Thursday, June 16, 2016

އީމާންކަމުގެ މާނަ- 5


 މާތްﷲ އަށް އީމާންވުމުގެ މާނައަކީ ކޮބައިތޯއެވެ ؟

الله سبحانه وتعالى އަށް އީމާންވުމުގެ މާނައާމެދު ތަފާތު ޢިބާރާތްތަކާއި ތަޢްރީފުތައް ޢިލްމުވެރިން ބަޔާންކުރައްވާފައި އެބަހުއްޓެވެ. އެ ހުރިހާ ތަޢްރީފެއްގެވެސް ލަފުޒުތައް ތަފާތުވިއެއްކަމަކު އެ ޢިބާރާތްތަކުގެ މާނައަކީ އެކައްޗެކެވެ. الله سبحانهوتعالى އަށް އީމާންވުމަކީ އެއީ:

1) هُوَ إِفْرَادُ اللهِ بِمَا يَسْتَحِقُّ - اللهُ سبحانه وتعالى އަށް ޙައްޤުވެގެންވާ ގޮތުގައި އެކަލާނގެ އެއްކައުވަންތަ ކުރުމެވެ.

2)  إِفْرَادُ اللهِ بِحُقُوْقِهِ -  الله سبحانه وتعالى ގެ ޙައްޤުތަކުގައި އެއްކައުވަންތަ ކުރުމެވެ.

3) الله سبحانه وتعالى ގެ ވޮޑިގެންވާކަން ތިމާގެ ހިތުގެ އަޑިން އެއްވެސް ޝައްކެއްނެތި ޤަބޫލު ކުރުމާއި، އެކަލާނގެއީ الأول ކަމާއި، އެކަލާނގެއަށް ވުރެ އިސްވެވޮޑިގެންވާ އެއްވެސް ފަރާތެއް ނުވާކަމާއި، އެކަލާނގެއީ الآخر ކަމާއި، އެކަލާނގެއަށްވުރެ ފަސްވެވޮޑިގެންވާ އެއްވެސް ފަރާތެއް ނުވާކަމާ، އެކަލާނގެއީ الظاهر އެކަލާނގެއަށްވުރެ މަތިވެރިވެ ވޮޑިގެންވާ އެއްވެސް އެއްޗެއްނުވާކަމާއި، އެކަލާނގެއީ الحيٌّ القيوم ދިރި ދެމިވޮޑިގެންވާ އިލާހުކަމާއި، އެކަލާނގެއަށް އެއްވެސް އެއްޗެއް ބޭނުން ވެވޮޑިގެން ނުވާ الأحد الصمد ކަމާއި، އެންމެހައި މަޚުލޫޤުންނެއް އެކަލާނގެ ޙަޟުރަތައް ބޭނުންޖެހިފައިވާ ކަމެވެ. لَمْ يَلِدْ وَلَمْ يُولَدْ -وَلَمْ يَكُن لَّهُ كُفُوًا أَحَدٌ (الإخلاص:3-4)
މާނައީ: "އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެންނެއް ނުވެއެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެންނެއްވެސް ނުމެވޭމެއެވެ."

އެކަލާނގެއީ އެކަލާނގެ ربوبية އާއި އެކަލާނގެ ألوهية އާއި الأسماء والصفاتމި ހުރިހާކަމެއްގައި އެއްކައުވަންތަ އިލާހުކަން ހިތުގެ އަޑިން ތެދުކޮށް ޤަބޫލު ކުރާކުރުމެވެ.

4) الله سبحانه وتعالى އީ ހުރިހާ ތަކެއްޗެއްގެ ވެރި ރަސްކަލާނގެކަމާއި، އެކަލާނގެއީ އެންމެހައި ތަކެއްޗެއް ޚަލްޤު ކުރެއްވުމުގައި އެއްވެސް ފަރާތެއް ބައިވެރިވުމެއްނުވާ އެއްކައުވަންތަ އިލާހުކަމާއި، އެންމެހައި ކާއިނާތުގެ ހުރިހާ ކަމެއް ރާއްވަވައި ހިންގަވަނީ ހަމައެކަނި އެކަލާނގެ ކަމާއި، އެކަލާނގެ ފިޔަވައި އެހެންއެއްވެސް ފަރާތަކަށް އަޅުކަން ޙައްޤުވެގެން ނުވާކަމާއި، އެކަލާނގެ ފިޔަވައި އަޅުކަންކުރެވޭ އެންމެހައި ފަރާތްތައް ބާޠިލުކަމާއި، އެފަރާތްތަކަށް ކުރެވޭ އަޅުކަންވެސް ބާޠިލުވެގެންވާކަން ހިތުގައި އެއްވެސް ޝައްކެއްނެތި ޤަބޫލުކުރާ ޤަބޫލުކުރުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ذَلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ (الحج: 62)
މާނައީ: "އެހެނީ ހަމަކަށަވަރުން ﷲ އީ، ހައްޤުވަންތަ ރަސްކަލާނގެއެވެ. އަދި ހަމަށަވަރުން އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ އެންމެހައި ތަކެއްޗަކީ އެއީ ބާޠިލު ތަކެއްޗެވެ. އަދި ހަމަކަށަވަރުން ﷲއީ އެންމެ މަތިވެރިވެގެންވާ އެންމެ ޢަޡަމަތްތެރިވެގެންވާ އިލާހެވެ."

އަދި އެކަލާނގެއީ އެންމެހައި މަތިވެރިވެގެންވާ އަދި ފުރިހަމަ ސިފަފުޅުތަކުން ސިފަލިބިވޮޑިގެންވާ ހުރިހައި ޢައިބަކުން ހުސްޠާހިރުވެ ވޮޑިގެންވާ އިލާހުކަން ޤަބޫލުކުރުމެވެ.
އިސްވެދިޔަ ކަންތައްތަކާމެދު ވިސްނައިލުމުން، الله سبحانه وتعالى އަށް އީމާންވުމުގައި ހަތަރު ބައެއް އެކުލެވިގެންވާކަން ހާމަވެއްޖެއެވެ. އެއީ:
1)   الإيمان بوجود الله - الله سبحانه وتعالى ގެ ވޮޑިގެންވުމަށް އީމާންވުމާއި،

2)   الإيمان بربوبيته - އެކަލާނގެ ރުބޫބިއްޔަތައް އީމާންވުމާއި،

3)   الإيمان بألوهيته - އެކަލާނގެ އުލޫހިއްޔަތައް އީމާންވުމާއި،

4)   الإيمان بأسمائه وصفاته - الله سبحانه وتعالى ގެ އެންމެހައި އިސްމުފުޅުތަކަކީ ރިވެތިވެގެންވާ އަދި މަތިވެރިވެގެންވާ ފުރިހަމަ އިސްމުފުޅުތަކެއް ކަމާއި، އެކަލާނގެ އެންމެހައި ޞިފަފުޅުތަކަކީ ރިވެތިވެގެންވާ އަދި ފުރިހަމަ ވެގެންވާ ޞިފަފުޅުތަކެއްކަމަށް އީމާންވުން

الله سبحانه وتعالى ގެ އެއްކައުވަންތަކަމުގެ ދަލީލުތައް ވަރަށްވެސް ގިނައެވެ. އެކަލަނާގެ އަމިއްލަ ޒާތުފުޅުގެ މައްޗަށް ހެކިވެވޮޑިގެން އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. شَهِدَ اللّهُ أَنَّهُ لاَ إِلَهَ إِلاَّ هُوَ وَالْمَلاَئِكَةُ وَأُوْلُواْ الْعِلْمِ قَآئِمَاً بِالْقِسْطِ لاَ إِلَهَ إِلاَّ هُوَ الْعَزِيزُ الْحَكِيمُ  (آل عمران: 18)
މާނައީ: "ހަމަކަށަވަރުން الله سبحانه وتعالى ، އެކަލާނގެ މެނުވީ އަޅުކަންކުރުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި މަލާއިކަތުންނާއި، ޢިލްމުގެ އަހުލުވެރިންވެސް، އެކަމަށް ހެކިވެވަޑައިގެންފިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި ތަދުބީރު ކުރެއްވުމުގައި) ޢަދުލުވެރިކަމާއިގެން އެކަލާނގެ ޤާއިމުވެވޮޑިގެންވެއެވެ. އެކަލާނގެ މެނުވީ ޙައްޤު ގޮތުގައި އަޅުކަންވެވޭ އިލާހަކުނުވެއެވެ. (އެކަލާނގެއީ) ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެއެވެ."
މާތް ﷲ ގެ އެއްކައުވަންތަކަމުގެ ހެކިތައް
 

الله سبحانه وتعالىއަކީ އެއްކައުވަންތަ އިލާހުކަމާއި، ޚަލްޤުކުރެއްވުމާއިރިޒުޤުދެއްވުމުގައި އެކަލާނގެއެއްކައުވަންތަކަމާއި، އެކަލާނގެ ފިޔަވައިޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކުނުވާކަންމުގެ މައްޗަށް ހެކި ލިބޭ ކަންތައްތަކުގެތެރޭގައި:


1)    الفطرة ފިޠުރަތު

2)    الشرع ޝަރުޢީ ދަލީލުތައް

3)    العقل ބުއްދީގެ ދަލީލުތައް

4)    الحس. ޙިއްސީ ދަލީލުތައް

މިބަޔާންކުރި ކަންތައްތަކުން، ތައުޙީދުގެ ތިންބައިގެ މައްޗަށް ދަލީލު ނުވަތަ ހެކިލިބެއެވެ. ތައުޙީދުގެ ތިންބަޔަކީ އެކުވެ ގުޅިލާމެހިފައިވާ ތިންބައެވެ. އެތިން ބައިންކުރެ ބަޔަކަށް އިންކާރު ކުރުމަކީ ޝިރުކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި އޭގެތެރެއިން އެއްބަޔަށް އީމާންވެ އެހެން ބައިތައް ދޫކޮށްލުމަކުން ތިމާއަކަށް އީމާންވެވުނީ ކަމުގައެއް ނުވާނެއެވެ.

އޭގެ މިސާލަކީ الله سبحانه وتعالى އަށް މެނުވީ އެކަމެއްގައި ކުޅަދުންވަތަކަން ލިބިވޮޑިގެން ނުވާ ކަމެއްގައި، އެކަލާނގެ ފިޔަވައި އެހެންފަރާތަކަށް އެދި ދުޢާކުރުމެވެ. އެފަދަ ދުޢާއަކީ الله سبحانه وتعالى ފިޔަވައި އެހެންފަރާތަކަށް ކުރެވޭ އަޅުކަމެކެވެ. ވީމާ މިއީ އެކަލާނގެ އުލޫހިއްޔަތުގައި ކުރެވޭ ޝިރުކެކެވެ.

މިފަދައިން الله سبحانه وتعالى ފިޔަވައި އެހެން ފަރާތަކަށް މިސާލަކަށް ވަލީވެރިޔަކަށް ދުޢާކުރުން ނުވަތަ ޒިޔާރަތަކަށް ނަދުރު ބުނުމުގައި، ދުޢާކުރުމުގައި ދުޢާކުރާމީހާގެ ޢަޤީދާއަކީ ނުވަތަ އޭނަ ޤަބޫލުކުރާ ގޮތުގައި الله سبحانه وتعالى ފިޔަވައި ނުވަތަ އެކަލާނގެ އާއެކު އޭނާ އެދުޢާ ކުރާ ފަރާތްވެސް، އޭނާ އެ އެދޭކަންތައް ފުއްދައި ދިނުމުގެ ކުޅަދާނަކަން ލިބިގެންވާ ކަމުގައެވެ. ވީމާ މިއީ الله سبحانه وتعالى ގެ ރުބޫބިއްޔަތުގައި ޝިރުކު ކުރުމެވެ.

