އެންމެފަހުގެ ދުވަސްތައް
أمير المؤمنين أبوبكر رضيى الله عنهއަށް
ސުވަރުގެ ވަޑައިގަތުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތީ ހިޖުރައިން ތޭރަވަނަ
އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ހަތްވަނަ ދުވަހުއެވެ. އާލާސްކަންފުޅަކީ ހުންފުޅު
އައުމެވެ. އާލާސްކަންފުޅު ބޮޑުވުމުން އެކަލޭގެފާނަށް އެ އާލާސްކަންފުޅަކީ
އަވަހާރަވުމުގެ އާލާސްކަންފުޅުކަން އެނގިވަޑައި ގެންފިއެވެ. އާލާސްކަންފުޅުގެ
ތެރޭގައި އުޅުއްވަމުންވެސް އެކަލޭގެފާނު އިސްލާމީ އުންމަތުގެ މަޞްލަޙަތުތަކާމެދު
ޚިޔާލުފުޅު ކުރެއްވިއެވެ. ބައެއް ތާރީޚް ޢިލްމުވެރީން ބަޔާން ކުރައްވާ ގޮތުގައި
ސަލާމާއި ޞަލަވާތްލެއްވި މާތް ރަސޫލާއަށްފަހު އެއްވެސް އިންސާނަކު އިސްލާމްދީނާއި
އިސްލާމީ އުންމަތަށް ކުރި އެންމެ މަތިވެރި ޚިދްމަތަކީ أبوبكر رضيى الله عنهއަވަހާރަވުމުގެ
އާލާސްކަންފުޅާ އުޅުއްވަމުން ކުރެއްވި ޚިދްމަތެކެވެ. އެއީ މުސްލިމުން ޕާޝިޔަން އެމްޕަޔަރާއި
ރޯމަން އެމްޕަޔަރާ އެއްފަހަރާ ހަނގުރާމަ ކުރަމުން ގެންދިޔަ މުހިންމު ދަނޑިވަޅުގައި عمر رضى الله عنهފަދަ
މުހިންމު ޝަޚްޞިއްޔަތެއް އިސްލާމީ ދައުލަތުގެ ވެރިކަމަށް ޢައްޔަން ކުރެއްވުމެވެ.
ޝައްކެއްނެތް ގޮތުގައި އެވަގުތު އިސްލާމީ އުންމަތަށް ބޭނުންވެފައި ވަނީ ބާރުހުރި
ހަރުދަނާ ޝަޚްޞިއްޔަތެކެވެ. أبوبكر رضيى الله عنهދޫކުރައްވާ
މުހިންމު، އުނދަގޫ މަސައްކަތްޕުޅު ފުރިހަމަ ކުރެއްވޭފަދަ ވެރިއެކެވެ. ފަތަޙަކުރެވޭ
ތަންތާނގެ ކަންތައްތައް ފުރިހަމައަށް އިންތިޒާމު ކުރައްވައި އިސްލާމީ ރޫޙާ
އެއްގޮތަށް އިސްލާމީ ދައުލަތުގެ ކަންތައް ރޭއްވެވޭފަދަ ސިޔާސީ މުދައްބިރެކެވެ.
އެގޮތުން ބަލާއިރު އެކަމަށް އެންމެ އެކަށީގެންވާ ޝަޚްޞިއްޔަތަކީ عمر رضى الله عنهކަމީ
އިސްލާމީ ތާރީޚު ކީއްކުރަންތޯއެވެ. މުޅި އިންސާނީ ތާރީޚުވެސް ހެކިވާ ކަމެކެވެ.
