Wednesday, June 15, 2016

ޖަމާޢަތަކީ ކޮބައިތޯ

ޖަމާޢަތަކީ ކޮބައިތޯ؟


الحمدالله رب العلمين وصلاة وسلام علي نبينا محمد صلي الله عليه وسلم.

وَإِن تُطِعْ أَكْثَرَ مَن فِي الأَرْضِ يُضِلُّوكَ عَن سَبِيلِ اللّ
ه
މާނައީ: “ފަހެ ފަހެކަލޭގެފާނު ބިންމަތީގައި އުޅޭ ގިނަމީހުންނަށް (ބޮޑުބައިގަނޑާ) ކިޔަމަންވެއްޖެނަމަ ﷲ ގެ މަގުފިޔަވައި އެމީހުން ކަލެގެފާނަށް އޮޅުވާލައި ވައުވައްދައި ކަލޭގެފާނު މަގުފުރައްދާނެކަން ކަށަވަރެވެ." ( سورة ا نعام 116)

އަނަސް ބިން މާލިކު رضي الله عنه ވިދާޅުވަނީ ރަސޫލު صلي الله عليه وسلم ޙަދީޘް ކުރެއްވިއެވެ.” ހަމަކަށަވަރުން ބަނީ އިސްރާއީލު 71 ބަޔަށްބައިވެ ވަކިވަކިވިއެވެ. އަދި ހަމަކަށަވަރުން ތިމަންކަލެގެފާނުގެ އުއްމަތް 72 ބައިބައިވެ ވަކިވަކި ވާނެއެވެ. އެއެންމެންވެސް ދާނީ ނަރަކައަށެވެ. އެއިގެ ތެރެއިން އެންމެ ބައެއް ފިޔަވައެވެ. އަދި ޖަމާޢަތަކީ އެއީީ އެވެ.” ( رواه امام احمد و ابن ماجة )

މާތް ﷲ ރުއްސުންލެއްވި ޢަލީ رضي الله عنه އަރިހުގައި ابن الكواء ސުވާލުކުރެއްވިއެވެ. ސުންނަތަކީ ކޮބައިތޯއެވެ؟ ބިދުޢައަކީ ކޮބައިތޯއެވެ. ޖަމާޢަތަކީ ކޮބައިތޯއެވެ؟ އަދި ވަކިވަކިވެ ގަތުމަކީ ކޮބައިތޯއެވެ؟ ޖަވާބުގައި ޢަލީ رضي الله عنه ވިއެވެ. އޭ ابن الكواء އެވެ. ސުވާލުތައް އަޅުގަނޑު ދަސްކޮށްފީމެވެ. ޖަވާބަށް ކަލޭ ހުޝިޔާރިވާށެވެ. އެޖަވާބު ވިސްނައި ދަސްކުރާށެވެ. ﷲ ގަންދީ ބުނަމެވެ. ސުންނަތަކީ މުޙައްމަދު صلي الله عليه وسلم ސުންނަތެވެ. އަދި އެ ސުންނަތާއި ވަކިވެގެންވާ އެތި އެއީ ބިދުޢައެވެ. އަދި ﷲ ގަންދީ ބުނަމެވެ. ޖަމާޢަތަކީ ޙައްޤުގެ އަހުލުވެރީންނާއި ގުޅިގެން އުޅުމެވެ. އެމީހުންގެ އަދަދު ކިތަންމެ މަދު ކަމުގައި ވިޔަސްމެއެވެ. އަދި ވަކިވެ ގަތުމަކީ ބާތިލުގެ އަހުލުވެރީންނާއި ގުޅިގެން އުޅުމެވެ. އެމީހުންގެ އަދަދު ކިތަންމެ ގިނަކަމުގައިވިޔަސްމެއެވެ. “(حياة الصحابة جلد 2 وا تحفا ف الجماعة ص 216)

ނޯޓު: (ابن الكواء އަކީ عبد الله ابن الكواء އެއީ ޚަވާރިޖުންގެ ޒަޢީމެވެ.)

