ޒިކުރު ކުރުމަކީ ރައްކާތެރި ކަމުގެ އައްޑަނަ
އިންސާނާ ޣާފިލުކަމުން ދުރުހެލިކޮށްދޭ އެއްޗަކީ މާތްﷲ
ހަނދުމަކޮށް އެކަލާނގެއަށް ޒިކުރު ކުރުމެވެ. ޒިކުރަކީ އޭނާއާ ޢާލަމްތަކުގެ ވެރި
ރަސްކަލާނގެއާއި ދެމެދުގައިވާ ގުޅުން ދަމަހައްޓައިދޭ ވައުފަށެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. " فَاذْكُرُوْنِي أَذْكُرُكُمْ وَاشْكُرُوا لِيْ وَلاَ تَكْفُرُوْنِ " ( سورة البقرة: 152) މާނައީ: "ފަހެ،
ތިޔަބައިމީހުން ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރާށެވެ. އޭރުން
ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަ ކުރާ ހުށީމެވެ. އަދި
ތިމަންރަސްކަލާނގެ އަށް ޝުކުރުވެރިވާށެވެ. އަދި ކުފުރުވެރި ނުވާށެވެ."
(އެބަހީ: ތިޔަބައިމީހުންނަކީ ޝުކުރުވެރި ނުވާ ބައެއް ކަމުގައި ނުވާށެވެ.)
ޒިކުރު ކުރުމަކީ މާތް ﷲ އާ އަޅާއާ ކުއްތަން ކޮށްދޭ
ކަމެކެވެ. މާތް ﷲ އަށް ޒިކުރު ކުރާ މިންވަރަކުން މީހާ، އެކަލާނގެއާ ކުއްތަންވެ،
އަރިސްވެގެން ދެއެވެ. ޤުދުސީ ޙަދީޘެއްގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ
ޙަދީޡް ކުރެއްވިއެވެ. " يَقُوْلُ الله تَبَارَكَ وَتَعَالَى: أنَا عِنْدَ ظَنَّ عَبْدِيْ بِيْ، وَأَنَا مَعَهُ إِذَا ذَكَرَنِيْ، فَإِنْ ذَكَرَنِيْ فِيْ نَفْسِهِ ذَكَرْتُهِ فِيْ نَفْسِيْ، وَإِنْ ذَكَرَنِيْ فِيْ مَلَأٍ ذَكَرْتُهُ فِيْ مَلَأٍ خَيْرٌ مِنْهُمْ، وَإِنْ تَقَرَّبَ إِلَيَّ شِبْرًا تَقَرَّبْتُ إِلَيْهِ ذِرَاعًا، وَإِنْ تَقَرَّبَ إِلَيَّ ذِرَاعًا تَقَرَّبْتُ مِنْهُ بَاعًا، وَإِذًا أَتَانِيْ يَمْشِيْ أَتَيْتُهُ هَرْوَلَةً " (رواه البخاري ومسلم)މާނައީ: " މާތް ﷲ ވަޙީ
ކުރެއްވިއެވެ. ތިމަންރަސްކަލާނގެ އާ މެދު އަޅާ ހީ ކުރާ ގޮތެއް ގައި
ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. އަދި އަޅާ ތިމަންރަސްކަލާނގެ މަތިން
ހަނދުމަކޮށްފި ނަމަ، ތިމަންރަސްކަލާނގެ އޭނާ އާއި އެކު ވޮޑިގެންވަމެވެ. އޭނާ
ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރީ، އޭނާގެ އަމިއްލަ ނަފުސުގައި ކަމަށް ވާ
ނަމަ، ތިމަންރަސްކަލާނގެ ވެސް ތިމަންރަސްކަލާނގެ ޛާތުފުޅު ގައި އޭނާގެ މަތިން
ހަނދުމަ ކުރައްވާ ހުށީމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރީ
ޖަމާޢަތެއްގައި ނަމަ، އެއަށް ވުރެ ހެޔޮކަން ބޮޑު ބައެއްގެ ތެރޭގައި
ތިމަންރަސްކަލާނގެ އޭނާގެ މަތިން ހަނދުމަ ކުރައްވާ ހުށީމެވެ. އޭނާ ތިމަން
ރަސްކަލާނގެ އާއި ކައިވަތަކަށް ކުއްްތަންވި ނަމަ، ތިމަންރަސްކަލާނގެ އޭނާ އާއި
މުށެއްގެ މިންވަރަށް ކުއްްތަންވެ ވޮޑިގަންނަވާނަމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ
އާއި މުށަކަށް ކުއްްތަންވި ނަމަ، ތިމަންރަސްކަލާނގެ އޭނާ އާއި ބޮމަކަށް (ދެއަތުގެ
ދިގުމިނަށް) ކުއްްތަންވެ ވޮޑިގަންނަވާނަމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ އާ
ކުއްތަންވުމަށް ހިނގާފައި އަންނަނަމަ، ތިމަންރަސްކަލާނގެ އަވަސް ފިޔަވަޅުތަކެއް
ގައި އޭނާއާ ކުއްތަންވެ ވޮޑިގަންނަވާނަމެވެ. "
ޢިލްމުވެރީން ޒިކުރު ކުރުން ދެބަޔަކަށް ބައްސަވާފައި
ވެއެވެ. އެއީ: ލަފުޒީ ޒިކުރާއި މަޢުނަވީ ޒިކުރެވެ.
