Wednesday, June 15, 2016

އިސްލާމް ދީނުގައި މުސްލިމު އަންހެނުންގެ ހެދުން


އިސްލާމް ދީނުގައި މުސްލިމު އަންހެނުންގެ ހެދުން

މާތްﷲ އެންގެވި ގޮތަށް ހެދުންނާޅާ އަންހެނުންނަކީ ސުވަރުގެ ވަނުމުގެ ނަސީބު ނުލިބުނުތާގައި ސުވަރުގޭގެ މީރުވަސް ދުވާ ހިސާބަށްވެސް ސުވަރުގެއާއި ކައިރި ނުވެވޭނެ ބައެކެވެ.
ޢައުރަ ނިވާކުރުމަކީ ކޮންމެ މުސްލިމު އަންހެނަކާއި ކޮންމެ މުސްލިމު ފިރިހެނަކަށް މާތްﷲ ފަރުޟު ކުރައްވާފައިވާ ކަމެކެވެ. އިސްލާމްދީނުގައި ފިރިހެނާގެ ޢައުރައަކީ ފޫޅާއި ކަކުލާއި ދެމެދެވެ. މިނިވަން އަންހެނާގެ ޢައުރައަކީ ނަމާދުގައިނަމަ މޫނާއި ދެއަތްތިލަ ނޫންހައި ތަނެކެވެ. ނަމާދުންބޭރުގައި ނަމަ އަދި ހިލޭ ފިރިހެނުންގެ ގާތުގައިނަމަ މުޅި ހަށިގަނޑެވެ. އަންހެނާގެ އެއްވެސް ތަނެއް ގަސްދުގައި ހިލޭ ފިރިހެނަކަށް ދެއްކުމަކީ ޙަރާމް ކަމެކެވެ. މުއުމިނު އަންހެނާ އެކަނބުލޭގެ މުޅި ހަށިގަނޑު ނިވާކުރުމަށް އަންގަވާ މާތްﷲ ވަޙީކުރެއްވި ބަސްފުޅުތަކުގެ ތެރޭގައި މިދަންނަވާ އާޔަތް ހިމެނެއެވެ.
 يا أيها النبي قل لأزواجِك وبناتك ونساء المؤمنين يُدْنَيْنَ عَليْهِنَّ مِنْجلابيبهِّن ذلك أدنى أنْ يُعْرَفْنَ فلا يُؤْذَينَ وكان الله غفوراً رحيماً    (ސޫރަތުލް އަޙުޒާބު، އާޔަތް-59)
މިއާޔަތުގެ މާނައަކީ " އޭ ނަބީކަލޭގެފާނެވެ. (މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިޙި ވަސައްލަމް އެވެ.) ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދަރިދަރި ކަނބަލުންނާއި މުއުމިނު އަންހެނުން އެކަނބަލުންގެ ޖިލްބާބު ތައްލައި އެކަނބަލުންގެ ހަށިގަނޑު ނިވާކުރުމަށް އެކަނބަލުންނަށް ކަލޭފާނުވިދާޅުވާށެވެ. އެކަނބަލުންނަށް އެނގިގެންވުމަށާއި އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް ގާތްކަންބޮޑެވެ. ﷲއީ ގިނަގިނައިން ފާފަފުއްފުއްސަވާ ރަޙީމްވަންތަ އިލާހެވެ."
