އީމާންކަމުގެ މާނަ:
އީމާންގެ ލުޣަވީ ތަޢުރީފް:"الإيمان" މިލަފްޒަކީ " آمن " މިލަފްޒުގެ މަޞްދަރެވެ. الإيمان ނެގިފައިވަނީ الأمنމިލަފްޒުންނެވެ. އޭގެ
މާނައަކީ އަމާންކަމެވެ. ބިރުވެރިކަމުގެ އިދިކޮޅެކެވެ. ޢަރަބި ބަހުގައި
"އީމާން" މިލަފްޒު ތަފާތު މާނައިގައި ބޭނުންކުރެވެއެވެ. އެގޮތުން
ތެދުކުރުން، އިތުބާރު، ހިތްހަމަޖެހުން، އިޤްރާރުވެ އެއްބަސްވުން މިމާނަތަކުގައި
ބޭނުން ކުރެވެއެވެ. ބައެއް ބޭފުޅުން އީމާންގެ މާނަ ހަމައެކަނި"التصديق" ތެދުކުރުމުގެ މާނައިގައި
މާނަ ކުރައްވާފައިވާ ތަން ފެނެއެވެ.
އެހެންނަމަވެސް އެއީ އެންމެ ރަނގަޅުގޮތެއްނޫނެވެ. "الإيمان" އަކީ ހަމައެކަނި ތެދުކުރުމެއްނޫނެވެ. އަދި ކިއެއްތަ
އެއީ ހިތްހަމަޖެހުމާއި އެއްބަސްވުމާއެކު ތެދުކުރުމެވެ.
އީމާންގެ އިޞްޠިލާޙީ ތަޢުރީފް :
އީމާންކަމަކީ ވަކިކަހަލަ ކަންކަމެއް ހިތުންތެދުކޮށް
ޤަބޫލުކުރުމާއި ދުލުން ކިއުމާއި ޢަމަލުން
އެކަންތައްތައް ކުރުމެވެ.
މިއުންމަތުގެ ސަލަފުއްޞާލިޙުން އީމާންކަން ބަޔާން
ކުރައްވާފައިވަނީ މިފަދައިންނެވެ. މި ތަޢްރީފަކީ މާތް އަޞްޙާބު ބޭކަލުންނާއި
ތާބިޢީ ބޭކަލުންނާއި އޭގެފަހުން ވަޑައިގެންނެވި މިއުންމަތުގެ ދަންނަބޭކަލުން
އިޖްމާޢުވެ ވަޑައިގެންފައިވާ ތަޢްރީފެކެވެ. މިއިޖްމާޢު ބަޔާންކުރެއްވި ބޭކަލުންގެ
ތެރޭގައި އަލްއިމާމް މާލިކް، އަލްއިމާމް ޝާފިޢީ، އަލްއިމާމް އަޙްމަދު،
އަލްއައުޒާޢީ،އިސްޙާޤު،އައްޘައުރީ ފަދަ ބޭކަލުން
ހިމެނިވަޑައިގަންނަވައެވެ. ޝާފިޢީގެފާނު ވިދާޅުވެފައިވެއެވެ. އަޞްޙާބު ބޭކަލުންނާއި
އޭގެފަހުން ވަޑައިގެންނެވި ތާބިޢީބޭކަލުންނާއި ޢިލްމުވެރިންގެ ތެރެއިން
ތިމަންނާމެންނާ ބައްދަލުވީ އެންމެން އީމާންކަމަކީ ބަހާއި އަމަލާއި ނިޔަތްކަމަށް
އިޖްމާޢުވެ ވަޑައިގަންނަވައެވެ. އެބޭކަލުންގެ ބަސް މިކަމުގައި ޚިލާފްވެފައެއް
ނުވެއެވެ.