ލަފުޒީ ޒިކުރު ކުރުމަކީ އިންސާނާ ދުލުން ކުރާ ޒިކުރެވެ.
ޤުރްއާނު ކިޔެވުމާއި މާތްﷲ އަށް ތަސްބީޙަ ކިޔުމާއި ތަޙްމީދު ކުރުމާއި ދުޢާ
ކުރުމާއި އަދި ރަސޫލު ﷲ ޞައްލަ ﷲ ޢަލައި ވަސައްލަމުގެ މައްޗަށް ޞަލަވާތް
ކިޔެވުމަކީ ލަފުޒީ ޒިކުރު ކުރމެވެ. މަޢުނަވީ ޒިކުރު ކުރުމަކީ މާތް ﷲ ގެ ޢަޛާބަށް
ބިރުވެތިވެ، އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ.
ޒިކުރުގެ ބާތްވަތްތައް ގިނަ
ގުނައެވެ. ހެޔޮ ކަންތަކަށް ގޮވާލައި މުންކަރާތްތައް ނަހީ ކުރުމާއި އަދި މާތް ﷲ
މިކައުނުގައި ލައްވާފައިވާ ކަންތައްތަކާ މެދު ވިސްނާ ފިކުރުކޮށް، އެކަލާނގެ
ކުޅަދުންވަންތަ ކަން ހިތަށް ގެނެސް ގަތުމަކީ ވެސް ޒިކުރު ކުރުމެކެވެ. މީހާގެ
ދުލާއި ގުނަވަންތަކުން ކުރާ ކޮންމެ ހެޔޮ ކަމަކީ ވެސް ޒިކުރެކެވެ. އަދި
ކީރިތިޤުރްއާނު ކިޔެވުމަކީ އެންމެ އިތުރުކަން ބޮޑުވެގެންވާ ޒިކުރު ކުރުމެވެ. މާތް
ﷲގެ ޒިކުރުކޮށް، އެކަލާނގެ މަތިން ހަނދުމަ ކުރުމަކީ ގިނަ ގުނަ ރޫޙާނީ ފައިދާތަކާއި
މާއްދީ ފައިދާތަކެއް ހުރި ކަމެކެވެ. އަލްއިމާމު އިބްނުލްޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
" ޒިކުރު ކުރުމަކީ ރަޙްމާނުވަންތަ މާތް ﷲގެ ރުއްސެވުން ލިބިދޭ މަތިވެރި
ކަމެކެވެ. އެއީ ރިޒުޤާއި ތަނަވަސްކަން އިތުރުވާ ކަމެކެވެ. އަދި ޒިކުރަކީ
އިންސާނާގެ ހިތާއި ރޫޙުގެ ކޮށްތެވެ. އޭގެން އިންސާނާގެ ހިތަށް ދިރުން
ގެނެސްދެއެވެ. ހިތުގެ ޝިފާ އާއި ފަރުވާއަކަށް ވެއެވެ. ޒިކުރުގެ ސަބަބުން މީހާގެ ދޫ
މާތްﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތަކުން ރައްކާތެރިކޮށްދެއެވެ. ޒިކުރު ކުރުން
މަތީ ގައި ދެމި ހުންނަ މީހާ ދޮގުހެދުމާއި، ޣީބަ ބުނުމާއި، ދެބައޮޑުވުމާއި،
ހުތުރުބަސް ބުނުމުން ދޫ ރައްކާތެރިކޮށް ދެއެވެ. އަދި ޒިކުރުގެ ސަބަބުން
އިންސާނުންގެ ތެރެއިން ނުބައިމީހުންގެ ނުބައިކަމުންްނާއި ޝައިޠާނާގެ އުދަގޫތަކުން
މީހާ އަށް ރައްކާތެރިކަން ލިބިދެއެވެ."
މިފަދަ މާއްދިއްޔަތުގެ
ތެރެއަށް ޣަރަޤުވެފައިވާ ޒަމާނެއް ގައި މާތް ﷲ އަށް ޒިކުރު ކުރުން މަތީ ގައި
ދެމިހުރުމުގެ ބޭނުންތެރިކަން ވަނީ ބޮޑުވެފައެވެ. މިއަދު އަޅުގަނޑުމެންގެ
ކަންފަތްތަކަށް އަބަދާ އަބަދު އިވެމުން ދަނީ މާތްﷲ ޙަރާމު ކުރައްވާފައިވާ ލަވަޔާއި
މިޔުޒިކުގެ އަޑުތަކެވެ. އަދި ފެންނަމުން ދަނީ ދީނާއި ދުރުކުރުވާ ކަހަލަ
މަންޒަރުތަކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދޫތައް މާތް ﷲ ހަނދުމަ ކުރުން މަތީ
ގައި ދެމިތިބުމުގެ ބޭނުންތެރިކަން ބޮޑެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ
ޙަދީޡް ކުރެއްވިއެވެ. " لاَ يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللَّهِ " ( رواه الحاكم ) މާނައީ:" އަބަދާ
އަބަދު ތިބާގެ ދޫ ﷲ އަށް ޒިކުރު ކުރުމު ގައި ބަހައްޓާށެވެ."
No comments:
Post a Comment