އެންމެ ފުރިހަމަ ނަމޫނާ
ލިޔުނީ: الشيخ محمد شهيم علي سعيد
ލިޔުނީ: الشيخ محمد شهيم علي سعيد
ﷲ
އާއި އެކަލާނގެ ނަބިއްޔާ ދީނުގެ ކަންކަމުގައި ގޮތެއް ކަނޑައަޅުއްވައި އެގޮތަށް
ތަބާވުމަށް ގޮވާލެއްވުމުން އެގޮތް ދޫކޮށްލުމަކީ މުއުމިނުންގެ ގޮތަކަށް
ވެގެންނުވާނެއެވެ. މާތް ﷲ އަލްއަޙްޒާބު ސޫރަތުގައި ވަޙީ ކުރައްވާފައި އެވެ: ))وَمَا كَانَ لِمُؤْمِنٍ وَلاَ مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلاَلاً مُّبِينًا (( (الأحزاب : 36 ) [ ﷲ އާއި އެކަލާނގެ ރަސޫލާ
ކަމަކަށް ނިޔާކުރައްވައިފި ހިނދު، މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު
އަންހެނަކަށްވެސް އެބައިމީހުންގެ އެކަމުގައި އަމިއްލަގޮތެއް އިޚްތިޔާރުކުރުމަކީ
ހުއްދަ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ
(ދަންނާށެވެ!) ފަހެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެކަން
ކަށަވަރެވެ.]
ތަބާވާންވީ
މަގަކީ ﷲ ގެ މަގެވެ. ކިޔަމަންވާންވީ ﷲ އަށާއި، އެކަލާނގެ ނަބިއްޔާއަށެވެ. ޝައްކެއް
ނެތްގޮތުގައި މާތް ﷲ އަޅުގަޑުމެންގެ ގާތަށް ރަސޫލަކު ފޮނުއްވާފައިވަނީ
އެކަލޭގެފާނަށް ތަބާވުމަށެވެ. އަޅުގަޑުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް
އެކަލޭގެފާނަކީ ނަމޫނާއެއްކަމުގައި ބެލުމަށެވެ. އަލްއަޙްޒާބު ސޫރަތުގައި ވަޙީ
ކުރައްވާފައިވެއެވެ: (( لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الآخِرَ وَذَكَرَ اللَّهَ كَثِيرًا )) ( الأحزاب : 21)[ ހަމަ ކަށަވަރުން ﷲ ގެ
ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ)
ﷲ ގެ ދަރުމައާއި އާޚިރަތުގެ ޘަވާބަށް އެދޭ އަދި ގިނަގިނައިން ﷲ ހަނދުމަކުރާ
ކަމުގައިވާ މީހަކަށެވެ.]
ލޮބުވެތި
އުޚުތުންނޭވެ! ދުނިޔެމަތީގައި އިންސާނަކަށް ލިބޭނޭ އެންމެ މަތިވެރި ނިޢުމަތަކީ،
އޭނާ ހެއްދެވި ފަރާތުގެ ރުހިވޮޑިގަތުން ޙާޞިލުވުމެވެ. މިމަތިވެރި ނިޢުމަތް ޙަޞިލު
ވާންއޮތީ ވެސް އެކަލާނގެ ފޮނުއްވި ރަސޫލާއަށް ފުރިހަމައަށް ކިޔަމަންވެ
ތަބާވެގެންނެވެ. އާލުޢިމްރާން ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ: (( قُلْ إِن كُنتُمْ تُحِبُّونَ اللّهَ فَاتَّبِعُونِي يُحْبِبْكُمُ اللّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللّهُ غَفُورٌ رَّحِيمٌ )) ( آل عمران : 31 ) މާނައީ: [ ކަލޭގެފާނު
ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ އަށް ލޯބިވާ ކަމުގައިވަނީނަމަ، ފަހެ ތިޔަބައިމީހުން ތިމަން
ކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން ﷲ ތިޔަބައިމީހުންދެކެ ލޯބިވެ ވޮޑިގެންވާނެއެވެ.
އަދި ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި
ދެއްވާނެއެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމު ވަންތަ ރަސްކަލާނގެއެވެ.]
ލޮބުވެތި
އުޚުތުންނެވެ! މުސްލިމު އަންހެނުންނަށް އަމުރުކުރެވިގެންވާ ގޮތަކީ އެއީއެވެ.
އެކަނބަލުންގެ ނަމޫނާއަކަށް ވާންވާނީ މާތް ﷲ ގެ ރަސޫލާގެ އަނބިއަނބިކަނބަލުންނާއި،
ދަރިދަރިކަނބަލުންނެވެ. އަދި ސަލަފުންގެ އަންހެން ކަނބަލުންނެވެ.
އަޅުގަނޑުމެންނަކީ
މުއުމިނުން ކަމުގައިވާނަމަ، އަދި ﷲ ދެކެ ލޯބިވާ ބަޔަކު ކަމުގައިވާނަމަ،
އަޅުގަނޑުމެން އިތުރު ރަސޫލާއަށް ތަބާވުމަކީ ލާޒިމުކަމެކެވެ. ނަމަވެސް އެނަމޫނާ
ދޫކޮށް، އަޅުގަނޑުމެން އެނޫން މީސްމީހުން ނަމޫނާ ކަމުގައި ދެކެފިނަމަ ހުރި
ހަލާކެއްގެ ބޮޑުކަމާއެވެ. މިފަދަ މީހުންގެ ޙާލަތު ކީރިތި ޤުރުއާން
އެބަޔާންކުރައްވަނީ އެވެ. މިއާޔަތްތަކާމެދު ވިސްނާ ފިކުރުކުރައްވާށެވެ.
