Wednesday, June 15, 2016

ޝަހީދުވެވޭހުށީ އިސްލާމްދީނަށްޓަކައެވެ. ޤަޥްމަށްޓަކައެއްނޫނެވެ.

މާތްވެގެންވާ އިސްލާމްދީނުގައި ހަނގުރާމަކުރަންޖެހޭ ޙާލާތުގެ ތެރެއިން ތިން ޙާލަތެއް ފިޔަވައި އެހެނިހެން ޙާލާތުގައި ހަނގުރާމައަކީ ކިފާޔަތުގެ ފަރުޟެކެވެ. ތިން ޙާލަތެއްގައި ޢައިނިއްޔަ ފަރުޟަކަށް ބަދަލުވެދެއެވެ. އެއީ (1) މުސްލިމުންގެ ރަށަކަށް ކާފިރުންއައިސް ހަނގުރާމަ ފެށުމުން. (2) ހަނގުރާމައިގެ މައިދާނުގައި ހަނގުރާމަކުރަން ހުރިމީހާ ފިލަން ނުދުވެ ސާބިތުވެހުރުން. (3) މުސްލިމުންގެ ޙާކިމާ ހަނގުރާމައަށް ނުކުތުމަށް ރައްޔިތުންނަށް އަމުރުކުރުން. މިއެވެ.
3 ސެޕްޓެމްބަރ 2006 ގެ ހަމަރޯޅީގައި “އިބިލީހަށް ބަތްކައްކައިދޭން މަސައްކަތްކޮށްފި” ކަމަށް އޮތް ސުރުޚީއެއްގެ ދަށުގައި ނަންހާމަ ނުކުރާމީހަކު ލިޔެފައިވާ ލިޔުމާ ޙަވާލާދީ ދަންނަވަމެވެ. މިލިޔުމެއް ލިޔެފައިވާ އުސޫލަށް ބަލާއިރު މީނާއަކީ މާތްވެގެންވާ އިސްލާމްދީނަށް ނުހަނުބޮޑަށް ނަފްރަތު ކުރާ މީހެއްކަން ސާބިތުވެއެވެ. 

ފަހެ، ހދ.ވައިކަރަދޫގައި ބޭއްވި ބައްދަލުވުމެއްގައި އިސްކޫލު ކުއްޖަކުކުރި ތިޔަބުނާ ސުވާލުގެ ޖަވާބު ދީފައިވާނީ އިސްލާމްދީނުގެ އަޞްލުތަކާ އެއްގޮތަށެވެ. އަމިއްލަ ޚިޔާލުގެ މައްޗަކަށްނޫނެވެ. 

ރުއްސުންލެއްވި އަބޫ މޫސަލް އަޝްޢަރީގެ އަރިހުން އަލްއިމާމުލްބުޚާރީއާއި، އަލްއިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ. ހިތްވަރުގަދަކަން ދެއްކުމަށް ހަނގުރާމަކުރާ މީހާއާއި، ޢާއިލާއަށްޓަކައި ލޭހޫނުވެގެން ހަނގުރާމަކުރާ މީހާއާއި، ކަންދެއްކުމަށް ހަނގުރާމަކުރާ މީހާއާއި، މިބައިމީހުންގެ ތެރެއިން ﷲގެ މަގުގައި ހަނގުރާމަކުރާ މީހަކީ ކާކުތޯއޭ ދެންނެވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ﷲގެ މަގުގައި ހަނގުރާމަ ކުރާ މީހާއީ ހަމައެކަނި ﷲގެ ކަލިމަފުޅު އުފުލުމަށްޓަކައި ހަނގުރާމަ ކުރާމީހާއެވެ. 

ރުއްސުންލެއްވި ޢުމަރުގެފާނުގެ އަރިހުން އަލްއިމާމުލް ބުޚާރީއާއި އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އެއްސެވީމެވެ. ޢަމަލުތައް ޞައްޙަވުންހުރީ ނިޔަތުންނެވެ. ކޮންމެ މީހަކަށްމެ ހަމަކަށަވަރުން ޖަޒާލިބޭހުށީ އެމީހާ ނިޔަތްގަތް ގޮތަކުންނެވެ. ﷲއަށާއި، އެކަލާނގެ ރަސޫލާއަށްޓަކައި ހިޖްރަކޮށްފިމީހާ ދަންނައެ! އެމީހާގެ ހިޖްރަވާހުށީ ﷲއަށާއި އެކަލާނގެ ރަސޫލާއަށެވެ. އެބަހީ އެހިޖްރާގެ ޘަވާބު ލިބޭނެއެވެ. ފަހެ، ދުނިޔެއިން އެމީހާ ލިބިގެންފާނެ ކަމަކަށް، ދުނިޔެއަށްޓަކައި ހިޖްރަކޮށްފިމީހާ ނުވަތަ އަންހެނަކާ ކައިވެނި ކުރުމަށް ހިޖްރަކޮށްފިމީހާ ދަންނައެ! ފަހެ އެމީހާގެ ހިޖްރަވާހުށީ އެމީހަކު އެހިޖްރަކުރި ކަމަކަށެވެ. މިއެވެ. 

