Thursday, June 16, 2016

ޝާމުކަރައިގެ ފުތޫޙާތަށް ފެއްޓެވުން

ޝާމުކަރައިގެ ފުތޫޙާތަށް ފެއްޓެވުން

ޕާޝިޔަން އެމްޕަޔަރ ފިޔަވައި އެޒަމާނުގައި ދުނިޔޭގައި ދެވަނައަށްއޮތް އެންމެބޮޑު ބާރަކީ ރޯމަން އެމްޕަޔަރެވެ. ދައުލަތުގެ ސަރަޙައްދުގެ ތަނަވަސްކަމާއި، އާރާއި ބާރާއި ކީރިތި މޫރިތިކަމަށް ބަލާއިރު ޕާޝިޔަން އެމްޕަޔަރާ ވާދަކުރާ ބާރަކީ އެއީއެވެ. ރޯމަން އެމްޕަޔަރގެ ވެރިރަށަކީ ރޯމެވެ.  އިރުމަތީ ޤައުމުތަކުގެ ތެރެއިންވެސް ޝާމުކަރައާއި މިޞްރާއި އިތިއޮޕިޔާއާއި އަދިވެސް އެތައް ޤައުމުތަކެއް ރޯމަން އެމްޕަޑަރުގެ ދަށުގައި އޮތެވެ.
ޒަމާންތަކެއްގެ ފަހުން ރޯމަން އެމްޕަޔަރ ދެބައިވިއެވެ. ހުޅަނގުބައިގެ ވެރިކަން ދެމިއޮތީ ކުރިއެކޭވެސް އެއްގޮތަށް ރޯމުގައެވެ. އިރުމަތީ ބައިގެ ވެރިރަކަކަށްވީ ޤުސްޠަންޠީނިއްޔާ ނުވަތަ އިސްތަންބޯލެވެ. އިސްލާމްދީން ފެށުނު ދުވަސްވަރު ޤުސްޠަން ޠީނިއްޔާގެ ތަޚުތުގައި އިންނެވި ހިރަޤުލެވެ. އޭނާ ރަސްކަމަށް އިސްވެވަޑައި ގަތުމުގެކުރީން އޭނާއަކީ އެފްރިކާގެ ގަވަރނަރެވެ. ޤައިޞަރު ފޫޤާއާ ދެކޮޅަށް ބަޣާވާތް ކުރައްވައި އޭނާ ޤަތުލު ކުރެއްވުމަށްފަހު މީލާދީން 610 ގައި ތަޚްތަށް އިސްވެވަޑައި ގެންނެވީއެވެ. އޭނާގެ ވެރިކަން 641މ. އާ ހަމައަށް ދެމިއޮތެވެ. މުސްލިމުން ޝާމުކަރަ ފަތަޙަކުރީ އޭނާގެ ރަސްކަމުގެ ދައުރުގައެވެ.
އިސްލާމްދީން ފެށުނު ދުވަސްވަރު ޤައިޞަރުފޫޤާއާއި ނޫޝިރުވާނުގެ ލަޝްކަރާ ދެމެދު ހަނގުރާމަ ހިނގިއެވެ. އެހަނގުރާމައިގައި ފާރިސީންނަށް ފަތަޙައަކަށްފަހު ފަތަޙައެއް ލިބެމުން ދިޔައެވެ. ފިނީޝިޔާއާއި، ފަލަސްޠީނު ސުންނާފަތި ފޮށްލިއެވެ. ބޮސްފަރަސްގެ އައްސޭރިޔާ ހަމައަށް ރޫމީން ފަހަތަށް ގަޅުވައިލިއެވެ. އެއަށްފަހު ހިރަޤުލްގެ ވެރިކަމުގެ ދުވަސްވަރު ޤުދުސަށްވެސް ޙަމަލާދިނެވެ. އެރަށުގައި ހުރި މަސީޙީންގެ އެތައް އާޘާރުތަކެއް ވުޖޫދުން ފޮހެލިއެވެ. " މުޤައްދަސް " ޞަލީބު އަތުލައިގަތެވެ. 616މ. ގައި މިޞްރަށް ޙަމަލާދީ އިސްކަންދަރިއްޔާ އާ ހަމައަށް ފަތަޙަކުރިއެވެ.
