އިސްލާމީ ނަޒަރަކުން އިޖުތިމާޢީ ގުޅުން
އިސްލާމްދީނަކީ އެކުވެރިކަމާއި އެއްބައިވަންތަ
ކަމުގެ ދީނެވެ. އެހެން މީހުންނަށް އިޙްތިރާމްކޮށް ކަމޭހިތައި ޤަދަރުކުރުމަކީ
އިސްލާމްދީނުގެ މަބާދިއުގެތެރޭގައި ހިމެނޭކަމެކެވެ. މާތްﷲ އިންސާނުން
އުފައްދަވާފައިވަނީ އެއްބަޑު އެއްބަފާ ބައެއްގެ ގޮތުގައި އެކަކު އަނެކަކަށް
އެހީތެރިވެ، އިޖުތިމާޢީ ދިރިއުޅުމެއް
އުޅޭގޮތަށަވެ. މީސްތަކުންނަކީ ފޭރާމެއްގެ ރޮދިތަކެއް
ފަދައިން ވަރަށް ގިނަ ގޮތްގޮތުން އެކަކު އަނެކަކާ ގުޅި ލާމެހިފައިވާ ބައެކެވެ.
މިކަން
ބަޔާންކުރައްވައި ސަލާމާއި ޞަލަވާތްލެއްވި ކައުއިތުރު މާތް ނަބިއްޔާ ޞައްލަﷲ
ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " مَثَلُ الْمُؤْمِنِيْنَ فِيْ تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ كَمَثَلِ الْجَسَدِ الْوَاحِدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرِ الْجَسَدِ بِالسَّحَرِ وَالْحُمَّى" (رواه البخارى) މާނައީ: " މުއުމިނުން އެއްބަޔަކު އަނެއް
ބަޔަކަށް ލޯބިވުމުގައްޔާއި ރަޙުމުކުރުމުގައްޔާއި އޯގާތެރިވުމުގައި، އެމީހުންގެ
މިސާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. އެހަށިގަނޑުން ގުނަވަނެއްގައި ވޭން
އަޅައިފިނަމަ، މުޅިހަށިގަނޑު އެގުނަވަނާއި ހޭލާހުރުމުންނާއި ހުންއައުމުން
ބައިވެރިވެއެވެ."
އެއްބަޑުއެއްބަފާކަމުގެ ގުޅުމަކީ މުސްލިމުންގެ
އީމާންކަމުގެ މައްޗަށް ބިނާވެގެންވާ ވަރުގަދަ ގުޅުމެކެވެ. ހަރުދަނާ އީމާންތެރި
ބައެއްކަމުގައި ވާނަމަ އެމީހުންގެ މެދުގައި އޮންނަ އުޚުވަތްތެރިކަމާއި އެއްބަޑު
އެއްބަފާކަމުގެ ގުޅުން ވަރަށްރަނގަޅުވާނެވެ. އެއީ އެމީހުންގެ އީމާންކަމާއި
ޢަޤީދާގެ މައްޗަށް ބިނާވެގެންވާ ގުޅުމެކެވެ. މީގެ މިސާލެއްގެ ގޮތުން ކައުއިތުރު
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެކަލޭގެފާނުގެ އަޞްޙާބު ބެއިކަލުން
މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ހިނދު މުސްލިމުންގެ މެދުގައި
އުޚުވަތްތެރިކަމާއި އެއްބަޑުއެއްބަފާކަމުގެ ގުޅުން ޤާއިމްކުރެއްވިއެވެ.
އުޚުވަތްތެރި ކަމުގެ ގުޅުން ޤާއިމްކުރެވުނީ މުހާޖިރު ބެއިކަލުންނާއި، އަންޞާރިއްޔަ ބެއިކަލުންގެ
މެދުގައެވެ. އެވަގުތު އަންޞާރީ ބެއިކަލުން ދެއްކެވީ އެއްބަޑުއެއްބަފާކަމާއި
އަޚުވަންތަކަމުގެ އެންމެފުރިހަމަ ނަމޫނާއެވެ. އެބޭކަލުންގެ ގެދޮރާއި މުދާ
ދެބައިކޮށްލައްވާފައި އެއްބައި މުހާޖިރު ބޭކަލުންނަށް ދެއްވިއެވެ.
