Thursday, June 16, 2016

އީމާންކަމުގެ މާނަ- 3


3-     ފޮތްތަކަށް އީމާންވުން:
            ހަމަކަށަވަރުން الله ސުބުޙާނަހޫވަތަޢާލާ  އެކަލާނގެ ރަސޫލުންގެ މައްޗަށް ފޮތްތަކެއް ބާވައިލެއްވިކަން ޤަބޫލުކުރަންޖެހެއެވެ. އެއީ ޢާލަމްތަކުގެ މައްޗަށް (ޖިންނީންނާއި އިންސީންގެ މައްޗަށް) ޙުއްޖަތެއްގެ ގޮތުގައެވެ. އަދި ޢަމަލު ކުރާމީހުންނަށް މަގެއްގެ ގޮތުގައެވެ. އެރަސޫލުބޭކަލުން އެބައިމީހުންނަށް އެފޮތްތަކުގެ ޒަރީޢާއިން ޙިކްމަތް އުނގަންނައި ދެއްވައެވެ. އަދި އުރެދުންތަކުން އެބައިމީހުން ޠާހިރުކުރައްވައެވެ.
ޙަދީދު ސޫރަތުގެ 25ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ
މާނައީ: "ހަމަކަށަވަރުން ތިމަން ﷲ، ތިމަން ﷲގެ ރަސޫލުން ބަޔާންވެގެންވާ ދަލީލުތަކާއިގެން ފޮނުއްވީމެވެ. އަދި އެބޭކަލުންނާއިއެކު ފޮތް ބާވައިލެއްވީމެވެ. އަދި ޢަދުލުގެ ތިލަދފަތްވެސް ބާވައިލެއްވީމެވެ. އެއީ މީސްތަކުން ޢަދުލުވެރިކަމާއެކު ޤާއިމްވެތިބުމަށެވެ.

ﷲ ބާވައިލެއްވި ފޮތްތަކުގެ ތެރެއިން އަހުރެމެން ދަންނަ ފޮތްތައް:
1- توراة: މިފޮތަކީ الله ސުބުޙާނަހޫވަތަޢާލާ  މޫސާގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތެވެ. އަދި މިފޮތަކީ بنو إسرائيل މީހުންނަށް ދެވުނު އެންމެ ބޮޑު ފޮތެވެ.
 މާއިދާ ސޫރަތުގެ 44ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.   إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُواْ لِلَّذِينَ هَادُواْ وَالرَّبَّانِيُّونَ وَالأَحْبَارُ بِمَا اسْتُحْفِظُواْ مِن كِتَابِ اللّهِ وَكَانُواْ عَلَيْهِ شُهَدَاء
މާނައީ: "އެފޮތުގައި ހިދާޔަތާއި ނޫރުވެއެވެ. ﷲގެ ޙިކުމަތްތައް ތަސްލީމްކުރެއްވި ނަބިއްޔުންނާއި، ﷲ ފުރިހަމަގޮތުގައި ދެނެގެންތިބި ދީންވެރިންނާއި، އަދި އެދީނުގެ ޢިލްމުވެރިން އެފޮތުން ޔަހޫދީންގެ މެދުގައި ޙުކުމްކުރެއްވިއެވެ. އެއީ އެބޭކަލުންނަށް ﷲ ގެ ފޮތް (ތައުރާތު) ރައްކައުތެރިކުރުމަށް އަމުރުކުރެވިފައިވުމުގެ ސަބަބުންނެވެ. އަދި އެބޭކަލުން އެފޮތުގެ މައްޗަށް ހެކިވެރިންތަކެއް ކަމުގައި ވިއެވެ."
2- إنجيل: މިފޮތަކީ الله ސުބުޙާނަހޫވަތަޢާލާ  ޢީސާގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތެވެ. އަދި މިފޮތަކީ ތައުރާތު ތަޞްދީޤު ކުރައްވާ އެފޮތް ފުރިހަމަ ކުރެއްވި ފޮތެވެ.
މާއިދާ ސޫރަތުގެ 45 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَآتَيْنَاهُ الإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ
މާނައީ "އަދި ތިމަން ﷲ އެކަލޭގެފާނަށް (ޢީސާގެފާނަށް) އިންޖީލު ދެއްވީމެވެ. އެފޮތުގައި ހިދާޔަތާއި ނޫރުވެއެވެ. އަދި އެފޮތުގެ ކުރިން ބާވައިލެވުނު ތައުރާތު ތަޞްދީޤު ކުރާ ފޮތެއް ކަމުގައެވެ. އަދި ތަޤުވާވެރިންނަށް ހިދާޔަތާއި ނަސޭހަތެއް ކަމުގައެވެ."