ކޮންމެ ޢަމަލެއްގައިމެ ނިޔަތަކީ މުހިއްމު ކަމެކެވެ. އަޅުކަމެއް ޞައްޙަވާހުށީ ތިންޝަރުޠެއް ފުރިހަމަ ވުމުންނެވެ. (1) ނިޔަތްގަތުން. (2) އިޚުލާޞްތެރިކަން. (3) ޝަރުޢުގައި ކަނޑައެޅިފައިވާ ގޮތަށް ބަދަލު ނުގެނެސް އަޅުކަންކުރުން. މިއެވެ. މިދެންނެވި ބަހުގެ މާނައަކީ އަޅުކަން ޞައްޙަވުމުގެ ވާހަކައެވެ. ނިޔަތުން ފަރުބަދަތައް ފުނޑުކޮށްލެވޭ ވާހަކައެއް ނޫނެވެ. ޒިނޭކުރަމުން މިކުރަނީ ރަގަޅުކަމެއް ކަމުގައި ނިޔަތްގަތުމަކުން އެއީ ރަގަޅުކަމަކަށް ނުހެދޭނެއެވެ. ނުބައި ކަންތައް ކުރަމުން އަހުރެންގެ ނިޔަތްއޮތީ ރަގަޅަށޭ ބުނާމީހުން އެހަދަނީ ބުހުތާން ދޮގެކެވެ. ނިޔަތް ރަގަޅުނަމަ އެނުބައި ކަމަކަށް އަރައެއް ނުގަތީހެވެ. 

މުސްލިމުން ދުނިޔޭގައި ވެރިކަންކުރި ދިގުޒަމާނުގައި ޤަޥްމަށްޓަކައި “ޝަހީދު” ވުމެއް ނޯވެއެވެ. އަދި ކިއެއްތަ! ޤަޥްމިއްޔަތު ޔަޢުނީ ނޭޝަނަލިޒަމްއަކީ އޮތް އެއްޗެއްނޫނެވެ. ޤަޥްމިއްޔަތު އުފެދުނީ މީލާދީން 18 ވަނަ ޤަރުނުގައެވެ. މިކަމުގެ ވަބާ އިސްލާމީ އުއްމަތަށް މެދުވެރިވިއެވެ. މުސްލިމުން ނިކަމެތިވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ޤަޥްމިއްޔަތުގެ ސަބަބުން އުފެއްދި ބައުޘްޕާޓީފަދަ ކަންކަމުން ލިބުނު ގެއްލުން މިހާރުވެސް އަޅުގަނޑުމެންގެ ލޯމަތީގައި ހާމަވަމުންދާތަން ފެންނަމުން އެބަދެއެވެ. ހަމައެކަނި އިރާޤާއި އީރާނުގެ ހަނގުރާމަ ފުދެއެވެ. 

ރޫމީންނާއި ފާރިސީންނާއި ޢަރަބީންނާއި ދުނިޔޭގެ އެތަން މިތަނުގެ މީހުންގެ ތެރެއިން އިސްލާމްވެ ވަޑައިގެން ތިއްބެވި ބޭފުޅުންގެ މެދުގައި ހިޖްރައަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޚުކުރެއްވީ އިސްލާމްދީނުގެ އުޚުވަތްތެރިކަމުގެ އަސާސުގެ މައްޗަށެވެ. ޤަޥްމިއްޔަތުގެ މައްޗަކަށް ނޫނެވެ. ޢަރައްބަކު ޢަޖަމީއެއްގެ މައްޗަކަށް ނުވަތަ ޢަޖަމީއަކު ޢަރައްބެއްގެ މައްޗަކަށް މާތްކަމެއް ނުވެއެވެ. މާތްކަން ލިބުންވަނީ ތަޤްވާވެރި ވުމުންނެވެ. 

ހަނގުރާމައިގެ މައިދާނުގައި ޝަހީދުވާ މީހުންނަކީ މަތިވެރި ބައެކެވެ. އެބައިމީހުންނަށްހުރި މާތްކަމާއި ޘަވާބުގެ ވާހަކަ ކީރިތި ޤުރުއާނުގައި އަރަހުށި މާތްﷲ ބަޔާން ކޮށްދެއްވާފައި ވެއެވެ. އެބައިމީހުންނަކީ ﷲގެ ކަލިމަފުޅު އުފުލުމަށްޓަކައި ހަނގުރާމަކޮށް ޝަހީދުވާ މީހުންނެވެ. ޤަޥްމަށްޓަކައި ޝަހީދުވާ މީހުންނެއްނޫނެވެ. 