ޤިޔާމަތްދުވަހުގެ ވޭންދެނިވި ޢަޛާބާއި، ނާމާންކަމާމެދު ބިރުވެތިވެ ރައްކާތެރިވާށެވެ. (( يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولاَ * وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءنَا فَأَضَلُّونَا السَّبِيلاَ * رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا * )) (الأحزاب : 66- 68 ) މާނައީ:[ އެބައިމީހުންގެ މޫނުތައް
ނަރަކައިގައި ފުރޮޅަފުރޮޅައި ތިބޭ ދުވަހެވެ. އެބައިމީހުން ބުނާނެއެވެ. ތިމަންމެން
ﷲ އަށް ކިޔަމަންވެ، އަދި (އެކަލާނގެ ) ރަސޫލާއަށް ކިޔަމަންވީނަމަ ކިހާރަނގަޅުހެއްޔެވެ؟ އަދި
އެބައިމީހުން ބުނާނެއެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން އަޅަމެންގެ
ސާހިބުންނަށާއި އަޅަމެންގެ ބޮޑުންނަށް އަޅަމެން ކިޔަމަންވީމުއެވެ. ފަހެ
އެބައިމީހުން އަޅަމެން މަގުފުރެއްދީއެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ޢަޛާބުގެ
ތެރެއިން ދެގުނަ އެބައިމީހުންނަށް ދެއްވާނދޭވެ! އަދި ބޮޑުވެގެންވާ ލަޢުނަތް
ލެއްވުމަކުން އެބައިމީހުންނަށް ލަޢުނަތް ލައްވާނދޭވެ!]
އަދިވެސް
ﷲ ވަޙީކުރައްވާފައިވެއެވެ: (( وَإِذْ يَتَحَاجُّونَ فِي النَّارِ فَيَقُولُ الضُّعَفَاء لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيبًا مِّنَ النَّارِ * قَالَ الَّذِينَ اسْتَكْبَرُوا إِنَّا كُلٌّ فِيهَا إِنَّ اللَّهَ قَدْ حَكَمَ بَيْنَ الْعِبَادِ)) ( غافر : 47-48 ) މާނައީ: [ އަދި އަލިފާނުގެ ތެރޭގައި ތިބެގެން
އެބައިމީހުން އެކަކު އަނެކަކަށް އަރައިރުންވެ ހަޅޭލަވާނެތެވެ! އެބައިމީހުންކުރެ
ދެރަނިކަމެތި މީހުން އެބައިމީހުންގެ ތެރޭގައި ތިބި، ކިބުރުވެރީންނާއި މުޚާޠަބުކޮށް ގޮވާނެތެވެ. [
ހަމަކަށަވަރުންއަހުރެމެން ތަބާވީ ކަލޭމެންނަށެވެ. ވީއިރު މިއަލިފާނުގެ
ތަންކޮޅެއްނަމަވެސް ކަލޭމެން ނިކަން އަހަރުމެންގެ ގައިން ދުރުކޮށްލައިދީބަލާނު
ހެއްޔެވެ؟] އެބައިމީހުންކުރެ
ކިބުރުވެރިވެގަތް މީހުން ބުނާނެތެވެ.[ ހަމަކަށަވަރުން އަހުރެމެން އެންމެންމެ މިތިބީ މިއަލިފާނުގެ ތެރޭގައެވެ.
ހަމަކަށަވަރުން ﷲ އެކަލާނގެ އަޅުތަކުންގެ މެދުގައި ނިޔާ ކަނޑައަޅުއްވައި
ނިންމެވީއެވެ.]
މިހެންކަމުން
ދީނީ ކަންކަމުގައި އެއްވެސް މީހަކަށް މިއީ މަށަށް ފެންނަގޮތޭ، އެއީ
ލާޒިމުކަމެއްނޫނޭ، މިއީ އިޚްތިލާފު މައްސަލައެކޭ، އަހަރެން ޢަމަލު ކުރާނީ މިވެނި
މީހަކު ޢަމަލުކުރާގޮތަށޭ ބުނެ އިހުމާލުވުމުގެ ޙައްޤެއްނެތެވެ.
މިއީ ﷲ ދީނެވެ. ނަބިއްޔާ ވަނީ މިދީން
އަޅުތަކުންނާ ހަމައަށް އެންމެ ފުހިހަމައަށް ފޯރުކޮށްދެއްވާފައެވެ. ދަންނަ
ބޭކަލުންވަނީ އެބޭކަލުންގެ ޒިއްމާ އުފުއްލަވާފައެވެ. މުއުމިނުންގެ ސިފަޔަކީ ﷲ އަށް
ކިޔަމަންވެއްޖައީމޭ ބުނުމެވެ. ރަސޫލާއަށް ތަބާވެއްޖައީމޭ ބުނުމެވެ. ދެދުނިޔޭގެ
ފަލާޙާއި، ނަޞީބު ލިބޭނީ އެއިރުންނެވެ.
No comments:
Post a Comment