عمرو بن ميمو الاودي ވިދާޅުވާނީ މުޢާޒު ބިން ޖަބަލު رضي الله عنه އާއި އަޅުގަނޑު ރައްޓެހިވެ އެކުގައި އުޅެންފެށީ ޔަމަން ކަރައިންފެށިގެންނެވެ. ދެން ފަހެ އެކަލޭގެފާނު އަވަހާރަވެ ޝާމް ކަރައިގެ ވެލިގަނޑުގައި އަޅުގަނޑު އަތުންވަޅުލައި ނިވައި ކޮށްފުމަށް ދާންދެން އަޅުގަނޑު އެކަލޭގެފާނާއި ވަކިނުވަމެވެ. އަދި އެކަލޭގެފާނު އަވަހާރަވުމަށްފަހު ދެން އަޅުގަނޑު ރައްޓެހި އެކުވެރިން އުޅެންފެށީ މީސްތަކުންގެ ތެރެއިން ެއެންމެ ފިޤުހުވެރިކަން ބޮޑު ކަލޭގެފާނުކަމުގައިވާ عبدالله بن مسعود رضي الله عنه އާއި އެކުއެވެ. ފަހެ އެހެން އެކުގައި އުޅުމުގެ ތެރޭގައި އަޅިގަނޑު އަހައިފީމެވެ:” ކަލޭމެންނަށް އޮތީ ޖަމާޢަތާއި ތަބަޢަވުމެވެ. މިހެނީ ﷲ ގެ ބާރުވަނީ ޖަމާޢަތާއި އެކުގައެވެ.” ދެންއަނެއްކާވެސް ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ވިދާޅުވާ އަޑު އަހައި ފީމެވެ.” ނިކަން ހުރެ ކަލޭމެންގެ މައްޗަށް ވެރިންތަކެއްވާނެއެވެ. އެމީހުން ނަމާދު ވަޤުތުން ފަސްކުރާނެއެވެ. ފަހެ އެހެން ވެއްޖެއްޔާ އެނަމާދުގެ ކުރީ ކޮޅުގައި ނަމާދުކުރާށެވެ. އެއީ ކަލޭމެންގެ ފަރުޟު ނަމަދެވެ. އަދި އެމީހުންނާ އެކުވެސް ނަމާދު ކުރާށެވެ. އެއީ ކަލޭމެންނަށް އޮތް نفل ނަމާދެވެ.” މިހެންވިދާޅުވީމައި އަޅުގަނޑު ދަންނަވައިފީމެވެ. އޭ މުޙައްމަދު صلي الله عليه وسلم ގެ އަޞްހާބުންނެވެ. މިހާރު ތިޔަބޭކަލުން ތިޔަ ވިދާޅުވާ އެއްޗެއް ނޭގުނެވެ. އޮޅިއްޖެއެވެ. ޖަވާބުގައި عبدالله بن مسعود رضي الله عنه ވިދާޅުވެއްޖެއެވެ.”ނޭގުނީ އޮޅުނީ ކޮންއެއްޗެއްތޯއެވެ؟” އަޅުގަނޑު ދަންވައިފީމެވެ. ކުރީގައި ކަލޭގެފާނު އަޅުގަނޑަށް އަމުރުކުރައްވައި ހިތްވަރުދެއްވީ ޖަމާޢަތަށެވެ. ދެން މިހާރު ތިޔަވިދާޅުވަނީ އެކަނި ނަމާދުކުރުމަށާއި، އަދި އެއީ ފަރުޟުކަމަށާއި، އެމީހުންނާ އެކުވެސް ނަމާދުކުރުމަށާއި އެއީ نفل ކަމަށެވެ. ޖަވާބުގައި عبدالله بن مسعود رضي الله عنه ވިދާޅުވިއެވެ. “ އޭ عمرو بن ميمو الاودي އެވެ. ހަމަގައިމު ކަލޭގެފާނީ މިރަށުގައިހުރި އެންމެ ބޮޑު ފިޤުހު ވެރިޔާކަމަށް އަޅުގަނޑު ހީކުރަމެވެ. ޖަމާޢަތަކީ ކޮބައިކަން ކަލޭގެފާނު ދެނެވަޑައިގެން ވަމުތޯއެވެ؟” އަޅުގަނޑު ދަންނަވައިފީމެވެ. ނޭގެއެވެ. ޖަވާބުގައި ވިދާޅުވިއެެވެ.”މީސްތަކުންގެ ބޮޑުބައިގަނޑުވަނީ ޖަމާޢަތާއި ވަކިންނެވެ. ޖަމާޢަތަކީ ހައްޤާއި އެއްގޮތްވެގެންވާއެއްޗެވެ. ކަލޭ އެކަނިކަމުގައި ވިޔަސްވަރިހަމައެވެ.” (وا تحفا ف الجماعة ص 216)

އެހެން ރިވަޔަތެއްގައިވެއެވެ. عبدالله بن مسعود رضي الله عنه އަޅުގަނޑުގެ ފައިގެ ފަލަމަސް ގަނޑުގައި ޖަހާލާފައި ވިދާޅުވިއެވެ.” ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މީސްތަކުންގެ ބޮޑުބައިގަނޑުވަނީ ޖަމާޢަތާއިވަކިންނެވެ. ޖަމާޢަތަކީ ﷲ ގެ ކިޔަމަންތެރިކަމާ އެއްގޮތްވެގެންވާ އެއްޗެވެ.”

