ކިނބިހިއެޅުން
ކިނބިއްސެއް ފެށެނީ ނޭފަތުގެ ތެތް ފަށަލާގައި
ބީރައްޓެހި އެއްޗެއް ޖެހުންފަދަކަމެއް ދިމާވެ އެފަށަލަ ހިރުވަން ފެށުމުންނެވެ.
ހިރަފުސް ނުވަތަ ކެމިކަލެއް ނުވަތަ ޖަރާސީމެއް ނުވަތަ އަމިއްލައަށް ނޭފަތް
ހިރުވުމުގެ ސަބަބުންވެސް އެފަށަލަ ހިރުވަފާނެއެވެ. މިހެން ދިމާވުމުން ނާރުތަކުގެ ކޮޅުތައް
އެއެއްޗެއް ހަށިގަނޑުން ބޭރުކޮށްލަން ސިކުނޑީގައިވާ "ކިނބިހީގެ
މަރުކަޒަށް" މެސެޖެއް ފޮނުވާލައެވެ. ފުރަތަމަ އެތެރަށް ފުންނޭވާއެއް ލައެވެ.
މިކަމުގެ ސަބަބުން މޭގެ މަސްތައް ވާންވެއެވެ. ފުއްޕާމޭގައި ވައިގެ ޕްރެޝަރު
މަތިވެ، ދެލޯ މެރި ދޫ މަތީތަލީގައި ޖައްސާ ބާރުކޮށްލެވެއެވެ. ދެން ކުއްލިއަކަށް
ނޭފަތުން ވަރަށް ބޭރަށް ބޭރަށް ނޭވާލެވެއެވެ. އާދޭހެވެ! ކިނބިއްސެއް އެޅުނީއެވެ.
ސައުތް ކެރޮލީނާގެ ގްރީންވިލްގެ އެލާޖިކް
ޑިސީސް އެންޑް އެސްތަމާ ސެންޓަރގެ އެސްތަމާ އަދި އެލާޖީގެ ޚާއްޞަ ޑޮކްޓަރެއް
ކަމުގައިވާ ޑރ. ނެއިލް ކައޯ ވިދާޅުވާގޮތުގައި ހަށިގަނޑު ރޯގާއިން ސަލާމަތްކޮށް
ދުޅަހުޔެގޮތުގައި ދެމެހެއްޓުމަށް، ކިނބިހިއެޅުމަކީ ދިފާޢީ ނިޡާމުގެ ވަރަށް
މުހިންމު ބައެކެވެ. ކިނބިހިއެޅުމުގެ ސަބަބުން ޖަރާސީމާއި ވައިރަސްތަކުން ނޭފަތް
ރައްކާތެރިކޮށްދެއެވެ.
ވަރަށް ގިނައިން މީހުން ބުނާތީ އިވެއެވެ.
ކިނބިހިއެޅޭ ހިނދު ހިތް ހުއްޓެއެވެ. ކިނބިހިއެޅޭ ހިނދު މޭގެ މަސްތައް ވާންވުމުގެ
ސަބަބުން ލޭގެ ދައުރުވުމަށް ބަދަލުތަކެއް އާދެއެވެ. އަދި މިކަމުގެ ސަބަބުން ހިތުގެ
ވިންދަށްވެސް ބަދަލުތަކެއް އާދެއެވެ. އެމެރިކަން ކޮލްޖެ އޮފް ކާޑިއޮލޮޖީގެ ކުރީގެ
ރައީސް ޑރ. ރިޗާޑް ކޮންޓީ ދެކިވަޑައިގަންނަވާ ގޮތުގައި، ކިނބިހިއެޅޭ ހިނދު ހިތް
ހުއްޓޭކަމަށް އެބުނަނީ ކިނބިހިއެޅޭ ހިނދު ހިތުގެ ވިންދު ނުޖަހާ ވަގުތުކޮޅެއް
ވާތީއެވެ. އޭނާ ވިދާޅުވާގޮތުގައި މިފަދައިން ވިންދުނުޖަހާ ހިނދުކޮޅެއް ދިޔުމަށްފަހު
ދެންޖަހާ ވިންދު މާބާރުގަދަވެފައި، ކަރުގައާއި މޭގެ މަތީބައިގައި ކުރެވޭ އާދަޔާ
ޚިލާފު އިޙްސާސެއްގެ ގޮތުގައި، އޭގެ އުނގެންވާލެއް ބޮޑެވެ.
