Wednesday, June 15, 2016

ޑިމޮކްރަސީ އަކީ ކޮބާ؟


ޑިމޮކްރަސީ އަކީ ކޮބާ؟

މިހާރު މުޅި ދުނިޔޭގައިވެސް އެންމެ ހަރުއަޑަކުން ގޮވާލެވޭ ގޮވެލިފައްޗަކީ ޑިމޮކްރސީގެ އުސޫލުން ކަންތައް 

ތައް ކުރިޔަށް ގެންދަން ޖެހޭ ވާހަކަ އެވެ. ދުނިޔޭގެ ބޮޑަތި ބާރުތަކުން ކެނޑިނޭޅި މި ޑިމޮކްރަސީ އެއް 

ހަރުދަނާ ކުރަންޖެހިފައިވާ ވާހަކަ ދައްކަމުން ދެއެވެ. ނުފޫޒް ގަދަ ގައުމު ތަކުން ، އެބައިމީިހުންގެ ދުނިޔެވީ 

ތަރައްޤީއާއި ޓެކްނޮލޮޖީގެ ނިވަލުގައި ތިބެގެން ކުދި ،އިޤްތިޞާދީ ގޮތުން ބަލިކަށި ޤައުމުތަކަށް ތަފާތު 

ފިއްތުންތަށް ކުރިމަތި ކުރަމުންގެންދަނީ މި ޑިމޮކްރަސީ "ސޮފްޓްވެއަރ" އެ ޤައުމުތަކުގައި އިންސްޓޯލް 

ކުރުމަށެވެ. މިއާ ނުލާ ތަރައްޤީ ނާންނާނެ ކަމަށާއި ހަމަޖެހުން ނޯންނާނެ ކަމަށް ދަޢުވާ ކުރަމުން 

ގެންދެއެވެ. ނަމަވެސް މިފަދަ ވާހަކަތަކެއް ދެކެވެމުންދާއިރު ގިނަބަޔަކު މި "ޑިމޮކްރަސީގައި" 

އެލުވިފައިވާކަމީ 

ހިތާމަ ކުރަންޖެހޭ ކަމެކެވެ. އޭގެ ހަޤީޤަތް ނޭންގޭ ހާލުވެސް ، ހުޅަނގުގެ މީޑިއާއިންނާއި " ދިވެހި 

ޔޫރަޕިއަނުން " ޒީނަތްތެރި ކޮށްދެމުންދާ "ޑިމޮކްރަސީގައި" ގައި އިސްލާމީ އުއްމަތުގެ އިތުރުން މުޅި 

ދުނިޔެވެސް މިވަނީ ބަނދެވިފައެވެ. އެބައިމީހުންގެ ހަޤީޤީ ރޭވުމާއި މެދު ޣާފިލްވެގެންނެވެ.

 

ސުބްޙާނަހު ވަތަޢާލާގެ އެއްކައުވަންތަކަން ޤަބޫލު ނުކުރާ ކާފިރުން ނަކީ އެބައިމީހުން ގެ ޝަރީއަތް 

އަމިއްލަ އަށް ކަނޑައަޅާ ބަޔެކެވެ. އެ އާކޮށް ، އެއަށް ބަދަލުގެނައުން އެއީ ތާއަބަދު ކުރަމުން 

އަންނަކަމެކެވެ. އެއީ އެބައިމީހުންގެ ދިރިއުޅުމުގެ ނިޒާމެވެ. ތަފާތު ޤައުމުތަކުގައި ތަފާތު ނިޒާމް ތަކަށް 

ކަންކަން ހިންގަމުން ދެއެވެ. އެފަދަ ނިޒާމް ތަކުގެ ތެރޭގައި ކޮމިއުނިޒަމް ، ޑިމޮކްރަސީ ، އަދި މިނޫނަސް 

ތަފާތު ނިޒާމް ތައް ހިމެނެއެވެ. އަދި މީގެ ތަފާތު ގޮފިތައްވެސް ހުރެއެވެ. ހުޅަނގުގެ ޤައުމުތަކުގައި އެންމެ 