3- زبور: މިފޮތަކީ الله ސުބުޙާނަހޫވަތަޢާލާ ދާވޫދު ގެފާނަށް ދެއްވި ފޮތެވެ.
4- އިބްރާހީމްގެފާނާއި މޫސާގެފާނުގެ صحيفة ތައް
5- ކީރިތި قرآن: މިފޮތަކީ الله ސުބުޙާނަހޫވަތަޢާލާ އެކަލާނގެ އެންމެ ފަހުގެ ނަބިއްޔާ محمدرسول الله صَلَّ اللهُ عَلَيْهِ وَسَلَّم ގެ މައްޗަށް ބާވައިލެއްވި ފޮތެވެ.
ބަޤަރާ ސޫރަތުގެ 185ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.  هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ
މާނައީ: "(އެފޮތް ބާވައިލެއްވުނީ) މީސްތަކުންނަށް ހިދާޔަތެއް ކަމުގަޔާއި، ހިދާޔަތުގެ އަދި ޙައްޤާއި ބާޠިލްވަކިކުރުމުގެ ދަލީލުތަކެއް ކަމުގައެވެ." ފަހެ، އެފޮތްވެއެވެ.
މާއިދާ ސޫރަތުގެ 48 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.  وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ
މާނައީ: "އެފޮތުގެ ކުރިން ބާވައިލެވުނު ފޮތްތައް ތަޞްދީޤުކުރާ ފޮތެއް ކަމުގަޔާއި، އެފޮތްތަކުގެ މައްޗަށް ރައްކާތެރިވި ފޮތެއްކަމުގައެވެ."

4-       ރަސޫލުންނަށް އީމާންވުން
         الله ސުބުޙާނަހޫވަތަޢާލާ މީސްތަކުންގެ ގާތަށް ރަސޫލުން ފޮނުއްވިކަމަށް އީމާންވާންޖެހެއެވެ.
ނިސާ ސޫރަތުގެ 165ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. رُّسُلاً مُّبَشِّرِينَ وَمُنذِرِينَ لِئَلاَّ يَكُونَ لِلنَّاسِ عَلَى اللّهِ حُجَّةٌ بَعْدَ الرُّسُلِ وَكَانَ اللّهُ عَزِيزًا حَكِيمًا
މާނައީ: " އެއީ އެބޭކަލުން (މީސްތަކުންނަށް ސުވަރުގޭގެ) އުފާވެރިކަމުގެ ޚަބަރު ދެއްވާ ޙާލު އަދި (ނަރަކައިން މީސްތަކުންނަށް) އިންޒާރުދެއްވާ ޙާލުއެވެ. އެއީ އެރަސޫލުންނަށް ފަހުގައި މީސްތަކުންނަށް ﷲ ގެ މައްޗަސް އެއްވެސް ޙުއްޖަތެއް ނުވުމަށެވެ. އަދި الله ސުބުޙާނަހޫވަތަޢާލާ އީ ޢިއްޒަތްތެރިވެ ވޮޑިގެންވާ ޙިކުމަތްތެރި ރަސްކަލާނގެއެވެ."
         އެބޭކަލުންކުރެ އެންމެ ފުރަތަމަ ރަސޫލަކީ ނޫޙުގެފާނެއެވެ. އަދި އެބޭކަލުންކުރެ އެންމެ ފަހުގެ ރަސޫލަކީ محمد رسول الله صَلَّ اللهُ عَلَيْهِ وَسَلَّم  އެވެ.
ނިސާ ސޫރަތުގެ 163ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.  إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَى نُوحٍ وَالنَّبِيِّينَ مِن بَعْدِهِ
މާނައީ: " ހަމަކަށަވަރުން ތިމަން ﷲ ކަލޭގެފާނަށް ވަޙީ ބާވައިލެއްވީމެވެ. އެއީ ނޫޙުގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ވަޑައިގަތް ނަބިއްޔުންނަށްވެސް ތިމަން ﷲ ގެ ވަޙީ ބާވައިލެއްވި ފަދައިންނެވެ."
އަޙްޒާބް ސޫރަތުގެ 40ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَكِن رَّسُولَ اللَّهِ وَخَاتَمَ النَّبِيِّينَ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا
މާނައީ: "ތިޔަބައިމީހުންގެ ފިރިހެނުންގެ ތެރެއިން ހަމައެކަކުގެ ބައްޕަކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އަދި ކިއެއްތަ! އެކަލޭގެ ފާނަކީ ﷲ ގެ ރަސޫލާއެވެ. އަދި ނަބިއްޔުން ކުރެ އެންމެ ފަހުގެ ނަބިއްޔާއެވެ. "
އެބޭކަލުންކުރެ އެންމެ މާތްވެގެންވަނީ މުޙައްމަދުގެފާނެވެ. ދެން އިބްރާހީމްގެފާނެވެ. ދެން މޫސާގެފާނެވެ. ދެން ނޫޙުގެފާނެވެ. ދެން ޢީސާގެފާނެވެ. އަދި މިބޭކަލުންނަކީ الله ސުބުޙާނަހޫވަތަޢާލާ ގެ އަންނަނިވި ވަޙީބަސްފުޅުގައި ޚާއްޞަވެގެންވާ ބޭކަލުންނެވެ.
