އަބޫބަކުރުއް ޞިއްދީޤު
ނަންފުޅާއި
ނަސަބުފުޅު
أبوبكرގެފާނު ފުރިހަމަ ނަންފުޅަކީ عبد الله بن عثمن بن عامر އެވެ. ޖާހިލިއްޔަ ޒަމާނުގައި އެކަލޭގެފާނުގެ ނަންފުޅަކީ عبد الكعبةއެވެ. އިސްލާމްވެ ވަޑައިގަތުމަށްފަހު އަޅުގަނޑުމެންގެ
ލޮބުވެތި ރަސޫލާ أبوبكرގެ ފާނުގެ ނަންފުޅު ބަދަލުކުރައްވައި
އެކަލޭގެފާނުގެ ނަންފުޅަކީ عبد اللهކަމުގައި
ހަމަޖެއްސެވިއެވެ.
صدّيق އާއި، عتيقއަކީأبوبكرގެފާނުގެ ދެލަޤަބުފުޅެވެ. أبوبكرއަކީ އެކަލޭގެފާނުގެ ކުށްޔަތުގެ ނަންފުޅެވެ.
ނަމަވެސް އެޒަމާނުގެ ޢަރަބީންގެ މެޅުގައި ޢާންމުވެފައި އޮންނަ ފަދައިން އެންމެ
ބޮޑަށް މަޝްހޫރުވެވަޑައި ގެންފައިވަނީ އެނަންފުޅުންނެވެ.
أبوبكرގެފާނުގެ ބައްޕާފުޅު عثمن بن عامر ވެސް މަޝްހޫރުވެ ވަޑައިގެންފައިވަނީ
އެކަލޭގެފާނުގެ ކުންޔަތުގެ ނަންފުޅުންނެވެ. އެކަލޭގެފާނުގެ ކުންޔަތަކީ أبوقحافة އެވެ. أبوبكرގެފާނުގެ މައިކަނބަލުންނަކީسلمى بنت سخرއެވެ. ނަމަވެސް އެކަމަނާގެ ނަންފުޅުވެސް ޢާންމުވެފައިވަނީ أمّ الخيرގެ
ނަންފުޅުންނެވެ. އެއީ އެކަމަނާގެ ކުންޔަތުގެ ނަންފުޅެވެ.
أبوبكرގެފާނަކީ ޤުރައިޝުވަންހައިގެ ދަރިކޮޅެއް ކަމުގައިވާ
ތައިމްވަންހައިގެ ބޭކަލެކެވެ. رسول الله صلّى الله عليه وسلّمގެ ނަސަބުފުޅާއި أبوبكرގެފާނުގެ ނަސަބުފުޅާ ގުޅެނީ ހަވަނަ ކާފާފުޅާ (مرّة بن كعب) އާއި ހަމައިންނެވެ.
ޒުވާން
ޢުމުރުފުޅު
މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި أبوبكر ގެފާނު ރައްކައުވީ ޢާމުލްފީލުގެ
ދެއަހަރުފަހުންނެވެ. މާތްވެގެންވާ މައްކާގައެވެ. أبوبكرގެފާނު ތުއްޕުޅު އިރުއްސުރެ ތަރުބިޔަތުވެ
ވަޑައިގެންފައިވަނީ ރީތި އަޚްލާޤާއި ހެޔޮ ޚުލުޤުފުޅުތަކުގެ މަތީގައެވެ. ވަރަށް
ތުއްޕުޅުއިރު ލިޔުއްވައި ކިޔުއްވަން ދަސްފުޅުކުރެއްވިއެވެ. ޒުވާން ޢުމުރުފުޅުގައި
ޅެންވެރިކަމަށްވެސް ޝައުޤުވެރިކަން ބެހެއްޓެވިއެވެ. އެހެންކަމުން ބޮޑެތި ބޮޑެތި
ޝާޢިރުންނާ ވާދައަށްވެސް ޅެން ހައްދަވައި އުޅުއްވިއެވެ. ޢަރަބީންގެ ނަސަބުގެ
ޢިލްމު އުނގެނިވަޑައި ގެންނެވިއެވެ. ނަސަބުގެ ޢިލްމަކީ އަރަބީންގެ ތެރޭގައި ވަރަށް
ޤަދަރުހުރި ޢިލްމެކެވެ. އެ ޢިލްމަކީ أبوبكر رضى الله عنهގެ
ޚާންދާނުގައި ދަރިދަރިކޮޅުއްސުރެ ވާރުތަވަމުން އައި ޢިލްމެކެވެ. أبوبكر رضى الله عنهއެ
ޢިލްމުގެ ދާއިރާ އިހުނަށްވުރެވެސް ފުޅާކުރެއްވިއެވެ. ހަމައެފަދައިން ހުވަފެން
ތަޢުބީރު ކުރުމުގެ ޢިލްމުވެސް ހޯއްދެވިއެވެ. ދުވަހަކުވެސް ރާފޮޅެއް
ނުހިއްޕަވައެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އުޅުއްވުމުގެ
ރީތިކަން މައްކާގައި އޮތީ މަޝްހޫރުވެފައެވެ.أبوبكرގެފާނުގެ ބައްޕާފުޅަކީވެސް މައްކާގެ
ޤަދަރުހުރި ބޮޑުންކުރެ ހިމެނިވަޑައި ގަންނަވާ ބޭކަލެކެވެ. އަތްޕުޅުމަތި ތަނަވަސް
ބޭކަލެކެވެ.