އުޙުދު ހަނގުރާމައިގައި ހިގައިދިޔަ ޙާދިޘާއެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ޤުޒުމާނުގެ ވާހަކަ ދެންނެވުނު ހިނދު އޭނާއަކީ ނަރަކައިގެ އަހުލުވެރިއެއްކަމުގައި ޙަދީޘް ކުރެއްވިއެވެ. އެދުވަހު ޤުޒުމާނުގެފާނު ނުހަނު ގަދަ ހަނގުރާމަ ކުރެއްވުމަކުން ހަނގުރާމަ ކުރެއްވިއެވެ. މުޝްރިކުންގެ ތެރެއިން އަށް މީހުން ނުވަތަ ހަތްމީހަކު އޭނާ އެކަނި ޤަތުލު ކޮށްލެއްވިއެވެ. އެއަށްފަހު ކަނޑި އެތިފަހަރަކުން މީނާ ޒަޚަމްވެގެން ހަނގުރާމައިގެ މައިދާނަށް ވެއްޓިއްޖެއެވެ. އެހެންކަމުން، ބަނީ ޒަފަރުގެ ގެއަށް ގެންދެވުނެވެ. އަޞްޙާބު ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ވަޑައިގެން އޭނާގެ ގާތުގައި ވިދާޅުވާން ފައްޓަވައިފިއެވެ. އޭ ޤުޒުމާން އޭ! ﷲ ގަންދެއްވާ ވިދާޅުވަމުއެވެ. މިއަދު ތިޔަކުރެއްވީ ހާދަހާ ވަރުގަދަ ހިތްވަރެކެވެ! އުފާވެރިކަމުގެ ޚަބަރު ކަލެއަށް ހުއްޓެވެ. އެބަހީ: ސުވަރުގޭގެ މަތިވެރި ޘަވާބުގެ އުފާވެރި ޚަބަރު ހުއްޓެވެ! ޤުޒްމާނު ބުނެފޫއެވެ. އުފާވެރިކަމުގެ ޚަބަރު ތިޔަދެއްވަނީ ކޮންކަމަކަށް ތޯއެވެ؟ ﷲ ގަންދީ ބުނަމެވެ. އަހުރެންގެ ޤަޥްމުގެ ފަޚްރުވެރިކަމަށްޓަކައި މެނުވީ އަހުރެން ހަނގުރާމައެއް ނުކުރަމެވެ. އެހެން ރިވާޔަތެއްގައިވެއެވެ. އަހުރެންގެ ޤަޥްމަށްޓަކައި މެނުވީ އަހުރެން ހަނގުރާމައެއް ނުކުރަމެވެ. ޤަޥްމަށްޓަކައި ނޫންނަމަ ހަނގުރާމައެއް ނުކުރީމުހެވެ. ކޮންމެއަކަސް ލިބިފައިވާ ޒަޚަމްގެ ސަބަބުން ހަށިގަނޑުގައި ވޭންއަޅަން ފެށުމުން އޭނާގެ ތީރުކަމާނުން ތީރެއްނަގައި އެތީރުން އޭނާގެ ފުރާނަ ދުއްވާލީއެވެ. (ބައްލާ: ސީރަތު އިބްނު ހިޝާމް: އުޙުދު ހަނގުރާމަ) 

ޤުޒްމާނުގެ އަމިއްލަ އިޢުތިރާފުން ސާބިތުވަނީ އޭނާ ހަނގުރާމަކުރީ ﷲގެ މަގުގައި ނޫންކަމެވެ. ޤަޥްމަށްޓަކައި ކަމެވެ. އެހެންކަމުން އޭނާއަކީ ނަރަކަވަންތަ ވެރިއަކަށް ވެގެން ދިޔައީއެވެ. ދެންފަހެ، ޤުޒްމާނު ދިފާޢުކުރަން ބޭނުންވެގެން އުޅުނީ އަލްމަދީނަތުލް މުނައްވަރާއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އަޞްޙާބު ބޭކަލުންގެ “ޤަޥްމު” ވެސް މެއެވެ. މިހެންވުމާއެކުވެސް ޤަޥްމަށްޓަކައި ހަނގުރާމަ ކުރުމުން ލިބުނު މޮޅުކަމެއްނެތެވެ.
އުޙުދު ހަނގުރާމައިގެ ދުވަހު، ބައެއްބޭކަލުން ޤުޒްމާނަށް ތާރީފު ކުރައްވައި އުފާވެރި ޚަބަރު ދެއްވުމުން، އަހުރެން ޤަޥްމަށްޓަކައިނޫނީ ހަނގުރާމައެއް ނުކުރަމޭބުނެ އިޢްތިރާފު ވުމުންނާއި، އޭނާއަކީ ނަރަކަވަންތަ ވެރިޔެއްކަމުގައި އޭގެކުރީގައި ޙަދީޘް ކުރައްވާފައި ވުމުންނާއި، ﷲގެ މަގުގައި ހަނގުރާމަ ކުރުމަކީ ހަމައެކަނި ﷲގެ ކަލިމަފުޅު އުފުލުމަށްޓަކައި ހަނގުރާމަ ކުރުން ކަމުގައި ޙަދީޘް ކުރައްވާފައި ވުމުން ސާބިތުވަނީ އޭނާ ނަރަކަވަންތަ ވެރިއަކަށްވުމުގެ ސަބަބަކީ ޤަޥްމަށްޓަކައި ހަނގުރާމަ ކުރުން ކަމެވެ. ދެން އެއަށްފަހު ކޮންމެ ގޮތަކަށް މަރުވިޔަސްވެހެވެ.
ހިތުނިޔަތުގެ މުހިއްމުކަން ބަޔާންވެގެންދާ ޝަރުޢީ ނައްޞުތަކުގެ ތެރޭގައި ތިރީގައިމިވާ ޙަދީޘްވެސް ހިމެނެއެވެ. ﷲ ރުއްސުންލެއްވި އަބޫބަކްރަތަ ނުފައިޢި އިބްނިލް ޙާރިޘިއްޘަޤަފިއްޔިގެ އަރިހުން އަލްއިމާމުލް ބުޚާރީއާއި އަލްއިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ދެމުސްލިމަކު ކަނޑިހިފައިގެން އެކަކުއަނެކަކާ ބައްދަލުކޮށް ދެމީހުންކުރެ އެކަކު ޤަތުލުކޮށްފިއްޔާ ދެމީހުންވެސް ވާހުށީ ނަރަކައިގައެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ! މިއީ ޤަތުލުކުރި މީހާއެވެ. ޔަޢުނީ: ޤަތުލުކުރާމީހާ (ޤާތިލު) ވާނީ ނަރަކައިގައިކަން އެނގެއެވެ. ފަހެ ޤަތުލު ވެވުނުމީހާ (މަޤްތޫލް) ނަރަކައަށް ވެއްޓެނީ ކީއްވެތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެހެނީ ހަމަކަށަވަރުން އޭނާގެ ބައިވެރިޔާ ޤަތުލު ކުރުމަށް ނިޔަތްގަނެ އެކަމަށް ދަހިވެތި ވެފައިވާ މީހެއްކަމުގައި އޭނާ ވީތީއެވެ. މިއެވެ. 

