ކައުނު
ސައިންސްގެ ހޯދުންތައް ދައްކާގޮތުން
އިންސާނުން ދުނިޔޭގައި އާބާދުވާން ފަށާފައިވަނީ މީގެ 200 ހާސް އަހަރު ކުރިންނެވެ.
މާމެލާމެލި އާބާދުވާން ފަށާފައިވަނީ މީގެ 130 މިލިއަން އަހަރު ކުރީންނެވެ.
މަންމަލި ޖަނަވާރުން ދުނިޔޭގައި އުޅެން ފެށިތާ 200 މިލިއަން އަހަރު ވެދާނެއެވެ.
އެއްގަމުގައި ގަސްގަހާގެހި އާބާދުވާން ފަށާފައިވަނީ 475 މިލިއަން އަހަރު
ކުރީންނެވެ. މަސްމަހާމެހި ދުނިޔޭގައި އާބާދުވެފައިވަނީ 500 މިލިއަން އަހަރު
ކުރީންނެވެ. ދުނިޔޭގެ އުމުރު ކަމުގައިވަނީ 4.54 ބިލިއަން އަހަރެވެ. ހަނދުގެ
އުމުރަކީ 4.56 ބިލިއަން އަހަރެވެ. އިރުގެ އުމުރަކީ 4.57 ބިލިއަން އަހަރެވެ. މިކައުނުގެ އުމުރު ކަމުގައިވަނީ 13.75
ބިލިއަން އަހަރެވެ. އެއަށްވުރެއް ކުރީން ވަނީ ކޮން އެއްޗެއްތޯއެވެ؟ އަދި
މިކައުނާއި މިކައުނުގައި ވާހާ އެއްޗެއްގެ ފެށުމަކީ ކޮބައިތޯއެވެ؟ ޤަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް ދަންނަވަން
ޖެހެނީ، މިފުރިހަމަ ނިޡާމު އުފެއްދެވުމުގެ ފެށުމަކީ އިންސާނުންނަށް އެނގި
ހޯދިފައިވާ ވަޤުތާއި ފިޒިކްސްގެ ޤާނޫނުތަކަށް ތަބާނުވާ ޒަމާނަކާއި ތަނެއްގައި ގޮވި
ބޮޑު ގޮވުމެއް ކަމެވެ.
އަދު ކައުނު އުފެދިފައިވާ ގޮތާބެހޭގޮތުގެ
ނަޡަރިއްޔާތަކުގެ ތެރެއިން އެންމެ ޞައްޙަ ނަޡަރިއްޔާއެއް ކަމުގައި ބެލެވެނީ ބިން
ބޭންގް ނުވަތަ ބޮޑު ގޮވުމުގެ ނަޡަރިއްޔާއެވެ. މިކަން ސައިންސްގެ ފަހުގެ
ހޯދުންތަކުން ދަނީ އިތުރަށް ޔަޤީންވަމުންނެވެ. މިބޮޑު ގޮވުމުގެ ނަޡަރިއްޔާއަކީ
އެތައް ސައިންސްވެރިންނެއް ކޮށްފައިވާ ދިރާސާތަކަށް ރިޢާޔަތްކޮށް ނެރެވުނު
ނަތީޖާއެކެވެ. ބޮޑު ގޮވުމުގެ ނަޡަރިއްޔާ ބުނާ ގޮތުން އެންމެ ފުރުތަމަ މިކައުނުވީ
ފަލަކުގެ ތެރޭގައިވާ ހިރަފުހާއި ހައިޑްރޮޖަންއާއި ހީލިއަމް ގޭހާއި އަދިވެސް އެފަދަ
އެތައް ގޭސްތަކަކުންވި ވަރަށް ހޫނު އަދި އެހާމެ ބޯ ވިލާގަނޑަކަށް ނުވަތަ މައިގަނޑު
ނެބިއުލާއަކަށެވެ. ދެން އެއަށްފަހު އެނެބިއުލާގެ ފިނިހޫނުމިން ދަށްވެ، ބައިބަޔަށް ބެހިގެންދިޔައެވެ. މިކަމުގެ
ސަބަބުން ދަގައްފާނީ ބާރުން އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓިފައިވާ ތަރިތަކުގެ
ނިޒާމުތަކެއް ނުވަތަ ގެލެކްސީތައް އުފެދިގެން ދިޔައެވެ. އަދި މިގެލެކްސީތައް އިތުރަށް
ބައިބައިވެ އިރާއި ހަނދު އަދި އަޅުގަނޑުމެން ދިރިއުޅެމުންދާ ދުނިޔެ ފަދަ
ޕްލެނެޓްތައް އުފެދިގެން ދިޔައެވެ. ކުރުކޮށް ދަންނަވަނީނަމަ ފެށުމުގައި މިބިމާއި
އުޑާއި އެދެމެދުގައިވާހާ އެއްޗެއްވީ އެކަތިގަނޑެއްގެ ގޮތުގައެވެ. އެ އެކަތިގަނޑުވީ
ގޭސްގަނޑެއް ފަދައިންނެވެ.
މިބޮޑު ގޮވުމުގެ ނަޡަރިއްޔާ އެންމެ ފުރުތަމަ
ހުށަހަޅާފައިވަނީ ބެލްޖިއަމްގެ ފިޒިކްސް ޢިލްމުވެރިޔެއް އަދި ރޯމަން ކެތޮލިކް
ފާދިރީއެއްކަމުގައިވާ ޖޯޖަސް ލަމާއެޓްއެވެ. އެއީ 1931 ވަނަ އަހަރުއެވެ. އަދި
މިއަދާޖެހެންދެންވެސް ސައިންވެރިންދަނީ މިނަޡަރިއްޔާ އިތުރަށް ފުރިހަމަކޮށް
ތަރައްޤީކުރަމުންނެވެ.
