއް
ކަހަލަ އެއްޗެއް ބެހެއްޓުމުން ފުދޭނެއެވެ. އަދި އިމާމުމީހާގެ ސުތުރާ އަކީ މައުމޫމުންގެ
ސުތުރާއެވެ. ޖަމާޢަތުގައި ނަމާދު ކުރާ އިރު ސުތުރާއެއް ބެހެއްޓުމަކީ އިމާމުމީހާގެ
މައްޗަށް އޮތް ކަމެކެވެ. طلحة بن عبيد الله رضي الله عنهގެ އަރިހުން ރިވާ
ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރަމެން ނަމާދު ކުރާ އިރު
ޖަނަވާރުތައް އަހަރަމެންގެ ކުރިމަތިން ހުރަސް ކުރެއެވެ. رسول الله صلى الله عليه وسلم ޙަދީޡް ކުރެއްވިއެވެ.
" ތިޔަބައިމީހުން ކުރެ
މީހަކު ނަމާދު ކުރާ އިރު ޖަމަލު މަތީގައި ބަހައްޓާފަ ހުންނަ ގޮނޑީގެ ލެގިލަން
ހުންނަ ބައިގެ މިންވަރުގެ އެއްޗެއް ބެހެއްޓުމުން އޭނާގެ ކުރިމަތިން އެއްޗެއް
ހުރަސް ކުރުމަކުން އޭނާގެ ނަމާދަކަށް އެއްވެސް އުނި ކަމެއް ނާންނާނެއެވެ." ( ރަވާހު މުސްލިމް
ވައަބޫދާއޫދު).
ނަމާދު
ކުރާ މީހާއާ ސުތުރާއާ ދެމެދު ހުންނަށް ޖެހޭ ދުރުމިން
ނަމާދު ކުރާ މީހާއާ ސުތުރާއާ ދެމެދުގައި ހުންނަށް ޖެހޭ
ދުރުމިނަކީ ސަޖިދަ ޖަހާ މިންވަރެވެ. ބިލާލުގެފާނުގެ އަރިހުން ރިވާ ވެގެންވެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. " رسول الله صلى الله عليه وسلم ފާރަކާ ދިމާއަށް
ހުންނަވައިގެން ނަމާދު ކުރެއްވިއެވެ. އެކަލޭގެފާނާއި އެފާރާ ދެމެދު ހުންނާނީ
ގާތްގަނޑަކަށް ތިން މުށެވެ." (ރަވާހުއްނަސާއީ ވައަޙްމަދު). އަދި ސަހުލު ބުން
ސަޢުދުގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.رسول الله صلى الله عليه وسلم ނަމާދު ކުރައްވާއިރު
އެކަލޭގެފާނާއި ސުތުރާއާ ދެމެދު ބަކަރިއަކަށް ދެވޭ މިންވަރުގެ ދުރުމިނެއް
ބަހައްޓަވައެވެ. (ރަވާހުލް ބުޚާރީ ވަމުސްލިމް).
އަދި އިމާމުމީހާގެ ސުތުރާ އަކީ މައުމޫމުންނަށް
ސުތުރާއަކަށް ފުދެއެވެ. ޢަބްދުﷲ ބުން ޢައްބާސުގެ އަރިހުން ރިވާ ވެގެންވެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. " އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގެ ތެރެއިން
ދުވަހެއްގައި ތިމަންކަލޭގެފާނު ހިމާރަކަށް ސަވާރުވެގެން މިނާއަށް ވަޑައިގަތީމެވެ.
އަދި އޭރު ތިމަންކަލޭގެފާނު ވަނީ ބާލިޣުވާން ކައިރިވެފައެވެ. އަދި އެވަގުތުرسول الله صلى الله عليه وسلم ހުންނެވީ
މީސްތަކުންނާއިގެން ނަމާދު ކުރައްވާށެވެ. ތިމަންކަލޭގެފާނު ހިމާރު މަތީގައި ސަފުތަކުގެ
މެދުން ހުރަސް ކުރެއްވީމެވެ. ދެން ހިމާރުން ފައިބައިވަޑައިގެން ސަފަށް
ވެއްނެވީމެވެ. އަދި އެއްވެސް މީހަކު ތިމަންކަލޭގެފާނުގެ އެޢަމަލަށް އިންކާރެއް
ނުކުރައްވައެވެ." (ރަވާހުލް ބުޚާރީ ވަމުސްލިމް). މީގެން ދޭހަ ވަނީ ދެސަފު
ދެމެދުން މީހަކު ދިޔަ ކަމުގައި ވިޔަސް، ނަމާދު ކުރާ މީހާގެ ކުރިި ކެނޑި ކަމަކަށް
ނުވާނެއެވެ.