أبوبكر رضيى الله عنهގެ
ނަޒަރުގައި އެކަލޭފާނަށްފަހު އިސްލާމީ އުންމަތުގެ އެންމެ މަތީ ވެރިކަމަށް އެންމެ
އެކަށީގެންވާ ދެބޭކަލުންނަކީ عمر بن الخطّاب رضيى الله عنهއާއި على بن أبى طالب رضيى الله عنهއާ ދެބޭކަލުންނެވެ. އެދެބޭކަލުންގެ ތެރެއިންވެސް އެންމެ
ރަނގަޅު ކަމުގައި ފެނިވަޑައިގަތް ބޭކަލަކީ ޢުމަރުގެފާނެވެ. އެހެންކަމަށް
ވުމާއެކުވެސް އުންމަތުގެ ޚިޔާލު ހޯއްދެވުމުގެ ބޭނުންތެރިކަން އިޙްސާސް
ކުރެއްވިއެވެ. ޞަޙާބީންގެ ކުރިއަށް ތިއްބެވި ބޭކަލުންނާ މަޝްވަރާ ކުރެއްވިއެވެ.
ޢުމަރުގެފާނު ޚަލީފާކަމަށް ޢައްޔަން
ކުރެއްވުމަށް ޞަޙާބީންގެ ކުރިއަށް ތިއްބެވި ބޭކަލުންގެ މަޝްވަރާ ލިބިވަޑައި
ގަތުމަށްފަހު عثمان رضيى الله عنهގެންނަވައި
ފަތްކޮޅެއް ލިޔުއްވިއެވެ. އެފަތްކޮޅުގައިވަނީ:
" بسم الله الرّحمن الرّحيم" މިއީ أبوبكر بن أبى قحافةއޭނާގެޙަޔާތުގެ
އެންމެފަހު މަރްޙަލާގައި އޭނާ މިދުނިޔެއާ ވަކިވެ އާޚިރަތުގެ ފުރަތަމަ މަންޒިލަށް
ވަނުމުގެ ވަގުތު ކުރި ޢަހްދެކެވެ. މިވަގުތަކީ ކާފަރުން އިސްލާމްވެ ނުބައިނުލަފާ
މީހުންނަށް އެބައިމީހުންގެ ނުބައި ޢަމަލުތަކަށް ޖަޒާ ލިބޭނެކަން ޔަޤީންވެ ހެޔޮލަފާ
މީހުން ކަމުގައިވެ އާޚިރަތް ދުވަހުގެ ކަންތައް ދޮގު ކޮށްފައިވާ މީހާ އެކަންތައް
ތެދުކޮށް ޤަބޫލުކުރާ ވަގުތެވެ.
އަހަރެން ތިޔަބައިމީހުންނަށްޓަކައި عمر بن الخطّابޚަލީފާކަމަށް ޢައްޔަން ކޮށްފީމެވެ.
އެހެންކަމުން އަހަރެންގެ ބަސް އަހައި ކިޔަމަންވާށެވެ. އޭނާއަށް ތަބާވާށެވެ.
މިކަމުގައި މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވުމާއި، އަހަރެންގެ އަމިއްލަ
ނަފްސަށާއި ތިޔަބައި މީހުންނަށް އިޚްލާޞްތެރިވުމަށް އަހަރެން ފުރިހަމައަށް
މަސައްކަތް ކުރީމެވެ. އޭނާ އޯގާވެރިވެ ޢަދުލުވެރި ވެއްޖެނަމަ އެއީ އަހަރެން
އޭނާއާމެދު ހީކުރާ ގޮތެވެ. އަދި އަހަންނަށް އޭނާއާމެދު އެނގިފައިވާ ގޮތްވެސް
މެއެވެ. އޭނާ މިގޮތާ ޚިލާފަށް އަނިޔާވެރިވެ ދީނުގެ ކަންތައް ބަދަލުކޮށްފިނަމަ
ކޮންމެ މީހަކީވެސް އެމީހެއްގެ ޢަމަލުތަކުގެ މަސްއޫލިއްޔަތު އުފުލާންޖެހޭނެ
މީހެކެވެ. އަހަރެންގެ މަޤްޞަދަކީ އުންމަތަށް ހެޔޮއެދުމެވެ. އަހަރެންނަކީވެސް
ޣައިބުގައިވާ ކަންތައް އެނގޭ މީހެއް ނޫނެވެ. އަނިޔާވެރިވެގެންފި ބަޔަކަށް ލިބޭނީ
ކޮންފަދަ ޖަޒާއެއްކަން އެބައިމީހުންނަށް ރަނގަޅަށް އެނގޭނެ ދުވަހެއް
އަންނާނެއެވެ."