އިރު ހަނދާއި ތަރިތައް ބެލުމަށް ބޭނުންކުރެވޭ
ޓްލެސްކޯޕް އީޖާދު ކުރެވުނީ މީގެ ފަސް ޤަރުނު ކުރީންނެވެ. ނަމަވެސް ހައިރާންވާންޖެހޭ ކަމަކީ މީގެ 14 ޤަރުނު
ކުރިން ބާވައިލެއްވުނު ފޮތެއްގައި މިއަދުގެ ސައިންސް ސާބިތުކޮށްދީފައިވާ
މިޙަޤީޤަތް ވަރަށް ސީދާ ސާދާ އުސްލޫބަކުން ބަޔާންކުރެވިފައިވާ ކަމެވެ. ޚާލިޤުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި
ޤުރުއާނުގައި ވަޙީކުރައްވަނީ: أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا وَجَعَلْنَا مِنَ الْمَاء كُلَّ شَيْءٍ حَيٍّ أَفَلَا يُؤْمِنُونَ
މާނައީ: " ހަމަކަށަވަރުން، އުޑުތަކާއި، ބިން،
އެކަތިގަނޑަކަށްވެފައިވަނިކޮށް، ފަހެ، ތިމަންރަސްކަލާނގެ އެދޭތި
ވަކިކޮށްލެއްވިކަން، ކާފިރުވި މީހުން ނުދަންނަނީ ހެއްޔެވެ؟ " (ސޫރަތުލް އަންބިޔާއި: 30)
އަދިވެސް ވަޙީކުރެއްވިއެވެ. ثُمَّ اسْتَوَى إِلَى السَّمَاء وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ اِئْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ
މާނައީ: " ދެން ދުމެއްގެ ސިފައިގައި އުޑުވަނިކޮށް،
އުޑު ހައްދަވައި، ފުރިހަމަކުރެއްވުމަށް އެކަލާނގެ އިރާދަކުރެއްވިއެވެ. ފަހެ،
އެކަލާނގެ އެއުޑަށާއި، ބިމަށް ވަޙީކުރެއްވިއެވެ. ރުހުމުގައި ނުވަތަ
ނުރުހުމުގައިވިޔަސް (ފުރާފުރިހަމަވެގެން) އަންނާށެވެ! އެއުޑާއި ބިން ދެންނެވިއެވެ.
ތިމަންމެން ރުހުމުގައި އަތުވެއްޖައީމެވެ. " (ސޫރަތު ފުއްޞިލަތު : 11)
އިނގިރޭސިވިލާތުގެ މަޝްހޫރު، ހިސާބާއި
ފިޒިކްސްގެ ނަޡަރިއްޔާތަތަކުގެ ޢިލްމުވެރިޔާ ސްޓީވަން ހޯކިންގް
ވިދާޅުވެފައިވެއެވެ. "ބޮޑު ގޮވުމަށްފަހު ސިކުންތެއް ތެރޭ ކައުނު ފުޅާވެ
ފެތުރޭ ބާރުމިން ސަތޭކަ ހާސް މިލިއަން މިލިއަން ބައިކުޅަ އެއްބައި
ދަށްކަމުގައިވިޔަސް، އަދު ކައުނު މިވާ ބޮޑުމިނަށް ފުޅާވެ ފެތުރުމުގެ ކުރިން
އެކައުނު ފުނޑުފުނޑުވެ ކުރިން ހުރިގޮތަށް ރުޖޫޢަވެދާނެއެވެ." މާތް ﷲ
ވަޙީކުރައްވާފައިއެވެ. وَتَرَى الْجِبَالَ تَحْسَبُهَا جَامِدَةً وَهِيَ تَمُرُّ مَرَّ السَّحَابِ صُنْعَ اللَّهِ الَّذِي أَتْقَنَ كُلَّ شَيْءٍ إِنَّهُ خَبِيرٌ بِمَا تَفْعَلُونَ
"އެއީ ﷲ ގެ ހެއްދެވުމެވެ. އެކަލާނގެއީ،
ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން
އެކަލާނގެއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ
ރަސްކަލާނގެއެވެ." (ސޫރަތުން ނަމްލު : 88)
ކުރިން ދެންނެވި ބޮޑު ގޮވުމުގެ އަސަރު
އަދިވެސް ކެނޑިގެނެއް ނުދެއެވެ. ކައުނު ދަނީ އަދިވެސް ފެތުރި ފުޅާވަމުންނެވެ. ކައުނުގައިވާ ތަކެތި ދަނީ އެކަތި އަނެކައްޗާ
ދުރަށް ދަމުންނެވެ. 1929 ވަނަ އަހަރު އެމެރިކާގެ މަޝްހޫރު ނުޖޫމީ ޢިލްމުވެރިޔާ
އެޑްވިން ހަބުލް ކުރެއްވި ދިރާސާތަކަކުން ދެއްކިގޮތުގައި ދުރުގައިވާ
ގްލެކްސީތައްދަނީ ދުނިޔެއާ ދުރަށްދަމުންނެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ
ސައިންޓިސްޓުންވަނީ އަދިވެސް ކައުނު ފުޅާވެ ފެތުރެމުންދާކަމަށް ޤަބޫލުކޮށްފައެވެ.
މީލާދީގޮތުން 20 ވަނަ ޤަރުނުގައި ހޯދިފައިވާ މިޙަޤީޤަތް މީލާދީގޮތުން 7 ވަނަ
ޤަރުނުގައި އައިސްފައިވާ ފޮތެއްގައި ބަޔާންވެފައިވުން، އެއީ ޢަޖާއިބެއް
ނޫންތޯއެވެ؟ މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَالسَّمَاء بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ
"ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުން
އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ،
އެތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (ސޫރަތުއް ޛާރިޔާތު : 47)
އަދިވެސް ވަޙީކުރެއްވިއެވެ. إِنَّ رَبَّكُمُ اللّهُ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ الْخَلْقُ وَالأَمْرُ تَبَارَكَ اللّهُ رَبُّ الْعَالَمِينَ
"ހަމަކަށަވަރުން، ތިޔަބައިމީހުންގެ
ވެރިރަސްކަލާނގެއީ، ހަދުވަހުގެ ތެރޭގައި، އުޑުތަކާއި ބިންހެއްދެވި ﷲ އެވެ.