އިސްވެދިޔަ ތަޢުރީފަށް ބަލާއިރު އީމާންކަމަކީ
ބަހާއި ޢަމަލުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. އެހެނިހެން ގުނަވަންތަކުގެ
ބަހާއި ޢަމަލު ހުންނަފަދައިން، ހިތުގެ ބަހާއި ޢަމަލުވެސް ހުރެއެވެ. ހިތުގެ ބަހަކީ
ތެދުކުރުމާއި ޔަޤީންކުރުމެވެ. ހިތުގެ ޢަމަލަކީ ހިތާއި ގުޅިފައިވާ ކޮންމެ ޢަމަލެކެވެ.
އިޚްލާޞްތެރިވުމާއި ނިޔަތްގަތުމާއި ބިރުވެތިވުމާއި ވަކީލުކުރުމާއި ލޯބިކުރުންފަދަ
ކަންކަމީ ހިތުގެ ޢަމަލުތަކެވެ. ހިތްފިޔަވާ އެހެނިހެން ގުނަވަންތަކުގެ ބަހާއި
ޢަމަލަށް ބަލާލާއިރު އެފަދަބަހަކީ ދުލުން ބުނާ އެއްޗިއްސެވެ. މީގެ
މިސާލަކީ ޝަހާދަތުގެ ދެކަލިމަ ކިއުމާއި، ޛިކުރު ކުރުމާއި އިސްތިޣްފާރު ކުރުމާއި
ހެޔޮކަންކަމަށް ގޮވާލާ ނުބައިކަންކަން މަނާކުރުންފަދަ ކަންކަމެވެ. ގުނަވަންތަކުގެ
ޢަމަލަކީ ގުނަވަންތަކާއި ގުޅިފައިވާ އެންމެހާ ޢަމަލުތަކެވެ. މީގެ މިސާލަކީ
ނަމާދުކުރުމާއި ޙައްޖުކުރުމާއި ޢުމްރާކުރުން ފަދަ ކަންކަމެވެ.
ހިތުގެ ބަސްކަމުގައިވާ ތެދުކުރުމާއި ޔަޤީން
ކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަން ހާމަކޮށްދޭ ދަލީލުތަކުގެ ތެރެއިން
އަންނަނިވި ދަލީލުތައް ހިމެނެއެވެ.
1- ޙުޖުރާތު ސޫރަތުގެ 15ވަނަ
އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنفُسِهِمْ فِي سَبِيلِ اللَّهِ أُوْلَئِكَ هُمُ الصَّادِقُونَ
މާނައީ: "މުއުމިނުން
ކަމުގައިވާކަން ކަށަވަރީ، ﷲ އަށާއި، އެކަލާނގެ
ރަސޫލާއަށް އީމާންވެ، ދެން (އެއީމާންކަމާމެދު) ޝައްކު ނުކުރާ މީހުންނެވެ. އަދި
އެބައިމީހުންގެ މުދާތަކާއި، ނަފްސުތަކުން ﷲގެ މަގުގައި ޖިހާދުކުރި މީހުންނެވެ.
އެބައިމީހުންނީ، ހަމަ ތެދުވެރިންނެވެ."
މިއާޔަތުގައި އީމާންކަމުގެ
ލަފްޡު ބޭނުންކުރެވިފައި އެވަނީ ޔަޤީން ކުރުމަށާއި ތެދުކުރުމަށެވެ.
2- ޒުމަރު ސޫރަތުގެ 33ވަނަ
އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
وَالَّذِي جَاء بِالصِّدْقِ وَصَدَّقَ بِهِ أُوْلَئِكَ هُمُ الْمُتَّقُونَ
މާނައީ: "ތެދާއިގެން އަންނަމީހާއާއި
އަދި އެތެދު ޤަބޫލުކުރާމީހާ (ދަންނާށެވެ!) އެބައިމީހުންނީ، ހަމަ
ތަޤުވާވެރިންނެވެ."
މިއާޔަތުގައި ނަބީބޭކަލުން ގެންނެވި ޙައްޤު ތެދުކުރުމީ
ތަޤްވާވެރި މުއުމިނުންގެ ސިފައެއްކަމުގައި ބަޔާން ކުރައްވައެވެ. އެހެންކަމުން
ތެދުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.