އިޖުތިމާޢީ ގުޅުން ރަނގަޅު ކުރުމަށް ކުރެވިދާނެ
ކަންތައްތަކުގެ ތެރެއިން:
· ތިމާގެ ހިތުގައި އެއްވެސް
މީހަކާ ދޭތެރޭގައި ޙަސަދަވެރިކަމާއި ދެކޮޅުވެރިކަމެއް ނުބޭއްވުން. ތިމާގެ ހިތް އެހެން
މީހުންނަށްޓަކައި ސާފުކޮށް، ހިތްހެޔޮ ކުރުމަކީ ބާއްޖަވެރިކަމާވީ ފަރާތަށް ގެންދާ
ކަމެކެވެ. އަދި ތިމާގެ ހިތުގައި އެއްވެސް މީހަކަށް ކިލަބުކަމަކާއި ނީހަވެރި ކަމެއް
ނެތުމަކީ ޞާލިޙު ރަނގަޅު މީހެއް ކަމުގެ ރަމުޒެކެވެ. އަދި އެހެންމީހުންނާ ދޭތެރެ
އެއްވެސް ކަހަލަ ރުޅިވެރިކަމަކާއި ދެކޮޅުވެރި ކަމެއް ނުބާއްވާ މީހާ ސުވަރުގެއަށް
ވާސިލުކޮށްދެއެވެެ. ސުވަރުގެވަންތަވެރި އަކަށްވެއެވެ.
އަނަސް
ބިން މާލިކު ރަޟިޔަﷲ ޢަންހު ރިވާ ކުރައްވާފައިވާ ޙަދީޡެއްގައި ވެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ
އަރިހުގައި އިށީދެ ތިއްބާ ޙަދީޡް ކުރެއްވިއެވެ. " ތިޔަބައިމީހުން
ސުވަރުގެވަންތަވެރި އަކު ދެކެން ބޭނުންނަމަ އެހެރަ މިސްކިތަށް ވަދެގެން އަންނަ
މީހާއަށް ބަލާށެވެ." ދެން އެވަގުތު އަންޞާރީބެއިކަލުންގެ ތެރެއިން މީހަކު
މިސްކިތަށް ވަދެގެންއާދެއެވެ. އޭރު އޭނާގެ ތުނބުޅިން ވުޟޫގެ ފެންތިކި ޖަހަޖަހާ
ހުއްޓެވެ. އަނެއް ދުވަހު ވެސް ހަމަ އެގޮތަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޡް ކުރެއްވިއެވެ. " ތިޔަބއިމީހުން
ސުވަރުގެވަންތަވެރި އަކު ދެކެން ބޭނުންނަމަ އެހެރަ މިސްކިތަށް ވަދެގެން އަންނަ
މީހާއަށް ބަލާށެވެ." އެދުވަހުވެސް އެއަންޞާރީބެއިކަލަކު މިސްކިތަށް ވަދެގެން
އާދެއެވެ. މިހެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިންވަނަ ދުވަހު ޙަދީޡް ކުރެއްވީމާ
ޢަބްދުﷲ ބުން ޢަމްރޫ ބުނުލްޢާޞް އެމީހާގެ ފަހަތުން ވަޑައިގެންނެވިއެވެ. އަދި
އެމީހާގެ ކިބައިން މެހްމާންދާރީދީ، އެގޭގައި ބެހެއްޓުމަށް އެދިވަޑައިގަތެވެ.