އަޙްޒާބް ސޫރަތުގެ 7ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَإِذْ أَخَذْنَا مِنَ النَّبِيِّينَ مِيثَاقَهُمْ وَمِنكَ وَمِن نُّوحٍ وَإِبْرَاهِيمَ وَمُوسَى وَعِيسَى ابْنِ مَرْيَمَ وَأَخَذْنَا مِنْهُم مِّيثَاقًا غَلِيظًا
މާނައީ: "އަދި އެވަގުތު ހަނދާންކުރާށެވެ. ތިމަން ﷲ ނަބިއްޔުންގެ ކިބައިން ޢަހުދު ހިއްޕެވިހިނދެވެ. އަދި (ޚާއްޞަ ގޮތެއްގައި) ކަލޭގެފާނުގެ ކިބައިންނާއި، ނޫހުގެފާނުގެ ކިބައިންނާއި، އިބްރާހީމްގެފާނުގެ ކިބައިންނާއި، މޫސާގެފާނުގެ ކިބައިންނާއި، މަރިޔަމްގެފާނުގެ ދަރި ޢީސާގެފާނުގެ ކިބައިންނެވެ. އަދި އެބޭކަލުންގެ ކިބައިން ހަރުކަށި ވަރުގަދަ ޢަހުދު ހިއްޕެވީމެވެ.

5-           އާޚިރަތް ދުވަހަށް އީމާންވުން:
އާޚިރަތް ދުވަހަށް އީމާންވާންޖެހެއެވެ. އެއީ ޤިޔާމަތް ދުވަހެވެ. އެއީ އެދުވަހަށް ފަހުގައި އިތުރު އެހެން ދުވަހެއްނުވާ ދުވަހެވެ. މީސްތަކުން ދެވަނަ ފަހަރަށް ދިރި ދެމިތިބުމުގެ ޢާލަމަށް ފޮނުއްވޭ ދުވަހެވެ. މީސްތަކުން އެދުވަހުގައި ވާހުށީ ނިޢުމަތުގެ ގޮވަތީގައެވެ. ނުވަތަ ވޭން ދެނިވި ޢަޛާބުގެ ގޮވަތީގައެވެ.
އަލުންދިރުއްވާނެކަން ޤަބޫލުކުރުމަކީވެސް އާޚިރަތަށް އީމާންވުމުގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި އެއީ އިސްރާފީލްގެފާނު ދެވަނަފަހަރަށް ތާޅަފިލި ފުންމަވާލައްވާ ހިނދު اللهސުބުޙާނަހޫވަތަޢާލާ މަރުވެފައިވާ މީހުން އަލުން ދިރުއްވުމެވެ.
ޒުމަރު ސޫރަތުގެ 68ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاء اللَّهُ ثُمَّ نُفِخَ فِيهِ أُخْرَى فَإِذَا هُم قِيَامٌ يَنظُرُونَ
މާނައީ: "އަދި ތާޅަފިލި ފުންމަވައި ލެވޭނެއެވެ. އެހިނދު ﷲ އިރާދަކުރެއްވި ބަޔަކު ފިޔަވައި އުޑުތަކުގަޔާއި ބިމުގައި ވާހާ ބަޔަކު ހޭނެތިގެން ވެއްޓިދާނެއެވެ. ދެން ދެވަނަ ފަހަރަށް ތާޅަފިލި ފުންމަވައިލެވޭނެއެވެ. ދެން ހަމަ އެހިނދު މީސްތަކުން ތެދުވެ ބަލަބަލައި ތިބޭނެތެވެ." (އިލްމުވެރިން ވިދާޅުވާގޮތުގައި ފުރަތަމަ ތާޅަފިއްޔަށް ހޭނުނެތޭބަޔަކީ ބައެއް މަލާއިކަތުންނެވެ. އެކަމަކު ފަހުން އެބޭކަލުންވެސް އަވަހާރަވާނެއެވެ.) ފަހެ، މީސްތަކުން ކައްވަޅުތަކުން ތެދުވެ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ޖަމާވާނެއެވެ. ފައިވާނަށް ނާރައި ހުސްފަޔާއެވެ. ހެދުންނުލައި އޮރިޔާން ހާލުގައެވެ. ޚިތާނަކާއި ނުލައި ގުނަވަން ފުރިހަމަވެގެންވާ ހާލުގައެވެ.