ހިތުގެ ޢަމަލު ތަކަކީވެސް އީމާންތެރިކަމުގެ
ތެރެއިންވާ ކަންތައްތައްކަން އަންނަނިވި ދަލީލުތަކުން އެގި ހާމަވެއެވެ.
1- އަންފާލު ސޫރަތުގެ 02 ވަނަ އާޔަތުގައި މާތްﷲ ވަޙީ
ކުރައްވާފައިވެއެވެ.
إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ
މާނައީ: "މުއުމިނުންވާކަން ކަށަވަރީ، ﷲ ހަނދުމަ ކުރާހިނދު އެބައިމީހުންގެ
ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާއްވައިލެއްވި)
އާޔަތްތައް އެބައިމީހުންނަށް ކިޔައިދެވޭހިނދު، އެބައިމީހުންގެ އީމާންކަން އިތުރުވާމީހުން
ކަމުގައެވެ. އަދި އެބައިމީހުންގެ ވެރި ރަސްކަލާނގެއަށް ވަކީލުކުރާ މީހުން ކަމުގައެވެ."
ހިތުގެ ޢަމަލުތައް
ކަމުގައިވާ ބިރުވެތިވުމާއި ވަކީލުކުރުމީ އީމާންކަމުގެ ތެރެއިންވާ ކަންތައްތައްކަން
މިއާޔަތުން އެނގި ހާމަވެއެވެ.
2- މާތް ނަބިއްޔާ ޙަދީޘް
ކުރައްވާފައިވެއެވެ. "إِنمَّا الأعمَالُ باِلنِّيَاتِ وَإِنَّمَا لِكُلِّ امْرِئٍ مَانَوَى فَمَنْ كاَنَتْ هِجْرتُهُ إِلىَ اللهِ وَرَسُوْلِهِ فَهِجْرَتُهُ إِلىَ اللهِ وَرَسُوْلِهِ و فَمَنْ كاَنَتْ هِجْرتُهُ لِدُنْيَا يُصِيْبُهَا أَوْ امْرَأَةٍ يَنْكِحُهَا فَهِجْرتُهُ إِلَى مَا هَاجَرَ إِلَيْهِ" متفق عليه.
މާނައީ: "ހަމަކަށަވަރުން ޢަމަލުތައް ވާކަން ކަށަވަރީ ނިޔަތްތަކުގެ
މައްޗަށެވެ. ކޮންމެ މީހަކަށްވެސް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ. ﷲ އާއި
އެކަލާނގެ ރަސޫލާއަށްޓަކައި ހިޖުރަކުރި މީހާގެ ހިޖުރަވަނީ ﷲ އާއި އެކަލާނގެ ރަސޫލާ
އަށެވެ. ދުނިޔެ ހޯދުމަށް ނުވަތަ އަންހެނަކާއި ކާވެނިކުރުމަށް ހިޖުރަކުރިމީހާގެ
ހިޖުރަވަނީ އޭނާ ހިޖުރަކުރިކަންތަކަށެވެ."
މިޙަދީޘްއިން އެނގޭގޮތުގައި
ޢަމަލުތައް ޤަބޫލުކުރެވި ބަދަލު ލިބިގެންދަނީ އެމީހެއްގެ ނިޔަތާއި އެއްގޮތްވާ
ގޮތުގެ މަތީންނެވެ. އެހެންކަމުން ނިޔަތަކީ އީމާންތެރިކަމުގެ ތެރެއިންވާ ކަމެކެވެ.
ގުނަވަންތަކުގެ ބަސްކަމުގައިވާ ދުލުން
ބޭރުކުރާ ބަހަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަން ހާމަކޮށްދޭ ދަލީލުތަކުގެ
ތެރޭގައި އަންނަނިވި ދަލީލުތައް ހިމެނެއެވެ.