ޢަބްދުﷲ ބުން ޢަމްރޫ ބުނުލްޢާޞް އެގޭގައި ބެހެއްޓެވުމުން، އެކަލޭގެފާނު އޭނާ ކުރާ
ހެޔޮ ޢަމަލުތަކަށް ފާރަލައްވަމުން ގެންދެވިއެވެ. އެތިންރޭ ވެސް އޭނާގެ ފަރާތުން
ވަކި ޚާއްޞަ ހެޔޮޢަމަލުތަކެއް ފެނިވަޑައިނުގަތުމުން ޢަބްދުﷲ ބުން ޢަމްރޫ
ބުނުލްޢާޞް ވިދާޅުވިއެވެ. ތިމަން މިގޭގައި މެހްމާނަކަށްވީ، ތިބާގެ ޢަމަލުތަކަށް
ފާރަލުމަށެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިބާއަށް އިޝާރާތް
ކުރައްވާ ޙަދީޡް ކުރެއްވިއެވެ. " ތިޔަބއި މީހުން ސުވަރުގެވަންތަވެރިއަކު
ދެކެން ބޭނުންނަމަ އެހެރަ މިސްކިތަށް ވަދެގެން އަންނަ މީހާއަށް ބަލާށެވެ."
އޭނާ ދެންނެވިއެވެ. މާތްﷲ ފަރުޟު ކުރައްވާފައިވާ ފަރުޟުތަކާއި ސުންނަތްތައް ފިޔަވާ
އިތުރު ހެޔޮކަމެއް ނުކުރަމެވެ. ޢަބްދުﷲ ބުން ޢަމްރޫ ބުނުލްޢާޞް ވިދާޅުވިއެވެ. ދެން
ތިމަންކަލޭގެފާނު ފަސް އެބުރިދާން ފެށީމާ ގޮވާލާފައި ވިދާޅުވިއެވެ. އޭގެ އިތުރަށް
ތިމަން އަދި އެއްކަންތައް ކުރަމެވެ. ތިމަން އެއްވެސް މީހަކަށް މަކަރެއް ޙީލަތެއް
ނަހަދަމެވެ. އަދި އެއްވެސް މުސްލިމަކަށް ހިތްނުބައިކޮށް ޙަސަދަވެރިއެއް ނުވަމެވެ.
އަދި ތިމަންގެ ހިތުގައި އެއްވެސް މީހަކަށް ރުޅިވެރިކަމެއް ނުބާއްވަމެވެ. އެހިނދު
ޢަބްދުﷲ ބުން ޢަމްރޫ ބުނުލްޢާޞް ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަ ދުނިޔެ މަތީގައި މިފަދަ އުފާވެރި ކަމުގެ ޚަބަރު ދެއްވީ ތިޔަކަމުގެ
ސަބަބުންނެވެ. އަދި އެއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ކުރަން ދަތި،އުނދަގޫ ކަމެކެވެ." (ރަވާހު އަޙްމަދު).
· އެއްވެސް މީހަކަށް ގެއްލުމެދީ، އަނިޔާވެރި
ނުވުން. މުސްލިމުން އެކަކު އަނެކަކުގެ މައްޗަށް
ބޮޑާވެ، ފަޚުރުވެރިވެ، މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ މުސްލިމުންގެ ސިފައެއް
ނޫނެވެ. އަދި އެކަކު އަނެކަކަށް ގޯނާކޮށް، މާރާމާރީ ހިންގާ، އެހެން މީހުން
ހަށިގަނޑަށާއި މުދަލަށް ގެއްލުންދީ އަނިޔާވެރި ވުމަކީ މާތްﷲ ޙަރާމްކުރައްވާފައިވާ
ކަމެކެވެ. ޤުދުސީ ޙަދީޘެއްގައި ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރައްވާފައިވެއެވެ. " قَالَ اللهُ تَعَالَى: يَاعِبَادِىْ إِنِّىْ حَرَّمْتُ الظُّلْمَ عَلَى نَفْسِىْ وَجَعَلْتُهُ بَيْنَكُمْ مُحَرَّماً فَلاَ تَظَالَمُوْا " (رواه مسلم والترمذى) މާނައީ: މާތްﷲ ބަސް
ވަޙީކުރެއްވިއެވެ. އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަން
އިލާހުގެ ޛާތުފުޅަށް، އަނިޔާވެރިކަން ޙަރާމްކުރައްވައިފީމެވެ. އަދި އެއީ،
ތިޔަބައިމީހުންގެ މެދުގައިވެސް ޙަރާމްކަމެއް ކަމުގައި ލައްވައިފީމުއެވެ. ފަހެ،
ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް، އެކަކު އަނެކަކަށް އަނިޔާ
ނުކުރާހުށިކަމެވެ."
