Friday, June 17, 2016

ކީރިތި ޤުރްއާން ޖަމާކުރެއްވުން

ކީރިތި ޤުރްއާން ޖަމާކުރެއްވުން

رسول الله صلّى الله عليه وسلّمސުވަރުގެ ވަޑައިގަތުމުގެ ކުރީން އިތުރުސާހިބާގެ ބެއްލެވުމުގެ ދަށުން ކީރިތި ޤުރްއާން ވަނީ ލިޔެވިފައެވެ. އާޔަތްތަކާއި ސޫރަތް ފުރިހަމައަށް ތަރުތީބު ކުރެވިފައެވެ. އިތުރު ޞަޙާބީންގެ އެތަކެއް ސަތޭކަ ބޭކަލުންވަނީ އެތަރުތީބުން ކީރިތި ޤުރްއާން ދަސްފުޅު ކުރައްވައިފައެވެ. އިންޞާފުވެރި އޮރިއެންޓަލިސްޓަކު ލިޔެފައިވާ ފަދައިން ކީރިތި ޤުރްއާނުގެ ޞައްޙަކަން ޑަބަލްޗެކް ކުރެވޭގޮތްވަނީ އިންތިޒާމް ކުރެވިފައެވެ. ނަމަވެސް އެއްފޮތެއްގެ ސިފައިގައި އެއްކުރެވި ބޭރުގަނޑު ލެވިފައެއް ނުވެއެވެ.
މުރުތައްދުވީ މީހުންނާއި ނަބީކަމަށް ދަޢުވާކުރި މީހުންނާ ދެކޮޅަށް ކުރެވުނު ހަނގުރާމަތަކުގައި، ކީރިތި ޤުރްއާން ހިތްޕުޅުން ދަސްކުރައްވާފައިވާ ވަރަށްގިނަ ޢަދަދެއްގެ ބޭކަލުން ޝަހީދުވިއެވެ. އެހެން ކަމުން عمر رضى الله عنهއަށް ކީރިތި ޤުރްއާން އެއްފޮތަކަށް ޖަމާކުރުމުގެ ބޭނުންތެރިކަން އިޙްސާސްވެ ވަޑައިގެންނެވިއެވެ. މުސްލިމުންގެ ފުތޫޙާތު ކުރިއަށް ދާއިރު ކީރިތި ޤުރްއާން ހިތްޕުޅުން ދަސްކުރައްވާފައިވާ ބޭކަލުންތައް ޝަހީދުވަމުން ދާނެތީއެވެ.
مسيلمة الكذّابއާ ދެކޮޅަށް ކުރެވުނު ހަނގުރާމައަށްފަހު عمر رضى الله عنهއެކަމާބެހޭގޮތުންأبوبكررضى الله عنهއާ ވާހަކަ ދެއްކެވިއެވެ. أبو بكرގެފާނު ކުރީކޮޅުގައި އެކަމާ ކުރެއްވީ އިންކާރެވެ. އިތުރު ސާހިބާ ކީރިތި ޤުރްއާން އެއްފޮތަކަށް ހައްދަވާފައި ނުވާތީއެވެ. ނަމަވެސް عمرގެފާނު ތަކުރާރު ކުރައްވައި އެވާހަކަފުޅު ދައްކަވާން ފެއްޓެވުމުން أبو بكر رضي الله عنهއަށްވެސް އެވާހަކަފުޅު ޤަބޫލުކުރެއްވޭގޮތްވިއެވެ.
أبوبكررضى الله عنه ކީރިތި ރަސޫލާގެ ކާތިބުންކުރެ ވަޙީ ލިޔުއްވި ބޭކަލެއްކަމުގައިވާ زيد بن ثابت رضيى الله عنه އަށް ކީރިތި ޤުރްއާން އެއްފޮތަކަށް ލިޔުއްވާން ޢަމުރު ކުރެއްވިއެވެ. ދައުލަތުގެ ފަރާތުން އެމަސައްކަތްޕުޅު ބެލެހެއްޓެވުން عمر بن الخطّاب رضيى الله عنهއާ ޙަވާލު ކުރެއްވިއެވެ.
زيد بن ثابت رضيى الله عنهއަށް އެމަސައްކަތްޕުޅު ކުރެއްވުމުގައި އިތުރު ސާހިބާގެ ޙާޟިރުގައި ލިޔެވުނުކަން ދެހެކީންގެ ހެކިބަހުން ސާބިތުވާ ލިޔުއްވުންތަކާއި އިތުރުސާހިބާގެ އަރިހުން ކީރިތި ޤުރްއާން ދަސްފުޅު ކުރައްވާފައިވާ ބޭކަލުންގެ ހަނދުމަފުޅާ މިދެވަސީލަތް ފުރިހަމައަށް ބޭނުންފުޅު ހިއްޕެވުމަބް أبو بكر ގެފާނު އަމުރުފުޅު ކުރެއްވިއެވެ.
ކީރިތި ޤުރްއާން ލިޔެވިފައިވާ ތަކެތި ޞަޙާބީން ގެންނެވުމުން عمر رضى الله عنهއާއި زيد بن ثابت رضيى الله عنهއެތަކެތި ބައްލަވަނީ އަލްމަސްޖިދުއްނަބަވީގެ ދޮރުކޮޅުމަތީގައި ތިއްބަވައިގެންނެވެ.
عمر رضى الله عنهގެ ބެއްލެވުމުގެ ދަށުން މިމަސައްކަތް ޢަމަލީގޮތުން ކުރެއްވުމުގެ އިސް ބޭކަލަކަށް ހުންނެވީ زيد بن ثابتކަމަށްވާތީ، މިކަން އެކަލޭގެފާނަށް ނިސްބަތްވާ ގޮތަށް ބައެއް ރިވާޔަތްތަކުގައި ހުރި ނަމަވެސް މިކަމުގައި އަޞްޙާބު ބޭކަލުންކުރެ އެހެން ބައެއް ބޭކަލުންވެސް ބައިވެރިވެ ވަޑައި ގެންނެވިކަން މުޢުތަބަރު އެތައް ރިވާޔަތްތަކަކުން ސާބިތުވެއެވެ. އެހެން ކަމުން أبو بكر رضي الله عنهގެ ޚިލާފަތުގައި ކީރިތި ޤުރްއާން ޖަމާކުރެއްވީ ތަވާތުރުގެ ހުރިހައި ޝަރުޠުތަކެއް ފުރިހަމަވާ ގޮތަށެވެ. ކީރިތި ޤުރްއާނުގެ ޞައްޙަކަމާމެދު ކުޑަވެސް ޝައްކެއް ނޯންނަ ގޮތަށެވެ.
أمير المؤمنين أبوبكر رضيى الله عنهގެ މިމަސައްކަތްޕުޅަކީވެސް އުންމަތަށް އެތައް ގިނަގުނަ ލާބަތަކަކާއި މަންފާތަކެއް ލިބެމުންދާ މަސައްކަތްޕުޅެކެވެ.

No comments:

Post a Comment