މަޤްބޫލު ނިޒާމަކީ ޑިމޮކްރަސީ އެވެ. ދުނިޔެވީ ތަރައްޤީގޮ ރޮނގުންވެސް އެންމެކުރިއަރާފައިވާ ޤައުމު 

ތައްކަމަށް ޤަބޫލުކުރެވެނީ އެސް އެހިސާބުގެ ޤައުމުތަކެވެ. އެހެންކަމުން އެބައިމީހުން މި ޤަބޫލުކުރާ ނިޒާމް 

ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި ޤާއިމު ކުރުމަށް ނުހަނު ގިނަ މަސައްކަތް ތަކެއް ކުރަމުން ގެންދެއެވެ. 

މިގޮތުން ތަފާތު ޤައުމުތަކަށް ގޮސް އެބައިމީހުންނާއި ގުޅުން ބަދަހިކޮށް ، ޢަލްމާނީ ފިކުރުގެ އަހުލުވެރިންގެ 

ހިތްތައް އަތުލައި ފައިސާގެ ދަޅަދައްކައިގެން މި ފިކުުރު ފަތުރަމުންދެއެވެ. އަދި އެބައިމީންގެ މި ފަދަ 

ގޮވާލުންތަކަށް އިޖާބަ ނުދޭ ޤައުމުތަކުގެ ވެރިންނާ ޒާތީގޮތުން ޖައްސާލައި ، އެޤަުމު ތަކުގެ ރައްޔިތުންނަށް 

ތަފާތު އުނދަގޫ ތައް ކުރަމުން ދެއެވެ. 

 

މި އުސޫލުން ބަލާލާއިރު މުސްލިމް އުންމަތުގެ ހާލަތުވެސް މިއޮތީ ވަރަށްވެސް ހިތާމަކުރަންޖެހޭ 

ހާލަތެއްގައެވެ. އިސްލާމީ ޤައުމުތަކުގެ ސަރުކާރުތައް މިވަނީ މިބައިމީހުންނަށް ނުސީދާކޮށް ނަމަވެސް 

އަޅުވެތިވެފައެވެ. ﷲ ރަޙްމަތްލެއްވި ބަޔަކު މެނުވީ ، މިވަނީ ފައިސާގެ ދަޅަތަކުގައި ޖެހި އިސްލާމީ 

އުސޫލްތަކާ ދުރައްޖެހިފައެވެ. ހުޅަނގުގެ ޤައުމުތަކުން އެއްވަސް ހައްޤަކާނުލާ ، އިސްލާމީ ގައުމުތަކަށް 

ތަފާތުބަހަނާތަކުގައި އަރާގަންނަމުން މިދަނީ ވެސް ހަޤީޤަތުގައި މިގައުމުތަކުގެ ވެރިން އެބައިމީހުންގެ 

ބަސްތަކަށް އިޖާބަ ނުދިނުމުންނެވެ. އިސްލާމްދީން ކުރިއަރައި ދީނުގެ އަހުލުވެރިންގެ ބާރު ގަދަވެގެންދާނެހެން 

ހީވާނަމަ ، ހުޅަނގުން އެޤައުމަކަށް ގަދަކަމުން އަރާގަނެ އެޤައުމެއް އަޅުވެތި ކުރެއެވެ. އޭގެ މިސާލުތައް 

ވަރަށްގާތުން މިދަނީ ފެންނަމުންނެވެ. ޢިރާޤާއި އަފްޣާނިސްތާނަށް ނަޒަރު ހިންގާލިޔަސް މިކަމުގެ ހަޤީޤަތް 

އެއޮތީ ފެންނާށެވެ. ޢީރާނަށް އެދަނީ ބިރު ދައްކަމުންނެވެ. ސަޢޫދީ އަރަބިއްޔާ އަށް ފުރައްސާރަތައް ރައްދު 

ކުރަމުން ދަނީ އެވެ. އިސްލާމީ އުސޫލްތަކާ އެއްގޮތައް އުޅޭ މީހުނާއި ދެކޮޅަށް އެބައިމީހުންގެ މީޑިއާ 

ބޭނުންކޮށްގެން ތަފާތު ކެމްޕޭނު ތައް ހިންގަމުންދެއެވެ. 