އެއަށްފަހު، އެކަލާނގެ ޢަރްޝުގެ މައްޗަށް އިސްތިވާއުވެ ވޮޑިގެންނެވިއެވެ. އަދި
އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުވާލައްވައެވެ. (އެއިން ކޮންމެ އެއްޗެއް)
އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް،
އެކަލާނގެ އަމުރުފުޅަށް ކިޔަމަން ކުރައްވާފައިވާ ގޮތުގައި ހެއްދެވިއެވެ.
ދަންނާށެވެ! ހެއްދެވުމާއި އަމުރުކުރެއްވުންވަނީ، އެކަލާނގެއަށް ޚާއްޞަވެގެނެވެ.
ޢާލަމްތަކުގެ ވެރި ﷲ މަތިވެރިވެ ވޮޑިގެންފިއެވެ." (ސޫރަތުލް އަޢުރާފް : 54)
ތަރިތަކަކީ ދަގައްފާނީ ބާރުން
ހިފެހެއްޓިފައިވާ ހަރަކާތްތެރި ގޭސްތަކެއްގެ މައްޗަށް އެކުލެވޭ ބޯޅައެކެވެ.
މިދުނިޔެއާ އެންމެ ގާތުގައިވާ ތަރިއަކީ އިރެވެ. ތަރިތައް ހިމެނޭނެހެން، ކައުނުވަނީ
ދުނިޔެއަށް ފެންނަ ނިސްބަތުން 88 ބަޔަކަށް ނުވަތަ ކޮންސްޓްލޭޝަންތަކަކަށް
ބަހާލެވިފައެވެ. ފާހަގަކުރެވޭ ބޮޑެތި ތަރިތަކާއި ކޮންސްޓްލޭޝަންތަކާއި އެއްކޮށްވާ
ތަރިތަކަށްވަނީ ނަންދެވިފައެވެ. ވަރަށް ކުރީއްސުރެ ތަރިތަކާއި މިކޮންސްޓްލޭޝަންތަކަށް
ބަލައިގެން މީހުން ދަތުރުކޮށްއުޅުނެވެ.
ތަރިތައްވަނީ މިދުނިޔެއާ ވަރަށް ދުރުގައެވެ.
އަޅުގަނޑުމެންނާ އެންމެ ގާތުގައިވާ ތަރިކަމުގައިވާ އިރާ މިދުނިޔެއާ ދެމެދުވެސް
ގާތްގަނޑަކަށް 146 މިލިއަން ކިލޯމީޓަރު ވެއެވެ. އިރާއި އެންމެ ގާތުގައިވާ ތަރި
އަލްފާ ސެންޗުއަރީވަނީ އިރާ 4.37 އަލި އަހަރު ދުރުގައެވެ. އިރު ފިޔަވައި ދުނިޔެއަށް އެންމެ އަލިގަދަކޮށް
ފެންނަ ތަރި ސައިރިއަސް ނުވަތަ ޝިޢުރާ ވަނީ ދުނިޔެއާ 8.64 އަލި އަހަރު ދުރުގައެވެ. އަލިއަހަރަކީ އަހަރެއްގެ ތެރޭގައި އައްޔަށް
ދަތުރުކުރެވޭ ދުރުމިނެވެ. އެގޮތުން ދުނިޔެއަށް ފެންނަމުންދާ ބައެއް ތަރިތަކުގެ
އައްޔަކީ މިހާރު މަރުވެފައިވާ ތަރިތަކެއްގެ އައްޔަވުން އެކަށީގެންވެއެވެ. މާތް ﷲ
ވަޙީކުރައްވާފައިވެއެވެ. وَهُوَ الَّذِيَ أَنشَأَكُم مِّن نَّفْسٍ وَاحِدَةٍ فَمُسْتَقَرٌّ وَمُسْتَوْدَعٌ قَدْ فَصَّلْنَا الآيَاتِ لِقَوْمٍ يَفْقَهُونَ
މާނައީ: " އަދި އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި
ތަރިތައް ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން، އެއިން އެއްގަމާއި،
ކަނޑުގައި (ރޭގަނޑުގެ) އަނދިރިކަމުގެ ތެރޭގައި، މަގު ދެނެގަތުމަށްޓަކައެވެ.
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތައް ވަކިވަކިން ބަޔާންކޮށްދެއްވީ،
ދަންނަ ބަޔަކަށެވެ. " (ސޫރަތުލް އަންޢާމް : 97)
އަދިވެސް ވަޙީކުރެއްވިއެވެ. وَالسَّمَاء وَالطَّارِقِ - وَمَا أَدْرَاكَ مَا الطَّارِقُ - النَّجْمُ الثَّاقِبُ
މާނައީ: " އުޑާއި، އަދި ރޭގަނޑަށް
ފާޅުކަންބޮޑު ތަރި ގަންދެއްވަމެވެ. އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރިއަކީ،
ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ އެއީ އަނދިރިކަން
ތޮރުފައިލާ އަލިކަންގަދަ ތަރިއެވެ. " (ސޫރަތުއްޠާރިޤް : 1-3)
ކުރިން ދަންވާލެވުނު ސައިރިއަސް ނުވަތަ ޝިޢުރާ
ބެހޭ އިތުރު ކަމެއް ފާހަގަކޮށްލާނަމެވެ. ކުރިން ހީކުރެވިފައި އޮތީ ސައިރިއަސްއަކީ
އެންމެ ތަރިއެއް ކަމަށެވެ. ނަމަވެސް 1981 ވަނަ އަހަރު ޖަރުމަންވިލާތުގެ ޙިސާބާއި
ނުޖޫމީ ޢިލްމުގެ ޢިލްމުވެރިޔެއްކަމުގައިވާ ފަރައިޑްރިޗް ބެއްސޭލްވަނީ
ސައިރިއަސްއަށް ބައިވެރިއެއް ވާކަމުގައި ބުނެފައެވެ. އަދި 1862 ވަނަ އަހަރު
އެމެރިކާގެ ޓްލެސްކޯޕް ހަދާ މީހެއް އަދި ނުޖުމީ ޢިލްމުވެރިއެއްކަމުގައިވާ އެލްވަން
ގްރަހަމް ކްލާކްވަނީ ޓްލެސްކޯޕެއް ބޭނުންކޮށްގެން ފުރުތަމަ ފަހަރަށް އެތަރި
ބަލާފައެވެ. އެގޮތުން ހަމަލޮލަށް ފެންނަ ތަރިއަށް ކިޔާފައިވަނީ ސައިރިއަސް-އޭ އެވެ.
