Wednesday, June 15, 2016

މަންމަންފަޞާޙާތްތެރިޔާ

މަންމަންފަޞާޙާތްތެރިޔާ
އަހަންނަކީ ޢުމުރުން 37 އަހަރުގެ ޒުވާނަކީމެވެ. ކައިވެންޏެއް ކޮށް، ދަރިންތަކެއްގެ ބައްޕައަކަށް ވެފައިވާ މީހަކީމެވެ. ބޮޑެތި 

ފާފަތަކުގެތެރެއިން ގާތްގަނޑަކަށް ހުރިހާ ފާފައަކަށް އަރައިގަނެފައިވާ މީހަކީމެވެ. ނަމާދެވެ.... ޖަމާޢަތުގައި އަހަރެން ނަމާދު 

ކުރާކަމުގައި ވަނީ ވަރަށް ޚާއްޞަ މުނާސަބަތު ތަކުގައެވެ. ހަމައެކަނި އެހެން މީހުންނަށް ދެއްކުމަށްޓަކައެވެ. އޭގެ ސަބަބަކަށްވީ

އަހަރެންގެ ނުބައި އެކުވެރިންނެވެ. އަދި ޝައިޠާނާ އަބަދުމެ އަހަންނާއެކު ވިއެވެ.

އަހަރެންގެ 7 އަހަރަށްދާ ކުޑަ ފިރިހެން ދަރިއަކު ހުރެއެވެ. ނަމަކީ މަރުވާނެވެ. ބީރު މަންމަން ކުއްޖެކެވެ. ނަމަވެސް އޭނާވަނީ 

އޭނާގެ ޞާލިޙު މުއުމިން މަންމަގެ ކިބައިން އީމާންކަން ލިބިގެންފައެވެ. 

އެއްދުވަހަކު އަހަރެންނާއި އަހަރެންގެ ދަރިފުޅު މަރުވާނު ގޭގެ ސިޓިންގ ރޫމުގައި ތިބީމުއެވެ. އަހަރެން ދިޔައީ އަހަރެންގެ 

އެކުވެރިންނާ އެކު ކުރާނެ ކަންތަކާއި، ދާނެ ތަންތަން ރާވަމުންނެވެ. ވަގުތަކީ މަޣްރިބާއި ޢިޝާއާ ދެމެދުގެ ވަގުތެވެ. 

ކުއްލިއަކަށް އަހަރެންގެ އެ ދަރިފުޅު، މަރުވާނު އަހަންނާއި ވާހަކަ ދައްކަން ފެށިއެވެ. އިޝާރާތުންނެވެ. އެ ދަރިފުޅާއި 

އަހަންނާއި ދެމީހުންނަށް އެނގޭ ބަހުރުވައިންނެވެ. އިޝާރާތުން އަހަރެންނަށް ބުންޏެވެ. އޭ ބައްޕާއެވެ. ބައްޕަ ނަމާދު 

ނުކުރައްވަނީ ކީއްވެތޯއެވެ؟ އެއަށްފަހު އުޑާދިމާއަށް އަތުން އިޝާރާތްކޮށް، ﷲ ތަޢާލާ އަހަރެންގެ ކަންތައް ބައްލަވާ ވޮޑިގެންވާ 

ކަމަށް އަހަންނަށް އިޝާރާތް ކުރިއެވެ. 

އަހަރެން ބައެއްފަހަރު ނުބައި ކަންތައް ކުރަނިކޮށް އަހަރެންގެ ދަރިފުޅު މަރުވާނަށް ފެނިފައި ވާނެއެވެ. އެހެންވެ އޭނާގެ 

އެވާހަކައާމެދު އަހަރެން ވަރަށް ޢަޖާއިބު ވިއެވެ. 

އެއަށްފަހު މަރުވާނު އަހަރެންގެ ކުރިމަތީގައި ރޯން ފެށިއެވެ. އެހިނދު އަހަރެން އޭނާ އަހަރެންގެ ކައިރިއަށް ގެނައީމެވެ. އެހެން

ނަމަވެސް އޭނާ އަހަރެން އަތުން ވީއްލިގެން ރޮމުން ދުރަށް ހިނގައްޖެއެވެ. ކުޑައިރުކޮޅަކުން ފެން އެއްޗެއްގެ ކައިރިއަށް ގޮސް

ވުޟޫ ކުރަން ފެށިއެވެ. އޭނާއަކަށް ފުރިހަމައަކަށް ވުޟޫ ކުރާކަށްވެސް ނޭގެއެވެ. އެހެންނަމަވެސް ވުޟޫ ކުރުމުގެ ޙަރަކާތްތައް

އޭނާ ވަނީ އޭނާގެ މަންމަގެ ކިބައިން ދަސްކޮށްފައެވެ. އޭނާގެ މަންމަ އަހަންނަށް އަބަދުމެ ނަސޭހަތް ދެއެވެ. ފޫހިކަމެއް 

ނެތިއެވެ. އެހެންނަމަވެސް އެއްވެސް ފާއިދާއެއް ނުފެނެއެވެ. އަހަރެންގެ އުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެހެނަސް 

އޭނާގެ ޢަޒުމަކަށް ބަދަލެއް ނާދެއެވެ. 