އާދެ! ސުތުރާ ޝަރުޢު ކުރައްވާފައި ވަނީ އިމާމުމީހާ އަށާއި
އެކަނިހުރެ ނަމާދު ކުރާ މީހާ އަށެވެ. އެހެންކަމުން އިމާމުމީހާގެ ސުތުރާ އަކީ
މައުމޫމުންގެ ސުތުރާއެވެ. ޖަމާޢަތުގައި ނަމާދު ކުރާ އިރު ސުތުރާއެއް
ބެހެއްޓުމަކީ އިމާމުމީހާގެ މައްޗަށް އޮތް ކަމެކެވެ. ނަމަވެސް އެކަނި ހުރެ ނަމާދު
ކުރާ ހިނދު، ކޮންމެ މީހަކު ވެސް
ސުތުރާއެއް ބަހައްޓަން ޖެހެއެވެ.
ނަމާދު
ކުރަން ހުންނަ މީހާގެ ކުރި ކެނޑުމުގެ ނުބައިކަން
ނަމާދު ކުރަން ހުންނަ މީހާއާ ސުތުރާއާ ދެމެދުން ހުރަސް
ކުރުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޡްތަކުގައި ވަރަށް ބޮޑަން
މަނާ ކުރައްވާފައިވާ ކަމެކެވެ. ނަމާދަށް ހުންނަ މީހާގެ ކުރިކަނޑާ މީހާއަށް ހުރި
ވަޢީދުގެ ވާހަކަތައް ވަރަށް ގިނަ ޙަދީޡްތަކުގައި ބަޔާން ކުރައްވާފައި ވެއެވެ. أبي جهيم بن الحارث رضي
الله عنهގެ
އަރިހުން ރިވާ ވެގެންވެއެވެ. رسول الله صلى الله عليه وسلم ޙަދީޡް ކުރެއްވިއެވެ. " لَوْ يَعَلَمُ الْمَارُّ بَيْنَ يَدَيِ
الْمُصَلِّي مَاذَا عَلَيْهِ مِنَ الْإِثْمِ لَكَانَ أَنْ يَقِفَ أَرْبَعِيْنَ
خَيْرًا لَهُ مِنْ أَنْ يَمُرَّ بَيْنَ يَدَيْهِ " (رواه البخاري ومسلم واللفظ
للبخاري) މާނައީ: "
ނަމާދު ކުރަން ހުރި މީހާގެ ކުރިކަނޑާ މީހާއަށް، އެކަމުގެ ސަބަބުން އޭނާއަށް ހުރި
ފާފަ އެނގޭ ކަމުގައިވާ ނަމަ ސާޅީސް ވަންދެން ކޮޅަށް ހުރުން އޭނާއަށް ހެޔޮ ވެގެން
ވެއެވެ."
ބައެއް ރިވާޔަތްތަކުގައި ޙަދީޡުގެ ރާވީ ވިދާޅުވި ކަމަށް
އައިސްފައިވެއެވެ. " لاَ أَدْرِيْ أَقَالَ: أَرْبَعِيْنَ سَنَةً، أَمْ
شَهْرًا، أَمْ جُمْعَةً"
މާނައީ: " رسول الله صلى الله عليه وسلم ޙަދީޡް ކުރެއްވީ ސާޅީސް
އަހަރުކަމެއް، ނުވަތަ ސާޅީސް މަސް ކަމެއް ނުވަތަ ސާޅީސް ހުކުރު ކަމެއް ތިމަންނައަކަށް
ނޭގުނެވެ."