ސަކްސަސް ސިގްނަލްސް: އަންޑަރސްޓޭންޑިންގް
ބޮޑީ ލެންގުއެޖްގެ މުއައްލިފު، ޕެއްޓީ ވުޑް ވިދާޅުވާގޮތުގައި ކިނބިއްސެއް ގަޑިއަކު
100 މޭލް ބާރުމިނުގައި ދަތުރުކުރެއެވެ. އަދި އެންމެ ކިނބިއްސެއްގެ ސަބަބުންވެސް
100000 ޖަރާސީމު ޖައްވުގެ ތެރެއަށް ބޭރުވެގެންދެއެވެ.
މިހާތަނަށް އެންމެ ގިނަދުވަސް ވަންދެން
ކިނބިހިއެޅުނު މީހަކީ އިނގިރޭސިވިލާތުގެ ޑޮންނާ ގްރިފިތްސްއެވެ. އޭނާއަށް
ކިނބިހިއެޅެން ފެށުނީ އޭނާގެ އުމުރުން ބާރަ އަހަރުގައި، 13 ޖެނުއަރީ 1981 ވަނަ
އަހަރުއެވެ. މިގޮތަށް އޭނާ 978 ދުވަސް ހޭދަކުރިއެވެ. އެގޮތުން ބައެއްފަހަރު
އޭނާއަށް މިނެޓަކު ދެފަހަރު ކިނބިހިއެޅޭ ފަހަރަފަހަރުވެސް އައެވެ. މިކަމެއް
ފެށުނުފަހުން އޭނާއަށް ކިނބިހިނޭޅި ފުރުތަމަ ވިދުވަހަކީ 16 ސެޕްޓެމްބަރ 1983 އެވެ.
އެނގޭތޯއެވެ؟ ބުމައިން އިސްތަށި
އުފުރުމުންވެސް ބައެއް މީހުންނަށް ކިނބިހިއެޅެއެވެ. އަދި ބާރުގަދަ އައްޔަކަށް
ނުކުމެވުމުންވެސް ބައެއް މީހުންނަށް ކިނބިހިއެޅެއެވެ. މިކަމަށް ބޭނުންކުރެވޭ
ސައިންޓިފިކް ނަމަކީ އޮޓޯސޯމަލް ޑޮމިނަންޓް ކޮމްޕެލިންގް ހެލިއޯ-އޮޕަތެލްމިކް
ސިންޑްރޯމެވެ. ހަނދާން ބަހައްޓަން ފަސޭހައަކަށް ސައިންސްވެރިންނާއި ޑޮކްޓަރުން
މިކަމަށް ކުރުކޮށްލާފައި ކިޔަނީ އައްޗޫ ސިންޑްރޯމެވެ. މިއީ ވިރާޘީ ކަމެކެވެ.
ކަސްރަތުކުރުމުންވެސް ބައެއް މީހުންނަށް
ކިނބިހި އެޅިދާނެއެވެ. ޑރ. ކައޯ ވިދާޅުވާގޮތުގައި މާގަދައަށް ހަރަކާތްތެރިވުމުން
ފުންކޮށް ނޭވާލެވެއެވެ. އަދި މިކަމުގެ ސަބަބުން އަނގައާއި ނޭފަތް ހިކޭގޮތްވެއެވެ.
މިކަން ހުއްޓުވުމަށްޓަކައި ނޭފަތުން އުފައްދާ ދިޔާ މައްދާއެއްގެ ސަބަބުން ނޭފަތް
ހިރުވައި ކިނބިހިއެޅެއެވެ.
އަދިވެސް ދަންނަވަންތޯއެވެ؟ ނިދީގައި
ކިނބިއްސެއް ނޭޅޭނެއެވެ. އެހެނީ ނިދާއިރު ކިނބިހީގެ ކަންކަމާމެދު
މަސްޣޫލުކެރެވިފައިވާ ނާރުތައްވެސް އަރާމުކުރާތީއެވެ.
އެންމެ ގިނައިން ކިނބިހި އަޅާ ޖަނަވާރަކީ
ކޮބައިކަން އެނގިވަޑައިގަންނަވާތޯއެވެ؟ އެއީ އިގުއާނާއެވެ. ޕެއްޓީ ވުޑްގެ ދިރާސާ
ބުނާގޮތުގައި އިގުއާނާ އެހެން ޖަނަވާރުތަކަށްވުރެ ގިނައިން، އަދި މާއުފެއްދުންތެރި
ގޮތަކަށް ކިނބިހިއަޅައެވެ. އެއެއްޗެހި ކާތަކެތި ހަޖަމުކުރުމުގެ ތެރޭގައި އުފެދޭ
ލޮނުގެ މާއްދާތައް ކިނބިއެޅުމުން ބޭރުކުރެއެވެ.