ހަމައެފަދައިން، އޭނަ އެދުޢާ ކުރާ ފަރާތަށް މިސާލަކަށް ޒިޔާރަތެއްގައިވާ ވަލީވެރިޔަކަށް ދުޢާކުރަނީ، އެފަރާތަކީ އަޑުއިވޭ ފަރާތެއްކަމުގައި ޤަބޫލުކުރާތީއެވެ. ވީމާ މިއީ اللهسبحانه وتعالى ގެ الأسماء والصفات ގައި ޝިރުކު ކުރުމެވެ. އެހެނީ އޭނާއަށް އެޤަބޫލުކުރެވެނީ އެދުޢާކުރާ ފަރާތަކީ ހުރިހާ އެންމެންގެ އަޑު ދުރުންނާއި ގާތުން ފުރިހަމައަށް އިވޭ ފަރާތެއް ކަމުގައެވެ.

އިސްވެދިޔަ ވާހަކަތަކުން ދޭހަވަނީ، الله سبحانه وتعالى ގެ އުލޫހިއްޔަތުގައި ޝިރުކު ކުރުމަކީ އެކަލާނގެ ރުބޫބިއްޔާތާއި الأسماء والصفات ގައި ޝިރުކުރުން ލާޒިމުކުރާ ކަމެއްކަމުގައެވެ.
1-   الفطرة ފިޠުރަތު
ބަހުގެ ގޮތުން ފިޠުރަތަކީ އުފެއްދެވިގެންވާ ގޮތެވެ. ނުވަތަ خلق ކުރެއްވިގެންވާ ގޮތެވެ. ޝަރުޢީ ގޮތުން ބަލާއިރު ފިޠުރަތަކީ إسلام ކަމެވެ. އެއި شيخ الإسلام ابنتيمية އާއި ابن القيم ގެ ރައުޔުވެސް މެއެވެ.
ކޮންމެ މަޚްލޫޤަކުވެސް الله سبحانه وتعالى އުފައްދަވާފައިވަނީ އޭނާ އުފެއްދެވި ފަރާތަށް އީމާންވާ ޙާލުގައި، އީމާންކަމުގެ މަތީގައެވެ. އެއީ އޭނާގެ އެއްވެސް ވިސްނުމެއް،ފިކުރެއް، ތަޢްލީމެއް އެކަމުގެ މައްޗަށް ބޭނުންޖެހިގެންވާ ކަމެއްނޫނެވެ. އުފެދުމުގައި اللهسبحانه وتعالى ލައްވާފައިވާ މި ޤަބޫލުކުރުން ނުވަތަ  ޢަޤީދާ  ބަދަލުކޮށްލާނޭ ކަމެއް މެދުވެރި ނުވާހާ ހިނދަކު،  އިންސާނާގެ އަޞްލު ޢަޤީދާއަކީ މިއީއެވެ.

މާތްނަބިއްޔާ  صَلَّ اللهُ عَلَيْهِ وَسَلَّمْ  ޙަދީޘްކުރައްވާފައިވެއެވެ. "مَا مِنْ مَوْلُوْدٍإِلاَّ يُوْلَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ، أَوْ يُنَصِّرَانِهِ، أَوْيُمَجِّسَانِهِ" މާނައީ: "ދުނިޔެއަށް އުފަންވާ އެއްވެސް ކުއްޖަކު ފިޠުރަތުގެ މަތީގައި މެނުވީ އުފަން ނުވެއެވެ. ދެން އޭނާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އޭނާގެ މައިންބަފައިންނެވެ." އަދި ބައެއް ރިވާޔަތްތަކުގައި މިފަދައިންވެސް ވާރިދުވެފައިވެއެވެ. "إِلاَّ عَلىَهَذِهِ المِْلَّةِ" އެބަހީ: އެކުއްޖާ މި މިއްލަތުގައި މެނުވީ އުފަންނުވެއެވެ."

އަދި މާތް ނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّمْ ގެ ޤުދުސިއްޔަ ޙަދީޘްފުޅެއްގައި اللهسبحانه وتعالى ވަޙީކުރައްވާފައިވެއެވެ. "إِنِّيْ خَلَقْتُ عِبَادِيْ حُنَفَاءَ كُلُّهُمْ،وَإِنَّهُمْ أَتَتْهُمُ الشَّيَاطِيْنُ فَاجْتَالَتُهُمْ عَنْ دِيْنِهِمْ". މާނައީ: "ތިމަންރަސްކަލާނގެ އަޅުތަކުން ޚަލްޤުކުރެއްވީ އެއްކައުވަންތަކަމުގެ ދީންމަތީގައެވެ. ދެން އެމީހުންގެ ގާތަށް ޝައިޠާނާ އައިސް އެމީހުން އެދީނުން އެއްކިބާކުރިއެވެ."

އިންސާނާ އުއްފައްދަވާފައިވަނީ، ދަތި އުނދަގޫތަކާއި މުޞީބާތްތަކުގެ ވަގުތުގައިالله سبحانه وتعالى ގެ ޙަޟުރަތައް ރުޖޫޢަވާފަދަ ގޮތެއްގައެވެ. ކޮންމެ އިންސާނަކަށްވެސް ބޮޑުވެގެންވާ ދަތި އުނދަގުލެއް ނުވަތަ ބިރުވެރިކަމެއް ކުރިމަތިވެއްޖެނަމަ، އެމީހަކީ ދީނެއް، އިލާހެއް،ޤަބޫލު ނުކުރާ މީހެއް ކަމުގައި ވިޔަސްވެސް، ބޮޑެތި މުޞީބާތުގެ ވަގުތުގައި އެހެނިހެން ޚިޔާލުތަކާއި ފިކުރުތައް އެއިންސާނާއާއި ވަކިވެއެވެ. އަދި އޭނާގެ ފިޠުރަތުގެ އަޞްލު މެނުވީ އޭނާއާއި އެކުގައި ނުވެއެވެ. އެއީ الله سبحانه وتعالى އެއްކައުވަންތަ ކަމަށް އިޤުރާރުވުމެވެ. އެފަދަ ޙާލަތެއްގައި އޭނާގެ ހިތުގެ އެންމެ ފުންމިނުން، އޭނާގެ ނަފްސު އެދިގޮވާނީ އޭނާ ހެއްދެވި އިލާހަށެވެ. އޭނާއަށް ކުރިމަތިވެފައިވާ ބިރުވެރިކަމާއި ދަތިކަން ސަލާމަތް ކޮށްދެއްވުމަށް އެދި ދަންނަވާނީ ހަމައެކަނި އޭނާގެ ވެރިރަސްކަލާނގެ އަށެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތެއް އެފަދަ ވަގުތެއްގައި އޭނާއަކަށް ހަނދާނެއް ނުވާނެވެ.

މިވާހަކަ އަންގަވަމުން الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. لِيَكْفُرُوا بِمَا آتَيْنَاهُمْ وَلِيَتَمَتَّعُوا فَسَوْفَ يَعْلَمُونَ (العنكبوت: 65)  
މާނައީ: "ފަހެ އެއުރެން ނަވަށް އެރިހިނދު، އެކަލާނގެއަށް އީމާންކަން ޚާލިޞްކުރާ ޙާލުގައި، اللهسبحانه وتعالى އަށް އެއުރެން ދުޢާކުރެތެވެ. ފަހެ އެކަލާނގެ އެއުރެން ސަލާމަތްކުރައްވައި، އެއްގަމަށް ގެންނެވި ހިނދު، އެއުރެން އެކަލާނގެއަށް ޝަރީކު ކުރެތެވެ."

އިންސާނާ އުފަންވަނީ މަގު ގެއްލިފައިވާ ޙާލުގައި ޝިރުކަކީ ކޮބައިކަން ނުވަތަالله سبحانه وتعالى ގެ އެއްކައުވަންތަކަމަކީ ކޮބައިކަން ނޭނގޭ ޙާލުގައެއް ނޫނެވެ. އިސްވެ ބަޔާންކުރެވުނު ޙަދީޘްފުޅުންވެސް ދޭހަވި ފަދައިން ކޮންމެ މީހަކުވެސް އުފަންވަނީ އިސްލާމްކަންމަތީގައި الله سبحانه وتعالى ގެ އެއްކައުވަންތަކަމަށް އިޤުރާރުވާ ޙާލުގައޭ ޙަދީޘް ކުރައްވާފައިވުމުގެ މާނައަކީ، އޭނާގެ ނަފްސާއި ޠަބީޢަތުގައި އެކަންކަމުގެ މައްޗަށް ލޯބި اللهسبحانه وتعالى ވަނީ އޭނާގެ ކިބައިގައި ލައްވާފައެވެ. އެކަލާނގެ ރުބޫބިއްޔަތަށާއި އުލޫހިއްޔަތަށް އޭނާގެ ހިތުގައި ލައްވާފައިވެއެވެ. އުފަންވިއިރު ހުރި ޠާހިރުކަންމަތީގައި، އެތުއްތު ކުއްޖާގެ ޢަޤީދާ ބަދަލު ކޮށްލާނޭ ކަމެއް މެދުވެރިނުވެ ހުރެއްޖެނަމަ އޭނާގެ ހިތުގައި اللهسبحانه وتعالى ގެ އެއްކައުވަންތަކަމަށް ލޯބި ހުންނާނެއެވެ. އެއީ އެފަދަ ތުއްތު ކުއްޖަކަށް ކާންބޯން ނުވަތަ މައިމީހާގެ ގާތުން ލިބޭ ކިރުފޮދަށް ލޯބިކުރާ ފަދައިންނެވެ.

2-   الشرع ޝަރުޢީ ދަލީލުތައް

الله سبحانه وتعالى ވޮޑިގެންވާކަމުގެ ޝަރުޢީ ދަލީލުތަކާއި، އެކަލާނގެއީ އެއްކައުވަންތަ އިލާހުކަމުގެ މައްޗަށްހުރި ދަލީލުތައް ވަރަށްވެސް ގިނައެވެ. اللهسبحانه وتعالى ބާވައިލެއްވި ކޮންމެ ފޮތަކީ އަދި އެކަލާނގެ ފޮނުއްވެވި ކޮންމެ ރަސޫލަކު ވަޑައިގެންނެވީ މިކަން ބަޔާންކޮށްދެވުމަށްޓަކައެވެ.

الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ (الأنبياء:25)  
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ."

الله سبحانه وتعالى ފޮނުއްވެވި އެންމެހާ ރަސޫލުންނާއި، އެކަލާނގެ ބާވައިލެއްވެވި އެންމެހައި ފޮތްތަކަކީވެސް އެކަލާނގެ އެއްކައުވަންތަކަމުގެ ހެކިތަކެކެވެ. އެފޮތްތަކުގައިވާ ޙުކުމްތަކާއި އަޅުކަމުގެ ބާވަތްތަކާއި، މީސްތަކުންގެ މަޞްލަޙަތަށްޓަކައި ކަނޑައަޅުއްވާފައި ހުރި ރިވެތި އުޞޫލުތަކުން މިކަމުގެ މައްޗަށް ފުރިހަމައަށް ހެކިލިބެއެވެ.