ނަމަވެސް البزار ރިވާ ކުރައްވާފައިވެއެވެ. " أَرْبَعِيْنَ
خَرِيْفًا "ސާޅީސް
އަހަރެވެ. އެހެންކަމުން ނަމާދު ކުރާ
މީހާގެ ކުރިކެނޑުމަކީ ނުވަތަ ކުރިމަތިން ހުރަސް ކުރުމަކީ ސާޅީސް އަހަރު ވަންދެން
ކޮޅަށް ހުރުމަށް ވުރެ ވެސް ނުބައި ކަމެކެވެ.
ނަމާދުކުރަން ހުންނަ މީހާއާއި ސުތުރާއާ ދެމެދުން މީހާކު
ހުރަސް ކުރާ ނަމަ، އެކަން މަނާކޮށް ހުއްޓުވުމަކީ ޝަރުޢުގައި ހުއްދަ ކުރައްވާފައިވާ
ކަމެކެވެ. أبو سعيد الخدري رضي الله
عنهގެ
އަރިހުން ރިވާ ވެގެންވެއެވެ. رسول الله صلى الله عليه وسلم ޙަދީޡް ކުރެއްވިއެވެ. " إِذَ
صَلَّى أَحَدُكُمْ إِلَى شَيْئٍ يَسْتُرُهُ مِنَ النَّاسِ فَأَرَادَ أَحَدٌ أَنْ
يَجْتَازَ بَيْنَ يَدَيْهِ فَلْيَدْفَعْهُ فَإِنْ أَبَى فَلْيُقَاتِلْهُ
فَإِنَّمَا هُوَ شَيْطَانٌ " (رواه البخاري ومسلم)
މާނައީ:" ތިޔަބައިމީހުން ކުރެ މީހަކު، ސުތުރާއެއް ބަހައްޓައިގެން
ނަމާދު ކުރަން ހުއްޓައި ކުރިމަތިން މީހަކު ހުރަސް ކުރަން އުޅެފިނަމަ އޭނާ
ހުއްޓުވާށެވެ. ފަހެ، އޭނާ އެކަމަށް އިންކާރުކޮށް ހުރަސް ކުރަން އުޅެފިނަމަ އޭނާއާ
ހަނގުރާމަ ކުރާށެވެ. (އެބަހީ: ގަދަކަމުން ވެސް އޭނާ ހުއްޓުވާށެވެ.) ފަހެ، ހަމަކަށަވަރުން
އެއީ ޝައިޠާން އެކެވެ."
ނަމާދު ކުރަން ހުއްޓައި މީހަކު ކުރިކަނޑަން ނުވަތަ
ކުރިމަތިން ހުރަސް ކުރަން އުޅެފިނަމަ، އެމީހަކު އެކަމުން އަތުގެ އިޝާރާތުން މަނާ
ކުރަން ޖެހެއެވެ. އަދި އެކަމުން ހުއްޓުވަން ޖެހޭނެއެވެ. އަދި އެމީހަކު އެވަރުން
ވެސް ހުރަސް ކުރަން އުޅެފިނަމަ ގަދަކަމުން ވެސް ހުއްޓުވަން ޖެހެއެވެ. އޭގެ
ސަބަބުން ނަމާދު ކުރަން ހުންނަ މީހާގެ ނަމާދަކަށް އެއްވެސް އުނިކަމެއް
ނުލިބޭނެއެވެ.
އާދެ! މިސްކިތަށް ނަމާދަށް އަރައި ކޮންމެ
މީހަކު ވެސް މިފަދަ ކަންތައްތަކާ މެދު ވިސްނާލަން ޖެހޭނެއެވެ. ޖަމާޢަތް ނިމޭފަހުން
މިސްކިތަށް އަރާ މީހުން ވެސް ނަމާދު ކުރަން ވާނީ މިކަންތައްތަކަށް
ވިސްނަވައިގެންނެވެ. އެއްވެސް މީހަކަށް އުނދަގޫ ނުވާނެ ގޮތަކަށެވެ.
އިސްލާމުދީނުގައި އެއްވެސް ކަމެއްގައި އުނދަގޫ ލިބުމެއް ވެސް އަދި އުނދަގޫ
ދިނުމެއް ވެސް ނުވެއެވެ.
No comments:
Post a Comment