އިސްލާމީ ލަޝްކަރު މަޢާނަށް (ޝާމްކަރަ) ގޮސް މަޑުކުރިއެވެ. އަނެއްކޮޅުން ބުޞްރާގެ ވެރިޔާވެސް ހަނގުރާމައަށް ތައްޔާރުވިއެވެ. އެދުވަސްވަރު އިއްތިފާޤުން ހިރަޤުލްވެސް މައާބު (ބަލްޤާއު) ގައި ހުންނެވިއެވެ. އޭނާގެ އަރިހުގައި ހަތިޔާރު އެޅި އެއްލައްކަ ސިފައިންގެ ލަޝްކަރެއް އޮތެވެ. އެހެންކަމުން އެކަން ހިމެނެނީ ބުޞްރާގެ އަމީރަށް ލިބުނު މާނަވީ ތާއީދަކަށެވެ. އެސަރަޙައްދުގެ ޢަރަބި ޤަބީލާތައް ކަމުގައިވާ ލަޚުމާއި، ޖުޒާމާއި، ޤައިނާއި، ބައްލީއާއި، ބަހްރާ ވަންހައިގެ މީހުންވެސް ކްރިސްޓިޔަން އެއްބައިވަންތަ ކަމުގެ ޖޯޝްގައި ތެދުވެގަތެވެ. ބައްލީ ވަންހައިގެ ސަރުދާރު މާލިކު ބިން ޒާފިލާގެ ވެރިކަމުގެ ދަށުގައި ހަނގުރާމައަށް ތައްޔާރުވިއެވެ. މިގޮތުން ޝާމްކަރައިގެ މައިދާނުގައި އެއްލައްކައަށްވުރެ ގިނަ ޢަދަދެއްގެ ސިފައިންގެ ލަޝްކަރެއް ޖަމާވިއެވެ. އަނެއްކޮޅުން މުސްލިމުންގެ ޢަދަދަކީ ކުރީންވެސް ދެންނެވި ފަދައިން ތިންހާހެވެ.
މިހަނގުރާމަ ހިނގީ ހިޖުރައިން އަށްވަނަ އަހަރުގެ ޖުމާދަލްއޫލާ މަހުގެ ތެރޭގައެވެ. މިހަނގުރާމައިގައި زيد بن حارثة رضي الله عنهދުޝްމިނުންގެ އަތުން ޝަހީދުވެ ވަޑައިގަތެވެ. އެކަލޭގެފާނަށްފަހު جعفر بن أبى طالب رضي الله عنهއާއި عبدالله بن رواحة رضي الله عنهވެސް އިސްލާމީ ލަޝްކަރުގެ ވެރިކަމުގައި ތިއްބަވައި ހަނގުރާމަ ކުރެއްވުމުގެ ތެރޭގައި ޝަހީދުވެ ވަޑައިގަތެވެ. މުސްލިމުންގެ ތިންއަމީރުން ޝަހީދުވެ އިސްލާމީ ލަޝްކަރުގެ އަމީރަކުނެތި ދިދަ ވެއްޓުމުން މުސްލިމުންގެ ސަފުތައް ރޫޅެންފެށިއެވެ. އެވަގުތު މުސްލިމުންގެ މުޖާހިދެއް ކަމުގައިވާ ثابت بن أقوم  އިސްލާމީ ދިދަ އުފުއްލަވައި ލެއްވުމަށްފަހު ބާރު އަޑުފުޅުން ގޮވައިލެއްވިއެވެ. " މުސްލިމުންނޭވެ! ކޮންމެވެސް މީހަކަށް އަމީރުކަން ދިނުމަށް އެއްބަސްވާށެވެ. "
މުސްލިމް ސިފައިންގެ ބައެއް މީހުން ޖަވާބުދިނެވެ. " ކަލޭގެފާނުގެ އަމީރުކަމާ އަޅުގަނޑުމެން ރުހެމުއެވެ. " ޘާބިތު ޖަވާބު ދެއްވިއެވެ. " އަޅުގަނޑަކަށް މިކަމެއް ނުކުރެވޭނެއެވެ. ތިޔަބައި މީހުން ޚާލިދު ބުނު އަލްވަލީދު އަމީރަކަށް ހަދާށެވެ. " އެހައިތަނުން ޚާލިދުގެފާނުގެ އަމީރުކަމާ ރުހުމުގެ އަޑު އުފުލޭން ފެށިއެވެ. އެއަޑު އިވިވަޑައިގަތުމާއެކު ޚާލިދު ކުރިއަށް ވަޑައިގެން ދިދަޔާ ޙަވާލުވެވަޑައި ގަތެވެ. ޚާލިދުގެފާނު މުސްލިމުން ގޮވައިގެން ރޫމީންނާ ޙަމަލަދެއްވައި ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރައްވައި ރޫމީ ލަޝްކަރު ފަހަތަށް ޖެއްސެވިއެވެ. މިހަނގުރާމައިގައި މުސްލިމުންގެ ވަރަށް ގިނަ މުޖާހިދުން ޝަހީދުވިއެވެ.
