ޙަޤީޤީ ޙައްދު ފަހަނާޅާފައިވާ މީހުންނަކީ ކޮބައި ހެއްޔެވެ؟
އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ އިންސާނީ ދިރިއުޅުމުގެ ހުރިހާކަމެއްގެވެސް ޙައްދުތައް
ކަނޑައަޅައި، އެޙައްދުތަކުން ބޭރުވާ މީހަކީ ޙައްދު ފަހަނާޅާފައިވާ މީހެއް ކަމުގައި ލެއްވެވި ގަދަފަދަ
ކީރިތިވަންތަ މާތް ﷲ އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ އެބޭކަލެއްގެ ސުން
ނަތައް ތަބާވެއްޖެ ކޮންމެ މީހަކީ ބޮޑުވެގެންވާ ކާމިޔާބު ލިބުމަކުން ކާމިޔާބު ލިބިއްޖެ މީހެއްކަމަށް ﷲ
ތަޢާލާ ވަޙީ ކުރައްވަވައި، މިއުންމަތައް ކައު ކުރެއްވެވި މާތް ސާހިބާ މުޙައްމަދު (ޞައްލަﷲ ޢަލައިހި
ވަސައްލަމް) އަށެވެ. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އެންމެހައި އާލު އަޞްޙާބުންނާއި،
ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނުގެ ސުންނަތުގައި ހިފަހައްޓައިގެން ތިބި އެންމެހައި މީސްތަކުން
ޝާމިލު ކުރަމެވެ.
ދުނިޔޭގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް، އަޑުއިވެމުން މިދަނީ ދީނީ ގޮތުން ޙައްދަ ފަހަނާޅައި ދާ
ވާހަކައެވެ. ފަހެ ޙައްދު ފަހަނާޅައި ދިޔުމަކީ ކޮބައި ހެއްޔެވެ؟ އެއީ ﷲ އާއި އެކަލާނގެ ރަސޫލާ
އެންގެވި ގޮތަށް ޢަމަލު ކޮށް އެއިލާހުގެ ފޮތަށް ޙުކުމް ކުރުން ހެއްޔެވެ؟ އެހެންވެއްޖެ ކަމުގައިވާނަމަ
އަވަހަށް ޙައްދު ފަހަނާޅާފައިވާ މީހަކަށް ވާށެވެ. އިސްލާމިސްޓެކޭ ނުވަތަ ފަންޑަމެންޓަލިސްޓެކޭ ނުވަތަ
ވައްހާބީ އެކޭ ނުވަތަ ރެޑިކަލް މުސްލިމެކޭ ނުވަތަ ޓެރަރިސްޓެކޭ މީހުން ކިޔަސް އެންމެ ރަނގަޅެވެ.
މުއުމިނުންގެ ޞިފަތައް ބަޔާން ކުރައްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ، المؤمنون ސޫރަތުގައި ވަޙީ
ކުރައްވާފައިވެއެވެ.
"قَدْ أَفْلَحَ الْمُؤْمِنُونَ" (المؤمنون:1)
"ހަމަ ކަށަވަރުން މުއުމިނުންނަށް ކާމިޔާބު ލިބިއްޖެކަން ކަށަވަރެވެ."
"الَّذِينَ هُمْ فِي صَلاتِهِمْ خَاشِعُونَ" (المؤمنون:2)
"އެބައިމީހުންނީ، އެބައިމީހުންގެ ނަމާދުތަކުގައި (ﷲ އަށް) ބިރުވެތިވާ މީހުންނެވެ."
"وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ" (المؤمنون:3)
"އަދި އެބައިމީހުންނީ ހަޑިމުޑުދާރު ބޭކާރު ވާހަކަތަކަށް ފުރަގަސްދިން ބައެކެވެ."
"وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ" (المؤمنون:4)
"އަދި އެބައިމީހުންނީ ޒަކާތް ދީ އުޅުނު ބައެކެވެ."
"وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ" (المؤمنون:5)
"އަދި އެބައިމީހުންނީ، އެބައިމީހުންގެ ފަރުޖުތައް (ޒިނޭ ކުރުމާއި އެނޫންވެސް އެހެން ފާޙިޝް
ޢަމަލުތަކުން) ރައްކާތެރި ކުރި މީހުންނެވެ."
"إِلاّ عَلَى أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ" (المؤمنون:6)
"އެއީ އެބައިމީހުންގެ އަނބީންނާއި އަދި އެބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންގެ ކިބައިން
މެނުވީއެވެ. ފަހެ އެބައިމީހުންނަށް (އެކަމުގައި) މަލާމާތް ލިބިގެން ނުވެއެވެ."
"فَمَنِ ابْتَغَى وَرَاءَ ذَلِكَ فَأُولَئِكَ هُمُ الْعَادُونَ" (المؤمنون:7)
"އެނޫން އެހެން ގޮތެއް ބޭނުންވެއްޖެ ބަޔަކު ދަންނާށެވެ. ފަހެ އެފަދަ މީހުންނަކީ އެއީ ޙައްދު
ފަހަނާޅާފައިވާ މީހުންނެވެ."
މަތީގައި ބަޔާންވެ އެދިޔަ އާޔަތްތަކުން ޙައްދު ފަހަނާޅާފައިވާ މީހުންނަކީ ކޮބައިކަން ވަރަށް
ރަނގަޅަށް އެނގި ޘާބިތުވެއްޖެއެވެ. އެހެންނަމަވެސް ހިތާމައަކީ، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން
މުސްލިމުންގެ ނަމުގައި ތިބެ ޤުރުއާނާއި ސުންނަތައް ތަބާވާ މީހުންނަށް މަލާމާތްކޮށް ފުރައްސާރަ
ކުރާކަމެވެ. މީސްތަކުންގެ ދޫދޫ މަތިން ގޮސް ނޫސް މަޖައްލާތަކާއި ރޭޑިއޯއާއި ޓީވީއަށް ދާން
ދެންވެސް އޮތީ މިކަމެވެ.
ޙަޤީޤަތަކީ މިކަމުގައި މަޝްޣޫލުވެ އުޅޭ ގިނަ މީހުންނަކީ މަތީގައި ބަޔާންވެ ދިޔަ އާޔަތްތަކުގައިވާ
ފަދައިން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވެ ހެއްދެވިހައި ފާޙިޝް ކަންތައްތަކަށް
އަރައިގަންނަމުންދާ ބައެއް ކަމުގައި ވާކަމެވެ. ޚުދު އެމީހުން، އެމީހުން އެތިބީ ޙައްޤުގައި ނޫންކަން
އެނގެއެވެ.
ކޮންމެއަކަސް ﷲ ތަޢާލާއަށް އުރެދި އަދި ބޮޑެތި ފާފަތަކާއި ޖަރީމާތަކަށް އަރައިގަނެ އުޅޭ މީހުން،
މުއުމިނުންނާއި ދިމާލަށް ބުނެ އުޅޭނެކަމަށް މުޠައްފިފީން ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ.
"وَإِذَا رَأَوْهُمْ قَالُوا إِنَّ هَؤُلاءِ لَضَالُّونَ" (المطففين:32)
"އަދި އެބައިމީހުންނަށް މުއުމިނުން ފެންނަހިނދު ބުނާނެތެވެ. ފަހެ އެއީީ މަގުފުރެދި ޙައްދު ފަހަނާޅާފައިވާ
ބައެކެވެ."