އަދި ހަމަލޮލަށް ނުފެންނަ ތަރިއަށް ކިޔާފައިވަނީ ސައިރިއަސް-ބީ އެވެ. މީގެ
ތެރެއިން ފެށުމުގައި ބޮޑީ ސައިރިއަސް-ބީ އެވެ. ނަމަވެސް ގާތްގަނޑަކަށް މީގެ 120
މިލިއަން އަހަރު ކުރީން ސައިރިއަސް-ބީގެ ހަކަތަ ހުސްވެ، ސައިޒުން ކުޑަވެ އަލިވަނީ
ފަނޑުވެފައެވެ. މިދެތަރި ދަނީ އެކަތި އަނެކަތި ވަށާ ދައުރުކުރަމުންނެވެ. މާތް ﷲ
ވަޙީކުރައްވާފައެވެ.إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ
މާނައީ: "އަދި ހަމަކަށަވަރުން އެކަލާނގެއީ،
އައްޝިޢުރާ ކިޔުނު ތަރީގެ ވެރިރަސްކަލާނގެއެވެ." (ސޫރަތުއް ނަޖްމު : 49)
18 ސެޕްޓެމްބަރ 1994 ވަނަ އަހަރު ނާސާގެ
ހަބުލް ޓްލެސްކޯޕުން އެން ސީ ޖީ 6543 ގެ ފޮޓޯއެއް ނެގިއެވެ. މިފޮޓޯ
މަޝްހޫރުވެފައިވަނީ "ކެޓްސް އައި ނެބިއުލާ"ގެ ނަމުންނެވެ. އެން ސީ ޖީ
6543 އަކީ ޑްރޭކޯ ކޮންސްޓެލޭޝަންގައިވާ ގޮވަމުންދާ ތަރިއެކެވެ. މިތަރިވަނީ 3000
އަލި އަހަރު ދުރުގައެވެ. އެފޮޓޯ ބައްލަވާލައްވާފައި އަންނަނިވި
އާޔަތުގެ މާނަޔާއެކު ކިޔުއްވާލާށެވެ. އަދި އެއަށްފަހު އަނެއްކާވެސް އެފޮޓޯ
ބައްލަވާލައްވާށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. فَإِذَا انشَقَّتِ السَّمَاء فَكَانَتْ وَرْدَةً كَالدِّهَانِ- فَبِأَيِّ آلَاء رَبِّكُمَا تُكَذِّبَانِ
މާނައީ: " ފަހެ، އުޑު ފަޅައިގެންދާހިނދު،
ރަތްފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް ފަދައިން ވެދެއެވެ. (އޭ ޖިންނީންނާއި
އިންސީންނެވެ!) ތިޔަބައިމީހުން ދޮގުކޮށް، އިންކާރުކުރަނީ ތިޔަދެބައިމީހުންގެ
ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތްތަކަށް ހެއްޔެވެ؟ " (ސޫރަތުއް ރަޙްމާން : 37-38)
ތަރިތައް އަލި އުފައްދަނީ އޭގެ މަދުގައި ހިނގާ
ނިއުކްލިއާ ޢަމަލިއްޔާތަކެއް ޒަރީޢާއިންނެވެ. ތަރިތަކުގެ މަދު ނިއުކްލިއަރ
ރިއެކްޓަރުތަކެއް ފަދައެވެ. އަލި އުފައްދަނީ ތަރިތަކުގެ މަދުގައި ހައިޑްރޮޖޮންއާއި
ހީލިއަމް ޒައްރާތައް ގުޅުވައިގެން ނުވަތަ ފިއުޒް ކޮށްގެނެވެ. މިޢަމަލިއްޔަތުގެ
ސަބަބުން އައްޔާއި ހޫނު އުފެދިގެންދެއެވެ. އަދި މަދުން ނިކުމެ ސަޠަޙަ ފަހަނައަޅައި
ވަށައިގެންވާ ސަރަޙައްދަށް ފެތުރިގެންދެއެވެ. މިޢަމައްލިޔާތަށް ދެވިފައިވާ ނަމަކީ
ނިއުކްލިއަރ ފިޝަންއެވެ. މިނިއުކްލިއާ ޙަރަކާތުގެ ސަބަބުން ތަރިތައް ބޮމެއްހެން
ގޮވައިގެން ނުދަނީ އެ އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓައިދޭ ބާރުގަދަ
ދަގައްފާނީ ބާރުގެ ސަބަބުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَسَخَّرَ لَكُمُ اللَّيْلَ وَالْنَّهَارَ وَالشَّمْسَ وَالْقَمَرَ وَالْنُّجُومُ مُسَخَّرَاتٌ بِأَمْرِهِ إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ
މާނައީ؛ " އަދި އެކަލާނގެ ރެއާއި،
ދުވާލާއި، އިރާއި، ހަނދު، ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރި ކުރެއްވިއެވެ.
އަދި ތަރިތައްވެސް ވަނީ އެކަލާނގެ އަމުރުފުޅަށް ޚިދުމަތްތެރި ކުރައްވާފައެވެ.