ނަމަވެސް މުސްލިމުންނާއި ރޫމީންނާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ޙާލަތު ނިމުމަކަށް އަންނަގޮތެއް ނުވިއެވެ. ރޫމީންގެ އެހީއާއެކު ޣައްސާނީން މަދީނާއާ ޙަމަލަދީ ނުވަރޭފެނުތެރޭގައި އޮތް އިސްލާމީ ދައުލަތް ސުންނާފަތި ކުރަން މަސައްކަތް ކުރުމުގެ ބިރު އަބަދުވެސް އޮތީ ކުރިމަތިވެފައެވެ.
ހިޖުރައިން ނުވަވަނަ އަހަރުވެސް ޣައްސާނީން މަދީނާއަށް ޙަމަލަދޭން ވަރަށް ބޮޑަށް ތައްޔާރުވިއެވެ. ރޫމީންގެ ޤައިޞަރު ޣައްސާނީންނަށް އެހީވެވަޑައި ގަތުމުގެ ގޮތުން ސާޅީސްހާސް ސިފައިންގެ ލަޝްކަރެއް ދެއްވިއެވެ. އިތުރު ސާހިބާ صلّى الله عليه وسلّم  އަށް އެޚަބަރު ލިބިވަޑައި ގެންނެވުމުން ތިރީސް ހާސް މުޖާހިދުންނާއިގެން ޚުދު އެކަލޭގެފާނު ތަބޫކަށް ވަޑައިގެންނެވިއެވެ. ނަމަވެސް ރޫމީންނާއި ޣައްސާނީންނަކަށް މުސްލިމުންނާ ހަނގުރާމައަށް އަންނާކަށް ނުކެރުނެވެ. އެހެން ކަމުން އިތުރު ސާހިބާ ލަޝްކަރާއިގެން މަދީނާއަށް އެނބުރިވަޑައި ގެންނެވިއެވެ.
އެހައިތަނަކުންވެސް ރޫމީންނާއި ޣައްސާނީންގެ ނުރައްކާތެރިކަން ފިލައިގެންދާގޮތެއް ނުވިއެވެ. ރޫމީންނާއި ޣައްސާނީންގެ ހަނގުރާމައިގެ ތައްޔާރީތަކުގެ ޚަބަރުތައް މެދުކެނޑުމެއްނެތި މަދީނާއަށް ލިބެމުން ދިޔައެވެ.
އެލަސްކަރު ހޯދި ކާމިޔާބީއާ ވިދިގެންވެސް ރޫމީންގެ ނުރައްކާތެރިކަން ހައްތަހާވީ އިތުރެވެ. އެހެންކަމުން މުރުތައްދުވީ މީހުންގެ ފިތުނައިގެ ދުވަސްވަރު ޢަރަބިކަރައިގެ ޝާމްކަރަޔާ ގުޅޭ ސަރަޙައްދު ރައްކާތެރި ކުރެއްވުމަށްޓަކައި أبو بكر رضي الله عنهޝާމްކަރައިގެ ސަރަޙައްދަށް ލަޝްކަރެއް ފޮނުއްވިއެވެ. އެލަޝްކަރުގެ ވެރިޔަކަށް ފޮނުއްވީ خالد بن سعيد بن العاص رضي الله عنهއެވެ. އެކަލޭގެފާނަށް އަންގަވައިފައިވަނީ ތައިމާއޭ ކިޔާ ހިސާބުގައި މުސްލިމުންގެ ދިފާޢީ ފާރެއްގެ ގޮތުގައި ލަޝްކަރާއިގެން މަޑުކުރެއްވުމަށެވެ. އެމަޤްޞަދުގައި އެކަލޭގެފާނު އެތަނަށް ވަޑައިގަތެވެ. އެކަލޭގެފާނުގެ ލަޝްކަރާ ހަނގުރާމައަށް ޝާމްކަރައިގެ ޢަރަބި ޤަބީލާތަކާއި ރޫމީންގެ ލަޝްކަރުތައް އެއްވާން ފެށިއެވެ. خالد بن سعيد بن العاص رضي الله عنهއެ ލަޝްކަރުތަކާ ދިމާކުރައްވައި އެބައިމީހުން ބަލިކޮށްލެއްވުމަށްފަހު އެކަލޭގެފާނަށް އަމުރުވެވިގެންވާ ގޮތާ ޚިލާފަށް ޝާމްކަރައިގެ އެތެރެއަށް ވެދެވަޑައި ގެންނެވިއެވެ.