ކިނބިހި އެޅުމާއި އަޅުގަނޑުމެން ބަފައިކަލުން އާދަމްގެފާނުގެ
ޚަލްޤުކުރެއްވުމާވެސްވަނީ ގުޅިފައެވެ. ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް
ޙަދީޘްކުރައްވާފައިވެއެވެ. "އާދަމްގެފާނަށް (މާތް ﷲ ގެ ރޫޙުފުޅުން)
ފުމެލައްވައި، އެކަލޭގެފާނަށް ފުރާނަ އެޅުއްވުނު ހިނދު އެކަލާގެފާނަށް ކިނބިއްސެއް
އެޅުނެވެ. އެކަލޭގެފާނު އެހިނދު ވިދާޅުވިއެވެ. "އަލްޙަމްދުލިއްލާހި ރައްބިލް
ޢާލަމީން." މާތް ﷲ ވަޙީކުރެއްވިއެވެ. "ޔަރުޙަމުކަ ﷲ!" (އިބްނުޙަބާން - ޤިޞަޞުލް އަންބިޔާއި، އިބްނުކަޘީރު)
ނަމަވެސް ކިނބިހި އެޅޭއިރު މާތް ﷲ އަށް
ޙަމްދުކުރާ ވަރުގެ ކަމެއް ހިނގާތޯއެވެ؟ ވިސްނާލަމާތޯއެވެ...
ކިނބިހި އެޅޭހިނދު ހަށިގަނޑުން އެތައް
ޖަރާސީމެއް އެއްފަހަރާ ބޭރުކޮށްލެވެއެވެ. އަޅުގަނޑުމެން އެތައް ބަލިމަޑުކަމަކާއި
ބަލާވެރިކަމަކުން ކިނބިހި ސަލާމަތްކޮށްދެއެވެ. ކިނބިހީގެ މުސައްބިބަށް ހަމައެކަނި
މިސަބަބަށްޓަކައިވެސް ޝުކުރު އަދާކުރުން ޙައްޤެއް ނޫންތޯއެވެ؟
އަޅުގަނޑުމެން ކިތަންމެ ގަދަފަދަ ވެގަނެގެން
އުޅުނަސް ޙަޤީޤަތުގައި އަޅުގަނޑުމެންގެ ޙަޔާތުގެ ލަގަންގެ ވެރިފަރާތަކީ
ހުސްޠާހިރުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ
އަޅުގަނޑުމެންގެ ހަށިގަނޑު ޙަރަކާތް ނުކުރެވޭނެ ފަދައިން ހައްދަވާފަނައެވެ. ކިނބިހި އެޅޭހިނދު މީހާގެ މޫނުގެ ސިފަ
ގެއްލިދެއެވެ. އެކަލާނގެ އިރާދަ ކުރައްވާނަމަ އެގޮތުގައި، އެހުތުރު ސިފައިގައި
އަޅުގަނޑުމެންގެ މޫނުތައް އަބަދަށް ލަހައްޓަވާފާނެއެވެ. ނަމަވެސް އެކަލާނގެ
ތަނަވަސް ރަޙްމަތްފުޅުން އަޅުގަނޑުމެންގެ މޫނުތައް ކުރިން ހުރި ފަދައިން
ރުޖޫޢަކޮށްދެއްވައެވެ. މިބޮޑު ނިޢުމަތަށްޓަކައި އެކަލާނގެއަށް ޝުކުރުވެރިވުމުގެ
ގޮތުން ޙަމްދުގެ ކުޑަ ޢިބާރާތްކޮޅެއް ކިޔާލުން އެކަށީގެން ނުވޭތޯއެވެ؟
ކިނބިހިއެޅޭހިނދު އަޅުގަނޑުމެންގެ ލޯތައް
އަމިއްލައަށް މެރެއެވެ. އެކަލާނގެ މިފަދައިން ވުމަށް އިރާދަނުކުރައްވައިފިނަމަ
ލޮލަށް ލިބިދާނެ ގެއްލުން އެކަލާނގެ މޮޅަށް ދެނެވޮޑިގަންނަވައެވެ. އަދި މީގެ
އިތުރުންވެސް ކިނބިހިއެޅުމުން ނޭވާލުމުގެ ނިޒާމަށް އަރާމު އިޙްސާސް ކުރެވި
ނޭވާލުމަށް ފަސޭހަވެގެންދެއެވެ. އަލްޙަމްދުލިއްލާހި
No comments:
Post a Comment