ޖާހިލިއްޔަ ޒަމާނުގައި ޤުރައިޝުންގެ ތެރޭގައި
މަރުގެދިޔައިގެ ގޮތުން އެއްކުރެވޭ މުދަލާއި ފައިސާގެ ކަންތައް ބެލެހެއްޓެވުމުގެ
ވެރިކަމާ ޙަވާލުވެވަޑައިގެން ހުންނެވިއެވެ.
أبوبكر ގެފާނު ބޮޑުފުޅުވީއްސުރެ ފޮތީގެ ވިޔަފާރި ކުރައްވައި
މައްކާގެ މުއްސަނދީންގެ ތެރޭގައި ހިމެނިވަޑައި ގެންނެވިއެވެ. އެކަލޭގެފާނަށް
ލިބިވަޑައި ގަންނަވާ ފައިސާއިން ނިކަމެތީންނާއި ފަޤީރުންނަށް އެހީވެދެއްވައެވެ.
އެހެން ކަމުން މައްކާގެ މީހުން أبوبكرގެފާނު ދެކެ ވަރަށް ލޯބިވެއެވެ.
رسول الله صلّى الله عليه وسلّمއާއި أبوبكر الصّدّيق رضى الله عنهއާއި ދެބޭކަލުންގެ ޢުމުރުފުޅުގައި ދެ އަހަރެއްހައި
ދުވަހުގެ ތަފާތެއް ހުރެއެވެ. އެކަމަކުވެސް ދެބޭކަލުންގެ މިޒާޖުފުޅުގައި ހުރި
އެއްގޮތްތަކުގެ ސަބަބުން ދެބޭކަލުންގެ ޒުވާން ޢުމުރުފުޅުގައިވެސް އެދެބޭކަލުންނަކީ
އެންމެ ގާތް ދެރަޙްމަތްތެރީންނެވެ. ދެބޭކަލުން އެކުގައި ވިޔަފާރި ކުރައްވައިވެސް
އުޅުއްވިއެވެ.
އިސްލާމްވެ
ވަޑައިގަތުން
رسول الله صلّى الله عليه وسلّم ރަސޫލުކަމާއިގެން ފޮނުއްވުމަށްފަހު ތިންއަހަރު
ވާންދެން އެކަލޭގެފާނު ދީނަށް ގޮވައިލައްވައި އުޅުއްވީ ސިއްރިޔާތުގައެވެ. ނަމަވެސް
އިތުރު ސާހިބާ އެކަލޭގެފާނުގެ ޚާއްޞަ ރަޙްމަތްތެރިޔާ أبوبكر رضى الله عنهއަށްއެންމެ
ކުރީބައިގައި އިސްލާމްދީނަށް ދަޢުވަތުދެއްވިއެވެ. އިސްލާމްދީނަށް ގޮވައިލެވުނު
ގޮވައިލެވުން ހަމަ އިވިވަޑައި ގަތުމާއެކު أبوبكرގެފާނު އެކަން ޤަބޫލުކުރެއްވިއެވެ. ކުޑަވެސް
ފަސްޖެހިވަޑައިގަތުމަކާ ނުލައެވެ. އެހެންކަމުން ބޮޑެތި ފިރިހެނުންކުރެ އެންމެ
ފުރަތަމަ އިސްލާމްވެ ވަޑައިގަތުމުގެ މާތްކަން ލިބިވަޑައިގަތީ أبوبكرގެފާނަށެވެ.
ޞަޙާބީންގެ ތެރެއިން އެއްވެސް ބޭކަލަކަށް
ލިބިވަޑައިގެންފައި ނުވާ އެތައް ޝަރަފެއްأبوبكرގެފާނަށް ލިބިވަޑައި ގެންފައިވެއެވެ. އޭގެ
ތެރެއިން އެއްޝަރަފަކީ އެކަލޭގެފާނުގެ ނަސްލުގެ ހަތަރު ދަރިކޮޅު ޞަޙާބީން ކަމުގައި
ހިމެނިވަޑައި ގަތުމުގެ ޝަރަފު ލިބިވަޑައިގެންފައިވުމެވެ. أبوبكرގެފާނުގެ ބައްޕާފުޅު އަބޫޤަޙާފާ އާއި أبوبكرގެފާނާއި، އެކަލޭގެފާނުގެ ދަރިކަލުން
ޢަބްދުއްރަޙްމާނާއި ކާފަ ދަރިކަލުން މުޙައްމަދު ބުނު ޢަބްދުއްރަޙްމާނަކީ އަޞްޙާބު
ބޭކަލުންނެވެ. أبوبكرގެފާނުގެ މައިކަނބަލުންނަކީ ވެސް ޞަޙާބިއްޔާއެކެވެ.
No comments:
Post a Comment