މިއާޔަތުގައިމިވާ ޖަލާބީބު އަކީ ޖިލްބާބުގެ ޖަމްޢުއެވެ. ޖިލްބާބަކީ މުޅި ހަށިގަނޑު ބޮލާއިއެކު ނިވާކުރެވޭ ގޮތަށް ދޫކޮށް ހުންނަ ހެދުމެކެވެ. އެއީ ޝަރުޢީ ޙިޖާބެވެ. އެހެންކަމުން މާތްﷲ އަމުރުކުރައްވާފައި މިވަނީ އެކަނބަލުންގެ މުޅި ހަށިގަނޑު އެކީއެކަން ނިވާ ކުރުމަށެވެ. އެއީ ނަމާދުން ބޭރުގައި ހިލޭ ފިރހެނުންގެ ގާތުގައި ނަމައެވެ.މޫނުނިވާކުރުމާމެދު ދަންނަބޭކަލުންގެ މެދުގައި އިޚްތިލާފު އުފެދިފައި ވިޔަސް އެ މައްސަލައިގައި ބުރަވެފައިވަނީ މޫނުވެސް ނިވާކުރުމަށެވެ. އިސްވެދެންނެވުނު އާޔަތް ނިންމެވުމުގައި މާތްﷲއީ ގިނަގިނައިން ފާފަފުއްސަވާ އިލާހުކަން އެންގެވުމުގެ ޙިކްމަތަކީ އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންވެ އެއިލާހު މަނާކުރެއްވި ކަންތައް ދޫކޮށްލައި އެއިލާހުގެ ކިބައަށް ރުޖޫޢަވެ ތައުބާވާ މީހުންނަށް އެއިލާހު ފާފަފުއްސަވާ ދެއްވާނެކަން އެންގެވުމެވެ. އެހެންކަމުން އެނގެނީ ރަނގަޅުގޮތް އެނގުމަށްފަހު ނުބައިގޮތް ދޫކޮށްލައި މާތްﷲގެ މަގަށް އެނބުރި އައުމުން އިސްވެދިޔަ ފާފަފުއްސަވައި ދެއްވާނެކަމެވެ. މީގެ މާނައަކީ ފަހުން ތަޢުބާވުމަށް، އެނގިތިބި ޙާލުގައި ފާފތަކަށް އަރައިގަތުމެއްނޫނެވެ.

އަންހެނުން ހެދުން އެޅުމުގައި ޝަރުއީ ގޮތަށް ވާޖިބު ކަންކަމީ:
1.     މުޅި ހަށިގަނޑު ނިވާކުރުން.
2.  އެތެރެ ނުފެންނަ ފޮތިން ހެދުންލުން.
3.  އޭގެ ޒާތުގައި ހެދުމަކީ ޒީނަތެއްކަމުގައި ނުވުން.
4.  ހަށިގަނޑުގެ ގުނަވަންތައް ފާލުނުވާގޮތަށް ދޫކޮށް ހެދުން ހުރުން.
5.  ފިރިހެނުންނަށް ޚާއްސަ ހެދުމެއްކަމުގައި ނުވުން.
6.  ހެދުމުގައި އަތަރުފަދަ މީރުވަސް ދުވާއެއްޗެއް އުނގުޅާފައިނުވުން. މިއީހިލޭ ފިރިހެނުންގެ ގާތުގައިނަމަ އަންހެނުންގެ ހެދުން ހުރުންވާޖިބު ގޮތެވެ. އަދި އޭގެ އިތުރުން އެހެންދީނެއްގައި ޚާއްސަ ކުރެވިފައިވާ ހެދުމެއްކަމުގައި ނުވުން ޝަރުޠުވެގެންވެއެވެ.

އިސްވެދެންނެވުނު ސޫރަތުލް އަޙުޒާބުގެ 59 ވަނަ އާޔަތުން އިރުޝާދު ލިބޭ ކަންތައްތައް:
1.     ޙިޖާބަކީ އެންމެހައި މުއުމިނު އަންހެނުންނަށް ކަނޑައެޅިގެން އޮތް ޝަރުޢީ ވާޖިބެއްކަން ހާމަވުން.
2.  ރަސޫލުﷲ ސައްލަﷲ އަލައިޙި ވަސައްލަމްގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނަކީ އެންމެހައި މުޢުމިނު އަންހެނުންނަށް ވާ ނުހަނު ރިވެތި ނަމޫނާއެއްކަން ހާމަވުން.
3.  ޝަރުއީ ޖިލްބާބު އަކީ އަންހެނާގެ ޒީނަތްތެރިކަމާއި ހެދުމުގެ ޒީނަތްތެރިކަން ފޮރުވޭ ގޮތަށް މުޅިހަށިގަނޑު ނިވާ ވާގޮތަށް ހުންނަ ހެދުމެއްކަން ހާމަވުން.
4.  ޙިޖާބު ފަރުޟުކުރެއްވުމަކީ މުޢުމިނު އަންހެނާއަށްލެއްވި ދަތިކަމެއްނޫންކަމާއި އެއަންހެނަކަށް ލެއްވި ރަޙުމަތެއް ކަމާއި ބާއްޖަވެރި ކަމެއްކަން ހާމަވުން.
5.  ޙިޖާބަކީ އެކަނބުލޭގެ އަށާއި މުޖުތަމަޢުއަށް ލެއްވި ރައްކާތެރިކަމެއްކަމާއި ފިތުނަފަސާދައާއި ފާޙިޝް ކަންތައްތަކަށް އެޅޭހުރަހެއްކަން.