އިސްވެދިޔަ ފަތްކޮޅު ލިޔުއްވުމަށްފަހު ސިއްކަ
ޖައްސަވައި އެކަލޭގެފާނުގެ ޚާދިމަކު މެދުވެރި ކުރައްވައި އެފަތްކޮޅު ޢާންމުންނަށް
އިއްވެވިއެވެ. އެއަށްފަހު މީހެއްގެ އެހީގައި ބާލުޚާނާއަށް އަރައިވަޑައިގެން
އެކަލޭގެފާނުގެ ގެކޮޅުގެ ކައިރިއަށް އެއްވެވަޑައިގެން ތިއްބެވި ޞަޙާބީންނާ
މުޚާޠަބު ކުރައްވައި ވާހަކަ ދެއްކެވިއެވެ. أبوبكر رضيى الله عنهވިދާޅުވިއެވެ.
ތިޔަބޭފަލުންގެ ވެރިކަމަށް އަޅުގަނޑު ހޮވާ މީހަކު ޤަބޫލު ކުރައްވާނުތޯއެވެ.
އަޅުގަނޑު ވިސްނައި ފިކުރު ކުރުމާއި މަޝްވަރާ ކުރުމުގައި ނުކުރާ މަސައްކަތެއް
ނުބާއްވަމެވެ. ތިޔަބޭކަލުންގެ ވެރިކަމަށް އަޅުގަނޑު މި ޢައްޔަންކުރަނީ އަޅުގަނޑުގެ
ގާތްތިމާގެ މީހެއް ނޫނެވެ. އަދި ކީއްތޯއެވެ؟ عمر بن الخطّابއެވެ. އެއްވެފައި ތިއްބެވި އެންމެ ބޭކަލުންأبوبكر رضيى الله عنهގެ
ހޮއްވެވުން ޤަބޫލުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އެއަށްފަހު عمر رضى الله عنهގެންނަވައި
އެކަލޭގެފާނަށް ނަސޭހަތްޕުޅު އަރުއްވައި ވަޞިއްޔަތްތައް ކުރެއްވިއެވެ.
أمير المؤمنين أبوبكر الصّدّيق رضى الله عنه، عمرގެފާނަށް
ދެއްވި ނަސޭހަތްޕުޅުގެ ތެރޭގައި ވިދާޅުވިއެވެ. " އޭ عمرގެފާނެވެ! އަޅުގަނޑު رسول الله صلّى الله عليه وسلّمގެ
އުންމަތުގެ މައްޗަށް އަޅުގަނޑުގެ ނާއިބަކަށް ކަލޭގެފާނު ހަމަޖައްސައިފީމެވެ.
އެހެންކަމުން ކަލޭގެފާނު ސިއްރާއި ފާޅުގައި ތަޤްވާވެރިވެ ވަޑައި ގަންނަވާށެވެ. އޭ
ޢުމަރުގެފާނެވެ! އަބަދުވެސް މާތް ﷲ ހަނދުމަފުޅު ކުރައްވާށެވެ. ކަލޭގެފާނުގެ
އުންމީދުތައް ހަމައެކަނި އެކަލާނގެ ރަސްކަންފުޅާ ގުޅުއްވާށެވެ. އެގޮތަށް އެކަލާނގެ
ރަސްކަންފުޅާ ކުރިމަތިލާ މީހުނަށް އެކަލާނގެ ރަޙްމަތުގެ ބެއްލެވުމުން ބައްލަވައި
ވޮޑިގަންނަވާނެއެވެ. އެކަލާނގެ ރަޙްމަތުގެ ބައްލަވައި ވޮޑިގަތުމަކުން ބައްލަވައި
ވޮޑިގެންފިނަމަ، ބިމުން އަމިއްލައަށް ފަޅައިގެން ހެދޭ ގަސްތަކެއްގެ މިސާލުގައި
އެމީހަކަށްޓަކައި އަސްބާބުތަކާއި ވަސީލަތްތައް ތަމަވަސްވެގެން އަންނާނެއެވެ.