3-   العقل ބުއްދީގެ ދަލީލުތައް

ކޮންމެ އުފެއްދެވިގެންވާ އެއްޗަކީ ނުވަތަ މިކާއިނަތުގައިވާ ކޮންމެ އެއްޗަކީވެސް އެ އެއްޗެއް ހެއްދެވި ފަރާތެއް ވާކަމުގެ ދަލީލެކެވެ. އެހެނީ އެއްވެސް އެއްޗެއް ހަމަ ހުރެފައެއް ނުއުފެދޭނެއެވެ. އަދި އެ އެއްޗެއްގެ ނަފްސަކުން އަމިއްލައަކަށްވެސް އުފެދޭނެ ކަމަކަށް ބުއްދި ޤަބޫލެއް ނުކުރެއެވެ. އެއްވެސް ކަމަކީ ކުއްލިއަކަށް އޭގެ އަމިއްލަ ޒާތުގައިވާ ކަންކަމެއް ނޫނެވެ. ވީމާ މިކާއިނާތުގައި އެކުލެވިގެން މިވާ ފުރިހަމަ ނިޒާމާއި، ކަންތައްތައް ހިނގުމުގައި މިވާ ފުރިހަމަ ތަރުތީބަކީ އެކަންތައްތައް ބަލަހައްޓަވައި އަދި ހިންގަވާނޭ ފަރާތެއް ނެތި ވާނޭ ކަންކަން ކަމުގައި ބުއްދި ޤަބޫލެއް ނުކުރެވެ.

ހަމައެފަދައިން މިހުރިހާ މަޚުލޫޤުންނަކީވެސް އެހެން ފަރާތަކަށް ބޭނުންޖެހިފައިވާ މަޚްލޫޤުންތަކެކެވެ. އެއްވެސް މަޚުލޫޤަކީ އަމިއްލަ ފުދުންތެރިކަމުގައި އެހެން ފަރާތަކަށް ބޭނުންވުމެއް ނެތި އުޅެވޭ އެއްޗަކަށް ނުވާހިނދު އެހެން ފަރާތަކަށް ބޭނުން ޖެހުމުގެ މިސިފައަކީ ކޮންމެ މަޚުލޫޤެއްގެވެސް ޒާތުގައި އެކުލެވިގެންވާ، ލާޒިމު ސިފައެކެވެ. މި ބޭނުން ޖެހުންވެސް ދަލީލު ކުރަނީ އެހުރިހާ މަޚްލޫޤުތަކުންގެ ކަންތައްތައް ބަލަހައްޓަވާ އިލާހަކުވާނޭކަމެވެ. އަދި އެއީ އެހެން އެއްޗެއްސަށް ބޭނުންވުމުން ހުސްޠާހިރުވެގެންވާ އެއްކައުވަންތަ އިލާހެވެ. އެއީ رب العالمين އެވެ.

މިފަދަ ބުއްދީގެ ދަލީލުތައް ކީރިތި ޤުރްއާނުގައިވެސް الله سبحانه وتعالى ވަނީ ވަޙީކުރައްވާފައެވެ. أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ بَل لَّا يُوقِنُونَ(الطور: 35)
މާނައީ: "ނުވަތަ ހެއްދެވި ފަރާތެއްނެތި އެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތަކީ، އެއުރެން ހެއްޔެވެ؟" އެބަހީ: އެއްވެސް ފަރާތެއް ހެއްދެވުމަކާ ނުލައި އެމީހުން އަމިއްލައަށް ނުއުފެދޭނެއެވެ. އަދި އެމީހުންގެ ނަފްސުތަކުން އެމީހުން އަމިއްލައަށް އުފެދުން އެއީވެސް މުސްތަޙީކުލު ކަމެކެވެ.

جبير بن مطعم ވިދާޅުވިއެވެ. رَسُوْلُ اللّهِ صَلَّ اللهُ عَلَيْهِ وَسَلَّم ޠޫރު ސޫރަތް ކިޔަވާ ވިދާޅުވަނިކޮށް ތިމަންނާއަށް އަޑު އިވުނެވެ. (އޭރު ޖުބައިރަކީ މުޝްރިކެކެވެ.) މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިއާޔަތާއި ހަމައަށް ކިޔަވައި ވިދާޅުވުމުން، މިއާޔަތުގެ އަޑު ތިމަންނާއަށް އިވުމުން ތިމަންނާގެ ހިތް ހީވީ މޭފަޅާފައި ނުކުމެގެން ހިނގައި ދާނޭ ހެންނެވެ. އީމާންކަން ތިމަންނާގެ ހިތަށް އެންމެ ފުރަތަމަ ވަނީ އެހިނދުގައެވެ."

އެއްވެސް އިލާހަކު ނުވެޔޭ ނުވަތަ ތިމަންމެން އުފެދުނީ އަމިއްލަޔަށޭ ބުނާމީހުން އެބުނާ ބަހެކޭ އެއްވަރަށް ދެކޮޅު ނުޖެހޭ، އަދި ހަމަނުޖެހޭ އަނެއް ވާހަކައަކީ الله سبحانهوتعالى އަށް ބައިވެރިންތަކެއް ވާކަމަށް ކުރެވޭ ދަޢުވާއެވެ. ނުވަތަ އެކަލާނގެއަށް ދަރިކަލަކު ވާކަމަށް ނަޞާރާއިން ކުރާ ދަޢްވާއެވެ. ނުވަތަ ހިންދޫއިން އެމީހުންގެ ކަލާނގެ ދަރީންނާއި އަނބީންނާއި ތިބޭކަމުގެ ޤަބޫލުކުރާ ކުރުންފަދަ ޢަޤީދާތަކެވެ. އަޅުގަނޑުމެންގެ ޙަޔާތުގެ ތަޖުރިބާތަކުގެ އަލީގައިވެސް، އެއީ ބާޠިލު ޢަޤީދާއެއްކަން ދޭހަވެއެވެ.

ބުއްދިން ވިސްނައި ފިކުރިކޮށްލައިފި މީހަކަށް الله سبحانه وتعالى ގެ އެއްކައުވަންތަކަން ސާފުކޮށް އެނގޭނެތެވެ. އަޅުގަނޑުމެންގެ ދިވެހިބަހުގައި ކިޔާ މިސާލެއް އޮވެއެވެ. އެއީ "އެއް އުރައެއްގައި ދެކަނޑިއަކަށް ނޯވެވޭނެވާހަކައެވެ." މިއީ އިހުގެ މީހުން ބުއްދިކޮށް ބުނެއުޅޭ ބަހެކެވެ. ނަމަވެސް މިކަމުގެ ޙަޤީޤަތަކީ މިކައުނުގައިވެސް الله سبحانه وتعالى ފިޔަވައި އެހެން އިލާހަކު ވަނީނަމަ މުޅިކައުނު ފަސާދަވެ ހިނގައްޖައީސްކަން ކަށަވަރެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّهُ لَفَسَدَتَا فَسُبْحَانَ اللَّهِ رَبِّ الْعَرْشِ عَمَّا يَصِفُونَ (الأنبياء: 22)
މާނައީ: "އުޑާއި ބުމުގައި الله ފިޔަވައި އެހެން އިލާހަކު ވަނީނަމަ އެދެތަން ފަސާދަ ވެއްޖަހީހެވެ. ފަހެ ޢަރުޝީގެ ވެރިރަސްކަލާނގެ އެމީހުން އެޞިފަކުރާ ކަންތައްތަކުން ހުސްޠާހިރުވަންތަވެ ވޮޑިގެންވެއެވެ."

އިސްވެ ދެންނެވިފަދައިން މިއީ އަޅުގަނޑުމެންގެ ޙަޔާތުގައި ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ. އެއްވެސް ޤައުމުގެއްގައި ދެ ރައީސަކަށް ނުހުރެވޭނެފަދައިން، ނުވަތަ ހުރެއްޖެނަމަ އެދެފަރާތުގެ ދެމެދުގައި މައްސަލަތަކާއި ކޯޅުންތައް އުފެދި މުޅިގައުމު ބައިބައިވެދާ ފަދައިން މިކައުނުގައިވެސް އިތުރު އެހެން އިލާހުންތަކެއް ވުމަކީ މިކައުނު ބައިބައިވެ ފަސާދަވެގެން ހިނގައިދާނެއެވެ.

އެހެންވީމާ، ބުއްދީގެ އަހުލުވެރިން، ކަންކަމުގެ ޙަޤީޤަތް ހޯދައި ބަލާމީހުންނަށް ޙައްޤަކީ ކޮބައިކަން އެނގި އެމީހުންގެ ބުއްދީގެ ސަބަބުން ޙައްޤުގެ މަގަށް އެމީހުންނަށް ވަނީ މަގު ފެނިފައެވެ. މިފަދަ މީހުންގެ ތެރެއިން އެންމެ ފުރިހަމަ މިސާލަކީ ޖާހިލިއްޔަ ޒަމާނުގައި ޙައްޤުގެ މަގު ހޯދުމަށް މަސައްކަތްކުރި މީހުންނެވެ. އެމީހުންގެ ބުއްދީގެ ސަބަބުން، މައްކާގެ މުޝްރިކުން ކޮށްއުޅުނު ޢަމަލުތަކަކީ ބާޠިލު ގޮތްތަކެއްކަން އެނގުނެވެ. އެފަދަ މީހުންގެ ތެރޭގައި ޒައިދު ބުނު ޢަމްރު ބުނު ނުފައިލާއި، ސަޢާދު ބުނު ޒައިދާއި ވަރަޤަތު ބުނު ނައުފަލު ފަދަ ބޭކަލުން ހިމެނުނެވެ. އެމީހުންގެ ވާހަކަ ތަކުގެ ތެރޭގައި، އެމީހުން އެއްކައުވަންތަ އިލާހަކަށް އީމާންވާކަން އެނގެން އެބަހުއްޓެވެ.

ޤުސް ބިން ސާޢިދާ، ޖާހިލިއްޔަ ޒަމާނުގައި މައްކާގެ ޢުކާޡު ބާޒާރުގައި އޭނާ ދިން މަޝްހޫރު ޚުޠުބާގައި ކިޔާފައިވެއެވެ. " أيها الناس اسمعوا وعوا، من عاش مات ومنمات فات، وكل ما هو آتٍ آتٍ، ليل داج، ونهار ساج، وسماءذات أبراج، ونجوم تُزهر، وبحار تزْخَر، وجبال مرساة، وأرضمدحاة، وأنهار مجراة، إن في السماء لخبراً وإن في الأرضلعبراً، ما بال الناس يذهبون فلا يرجعون ؟ أرضوا في المقامفأقاموا ؟ أم تركوا فناموا ؟ "
މާނައީ: "އޭ މީސްތަނުންނޭވެ! އަޑުހައި ދަސްކުރާށެވެ! ދިރިއުޅުނު ކޮންމެ މީހަކީ މަރުވާނޭ މީހެކެވެ. މަރުވެއްޖެ މީހަކީ ނެތިގޮސްފައިވާ މީހެކެވެ. ވާނޭ ކޮންމެ ކަމެއް ވެހިނގައި ދާނެވެ. އަނދިރި ރޭގަނޑެކެވެ. އަލި ދުވާލެކެވެ. ބުރުޖުތަކުން ފުރިގެންވާ އުޑެކެވެ. ވިދައި ބަބުޅާ ތަރިތަކެކެވެ. އަދި ގަދަ ކަނޑެކެވެ. އުސްފަރުބަދަ ތަކެކެވެ. ފެތުރިފައިވާ ބިމެކެވެ. ހިނގަހިނގާ ހުންނަ ކޯރުތަކެކެވެ. އުޑުގައިވަނީ ޚަބަރެވެ. ބިމުގައިވަނީ ޢިބުރަތެވެ. މީސްތަކުން ދިޔުމަށްފަހު އެނބުރި ނާންނަނީ ކީއްވެގެން ހެއްޔެވެ؟ އެތަނާމެދު ރުހެވޭތީ ނާންނަނީ ހެއްޔެވެ؟ ނުވަތަ އެމީހުން ދޫކޮށްގޮސް ނިދީހެއްޔެވެ؟"

މިޒަމާނުގެ ސައިންސްވެރިންނާއި ރިސާޗުތަކާއި ދިރާސާތައް ހަދާމީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު الله سبحانه وتعالى ގެ އެއްކައުވަންތަކަމަށްވަނީ އިޤުރާރުވެފައެވެ.މިފަދަ މިސާލުތައް ވަރަށްވެސް ގިނައެވެ. ތިމާއަށް ލިބިފައިވާ ޢިލްމުގެ ސަބަބުން އީމާންކަމަށް މަގުދައްކައެވެ.