އަންބިޔާ ސޫރަތުގެ 104ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.  كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ وَعْدًا عَلَيْنَا إِنَّا كُنَّا فَاعِلِينَ
މާނައީ "އެންމެ ފުރަތަމަ ތިމަން ﷲ އިންސާނާ ހައްދަވައި މަންމަގެ ބަނޑުން ނެރުއްވި ގޮތަށް (ޤިޔާމަތް ދުވަހުގައި) އޭނާ އަނބުރައި ގެންނަވާނަމެވެ. އެއީ ތިމަން ﷲގެ ޒިންމާގައިވާ ވަޢުދުފުޅެކެވެ. ހަމަކަށަވަރުން ތިމަން ﷲ އެކަން ކުރައްވާނަމެވެ."
އަދި އަހުރެމެން ޢަމަލުތަކުގެ ފަތްތަކެއް ވާކަމަށް ޤަބޫލުކުރަންޖެހެއެވެ. އެފަތްތައް ކަނާތަށް ނުވަތަ ފުރަގަހުން ވާތަށް ދެވޭނެއެވެ. އިންޝިޤާޤް ސޫރަތުގެ 7،8،9،10،11 އަދި 12 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.  فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ- فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا - وَيَنقَلِبُ إِلَى أَهْلِهِ مَسْرُورًا - وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاء ظَهْرِهِ -فَسَوْفَ يَدْعُو ثُبُورًا - وَيَصْلَى سَعِيرًا
 މާނައީ: "ފަހެ އެމީހެއްގެ ޢަމަލުތަކުގެ ފަތް އެމީހެއްގެ ކަނާތަށް ދެވިއްޖެ މީހާ ދަންނައެވެ. ފަހެ، ވަރަށް ފަސޭހަ ލުއިލުއި ގޮތެއްގައި އޭނާގެ ހިސާބު ބެއްލެވޭނެއެވެ. އަދި އޭނާގެ އަހުލުވެރިންގެ ގާތަށް އެނބުރި އޭނާ ދާނީ އުފާވެގެންވާ ހާލުގައެވެ. އަދި އެމީހެއްގެ ޢަމަލުތަކުގެ ފަތް އެމީހެއްގެ ފުރަގަހުން ދެވިއްޖެމީހާ ދަންނައެވެ. ފަހެ، އޭނާ ހަލާކަށް ގޮވާނެއެވެ. އަދި ކެކި އުތުރި އަރައަރާ ހުރި ނަރަކައަށް އޭނާ ވަންނާނެއެވެ.
އިސްރާ ސޫރަތުގެ 13 އަދި 14ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.  وَكُلَّ إِنسَانٍ أَلْزَمْنَاهُ طَآئِرَهُ فِي عُنُقِهِ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا - اقْرَأْ كَتَابَكَ كَفَى بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا
މާނައީ: "އަދި ކޮންމެ އިންސާނެއްގެ ކަރުގައި އޭނާގެ ހެޔޮ ނުބައި ޢަމަލުތައް ތިމަން ﷲ އެޅުއްވީމެވެ. އަދި ޤިޔާމަތް ދުވަހުގައި އޭނާއަށް ފަތެއް ތިމަން ﷲ ނެރުއްވާނަމެވެ. އެފަތް ހުޅުވައިލެވިފައިވަނިކޮށް އޭނާއަށް ފެންނާނެއެވެ. އަދި އޭނާއަށް ބުނެވޭނެއެވެ. ތިބާގެ ފަތް ތިބާ ކިޔާށެވެ. މިއަދު ތިބާގެ މައްޗަކަށް ހިސާބުކުރުމަށް ތިބާގެ ނަފްސު ފުދެއެވެ."
އަދި އަހުރެމެން، ޢަމަލުތައް ކިރުމަށްޓަކައި ތިލަފަތްތެކެއް ވާކަމަށް ޤަބޫލުކުރަންޖެހެއެވެ. އެއީ ޤިޔާމަތް ދުވަހުގައި ބެހެއްޓޭ ތިލަފަތް ތަކެކެވެ. ފަހެ އެއްވެސް ނަފްސަކާ ދޭތެރޭ ބޭއިންސާފުވެރި ނުވެވޭނެއެވެ.
ޒަލްޒަލާ ސޫރަތުގެ 7 އަދި 8ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ -وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ
މާނައީ:  "ފަހެ ޒައްރެއްގެ މިންވަރު ހެޔޮކަމެއް ކޮށްފި މީހާވެސް އެކަން ދެކޭނެއެވެ. އަދި ޒައްރެއްގެ މިންވަރު ނުބައިކަމެއް ކޮށްފި މީހާވެސް އެކަން ދެކޭނެތެވެ."