 

އެހެންކަމުން މި ޣާފިލްކަމުން މުސްލިމުން މިއަދު ހޭލަން ވެއްޖެއެވެ. ދީނުގެ މާނައަކީ ދިރިއުޅުމުގެ ނިޒާމެވެ. 

އިސްލާމް ދީނަކީ މުސްލިމުންގެ ދިރިއުޅުން ބައްޓަން ކުރަންވީ ގޮތެވެ. އިސްލާމީ ނިޒާމަކީ ޝާމިލް 

ނިޒާމެކެވެ. ފަރުދުންނާއި ޖަމާޢަތުގެ ހައްޤުތައް ރައްކާތެރި ކޮށްދީފައިވާ ނިޒާމެކެވެ. އިލާހީ ޤާނޫނެވެ. 

މިޤާނޫނުގައި އުނިކަމެއްނުވެއެވެ. އެހެންކަމުން އަޅުގަނޑުމެން މި އުސޫލު ތަށްދޫކޮށް ، އޭގެ އަޑިނޭންގޭ 

އިންސާނީ ފަލްސަފާ އެއްގެ ތެރެއަށް ފީނާގަންނަންވީ ކީއްވެތޯއެވެ؟ ދިވެހިރާއްޖޭގެ ރައްޔިތުން ޤަބޫލް 

ކުރަނީ އިސްލާމް ދީނެއްނޫންތޯއެވެ؟

 

ހަޤީޤަތުގައި ވެސް ދިވެހި އުއްމަތް މިއޮތީ ވަރަށްވެސް ފުން އަނދިރި ވަޅުގަނޑެއްގައެވެ. "ސިޔާސީ 

ނިދިން" ހޭލާ ، ހެޔޮހިތުން ވިސްނާލާފި ކޮންމެ މީހަކަށްވެސް އެނގިގެންދާނެ ހަޤީޤަތަކީ މި ޤައުމުގައި 

އިސްލާމީ ޝަރީޢަތް ތަންފީޒް ނުކޮށް ޤައުމު ސަލާމަތްނުވާނެކަމެވެ. އަދި ޑިމްކްރަސީގެ އަނދިރިފަރާތެވެ. 

ޑިމްކްރަސީއެއް އައިފަހުން ޤައުމުގެ ތާރީޚްގައި ވެސް ދެކިފައި ނުވާފަދަ ބައި ބައި ވުންތަކާ ދެކޮޅުވެރިކަމެއް 

މިވަނީ އާއްމުވެފައެވެ. ޒާތީ ކަންކަމުގައި ގުޅުންކަނޑާލުމާއި އާއިލާތައް ބައިބައި ވުމާއި ގާތްތިމާގެ ކަމުގެ 

ގުޅުން ކެނޑުން މިއީ އެއްވެސް ކަމަކަށްނުވެއެވެ. ދުނިޔެވީ މަޤްސަދުތަކެއް ހާސިލް ކުރުމަށްޓަކައި 

ވަކިފަރުދަކަށްޓަކައި މުދަލާއި އަންބިދަރިން ޤުރުބާން ކުރާތަނެވެ. ނަފްސް ހަލާކުގެ ތެރެއަށް އެއްލާލާތަނެވެ. 

ޙަރާމެއް ހަލާލެއް ބެލުމެއްނެތެވެ. މިހާރު ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީ ކަމަށް ދަޢުވާކުރާ ޤައުމުތަކުގެ މަތި 

އޮމާންކޮށް އަޅުގަނޑުމެންނަށް ފެނުނު ކަމުގައިވިޔަސް ، އެޤައުމުތަކުގެ އިޖްތިމާޢި ހާލަތާއި އަދުލު 

އިނސާފްގެ ނިޒާމް ވަނީ ބޮއްސުންލާފައެވެ. އެޤައުމު ތަކުގެ ތަފާސް ހިސާބުތަކަށް ބަލާލުމުން މިކަންކަމުގެ 

ހަޤީޤަތްތައް ވަރަށް ރަނގަޅަށް ހާމަވެގެންދާނެއެވެ.