މިވާހަކަތަކުންވެސް ދޭހަވަނީ ބުއްދިން الله سبحانه وتعالى ގެ އެއްކައުވަންތަކަމަށް ދަލީލު ލިބޭކެމެވެ. ދެން އުފެދޭ ސުވާލަކީ ބުއްދިން الله سبحانهوتعالى ގެ އެއްކައުވަންތަކަމަށް ދަލީލު ނުލިބެންޏާ ދެންހަދާނީ ކިހިނެއްތޯ ނުވަތަ ތިމާގެ ބުއްދި އެއްކައުވަންތަކަމަށް އިންކާރު ކުރާނެބާއެވެ؟ މިސުވާލުގެ ޖަވާބުގައި ބުނަން އޮތީ، الله سبحانهوتعالى ގެ އެއްކައުވަންތަކަން ބުއްދީން އިންކާރު ކުރާނަމަ އެއީ ބުއްދީގައި ހުރި އުނިކަމެކެވެ. ޢަރަބި ޅެންވެރިޔަކު ކިޔާފައިވެއެވެ.

إذا ادعى عقلك إنكاره ބުއްދިން އެކަލާނގެ އެއްކައުވަންތަކަން އިންކާރު ކުރާނަމަ
فأنكر العقل ودعواه ތިބާގެ ބުއްދި އާއި އެބުއްދީގެ އެދަޢުވާއަށް އިންކާރުކުރާށެވެ.

މިވާހަކަތުން ބަޔާންވެ އެނގެނީ، މިކައުނު އުފެދުނީ އޭގެ ޒާތުގައި އަމިއްލަޔަށް ކަމުގައި ބުނާ މީހުންގެ އެވާހަކައަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫނެވެ. އަދި ޚާލިޤަކީ ޠަބީޢަތް ކަމުގައި އެބުނާ ބުނުމަކީވެސް ތާކުންތާކު ޖެހޭ ރަނގަޅު ވާހަކައެއް ނޫނެވެ.

މިކާއިނާތުގައިވާ އެންމެހައި ތަކެއްޗަކުން الله سبحانه وتعالى ގެ އެއްކައުވަންތަކާމާއި އެކަލާނގެ ތައުޙީދުގެ މައްޗަށް ދަލީލު ލިބެއެވެ. އަދި މިކަން އިންކާރުކުރާ މީހާ ނުވަތަ މިކަން ޤަބޫލު ނުކުރާ މީހާ ޤަބޫލު ނުކުރަނީ އޭނާގެ އަމިއްލަ ނަފްސުގެ އަނިޔާވެރިކަމުންނެވެ.الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. قُتِلَ الْإِنسَانُ مَا أَكْفَرَهُ -مِنْ أَيِّ شَيْءٍ خَلَقَهُ - مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ  (عبس: 17 19)
މާނައީ: "އިންސާނާއަށް ލަޢްނަތް ލެއްވިއެވެ. އޭނާގެ ހުރި ކާފަރުކަމުގެ ބޮޑުކަމާއެވެ. (17) އެކަލާނގެ އެއިންސާނާ ހެއްދެވީ ކޮން އެއްޗަކުން ހެއްޔެވެ؟ (18) އެކަލާނގެ އެއިންސާނާ ހެއްދެވީ މަނި ތިއްކަކުންނެވެ. ދެން އެއިންސާނާގެ ހުރިހާ ކަމެއް މިންވަރު ކުރެއްވިއެވެ.(19)"

4-  الحس  ޙިއްސީ ދަލީލުތައް

ޙިސުންތަކުން ވަރަށް ސާފުކޮށް الله سبحانه وتعالى ގެ އެއްކައުވަންތަކަމަށް ހެކިލިބެއެވެ. އެފަދަ ހެކިތައް ވަރަށްވެސް ގިނައެވެ. އޭގެ ތެރެއިން:

ހ) ދުޢާ އިޖާބަކުރެއްވުން

މުޞީބާތާއި ދަތި އުނދަގުލުގެ ވަގުތުތަކުގައި ކަންކަމަށް އެދި ދަންނަވާ ދެންނެވުންތައް އެކަލާނގެ އިޖާބަކުރައްވައެވެ. އަދި އެމީހުން އެދޭކަންތައްތައް ފުއްދަވައި ދެއްވައެވެ. މިކަމަށް ހުރި ދަލީލުތަކުގެ ތެރެއިން އެންމެ ސާފުކަންބޮޑު ދަލީލުތަކަކީ ނަބިއްޔުންގެ ދުޢާފުޅުތަކެވެ.

އެގޮތުން ނޫޙުގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ދުޢާކުރެއްވިއެވެ. فَدَعَا رَبَّهُ أَنِّي مَغْلُوبٌ فَانتَصِرْ -  فَفَتَحْنَا أَبْوَابَ السَّمَاء بِمَاء مُّنْهَمِرٍ - وَفَجَّرْنَا الْأَرْضَ عُيُونًا فَالْتَقَى الْمَاء عَلَى أَمْرٍ قَدْ قُدِرَ (القمر: 10 - 12)  
މާނައީ: "ފަހެ އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލޭގެފާނު ދުޢާކުރައްވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، މިއަޅާ ވަނީ ދެރަކޮށްލެވިފައެވެ. ފަހެ މިއަޅާއަށް ނަޞްރު ދެއްވާނދޭވެ!(10) ފަހެ، ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަންރަސްކަލާނގެ އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ. (11) އަދި ތިމަންރަސްކަލާނގެ ފެންއާރުތަކަށް ބިންގަނޑު ފެޅުއްވެވީމެވެ. ފަހެ، ނިޔާ ކުރައްވާފައިވާ ކަމެއްގެ މައްޗަށް ދެފެންގަނޑު ދެފަރާތުން (އުޑުން އޮހުނު ފެނާއި، ބިމުން އެރިފެން) ބައްދަލުވިއެވެ. (12)"

ޔޫނުސްގެފާނުގެ ވާހަކަ އަންގަވަމުން އެކަލާނގެ ވަޙީކުރެއްވިއެވެ. وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَى فِي الظُّلُمَاتِ أَن لَّا إِلَهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ (الأنبياء:87)
މާނައީ: "ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި ދުޢާކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން އަނިޔާވެރިންގެ ތެރެއިން ތިމަންކަލޭގެފާނުވީމެވެ!" ދެން الله سبحانه وتعالى އެކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވިއެވެ. އަދި މަހުގެ ބަނޑުން އެކަލޭގެފާނު ސަލާމަތްކުރެއްވިއެވެ.

އަދި އައްޔޫބުގެފާނުގެ ވާހަކަ އަންގަވައި ވަޙީކުރެއްވިއެވެ. وَاذْكُرْ عَبْدَنَا أَيُّوبَ إِذْ نَادَى رَبَّهُ أَنِّي مَسَّنِيَ الشَّيْطَانُ بِنُصْبٍ وَعَذَابٍ -  ارْكُضْ بِرِجْلِكَ هَذَا مُغْتَسَلٌ بَارِدٌ وَشَرَابٌ -  وَوَهَبْنَا لَهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَى لِأُوْلِي الْأَلْبَابِ   (ص: 41 -43)
މާނައީ: "ތިމަންރަސްކަލާނގެ އަޅާ އައްޔޫބުގެފާނު ހަނދުމަކުރައްވާށެވެ! އެއީ އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ދުޢާދެންނެވި ހިނދުގައެވެ. އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ގައިގައި ޝައިޠާނާ ބީހި، އެކަލޭގެ ފާރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ.(41) (އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެތަނުން ފެން އާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި ފެނެވެ."

އަދި ޞަޙީޙުލް ބުޚާރީގައި أنس ގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ހުކުރު ދުވަހު މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ މެންބަރުގައި ހުންނަވައިގެން ޚުޠުބާ ދެއްވަނިކޮށް ރަށްފުށުގެ މީހަކު މިސްކިތަށްވަނެވެ. އަދި ބުންޏެވެ. އޭ الله سبحانه وتعالى ގެ ރަސޫލާއެވެ! މުދާތަށް ހަލާކުވެއްޖެވެއެވެ. އަދި އަނބިދަރިން ބަނޑަށް ޖެހިއްޖެއެވެ. ފަހެ ތިމަންމެންނަށް ދުޢާކޮށް ދެއްވާށެވެ! ދެން އެކަލޭގެފާނުގެ ދެއަތްޕުޅު އުފުއްލަވައި ދުޢާކުރެއްވިއެވެ. ފަހެ ފަރުބަދަތަކެއްހާ ބިޔަ ވިލާތައް އައިސް އުޑުމަތި ބަނަކުރިއެވެ. އެކަލޭގެފާނު މިންބަރު ފައިބައިވަޑައިގަތުމުގެ ކުރީގައި، އެކަލޭގެފާނުގެ ތުނބުޅިފުޅަށް ވާރޭތިކި ޖަހަންފެށިތަން ތިމަންމެން ދެކުނީމެވެ. އަދި ޖެހިގެން އައި ހުކުރު ދުވަހު ހަމައެމީހާ ނުވަތަ އެހެން މީހަކު ތެދުވެ ދެންނެވިއެވެ. އޭ الله سبحانهوتعالى ގެ ރަސޫލާއެވެ. ބިނާތައް ހަލާކުވެއްޖެއެވެ. މުދާތަށް ޣަރަޤުވެއްޖެއެވެ. ފަހެ ތިމަންމެނަށް ދުޢާކޮށްދެއްވާށެވެ. ދެން އެކަލޭގެފާނުގެ ދެއަތްޕުޅު އުފުއްލަވައި ދުޢާކުރެއްވިއެވެ. "اللهمحوالينا ولا علينا" ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންމެންގެ ވަށައިގެންވާ ހިސާބުތަކަށް ވާރޭ ފޮނުއްވައި ތިމަންމެންގެ މަތީން ވާރޭ ހުއްޓަވާނދޭވެ!" ދެން އެކަލޭގެފާނު އިޝާރާތް ކުރައްވައި ނިމިވަޑައި ނުގަންނަވަނީސް ވާރޭ ހުއްޓިއްޖެއެވެ.