1- ބަޤަރާ ސޫރަތުގެ 136 ވަނަ
އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
قُولُواْ آمَنَّا بِاللّهِ وَمَآ أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَقَ وَيَعْقُوبَ وَالأسْبَاطِ وَمَا أُوتِيَ مُوسَى وَعِيسَى وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لاَ نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ
މާނައީ: "ތިޔަބައިމީހުން ބުނާށެވެ! ތިމަންމެން ﷲ އަށާއި
ތިމަންމެންނަށް ބާއްވައިލައްވާފައިވާ ތަކެއްޗަށާއި އިބްރާހީމްގެފާނަށާއި
އިސްމާޢީލުގެފާނަށާއި، އިސްޙާޤުގެފާނަށާއި ޔަޢުޤޫބުގެފާނަށާއި
އެކަލޭގެފާނުގެ ދަރީންނަށް ބާއްވައިލައްވާފައިވާ ތަކެއްޗަށާއި މޫސާގެފާނަށާއި
ޢީސާގެފާނަށް ދެއްވާފައިވާ ތަކެއްޗަށާއި އަދި (އެހެނިހެން) ނަބިއްޔުންނަށް،
އެބޭކަލުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ދެއްވާފައިވާ ތަކެއްޗަށް
އީމާންވެއްޖައީމެވެ. ތިމަންމެން އެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް
ނުކުރަމުއެވެ. އަދި ތިމަންމެން މިތިބީ، އެކަލާނގެއަށް ކިޔަމަންވެ
މުސްލިމުންކަމުގައި ވެގެންނެވެ."
މިއާޔަތުގައި "آمنا بالله" އިން ފެށިގެން އެވާ ބައި
ކިއުމަށް اللهސުބުޙާނަހޫވަތަޢާލާ މުއުމިނުންނަށް އަމުރު ކުރައްވައެވެ.
އެހެންކަމުން ދުލުން އެހެން ކިއުމަކީ އީމާންކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަން
އެނގެއެވެ.
2- މާތް ނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ.
الإيمان بضع وسبعون شعبة أعلاها قول لاإله إلاالله وأدناها إماطة الأذى عن الطريق والحياء شعبة من الإيمان . (البخارى ومسلم)
މާނައީ: އީމާންކަން ހަތްދިހަ އެތައް
ބަޔަކަށް ބެހިގެންވެއެވެ. އޭގެ އެންމެ މަތިވެރިބަޔަކީ لاإله إلاالله ކިއުމެވެ.
އެންމެ ދަށްބަޔަކީ އުނދަގޫވާފަދަ ތަކެތި މަގުމަތިން އެއްފަރާތް ކުރުމެވެ.
ލަދުވެތިކަމަކީ އީމާންތެރިކަމުގެ ބައެކެވެ.
މިޙަދީޘްގައި لاإله إلاالله ކިއުމަކީ އީމާންކަމުގެ އެންމެ މަތީ ދަރަޖަ
ކަމުގައި ކަނޑައަޅުއްވާފައި ވުމުން އެކަމަކީ އީމާންތެރިކަމުގެ ތެރެއިންވާ
ކަމެއްކަން އެނގެއެވެ.
ގުނަވަންތަކުގެ ޢަމަލު ތަކަކީވެސް
އީމާންކަމުގެ ތެރެއިންވާ ކަންތައްތައްކަން އަންނަނިވި ދަލީލުތަކުން ހާމަވެއެވެ.
1- ބަޤަރާ ސޫރަތުގެ 143 ވަނަ
އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
وَمَا كَانَ اللّهُ لِيُضِيعَ إِيمَانَكُمْ إِنَّ اللّهَ بِالنَّاسِ لَرَؤُوفٌ رَّحِيمٌ
މާނައީ: "އަދި ތިޔަބައިމީހުންގެ އީމާންކަން ގެއްލެނި ކުރައްވާކަށެއް
ﷲ އެދިވޮޑިއެއް ނުގަންނަވަތެވެ. ހަމަކަށަވަރުން، ﷲ އީ މީސްތަކުންނަށް ނުހަނު
އޯގާވަންތަ، ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ."