ނަމާދުކުރާމީހާވެސް ނަމާދާމެދު ފަރުވާކުޑަކޮށް ނުވަތަ ކަންދެއްކުމަށް ނަމާދުކުރާނަމަ އޭނާއަށްހުރީ ނަރަކައިގެ ވައިލުކަން ކީރިތިޤުރުއާނުގެ އަލްމާޢޫން ސޫރަތުން ސާބިތުވެއެވެ. ކަންދެއްކުން ކަމަށް ވެގެންދާނީ ހިތުނިޔަތުންނެވެ. ނަމާދަށްދާތަން މީސްމީހުންނަށް ފެންނަފެނުމަކީ ކަންދެއްކުން ކަމަށް ބެލެވޭނޭ ކަމެއްނޫނެވެ. ފަހެ، ޢަމަލުތައް ޞައްޙަވުންވަނީ ނިޔަތުންނެވެ. 

ރިވާވެގެންވެއެވެ. ﷲ ރުއްސުންލެއްވި ޢަލީގެފާނާއި ޔަހޫދީއަކާ ހަނގުރާމައިގެ މައިދާނުގައި ޙަމަލާއެއްގައި ޔަހޫދީކަލޭގެ ބިންމައްޗަށް ވެއްޓުމުން ޢަލީގެފާނު އޭނާގެ މޭމަތީގައި އިށީދެ ވަޑައިގެން އޭނާ ޤަތުލު ކުރައްވަން ކަނޑިކޮޅު އުފުއްލަވައިލެއްވި ހިނދު އެކަލޭގެފާނުގެ މާތްމޫނުފުޅަށް ޔަހޫދީކަލޭގެ ކުޅުޖަހައިފިއެވެ. ކުޅުޖެހުމާއެކު އެކަލޭގެފާނު އޭނާދޫކޮށް ލައްވައިފިއެވެ. އޭނާ ތެދުވެ ދެންނެވިއެވެ. މޫނުފުޅަށް ކުޅުޖެހުމުން އަޅުގަނޑު ދޫކޮށްލެއްވީ ކީއްވެތޯއެވެ؟ ވިދާޅުވިއެވެ. އަހަރެން ކަލޭ ޤަތުލުކުރަންޖެހެނީ ކަލެއަކީ ﷲގެ ޢަދާވާތްތެރިއަކަށްވާތީ އެކަމަށްޓަކައެވެ. ކުޅުޖެހީމާ ޤަތުލު ކުރެއްވުމުން އެއީ ރުޅި އިސްކުރެވިގެން ކުރެއްވުނު ކަމަކަށް ވެދާނެތީ ދޫކޮށްލެއްވީއެވެ. އެހިނދު އޭނާ އިސްލާމްވީއެވެ. 

ދިވެހިންގެ ތެރެއިން އެމް.ޑީ.ޕީއަށް ނަފުރަތުކުރާ ކޮންމެމީހަކީ އިސްލާމްދީނުގެ ޙުކުމްތަކަށް ނަފުރަތުކުރާ މީހެއްނޫނެވެ. ނަމަވެސް އިސްލާމްދީނުގެ ޙުކުމްތަކަށް ނަފުރަތުކުރާ މީހުން އެމް.ޑީ.ޕީއަށް ނަފުރަތުކޮށްފާނެއެވެ. ސަބަބަކީ ނުހަނުދިގު މުއްދަތަކަށް އާދެ! އަށާވީހަކަށް އަހަރުވަންދެން އިސްލާމްދީނުގެ ބައެއް ޙުކުމްތައް ދީނުގައި ކަނޑައެޅިފައިހުންނަ ގޮތަށް ބަޔާންކޮށްދިނުން މަނާވެފައި ވަނިކޮށް ﷲގެ ރަޙްމަތްފުޅުން ޙުކުމްތައް ބަޔާންކޮށް ދިނުމުގެ މިނިވަންކަން ލިބުނީ އެމް.ޑީ.ޕީ. ވުޖޫދު ވުމުގެސަބަބުން ކަމަށްވާތީއެވެ. ކަންމިހެންވުމުން ރުޅިއިސްކުރާ ބަޔަކު ރުޅިއިސްކުރާނެއެވެ. އެކަމުގެ ސަބަބުން އެބައެއްގެ ޕްރެޒަރ މައްޗަށްދިޔުންނޫން އެހެންކަމެއް ނުމެވާނޭމެއެވެ. 