· އަދި މުސްލިމުންގެ
ތެރެއިން ކޮންމެ މީހެއްގެ ވެސް އަބުރާއި ޢިއްޒަތާއި މުދަލާއި
ގޯތިގެދޮރަކީ ޙުރުމަތްތެރިކުރެވިގެންވާ އެއްޗެއްސެވެ. އެއްވެސް މުސްލިމަކު އަނެއް
މުސްލިމެއްގެ އަބުރާއި ޢިއްޒަތް ނަގާލާ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަކޮށް
ހެދުމީ، މާތްﷲ ޙަރާމު ކުރައްވާފައިވާ ކަމެކެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَومٌ مِّن قَوْمٍ عَسَى أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاء مِّن نِّسَاء عَسَى أَن يَكُنَّ خَيْرًا مِّنْهُنَّ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ بِئْسَ الاِسْمُ الْفُسُوقُ بَعْدَ الْإِيمَانِ وَمَن لَّمْ يَتُبْ فَأُوْلَئِكَ هُمُ الظَّالِمُونَ (الحجرات/11)
މާނައީ: " އޭއީމާން ވެއްޖެ
މީސްތަކުންނޭވެ! ފިރިހެނުން އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާ
ހުށިކަމެވެ. ފުރައްސާރަ ކުރި މީހުންނަށް ވުރެ އެފުރައްސާރަ ކުރެވުނު މީހުން
(މާތްﷲގެ ޙަޟްރަތުގައި) މާ ހެޔޮކަން ބޮޑު ބަޔަކު ކަމުގައި ވެސް ވެދާނެއެވެ. އަދި
އަންހެނުން އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާ ހުށިކަމެވެ. ފުރައްސާރަ
ކުރި މީހުންނަށް ވުރެ އެފުރައްސާރަ ކުރެވުނު މީހުން (މާތްﷲގެ ޙަޟްރަތުގައި) މާ
ހެޔޮކަން ބޮޑު ބަޔަކު ކަމުގައި ވެސް ވެދާނެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ
ނަފުސްތަކަށް ޢައިބު ނުކިޔާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ނުރުހޭ ކަހަލަ
ލަގަބުތަކުން ނުގޮވާށެވެެ. އީމާންވުމަށް ފަހު ފާސިޤުވުމުގެ ނަން ލިބުމަކީ ހާދަހާ
ނުބައިވެގެންވާ ކަމެކެވެ."
އަދި
ވެސް ކައުއިތުރު މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރައްވާފައިވެއެވެ. "اَلْمُسْلِمُ أَخُو الْمُسْلِمُ لاَ يَظْلِمُهُ وَلاَيَخْذِلُهُ وَلاَ يَحْقِرُهُ بِحَسْبِ امْرِئٍ مِنَ الشَّرِّ أَنْ يَحْقِرَ أخاه المسلم كل المسلم على المسلم حرامٌ مالُه ودمه وعرضه" (رواه مسلم) " ކޮންމެ މުސްލިމަކީ އަނެއް
މުސްލިމެއްގެ އަޚެކެވެ. (އެއްވެސް މުސްލިމަކު އޭނާގެ އަޚާއަށް) އަނިޔާވެރިއެއް
ނުވާނެއެވެ. އަދި ނިކަމެތިކޮށް ޛަލީލުކޮށެއް ނުހަދާނެއެވެ. މުސްލިމަކާމެދު
ނިކަމެތިކޮށް އިޚާނެތިކޮށް ހެދުމަކީ ތިމާއަށްކުރެވޭ ނުބައިކަމެއް ކަމުގައި
ފުދެއެވެ. ކޮންމެ މުސްލިމަކުވެސް އަނެއް މުސްލިމެއްގެ މައްޗަށް އޭނާގެ މުދަލާއި އޭނާގެ
ފުރާނައާއި އަދި އޭނާގެ ޢިއްޒަތާއި އަބުރު ޙަރާމްވެގެންވެއެވެ."