މިއާޔަތުގައި އީމާންކަމުގެ ލަފްޡު ބޭނުން ކުރެވިފައި
އެވަނީ ނަމާދަށެވެ. އެހެންކަމުން ނަމާދުފަދަ ގުނަވަންތަކުގެ ޢަމަލުތައް
އީމާންކަމުގެ ތެރޭގައި ހިމެނެއެވެ.
2- އަންފާލު ސޫރަތުގެ 2،3،4ވަނަ
އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ - الَّذِينَ يُقِيمُونَ الصَّلاَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ - أُوْلَئِكَ هُمُ الْمُؤْمِنُونَ حَقًّا لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ
މާނައީ: " މުއުމިނުންވާކަން ކަށަވަރީ،
ﷲ ހަނދުމަކުރާ ހިނދު އެބައިމީހުންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި
އެކަލާނގެ (ބާއްވައިލެއްވި) އާޔަތްތައް އެބައިމީހުންނަށް ކިޔައިދެވޭ ހިނދު،
އެބައިމީހުންގެ އީމާންކަން އިތުރުވާމީހުން ކަމުގައެވެ. އަދި އެބައިމީހުންގެ
ވެރިރަސްކަލާނގެއަށް ވަކީލުކުރާ މީހުން ކަމުގައެވެ. އެބައިމީހުންނީ، ނަމާދު
ޤާއިމްކުރާ މީހުންނެވެ. އަދި އެބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތި
ހޭދަކުރާ މީހުންނެވެ. ޙަޤީޤަތުގައި މުއުމިނުންނަކީ، ހަމަ އެބައިމީހުންނެވެ.
އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި (މަތިވެރި) ދަރަޖަތަކާއި،
ފާފަފުއްސެވުމާއި، ދީލަތިވެގެންވާ ރިޒުޤް އެބައިމީހުންނަށް ހުއްޓެވެ."
ގުނަވަންތަކުން އަދާކުރެވޭ ދެކަންތައް ކަމުގައިވާ
ނަމާދުކުރުމާއި ޒަކާތް ދިނުމަކީ އީމާންކަމުގެ އަހުލުވެރިންގެ ސިފަތަކެއްކަން
މިއާޔަތުގައި ބަޔާންކުރައްވާފައިވުމުން ގުނަވަން ތަކުގެ ޢަމަލަކީ އީމާންކަމުގެ
ތެރެއިންވާ ކަމެއްކަން ހާމަވެއެވެ.
އީމާންކަން ޞައްޙަވުމުގެ ތެރެއިން
ޝަހާދަތުގެ ދެކަލިމަ ދުލުން ކިއުން.
މުއުމިނަކަށްވުމަށްޓަކައި ޝަހާދަތުގެ ދެކަލިމަ
ދުލުން ކިއުމަކީ ޝަރުޠެކެވެ. އެދެކަލިމަ ދުލުންކިޔާ ހިތުގެ އަޑިން ތެދުކޮށް
ޤަބޫލުކޮށްގެން މެނުވީ މުއުމިނަކަށް ނުވާނެއެވެ. ކިޔަންމެ ހެޔޮކަންތައްތަކެއް
މީހަކު ކުރިކަމުގައިވިޔަސް އީމާންނުވާކަމުގައި ވަނީނަމަ الله ސުބުޙާނަހޫވަތަޢާލާ ގެ
ޙަޟްރަތުގައި އެއީ ޤަބޫލުވެވިގެންވާ ކަމެއްނޫނެވެ.
ފުރުޤާން
ސޫރަތުގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاء مَّنثُورًا
މާނައީ: "އަދި ޢަމަލުގެ
ތެރެއިން އެބައިމީހުންކުޅަ ކަންތަކަށް، ތިމަންރަސްކަލާނގެ ބައްލަވައި،
އެޢަމަލުތައް ވަޔާ ބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ."
މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިއަކަށް
ވުމަށްޓަކައި ޝަހާދަތުގެ ދެކަލިމައަށް ބޭނުންވުމަކީ މިދެކަލިމައިގެ މުހިންމުކަން
ހާމަވާ ކަމެކެވެ. އެހެންކަމުން މުސްލިމުން ބަންޤިއާއި ޤަމަތާއި ޚުޠުބާތަކުގައްޔާއި
ދައްކާ ވާހަކަތަކުގައި މިދެކަލިމަ ފާޅުކުރެއެވެ.
ޝަހާދަތުގެ ދެކަލިމައިގައި ވަރަށް މުހިންމު ދެބައި
ހިމެނިފައި ވެއެވެ:
ފުރަތަމަ
ބަޔަކީ لا إله إلا الله އެވެ. ﷲ ގެ އެއްކައުވަންތަކަން
ބަޔާންކުރުމެވެ. ދެވަނަ ބަޔަކީ محمد رَسُوْلُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّم އެވެ. އެއީ އެކަލޭގެފާނުގެ ރަސޫލުކަން
ތެދުކުރުމެވެ. އުޑުތަކާއި ބިނާތައް ހައްދަވާ އެންމެހާ މަޚްލޫޤާތުތައް
މިކާއިނާތުގައި ލައްވަވާފައި ވަނީ ތަޥްޙީދުގެ މިމަތިވެރި ކަލިމައިގެ މަޤްޞަދު
ޙާޞިލްކުރުމަށެވެ. މާތް ﷲ ރަސޫލުބޭ ކަލުންނާއި ނަބީބޭކަލުން ފޮނުއްވަވާ ފޮތް ބާވާލައްވާ ޝަރީޢަތްތައް ކަނޑައަޅުއްވާފައިވަނީ
ހަމަ މިކަލިމައަށްޓަކައެވެ. ޢަމަލުތައް ލިޔެވި، ޙިސާބުލެއްވި
ސުވަރުގެވަންތަ ވެރިންނާއި ނަރަކަވަންތަ ވެރިން، މުއުމިނުންނާއި ކާފަރުން
ކަނޑައެޅިގެން ދަނީ މިކަލިމައިގެ މައްޗަށެވެ.
އިންސާނުންނާއި ޖިންނީން މިކާއިނާތުގައި ލައްވާފައިވަނީ
މިމަތިވެރި ކަލިމައިގެ މަޤްޞަދު ޙާޞިލްކުރެއްވުމަށްޓަކައިކަން ބަޔާންކުރައްވާ
މާތްﷲ ވަޙީކުރައްވާފައިވެއެވެ.
ޒާރިޔާތު
ސޫރަތުގެ 56 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَمَاخَلَقْتُ ٱلْجِنَّ وَٱلإِنسَ إِلاَّ لِيَعْبُدُونِ
މާނައީ: "ތިމަންރަސްކަލާނގެއަށް
އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންނެއް
ނަހައްދަވަމެވެ."
ރަސޫލުބޭކަލުން ފޮނުއްވަވާ ފޮތްބާވާލެއްވީ
މިކަލިމައަށްޓަކައިކަން އަންގަވާ ﷲ ވަޙީކުރެއްވިއެވެ.
އަންބިޔާ
ސޫރަތުގެ 25ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلاَّ نُوحِىۤ إِلَيْهِ أَنَّهُ لاۤ إِلَـٰهَ إِلاَّ أَنَاْ فَٱعْبُدُونِ
މާނައީ: "ހަމަކަށަވަރުން،
ތިމަންރަސްކަލާނގެ މެނުވީ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީ ނުކުރައްވާ
އެއްވެސް ރަސޫލަކު، ކަލޭގެފާނު ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ،ތިޔަބައިމީހުން (ހަމައެކަނި)
ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ."