6.  މާތްﷲ ފަރުޟު ކުރައްވާފައިވާ އިޖުތިމާއީ އަދަބުތަކުން ގަހަނާއެޅުން ވާޖިބުކަން ހާމަވުން.
7.   މާތްﷲއީ އެއިލާހަށް ތައުބާވާ އަޅަކަށް ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ އިލާހުކަން އެންގެވުން.
وقل للمؤمنات يغضضن من أبصارهن، ويحفظن فروجهن، ولا يبدين زينتهن إلا ما ظهر منها، وليضربن بخُمُرهن على جيوبهن، ولا يبدين زينتهن إلا لبعولتهن أو آبائهن وآباء بعولتهن أو أبنائهن أو أبناء بعولتهن أو إخوانهن أو بني إخوانهن أو بني أخواتهن أو نسائهن أو ما ملكت أيمانهن أو التابعين غير أولي الإربة من الرجال أو الطفل الذين لم يظهروا على عورات النساء، ولا يضربن بأرجلهن ليُعلم ما يخفين من زينتهن، وتوبوا إلى الله جميعاً أيها المؤمنون لعلكم تفلحون (ސޫރަތުއް ނޫރު ? އާޔަތް 31)
މާނައީ:- "އަދި ކަލޭގެފާނު މުއުމިން އަންހެނުންތަކުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި އަދި އެކަނބަލުންގެ ފަރުޖުތަކަށް ރައްކާތެރިވުމަށާއި އަދި އެކަނބަލުންގެ ޒީނަތުން ފާޅުވެއްޖެ އެއްޗެއްމެނުވީ ފާޅުނުކުރުމަށާއި އަދި އެކަނބަލުންގެ (މުޅި) ހަށިގަނޑު ނިވާކުރުމަށާއި އަދި އެކަނބަލުންގެ ފިރިންނަށާއި ނުވަތަ އެކަނބަލުންގެ ބަފައިންނަށާއި ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށާއި ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށާއި ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށާއި ނުވަތަ އެކަނބަލުންގެ އަޚުންނަށާއި ނުވަތަ އެކަނބަލުންގެ އަޚުންގެ
ފިރިހެން ދަރިންނަށާއި ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެންދަރިންނަށާއި ނުވަތަ އެކަނބަލުންގެ ތެރެއިންވާ (މުސްލިމު) އަންހެނުންނަށާއި ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ (އަންހެން) އަޅުންނަށާއި ނުވަތަ ފިރިހެން ޚާދިމުންކުރެ ޝަހުވަތްތެރިކަން ކެނޑިފައިވާ މީހުންނަށާއި ނުވަތަ ފިރިހެން ކުދިންކުރެ އަންހެނުންގެ އައުރަ ނޭގޭހައި ކުޑަކުދިންނަށް މެނުވީ އެކަނބަލުންގެ ޒީނަތް ފާޅުނުކުރުމަށް، ކަލޭގެފާނު އެކަނބަލުންނަށް އަމުރުކުރައްވާށެވެ. އަދި އެކަނބަލުންގެ ޒީނަތުން ފޮރުވިފައިވާ ތަކެތި ފާޅުވެދާނެތީ އެކަނބަލުން (ހިގާބިގާ އުޅުމުގައި) އެކަނބަލުންގެ ފައިތިލަތައް (ބިމުގައި) ނުތަޅާހުށިކަމެވެ. އަދި ތިޔަހުރިހާ މުޢުމިނުން ﷲއަށް ތަޢުބާވާށެވެ. އެއީ ތިޔަބައިމީހުން ދިންނަވާ ނަސީބުލިބިގަތުމަށްޓަކައެވެ."