· އަމިއްލަ މަޞްލަޙަތަށް
ވުރެ، އެހެން މީހުންގެ މަޞްލަޙަތާއި މުޖްތަމަޢުގެ ކަންކަން އިސް ކުރުން. އިސްލާމީ މުޖުތަމަޢުގެ
އަފްރާދުން ވާންޖެހޭނީ އެއްހަށިގަނޑެއް ފަދަ އެކުވެރި ބައެއްކަމުގައެވެ.
އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމާއި ހެޔޮކޮށް ހިތުމުގައެވެ. އެކަކު
އަނެކަކަށް އަޅައިލައި އޯގާތެރިވުމުގައެވެ. މި ކަމަކީ،އިންސާނިއްޔަތުކަމުގެ
އިތުރުން، މުސްލިމުންގެ އީމާންކަމާ
ވެސް ގުޅިފައިވާކަމެކެވެ. ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް
ކުރެއްވިއެވެ. " لاَ يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيْهِ مَا يُحِبُّ لِنَفْسِهِ " މާނައީ: "
ތިޔަބައިމީހުން އަމިއްލަ ނަފުސަށް ލިބުމަށް އެދޭ ކަމެއް ތިމާގެ އަޚާއަށް ވެސް
ލިބުމަށް އެދެފުމަށް ދާންދެން،ތިޔަބައިމީހުންކުރެ
އެކަކުވެސް އިމާނެއްނުވެއެވެ."
އަމިއްލަ
މަޞްލަޙަތަށް ވުރެ، އެހެން މީހުންގެ މަޞްލަޙަތަށާއި ކަންކަމަށް އިސްކަން ދިނުމުގެ
ބައެއް މިސާލުތައް:
ޔަރުމޫކު ހަނގުރާމައިގެ ދުވަހު އަޞްޙާބު
ބެއިކަލުން ޒަޚަމުވެ، މަރާ ހަނގުރާމަ ކުރަމުން ދިޔަ ހިނދު ވެސް ކޮންމެ ބެއިކަލަކު
ވެސް އިސްކަން ދެއްވީ އަނެއް މީހާގެ މަޞްލަޙަތަށެވެ. އަނެއް މީހާގެ ފުރާނަ
ސަލާމަތް ކުރުމަށެވެ. ޔަރުމޫކު ހަނގުރާމަ ނިމުމުން ހަނގުރާމައިގެ މައިދާނުގައި
ޒަޚަމުވެފައި ތިބި މީހުންނަށް ފެންދޭން އުޅުނު މީހަކު، ޢިކުރިމާ ބިން އަބީޖަހުލު
ރަޟިޔަﷲ ޢަންހަށް ފެން ފޮދު އަރުވަން އުޅުނެވެ. އެހިނދު ސުހައިލް ބިން ޢަމްރޫ
ރަޟިޔަﷲ ޢަންހު ފެނަށް ކުކުރާލި އަޑު އިވުމުން، ފުރަތަމަ އޭނާއަށް ފެން ދިނުމަށް
އިޝާރާތް ކުރެއްވިއެވެ. އަދި ސުހައިލު ވެސް ފެންފޮދު ހިންޕަވަން އުޅެނިކޮށް،
އަލްޙާރިޡް ބިން ހިޝާމް ރަޟިޔަﷲ ޢަންހު ފެނަށް އެދި ކުުކުރާލި އަޑަށް،
އަލްޙާރިޡްއަށް ފުރަތަމަ ފެންދިނުމަށް އިޝާރާތް ކުރެއްވިއެވެ. ނަމަވެސް ފެންދޭން
އުޅުނު މީހާ އަލްޙާރިޡުގެ ގާތަށް ދިޔައިރު އޭނާ ވަނީ އަވަހާރަވެފައެވެ. އަދި
އެބުރި ސުހައިލް އާއި ޢިކުރިމާގެ އަރިހަށް އައިއިރު، އެދެބޭަކަލުން ވެސް ވަނީ
އަވަހާރަވެފައެވެ.