ހަމަކަށަވަރުން، އެހުރިހާ ކަންތަކުގައި ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން
ކަށަވަރެވެ. " (ސޫރަތުއް ނަޙްލު : 12)
މިބިމާއި އެންމެ ކައިރީގައިވާ ތަރިކަމުގައިވާ،
އިރު ވަނީ ސޯލަރ ސިސްޓަމް ނުވަތަ އިރުގެ ނިޡާމުގެ މެދުގައެވެ. އިރުގެ ނިޡާމުގެ
ނާރެހަކީ އިރެވެ. އިރުގެ ނިޡާމުގައިވާ ހުރިހާ ޕްލެނެޓްތައް ދަރުއުކުރަނީ އެއިރު
ވަށައިގަނެވެ. އިރު ބިމަށްވުރެ 103 ގުނަ ބޮޑެވެ. އިރުގެ ހަތަރުބައިކުޅަ ތިންބަޔަކީ
ހައިޑްރޮޖަންއެވެ. ބާކީބައިގައި ގިނައިންވަނީ ހީލިއަމްއެވެ. އިރުގެ ޙަޤީޤީ
ކުލައަކީ ހުދުކުލައެވެ. އިރު ދުނިޔެއަށް ރީނދޫކުލައިގައި ފެންނަނީ ދުނިޔޭގެ ވައިގެ
ފަށަލަތަކުގެ ތެރޭގައި އިރުގެ ދޯދިތައް ބެހިގެންދާތީއެވެ. އިރާއި ދުނިޔެއާއި
ދެމެދު ހުންނަ ދުރުމިނަކީ ގާތްގަނޑަކަށް 149.6 މިލިއަން ކިލޯމީޓަރެވެ. ނަމަވެސް
ދުނިޔެ އިރު ވަށައިގެން ދައުރު ކުރަމުންދާއިރު މިދުރުމިން އިތުރުވެ މަދުވެއެވެ.
އިރުގެ އަލި ބިމަށް ފޯރުމަށް ނަގަނީ ގާތްގަނޑަކަށް 8 މިނެޓާއި 19 ސިކުންތެވެ.
ފޮޓޯސިންތަސިސްގެ ޒަރީޢާއިން ދުނިޔޭގައިވާ ހުރިހާ ދިރުމެއްހެން ބަރޯސާވެ
ބިނާވެގެންވަނީ އިރުގެ ހަކަތައަށެވެ.
އިރަކީ ކައުނުގެ މެދުކަމުގައި ހީކުރެވުނު
ދުވަސްވަރެއް ދިޔައެވެ. އިރަކީ ދަތުރުނުކުރާ ސާބިތު އެއްޗެއްކަމަށް ހީވެފައި އޮތް
ޒަމާނެއްވެސް ފަސްދީ ހިނގައްޖެއެވެ. އިރާއި ހަނދު ދައުރުކުރަނީ އެއް މަދާރެއް
ނުވަތަ އޯބިޓެއްގައި ކަމަށް ހީކުރެވުނު އިރެއްވެސް މާޒީވެ ހިނގައްޖެއެވެ. ނަމަވެސް
ސައިންސްގެ ފަހުގެ ހޯދުންތައްވަނީ މިހީތައް ނެތިކޮށްލާފައެވެ. އިރުދަނީ އޭގެ އަމިއްލަ ޒާތުގައި
ދައުރުކުރަމުންނެވެ. އެގޮތުން އިރު އޭގެ ޒާތުގައި ބުރެއް ޖެހުމަށް 27 ދުވަސް
ނަގައެވެ. އިރުދަނީ އިރު ނިސްބަތްވާ ގެލެކްސީކަމުގައިވާ މިލްކީވޭގެ މަރުކަޒު
ވަށައިގެން ދައުރުކުރަމުންނެވެ. އެގޮތުން މިލްކީވޭގެ މަރުކަޒު ވަށާ ބުރެއް ޖަހަން
225 މިލިއަން އަހަރާއި 250 މިލިއަން އަހަރާ ދެމެދުގެ މުއްދަތެއް ނަގައެވެ. އަދި
އިރު ދަނީ މިލްކީވޭއާއެކު ހާކިއުލިސްއޭ ކިޔުނު ކޮންސްޓެލޭޝަންގައިވާ ވޭގަސް ތަރިއާ
ދިމާލަށް ދަތުރުކުރަމުންނެވެ. އިރާއި ހަނދަށްވަނީ ވަކި ދެމަދާރެކެވެ. އިރާއި ބެހޭ
މިޙަޤީޤަތްތައް މިތަނަށާއި މިޒަމާނަށް ނުފެތޭކަމަށް ބުނެވޭ ފޮތެއްގައިވާތީ
ހައިރާނެއް ނުވޭ ހެއްޔެވެ؟ މާތް ﷲ ވަޙީކުރައްވައެވެ. وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ
މާނައީ: " އަދި އިރު، އެއަށް ކަނޑައެޅި ޤަރާރުވަނިވި
ތަނަކަށް ދާންދެން ހިނގަހިނގާ ހުރެއެވެ. އެއީ ޢަޒީޒްވަންތަ، މޮޅަށް ދެނެވޮޑިގެންވާ
ރަސްކަލާނގެ މިންވަރުކުރައްވާފައިވާ ގޮތެވެ. " (ސޫރަތު ޔާސީން : 38)
އަދިވެސް ވަޙީކުރެއްވިއެވެ. لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ
މާނައީ: " ހަނދު އަތުލައިގަތުމަކީ، އިރަށް އެކަށީގެންވާ
ކަމެއްނޫނެވެ. އަދި ދުވާލަށްވުރެ ރޭގަނޑު ކުރިއަރައި ދާކަމަށްވެސް ނުމެވޭމެއެވެ.
އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެއެވެ. " (ސޫރަތު ޔާސީން : 40)
ހަނދު ނުވަތަ ޤުދުރަތީ ސެޓެލައިޓަކީ
ޕްލެނެޓެއް ނުވަތަ ޕްލެނަޓަކަށްވުރެ ކުޑައެއްޗެއް ވަށައި ދައުރުކުރާ ކޮންމެ
އެއްޗެކެވެ. ދުނިޔެ ވަށައި ދައުރުކުރަނީ މިފަދަ އެންމެ ހަނދެކެވެ. ދުނިޔޭގެ
ހަނދަކީ އިރުގެ ނިޒާމުގައިވާ ފަސްވަނައަށް އެންމެ ބޮޑު ހަނދެވެ. ނަމަވެސް އެއީ
އެދައުރުކުރާ ޕްލެނެޓާ އަޅާބަލާއިރު ކުޑަބޮޑުމިނުގެ ގޮތުން އެންމެ ބޮޑު ހަނދެވެ.
އަދި ހަނދަކީ އިންސާނުން އެތަނަކަށް ދިޔަ ހަމައެކަނި ޖައްވީ ތަނެވެ. އެގޮތުން 1969
ވަނަ އަހަރުގެ ޖުލައިމަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ދެއެސްޓްރޮނޯޓެއްވަނީ
ހަނދަށް ގޮސްފައެވެ. ދުނިޔެއާއި ހަނދާއި ދެމެދުވާ ދުރުމިނަކީ 384 ހާސް
ކިލޯމީޓަރެވެ.
ހަނދު އޭގެ އަމިއްލަ ޒާތުގައި ދައުރެއް
ފުރިހަމަ ކުރާ މުއްދަތާއި ދުނިޔެ ވަށާ ދައުރުކުރުމަށް ނަގާ މުއްދަތު ހަމަހަމައެވެ.
ނަތީޖާއެއްގެ ގޮތުން އަބަދުވެސް ދުނިޔެއަށް ފެންނަނީ ހަނދުގެ އެއްފަރާތެވެ. ޖައްވީ
އުޅަނދުތައް ބޭނުންކޮށްގެން ހަނދުގެ ނުފެންނަ ފަރާތް ނުވަތަ އަނދިރި ފަރާތުގެ ފޮޓޯ
ނެގިފައިވެއެވެ. ދުނިޔެ ވަށާ ހަނދު ދައުރެއް ފުރިހަމަ ކުރުމެއް ނަގަނީ
ގާތްގަނޑަކަށް 27.3 ދުވަހެވެ. ހަނދު ދުނިޔެ ވަށާ ދައުރުކުރަނީ ގަޑިއަކު 3700
ކިލޯމީޓަރުގެ ބާރުމިނުގައެވެ. ހަނދު ދައުރުކުރަމުންދާ ވަރަކަށް ހަނދުގެ ބައްޓަން
ބަދަލުވާހެން ދުނިޔެއަށް ހީވެދާނެއެވެ. ނަމަވެސް ހަނދުގެ ބައްޓަމަކަށް އެއްވެސް
ބަދަލެއް ނާދެއެވެ. އެހެން އެވަނީ ދުނިޔޭގެ ނިސްބަތުންނާއި އިރުގެ ނިސްބަތުން
ހަނދު ހުންނަ ހިސާބުގެ ސަބަބުން ހަނދަށް އަލި އެޅޭ ތަން ތަފާތުވުމުންނެވެ.
އެގޮތުން އަޅުގަނޑުމެންނަށް ފުރިހަމަ ހަނދެއް ނުވަތަ ސާދަވިލޭރޭގެ ހަނދުކަމަށް
މިބުނާ ހަނދު ފެންނަނީ އިރު އަޅުގަނޑުމެންގެ ސީދާ ފުރަގަހުގައި ހުރެފައި ހަނދު
އަޅުގަނޑުމެންގެ ކުރިމަތީގައި ވާއިރުއެވެ. އެހިނދު ހަނދުން އަޅުގަނޑުމެންނަށް ފެންނަ ފަރާތަށް
އެއްކޮށް ހުންނާނީ އިރުގެ އަލި އެޅިފައެވެ. އަޅުގަނޑުމެންނަށް ހުޅެވި ހަނދު
ފެންނަނީ އިރާއި ދުނިޔެއާއި ސީދާ ދެމެދުގައި ހަނދުވާ ހިނދުއެވެ. އެހިނދު އިރުގެ
އަލި އެޅިފާ ހުންނާނީ ދުނިޔެއަށް ނުފެންނަ ފަޅިއަށެވެ. ހިޖްރީ ތާރީޚު ބަލަނީ
މިގޮތަށް ހަނދުގެ އެކި ފަޅިއަށް އިރުގެ އަލި އެޅި އެކިބައިބައި ދުނިޔެއަށް ފެންނަ
ފެނުމުގެ މައްޗަށް ބަލައިގެނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّى عَادَ كَالْعُرْجُونِ الْقَدِيمِ
މާނައީ: " އަދި ހަނދަށް ތިމަންރަސްކަލާނގެ
މަންޒިލްތަކެއް މިންވަރު ކުރެއްވީމެވެ. ދުވަސްވެ، ހިކި، ގުދުވެފައިވާ
އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖައުމަށް ދާންދެނެވެ. (އެބަހީ: ހުޅެވި
ހަނދަށް ބަދަލުވެއްޖައުމަށް ދާންދެނެވެ.) " (ސޫރަތު ޔާސީން : 39)
ހަނދަކީ އޭގެ ޒާތުގައި އަލި އުފެއްދުމުގެ
ޤާބިލްކަން ލިބިފައިވާ އެއްޗެއް ނޫނެވެ. ހަނދުގެ އަލި ކަމުގައި އަޅުގަނޑުމެންނަށް
މިފެންނަނީ ހަނދަށް އެޅޭ އިރުގެ އައްޔެވެ. ތަޞައްވަރު ކޮށްލައްވާށެވެ. އަނދިރި
ކޮޓަރިއެކެވެ. ތިބާގެ ފަހަތުން ބޮޑު ވޮށެއް ދިއްލާފައި އެބަހުއްޓެވެ. އެވޮށުން
ތިބާގެ ކުރިމަތީގައިހުރި ބޯޅައަކަށް އަލިއެޅެއެވެ. ތިބާއަށް އެބޯޅަ ފެންނަނީ
އެބޯޅައަށް އެޅޭ އަލީގެ ދޯދިތައް އެބޯޅައިގައި ޖެހިފައި ތިބާގެ ލޮލަށް އެޅޭތީއެވެ.