 

އެއަށްފަހު މަރުވާނު އަހަރެންގެ ކުރިމައްޗަށް އައެވެ. އަދި އިޝާރާތުން އަހަރެން ގާތުގައި މަޑުކުރާށޭ ބުންޏެވެ. އަދި އަހަރެންގެ

ކުރިމަތީގައި ނަމާދު ކުރަން ފެށިއެވެ. ނަމާދު ނިންމުމަށްފަހު ތެދުވިއެވެ. އަދި މުޞްޙަފެއް ހިފައިގެން އަތުވެއްޖެއެވެ. އަދި 

އަހަރެން ކުރިމަތީގައި އިށީނދެ މުޞްޙަފު ހުޅުވާލިއެވެ. ގަނޑުތައް ހިއްލުމަކާނުލައި ސީދާ އެއްފަހަރުން އެ މުޞްޙަފުގެ މެދުން 

ތަނެއް ހުޅުވާލީއެވެ. އަދި އޭނާގެ އިނގިލި އާޔަތެއްގައި ޖައްސާލިއެވެ. އެއީ މަރްޔަމް ސޫރަތުގެ މި އާޔަތެވެ.  يَاأَبَتِ

إِنِّيأَخَافُأَنْيَمَسَّكَعَذَابٌمِنَالرَّحْمَنِفَتَكُونَلِلشَّيْطَانِوَلِيًّاމާނައީ: ((( އޭ 

ބައްޕާއެވެ! ރަޙްމާންވަންތަ އިލާހުގެ ޙަޟްރަތުން އަންނަ ޢަޛާބެއް އައިސް ބައްޕަގެ ގައިގާ ބީހިދާނެކަމަށް އަހަރެން ބިރުވެތި ވަމެވެ. ފަހެ އޭރުން 

ބައްޕަ ވާހުށީ ޝައިޠާނާގެ އެކުވެރިއަކަށެވެ. )))) 

ދެން އަނެއްކާވެސް ރޯން ފެށިއެވެ. އަހަރެންވެސް ރޮވިއްޖެއެވެ. އަދި ގަދައަށް ރޯން ފެށީމެވެ. ވަރަށް ގިނައިރު ރުއީމެވެ. 

އެއަށްފަހު އަހަރެންގެ ދަރިފުޅު މަރުވާނު އަހަރެންނަށް ބުންޏެވެ. އޭ ބައްޕާއެވެ. ބިމުގެ ފަސްގަނޑުގެ ތެރެއަށް ދާންޖެހުމުގެ 

ކުރިން ނަމާދު ކުރާށެވެ. އެހެންނޫނީ އެތަން ވެގެންދާނީ ޢަޛާބުގެ ގެއަކަށެވެ. 

ގަދަކީރިތިވަންތަ ﷲ ގަންދީ ބުނަމެވެ. އަހަރެންގެ އެ ދަރިފުޅު އިޝާރާތުން އަހަންނާއި އެވާހަކަ ދައްކަމުން ދިޔަ ވަގުތު 

އަހަރެންގެ ހިތުގައި އުފެދުނު ބިރު، މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. 

އަހަރެން ވަގުތުން ތެދުވީމެވެ. އަދި ގޭގެ ބޮކިތައް ދިއްލަން ފެށީމެވެ. ކޮންމެ ކޮޓަރިއަކަށް ވަންނަމުން، އެކޮޓަރިއެއްގެ ބޮކިތައް

ދިއްލަން އަހަރެން ފެށީމެވެ. މަރުވާނު އަހަރެންގެ ފަހަތުން ކޮންމެ ކޮޓަރިއަކަށް ވަންނަމުން ދިޔައެވެ. އެންމެ ފަހުން 

އިޝާރާތުން އަހަންނަށް ބުންޏެވެ. ބައްޕާއެވެ. ބޮކިތައް ދޫކޮށްލާށެވެ! އަދި ބޮޑު މިސްކިތަށް ހިނގާށެވެ! (މަރުވާނު އެ ބުނީ 

މަސްޖިދުއްނަބަވީގެ ވާހަކައެވެ. 