މުއުމިނޫން ސޫރަތުގެ 102،103 އަދި 104 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.  فَمَن ثَقُلَتْ مَوَازِينُهُ فَأُوْلَئِكَ هُمُ الْمُفْلِحُونَ - وَمَنْ خَفَّتْ مَوَازِينُهُ فَأُوْلَئِكَ الَّذِينَ خَسِرُوا أَنفُسَهُمْ فِي جَهَنَّمَ خَالِدُونَ - تَلْفَحُ وُجُوهَهُمُ النَّارُ وَهُمْ فِيهَا كَالِحُونَ
މާނައީ: "އެބައެއްގެ ތިލަފަތްތައް ބުރަވި މީހުން ދަންނައެވެ. ފަހެ އެބައިމީހުންނަކީ އެއީ ކާމިޔާބުވީ މީހުންނެވެ. އަދި އެބައިމީހުންގެ ތިލަފަތްތައް ލުއިވީ މީހުން ދަންނައެވެ. ފަހެ އެބައިމީހުންނަކީ އެބައިމީހުންގެ އަމިއްލަނަފްސުތައް ގެއްލުވައިލި މީހުންނެވެ. ނަރަކައިގައި އެބައިމީހުން ދެމިތިބޭނެތެވެ. އަލިފާން އެބައިމީހުންގެ މޫނުތައް އަންދާނެތެވެ. އަދި އެނަރަކާގައި އެބައި މީހުން ތިބޭނީ ތުންފަތް ކުރުޖެހި ދަތްތައް ކަޝްފުވެފައިވާ ބަދު ސޫރަވެރި ބައެއްގެ ގޮތުގައެވެ."
އަދި އެންމެ ބޮޑު ޝަފާޢަތް ވާކަން ޤަބޫލުކުރަންޖެހެއެވެ. އެއީ رسول الله صَلَّاللهُ عَلَيْهِ وَسَلَّم  އަށް ޚާއްޞަވެގެންވާ ޝަފާޢަތެކެވެ. الله ސުބުޙާނަހޫވަތަޢާލާ ގެ ޙަޟްރަތުގައި އެކލާނގެ އިޒުނަފުޅާއިއެކު އެކަލޭގެފާނު ޝަފާޢަތްތެރިވެ ވަޑައިގަންނަވާނެއެވެ. އެއީ އެކަލާނގެ އަޅުތަކުންގެ މެދުގައި ފައިސަލާކުރެއްވުމަށެވެ. މަޙުޝަރުގެ މައިދާނުގައި އަޅުތަކުންނަށް ކުޅަދާނަވެގެންނުވާ ވަރުގެ ހިތާމަޔާއި މުސީބާތްތައް ޖެހޭ ވަގުތުގައެވެ. ފަހެ، މީސްތަކުން އެންމެ ފުރަތަމަ ދާނީ އާދަމްގެފާނުގެ އަރިހަށެވެ. ދެން ނޫޙުގެފާނުގެ އަރިހަށެވެ. ދެން އިބްރާހީމްގެފާނުގެ އަރިހަށެވެ. ދެން މޫސާގެފާނުގެ އަރިހަށެވެ. ދެން ޢީސާގެފާނުގެ އަރިހަށެވެ. އެންމެ ފަހުން އެކަން ނިމޭނީ رسول الله صَلَّ اللهُ عَلَيْهِ وَسَلَّم ގެ އަރިހަށެވެ.
އަދި މުއުމިނުންގެ ތެރެއިން ނަރަކައަށް ވަންނަމީހުންނާއި މެދު އެބައިމީހުން ނަރަކައިން ނެރުމަށް ކުރެވޭ ޝަފާއަތެއް ވާކަމަށްވެސް އަހުރެމެން އީމާންވާންޖެހެއެވެ. އެ ޝަފާޢަތް،  رسول الله صَلَّ اللهُ عَلَيْهِ وَسَلَّم އަށާއި، އެހެނިހެން ނަބިއްޔުންނަށާއި އަދި މުއުމިންނަށާއި މަލާއިކަތުންނަށް ލިބިގެންވެއެވެ.
އަދި އަހުރެމެން އީމާންވަމުއެވެ. ހަމަކަށަވަރު الله ސުބުޙާނަހޫވަތަޢާލާ މުއުމިނުންގެ ތެރެއިން ބަޔަކު އެއްވެސް ޝަފާޢަތަކާއި ނުލައި ހަމައެކަނި އެކަލާނގެ ރަޙްމަތާއި ދަރުމަވަންތަކަމުން ނަރަކައިން ނެރުއްވާނެއެވެ.