އަބޫހުރައިރާ ރަޟިޔަ الله ޢަންހު ރިވާކުރައްވައިފައިވާ
ޙަދީޘެއްގެ މާނައިގައިވެއެވެ. " ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ
އަރިހަށް އެއްދުވަހަކު މީހަކު އައިސް ދެންނެވިއެވެ. އަޅުގަނޑު މިވަނީ
ބަނޑުހައިހޫނުކަމާއި ފަޤީރުކަމާއި ކުރިމަތިލާން ޖެހިފައެވެ. އެ ހިނދު ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަ
އެކަލޭގެފާނުގެ އަނބިކަނބަލުންގެ ގޭގެއަށް އެއްވެސް ކާއެއްޗެއް ހުރިތޯ ބައްލަވަން
ފޮނުއްވިއެވެ. އެއިން އެއްވެސް ގެއެއްގައި ކާއެއްޗެއް
ނެތުމުން ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘް ކުރެއްވިއެވެ. މިރޭ މި މީހާ ގޭގައި ބަހައްޓައިގެން މެހްމާންދާރީ އަދާކުރާނީ
ތިޔަބައިމީހުންގެ ތެރެއިން ކާކުހެއްޔެވެ؟ އެ މީހަކަށް މާތް الله ރަޙްމަތް ލައްވާހުއްޓެވެ. އެ
ހިނދު އަބޫ ޠަލްޙާ ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. އެ މީހަކީ އަޅުގަނޑެވެ. ދެން
އަބޫޠަލްޙާ އެމީހާ ގޮވައިގެން ގެއަށް ވަޑައިގެން އަނބިކަނބަލުންނަށް ވިދާޅުވިއެވެ.
މިއީ ރަސޫލު الله ޞައްލަﷲ ޢަލައިހި
ވަސައްލަމަގެ މެހުމާނެކެވެ. ގޭގައި އެއްވެސް ކާއެއްޗެއް ހުރިނަމަ، އެ ހުރި އެއްޗެއް
ގެންނާށެވެ! އެ ވަގުތު އަބޫޠަލްޙާގެ އަނބިކަނބަލުން ވިދާޅުވިއެވެ. ގޭގައި ހުރީ
ހަމައެކަނި ކުޑަކުދިންނަށް ހުރި ކާއެތިކޮޅެކެވެ. އަޑުގަނޑުމެން ދެމީހުން ކާނެ
އެއްޗެއް ވެސް ނެތެވެ. ދެން އަބޫޠަލްޙާ ވިދާޅުވިއެވެ. އެ ކުދިން ބަޑުހައިވެގެން
ރޯންފަށައިފިނަމަ، ކޮންމެވެސް ގޮތަކުން އެ
ކުދީން ހަމަޖައްސައި މަސަލަސްކޮށް، ނިންދަވާށެވެ! އަދި ތިޔަ ހުރި އެއްޗެއް ގެނެސް
ކާން ތައްޔާރު ކުރުމަށްފަހު، ބައްތި ރަނގަޅުކުރަނީ ކަމަށްހަދައި އެބައްތި
ނިއްވައިލާށެވެ! އެއީ، ރަސޫލު الله ޞައްލަﷲ ޢަލައިހި
ވަސައްލަމަގެ މެހުމާނަކާއެކު އަހަރެން ނުކާކަން އޭނާއަށް އެނގުނަ ނުދިނުމަށެވެ.
އަހަރެމެން ދެމަފިރިންނާއި ކުދީންކޮޅު މިރޭ މިގޮތުގައި ބަޑުހައިކަމާއެކު ވޭތިކޮށްލާނީއެވެ.