 

އަހަރެން ބުނީމެވެ. ގެ ކައިރީގައި މިހިރަ މިސްކިތަށް ދާން ހިނގާށެވެ. އެހެންނަމަވެސް މަރުވާނު އެކަން ޤަބޫލެއް ނުކުރިއެވެ.

އެންމެފަހުން އަހަރެން މަރުވާނު ގޮވައިގެން މަސްޖިދުއްނަބަވީއަށް ހިނގައްޖެއީމެވެ. އަހަރެންގެ ހިތްވަނީ ބިރުން ތެޅިތެޅިއެވެ. 

ހުރިހާ ވަގުތެއްގައިވެސް މަރުވާނުގެ ނަޒަރު ހުއްޓިފައިހުރީ އަހަރެންނާއި ދިމާއަށެވެ. 

އަހަންނާއި މަރުވާނު ގޮސް ރައުޟާއަށް (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގަނޑުވަރާއި އެކަލޭގެފާނުގެ 

މިންބަރުކޮޅާއި ދެމެދުގައި ވާތަނަށް) ވަނީމެވެ. މުޅި ތަން އޮތީ ފުރިބާރުވެފައެވެ. އެވަގުތު ޢިޝާ ނަމާދަށް ޤަމަތް ދެވުނެވެ. 

އަދި އެހިނދު އިމާމާ ނަމާދުގައި ކިޔަވާ ވިދާޅުވާން ފެއްޓެވީ ﷲގެ މި ވަޙީބަސްފުޅުން ފެށިގެންނެވެ. ((ياأيهاالذين

آمنوالاتتبعواخطواتالشيطانومنيتبعخطواتالشيطانفإنهيأمر

بالفحشاءوالمنكرولولافضلاللهعليكمورحمتهمازكىمنكممن

أحدأبدا))(النور:21 ) މާނައީ: އޭ އީމާން ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ޝައިޠާނާގެ ފިޔަވަޅު ތަކަށް ތަބާ ނުވާށެވެ. އަދި 

ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާވެއްޖެ މީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން ޝައިޠާނާ އަމުރުކުރަނީ ފާޙިޝްކަންތަކާއި މުންކަރާތްތަކަށެވެ. އަދި 

ގެ ފަޟްލުވަންތަކަމާއި އެއިލާހުގެ ރަޙްމަތް ނުވާނަމަ ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް (ފާފަތަކުން) ޠާހިރު ނުވީހެވެ.

އެވަގުތު އަހަންނަށް އަހަރެންގެ ނަފްސު ކޮންޓްރޯލް ނުކުރެވުނެވެ. އަދި ނަމާދުގައި އަހަރެން ރޯން ފެށީމެވެ. މަރުވާނު ހުރީ 

އަހަރެންގެ ކައިރީގައެވެ. އަހަރެން ރޯތީވެ އޭނާވެސް ރޮނީއެވެ. އަދި ނަމާދުގެ ތެރޭގައި މަރުވާނު އޭނާގެ ޖީބުން ޓިޝޫއެއް 

ނަގައި އަހަރެންގެ ކަރުނަތައް ފޮހެދިނެވެ. ނަމާދު ނިމުމަށްފަހުވެސް އަހަރެން ގަޑިއެއްހާއިރު ވަންދެން ރޯން މިސްކިތުގައި 

އިނީމެވެ. އަހަރެންގެ ދަރިފުޅު މަރުވާނު ދިޔައީ އަހަރެންގެ ލޮލުން ފައިބާ ކަރުނަތައް ފޮހެމުންނެވެ. އެންމެ ފަހުން މަރުވާނު 

އިޝާރާތުން ބުންޏެވެ. ބައްޕާއެވެ! ދެން ހުއްޓާލާށެވެ! ބިރު ނުގަންނާށެވެ!  

އަހަންނަށް ރޮމުން ގޮސް ކަމެއް ވެދާނެކަމަށް މަރުވާނު ބިރުގަތީއެވެ. 

އެއަށްފަހު އަހަރެމެން ދެބަފައިން ގެއަށް އައީމެވެ. އެރޭ ވެގެން ދިޔައީ އަހަރެންގެ ޙަޔާތުގައި އެންމެ ބޮޑު ރެއަކަށެވެ. އަހަރެން

އަލަށް މި ދުނިޔެއަށް އުފަން ވީ ފަދައެވެ. 