އަދި رسول الله صَلَّ اللهُ عَلَيْهِ وَسَلَّم ގެ حوض كوثر ވާކަމަށް އަހުރެމެން އީމާންވާންޖެހެއެވެ. އެ حوضގެ ފެން ކިރަށް ވުރެ ހުދުވާނެއެވެ. އަދި މާމުޔަށް ވުރެ ފޮނިވާނެއެވެ. އަދި ގޮމަކަސްތޫރިއަށް ވުރެ މީރުވަސްދުވާނެއެވެ. އަދި އެ حوض ގެ ދިގުމިނުގައި އެއްމަސްދުވަހުގެ މަސާފަތުވާނެއެވެ. އަދި ފުޅާމިހުގައި އެއްމަސް ދުވަހުގެ މަސާފަތުވާނެއެވެ. އަދި އެحوض ގެ ކަންވާރުތައް ރިވެތިކަމާއި، ގިނަކަމުގެ ގޮތުން އުޑުގެ ތަރިތައް ފަދައިން ވާނެއެވެ. އެކަލޭގެފާނުގެ އުއްމަތުގެ މުއުމިނުން އެ حوض އަށް ވާރިދުވާނެއެވެ. އެ حوض ފެންބޮއިފިމީހާ އެއަށްފަހު ދެން ފެނެއް ނުބޮވާނެއެވެ.
އަދި ޞިރާޠުމަގު ވާކަމަށް އަހުރެމެން އީމާންވާންޖެހެއެވެ. އެމަގު ލެވިފައިވާނީ ނަރަކައިގެ މަތިންނެވެ. މީސްތަކުން އެބައިމީހުންގެ ޢަމަލުތަކުގެ މިންވަރުން އެމަގު ކަޑައްތުކުރާނެއެވެ. ފަހެ، މީސްތަކުން ކުރެ އެންމެ ފުރަތަމަ ޖަމާޢަތުގެ މީހުން ވިދައިލާ ވިދުވަރެއް ފަދައިން އެމަގު ކަޑައްތު ކޮށްލާނެއެވެ. ދެވަނަ ޖަމާޢަތުގެ މީހުން ޖެހިލާ ވައިރޯޅިއެއް ފަދައިން އެމަގު ކަޑައްތު ކުރާނެއެވެ. އަދި ތިންވަނަ ޖަމާއަތުގެ މީހުން އުދުހޭ ދޫނިތަކެއް ފަދައިންނާއި، ބާރުބާރަށް ހިގުމުގެ ހަލުއިމިނުގައި އެމަގު ކަޑައްތުކުރާނެއެވެ. އަދި رسول الله صَلَّ اللهُعَلَيْهِ وَسَلَّم  އެމަގުގެ މެދުގައި ހުންނަވާގެން ދުޢާ ކުރައްވާނެއެވެ. އޭހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ސަލާމަތްކަން ދެއްވާނދޭވެ! ސަލާމަތްކަން ދެއްވާނދޭވެ. އެއީ އަޅުންތަކުންގެ ޢަމަލުތައް ނުކުޅެދިއްޖެއުމަށް ދާންދެނެވެ. ދެން ފިރުކޭ މީހުން އަންނާނެއެވެ. އަދި އެމަގުގެ ދެފަރާތުގައި އެލުވިފައި ވަކިތަކެއްވާނެއެވެ. އެވަކި ތަކަކީ ﷲ ގެ ޙަޟްރަތުން އަމުރުކުރެވިގެންވާ ވަކިތަކެކެވެ. އަދި ހިފުމަށް އަމުރުކުރެވުނު ކޮންމެ މީހެއްގެ ގައިގައި އެވަކިތައް ހިފާނެއެވެ. ފަހެ، ބައެއް މީހުން ޒަޚަމްވެގެންވާ ޙާލު ސަލާމަތްވާނެއެވެ. އަދި ބައެއް މީހުން ނަރަކައިގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ.
ސުވަރުގޭގެ އަހުލުވެރިންނަށްޓަކައި އެބައިމީހުން ސުވަރުގެއަށް ވަނުމަށް رسول اللهصَلَّ اللهُ عَلَيْهِ وَسَلَّم  ކުރައްވާ ޝަފާޢަތަށް އަހުރެމެން އީމާންވާންޖެހެއެވެ. އެއީ އެކަލޭގެފާނަށް ޚާއްޞަވެގެންވާ ޝަފާޢަތެކެވެ.
އަދި ސުވަރުގެއާއި ނަރަކަވާކަމަށް އަހުރެމެން އީމާންވާންޖެހެއެވެ. ފަހެ، ސުވަރުގެއަކީ اللهސުބުޙާނަހޫވަތަޢާލާ  ތަޤުވާވެރި މުއުމިނުންނަށް ތައްޔާރުކޮށްދެއްވާފައިވާ ނިޢުމަތުގެ ގޮވައްޗެވެ. އެތާނގައިވާ ނިޢުމަތްތަކަކީ އެއްވެސް ލޮލެއް ދެކިފައިނުވާ އަދި އެއްވެސް ކަންފަތެއް އަޑުއަހާފައިނުވާ އަދި އެއްވެސް އިންސާނެއްގެ ހިތަށް ތަޞައްވަރު ކުރެވިފައިނުވާ ނިޢުމަތްތަކެކެވެ.