ދުޢާ އިޖާބަ ކުރެއްވުމުގެ ޝަރުޠުތައް ފުރިހަމަ ކުރުމާއެކު ދުޢާ ކުރަނީނަމަ اللهسبحانه وتعالى އެދުޢާ އިޖާބަކުރައްވާނެތެވެ.

ށ) ރަސޫލުބޭކަލުންގެ ތެދުވެރިކަން

މިއީވެސް الله سبحانه وتعالى ގެ އެއްކައުވަންތަކަމުގެ މައްޗަށް ލިބޭ ޙިއްސީ ދަލީލެކެވެ. އެހެނީ ރަސޫލުބޭކަލުން الله سبحانه وتعالى ގެ ރިސާލަތު ފުރިހަމަ ކުރެއްވިއެވެ. އަދި الله سبحانه وتعالى ގެ އެންގެވުންތައް މީސްތަކުންނަށް ފޯރުކޮށްދެއްވިއެވެ. الله سبحانه وتعالى އެބޭކަލުން މީސްތަކުންގެ ތެރެއިން އިޚްތިޔާރު ކުރައްވައި ހޮއްވެވީ މިކަމަށެވެ. އަދި އެބޭކަލުންނަށް ދަލީލުތަކާއި ހެކި ދެއްވިއެވެ. އަދި އެބޭކަލުންނަށް ނަޞްރު ދެއްވައި ކާމިޔާބު ދެއްވިއެވެ. އަދި އެބޭކަލުންގެ ޢަދުއްވުން ބަލިކުރެއްވެވިއެވެ.

ނަބީބޭކަލުންނަކީ މީސްތަކުންގެ ތެރޭގައި ހިމެނޭ އެންމެ ތެދުވެރި ބޭކަލުންނެވެ. ހަމައެފަދައިން ނަބީކަމުގެ ދަޢުވާއަކީ ވަރަށް ބޮޑު ދަޢުވާއެކެވެ. އެކަމަށްޓަކައި الله سبحانهوتعالى އިޚްތިޔާރު ކުރައްވާފައިވަނީ އެކަލާނގެ ޚަލްޤުތަކުންކުރެ އެންމެ ތެދުވެރި ފަރާތްތަކެވެ. އަދި އެބޭކަލުންނަށް الله سبحانه وتعالى ގެ ޙަޟުރަތުން ވާގި ލިބިވަޑައިގަތުމާއި، އެބޭކަލުންގެ އަތްޕުޅުމަތީން މުޢްޖިޒާތްތައް ފާޅުވުމާއި، މިހުރިހާ ކަމަކުންވެސް އެބޭކަލުންގެ އެދަޢުވާގެ ނުވަތަ އެގޮވާލަށްވާ ކަންތައްތަކުގެ ތެދުވެރިކަން ސާބިތު ވެގެންދެއެވެ. މިހުރިހާ ކަމަކުން ދޭހަވަނީ އެބޭކަލުން ފޮނުއްވިގެންވަނީ الله سبحانه وتعالى ގެ ޙަޟުރަތުން ކަމުގައެވެ. އަދި އަޅުކަންކުރުން ޙައްޤުވެގެންވާ އިލާހަކީ އެކަލާނގެކަމެވެ.

މިވާހަކަތަކަށް މިސާލެއްކަމުގައި ހިމަނައިލަން ޤަޞްދުކުރަނީ މައްކާގެ މުޝްރިކުންގެ ބޮޑެއްކަމުގައިވާ ވަލީދު ބުނުލް މުޣީރާ رَسُوْلُالله صَلَّ اللهُ عَلَيْهِ وَسَلَّمْކީރިތި ޤުރްއާން ކިޔަވާވިދާޅުވާ އަނޑު އެހުމަށްފަހުގައި މައްކާގެ މުޝްރިކުންގެ ގާތުގައި ދެއްކި ވާހަކަތަކެވެ. وَاللهِ لَقَدْ سَمِعْتُ مُحَمَّداً آنِفاً يَقُولُ كَلاَماً مَاهُوَ مِنْ كَلاَمِ الإِنْسِ ، ولاَ مِنْ كَلاَمِ الجِنَّ ، إِنَّ لَهُلَحَلاَوَةً ، وَإِنَّ عَلَيْهِ لَطَلاَوَةً ، وَإِنَّ أَعْلاَهُ لَمُثْمِرٌ ، وَإِنَّأسْفَلَهُ لَمُغْدِقٌ ، وَإِنَّهُ يَعْلُوا وَمَا يُعْلَى عَلَيْهِ
މާނައީ: " الله ގަންދީ ބުނަމެވެ. ދެންމެ މުޙައްމަދުގެފާނު ވިދާޅުވަނިކޮށް ތިމަން އަޑުއެހި ބަސްތަކަކީ އެއީ އިންސާނެއްގެ ބަސްތަކެއް ނޫނެވެ. އަދި ޖިންނިއެއްގެ ބަހެއްވެސް ނޫނެވެ. އެބަސްތަކުގައި ފޮނިކަމެއްވެއެވެ. އަދި އެބަސްތަކުގައިވަނީ ރީތިކަމާއި ފުރިހަމަކަމެވެ. އޭގެ މަތީގައިވަނީ މޭވާއަޅައިފައެވެ. އޭގެ ދަށުގައިވަނީ ތިޔާގިކަމެވެ. އެބަސްތައް މަތިވެރިވެގެންވެއެވެ. އަދި އޭގެ މައްޗަށް އެހެން އެއްޗަކަށް މަތިވެރިވެއެއް ނުގަނެވޭނެއެވެ."

ދެން އަބޫ ޖަހުލު މުޣީރާގެ ފަހަތުން އޭނާގެ ގެއަށް ދިޔައެވެ. އެއީ އޭނާ އިސްލާމްވެއްޖެނަމަ މައްކާގެ ޤުރައިޝުން އެކުގައި އިސްލާމްވެދާނެކަމުގެ ބިރަށެވެ. ދެން އެކަމުގައި އޭނާއާ މަޝްވަރާކޮށް ޤުރައިޝުންގެ ތެރެއަށް ގޮސް އޭނާ އެބުނި ބުނުން އަނބުރާ ގެނައުމަށް އެބަސްކުރުވިއެވެ. ދެން އޭނާ ޤުރައިޝުން އެއްވެތިބޭ މަޖިލިހަށް ގޮސް ބުންޏެވެ. މުޙައްމަދުގެފާނަކީ މޮޔައެއް ނޫނެވެ. އަދި ކާހިނެއް ނުވަތަ ދޮގުވެރިއެއްވެސް ނޫނެވެ. ދެން އެމީހުން ސުވާލުކުރުމުން ބުންޏެވެ. އެއީ ތިމާގެ މުދަލާއި އަނބިދަރީންނާ ވަކިކުރުވަނިވި ސިޙުރެކެވެ.

ދެން الله سبحانه وتعالى މި އާޔަތް ތައް ބާވައިލެއްވިއެވެ. ذَرْنِي وَمَنْ خَلَقْتُ وَحِيدًا - وَجَعَلْتُ لَهُ مَالًا مَّمْدُودًا - وَبَنِينَ شُهُودًا -وَمَهَّدتُّ لَهُ تَمْهِيدًا - ثُمَّ يَطْمَعُ أَنْ أَزِيدَ - كَلَّا إِنَّهُ كَانَ لِآيَاتِنَا عَنِيدًا - سَأُرْهِقُهُ صَعُودًا -  إِنَّهُ فَكَّرَ وَقَدَّرَ - فَقُتِلَ كَيْفَ قَدَّرَ -  ثُمَّ قُتِلَ كَيْفَ قَدَّرَ -  ثُمَّ نَظَرَ -  ثُمَّ عَبَسَ وَبَسَرَ -  ثُمَّ أَدْبَرَ وَاسْتَكْبَرَ - فَقَالَ إِنْ هَذَا إِلَّا سِحْرٌ يُؤْثَرُ -  إِنْ هَذَا إِلَّا قَوْلُ الْبَشَرِ -  سَأُصْلِيهِ سَقَرَ (المدثر: 11 - 26)
މާނައީ: "ހަމައެކަނި ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަން ރަސްކަލާނގެއަށް ދޫކޮށްލަވާށެވެ.(11) އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނޭ ފިރިހެން ދަރީން ތިމަންރަސްކަލާނގެ އޭނާއަށް ދެއްވީމެވެ.(12،13) އަދި ދުނިޔޭގެ ހުރިހައި ކަމެއް ތަނަވަސްކޮށްދެއްވައި އޭނާއަށް ފަސޭހަކޮށްދެއްވީމެވެ.(14) ދެންވެސް އޭނާ އެދެނީ ތިމަންރަސްކަލާނގެ އޭނާއަށް އިތުރުކޮށްދެއްވުމަށެވެ.(15) ހަމަހިލާ އެހެންނަކުން ނޫނެވެ. އެނާވީ ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ މީހުންގެ ތެރެއިންނެވެ.(16) ނިކަންހުރެ ތިމަންރަސްކަލާނގެ، ގަދަފަދަވެގެންވާ ޢަޛާބަށް ކުރިމަތިލުމަށް އޭނާއަށް ޖައްސަވާހުށީމެވެ.(17) ހަމަކަށަވަރުން އޭނާ ވިސްނައި ފިކުރުކޮށް ރޭވިއެވެ.(18) ފަހެ އޭނާއަށް ލަޢްނަތް ލެއްވިއެވެ. އޭނާ ރޭވީކޮންފަދައަކުން ހެއްޔެވެ؟(19) ދެން އޭނާއަށް ލަޢްނަތްލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟(20) ދެން އޭނާ ބަލައި ވިސްނައިލިއެވެ.(21) ދެން އޭނާ މޫނު ކުނިކޮށްލައި މޫނު ހެދިއެވެ.(22) ދެން އޭނާ ފުރަގަސްދީ ބޮޑާވިއެވެ.(23) ފަހެ އޭނާ ބުންޏެވެ. މިޤުރްއާނަކީ އަސަރު ކުރުވަނިވި ސިޙުރެއްކަމުގައިމެނުވީ ނުވެއެވެ.(24) މީ އާދަމުގެ ދަރިއެއްގެ ބަސްކަމުގައި މެނުވީ ނުވެއެވެ.(25) ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކައަށް ވައްދަވާނަމެވެ.(26)"

ކީރިތި ރަސޫލާ ގެ ސީރަތުގައި މިފަދަ ހާދިސާތައް ވަރަށްވެސް ގިނައެވެ. ބަދުރު ހަނގުރާމައިގެ ދުވަހުގައި ނަޖިދު ކަރައިގެ މުސްކުޅިއެއްކަމުގައި ހެދިގެން ޤުރައިޝުންނަށް ވާގިވެރިވާން އިބިލީސް އައިސް އުޅެނިކޮށް އުޑުން މަލާއިކަތް ބޭކަލުން އެހަނގުރާމައިގައި ބައިވެރިވި މުސްލިމުންގެ މަދަދަށްޓަކައި الله سبحانه وتعالى ފޮނުއްވިތަން، އިބިލީހަށް ފެނުނުކަމުގައިވެސް ސީރަތުގައި ސާބިތުވެއެވެ. މިހާދިސާއާއި މިނޫންވެސް ހާދިސާތަކުން اللهسبحانه وتعالى ގެ އެއްކައުވަންތަކަމާއި، އެކަލާނގެ ވޮޑިގެންވާކަމުގެ ހެކިތައް ވަރަށް ފުރިހަމައަށް ލިބެއެވެ.