އަސްމާ ޖަހާގީރުފަދަ މުސްލިމުންގެ ނަމުގައި ތިބެގެން މުސްލިމުންގެ އަޤީދާ ފާސިދުކުރާ ބާވަތުގެ މީހުން ސަރުކާރުން ރާވައިގެން ރަށްރަށުގެ ރަށްކުރިއަރުވާ ކޮމިޓީތަކާ ބައްދަލުކޮށްގެންނާއި، ތަޢުލީމުގެ ތެރެއިން ދިވެހިންގެ ޢަޤީދާ ފާސިދުކޮށް، ޒަމާނުއްސުރެ ރާއްޖޭގައި އޮންނަ އިސްލާމްދީނުގެ އަޚުވަންތަކަން ނަގާލައި ނަޞާރާދީން ފެތުރުމަށް މަގުފަހިކޮށްދީހަދަނީ ކޮންބައެއް ބާވައެވެ؟ ދެން އެމް.ޑީ.ޕީ.ގެ ބޮލުގައި ނަޞާރާދީން ފެތުރުމުގެ އިލްޒާމު އެޅުވީމާ އެކުރެވެނީ ކޮންބާވަތެއްގެ ޤައުމީ ޚިދްމަތެއް ބާވައެވެ؟ އެއުޅެނީ ޤަޥްމަށްޓަކައި “ޝަހީދު”ވާން ބާވައެވެ؟ 

ދިވެހިންނަކީ އިސްލާމްދީނަށް ލޯބިކުރާ ބައެކެވެ. “ޔާރައްބަނާ” ސީޑީގެ ސަބަބުން ﷲގެ ރަޙްމަތްފުޅުން ރާއްޖެތެރެއަށްއައި ދީނީ ހެޔޮބަދަލު ފާހަގަކޮށްލަން ޖެހެއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ. ދީނުގެ ޙުކުމްތައް ދީނުގައި ކަނޑައެޅިފައިވާގޮތަށް ބަޔާންކޮށް ދެވޭނަމަ އަނިޔާވެރިން ބިރުގަތަސް ﷲ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ތެރޭގައި ދީނީރޫޙު އާލާވެގެންދާނެއެވެ. 

މީހަކު ހެޔޮނަޞީޙަތެއް ދިނުމުން އެއީ އިބްލީހަށް ބަތްކައްކައިދޭން އުޅުންކަމަށް ބުނާ ފެންވަރަށް ރަސޫލުޒަމާނުގައި އުޅުނު މުނާފިޤުންނަކަށް ވާހަކަ ދައްކާކަށެއް ނުކެރެއެވެ. ހަމަރޯޅިއަށް ކެރުނީތާއެވެ. އިސްލާމްދީނަށް ފުރައްސާރަކުރާނީ މުނާފިޤުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަމައެކަނި މަޢާފުކޮށް ނުދެއްވިކަމަކީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންގެ ފުރައްސާރަ ކުރުމުގެކުށެވެ. އެއީ ދީނުން ބޭރުވާ ކަމެކެވެ. ﷲގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. 