ޝާމްކަރައިގެ މީހުން ހެދިގޮތަކީ ޚާލިދަށް އެތެރެއަށް ވެދެވަޑައި ގަތުމުގެ ފުރުޞަތު އަރުވައިފައި ޚާލިދުގެ ލަބްކަރު ވަށައިލީއެވެ. ދެބައިމީހުންގެ މެދުގައި ހިނގި ހަނގުރާމައިގައި ޚާލިދުގެ ދަރިކަލުން ސަޢީދު ޝަހީދުވެ މުސްލިމުންގެ ލަޝްކަރު ބަލިވިއެވެ. އެބައިމީހުން ފިލަން ދުވިދުވުމުގައި މަޑުކޮށްލީ މަދީނާއާ ދާދި ގާތަށް އައިހެވެ. أبو بكر رضي الله عنهއަށް އެކަން އެނގިވަޑައި ގަތުމުން ވަރަށް ބޮޑަށް ކޯފާވިއެވެ. އެތިއްބެވި ހިސާބުގައި މަޑުކުރެއްވުމަށާއި މަދީނާއަށް އަރައިވަޑައި ނުގަތުމަށް ޚާލިދަށް އެންގެވިއެވެ. އެ ނާކާމިޔާބުގެ އަސަރު ފިލުއްވައި ލެއްވުމަކީ ޚަލީފާއަށް ކޮންމެހެން ބޭނުންފުޅު ކަމަކަށް ވިއެވެ. އެހެންކަމުން އެކަލޭގެފާނު ލަޝްކަރެއް ތައްޔާރު ކުރައްވައި އެލަޝްކަރުގެ އެކިއެކި ބައިތައް އެކި ކޮމާންޑަރުންނާ ޙަވާލުކުރައްވައި ޝާމްކަރައަށް ފޮނުއްވިއެވެ. އޭގެތެރެއިން ކޮންމެ ބޭކަލަކަށްވެސް އަންގަވައިފައިވަނީ ޝާމްކަރައިގެ ވަކި ސަރަޙައްދެއް ފަތަޙަ ކުރައްވައި އެތާނގެ ގަވަރުނަރުކާމ ޙަވާލުވެވަޑައި ގަތުމަށެވެ. أبو بكر رضي الله عنه، أبو عبيدةއަށް އަންގަވައިފައި އޮތީ ޙިމްސަށް ވަޑައިގެންނެވުމަށެވެ. عمرو بن العاصފަލަސްޠީނަށް ވަޑައިގަތުމަށެވެ. ޔަޒީދު ދިމިޝްޤަށް ވަޑައިގަތުމަށެވެ. ޝަރުޖީލު އަރުދުންނަށް ވަޑައިގެންނެވުމަށެވެ. މިދެންނެވި ހަތަރު ކޮމާންޑަރުންގެ އަރިހުގައިވާ މުޖާހިދުންގެ ޢަދަދަކީ ގާތްގަނޑަކަށް ސަތިރީސް ހާހެވެ. ރޫމީންނަށް ދާދި އަވަހަށް އިވުނީ أبو عبيدة رضى الله عنهއާއިيذيد بن سفيان رضى الله عنهއާއި شرجيل بن حسنة رضى الله عنهއެބޭކަލުންގެ ލަޝްކަރާއިގެން ޝާމްކަރައިގެ ސަރަޙައްދަށް ވެދެވަޑައި ގެންނެވި ޚަބަރެވެ.


No comments:

Post a Comment