ނ) ނަފްސުތަކުގައިވާ ހެކިތައް

الله سبحانه وتعالى އިންސާނުން އުފައްދަވާފައިވަނީ އެންމެ ފުރިހަމަ ސޫރައިގައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ (التغابن: 3)
މާނައީ: "އަދި ތިޔަބައިމީހުން ޞޫރަކުރައްވައި، އަދި ތިޔަބައިމީހުންގެ ޞޫރަ ރިވެތިކުރެއްވެވިއެވެ." يَعْلَمُ مَا فِي السَّمَاوَاتِ وَالْأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ وَاللَّهُ عَلِيمٌ بِذَاتِ الصُّدُورِ (التين: 4) އަދިވެސް ވަޙީކުރެއްވެވިއެވެ. މާނައީ: "ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ އެންމެ ރިވެތި ޞޫރައިގައި ހެއްދެވީމެވެ."

ނަފްސުތަކުގައިވާ ކުޅަދުންވަންތަކަމުގެ ހެކިތަކަށްބަލައި ފިކުރުކުރުމަށް އަންގަވައި ވަޙީކުރައްވާފައިވެއެވެ. وَفِي أَنفُسِكُمْ أَفَلَا تُبْصِرُونَ (الذاريات: 21)
މާނައީ: "އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގައިވެސް ކުޅަދުންވަންތަކަމުގެ ހެކިތަކެއްވެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީހެއްޔެވެ؟"

އިންސާނާ އޭނާގެ ނަފްސާމެދު ވިސްނައިލުމުން، އެނަފްސަކީ ޢަޖައިބުން ފުރިގެންވާ ނަފްސެއްކަން އެނގޭނެއެވެ. ނަފްސުގެ ބޭރުފުށުގައިވަނީ ފުރިހަމަކަމާއި ރިވެތިކަމެވެ. އަދި އެހެން ހުރިހާ ޙައިވާނުންގެ ތެރެއިން ޚާއްޞަ ސިފަތައް އިންސާނާއަށް ދެއްވާފައިވާކަން ސާބިތުވެއެވެ. ހަމައެފަދައިން އިންސާނާގެ އެތެރެ ހަށީގައިވާ ނިޒާމުތަކާއި، އެނިޒާމުތަކުގެ ފުރިހަމަކަން މިއަދު ސައިންސްވެރީން ދަނީ ހޯދައި ކަޝަފުކުރަމުންނެވެ. މިފަދަ ފުރިހަމަ މަޚްލޫޤުންތަކެއް ލައްވާފައި ވުމުންވެސް ދޭހަވަނީ އެކަލާނގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމެވެ.

ތައުޙީދުގެ ބައިތައް:

މިލިޔުމުގައި ދެން އަޅުގަނޑު އަލިއަޅުވައިލާނީ ތައުޙީދުގެ ތިންބައިގެ މައްޗަށެވެ.

ޢަރަބި ބަހުގައި ތައުޙީދުގެ މާނަ ނެގިފައިވަނީ وحَّد ، يوحِّدމިކަލިމައިންނެވެ. އެބަހީ އެކަނިވުމެވެ. ނުވަތަ އެކުގައި ބައިވެރިޔަކު ނުވުމެވެ. الله سبحانهوتعالى އަށް ނިސްބަތް ކުރަނީނަމަ އެއްކައުވަންތަކަމެވެ. މިކަލިމަގައި ތަޝްދީދު ކުރެވިފައިވަނީ އެކަލިމައިގެ މާނައި އިތުރުކޮށް ބަސް ވަރުގަދަ ކުރުމަށެވެ.

ޢަރަބި ބަހުގައި وَاحِدُ وَ أَحَدُ، وَ وَحِيْدُ މި ތިންކަލިމައިގެވެސް މާނައަކީ އެއްވެސް ބައިވެރިޔަކު ނުވުމެވެ. ވީމާ الله سبحانه وتعالى އީ وَاحِدُ އެބަހީ: އެއްކައުވަންތަ އިލާހެވެ. އެކަލާނގެއީ އެވެސް ބައިވެރިޔަކުނުވާ، އެއްފަދަވެގެންވާ އެއްވެސް ފަރާތެއް ނުވާ އިލާހެވެ. ތައުޙީދުގެ ޢިލްމަކީ الله سبحانه وتعالى ގެ އެއްކައުވަންތަކަން މަޢްރިފާކުރާ ޢިލްމެވެ. الله سبحانه وتعالى އީ އެކަލާނގެއާ އެއްފަދަވެގެންވާ އެއްވެސް ފަރާތެއްނުވާ، ބައިވެރިޔަކު ނުވާ ކަލާނގެކަން ނޭނގެ މީހަކު ނުވަތަ الله سبحانه وتعالى އަންގަވާފައިވާ ގޮތަށް އެކަލާނގެ އެއްކައުވަންތަކަން ޤަބޫލު ނުކުރާ މީހަކީ ޙަޤީޤީ މުވައްޙިދެއް ނޫނެވެ.

ތައުޙީދު އިޞްޠިލާޙީ ތަޢްރީފަކީ: الله سبحانه وتعالى ގެ الألوهية  އާއި الربوبيةއާއި الأسماء والصفات ގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ. ނުވަތަ އެކަންކަމުގައި އެކަލާނގެ އެއްކައުވަންތަކަމަށް އީމާންވުމެވެ.

1-          توحيد الربوبية

توحيد الربوبية އަކީ الله سبحانه وتعالى ގެ އެންމެހައި ޢަމަލުފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކަން ޤަބޫލު ކުރުމެވެ. އެބަހީ: އެކަލާނގެ ކުރައްވާ އެންމެހައި ކަންތައްތަކުގައި އެކަލާނގެ ފިޔަވައި އެހެން ފަރާތެއް ބައިވެރިނުވާކަން ޤަބޫލުކުރުމެވެ. މިސާލަކަށް ޚަލްޤު ކުރެއްވުމާއި ރިޒުޤު ދެއްވުމާއި، އެންމެހާ ކާއިނާތު ތަކުގެ ކަންތައްތައް ރާއްވަވައި ހިންގެވުމާއި، ދިރުއްވައި މަރު ހިއްޕެވުމާއި މިފަދަ ހުރިހާ ކަމެއްގައި އެކަލާނގެ އެއްކައުވަންތަކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ.

ވީމާ ربوبية އަށް އީމާންވުމަކީ: الله سبحانه وتعالى ފިޔަވައި އެހެން خالق އަކު ނުވާކަން ޤަބޫލުކުރުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. " اللَّهُ خَالِقُ كُلِّ شَيْءٍ " މާނައީ: " اللهسبحانه وتعالى އަކީ ހުރިހާ އެއްޗެއްގެ خالق އެވެ." ހުރިހާ އެއްޗެއް އުފެއްދެވީ އެކަލާނގެއެވެ. އަދި ޚަލްޤު ކުރެއްވުމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވާކަން ބަޔާންކުރައްވައި އެތައްއާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. هَذَا خَلْقُ اللَّهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِن دُونِهِ بَلِ الظَّالِمُونَ فِي ضَلَالٍ مُّبِينٍ  (لقمان: 11)
މާނައި: "މިއީ ﷲ ގެ ހެއްދެވުމެވެ. އެކަލާނގެ ފިޔައިވައި އެހެން ފަރާތަކުން ހަދައިފައިވަނީ ކޮން އެއްޗެއްކަން ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ފަހެ ދައްކައިދީބަލާށެވެ!"

ހަމައެފަދައިން، الله سبحانه وتعالى ފިޔަވައި އެހެން رازق އަކު ނުވާކަން ޤަބޫލުކުރުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.  "وَمَا مِنْ دَآبَّةٍ  فِيْ اْلاَْرْضِ إلاَّ عَلَى اللَّهِرِزْقُهَا" މާނައީ: "ބިމުގައި އެއްވެސް ދާބައެއް (ކުޑަވިޔަސް އަދި ބޮޑުވިޔަސް އެއްވެސް އެއްޗެއް) اللهسبحانه وتعالى އެތަކެއްޗަށް ރިޒުޤު ދެއްވުމަށް ޙަވާލުވެ ވޮޑިގެންނުވާ އެކައްޗެއްވެސް ނުވެއެވެ." އަދި ރިޒުޤު ދެއްވުމުގައި އެކަލާނގެ ފިޔަވައި އެހެން ފަރާތެއް ނުވާކަންވެސް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި الله سبحانه وتعالى ވަނީ އަންގަވައިފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. أَمَّنْ هَذَا الَّذِي يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُ بَل لَّجُّوا فِي عُتُوٍّ وَنُفُورٍ (الملك: 21)
މާނައީ: "ނުވަތަ އެކަލާނގެ ރިޒްޤުދެއްވުން ހުއްޓަވައިފިނަމަ، ތިޔަބައިމީހުންނަށް ރިޒުޤު ދޭނޭ މީހަކީ ކާކުހެއްޔެވެ؟"

ހަމައެފަދައިން، الله سبحانه وتعالى ފިޔަވައި މިކައުނުގެ ކަންތައްތައް ރާއްވަވާ އެއްވެސް ފަރާތެއް ނުވާކަމަށް އީމާންވުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "يُدَبِّرُالْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ" މާނައީ: "އުޑުންފެށިންގެ ބިމާއި ހަމައަށް ހުރިހާ ކަމެއް އެކަލާނގެ ތަދުބީރު ކުރައްވަތެވެ." އަދިވެސް އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. إِنَّ رَبَّكُمُ اللّهُ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ الْخَلْقُ وَالأَمْرُ تَبَارَكَ اللّهُ رَبُّ الْعَالَمِينَ(الأعراف: 54)
މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި ކަލާނގެއެވެ. އެއަށްފަހު، އެކަލާނގެ ޢަރުޝީގެ މައްޗަށް އިސްތަވާ ވެވޮޑިގެންނެވިއެވެ. އަދި އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. އެއިން ކޮންމެ އެއްޗެއް އަވަސްކަމާއެކު އަނެއްކައްޗެއް ހޯދައިގަނެއެވެ. އަދި އިރާއި ހަނދާއި ތަރިތައް އެކަލާނގެ އަމުރުފުޅަށް ކިޔަމަން ކުރައްވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ހެއްދެވުމާއި އަމުރުކުރެއްވުން ވަނީ، އެކަލާނގެއަށް ޚާއްޞަވެގެންނެވެ. ޢާލަމްތަކުގެ ވެރި الله މަތިވެރިވެ ވޮޑިގެންފިއެވެ."

ހަމައެފަދައިން، الله سبحانه وتعالى ފިޔަވައި ދިރުއްވައި މަރުހިއްޕަވާ އެހެން އެއްވެސް ފަރާތެއް ނުވާކަމަށް އީމާންވުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "هُوَ يُحْيِيْوَيُمِيتُ وَإِلَيْهِ تُرْجَعُونَ" މާނައީ: "އެކަލާނގެއީ ދިރުއްވައި މަރުހިއްޕަވާ ރަސްކަލާނގެއެވެ. އަދި އެނބުރި ދިޔުންވަނީ އެކަލާނގެ ޙަޟުރަތަށެވެ."