     މިއާޔަތުގައިވާގޮތުގައި މުޢުމިނު އަންހެނުންގެ އެއްވެސް ބާވަތެއްގެ ޒީނަތްތެރިކަމެއް ހިލޭފިރިހެނުންގެ ކުރިމަތީގައި ފާޅެއްނުކުރެވޭނެއެވެ. ހިލޭފިރިހެނުންގެ ކުރިމަތީގައި އެކަނބަލުންގެ އެއްވެސް ޒީނަތްތެރިކަމެއް ފާޅުކުރުމަކީ ޙަރާމްކަމެކެވެ. މިއާޔަތުގައި ވާގޮތުން އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުކުރުން ހުއްދަމީހުންނަކީ އެކަނބަލުންގެ ފިރިންނަށާއި،އެކަނބަލުންގެ ބަފައިންނަށާއި، އެކަނބަލުންގެ ފިރިހެންދަރިންނަށާއި،އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށާއި، އެކަނބަލުންގެ އަޚުންނާޢި، އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރީންނާއި، އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރީންނާއި، އެކަނބަލުންގެ ތެރެއިން ގާތްތިމާގެ އަންހެނުންނާއި ގާތްތިމާގެ ނޫންއަންހެނުންނާއި، އެކަނބަލުންނަށް މިލްކުވެގެންވާ (އަންހެން) އަޅުންނާއި، ފިރިހެން ޚާދިމުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާ ވަރުގެ (މުސްކުޅި) ޝަހުވަތްތެރިކަންކެނޑިފައިވާ މީހުންނާއި އަދި އަންހެނުންގެ ޢައުރައާއިމެދު ޚިޔާލުނުކުރާވަރުގެ ކުޑަކުދީންނެވެ. މިބަޔާންވެވުނު މީހުންފިޔަވައި އެހެންމީހުންނަށް، އަންހެނުން އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުކުރުމަކީ ޙަރާމްކަމެކެވެ. އެކަނބަލުންގެ ގަހަނާއާއި ޒީނަތުގެތެރެއިން ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި ފައިތިލަތަކުން އެކަނބަލުން ތަޅާހެދުންވެސް ހަމަ އެއާޔަތުން ޙަރާމްކުރެއްވިއެވެ. ވީއިރު ނިވާނުވާހެދުން އަޅައިގެން ހިލޭފިރިހެނުންނާއިއެކު ނުވަތަ ހިލޭފިރިހެނުންގެކުރިމަތީގައި ދުވެ، ފުމެ، ލަވަކިޔާ، ނަށާ، ކުޅިވަރުކުޅެހަދާ އަންހެނުންގެ ޙާލާމެދު ހިތާމަ ހުއްޓެވެ. އަދި ހަމަ އެފަދައިން މިފަދަ ބޮޑެތި ޙަރާމް ކަންތައްތައް ކުރުމަށް ހިތްވަރުދީ އަދި އެކަންކަމުގައި ބައިވެރިވާ މީހުންނާއިމެދުވެސް ހިތާމަހުއްޓެވެ. އިސްވެދެންނެވުނު އާޔަތް ނިންމާފައިވަނީ މުޢުމިނުން އެންމެން މާތްﷲއަށް ތައުބާވުމަށް އަމުރު ކުރައްވަމުންނެވެ.
މާތް ﷲ އެންގެވި ގޮތަށް ނިވާ ނުވެ އުޅޭ އަންހެނުންނަށް ހުރި ޢަޒާބާއި ހަލާކު އަންގަވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގައިވެއެވެ.
އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވާފައިވެއެވެ: ( صِِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا، رِجَالٌ بِأَيْدِيْهِمْ سِيَاطٌ كَأَذْناَبِ الْبَقَرِ يَضْرِبُوْنَ بِهَا النَّاسَ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مَائِلاَتٌ مُمِيْلاَتٌ رُؤُوْسُهُنَّ كَأَسْنِمَةِ الْبُخْتِ المْاَئِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيْحَهَا )- رواه مسلم - [ނަރަކައިގެ އަހުލުވެރިންގެތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަންކަލޭގެފާނު އެދެބައިމީހުން ދެކެވަޑައިނުގަންނަވަމެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީހުންގައިގައި ނުޙައްޤުން ތަޅާ އަދަބުދޭ ބަޔަކާއި، ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންގެ ބައެކެވެ. އެކަނބަލުންނަކީ ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާވެ ލެނބިފައިތިބޭ އަދި އެހެން މީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލުގެ ގޮންގަނޑު ހެންނެވެ. އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުގަނެވޭނެއެވެ. އެތާނގެ ވަސް އެވެނި މިވެނި މޭލުކޮޅަށް ފޯރައެވެ.] މިޙަދީޘް ރިވާކުރެއްވީ އަލްއިމާމު މުސްލިމެވެ. މިޙަދީޘްގެ މި ޖުމުލަ [އެކަނބަލުންނަކީ ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާވެ ލެނބިފައިތިބޭ، އަދި އެހެން މީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. [ އެހެން މާނައަކުން ވެސް ވާރިދުވެފައިވެއެވެ. އެއީ : [އެކަނބަލުންނަކީ ހަށިގަނޑަށް ބަނޑި ބަނޑިލައްވައި އެކަނބަލުންނަށް މީހުން ލަނބުވައި، މީހުންނަށް ލެނބެމުންދާ ބައެކެވެ. ] 

   އިސްވެދެންނެވުނު  ހަދީޘުން އެގެނީ  އަރަހުށި މާތް ﷲ އެންގެވިގޮތަށް ހެދުންނާޅާ އަންހެނުންނަކީ، ސުވަރުގެ ވަނުމުގެ ނަސީބު ނުލިބުނުތާގައި ސުވަރުގޭގެ މީރުވަސް ދުވާހިސާބަށްވެސް ސުވަރުގެއާއި ކައިރި ނުވެވޭނެ ބައެއް ކަމެވެ.