އޭރުވެސް އަހަރެންނަށް ރޮވެއެވެ. މަރުވާނުވެސް ރޮނީއެވެ. އަހަރެންގެ އަނބިމީހާއާއި ދަރިން ސިޓިންގ ރޫމަށް އައެވެ. އަދި 

އަހަރެމެން ރޯތަން ފެނިފައި އެ އެންމެންވެސް ރޯން ފެށިއެވެ. ވެގެން އުޅޭ ގޮތެއް އެއިން އެކަކަށްވެސް ނޭގެއެވެ. އެހިނދު 

މަރުވާނު އެ އެންމެންނަށް އިޝާރާތުން ބުންޏެވެ. ބައްޕަ މިރޭ ނަމާދު ކުރެއްވީ މަސްޖިދުއްނަބަވީ ގައެވެ. އެ ޚަބަރު ލިބުމުން 

އަހަރެންގެ އަނބިމީހާ ވަރަށް އުފާވިއެވެ. އެހެނީ މިއީ އޭނާ ކުރި މަސައްކަތުގެ ނަތީޖާއެވެ. އަހަރެން އިޞްލާޙުވެ މަގަށް ރުޖޫޢަ 

ވުމަކީ އޭނާ އަބަދުމެ އެދޭ އެދުމެވެ. އަދި އަހަންނާއި މަރުވާނާއި ދެމެދު ހިނގި ކަންތައް އަހަރެން ކިޔައިދިނީމެވެ. 

އެއަށްފަހު އަހަރެން ބުނީމެވެ. އަށްޓަކައި ސުވާލު ކުރަމެވެ. މުޞްޙަފުން މަރްޔަމް ސޫރަތުގެ އެ އާޔަތް ހުޅުވައި އަހަންނަށް 

ދެއްކުމަށް މަރުވާނަށް ދަސްކޮށް ދިނިން ހެއްޔެވެ؟ 

އެހިނދު އަހަރެންގެ ތެދުވެރި ވަފާތެރި، އަނބިމީހާ ތިންފަހަރު ﷲ ގަންދީ ހުވާކޮށް، އޭނާ މަރުވާނަށް އެއާޔަތް އަހަންނަށް 

ދެއްކުމަށް ދަސްކޮށް ނުދޭ ކަމަށް ބުންޏެވެ. އެއަށް ފަހު ހިނިތުން ވުމާއެކު ބުންޏެވެ. މި ހިދާޔަތަށްޓަކައި ﷲ އަށް ޙަމްދު 

ކުރަމެވެ.  އެރޭ ވެގެންދިޔައީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި ރެއަށެވެ. 

 

މިހާރު... އަހަންނަކީ މުޅިން ތަފާތު މީހަކީމެވެ. މިހާރު އަހަރެން އެއްވެސް ޙާލެއްގައި ނަމާދެއް ނާޅަމެވެ. އަހަރެންގެ ކުރީގެ 

ނުބައި އެކުވެރިންތައް އެއްކޮށް ދޫކޮށްލައިފީމެވެ. އަދި މިހާރު އަހަންނަށް އީމާންކަމުގެ ފޮނިރަހަ ލިބިއްޖެއެވެ..... މިހާރު 

ތިބާއަށް އަހަރެން ފެނިއްޖެނަމަ އެކަން އަހަރެންގެ މޫނު މަތިން ތިބާއަށް ފެނިގެންދާނެއެވެ. މިހާރު އަހަރެން އުޅެމުންދަނީ 

ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ ދިރިއުޅުމެއްގައެވެ. އަހަރެންގެ ލޯބިވާ އަނބިމީހާއާއި ދަރިންނާއެކުގައެވެ. އަހަރެންގެ ދަރިފުޅު 

މަރުވާނުދެކެ އަހަރެން ޚާއްޞަގޮތެއްގައި ލޯބި ވަމެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ހިދާޔަތް ލިބުމުގެ 

ސަބަބަކަށް ވީ އެދަރިފުޅެވެ. 

 

ނޯޓް:

މި ވާހަކައަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރަށް، މަދީނާގައި ވަރަށް ފަހުން ހިނގާފައިވާ ޙަޤީޤީ ޙާދިޘާއެކެވެ. މި ވާހަކަ ނަގާފައިވަނީ އިތުބާރުކުރެވޭ، ޢިލްމުވެރިއެއްގެ ވެބްސައިޓުންނެވެ. ﷲ ތަޢާލާ މި ވާހަކައިން ޢިބްރަތްތަކެއް ލިބިގަތުމުގެ ހެޔޮ ތައުފީޤު އަޅަމެން އެންމެންނަށް ދެއްވާށި! އާމީން.

No comments:

Post a Comment