ތައުޙީދުގެ މިބަޔަށް މައްކާގެ މުޝްރިކުންވެސް ރަސޫލުالله ޞައްލަ الله ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ތިބި މައްކާގެ މުޝްރިކުންވެސް އިޤުރާރުވިއެވެ. އެމީހުންވެސް އިސްވެބަޔާންކުރެވުނު ކަންކަމަކީ الله سبحانه وتعالى އަށް ޚާއްޞަވެގެންވާ ކަންތައްތަކެއްކަން ޤަބޫލުކުރެއެވެ. ނަމަވެސް ތައުޙީދުގެ މިބަޔަށް އެކަނި އީމާންވުމަކުން އެމީހުންނަކީ މުސްލިމުން ކަމުގައެއް ނުވެއެވެ. އެމީހުންނާމެދު الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. " وَلَئِنْ سَأَلْتَهُمْ مَنْخَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ "
މާނައީ: "އަދި ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ ސުވާލު ކުރައްވައިފިނަމަ އެމީހުން ބުނާނެކަން ކަށަވަރެވެ. الله އެވެ."

އަދިވެސް އެހެން އާޔަތްތަކެއްގައި މިވާހަކަތައް އަންގަވައި ވަޙީކުރައްވާފައިވެއެވެ. سَيَقُولُونَ لِلَّهِ قُلْ أَفَلَا تَذَكَّرُونَ -  قُلْ مَن رَّبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ -  سَيَقُولُونَ لِلَّهِ قُلْ أَفَلَا تَتَّقُونَ -  قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ - سَيَقُولُونَ لِلَّهِ قُلْ فَأَنَّى تُسْحَرُونَ (المؤمنون: 85 - 87)
މާނައީ: "އެއުރެން ދަންނަވާނެތެވެ. (މިލްކުވެރިކަންވަނީ) ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަތްއުޑުގެ ވެރިޔަކީ، އަދި މާތްވެގެންވާ ޢަރުޝުގެ ވެރިޔާއަކީ ކާކުހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. (ވެރިކަންވަނީ) ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެޔަށް) ތަޤުވާވެރި ނުވަނީ ހެއްޔެވެ؟

الله سبحانه وتعالى އެންމެހައި މަޚްލޫޤުން އުފެއްދެވީ އެކަލާނގެ ރުބޫބިއްޔަތަށް އިޤްރާރުވާ ޙާލުގައެވެ. މުޝްރިކުންގެ ތެރެއިންވެސް އެކަލާނގެއަށް ޝަރީކުކުރާ މީހުންވެސް އުޑުތަކާއި ބިންހެއްދެވުމުގައި އެކަލާނގެއަށް ބައިވެރިޔަކު ނުވާކަމަށް އިޤްރާރުވެއެވެ.

މިއަދި ތައުޙީދުގެ މިބަޔާއި މެދު ދެކޮޅުހަދައި، އިންކާރުކުރާ މީހުންނަކީ ބޮޑާވެރިކަމާއި ނުބައި ނުލަފާކަމުން ދެކޮޅަހަދާ މީހުންނެވެ. އެހެނީ މޫސާގެފާނުގެ ޒަމާނުގައި މިޞްރުގެ ފިރްޢައުނުވެސް އިލާހުވަންތަކަމަށް ދަޢްވާކޮށް ހެދި ނަމަވެސް އޭނާއަށްވެސް ﷲ ގެ އެއްކައުވަންތަކަން އެނގެއެވެ. އޭނާއާއި ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ.  قَالَ لَقَدْ عَلِمْتَ مَا أَنزَلَ هَؤُلاء إِلاَّ رَبُّ السَّمَاوَاتِ وَالأَرْضِ بَصَآئِرَ وَإِنِّي لَأَظُنُّكَ يَا فِرْعَونُ مَثْبُورًا (الإسراء: 102)
މާނައީ: "(މޫސާގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، ބަޔާންވެގެންވާ ޢިބްރަތްތަކެއް ކަމުގައި މި މުޢްޖިޒާތްތައް ބާވައިލެއްވީ، އުޑުތަކާއި ބިމުގެ ވެރިރަސްކަލާނގެ ފިޔަވައި އެހެންފަރާތެއް ނޫންކަން ކަލޭ ރަނގަޅަށް ދަންނާނޫއެވެ! އޭ ފިރްޢައުނެވެ. ފަހެ އަހަރެންނަށް ޔަޤީންވަނީ ކަލެއަކީ ގެއްލެނިވެ ހަލާކުވެފައިވާ މީހެއް ކަމުގައެވެ."

2-                  توحيد الألوهية

توحيد الألوهية އަކީ الله سبحانه وتعالى އަށް އެކަލާނގެ އަޅުތަކުކުރާ އެންމެހައި ޢަމަލުތަކެއްގައި އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. ވީމާ ނަމާދުކުރުން ޒަކާތް ދިނުމާއި ޙައްޖުވުންފަދަ ގުނަންތަކާއި މުދަލުން ކުރެވޭ އަޅުކަމުގައި އާއި ހިތުގެ ޢަމަލުތަކުގައިވެސް، މިސާލަކަށް ތަވައްކަލު ކުރުމާއި، އެހީއަށް އެދުމާއި، ބިރުވެތިވުމާއި، ލޯބިވުމާއި މިފަދަ ހުރިހާ ކަމެއްކަގައި އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ.

ދުޢާކުރާ ހިނދު އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ދުޢާ ނުކުރުމަށްވަނީ އަންގަވާފައެވެ. " وَقَالَ رَبُّكُمُ ادْعُونِيْ أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِيْ سَيَدْخُلُونَجَهَنَّمَ دَاخِرِينَ " (الغافر 60)
މާނައީ: "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ. އެއިރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ދުޢާ އިޖާބަ ކުރައްވާނަމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް ދުޢާކޮށް އަޅުކަންކުރުމަށް ކިބުރުވެރިވެގަންނަ މީހުން ދަންނާށެވެ. ނިކަންހުރެ، ނިކަމެތިވެގެންވާ ޙާލު އެއުރެން ނަރަކައަށް ވަންނާނެވެ."

އަދި الله سبحانه وتعالى ފިޔަވައި ބިރުގަންނަ އެހެން ފަރާތެއް ވެގެން ނުވާނެއެވެ.(އާލްޢިމްރާން: 175) " إِنَّمَا ذَلِكُمُ الشَّيْطَانُ يُخَوِّفُ أَوْلِيَاءَهُ فَلا تَخَافُوهُمْ وَخَافُونِ إِنْ كُنْتُمْمُؤْمِنِينَ " 
މާނައީ: "ހަމަކަށަވަރުން އެއީ ޝައިޠާނާއެވެ. އެކަލޭގެ، އެކަލޭގެ އެކުވެރިންދެކެ ތިޔަބައިމީހުން ބިރުގަންނަވަނީއެވެ! ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރު ނުގަންނާށެވެ! އަދި ތިޔަބައިމީހުން، މުއުމިނުންކަމުގައި ވަނީނަމަ، ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ."

އަދި الله سبحانه وتعالى ފިޔަވައި توكل ކުރާ އެހެންފަރާތެއްވެސް ހުރެގެން ނުވާނެއެވެ. (އައްތަޣާބުން:13) " وَعَلَى اللَّهِ فَتَوَكَّلُوا إِنْ كُنْتُمْ مُؤْمِنِينَ " މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންނީ މުއިމިނުންކަމުގައި ވަނީނަމަ، ހަމައެކަނި الله سبحانه وتعالى އަށް توكل ކުރާށެވެ!"

އަދި ވާގި އެދުމުގައިވެސް އެކަލާނގެ ނޫން ފަރާތެއް ވެގެންނުވާނެއެވެ(އަލްފާތިޙާ: 05). " إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ " މާނައީ: "އަޅަމެން އަޅުކަންކުރަނީވެސް އަދި ވާގިއެދެނީވެސް އިބަރަސްކަލާނގެ ޙަޟުރަތުންނެވެ."

އަދި الله سبحانه وتعالى ފިޔަވައި އެހެން އެއްވެސްފަރާތަކުން ރައްކާތެރިކަމަށްވެސް ނޭދުމެވެ. (އައްނާސް: 01) " قُلْ أَعُوذُ بِرَبِّ النَّاسِ " މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. މީސްތަކުންގެ ވެރި ރަސްކަލާނގެ ޙަޟުރަތުން ތިމަންކަލޭގެފާނު ރައްކާތެރިކަމަށް އެދެމެވެ."

ރަސޫލުން ފޮނުއްވުނީ ތައުޙީދުގެ މިބަޔާއިގެންނެވެ. (އައްނަޙްލު: 36)  " وَلَقَدْبَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اُعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ " މާނައީ: "ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ الله سبحانه وتعالى އަށް އަޅުކަންކުރުމަށާއި، الله سبحانه وتعالى ފިޔަވައި އަޅުކަންކުރެވޭ ތަކެއްޗާ ދުރުހެލިވުމަށް އެންގެވުމަށެވެ."

ތައުޙީދުގެ މިބަޔަކީ އިހުގެ ކާފަރުންނާއި މިހާރުގެ ކާފަރުންވެސް އިންކާރުކުރި ބައެވެ. ކާފަރުވީ މީހުންގެ ވާހަކަތައް އަންގަވައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (ޞާދު: 05) " أَجَعَلَ الْآلِهَةَ إِلَهًاوَاحِدًا إِنَّ هَذَا لَشَيْءٌ عُجَابٌ " މާނައީ: "އެކަލޭގެފާނު ހުރިހާ އިލާހުންތައް އެއްއިލާހަށް ހެއްދެވީހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ނުހަނު ޢާޖާއިބުވާފަދަ ކަމެއްކަން ކަށަވަރެވެ."

އަޅުކަމުގައި الله سبحانه وتعالى އާ އެހެން ފަރާތެއް ބައިވެރިކޮށްފި މީހާގެ ޢަމަލުތައް ޤަބޫލެއް ނުކުރެއްވޭނެއެވެ. " وَاعْبُدُواْ اللَّهَ وَلاَ تُشْرِكُواْ بِهِ شَيْئًا " (النساء: 36)
މާނައީ: "ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއާ އެވެސް އެއްޗެއް ޝަރީކު ނުކުރާށެވެ."
އަދި ޝަރީކު ކުރާ މީހުންގެ ޢަމަލުތައް ބާޠިލުވެގެން ވާކަންވެސްވަނީ އަންގަވާފައެވެ. (އައްޒުމަރު: 65) " لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ " (الزمر 65)
މާނައީ: "ކަލޭގެފާނު ޝަރީކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައްވެސް ބާޠިލު ވެއްޖައީސްކަން ކަށަވަރެވެ. އޭރުން ކަލޭގެފާނު ވެވަޑައިގަންނަވާނީ ގެއްލެނިވެގެންވީ މީހުންގެ ތެރެއިންނެވެ."