نعيم بن حماد ވިދާޅުވަނީ “ޖަމާޢަތް ފާސިދު ވެއްޖެއްޔާ ކަލެޔައްއޮތީ ފާސިދުވުމުގެ ކުރިން އެއޮތްގޮތައް ހެދުމެވެ. ކަލޭއެކަނި ކަމަސް ވިޔަސް މެއެވެ. އެއިރުން ކަލެ އެކަނި އެއީ ޖަމާޢަތެވެ.” ( رواه البيهقي في كتاب المدخل)

އިސްވެ ބަޔާންވެ ދިޔަ ބަސްފުޅުތަކުން ހާމަވެ އެނގި ފާޅުވާގޮތުގައި ޝަރުޢީޖަމާޢަތުގެ އަސްލަކީ ބައިގަނޑު ބޮޑުވެ އަދަދުގިނަވުމެއްނޫނެވެ. އެހެނަސް ޝަރުޢީޖަމާޢަތުގެ އަސްލަކީ، ބިންގަލަކީ ހައްޤާއި އެއްގޮތްވެ ﷲ ގެ ކިޔަމަންތެރިކަމާއި އެއްގޮތްވުމެވެ. އަދަދު ކިތަންމެ މަދުކަމުގައިވެފައި، ބައިގަނޑު ކިތަންމެ ކުޑަވެ އަދި ދެރަނިކަމެތި ކަމުގައި ވިޔަސްމެއެވެ. ހަމައެފަދައިން ބައިގަނޑު ކިތަންމެ ބޮޑުވެ، އަދަދު ކިތަންމެ ގިނަވެ، މާއްދީ ބާރުކިތަންމެ ގަދަކަމުގައިވިޔަސް ޙައްޤާއި އިދިކޮޅު ނުވަތަ ﷲ ގެ ކިޔަމަންތެރިކަމާއި ހިލާފުކަމުގައިވާނަމަ އެއީ ޝަރުޢީ ޖަމާޢަތެއް ނޫނެވެ. އަދި ކީތްތޯއެވެ. އެއީ ޝަރީޢަތުގައި ވަކިވަކިވެ ގަތުންކަން ދަންނާށެވެ. ބައިބައިވުންކަން ހަނދާންކުރާށެވެ. ރަސޫލާގެ އިސްވެ ބަޔާވެދިޔަ ޙަދީޘުން އެނގޭ ގޮތުގައި މިއުއްމަތް 73 ބަޔަށް ބެހިގެންދާނެއެވެ. އަދި އެއިގެ ތެރެއިން ސުވަރުގެ ވަންނާނީ އެންމެ ބައެއްކަމާއި އެއީ ޖަމާޢަތްކަންވެސް އެނގެއެވެ. އަދި ޖަމާޢަތަކީ ރަސޫލާއާއި އަޞްޙާބު ބޭކަލުން ތަބާޢަވެގެންތިބިގޮތައް ތިބި މީހުންކަން ރަސޫލާގެ ޙަދީޘް ތަކުގައި ބަޔާންވެގެންވުމާއު އެކު ރަސޫލާގެ ސުންނަތާއި ހިލާފަށް ، ރަސޫލާއަށް އުރެދުމަށް އެއްވާ އެއްވުންތަކާއި ބައިގަނޑުތަކަކީ ޝަރީޢަތުގައި ޖަމާޢަތެއްނޫނެވެ.

އަދި މިމައުޟޫއަށް ގަދަކަމާއި ، އިތުރުބާރެއް މިއުއްމަތުގެ އެންމެ ބޮޑު ދެފިޤުހުވެރިންކަމުގައިވާ ޢަލީ رضي الله عنه އާއި عبدالله بن مسعود رضي الله عنه ގެ ބަސްފުޅުން ލިބިގެން ހިނގައްޖެއެވެ.

وآخر دعوانا ان الحمد لله رب العلمين


No comments:

Post a Comment