ސަޖިދަ ސޫރަތުގެ 17ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.  فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاء بِمَا كَانُوا يَعْمَلُونَ
މާނައީ "ފަހެ އެއްވެސް ނަފްސަކަށް އެބައިމީހުންނަށް (ސުވަރުގޭގެ އަހުލުވެރިންނަށް) ޓަކައި ފޮރުވިފައިވާ ލޯތަކަށް ފިނިކަންދޭ ނިޢުމަތްތަކެއް ނޭގޭނެއެވެ. އެއީ އެބައިމީހުން ކުރި ހެޔޮ ޢަމަލުތަކުގެ ޖަޒާއެވެ."
އަދި ނަރަކައަކީ الله ސުބުޙާނަހޫވަތަޢާލާ އަނިޔާވެރި ކާފިރުންނަށް ތައްޔާރު ކުރައްވާފައިވާ ޢަޛާބުގެ ގޮވައްޗެވެ. އެތާނގެ ޢަޛާބާއި ސަޒާއަކީ ހިތަށް ތަޞައްވަރު ނުކުރެވޭ ފަދަ ޢަޛާބާއި ސަޒާއެވެ.
ކަހުފުސޫރަތުގެ 29 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا وَإِن يَسْتَغِيثُوا يُغَاثُوا بِمَاء كَالْمُهْلِ يَشْوِي الْوُجُوهَ بِئْسَ الشَّرَابُ وَسَاءتْ مُرْتَفَقًا
މާނައީ: "ހަމަކަށަވަރުން ތިމަން ﷲ އަނިޔާވެރިންނަށް އަލިފާން (ނަރަކަ) ތައްޔާރުކުރެއްވީމެވެ. އެއަލިފާނުގެ ޓެންޓުތައް އެބައިމީހުން ވަށައިލައެވެ. އަދި އެބައިމީހުން ފެނަށް ފަރިޔާދު ކޮށްފިނަމަ ވިރިފައިވާ ހޫނު މަޢުދަން ފަދަ ފެން އެބައިމީހުންނަށް ދެވޭނެއެވެ. އެފެން (ބުއިމަށްޓަކައި އެބައިމީހުން އަނގަތަކާއި ކައިރިކޮށްލާ ހިނދު) މޫނުތައް ފިއްސައިލާނެއެވެ. ކިހާނުބައި ބުއިމެއް ހެއްޔެވެ! އަދި އަރާމު ކުރުމުގެ ގޮތުން ކިހާނުބައި ތަނެއްހެއްޔެވެ!"
އަދި އެ ދެތަން (ސުވަރުގެރާއި ނަރަކަ) މިހާރުވެސް ވުޖޫދުގައި އެބަހުއްޓެވެ.ދުވަހަކުވެސް އެދެތަން ފަނާއެއް ނުވާނެއެވެ.
ޠަލާޤު ސޫރަތުގެ 11 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.  وَمَن يُؤْمِن بِاللَّهِ وَيَعْمَلْ صَالِحًا يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا قَدْ أَحْسَنَ اللَّهُ لَهُ رِزْقًا
މާނައީ: "އަދި ﷲ އަށް އީމާންވެ، ހެޔޮ ޢަމަލު ކުޅަމީހާ ދަންނައެވެ. الله ސުބުޙާނަހޫވަތަޢާލާ އޭނާ، އެތަނެއްގެ ދަށުން އާރުތައް ދެމިގެންވާ ސުވަރުގެތަކަށް ވައްދަވާނެއެވެ. އެތާނގައި އޭނާ އަބަދުގެ އަބަދަށް ދެމިހުންނާނެއެވެ. ހަމަކަށަވަރުން الله ސުބުޙާނަހޫވަތަޢާލާ އޭނާއަށް ރިޒުޤު ހެޔޮކޮށްދެއްވައިފިއެވެ.  