3-                  توحيد الأسماء والصفات

توحيد الأسماء والصفات އަކީ، ކީރިތި ޤުރްއާނުގައި އާއި މާތް ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ޞައްޙަ ޙަދީޘްފުޅުތަކުގައި ބަޔާންވެގެންވާ اللهسبحانه وتعالى އާއި އެކަލާނގެ ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަގެ އެކަލާނގެ ޒާތުފުޅަށް ދެއްވާފައިވާ الله سبحانه وتعالى އިސްމުފުޅުތަކާއި، އެކަލާނގެ އެސިފައަކުން ސިފަކުރައްވާފައިވާ ސިފަފުޅުތައް އޭގެ ހަޤީޤީ މާނައިގައި ތެދުކޮށް އީމާންވުމެވެ. އަދި އިސްމުފުޅުތަކަކީ އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައްކަމާއި، އެސިފަފުޅުތަކަކީ އެންމެ ފުރިހަމަވެގެންވާ ސިފަފުޅުތައްކަން، އެއްވެސް ބަދަލުކުރުމެއްނެތި، ނުވަތަ މާނަ އަނބުރާލުމެއްނެތި ނުވަތަ އެހެން އެއްޗަކާ ވައްތަރުކުރުމެއްނެތި، ޤަބޫލުކޮށް އެއަށް އީމާންވުމެވެ.

الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا وَذَرُواْ الَّذِينَ يُلْحِدُونَ فِي أَسْمَآئِهِ سَيُجْزَوْنَ مَا كَانُواْ يَعْمَلُونَ )الأعراف: 180(
މާނައީ: "އެންމެ ރިވެތި ނަންފުޅުތައް މިލްކުވެވޮޑިގެންވަނީ الله އަށެވެ. ފަހެ އެނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ޙަޟުރަތަށް ދުޢާކުރާށެވެ. އަދި އެކަލާނގެ ނަންފުޅުތަކާމެދު، ޙައްޤުމަގުން އެއްކިބާވެއުޅޭ މީހުން ތިޔަބައިމީހުން ދޫކޮށްލާށެވެ. އެއުރެން ކޮށްއުޅުނު ކަންތައްތަކަށް އެއުރެންނަށް ޖަޒާދެއްވާނެތެވެ." 
الله سبحانه وتعالى ގެ އިސްމުފުޅުތައް ވަރަށްވެސް ގިނައެވެ. އޭގެތެރޭގައިالرحمن، والسميع، والبصير، والعزيز، والحكيم ހިމެނެއެވެ. މީގެން ކޮންމެ އިސްމުފުޅަކީ ނުވަތަ ޞިފަފުޅަކީ، ކީރިތި ޤުރްއާނުގައި ނުވަތަ ރަސޫލާގެ ސުންނަތުގައި ސާބިތުވެފައިވާ އިސްމުފުޅުތަކާއި ޞިފަފުޅުތަކެވެ.

އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ عَالِمُ الْغَيْبِ وَالشَّهَادَةِ هُوَ الرَّحْمَنُ الرَّحِيمُ - هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ - هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ لَهُ الْأَسْمَاء الْحُسْنَى يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ )الحشر: 22 - 24(
މާނައީ: "އެކަލާނގެއީ الله އެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވެއެވެ. ޣައިބުގައިވާ ކަންތައްތަކާއި ފެންނަ ކަންތައްތައްވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ ކަލާނގެއެވެ.(22) އެކަލާނގެއީ الله އެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވެއެވެ. ރަސްވަންތަ ރަސްކަލާނގެއެވެ. ޠާހިރުވަންތަ ރަސްކަލާނގެއެވެ. ހުރިހާ އުނިސަފަތަކަކުން ހުސްޠާހިރުވެގެންވާ ކަލާނގެއެވެ. އަމާންކަން ދެއްވާ ކަލާނގެއެވެ. ހުރިހާ އެއްޗެއް ރައްކާތެރިކުރައްވައި ބަލަހައްޓަވާ ކަލާނގެއެވެ. ޢަޒީޒްވަންތަ ކަލާނގެއެވެ. ޖައްބާރުވަންތަ ކަލާނގެއެވެ. ޢަޡަމަތްތެރިވަން ކަލާނގެއެވެ. އެއުރެން ޝަރީކު ކުރާތަކެތިން الله سبحانه وتعالى ހުސްޠާހިރުވަންތަވެ ވޮޑިގެންވެއެވެ.(23) އެކަލާނގެއީ الله އެވެ. ހުރިހާ އެއްޗެއް ހައްދަވާ ކަލާނގެއެވެ. ހުރިހާ އެއްޗެއް އުފައްދަވާ ކަލާނގެއެވެ. ޞޫރަކުރައްވާ ކަލާނގެއެވެ. އެންމެހައި ރިވެތި ނަންފުޅުތައް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެއަށް ތަސްބީޙަ ދަންނަވައެވެ. އަދި އެކަލާނގެއީ ޢަޒީޒުވަންތަ ޙަކީމުވަންތަ ކަލާނގެއެވެ.(24)"

ރަސޫލުالله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " إنَّ لِلّهِ تِسْعَةٌ وَتِسْعِيْنَاسْمًا، مِائَةٌ إِلاَّ وَاحِدًا، مَنْ أحْصَاهَا دَخَلَ الْجَنَّةَ " (متفق عليه) މަނައީ: "ހަމަކަށަވަރުން اللهسبحانه وتعالى އަށް ނުވަދިހަ ނުވަ އިސްމުފުޅެއްވެއެވެ. އެއިސްމުފުޅުތައް ދަސްކޮށްފި މީހާ ސުވަރުގެ ވަންނަ ހުއްޓެވެ."

الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. (އައްޝޫރާ: 11)  "لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُالْبَصِيرُ" މާނައި: "އެކަލާނގެއާ އެއްފަދަވެގެންވާ ހަމަ އެކައްޗެއްވެސް ނުވެއެވެ. އަދި އެކަލާނގެއީالسَّمِيعُ (އައްސަވައި ވޮޑިގެންވާ) الْبَصِير ބައްލަވައިވޮޑިގެންވާ އިލާހެވެ."

الله سبحانه وتعالى ގެ ކޮންމެ އިސްމުފުޅެއްގައިވެސް އެކަލާނގެ ޞިފަފުޅުތައް ހިމެނެއެވެ. ވީމާ العليم މި އިސްމުފުޅުގައި ދެނެވޮޑިގަތުމުގެ ޞިފަހިމެނެއެވެ. الحكيم މި އިސްމުފުޅުގައި ދެނެވޮޑިގަތުމުގެ ޙިކުމަތްވަންތަކަމުގެ ސިފަ ހިމެނެއެވެ. السميع މި އިސްމުފުޅުގައި އަޑު އެއްސެވުމުގެ ޞިފަހިމެނެއެވެ. البصير މި އިސްމުފުޅުގައި ބައްލަވާވޮޑިގެންވުމުގެ ޞިފަހިމެނެއެވެ.

الله سبحانه وتعالى ގެ އިސްމުފުޅުތަކާއި ސިފަފުޅުތަކާމެދު އަޅުގަނޑުމެންގެ ޢަޤީދާ
1- އެކަލާނގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ސާބިތުކުރުމުގައި، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ގެ ސުންނަތުން ސާބިތުވާ ޞިފަތައް، ބަދަލު ކުރުމެއްނެތި، ނުވަތަ އެހެން އެއްޗަކާ ވައްތަރު ކުރުމެއް ނެތި ނުވަތަ އުނިކުރުމެއްވެސް ނެތި، އޭގެ ޙަޤީޤީ މާނައިގައި ވާރިދުވެފައިވާ ގޮތުގައި ޤަބޫލުކޮށް އީމާންވުމެވެ.

2- އެއްވެސް މަޚުލޫޤަކާއި އެކަލާނގެއާ ވައްތަރު ކުރުމެއްނެތި އެންމެހައި އުނި ޞިފަތަކުން އެކަލާނގެ ނަފީކޮށް، އެފަދަ ޞިފަތަކުން ހުސްޠާހިރުވެގެންވާކަން ޤަބޫލުކޮށް އީމާންވުމެވެ.

الله سبحانه وتعالى އަށް އީމާންވުމުން ޙާޞިލުވާ މޭވާތައް

الله سبحانه وتعالى އަށް އީމާންވުމުން އެތައް ފައިދާތަކަކާއި މޭވާތަކެއް ލިބެއެވެ.

1)        الله سبحانه وتعالى އަށް މުއުމިނުންގެ ކިބައިން ދަތި އުނދަގޫތައް ފިއްލަވައިދެއްވައެވެ. އަދި މުޞީބާތްތަކުން ނަޖާކުރައްވައި ޢަދުއްވުންގެ ކިބައިން ސަލާމަތްކޮށްދެއްވައެވެ. (ޙައްޖު: 38) " إِنَّاللَّهَ يُدَافِعُ عَنِ الَّذِينَ آمَنُوا "

2)        ހެޔޮވެގެންވާ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ލިބުމުގެ މަގަކީ الله سبحانه وتعالى އަށް އީމާންވުމެވެ. (އައްނަޙުލު: 97)  " مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةًطَيِّبَةً "

3)        ކާމިޔާބާއި ނަޞްރު ލިބުންވަނީ އީމާންކަމުގައެވެ. އަދި ތިމާގެ ބޭނުންތައް ޙާޞިލުވުމާއި ބިރުވެރިކަމުން ސަލާމަތްވުންވަނީ الله سبحانه وتعالى އަށް އީމާންވުމުގައެވެ. أُوْلَئِكَ عَلَى هُدًى مِّن رَّبِّهِمْ وَأُوْلَئِكَ هُمُ الْمُفْلِحُونَ) البقرة: 5(

4)        އީމާންކަމުގެ ސަބަބުން ތިމާމެންގެ ނަފްސުތައް ޚުރާފީ ކަންތައްތަކުން ސަލާމަތްކޮށްދެއެވެ. ވީމާ ޙައްޤު ގޮތުގައި الله سبحانه وتعالى އަށް އީމާންވެއްޖެ މީހަކު އޭނާގެ ހުރިހާ ކަމެއްގައި ހަމައެކަނި ވަކީލު ކުރާނީ އެކަލާނގެއަށެވެ. އަދި އޭނާގެ ވެރި ރަސްކަލާނގެއަކީ، އޭނާގެ ޚާލިޤަކީ އަދި ރާޒިޤަކީ އެކަލާނގެކަމުގައި އިޤްރާރުވާ މީހަކަށް، އެއްވެސް ބިރުވެރިކަމެއް ހިތްހަމަނުޖެހުމެއް އެހެން މީހެއްގެ ފަރާތުން ލިބުމެއް ނުވެއެވެ.

5)                   الله سبحانه وتعالى އަށް ޙައްޤުގޮތުގައި އީމާންވުމުން މެނުވީ އެކަލާނގެ ރުއްސެއްވުން ޙާޞިލު ނުވާނެއެވެ. އެކަލާނގެ ރުއްސެވުން ލިބިގެން މެނުވީ ސުވަރުގެއަށް ނުވަދެވޭހުއްޓެވެ. އަދި ދާއިމީ ނިޢުމަތާއި ހިތްހަމަޖެހުން ޙާޞިލު ނުވާނެއެވެ.

އަދި މިނޫނަސްވެސް ބޮޑެތި ބޮޑެތި އެތައް ފައިދާތަކެއް الله سبحانه وتعالى އަށް އީމާންވުމުގައި އެކުލެވެގެވެއެވެ. އަޅުގަނޑުގެ ދުޢާކީ އަޅަމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުމެވެ.سُبْحَانَكَ اللَّهُمَّ أَشْهَدُ ألاَّ إِلَهَ إِلاَّ أَنْتَ أسْتَغْفِرُكَ وَأتُوْبُ إِلَيْكَ.

No comments:

Post a Comment