“(65)
ހަމަކަށަވަރުން ކަލޭގެފާނު އެބައިމީހުންނާ ސުވާލުކުރައްވައިފިނަމަ، އެބައިމީހުން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ ﷲއާއި، އެކަލާނގެ އާޔަތްތަކާއި، އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟ (66) ތިޔަބައިމީހުން ޢުޛުރު ނުދައްކާށެވެ! ތިޔަބައިމީހުން އީމާންވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ ކާފިރުވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ ޢަފޫކުރެއްވިޔަސް އަނެއްބަޔަކަށް ޢަޛާބު ދެއްވަމެވެ. އެއީ ހަމަކަށަވަރުން އެބައިމީހުން ކުށްވެރިބަޔަކު ކަމުގައި ވީކަމަށްޓަކައެވެ. (67) މުނާފިޤު ފިރިހެނުންނާއި މުނާފިޤު އަންހެނުންނީ އޭގެ އެއްބަޔަކު އަނެއްބައެއްގެ ތެރެއިން ވާބައެކެވެ. އެބައިމީހުން ނުބައިކަންތަކަށް އަމުރުކުރެއެވެ. އަދި ހެޔޮކަންތައް ނަހީކުރެއެވެ. އަދި ހޭދަކުރުމުން އެއްކިބާވެ މުށްބާރު ކުރެއެވެ. އެބައިމީހުން ﷲ ހަނދުމަ ނެތިކުރިއެވެ. ދެން ﷲ އެބައިމީހުންގެ މަތީން ހަނދުމަނެތި ކުރެއްވިއެވެ. ހަމަކަށަވަރުން މުނާފިޤުންނަކީ ހަމަ ފާސިޤުންނެވެ. (68) މުނާފިޤު ފިރިހެނުންނާއި، މުނާފިޤު އަންހެނުންނާއި، ކާފިރުންނަށް ﷲ ވަޢުދުކުރައްވާފައިވަނީ ނަރަކައިގެ އަލިފާނެވެ. އެތާނގައި އެބައިމީހުން ދެމިތިބޭ ޙާލުގައެވެ. އެނަރަކަ އެބައިމީހުންނަށް ފުދިގެންވެއެވެ. އަދި ﷲ އެބައިމީހުންނަށް ލަޢުނަތް ލެއްވިއެވެ. އަދި ދެމިހުންނަނިވި ޢަޛާބު އެބައިމީހުންނަށް ހުއްޓެވެ.” ސޫރަތުއް ތަޥްބާ.
ދިވެހި އަބްޠާލުން މާޒީގެ ޒަމާނުގައި ޖިހާދުކުރެއްވީ އިސްލާމްދީނަށްޓަކައިކަން ޤަބޫލުކުރަން ޖެހެއެވެ. މިބަހުގެ މައްޗަށް އެތައްގޮތަކުން ބާރުލިބެއެވެ. ވޭތުވެދިޔަ ޒަމާނުގައި ދިވެހިންގެ ދީނީ ޢަޤީދާ ޞައްޙަވެފައި، އީމާންކަން ހަރުދަނާކަން ތާރީޚު ހެކިދެއެވެ.
ދާދިފަހަކާ ޖެހެންދެން އިސްލާމްދީނުގެ ޙުކުމްތަކާމެދު މަލާމާތުގެ ރާގަށް ދިވެހިން ވާހަކަދައްކައި އުޅުނުކަމެއް ތާރީޚަކުން ސާބިތެއްނުވެއެވެ. ޢަމަލީ މައިދާނުގައި އެންމެފުރިހަމަ ބަޔަކު ކަމުގައި ނުވިޔަސް ޢަޤީދާ ޞައްޙަކަން ސާބިތުވެއެވެ. އެހެންކަމުން އެބައިމީހުން ޖިހާދުކުރީ އިސްލާމްދީނަށްޓަކައިކަން ގަބޫލުކުރަން ޖެހެއެވެ. ކަޅުއޮށްފުންމީގެ ފަހުލަވާނުންގެ މެދުގައި ޖިހާދު ކުރުމަށް ދެކެވުނު ވާހަކަ ސަނަދުގުޅިގެން އެންމެ އިތުބާރު ހުރިގޮތުގައި ލިޔެވިފައި ނުވިޔަސް، އެނގެންހުރި މިންވަރުން ފާހަގަ ކުރަންޖެހޭނީ އެބޭކަލުން ޖިހާދުކުރެއްވީ އިސްލާމްދީނަށްޓަކައިކަމެވެ. ފަހެ މުޙައްމަދު ތަކުރުފާނު ވިދާޅުވި ކަމުގައިވެއެވެ. “އަހަރެން މިއުޅެނީ ރާއްޖޭގެ ވެރިކަން އިސްލާމްދީނަށް އެބުރިއްޖައުމަށް ދާންދެން މިއުޅޭ ކާފިރުންނާތޮޅި، އެއުރެންނަށް އުދަގޫކޮށް ބިރުދައްކައި، އެއުރެން މިރަށްރަށުގައި ތިއްބަނުދީ ފައްސައި ނަގާލާށެވެ. ހިންމަވާނީ މާތްރަސްކަލާނގެއެވެ.” (ބޮޑުތަކުރުފާނު ވާހަކަ: ޞަލާޙުއްދީން.)

މުސްލިމުން އެކި ޤަޥްމު ޤަޥްމަށް ނިސްބަތްވެފައިވާ ޒަމާނުގައި، މުސްލިމުންގެ ދޭދޭ ޤަޥްމުތަކުގެ މެދުގައި ބޯޑަރގެ މަސްއަލާގައި ކުރާ ހަނގުރާމައާއި، ތެޔޮވަޅުފަދަ ތަންތަން އަތުލައިގަތުމަށް ކުރާ ހަނގުރާމައަކީ އެއްވެސް ޙާލެއްގައި އިސްލާމްދީނަށްޓަކައި ކުރާ ހަނގުރާމަ ކަމަކަށް ނުބެލެވޭނެއެވެ. އިސްލާމްދީނަށްޓަކައި ކުރާ ހަނގުރާމައަކީ، ބޮޑުތަކުރުފާނު ފަދައިން، ﷲގެ ކަލިމަފުޅު އުފުލުމަށްޓަކައި ކާފިރުންނާކުރާ ހަނގުރާމައެވެ. 

ޔޫރަޕް ޤަޥްމުތަކުގެ އިސްތިޢުމާރުގެ ދުވަސްވަރު އެބައިމީހުން ހަނގުރާމަކުރީ ތިން މަޤްޞަދަކަށްޓަކައިކަން އެބައިމީހުންގެ ހިސްޓްރީފޮތް ފޮތުގައި ބަޔާންކޮށްފައިވެއެވެ. މިތިން މަޤްޞަދަކީ (1) ނަޞާރާދީން ފެތުރުން. (2) ޤަޥްމު ޤަޥްމުގެ މުއްސަދިކަން އަތުލައިގަތުން. (3) އެކިއެކި ތަންތަނަށް ވެރިވެ، މަޝްހޫރުވުމާއި ފަޚްރުވެރިވުން. އިގިރޭސިބަހުންނަމަ މިތިން މަޤްޞަދު ކުރުގޮތަކަށް ބަޔާންކޮށްފައި ހުންނަނީ: (1) God (2) Gold (3) Glory މިފަދައިންނެވެ. 