އެއްވެސް އެހެން ފަރާތެއްގެ އާރާއި ބާރާމެދު ބަރޯސާ ނުކުރައްވާށެވެ. އެހެނީ
އެހެނިހެން ފަރާތްތަކުގެ އާރާއި ބާރަށް ކަންތައް ފަހިކުރުމުގައި މާތް ﷲ ގެ
ޙަޟްރަތުން އަމުރުފުޅު ނުލިބިއްޖެނަމަ އެނބުރިގެންދާނީ އޭގެ އިދިކޮޅަށެވެ. އޭރުން
ރަނގަޅަށް ވޭވެހުންނަ ކަންތައްތައްވެސް ބަދަލުވެގެންދާނީ ނުބައިން ނުބަޔަށެވެ.
އޭ ޢުމަރުގެފާނެވެ! ނަރަކަވަންތަވެރީންގެ
ވާހަކަ ދެކެވިއްޖެނަމަ ވިދާޅުވާށެވެ! އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ!
އަޅާ އެބައިމީހުންގެ ތެރެއިން ނުލައްވާނދޭވެއެވެ. ސުވަރުގެވަންތަވެރީންގެ ވާހަކަ
ދެކެވިއްޖެނަމަ ކަލޭގެފާނު އޭގެތެރޭގައި ޝާމިލްކުރައްވާތޯ މާތް ﷲ އަށް
ދުޢާކުރައްވާށެވެ.
އޭ ޢުމަރުގެފާނެވެ! މާތް ﷲ ގެ ރުހިވޮޑިގަންނަވާ
މަގުން ހިންގެވުމަށްޓަކައި މިކަންކަމުގެ އިތުރަށް ތިމާގެ ނަފުސުގެ މައްޗަށް
ބާރުފޯރުވައި ނަފުސު މަތަކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އޭخطّابގެ ދަރިކަލުންނޭވެ! ނަފުސުގެ ޠަބީޢަތަކީ އެނަފުސުގެ އެންމެ
އެދުމެއް ފުރިހަމަކޮށްދިނަސް އެނަފުސުގެ ހިތްވަރު އިތުރުވެއެވެ. ކުރިއަށްވުރެ
ގިނަ، ކުރިއަށްވުރެ ބޮޑެތި އެދުންތައް ފުރިހަމަ ކުރުވަން އަތްފައި ހޫރަން
ފަށައެވެ.
އޭ ޢުމަރުގެފާނެވެ! ކަލޭގެފާނު އަޅުގަނޑުގެ
މިނަސޭހަތަށް ޢަމަލު ކަރްއަވާހައި ހިނދަކު އަޅުގަނޑު ކަލޭގެފާނުގެ އަރިހުގައި
އިންދައި ކަލޭގެފާނަށް ފެނިވަޑައި ގަންނަވާނެ ކަހަލައެވެ. މާތް ﷲ ހެޔޮކަންތަކުގައި
ކަލޭގެފާނަށް މަދަދު ކުރައްވާށިއެވެ."