އީމާންކަން ގިނަވެ މަދުވުން
އަހްލުއްސުއްނާވަލްޖަމާޢާގެ ޢަޤީދާއަކީ
އީމާންކަމަކީ އިތުރުވެ މަދުވާ އެއްޗެކެވެ. އީމާންކަން އިތުރުވަނީ
ކިޔަމަންތެރިކަމާއި ހެޔޮޢަމަލުގެ ސަބަބުންނެވެ. އީމާންކަން ދަށްވެ އުނިވަނީ
އުރެދުމާއި ނުބައި ކަންތަކުގެ ސަބަބުންނެވެ. މިކަމަށް ކީރިތި ޤުރްއާނުންނާއި
މާތްނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ގެ ސުންނަތުންނާއި އަޞްޙާބު
ބޭކަލުންގެ ބަސްފުޅުތަކުން ދަލީލު ލިބެއެވެ.
ޤުރްއާންގެ ދަލީލު:
އަންފާލް ސޫރަތުގެ 2،3،4ވަނަ އާޔަތުގައި މާތްﷲ
ވަޙީކުރެއްވިއެވެ.
إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ - الَّذِينَ يُقِيمُونَ الصَّلاَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ - أُوْلَئِكَ هُمُ الْمُؤْمِنُونَ حَقًّا لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ
1- ފަތުޙު ސޫރަތުގެ 4ވަނަ އާޔަތުގައި
މާތްﷲ ވަޙީކުރެއްވިއެވެ.
هُوَ الَّذِي أَنزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْ وَلِلَّهِ جُنُودُ السَّمَاوَاتِ وَالْأَرْضِ وَكَانَ اللَّهُ عَلِيمًا حَكِيمًا
2- މަރްޔަމް ސޫރަތުގެ 76ވަނަ އާޔަތުގައި
މާތްﷲ ވަޙީކުރެއްވިއެވެ.
وَيَزِيدُ اللَّهُ الَّذِينَ اهْتَدَوْا هُدًى وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ مَّرَدًّا
3- އާލްޢިމްރާމް ސޫރަތުގެ
173ވަނަ އާޔަތުގައި މާތްﷲ ވަޙީކުރެއްވިއެވެ.
الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُواْ لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَاناً وَقَالُواْ حَسْبُنَا اللّهُ وَنِعْمَ الْوَكِيلُ
ސުންނަތުގެ ދަލީލު:
1- މާތްނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. مَنْ رَآى مِنْكُمْ مُنَكَراً فَالْيُغَيِّرُ بِيَدِهِ أَوْ بِلِسَانِهِ أَوْ بِقَلْبِهِ وَذَالِكَ أَضْعَفُ الإِيْمَانِ
2- މާތްނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. أَلْإِيْمَانُ بِضْع ٌوَسَبْعُوْنَ شُعْبَةٌ فَالْحَيَاءُ شُعْبَةٌ مِنَ الإِيْمَانِ
3- މާތްނަބިއްޔާ صَلَّ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. أَكْمَلُ النَّاسِ إِيمَْانًا أَحْسَنُهُمْ أَخْلاَقاً
އަޞްޙާބު ބޭކަލުންގެ ބަސްފުޅުތައް:
އަބުއްދަރުދާއު رضى الله عنه ވިދާޅުވިއެވެ. އީމާންކަމަކީ
އިތުރުވެ އުނިވާ އެއްޗެކެވެ.
އަބޫހުރައިރާ رضى الله عنه ވިދާޅުވިއެވެ. އީމާންކަމަކީ އިތުރުވެ އުނިވާ އެއްޗެކެވެ.
ޢުމަރު رضى الله عنه ވިދާޅުވިކަމުގައިވެއެވެ. އީމާންކަން އިތުރުކުރަން
އަންނާށެވެ، ދެން އިށީނދެތިބެ الله ސުބުޙާނަހޫވަތަޢާލާ އަށް
ޒިކުރު ކުރެއެވެ.
އިބްނި
މަސްޢޫދު رضى الله عنه ވިދާޅުވިކަމުގައިވެއެވެ.
ހައްދަވާ ގެންގުޅުއްވާ އިލާހު ތިމަންނަގެ އީމާންކަމާއި ޢިލްމާއި ފަހުމް
އިތުރުކޮށްދެއްވާދޭވެ!
No comments:
Post a Comment