އަބޫޠަލްޙާގެ ދެކަނބަލުން ރަސޫލު الله ޞައްލަﷲ ޢަލައިހި
ވަސައްލަމަގެ މެހުމާނަށް ކާންދެއްވީ އެ ދެކަނބަލުންނާއި ތުއްޕުޅު ބޭފުޅުން
ކާއެތިކޮޅަކަށް ނުހަނު ބޭނުންފުޅުވެފައި ވަނިކޮށެވެ. ހެނދުނު އަބޫޠަލްޙާ އެ
މެހުމާން މީހާ ގޮވައިގެން ރަސޫލު اللهޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް
ވަޑައިގަތުމުން، އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ރޭގައި ތިޔަ
ދެކަނބަލުން ކަންތައް ކުރެއްވިގޮތާ މެދު الله ސުބުޙާނަހޫ ވަތަޢާލާ
ރުހިވޮޑިގެންފިއެވެ. ދެން އެ ދެކަނބަލުންނަށް ތަޢުރީފުކުރައްވައި އަލްޙަޝްރު
ސޫރަތުގެ ނުވަވަނަ އާޔަތް މާތް الله ބާވައިލެއްވިއެވެ. އެއާޔަތަކީ، އިސްވެދިޔަ
މިއާޔަތެވެ. وَالَّذِينَ تَبَوَّؤُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَى أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَن يُوقَ شُحَّ نَفْسِهِ فَأُوْلَئِكَ هُمُ الْمُفْلِحُونَ (الحشر/9)
އާދެ! ފުރިހަމަ މުސްލިމުންނަކީ ތިމާގެ
އަމިއްލަ ފައިދާ އަށާއި މަޞްލަޙަތަށް ވުރެ އެހެން މީހުންގެ މަޞްލަޙަތަށާއި
ފައިދާއަށާއި މުޖުތަމަޢު އާއި ޤައުމުގެ މަޞްލަޙަތަށް އިސްކަންދޭ މީހުންނެވެ.
އެހެން މީހުންނަށް އެހީތެރިވެ، ހެޔޮކަން ފޯރުވައި މުޞީބާތުގެ ވަގުތުތަކުގައި
ހަމްދަރުދީ ވާމީހުންނެވެ. މުޖުތަމަޢުގެ އިޖުތިމާޢީ
ފޭރާން ރަނގަޅުވެ، ޞުލްޙަވެރި، އަމާން މުޖުތަމަޢެއް ބިނާ ކުރެވޭނީ،
އެމުޖުތަމަޢެއްގެ އަފުރާދުން، އެކަކު އަނެކަކާ އެކުވެރިވެ، އެއްބަޑު އެއްބަފާ
ބަޔަކަށް ވެގެންނެވެ. ތިމާގެ އަމިއްލަ މަޞްލަޙަތަށް ވުރެ މުޖުތަމަޢުގެ މަޞްލަޙަތު
އިސްކުރެވިގެންނެވެ. ޤައުމާއި މުޖުތަމަޢުގެ ވަޙުދަތާއި
އެކުވެރިކަމުގެ ކިއްލާގައި ރެނދުލައިފާނެ ކޮންމެ ކަމަކުން މުޖުތަމަޢު
ސަލާމަތްކުރަން މަސައްކަތްކުރުމީ މުޖުތަމަޢުގެ ހަމަކޮންމެ ފަރުދެއްގެ
ޒިއްމާއެކެވެ. މަސްއޫލިއްޔަތެކެވެ. މުޖުތަމަޢުގެ ޙައްޤުގައި ކޮންމެ މީހަކުމެ
ކުރަންޖެހޭ ކަމެކެވެ.
ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. " كُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤُوْلُ عَنْ رَعِيَتِهِ فَالإِمَامُ رَاعٍ وَهُوَ مَسْؤُوْلٌ عَنْ رَعِيَّتِهِ
" (رواه البخاري ومسلم)މާނައީ:
"ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި
ކޮންމެ ބެލެހެއްޓުންތެރިއަކު އޭނާ ބަލަހައްޓަން ޖެހިފައިވާ ބަޔަކާ މެދު
މަސްއޫލުވާން ޖެހެއެވެ. ވެރިމީހާއަކީ ބެލެހެއްޓުންތެރިއެކެވެ. އޭނާ، އޭނާގެ
ރައްޔިތުންނާ މެދު މަސްއޫލުވާން ޖެހެއެވެ."
No comments:
Post a Comment