އެއްވެސް ހާލެއްގައި ސީދާ ވޮށުގެ އަލި ތިބާގެ ލޮލަށް އެޅޭތީއެއް ނޫނެވެ. އަދި
އެބޯޅައިން އައްޔެއް އުފައްދާތީއެއްވެސް ނޫނެވެ. އަދި އެވޮށް ނިވިއްޖެނަމަ
އެބޯޅައެއް ތިބާޔަކަށް ނުފެންނާނެއެވެ. އިރުގެ އައްޔާއި ހަނދުގެ އަލި އެފަދައެވެ.
އެވޮށަކީ އިރެވެ. ހަނދަކީ އެބޯޅައެވެ. ތިބާއަކީ ދުނިޔެއެވެ. މިޙަޤީޤަތްތައް
ޤުރުއާނުގައި ހާމަކޮށްދެއްވަމުން ޚާލިޤުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާ
ވަޙީކުރައްވައެވެ. أَلَمْ تَرَوْا كَيْفَ خَلَقَ اللَّهُ سَبْعَ سَمَاوَاتٍ طِبَاقًا - وَجَعَلَ الْقَمَرَ فِيهِنَّ نُورًا وَجَعَلَ الشَّمْسَ سِرَاجًا
މާނައީ: " މަތިމައްޗަށް ﷲ ހަތް އުޑުހެއްދެވީ
ކިހިނަކުންކަން ތިޔަބައިމީހުން ބަލައި ނުވިސްނަނީ ހެއްޔެވެ؟ އަދި އެކަލާނގެ
އެއުޑުތަކުގައި ހަނދު ނޫރެއްކަމުގައި ލެއްވިއެވެ. އަދި އެކަލާނގެ އިރު ވޮށެއްގެ
ގޮތުގައި ލެއްވިއެވެ. " (ސޫރަތު ނޫޙް : 15-16)
އާޔަތުގައި ޢަރަބިބަހުން ހަނދު
ސިފަކޮށްދީފައިވަނީ " ނޫރު" ގެ ގޮތުގައެވެ. ނޫރަކީ އެއެއްޗަކަށް އަލި
އެޅުމުން އެއަލި ރިފްލެކްޓްކޮށްދޭ ނުވަތަ އެހެން ދިމާލަކަށް ފޮނުވައިދޭ
އެއްޗެކެވެ. އެއިން އަމިއްލަ އައްޔެއް ނުއުފައްދައެވެ. އަދި އެއަލި ފޮނުވުމަކަށް އޭގެ
ތެރެޔަކު ޢަމިލިއްޔާތުތަކެއް، ޙަރަކާތްތަކެއްވެސް ނުހިނގައެވެ. އެއާ ޚިލާފަށް
އާޔަތުގައި ޢަރަބިބަހުން އިރު ޞިފަކޮށްދީފައިވަނީ "ސިރާޖު" ގެ
ގޮތުގައެވެ. ސިރާޖު ނުވަތަ ވޮށަކީ އަމިއްލަ އަލި އުފައްދާ އެއްޗެކެވެ. އަދި އެއަލި
އުފެއްދުމަށްޓަކައި އޭގެ ތެރޭގައި ޢަމަލިއްޔާތުތަކަކާއި ޙަރަކާތްތަކެއް ހިނގައި
އެއަބަދުވެސް އަނދަ އަނދާ ހުރެއެވެ. އެއަލި އުފެއްދުމަށް ކުރާ މަސައްކަތުގެ
ސަބަބުން އޭގެ އަމިއްލަ އައްޔަކާއި ހޫނުކަމެއް އުފެދިގެން ދެއެވެ.
ދާދި މިދާކަށް ދުވަހު ސައިންވެރިން ހޯދާފައިވާ
ޙަޤީޤަތްތައް މީގެ ސާދަސަތޭކަ އަހަރުކުރިން ކީރިތި ޤުރުއާނުގައި ވަރަށް ސާދާ ސީދާ
ގޮތަކަށް ބަޔާންކޮށްދީފައިވާ ވާހަކަތަކުންވެސް ކީރިތި ޤުރުއާނަކީ ތޯތޯ ފޮތެއް
ނޫންކަން އެނގިގެން ހިނގައްޖެއެވެ. އެއީ ހުސްޠާހިރުވަންތަ މަތިވެރި ﷲ ގެ
ކަލާމްފުޅެވެ.
ކައުނުގެ ނިމުމާމެދު ސައިންސްވެރިންވަނީ
އެތައް ނަޒަރިއްޔާތަކެއް އެކުލަވާލާފައެވެ. މިކައުނު ނިމޭނެ ގޮތަކާމެދު
ޚިޔާލުތަފާތުވުންތަކެއް ހުރިކަމުގައިވިޔަސް، މިކައުނު ނިމޭނެ ކަމާމެދު
ސައިންވެރިން ޝައްކެއް ނުކުރެއެވެ. މީގެ ތެރެއިން ބައެއް ނަޒަރިއްޔާތުތައް،
މިސާލަކަށް ބިގް ކްރަންޗް ފަދަ ނަޒަރިއްޔާތުތަކާ އެއްގޮތް އާޔަތްތަކެއް ކީރިތި
ޤުރުއާނުގައި އައިސްފައިވެއެވެ. ނަމަވެސް އެއީ މިރިޕޯޓުގެ ދާއިރާގެ ތެރޭގައި
ހިމެނޭ ބަޔެއް ނޫނެވެ.