ދަންނާށެވެ! ޙަޤީޤީ ޙައްދު ފަހަނާޅާފައިވާ މީހުންނަކީ ނަމާދުތައް އަޅައި ރޯދަ ނުހިފައި ޒަކާތް
ނުދީ މިދުނިޔެމަތީގައި ހެއްދެވިހައި ނުބައި ނުލަފާ ފާޙިޝް ކަންތައްތަކަށް އަރައިގަނެ ﷲ އާއި
އެއިލާހުގެ ރަސޫލާއާއި މުއުމިނުތަކުންނަށް މަލާމާތާއި ފުރައްސާރަކޮށް ޖޯކު ޖަހާ ހަދާމީހުންނެވެ. ފަހެ
އެބައިމީހުންނަށް ދުނިޔެމަތީގައިވެސް އަދި އާޚިރަތުގައިވެސް ކާމިޔާބެއް ނެތެވެ.
ރަނގަޅެވެ. ދީނުގައި ޝަރުޢު ކުރައްވާފައިވާ ހަމަތަކާއި އުސޫލުތަކާއި ޚިލާފަށް އެމީހުންގެ ޚިޔާލާއި
ފިކުރާއި ނުގުޅޭ ބަޔަކީ ކާފަރުން ކަމުގައި ހަދާ، މީސްތަކުންގެ ލެޔާއި މުދަލާއި އަނބި ދަރީން ހުއްދަ
ކުރާ މީހުންވެސް އެބަ އުޅެއެވެ. އެކަމަކު މީގެ ސަބަބުތަކަށްވެސް ބަލާލަން އެބަޖެހެއެވެ. މިކަންތައް
މެދުވެރިވާން މިޖެހުނީ މީސްތަކުން ޤުރުއާނާއި ސުންނަތައް ކުރާ ފުރައްސާރައިގެ ސަބަބުންނާއި އަދި
އިސްލާމީ ގިނަ ޤައުމުތަކުގެ ވެރީންގެވެސް ނުބައި ނުލަފާ ޖައްބާރު ކަމުންނެވެ. އެމީހުންވަނީ އިސްލާމީ
ޝަރީޢަތް ދޫކޮށް ކާފަރުންނަށް އަޅުވެތިވެ އެމީހުންގެ ގޮތްތައް ފަތުރާ މުޅި އިސްލާމީ އުއްމަތް
ފުނޑުފުނޑު ކޮށްލާފައެވެ. އެންމެހައި ފާޙިޝް ކަންތަކާއި މުންކަރާތްތަކަށް މަގުފަހި ކޮށްދީފައެވެ. އަދި
ނުވިތާކަށް ދުނިޔޭގެ ޝައިޠާނީ ބާރުތަކުން އިސްލާމީ އުއްމަތް ފުނޑުފުނޑު ކޮށްލުމަށް ފަށާފައިވާ
ހަނގުރާމާގައި އެބައިމީހުންނާއި އެއްބައިވެ އަތުކުރި އޮޅާލާފައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
ދަންނާށެވެ. ޙައްޤުގޮތް މިއޮތީ ޤުރުއާނާއި ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ
ސުންނަތުން ސާފުކޮށް ފެންނާށެވެ. ބަޔަކު ކިތަންމެ ވަރަކަށް މަލާމާތްކޮށް ފުރައްސާރަ ކުރިކަމުގައި
ވިޔަސް ޢިއްޒަތްވަނީ އެގޮތުގައި ހިފެހެއްޓި ބަޔަކަށެވެ. ﷲ ތަޢާލާ المنافقون ސޫރަތުގައި ވަޙީ
ކުރައްވާފައިވެއެވެ.
"وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَكِنَّ الْمُنَافِقِينَ لا يَعْلَمُونَ" (المنافقون:8)
"ދަންނާށެވެ. އެންމެހައި ޢިއްޒަތެއް ވަނީ ﷲ އަށާއި އެއިލާހުގެ ރަސޫލާ އަށާއި އަދި
މުއުމިނުތަކުންގެ މައްޗަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް އެކަމެއް ނޭނގެއެވެ."
-ނިމުނީ
No comments:
Post a Comment