އަވަހާރަވުން
އާލާސްކަންފުޅު ބޮޑުވުމުން أمّ المؤمنين السّيّدة عائشة رضى الله عنهاއަށް އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނު ނަމާދުފުޅު
ކުރެއްވުމަށް ބޭނުންފުޅުކުރެއްވި ޠާހިރު ދެހެދުންކޮޅުން ކަފުންކޮޅު
ތުރުކުރެއްވުމަށް أمّ المؤمنينއެދިވަޑައިގަތެވެ. ނަމަވެސް أبوبكر رضيى الله عنهޖަވާބު
ދެއްވިއެވެ. " ރަނގަޅުވާނީ ދިރިތިބީންނަށް އާފޭރާން ލިބުމެވެ. މަރުވާ
މީހެއްގެ ގައިގާ އާހެދުމެއް ލެއްވިޔަސް އެހެދުމެއް ވެގެންދާނީ ބިމުގައި އުޅޭ
ފަނިފަކުސައިގެ ކާނާއަކަށެވެ! "
أمير المؤمنين أبوبكر الصّدّيق رضى الله عنه މިފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ވިދާޅުވީ
ހިޖުރައިން ތޭރަވަނަ އަހަރުގެ ޖުމާދަލްއާޚިރާމަހުގެ އެކާވީސްވީ ހޯމަދުވަހުގެ ރޭ
(22 އޯގަސްޓް 634މ. ދުވަހުރެގެރޭ) ގެ މަޣުރިބް ނަމާދާއި ޢިޝާނަމާދާ ދެމެދުގެ
ވަގުތުތެއްގައެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 63 އަހަރުފުޅެވެ. ފަސްދާނު
ވެޑުވުނީ ރޭގަނޑުގެ ވަގުތެއްގައެވެ. أمّ المؤمنين السّيّدة عائشة رضى الله عنهاގެ ގަނޑުވަރުގައި މާތްރަސޫލާގެ މަހާނަފުޅުގެ ކައިރީގައެވެ.
ވަޅުފުޅު ކޮނެވިފައިވަނީ އިތުރު ސާހިބާގެ މަހާނަފުޅުގެ އިރުމަތީންނެވެ. އިތުރު
ސާހިބާ ގެ ކިހިލިފަތްޕުޅާ أبوبكر رضيى الله عنهގެ
އިސްތަށިފުޅާ ހަމަވާ ގޮތަށެވެ. أبوبكر رضيى الله عنهނާނާފުޅު
ފިއްލެވީ އެކަލޭގެފާނުގެ އަނބިކަނބަލުން أسماء بنت عميس رضى الله عنهاއެވެ. أبوبكر رضيى الله عنهގެ
މައްޗަށް ކަށުނަމާދު ކުރެވުނީ އެފިލާކޮޅެއްގެ މަތީގައި ވަޑުވައިގެން އިތުރު ސާހިބާ صلّى الله عليه وسلّمގެ
މައްޗަށް މައްޗަށް ކަށުނަމާދު ކުރެއްވީ عمر رضى الله عنهއެވެ.
ޤަބުރުފުޅުގައި ވެޑުއްވެވީ ޢުމަރުގެފާނާއި، عبد الرّحمن بن أبى بكرއާއި عثمانގެފާނާއި، طلحة بن عبيد اللهއާ
މިހަތަރު ބޭކަލުންނެވެ. رضى الله عنهم.
أبوبكر رضيى الله عنهގެ
ޚިލާފަތުގެ ދައުރު ވޭތުވެގެން ދިޔައީ އެކަލޭގެފާނު އިސްލާމީ އުންމަތުގެ
ކިޔަމަންތެރިކަމާމެދު ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނަވައެވެ. އިސްލާމީ
އުންމަތްވެސް އޮތީ އެކަލޭގެފާނުގެ ވެރިކަމާމެދު ރުހި ޤަބޫލުގައެވެ.
އަރަހުށި މާތް ﷲ އެ މާތް ޚަލީފާއަށް ރުއްސުން
ލައްވާށިއެވެ.
No comments:
Post a Comment