 

ޑިމޮކްރަސީ އޭ ކިޔާ ވާހަކަދައްކަމުންދާ އިރު އ.ދ. ގެ ސަލާމަތީ މަޖްލީހުގެ ހާލަތު އޮތީ ކިހިނެއްތޯއެވެ. 

އަޣްލަބިއްޔަތުން ކަންކަން ނިންމަން ވަކާލާތުކުރާ މިފަދަ ޤައުމުތަކުގެ ކަންތައްތަކާމެދު ވިސްނާލާއިރު ، 

މުޅިދުނިޔޭގެ ސަލާމަތާ ރައްކާތެރިކަމަށް ގާނޫނެއް ފާސްކުރަން މިޖްލީހަށް ހުށައެޅިކަމުގައި ވިޔަސް ، އެއްމެ 

ޤައުމަކަށްވެސް މިނިންމުން ބާތިލް ކުރުމުގެ ބާރު އެބައޮތެވެ. އެހެންކަމަށް ވާނަމަ ޑިމޮކްރަސީ އަކީ ކޮބާ 

ތޯއެވެ.؟ އިރާޤު ހަނގުރާމަ ނުކުރުމަށް ސަލާމަތީ މަޖްލީހުގެ އަޣްލަބިއްޔަތުން ނިންމާފައި ވަނިކޮށް 

އެމެރިކާއިން ވަނީ އިރާޤަށް އަރައިގެންފައެވެ.ެ އެހެންކަމަށް ވާނަމަ ޑިމޮކްރަސީ އަކީ ކޮބާ ތޯއެވެ.؟ 

 

މިއަދު މިކުރެވޭ މަސައްކަތަކީ ރާއްޖޭގެ ރައްޔިތުންގެ މަޖްލީހުގެ މެންބަރުން އިންތިހާބު ކުރުމުގެ 

މަސްއކަތެވެ. ވެރިކަން ކުރާޕާޓީ އަށް މަޖްލީހުގެ އަޣްލަބިއްޔަތު ލިބުމަކީ ޑިމޮކްރަސީގެ އުސޫލްތައްކަމަށް 

ޔޫރަޕުން ޑިމޮކްރަސީ ދަސްކޮށްގެން އައި ބަޔަކު ބުނަމުންދާއިރު ، 30 އަހަރު ނަމޫނާ ޑިމޮކްރަސީ 

އެއްހިންގި ކަމަށް ދައުވާކުރާ ޖަމާޢަތުން ގޮވަމުން މިދަނީ ވެރިކަންކުރާ ޕާޓީ އަށް މަޖްލިހުގެ އަޣްލަބިއްޔަތު 

ލިބުމަކީ ޑިމޮކްރަސީ އާއި ޚިލާފް ކަމެއް ކަމުގައެވެ. އެހެން ކަމަށް ވާނަމަ ޑިމޮކްރަސީ އަކީ ފަހެ ކޮބާތޯ 

އެވެ؟ އެންމ ހައްޤު ތައް ހޯދާދޭ ނިޒާމެއް ކަމަށް ދައުވާ ކުރަމުންދާއިރު ، ނިމިގެންދިޔަ ރިޔާސީ 

އިންތިހާބުގައި ސިޔާސީ ޕާޓީ ތަކަށް ޓީވީ މޯލްޑިވްސް އިން ފުރުސަތު ހުޅުވިގެން ދިޔައިރު އަމިއްލަ 

ކެންޑިޑޭޓުން ވަނީ އެކަމުން މަހްރޫމް ކުރެވިފައެވެ. ފަރުދުންނާއި ޖަމާއަތުގެ ހައްޤުތައް ހޯދާދިނުމަކީ މީތޯއެވެ. 

އެހެންކަމަށްވާނަމަ ޑިމޮކްރަސީ އަކީ ފަހެ ކޮބާތޯއެވެ؟ މިއީ ޤައުމަށް ކުރިމަތިވި ބޮޑުވެގެންވާ މުސީބާތެއްނޫން 

ދެން ކޯއްޗެއްހެއްޔެވެ.؟

No comments:

Post a Comment