އަޙްޒާބް ސޫރަތުގެ 64،65 އަދި 66 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.  إِنَّ اللَّهَ لَعَنَ الْكَافِرِينَ وَأَعَدَّ لَهُمْ سَعِيرًا -  خَالِدِينَ فِيهَا أَبَدًا لَّا يَجِدُونَ وَلِيًّا وَلَا نَصِيرًا -  يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا
މާނައީ: "ހަމަކަށަވަރުން ކާފިރުންނަށް ﷲ ލަޢުނަތްލެއްވިއެވެ. އަދި ކެކި އަރައަރާހުރި އަލިފާން އެބައިމީހުންނަށް ތައްޔާރުކުރެއްވިއެވެ. އެއަލިފާނުގައި އެބައިމީހުން އަބަދުގެ އަބަދަށް ދެމިތިބޭނެތެވެ. (އެބައިމީހުން އެޢަޛާބުން ސަލާމަތްކުރާނެ) އެއްވެސް ރަޙުމަތްތެރިއަކު އަދި (އެކަމުން ސަލާމަތްވުމުގައި އެބައިމީޙުންނާއި އެހީވާނެ) އެއްވެސް މަދަދުވެރިޔަކުވެސް އެބައި މީހުންނަކަށް ނުފެންނާނެއެވެ. އެބައިމީހުންގެ މޫނުތައް ނަރަކައިގައި އެފުށް މިފުށަށް ފުރޮޅޭ ދުވަހު އެބައިމީހުން ބުނާނެތެވެ. އަޅެ ﷲ އަށާއި ރަސޫލާއަށް ކިޔަމަންތެރި ވެވުނު ނަމައެވެ."
ސުވަރުގެ ވަންނާނެކަމަށް ޤުރްއާނާއި ސުންނަތް އެމީހެއްގެ ނަމުން ނުވަތަ ސިފައިން ހެކި ދިން ކޮންމެ މީހަކަށް، އޭނާ ސުވަރުގެ ވަންނާނެކަމަށް އަހުރެމެންވެސް ހެކިދޭންޖެހެއެވެ. އެގޮތުން ހެކިދެވިގެންވާ ބޭކަލުންގެ ތެރޭގައި أبوبكر ގެފާނަށާއި، عمر ގެ ފާނަށާއި عثمان ގެފާނަށާއި، علي ގެފާނަށާއި އަދިވެސް  رسول الله صَلَّ اللهُ عَلَيْهِوَسَلَّم  ޢައްޔަން ކުރެއްވި އެފަދަ ބައެއް ބޭބޭކަލުންހިމެނެއެވެ. ނަރަކަޔަށް ވަންނާނެކަމަށް ޤުރްއާނާއި ސުންނަތް އެމީހެއްގެ ނަމުން ނުވަތަ ސިފައިން ހެކި ދިން ކޮންމެ މީހަކަށް އޭނާ ނަރަކައަށް ވަންނާނެކަމަށް އަހުރެމެންވެސް ހެކިދެމުއެވެ.
އެގޮތުން ހެކިދެވިގެންވާ މީހުންގެ ތެރޭގައި أبولهب އަށާއި، عمرو بن لحي الخزاعي އާއި އަދިވެސް އެފަދަ ބައެއް މީހުންހިމެނެއެވެ.
އަދި ކަށްވަޅުގެ އިމްތިޙާނުވާކަމަށް އަހުރެމެން އީމާންވާންޖެހެއެވެ. އެއީ ކަށްވަޅުގައި މައްޔިތާއާއި ސުވާލުކުރެވުމެވެ. އޭނާގެ ރައްބާއި، އޭނާގެދީނާއި، އޭނާގެ ނަބިއްޔާއާއި ބެހޭގޮތުންނެވެ.
އިބްރާހީމް ސޫރަތުގެ 15ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.  يُثَبِّتُ اللّهُ الَّذِينَ آمَنُواْ بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الآخِرَةِ وَيُضِلُّ اللّهُ الظَّالِمِينَ وَيَفْعَلُ اللّهُ مَا يَشَاء
މާނައީ: "الله تعالى، އީމާންވީ މީސްތަކުން ސާބިތުވެގެންވާ ބަސްފުޅުން (ތައުޙިދުގެ ބަސްފުޅުން) ދުނިޔޭގެ ޙަޔާތުގައްޔާއި އާޚިރަތުގައި (އެބަހީ ކަށްވަޅުގައި) ސާބިތުކޮށްދެއްވާނެއެވެ." ފަހެ، މުއުމިނުއަޅާ ބުނާނެއެވެ. އަހުރެންގެ ރައްބަކީ ﷲ އެވެ. އަދި އަހުރެންގެ ދީނަކީ އިސްލާމްދީނެވެ. އަދި އެއުރެންގެ ނަބިއްޔާއަކީ މުޙައްމަދުގެފާނެވެ. ދެން ކާފިރުމީހާ އާއި މުނާފިޤު ކަލޭގެ ދަންނައެވެ. އެދެމީހުންކުރެ ކޮންމެ މީހަކުވެސް ބުނާނެއެވެ. އަހަރެންނަކަށް ނޭނގެއެވެ. މީސްތަކުން ބުނާތީ އަހަރެންނަށް އިވުނު އެއްޗެއް އަހަރެންވެސް ބުނީއެވެ.

No comments:

Post a Comment