މިރިޕޯޓުގެ ފެށުމުގައި އަޅުގަނޑު ދެސުވާލެއް
ދަންނަވާލީމެވެ. އެދެ ސުވާލަކީ،މިކައުނު ވުޖޫދުގައި ވުމުގެ ކުރިންވީ ކޮން އެއްޗެއްތޯ ނުވަތަ ކޮން ފަރާތެއްތޯއެވެ؟
އަދި މިކައުނާއި މިކައުނުގައި ވާހާ އެއްޗެއްގެ ފެށުމަކީ ކޮބައިތޯއެވެ؟ އަޅުގަނޑަށް
އޭގެތެރެއިން ދެވަނަ ސުވާލަށް ޖަވާބު ދެވިއްޖެއެވެ. ފުރުތަމަ ސުވާލުގެ ޖަވާބު
ދިނުމަށް ސައިންސްވަނީ ނުކުޅެދިފައެވެ. ނަމަވެސް މިސުވާލުގެ ޖަވާބު ކީރިތި
ޤުރުއާނުގައި ވެއެވެ. އަދި އެސުވާލުގެ ޖަވާބު ލިބުމުން، މިކައުނުގެ ނިމުމަށްފަހު
ދެންވާނީ ކޮން އެއްޗެއްތޯ ނުވަތަ ފަރާތެއްތޯވެސް އެނގިގެންދާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ - لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ - هُوَ الْأَوَّلُ وَالْآخِرُ وَالظَّاهِرُ وَالْبَاطِنُ وَهُوَ بِكُلِّ شَيْءٍ عَلِيمٌ
މާނައީ: " އުޑުތަކާއި، ބިމުގައިވާހާ
ތަކެއްޗެއް، ﷲ އަށް ތަސްބީޙަ ކިޔައިފިއެވެ. އަދި އެކަލާނގެއީ، ޢަޒީޒްވަންތަ،
ޙަކީމްވަންތަ ރަސްކަލާނގެއެވެ. އުޑުތަކާއި، ބިމުގެ ވެރިކަން
މިލްކުވެވޮޑިގެންވަނީ، އެކަލާނގެއަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް،
އެކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ
ރަސްކަލާނގެއެވެ. އެކަލާނގެއީ، (ފެށުމެއްނެތި) އިސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.
އަދި (ނިމުމެއްނެތި) ފަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (ހެކިތަކުން)
ފާޅުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (ޙިއްސުތަކަށް) ވަންހަނާވެވޮޑިގެންވާ
ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ
ރަސްކަލާނގެއެވެ. " (ސޫރަތުލް ޙަދީދް : 1-3)
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ. وَهُوَ الَّذِي خَلَق السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى الْمَاءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِن بَعْدِ الْمَوْتِ لَيَقُولَنَّ الَّذِينَ كَفَرُواْ إِنْ هَذَا إِلاَّ سِحْرٌ مُّبِينٌ
މާނައީ: " އަދި އެކަލާނގެއީ، ހަދުވަހުގެ ތެރޭގައި
އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ ޢަރްޝު (އޭރު) ވަނީ
ފެންމަތީގައެވެ. (އެއީ) ތިޔަބައިމީހުންގެ ތެރެއިން، ޢަމަލު ރަނގަޅީ ކާކުތޯ
އިމްތިޙާނުކުރެއްވުމަށެވެ. އަދި މަރުވުމަށްފަހު، ހަމަކަށަވަރުން، ތިޔަބައިމީހުން
އަލުން ދިރުއްވައި، މަޙްޝަރަށް ފޮނުއްވާނެޔޭކަލޭގެފާނު ވިދާޅުވެއްޖެނަމަ، ހަމަކަށަވަރުން،
ކާފިރުވި މީހުން ބުނާނެތެވެ. މިއީ، ބަޔާންވެގެންވާ ޖާދޫއެއްކަމުގައި މެނުވީ
ނުވެއެވެ. " (ސޫރަތު ހޫދު : 7)
މާތްﷲ ވަޙީކުރެއްވިއެވެ. يَوْمَ نَطْوِي السَّمَاء كَطَيِّ السِّجِلِّ لِلْكُتُبِ كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ وَعْدًا عَلَيْنَا إِنَّا كُنَّا فَاعِلِينَ
މާނައީ: " އެދުވަހަކީ، ފޮތްތަކުގެ ފަތްފުށް
ފަތްޖަހައިލެވޭ ފަދައިން، ތިމަންރަސްކަލާނގެ އުޑު ފަތްޖައްސަވައިލައްވާ ދުވަހެވެ.
އެންމެ ފުރުތަމަ އުފެއްދެވި ފަދައިން، އެތަކެތި އަލުން އިޢާދަކުރައްވާ ހުށީމެވެ.
އެއީ ތިމަންރަސްކަލާނގެ މައްޗަށްއޮތް ވަޢުދެކެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ
އެކަންތައް ކުރައްވާހުށީމެވެ. " (ސޫރަތުލް އަންބިޔާއި : 104)
މާތްﷲވަޙީކުރެއްވިއެވެ. يَوْمَ هُم بَارِزُونَ لَا يَخْفَى عَلَى اللَّهِ مِنْهُمْ شَيْءٌ لِّمَنِ الْمُلْكُ الْيَوْمَ لِلَّهِ الْوَاحِدِ الْقَهَّارِ
މާނައީ: " އެދުވަހުން އެއުރެން ފާޅުވެ ފެންނާނެތެވެ.
އެއުރެންގެ އެއްވެސް ކަމެއް، ﷲ އަށް ވަންހަނާވެގެނެއް ނުވާނެތެވެ. (އެދުވަހުން، ﷲ
ވަޙީކުރައްވާނެތެވެ.) މިއަދު ވެރިކަންއޮތީ ކާކަށްހެއްޔެވެ؟ (ޚުދު އެކަލާނގެ
ޖަވާބުދެއްވާނެތެވެ.) އެއްކައުވަންތަ، ބާރުވެރިވަންތަ ﷲ އަށެވެ. " (ސޫރަތު ޣާފިރް : 16)
No comments:
Post a Comment