މާތްވެގެންވާ އިސްލާމްދީނުގައި ހަނގުރާމަ ޝަރުޢު ކުރެއްވިފައިވަނީ ހަމައެކަނި ﷲގެ ކަލިމަފުޅު މަތިވެރި ކުރުމަށްޓަކައެވެ. މިފަދަ ހަނގުރާމައިގައި ލިބޭ ނަޞްރަކީ އެބަޔެއްގެ ވަޒަނަށް ލިބޭ ފައިދާއެއްވެސްމެއެވެ. ވަޒަންދެކެ ލޯބިވުމާއި، މައިން ބަފައިންދެކެ ލޯބިވުމާއި، ދަރީންދެކެ ލޯބިވުމާއި، އަޚުންނާއި ގާތްތިމާގެ މީހުންދެކެ ލޯބިވުމާއި، އަނބިންދެކެ ލޯބިވުމާއި، ފިރިންދެކެ ލޯބިވުމާއި، މުދަލަށް ލޯބިވުމާއި، ވިޔަފާރިއާއި ގެދޮރަށް ލޯބިވުމާއި، މިފަދަ ތަކެއްޗަށް ލޯބިވުމަކީ ނެތްކަމެއްނޫނެވެ. ލޯބިވާނެއެވެ. ނަމަވެސް މިތަކެއްޗަށްވުރެ ބޮޑަށް ލޯބިވާންޖެހެނީ ﷲއަށާއި، އެކަލާނގެ ރަސޫލާއަށާއި، އެކަލާނގެ މަގުގައި ޖިހާދު ކުރުމަށެވެ. ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިން ބަފައިންނާއި، ދަރީންނާއި، އަޚުންނާއި، އަނބީންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި، (މިހުރިހައި ތަކެތި) ﷲއާއި، އެކަލާނގެ ރަސޫލާއާއި އެކަލާނގެ މަގުގައި ޖިހާދުކުރުމަށްވުރެން ތިޔަބައިމީހުންނަށް ލޯބިވެތިކަމުގައިވާނަމަ ﷲގެ އަމުރުފުޅު އަތުވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ބަލަބަލާތިބޭށެވެ. ފާސިޤުވީ މީހުންނަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ. (ސޫރަތުއް ތަޥްބާ:24) 

އިސްލާމީ ޝަރީޢަތުގައި ޝަހީދުން ބެހިގެންވަނީ ތިންބާވަތަކަށެވެ. (1) ދުނިޔެއާއި އާޚިރަތުގެ ޝަހީދުން: މިބައި މީހުންނަކީ އިސްލާމްދީނަށްޓަކައި ކާފިރުންނާ ހަނގުރާމަ ކުރަނިކޮށް ހަނގުރާމައިގެ މައިދާނުގައި ޝަހީދުވާ މީހުންނެވެ. މިބައިމީހުން ހިނެވުމެއް ކަށުނަމާދު ކުރުމެއް ނޯންނާނެއެވެ. ކަފުންކުރާނީ ޝަހީދުވީއިރު ލައިގެންއޮތް ހެދުމެއްގައެވެ. ހެދުން ކުރުކަމުން ކަފުން ނުކުރެވޭނަމަ އުނިވިބައި އެހެން އެއްޗަކުން ފުރިހަމަކޮށްލާނީއެވެ. ހެދުން ދިގުނަމަ، ދިގުވިބައި އުނިކޮށްލާނީއެވެ. މިބައިމީހުންނަކީ އެންމެމަތިވެރި އެންމެމާތް ޝަހީދުންނެވެ. (2) އާޚިރަތުގެ ޝަހީދުން: މިބައިމީހުންނަކީ ވިހެއުމުގެ ތެރޭގައި މަރުވާ އަންހެނުން ނުވަތަ ކަނޑުވެ މަރުވާމީހުން، ކޮލޮރާ ނުވަތަ ޝިގިއްލާފަދަ ޠާޢޫނުގައި މަރުވާމީހުން، ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައި މަރުވާމީހުން، އަލިފާނުގެ ޙާދިސާއެއްގައި މަރުވާމީހުންފަދަ މީހުންނެވެ. އަމިއްލަ އިޚްތިޔާރުން އަލިފާން ގަޑަކަށް ފުންމާލައިގެން މަރުވެއްޖެނަމަ އެއީ ކުފުރުމަރެކެވެ. ނަރަކަވަންތަ ވެރިއެކެވެ. އަމިއްލަ އިޚްތިޔާރަކާނުލައި މިޙާލަތުގައި މަރުވާގޮތް ދިމާވެއްޖެނަމަ އެމީހަކީ ޝަހީދެކެވެ. ނިޔަތުން އަންނަތަފާތަކީ މިއީއެވެ. މިބާވަތުގެ ޝަހީދުން ހިނެވުމާއި، ކަފުން ކުރުމާއި، ކަށުނަމާދުކުރުން ވާޖިބުވެގެންވެއެވެ. އިރާދަކުރެއްވިއްޔާ މިބާވަތުގެ ޝަހީދުންނަކީވެސް ސުވަރުގެވަންތަ ވެރިންނެވެ. (3) ތިންވަނަ ބާވަތުގެ ޝަހީދުންނަކީ ހަމައެކަނި ދުނިޔޭގެ ޝަހީދުން: މިބައިމީހުންނަކީ ޣަނީމައިގެ ތެރެއިން އެއްޗެއް ވަގަށް ނެގުމަށްފަހު ޤަތުލުވެގެންދާ މީހުންނާއި، ހަނގުރާމައިގެ މައިދާނުން ފިލަން ދުވަނިކޮށް ޤަތުލުވާ މީހުންނެވެ. މިބައިމީހުން ހިނަވައި ކަފުންކޮށް ކަށުނަމާދުކުރުން ވާޖިބުވާނެއެވެ. މިބައިމީހުންނަކީ ނަރަކައަށް ވެއްޓިގެންދާނެ ބައެއްކަމުގައި ޙަދީޘުން ސާބިތުވެއެވެ. 