      ކަންމިހެން ހުރުމާއެކު ކޮންމެ އަންހެނަކުވެސް އަދި ކޮންމެ ފިރިހެނަކުވެސް މިކަމަށް ވިސްނައި ސަލާމަތްކަން ހޯދަންޖެހެއެވެ. ދުނިޔޭގެ ކުޑަކުޑަ އުފަލަށްޓަކައި އާޚިރަތް ނަގާލަން ހެޔޮނުވާނެއެވެ. މާތްﷲގެ ޢަޒާބަކީ ގަދަފަދަ ޢަޒާބެކެވެ. އާޚިރަތް ދުވަހަކީ ހަމަ ޔަޤީނުންވެސް އަންނާނެ ދުވަހެކެވެ. މަރުވުމަކީ ހަމަޔަޤީނުންވެސް ވާނެކަމެކެވެ. ތިމާ ލޯބިވާމީހަކު މަރުވެއްޖެނަމަ އެކަމާ ހިތާމަކޮށް ލޮލުން ކަރުނަ އަޅާއިރު އެއީހަމަ ކަށަވަރުން ތިމާއަށްވެސް އަންނާނޭ ވަގުތެއްކަން ހަނދާންނެތޭކަމީ ޙައިރާން ވާންޖެހޭވަރުގެ ކަމެއްނޫންތޯއެވެ؟
      މާތްﷲ އެންގެވިގޮތަށް ތިމާގެ ހަށިގަނޑު ނިވާކުރުމަށް ނަސޭހަތްތެރިވާ މީހުންނަށާއި އެފަދައިން ނިވާކުރާ އަންހެނުންނަށް،ތަންދޮރު ނުދަންނަ، އަދި ބަލިކަށި އަޤީދާގެ އަޙުލުވެރިން މަލާމާތް ކޮށްފާނެއެވެ. ނަމަވެސް އީމާންކަމުގެ އަހުލުވެރިންނަކީ މީހުންގެ މަލާމާތަށް ޖެހިލުންވާ ބައެއްނޫނެވެ. މާތްﷲ ފިޔަވައި އެހެންފަރާތަކަށް ބިރުގަންނަބައެއް ނޫނެވެ. މަލާމާތްކުރާ މީހުންގެ މަލާމާތަށް ބިރުނުގަތުމަކީ މުއުމިނުންގެ ސިފަތަކުގެތެރޭގައި ހިމެނޭކަމެކަވެ. މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
"... وَلاَ يَخَافُونَ لَوْمَةَ لآئِمٍ"
 މާނައީ: މަލާމާތް ކުރާމީހުންގެ މަލާމާތަށް އެބައިމިހުން ބިރެއްނުގަންނާނެއެވެ."(ސޫރަތް މާއިދާ 54)
      އީމާންވެ ހެޔޮ ޢަމަލުކުރާމީހުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާނެކަން މާތްﷲ ކީރިތި ޤުރުއާނުގައި އަންގަވާފައި ވީހިނދު މިފަދަ ނަސީބުވެރިންގެ ތެރޭގައި އަޅުގަނޑުމެން އެންމެހައި މުސްލިމް އަޚުންނާއި އުޚުތުން ލެއްވުން އެދި ދުޢާ ކުރަމެވެ. އާމީން



No comments:

Post a Comment