އިސްލާމްދީނުގައި ހަނގުރާމަކުރަން ޖެހެނީ ހަމައެކަނި ﷲގެ މަގުގައެވެ. ﷲގެ ކަލިމަފުޅު އުފުލުމަށްޓަކައެވެ. ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. “(38) އޭ އީމާންވި މީހުންނޭވެ! ﷲގެ މަގުގައި ހަނގުރާމަ ކުރުމަށް ނުކުންނާށޭ ތިޔަބައިމީހުންނަށް ބުނެވުނު ހިނދު، ތިޔަބައިމީހުން ބިމަށް ބަރުހެލިވެގަތީ ކީއްވެގެން ހެއްޔެވެ؟ އާޚިރަތަށްވުރެ ދުނިޔޭގެ ދިރިހުރުމަށް ތިޔަބައިމީހުން ރުހުނީ ހެއްޔެވެ؟ ދުނިޔޭގެ އުފަލާއި އަރާމަކީ އާޚިރަތާއި އަޅާބަލާއިރު، މަދުއެތިކޮޅެއް ކަމުގައިނޫނީ ނުވެއެވެ. (39) ތިޔަބައިމީހުން ހަނގުރާމައަށް ނުނިކުންނަނަމަ، ވޭންދެނިވި ޢަޛާބަކުން އެކަލާނގެ ތިޔަބައިމީހުންނަށް ޢަޛާބުދެއްވާނެއެވެ. އަދި ތިޔަބައިމީހުންގެ ބަދަލުގައި އެހެންބަޔަކު ގެންނަވާފާނެއެވެ. އަދި ތިޔަބައިމީހުންނަކަށް އެއްވެސް ކަމަކުން އެކަލާނގެއަށް ގެއްލުމެއް ނުދެވޭނެއެވެ. ﷲއީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.” (ސޫރަތުއް ތަޥްބާ)

ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންނާމެދު ﷲގެ ވަޙީބަސްފުޅުގެ މާނަ: “(169) ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންނަކީ މަރުވެފައިވާ ބައެކޭ ހީނނުކުރާ ހުށިކަމެވެ. އަދި ކިއެއްތަ! އެބައިމީހުންނީ، އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ރިޒްޤުދެއްވާ ޙާލު، ދިރިތިބި ބައެކެވެ. (170) އެބައިމީހުން ތިބޭހުށީ ﷲ، އެކަލާނގެ ފަޟްލުވަންތަ ކަމުން އެބައިމީހުންނަށް ދެއްވި ކަންތަކާމެދު އުފާކުރާ ޙާލުގައެވެ. އަދި އެބައިމީހުންގެ ފަހަތުން އައިސް އަދި ބައްދަލު ނުކޮށް ތިބި މީހުންނާމެދު އެބައިމީހުންގެ މައްޗަށް ބިރެއްނެތް ކަމަށާއި، އަދި އެބައިމީހުންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވާކަމާމެދު އެބައިމީހުން އުފާކުރާ ހާލުގައެވެ. (171) އެބައިމީހުންވަނީ ﷲގެ ޙަޟްރަތުން ދެއްވާ ނިޢުމަތާއި، ފަޟްލުވަންތަ ކަމަށާއި އަދި ހަމަކަށަވަރުން ﷲ، މުއުމިނުންގެ ދަރުމަ ގެއްލެނި ނުކުރައްވާނޭކަމަށް އުފާކުރާ ގޮތުގައެވެ.” ސޫރަތު އާލު އިމްރާން) 

ދެންފަހެ، ތިޔަވިދާޅުވާ “ގްލޯބަލައިޒް ޒުވާނުން” ވެސް ޝަހީދުންގެ ޙުކުމްތައް ދެނެގަތުމުގެ ކުރީގައި އީމާން، އިސްލާމް، އިޙްސާންކަން ދެނެގަތުން ވާޖިބުވެގެންވެއެވެ. އެހެން ވެއްޖެނަމަ އިސްލާމްދީނުގެ ޙުކުމަކަށް މަލާމާތް ކުރާކަށެއް ނުކެރޭނެއެވެ. އަދި މަލާއިކަތުންނާމެދު މުރުތައްދުވާ ބާވަތުގެ ވާހަކައެއް ދައްކާކަށެއްވެސް އެމީހުންނަކަށް ނުމެކެރޭނޭމެއެވ

No comments:

Post a Comment